ރައްޔާން - 6

އެކަމަކު އެންމެ ފަހު ވަތްގަނޑު ހުޅުވާލުމުން ދެލޯ ވިދައިގަތެވެ. ރައްޔާންއަށް ފެނުނީ އެވަތްގަނޑުގައި އޮތް ނިކަން ރީތި ކުޑަ ފޮށްޓެކެވެ. ރައްޔާން އެފޮށި ނަގައިގެން ތިރީގައި އިށީނދެލުމަށްފަހު މަތި ހިއްލާލިއެވެ. އެތެރޭގައި އޮތީ ކުޑަ ވަރެއްގެ ތަޅުދަނޑިއެކެވެ. ރައްޔާން ތަޅުދަނޑި ނަގާ ބަލަހައްޓައިގެން ހުރެފައި އެނބުރި ވަށައިގެން ހޯދައިލީ އެތަޅުދަނޑިއަށް ފިޓްވާފަދަ ތަޅެއް ހުރިތޯއެވެ. އޭނާ ފޮށި ބަހައްޓާފައި ތަޅުދަނޑި ހިފައިގެން ގޮސް މޭޒު ވަތްގަނޑަށް ކޮށްޕާލަން ބެލި އިރު ކުރިއްސުރެ ތަޅުދަނޑި ހުރީ ޖަހާފައެވެ.
"މިދެން ކޮންތަނެއްގެ ތަޅުދަނޑިއެއް؟" ރައްޔާން އަމިއްލައަށް ސުވާލުކޮއްލިއެވެ .އޭނާ ނިކުމެގެން ދިޔައީ ފޮށި އަނބުރާ ވަތްގަނޑުގައި ބަހައްޓާފައި އެއިން ނެގި ތަޅުދަނޑި ސޯޓު ޖީބަށް ލައިގެންނެވެ. ކޮޓަރިއަށް ވަދެފައި ޖީބުން ނަގައި ލިޔާމޭޒު ވަތްގަނޑުގައި އެފޮރުވިއެވެ. މަންމަ ކޮއްކޮ ބަލާ ދިއުމުން ގޭގައި ފިލާވަޅު ހަދަން އިނީ ރައްޔާން އެކަންޏެވެ. ކުޑަދޮރުތައް ހުޅުވާފައި ހުރުމުން ތާޒާ ވައިރޯޅިތައް ވަދެ ފިތިގަނޑާއި ސަމާސަ ކޮއްލާފައި ރައްޔާންގެ މޫނުގައި ފިރުމާލައެވެ. މަސައްކަތުގައި ގެއްލިފައި އިންދާ ފަހަތުން އެއްޗެއް ވެއްޓުނު އަޑު އިވިގެން ބަލާލި އިރު ރީތިވާ މޭޒުމަތި ބަހައްޓާފައި ހުރި ފުޅިއެކެވެ. ރައްޔާން ބިރުގަންނަ ގޮތްވެފައި ތެދުވެގެން ނިކުތީ ގޯތިތުރެއްށެވެ. މެންދުރު އަނބުރާފައިވާ އެވަގުތު ގޭގައި ހުރި އަނބު ގަހުގައި އެލުވާފައި ހުރި އުނދޯލި ހެއްލޭތަން ފެނުނީ އަމިއްލައަށެވެ . ރައްޔާން އެއުނދޯއްޔަށް ނަޒަރު ހުއްޓާލުމާއެކު ހައިރާންވިއެވެ. އޭނާއަށް ފެނުނީ އުނދޯލި ހެއްލަން އިން ކުޑަ ވަރެއްގެ އަންހެންކުއްޖެކެވެ . ލައިގެން ހުރި ހެދުމާއިއެކު މުޅިކުއްޖާ ހުދުކުލައެއްގައި ހުރުމުން އެއީ އިންސާނެއް ނޫންކަން ދޭހަވިއެވެ. ރައްޔާން ދެލޯ ފުހެލާފައި ދެވަނަ ފަހަރަށް ބަލާލިއިރުވެސް އެކުއްޖާ ހަމަ އުނދޯލި ހެއްލަނީއެވެ. އެކަމަކު އެމޫނުގައި ބިރުވެރި ކަމެއްނެތެވެ.
ރައްޔާން ބަލަން ހުރެފައި އެކުއްޖާއާ ވާހަކަ ދައްކަންވެގެން ގޮސް ކައިރިވިތަނާ މަންމަ ދޮރު ހުޅުވާލައިފައި ވަން އަޑަށް އެދިމާއަށް ބަލައިލެވުނެވެ. ދެން ބަލާލިއިރު އެކުއްޖާއެއް ނެތެވެ. އަދި އުނދޯލިވެސް ހުރީ ހުއްޓިފައެވެ. ރައްޔާން އަޖައިބު ވެގެން ބޮލުގައި އަތް ހާކާލައިފައި ނިކުމެގެން ދިޔައެވެ.
