އެލީން - 37

28

+ އ-

ދެބަފައިން ހުކުރުން އައި އިރު ލީނާ މޭޒުމައްޗަށް ތަށިތައް ނެގުމުގައި އުޅެއެވެ. ނަވީން ކޮޓަރިއާއި ދިމާލާށް މިސްރާބު ހުރިއިރު އީވާން ދިޔައީ އެލީންގެ ކޮޓަރިއަށެވެ. ދޮރު ހުޅުވާލާފައި ވަން އިރު އެލީން އުޅެނީ ބެޑްޝީޓް ބަދަލުކުރާށެވެ. އެ މޫނުމަތިން ހަމަޖެހިފައިވާކަމުގެ ކުލަވަރު ފެނުމުން އީވާންގެ ހިތަށް ފިނިކަމެއް ލިބުނެވެ.

"ހޭ ސްޕޮންޖްބޮބް..ދޮންބެ އާއިއެކު ކާން ދާން ހިނގާ.." އީވާން އެލީންއަށް ޖެއްސުމަށް ގޮވައި އުޅޭ ނަމުން ގޮވައިލިއެވެ. އެހެންޏާ އެ ނަމުން ގޮވާއިރަށް އެލީން ފުންމައިގެން އައިސް އީވާންއަށް ހަމަލާ ދޭނެއެވެ. ނަމަވެސް މިފަހަރު ހަމައެކަނި ހިނިތުންވުމަކުން ފުއްދާލުމުން އީވާންގެ ހިތަށް އަސަރުކުރިއެވެ. އޭނާގެ ހުރި ހަމައެކަނި ކޮއްކޮގެ ހިތަށް އަނިޔާވެފައިވަނީ ހީކުރި ވަރަށްވުރެވެސް ބޮޑަށެވެ. ނަމަވެސް އެލީން ހިނިތުންވެލުމުންވެސް އެ ހިތަށް ކުޑަކުޑަ ހަމަޖެހުމެއް ލިބުނެވެ. އެލީން މުޅިން އެކަމުން އަރައިގަންނަން ވަގުތު ބޭނުންވާނެކަން އެނގޭތީއެވެ.

"މިދަނީ މިކަން ނިންމާލާފަ.." އެލީން އަތުގައި އޮތް ބެޑްޝީޓަށް އިޝާރާތްކޮށްލިއެވެ. އީވާން ތެދުވެގެން ދިޔައީ އެއްޗެހި ބަދަލުކޮށްލުމަށެވެ.

ގަމީސް ބަދަލުކުރަން ހުރި ނަވީންއަށް ދޮރު ހުޅުވާލެވުނު އަޑު އިވުމާއެކު އެ ދިމާލާށް ބަލާލެވުނެވެ. ދޮރުމަތީ ހުރީ ލީނާއެވެ. "ކާން އަންނަންވީނު.." ލީނާ ބުންޏެވެ. "އިހަށް އާދެބަލަ.." ޓީޝާޓެއް ލައިގެން އައިސް ނަވީން އެނދުގައި އިށީނދެލިއެވެ. "މިތާ އިށީނދެބަލަ.." ގާތާށް އައިސް ހުއްޓުނު ލީނާއަށް އެނދަށް އިޝާރާތްކޮށްލަމުން ނަވީން ބުނެލިއެވެ. ބަހެއް ނުބުނެ ލީނާ ނަވީން ބުނިފަދައިން ކަންތައް ކުރިއެވެ.

"ކިހިނެއް ވެފަ ތިހުރީ..؟" ނަވީން ވަރަށް ލޯބިން ލީނާގެ ބޮލުގައި ފިރުމާލިއެވެ. އުމުރުން ދުވަސްވީނަމަވެސް ޒަމާންވީ ލޯތްބަށް ބަދަލެއް ނާންނަ ކަމުގެ ހެއްކެކެވެ. "ކަމަކާ ވަރަށް ކަންބޮޑުވެފައިހެން ހީވަނީ..އަނެއްކާ އަހަންނަށް ނޭނގި ކަމެއް ހިނގީތަ..؟" ނަވީންގެ އަޑުގައި ކަންބޮޑުވުން ވިއެވެ. ލީނާގެ މޫނުމަތިންވެސް ފެންނަނީ އެފަދަ ކުލަވަރެކެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ނަވީންގެ މޫނަށް ބަލައިފިއެވެ.

