ދޭނަން ހިތާ ޖާނާ - 12

ލައިސާގެ ފަރާތުން ނެވިލް ދެކެ ގަޔާވާ ކަހަލަ ސިފަތަކެއް ނެވިލްއަށް ވަނީ އެކީގައި އުޅުމުގެ ތެރޭގައި ފެނިފައެވެ. އެހެންކަމުން ނެވިލް ބޭނުންވަނީ ލައިސާ ސަޕްރައިޒްކޮށްލާށެވެ. އެކި ވިސްނުމުގައި އެހެން އިންދާ ނެވިލްގެ ފޯނު ވައިބްރޭޓު ވިއެވެ. ނެވިލް ފޯނަށް ބަލާލިއިރު އެއީ ނޮޓިިކޭޝަންއެކެވެ. ނެވިލްއަށް އެއްވެސް ގަސްދެއް ނެތި ހިނިތުންވެވުނެވެ.
އެއީ ލައިސާގެ އުފަންދުވަސް ކަން އަންގައިދިނުމަށް އައި ނޮޓިިކޭޝަންއެކެވެ. ނެވިލްއަށް ލައިސާގެ ގާތުގައި ނެވިލްގެ ހިތުގެ ހާލު އަންގައިދިނުމަށް ރަނގަޅު ހިޔާލެއް ލިބުނެވެ. ނެވިލް އަވަހަށް ބެލީ ލައިސާ އޮންލައިންގަ އިން ތޯއެވެ. އޮންލައިންގަ ނެތުމުން ދެރަވިކަމުގައި ވިޔަސް ނެވިލް ލައިސާއަށް މެސެޖު ކޮށްލީ ލައިސާ ނިދީ ކަމަށް ހީކޮށެވެ. މާދަމާއަކީ ބަންދު ދުވަހެއް ކަމުން ނެވިލް ނިދަން އެރީ އިޝާނަށް ގުޅާ ދެމީހުން އެކީ މާދަމާއަށް ވަރުގަދަ ޕްލޭނެއް ހަދަން ނިންމައިގެންނެވެ.
ނިދާފައި އޮތް ދަރިފުޅަށް ހުކުރަށް ދިޔުމަށް ގޮވަންދިޔަ ނާހިދަށް ހުއްޓުނީ ނެވިލް ނިދީގައި އޮވެގެން ވާހަކަދައްކާތީއެވެ. ނެވިލް ރޮމުން ލައިސާގެ ނަމުން ގޮވަމުން އޭނާ ދޫކޮށް ނުދިޔުމަށް އެދި އާދޭސް ކުރަން ފެށިއެވެ. ނާހިދު ނެވިލްއަށް އަވަހަށް ގޮވާ ތެދުކުރުވިއެވެ. "ދަރިފުޅާ ނެވިލް" ނާހިދު ވަރަށް ހާސްވެފައި ހުރެ ނެވިލްގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ.
ލޯހުޅުވައިލި އިރު ކުރިމަތީގައި ހާސްވެފައި ބައްޕަ ހުރުމުން ނެވިލް ހައިރާންވިއެވެ. އަދި އެޔަށްވުރެ އަޖައިބުވީ މުޅި މޫނު ކަރުނުން ތެމިފައި ހުރުމުންނެވެ.
ނާހިދު ނެވިލްއަށް ނިދީގައި އޮވެގެން ކުރެވުނު ކަންތަކުގެ ވާހަކަ ކިޔައިދިނެވެ. އެއާއެކު ނެވިލްއަށް އޭނާއަށް ދެންމެ ފެނުން ހުވަފެން ހަނދާން ވިއެވެ. ނެވިލް ލައިސާގެ އަތުގައި ހިފުމުން ރުޅިވެރިކަމާއެކު ނެވިލްއަށް ބަލަމުން ލައިސާ އަތް ފޮޅުވައިލައިފާ ދުވެފައިގޮސް އެހެން ފިރިހެނެއްގެ އަތުގައި ހިފައިގެން ނެވިލް އާއި ދުރަށް ހިނގައިފައި ދިޔަ މަންޒަރެވެ. އެ ހުވަފެނާއި މެދު ހިތުގައި ކުޑަ ބިރުވެރި ކަމެއް އޮތަސް ސިކުނޑިން އެއީ ބިލާހެއް ކަމުގައި ނިންމަމުން ނެވިލް ފާޚާނާއަށް ވަނީ ހުކުރަށް ދާންޖެހޭ ގަޑި ޖެހެން ކައިރިވެފައި ހުރުމުންނެވެ.
