ކޮންމެ އިންސާނަކީވެސް މިދުނިޔެމަތީގައި ކުށް ކުރެވޭނެ އިންސާނެކެވެ. ނަމަވެސް އަހަރެންނަށް ކުރެވުނީ ކޮން ކުށެއްބާއޭ އަހަރެންގެ ހިތަށް އަރައެވެ. އަހަރެންދެކެ ލޯބިނުވާ މީހަކަށްޓަކައި އިންތިޒާރުކުރެވުން ހެއްޔެވެ. ނޫނީ މާ ބޮޑަށް ލޯބިވެވުން ހެއްޔެވެ. އާއެކެވެ. ލޯބިވުމަކީ ކުށަކަށް ވާނަމަ މިއަދު އަހަރެންނަށް އެ ކުށް ކުރެވިއްޖެއެވެ. ނަމަވެސް އަހަރެން އިޔާންދެކެ ވީ ސާފުތެދުވެރި ލޯތްބެވެ.
އިޔާން އަހަރެންގެ ހަޔާތަށް އައީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭރު އަހަރެންނަކީ ދާނެ މިސްރާބެއް މަންޒިލެއް ނެތް އެކަނިވެރިއެކެވެ. އާއިލާއާއި ރައްޓެހިން ނެތީކީ ނޫނެވެ. ނަމަވެސް އަހަރެންގެ އިހުސާސްތައް ދެނެގަނެ ހިތްވަރު ދޭނެ މިތުރެއް ނެތެވެ. ރައްޓެހިންގެ ގޮތުގައި ތިއްބަސް އެމީހުންގެ ހިތުގައި ހަމްދަރުދީއެއް ނެތީއެވެ. އުޅޭ ހާލެއް ތަހައްމަލުކުރާނެ ވޭނެއް އަހާލާނެ ދުލެއް ނެތެވެ. އެ ހިތްދަތި ވަގުތުގައި އަހަރެންގެ މިތުރަކަށް ވީ އިޔާންއެވެ. އަހަރެންގެ ހާލު ބަލަމުން ގެންދިޔައެވެ. ވިސްނައިދިނެވެ. އަބަދު ފިކުރުނުކުރުމަށް ބުންޏެވެ. ދުނިޔެއަކީ ކެހިވެރިން ގިނަ ތަނެއްކަން ހަނދާންކޮށްދިނީވެސް ހުދު އިޔާންއެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔައީ އިޔާން އޯގާތެރިކަމާއި ހަމްދަރުދީން އަހަރެންގެ ހިތް ފުރަމުންނެވެ. އަހަރެންގެ ހިތް މަޑުމަޑުން އިޔާންއަށް ލެނބެން ފެށީ ކީތްވެ ކިހިނެތްކަމެއްވެސް ނޭނގެއެވެ. އިޔާންގެ ހިތުގައި އޮތް އެއްޗެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އަަހަރެންނާއި އިޔާންގެ ގުޅުން ބަދަހިވަމުން ދިޔައިރު އަހަރެންނަށް އިޔާންއާއި ނުލައި ދިރިނޫޅެވޭނެ ވަރަށް ލޯބިވެވިއްޖެއެވެ.
އިޔާން އަހަރެންދެކެ ލޯބިވާކަން ހާމަކުރި ދުވަހަކީ ދެވަނަފަހަރަށް އަހަރެންގެ ހަޔާތަށް ބަހާރުމޫސުމެއް އައި ދުވަހެވެ. މަޑުމަޑުން މާޒީގެ ހަނދާންތައް ފިލައި ގޮސް އިޔާންއަށްޓަކައި އަހަރެންގެ ހިތް ހުޅުވާލީމެވެ. ކުރީ ފަހަރު ލިބުންފަދަ ކެހިވަރިކަމެއް ނުލިބޭނެކަމުގެ އުންމީދުގައެވެ. މާއިޝްވެސް އަހަރެންގެ ހަޔާތަށް އައީ އަހަރެންގެ ހަޔާތް އެފުށް މިފުށަށް ޖެހިފައިވާ ދުވަސްވަރެއްގައެވެ. ކުލައެއްނެތް ލޯބިން އަހަރެންގެ ހިތް ފަތަހަ ކުރަމުން ދިޔައެވެ. އަހަރެންދެކެ އިންތިހާއަށް ލޯބިވާކަމާއި ދޫކޮށްނުލާނެކަމަށް ވައުދުވިއެވެ. އަހަރެންވެސް މާއިޝްގެ ލޯބީގައި ކޮޅުފައިން ނުޖަހާ މާއިޝްދެކެ ލޯބިވީމެވެ. ނަމަވެސް ދޫކޮށް ދިޔައީވެސް އަހަރެންނަށް އެނގުމަކާއި ނުލައެވެ. ރޮއެ އާދޭސްކުރީމެވެ. ދޫކޮށްލާފަ ނުދިއުމަށެވެ. ނަމަވެސް ކަރުނަތަށްވީ ބޭކާރެވެ. މާއިޝް އަހަރެން ދޫކޮށްލާފައި ދިޔައީއެވެ.