މަގުމަތިން އަލްޔާ ފެނުނީ ފިހާރައައް ގޮސް ކޮންމެވެސް އެއްޗެއްގަނެގެން އަންނަނިކޮށެވެ.
"އަހަ ރައްޔާން ކޮންތާކަށް ތިދަނީ؟" އަލްޔާ ހުއްޓިފައި އެހިއެވެ.
"ވަކި ތާކަށް ނޫން. މިދެންހަމަ ނިކުމެލީ . އަލްޔާ ގެ އަށްތަ ތިދަނީ؟" ރައްޔާން ހީލައިފައި ރައްދުދިނެވެ.
"އާ މަންމަމެން އުޅެނީ ކޮއްކޮ ޑޮކްޓަރަށް ދައްކަން ދާން ވެގެން. މިރަށު ޑޮކްޓަރަށް ދެއްކީމަ ބުނީ އޭނާގެ ސިކުނޑީގެ މައްސަލައެކޭ ." އަލްޔާ ކިޔައިދިނެވެ. ރައްޔާން ވަކި އެއްޗެއް ނުބުނެ ބަލަން ހުރުމުން އަލްޔާ ދަނީއޭ ބުނެފައި އެނބުރުނެވެ. އަލްޔާ ގޮސް ގެއްލުމުން ރައްޔާންވެސް އަނެއްކާ ހިނގައިގަތެވެ. ހަވީރު ކުޅެންދާ ގަޑިއަށް ރައްޔާން ގެއަށް ގޮސް ތައްޔާރުވާން ހުރިއިރު އަލްޔާ މަތިން ހަނދާންވިއެވެ. މާޔާ ހަޤީޤީ މައްސަލައަކީ ސިކުނޑީގެ ކަމެއް ނޫންކަން އަލްޔާއަށް ބުނެދޭން ބޭނުންވިއެވެ. އެކަމަކު އެވާހަކަ ބުނެގެން ޤަބޫލު ކުރާނެ ކަމެއް ނޭނގެއެވެ.
ހަވީރު ކުޅެ ނުނިމެނީސް ރައްޔާން ގެއަށް ދާންވެގެން ދަނޑުން ފޭބިއެވެ. އޭނާ ހަނދާންވީ އިއްޔެ މަންމަ ބުނި ވާހަކައެވެ.
ރައްޔާން ދާން ފެށުމުން އެކުވެރިން އޭނާ ހުއްޓުވަން ގޮވާ ހެދި ނަމަވެސް އެއަޑެއް ނާހައެވެ. ރަނިކަ ގަހާއި ހަމަވެފައި ބަލާލިއިރު އެއްކަލަ ކުޑަ ފިރިހެންކުއްޖާ ހުއްޓެވެ. ރައްޔާން އަޅައެއް ނުލައެވެ. ބައިސަކަލް ބާރަށް ދުއްވާލައިފައި އޭނާ ގޮސް ގެއަށް ވަނެވެ.
ބަންގި ގޮވަން ވާއިރަށް ފެންވަރާލައިގެން ނިކުމެވުނެވެ. ރައްޔާނަ ނަމާދަށް ދާން ތައްޔާރުވެގެން ނިކުމެ އުނދޯލީގައި އިންދާ އެއުނދޯލި އެލުވާފައި ހުރި އަނބުގަހުގެ ފުރަގަހުން އެއްކަލަ ހުދު ކުއްޖާ ބޯ ދިއްކޮއްލިއެވެ. ރައްޔާން ފަސްއެނބުރިފައި މީހަކު ނެތްކަނަ ޔަޤީންވުމުން އެކުއްޖާއަށް ބަލަން ހުއްޓާ ގަހުގެ ފުރަގަހަށް ވަދެ ފިލިއެވެ. ރައްޔާން ތެދުވީ ދެނެވެ. އޭނާ ގޮސް ބަލައިލިއިރު ގަހުގެ އަނެއްފަރާތުގައި އެކަކުވެސް ނެތެވެ.
ހައިރާންވެފައި ހުއްޓާ ދެން އެކުއްޖާ..........
ނުނިމޭ

    Please log in or register to bookmark.
    971

    ޚިޔާލު

    Your email address will not be published.