ހުކުރުން ފައިބައިގެން އިޝާން ވަގުތުން އައީ ނެވިލްމެންގެ ގެއަށެވެ. އިޝާން އައުމުން ނެވިލް އަވަސްވެގަތީ އަވަހަށް ގޭގައި ހުންނަ ބަގީޗާއާއި ދިމާއަށް ދިއުމަށެވެ. "މިތަން ކިހިނެއް ވާނެ" ބަގީޗާއަށް އިޝާރާތްކުރަމުން ނެވިލް ބުންޏެވެ. އިޝާން ބޯހޫރާލީ އެތަން އެހާ ރަނގަޅު ނޫންކަން ބުނެދެމުންނެވެ. "ނެވިލް ހަނދާން ނެތުނީތަ ލައި ބުންޏެއްނު އެދުވަހު ތިމަންނާ ޑޭޓަކަށް ދަންޏާމުން ދާނީ ފޭންސީ ރެސްޓޯރެންޓަކަށޯ" ލައިސާ ކުރިން ބުނެފައި އޮތް އެއްޗެއް ހަނދާން ކޮށްދެމުން އިޝާން ބުންޏެވެ.
ނެވިލް ވެސް ވަގުތުން އެދުވަސް މަތިން ހަނދާން ވިއެވެ. "އެހެންވީމަ ވިތައުޓް އެނީ ވޯކް ޔޫ ކޭން..... އިޝާނަށް ބަސް ނުބުނެވެނީސް ނެވިލް ފޯނު ނެގި އެވެ. އަދި އަވަހަށް އޭނައިގެ ބައްޕަގެ ރެސްޓޯރެންޓަށް ގުޅާ މުޅި ރެސްޓޯރެންޓު އެއްކޮށް އެ ވަގުތަށް ރިޒާވް ކޮށްލިއެވެ." ސޯ އެވްރީތިންގް އިޒް ޑަން އެކްސެޕްޓް ޔުއާ ކްލޯތްސް" ނެވިލް ފޯނު ބޭއްވުމާއެކު އިޝާން ބުންޏެވެ. ނެވިލް ވެސް ބޯޖަހައިލުމަށްފަހު މިސްރާބުޖެހީ އޭނައިގެ ކޮޓަރިއަށް ވަނުމަށެވެ.
ރޭގަނޑުގެ ވަގުތެވެ. ލައިސާ ހުރީ ކޮޓަރީގެ ދެކޮޅު ދެކޮޅަށް ހިގާލައެވެ. އޭނާ ވިސްނަމުންދިޔައީ ނެވިލްއަށް ދޭނެ ޖަވާބަކާއި މެދުގައެވެ. ނެވިލްއަށް ނޫނެކޭ ބުނާކަށް ވެސް ލައިސާއަކަށް ނުކެރެއެވެ. ނަމަވެސް އޭނާއަކަށްވެސް އެއްފަހަރަކާ ދެ ތަނަކަށް ނުދެވޭނެ ނޫން ހެއްޔެވެ؟ ވަގުތު ވެސް ކުޑަތަން ވެއްޖެއެވެ. ލައިސާ އެންމެފަހުން ގޮތެއް ނިންމިއެވެ. ނެވިލްއަށް ދޮގު ހަދާށެވެ. ބަލިވީއޭ ބުނެ ކޮންމެވެސް އުޒުރެއް ދައްކާށެވެ. އެހެން ވިސްނުމެއް ގައި އިންދާ ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ. ދޮރު ހުޅުވައިލުމާއެކު ލައިސާއަށް ހިނިތުންވެވުނެވެ.
ލޯގަނޑު ކުރިމަތީގައި ހުރެ ފަރިދައްކަމުން ނެވިލް ދިޔައެވެ. ކަޅު ފަޓުލޫނަކާއި ހުދު ގަމީހެއްގައި ހުރި ނެވިލް ފެންނަނީ ވަރަށް ހިތްގައިމު ކޮށެވެ. ނެވިލްގެ ކަސްރަތީ ހަށިގަނޑުގެ ސަބަބުން ގަމީސް ވަނީ ގަޔަށް ހިފާފައެވެ. އަބަދުވެސް ނިތްކުރި މައްޗަށް ވެއްޓިފައި އޮންނަ އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޓައިލް ކޮށްފައެވެ. ނެވިލް ރީތިވެފައި ހުރި ވަރުން މިއަދަކީ ނެވިލްއަށް ވަރަށް ވެސް ހާއްސަ ދުވަހެއްކަން ފާހަގަކުރެވެއެވެ. އެދުމަތީގައި އޮތް ކޯޓާއި ފޯނު ނަގަމުން ނެވިލް ބޭރަށް ނުކުތީ ނެވިލްގެ ހަޔާތަށް މިރޭ އަންނަން އުޅޭ ތޫފާނުގެ ހިލަމެއްވެސް ނުވާ ޙާލު ގައެވެ.