"ނަވީންއަށް ނޭނގުނަސް ވަރަށް ބޮޑު ކަންތައްގަނޑެއް ހިނގައިފި.." ލީނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެވާހަކަ ނަވީންއަށް ކިޔައިދޭނެ ގޮތެއް ނޭނގެއެވެ. "ކިހިނެއްވީ އަނެއްކާ..؟ އެއިން ކުއްޖަކަށް ކަމެއް ވީތަ..؟" ލީނާ އެންމެ ކަންބޮޑުވާނީ ދަރިންގެ މައްސަލައިގަކަން ނަވީންއަށް އެނގެއެވެ. މިކަމާވެސް ދަރިންނާ ގުޅުމެއް އޮވެދާނޭ ނަވީންގެ ހިތް ބުނެލިއެވެ.

ލީނާ އިސްޖަހައިލަމުން މިއަދު ހިނގައިދިޔަ ކަންތައް ނަވީންއަށް ކިޔައިދޭން ފެށިއެވެ. ދޭތެރެއަކުން އަޑު ބެދެމުން އައި އިރު ލީނާއަށް އަސަރު ކޮށްފައިވާ ވަރު ހާމާވެއެވެ. އެވާހަކަ އަޑުއަހަމުން ދިޔަ ނަވީންގެ މޫނަށް އެތައް ކުލައެއް އަރާ ފައިބަމުން ދިޔައެވެ. އެ ވާހަކަތައް ގަބޫލުކުރަން ދަތިވެފައިވާކަން އެ މޫނުމަތިން ހާމަވެއެވެ. އިށީނދެ އިނުން ދަތިވެގެން ނަވީން ތެދުވިއެވެ.

"އަހަރެން މީ ކޮންކަހަލަ މަންމައެއް..؟ އަހަރެން ބަނޑުއަޅައި ވިހޭ ދަރިފުޅު އެހާ ހިތާމައިގަ އުޅުނުއިރު އަހަންނަށް ރެއަކާ ނުލި..އެދަރިފުޅު އެކަނިމާއެކަނި ހާދަ ހިތާމައެއް އުފުލައިފިޔޭ..އެކުއްޖާއަށް ބަދަލުތައް އަންނަމުން ދިޔަކަން ފާހަގަވިނަމަވެސް މާ ބޮޑުކަމަކަށް ހަދާނުލާ ހުރެވުނީ ވަޒީފާގެ ސަބަބުން އަންނަ ބަދަލުތަކެއް ކަމަށް ދެކިގެން..އަހަރެން ޖެހޭނެ ދޯ ލީން އާއި ސުވާލުކުރަން..އެހެން ނޫންނަމަ ލީންވެސް އަހަންނަށް އެއްވެސް ކަމެއް ސިއްރު ނުކުރީސް.." ލީނާއަށް ރޮވިއްޖެއެވެ. ނަވީންއަށްވެސް ވަނީ އިންތިހާއަށް އަސަރުކޮށްފައެވެ. އޭނާއަށްވެސް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.

"ދެން ހުއްޓާލާ..ތީ ލީނާގެ ކުށެއް ނޫން..ތީ އަހަރެންގެ ދަރިންނަށް ރަނގަޅު މައެއް..އެކަމާ ވިސްނާ އަމިއްލަ ނަފްސު ކުށްވެރި ނުކުރޭ..އަހަރެން ވަރަށް އުފާވޭ އީވާން ކަހަލަ ބޭބެއެއް އެލީންގެ ހުރީތީ..އެ ދެ ކުދިންނަކީ އެކަކު އަނެކަކުގެ ހިތްވަރު.. އިރާދަފުޅުން އަހަރެމެންނަށް ލިބިފައި މިވަނީ ނަމޫނާ ދެކުދިން..އަހަރެމެން ޝުކުރުވެރިވާން ޖެހޭނެ ވާން ކަހަލަ ބޭބެއެއް ލީންގެ ހުރީތީ..އަދި ﷲ އިރާދަކުރެއްވިޔާ ލީންއަށް ރަނގަޅު ދިރިއުޅުމެއް މިންވަރު ކޮށްދެއްވާނެ..މީވެސް އިމްތިހާނެއް..އަހަރެމެން ވާނެ ނިކަން ކެތްތެރިވާން.. އެހެންނޫނީ ލީން އަށް ވާނީ ކިހިނެއް؟" ނަވީން ލީނާ ހިތްހަމަ ޖައްސައިދީ ވިސްނައިދިނެވެ. އެ ލޮލުގައިވާ ކަރުނަތައް ފޮހެލައިދިނެވެ. ލީނާ ނަވީންގެ އަތުގައި ހިފައިލީ އެ ވާހާކަތަކުން ހިތްވަރު ލިބިއްޖޭ ބުނާކަހަލަ ގޮތަކަށެވެ. އެ މޫނުމަތިން ފަނޑު ހިނިތުންވުމެއް ފާޅުވިއެވެ.