އަހަރެންނަށް މާއިޝްދެކެ ވެވުނީ ހަގީގީ ލޯބިނޫންކަން އަހަރެންނަށް އެނގުނީ އިޔާން އަހަރެންގެ ހަޔާތަށް އައުމުންނެވެ. އިޔާންދެކެ އަހަރެން އިންތިހާއަށް ލޯބިވީމެވެ. އެތަށް ކަމެއް ގުރުބާން ކުރީމެވެ. ނަމަވެސް ކަންތައްތައް ބަދަލުވެގެން ދިޔައީ އަހަރެން އެކަމަށް އުންމީދު ނުކުރާ ގޮތަށެވެ. މާއިޝް ދެވަނަ ފަހަރަށް އަހަރެންގެ ހަޔާތަށް އައީއެވެ. މީހެއްގެ މުހިންމުކަން އެނގޭނީ އެމީހެއް ވަކިވެދިއުމުންނޭ ބުނާ ބީދައިން މާއިޝްއަށްވެސް އަހަރެން މުހިންމު ވީ އަދި ކިރިޔާއެވެ. އެއަހަރެންގެ ސަމާލުކަން ހޯދަން މާއިޝްވަރަށް މަސައްކަތް ކުރެއެވެ. ދެވަނަ ފުރުސަތެއް ދިނުމަށް އެދި ސަލާންޖެހިއެވެ. ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ. އަހަރެން މާއިޝްދެކެ ވީ ލޯބިވީ ކަފުންކޮށްފައެވެ. އަހަރެން ލޯބިވަނީ ހަމައެކަނި އިޔާންދެކެއެވެ.
މީހުން ބުނެއުޅެއެވެ. މީހަކު ހުންނަ ގޮތަކުން އެއީ ކޮންކަހަލަ މީހެއްކަމެއް ނޭނގޭނެއެވެ. ވިދާހާ އެއްޗަކީ ރަނެއް ނޫނެވެ. މޫސުން ބަދަލުވުމުގެ ކޮޅުމަތި ފެންނަހެން އިޔާންވެސް މުޅިން ބަދަލުވާން ފެށިއެވެ. އަހަރެންނަށް އަހަރެންގެ ކުށް އަބަދު ހަނދާން ކޮށްދޭން ފެށިއެވެ. ތުންތުންމަތިން އިވެމުންދިޔަ އަހަރެންނާއި މާއިޝްގެ ހަގީގަތެއް ނެތް ވާހަކަތައް އިޔާންވެސް ގަބޫލުކުރީއެވެ. އަހަރެން ދޫކޮށްލާފައި ދިޔައީއެވެ. އަހަރެންގެ ލޯބި އަގެއްނެތް އެއްޗަކަށް ހަދާލީއެވެ. އަހަރެންގެ ހިތަށް ކުރާނެ އަސަރު ހަމަ އިޔާންއަށް ނުވިސްނެނީ ހެއްޔެވެ. ހަލާކުވެފައިވާ ހިތެއްގައި މަލަން އަޅައިލުމަށްފަހު އަނެއްކާ ހަލާކުކޮށްލީއެވެ. އަހަރެންގެ ރޭގަނޑުގެ ނިދި ނަގާލީއެވެ. އަނެއްކާވެސް މިދުނިޔެއަށް އަހަރެން އެކަނިކޮށް ބާކީކޮށްލީއެވެ.
މިއަދު އެހެން އަންހެން ކުއްޖެއްދެކެ ލޯބިވާކަމަށް ބުނެ އެކުއްޖާއާ އެކީ އުޅޭއިރު އަހަރެންގެ ހިތަށް ވަކި ކެތްވާނެހެއްޔެވެ. ހާދަ އަވަހަކަށް އިޔާން އަހަރެންގެ މަތިން ހަނދާން ނައްތައިލައިފިއެވެ. ނަމަވެސް އެއީ އަހަރެންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އަބަދުވެސް މި ހިތުގައި ވަނީ އިޔާންއެވެ. އެ ނޫން ހިޔާލެއް ނުކުރެވެއެވެ. ހީވާކަހަލައެވެ. އިޔާން އަދި އެނބުރި އަންނާނެއެވެ.
ނަމަވެސް ދިއުމުގެ ކުރިން އިޔާން އެދިޔައީ ވަރަށް ރަނގަޅަށް އަހަރެންނަށް އަހަރެންގެ ހައިސިއްޔަތު ހަނދާން ކޮށްދީފައެވެ.މިއަދު އަހަރެންނަށް އެއްކަމެއް ދަސްވެއްޖެއެވެ. ކޮންމެ ކޮންމެ މީހަކަށް އިތުބާރު ކުރާކަށް ނުވާނެއެވެ. އަދި މާ ބޮޑަށް އުންމީދު ނުކުރުމަށެވެ. ބައެއްފަހަރު އެ އުންމީދު ނާއުންމީދަކަށް ވުމުން އެ ކުރާ އަސަރު މާބޮޑެވެ.އަހަރެންގެ ހިތަށް އަރައެވެ. މާއިޝްއަށް ދެވަނަ ފުރުސަތެއް ދޭނީތޯ ނޫނީ އިޔާންއަށް އިންތިޒާރު ކުރާނީތޯއެވެ. އަހަރެން މާއިޝްދެކެ ލޯބިނުވާއިރު މާއިޝްގެ ހިތް ހަލާކު ކޮށްލާކަށް ބޭނުމެއް ނޫނެވެ.
އަހަރެން އިޔާންއަށް ބޭވަފާތެރިއެއް ނުވަމެވެ. އިޔާންދެކެ ވީ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އިޔާން އެނބުރި އަންނާނެ ދުވަހަކަށް އަހަރެން އަބަދުވެސް އިންތިޒާރުކުރަމެވެ.
ނިމުނީ
ސަޅި...ހަމަ އަހަރެންގެ ހަޔާތުން ސަފްހާއެއް
މީ ދެން ވާހަކައެއްތަ؟ ނޫނީ ނޯޓެއްތަ؟
ނޯޓަކާ ވައްތަރީ ދޯ
މާއިޝް އެއް ދެން އޭނާ ބޭނުމެއް ނުވާނެ. މާއިޝް އާއި އިޔާން ގެ ރޭވުމެއް އެއީ