ނެވިލް ރެސްޓޯރެންޓަށް ވަތް އިރު ހުރިހާކަމެއް ވެސް ވަނީ ހަމަ ޖެހިފައެވެ. ނެވިލް ރެސްޓޯރެންޓު ގެ ބަދިގެޔަށް ވަނެވެ. އަދި ވެއިޓަރއަށް ނެވިލްގެ އަތުން ލިޔެފައި އޮތް ކުޑަ ނޯޓަކާއި އަގޮޓިއެއް ދެމުން އެއަށް ކަންތައް ކުރަންވީ ގޮތް ކިޔައިދިނެވެ. ނެވިލް ފޯނު ނަގައި އެތަނުގެ ފޮޓޯއެއް ނެގި އެވެ. އިޝާންގެ ގުޅާފައި އޮތުމުން ނެވިލް އިޝާނަށް ގުޅުމަށް ރެސްޓޯރެންޓުގެ ބޭރުގައި ހުރި ބެންޗުގައި އައިސް އިށީނެވެ. އިޝާނަށް ނުގުޅިގެން އުޅެނިކޮށް ލައިސާގެ މެސެޖެއް ނެވިލްއަށް ލިބުނެވެ. އޭގައި މިއުޅެނީ ބަލިވެ ކަމަށާއި އަދި ނާދެވޭނެތީ މައާފަށް އެދިފައި އޮތެވެ. ނެވިލް ވަރަށް ދެރަ ވިއެވެ. ކުރި ހުރިހާކަމެއް އެދިޔައީ ފެނަށެވެ. ވެއިޓަރގެ އަތުން އަގޮޓިއާއި ނޯޓްކޮޅު ނެގުމަށް ފަހު ނެވިލް ސައިކަލަށް އަރައިގެން ގެޔަށް ދިއުމަށް ދުއްވާލިއެވެ.
ދުއްވަމުން ދިޔަ ނެވިލްއަށް ސައިކަލުގެ ބުރަކި ކުއްލިއަކަށް ޖެއްސުނެވެ. އަދިރިކަމުން ތަނެއް ދޮރެއް ފެންނަވަރު ނުވިޔަސް ނެވިލްއަށް އެއީ ލައިސާ ކަން ޝައްކު ވިއެވެ. ތަންކޮޅެއް ގާތަށް ނެވިލް ޖެހުނީ ޔަގީންކުރުމަށެވެ. ނަމަވެސް ނެވިލްއަށް ފެނުނު މަންޒަރަކުން ނެވިލްގެ ހިތް ފަޅައިގެންދާ ވަރުވިއެވެ. ކުއްލިއަކަށް މިއަދު ފެނުނު ހުވަފެނުގެ މަތިން ހަނދާން ވިއެވެ. ލައިސާ ހުރީ ކޮންމެވެސް ފިރިހެނެއްގެ ގައިގައި ބައްދާގެންނެވެ. އެދެމީހުންގެ މެދުގައި ވައިރޯޅިއަކަށްވެސް ދަތުރު ނުކުރެވޭ ހާ ކައިރީގައެވެ. އެ ފިރިހެން މީހާ ލައިސާގެ މޫނުގައި ދެ އަތުން ހިފައި އޭނާގެ މޫނާއި ކައިރިކުރަން އުޅުނެވެ.
އައި ރުޅީގައި ނެވިލް ގޮސް އެ ފިރިހެން މީހާގެ ގަމީހުގެ ގިރުވާނުގައި ހިފައި އޭނާގެ ކަންކަށި މަތީގައި ވަރަށް ބާރަށް ޖެހި އެވެ. އެކަހަލަ ކަމަކަށް ނުވިސްނާ ހުރުމުން އޭނާ ބިންމައްޗަށް ވެއްޓުނެވެ. ލައިސާ އަށް ވެސް ސިއްސައިގެން ގޮސް ހަޅޭއްލަވައިގަނެވުނެވެ. ނެވިލް އަދިވެސް ދުލެއް ނުކުރެއެވެ."ތިއީ ކާކު" އޭނާގެ ގިރުވާނުގައި ހިފައި ދެވަނަ ފަހަރަށް ވެސް ނެވިލް ޖެހިއެވެ. އެހެން ނުހެދުމަށް ބުނަމުން ލައިސާ ނެވިލްގެ އަތުގައި ހިފިއެވެ. ނަމަވެސް ލައިސާގެ އަތް ފޮޅުވާލައިފާ ނެވިލް ދިޔައީ އެމީހާއާއި ދިމާއަށެވެ. ލައިސާ އައިސް ނެވިލްގެ ކުރި ބެއްދިއެވެ."އެއީ ކާކުހޭ" ލައިސާ ނެވިލް ދުރުކުރަން އުޅުމުން ނެވިލް ހަޅޭއްލަވައިގަތެވެ."އެއީ އަހަރެންގެ ވާންއުޅޭ ފިރިމީހާ މާހިލް" ލައިސާ ނެވިލްގެ ކަންކަށިމަތީގައި ޖެހިއެވެ. (ނުނިމޭ)

    Please log in or register to bookmark.
    4k

    4 ޚިޔާލު

    ޚިޔާލު

    Your email address will not be published.