"ދެން ހިނގާ ކާން.." ނަވީން ލީނާގެ އަތުގައި ހިފާ ނެގިއެވެ. ލީނާ ނަވީން ފަހަތުން ހިނގައިގަތެވެ.

އެލީންގެ ކޮޓަރިއާއި އަރާ ހަމަވުމާއެކު ލީނާ އިޝާރާތުން ނަވީންއަށް ކާގެއަށް ދިއުމަށް އިޝާރަތްކުރިއެވެ. ބޯޖަހާލަމުން ނަވީން ހިނގައިގަތެވެ. ލީނާ ދޮރުގައި ޓަކިޖަހަން އަތް އުފުލާލި ވަގުތު އެލީން ދޮރު ހުޅުވާފައި ނިކުތެވެ. ލީނާއަށް ކުޑަ ސިހުމެއް ލިބުނެވެ. ހަމައެއާއެކު އެލީން ފެނިފައި ހަމަޖެހުމެއް ލިބުނެވެ. އެލީންގެ މޫނުމަތިން ފުދޭވަރަކަށް ހަމަޖެހިފައިވާކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ހުރިހާ ޝުކުރެއް އީވާން އަށެވެ.

"ދަރިފުޅާ..ހިނގާ އެއްޗެއް ކާލަން ދާން ދޯ.." ލީނާ މައިވަންތަ ކަމުގެ ކުލުނާއެކު އެލީންގެ ކޮނޑުގައި އަތްއަޅުވާލައި ގާތްކޮށްލައިފިއެވެ. އެލީން ކުޑަކޮށް ހައިރާންވިއެވެ. މަންމަގެ އޯގާތެރިކަން އެހެން ދުވަސްތަކަށްވުރެ ބޮޑުކަން ފާހަގަވިއެވެ. ނަމަވެސް އެލީން އެކަން މާ ބޮޑުކަމަކަށް ނެހެދިއެވެ.

އެލީން ގޮސް ނަވީންގެ ކުރިމަތީ ހުރި ގޮނޑީގައި އިށީންނަން އުޅުމާއެކު ނަވީން ގޮވާލާފައި ނަވީންގެ ގޮނޑި އާއި ޖެހިގެން ހުރި ގޮނޑީގައި އިށީނދެލުމަށް ބުންޏެވެ. އެލީން ނަވީން ބުނި ގޮތައް ކަންތައް ކުރިއެވެ. އެލީން އައިސް އިށީނުމާއެކު ނަވީން އެލީންގެ ބޮލުގައި އޯގާތެރިކަމާއެކު ފިރުމާލިއެވެ. މަންމަ އާއި ބައްޕަ މިއަދު އާދާޔާހިލާފަށް އެލީންއަށް ސަމާލުކަން ދޭކަން އެލީންއަށް ފާހަގަވިއެވެ. އޭނާއަށް ވިސްނުނު ގޮތުގައި އެއީ މި ވޭތުވެދިޔަ ދުވަސްކޮޅު އޭނާއަށް މާބޮޑަށް އާއިލާއަށް ވަގުތު ނުދެވުނީމަ ވެގެން އުޅޭ ގޮތެކެވެ. އެވަގުތު އީވާން ވެސް އައިސް ގޮނޑިއެއް ދަމާލައި އިށީނދެލައިފިއެވެ.

ލީނާ ނަވީންއަށް ކާން އަޅައިދީފައި އީވާންގެ ތައްޓަށް ކާން އަޅައިދޭން އުޅުނެވެ. އޭރު އެލީން އަމިއްލައަށް ތައްޓަށް ޑެވިލްޑް ބީފް ކޮޅެއް އަޅައިގެން ކެވޭތޯ އުޅެއެވެ. "ދަރިފުޅު މާ ކުޑަކޮށޭ ކަނީ..ރަނގަޅަށް ކާންވާނެ.." ނަވީން އިތުރަށް އެލީންގެ ތައްޓަށް ޑެވިލްޑް ބީފްކޮޅެއް އަޅައިދިނެވެ. އެލީން އެއްޗެއް ނުބުނެ އިނީ ބައްޕަ ބޭނުންވާގޮތައް ކަން ކުރަން ދޫކޮށްލައިގެންނެވެ. "މިއަދު ހަވީރު އެންމެން ގޮވައިގެން ކާރު ބުރުޖަހަން ދާންކަމަށް މިއުޅެނީ..ބުރެއް ޖަހާލާފަ އަންނަމުން ރެސްޓޯރެންޓަކުން ކާލައިގެން އަންނާނީ..ކިހިނެއް ވާނެ އެގޮތް..؟" ނަވީން ބުނެލިއެވެ. އެލީންގެ ހިތަށް ހަމަޖެހުމެއް ހޯދައިދިނުމަށް ބައްޕައެއްގެ ހައިސިއްޔަތުން އޭނާއަށް ކުރެވެން އޮތް ކަމެއް ކުރާނެއެވެ.

"ބައްޕާ..އަޅުގަނޑު ހަވީރު ލީން ގޮވައިގެން ތަނަކަށް ދާން މިއުޅެނީ..މިރޭ ދާންވީނު.." އީވާން ބުނެލިއެވެ. މަލީކާއަށްވެސް ގުޅާ ޕްލޭން ފައިނަލް ކޮށްފައި ވުމުން އީވާންއަށް ބައްޕަގެ ހިޔާލާ އެއްބަސް ނުވެވުނީއެވެ. "ބައްޕައަށް އެންމެ ރަނގަޅު..ދަރިފުޅުމެން ބޭނުން އިރަކުން ދާނީ.." ނަވީން ހިނިތުންވެލިއެވެ. އެލީން މަޑުމަޑުން ކާލަކާލާ އިނެވެ. އެހެން މީހުންނަށްޓަކައި ނަމަވެސް އޭނާ ހިތްވަރުގަދަ ކުރަން ޖެހޭނެކަން އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.

ކައި ނިމިގެން އެލީން ކޮޓަރިއަށް ދިޔައީ ފެންވަރާލާ ނަމާދުކޮށް، އީވާން ބުނި ވަގުތައް ތައްޔާރުވެވޭތޯއެވެ. އަލަމާރި ހުޅުވާލާފައި ލާނެ އެއްޗެހި ނެގުމަށްފަހު އެނދުމަތީ ބާއްވާފައި ގޮސް ފާހާނާއަށް ވަނީ ފެންވަރާލާށެވެ.

އެލީން ނަމާދުކޮށްގެން ދުޢާކުރުމަށް ދެއަތް އުފުލާލައިގެން އިނެވެ. އެލީންއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދި އެކަލާނގެ ޙަޟްރަތުގައި ދެންނެވުނެވެ. އަރުތެރެ ބެދޭގޮތްވުމުން އެލީންއަށް ތުންފަތް ފިއްތާލެވުނެވެ. އެއާއިއެކު ލޮލުން ހޯސްލާފާއި ކަރުނަ ފައިބައިގަތެވެ. ތުންފަތް ހަރަކާތް ނުކުރިނަމަވެސް ދުޢާއަށް އުފުލާލެވިފައިވާ ދެއަތް އެގޮތުގައި ހުއްޓެވެ. އެލީންގެ ތަގުދީރުގައި އަކިޔާލްގެ ލޯބި ލިޔުއްވާފައި ނެތްނަމަ އެ ލޯބި ހިތުން ފޮހެލެއްވުމަށް ހިތާހިތުން އެދެވުނެވެ. ދުލުން ބަޔާން ނުކޮށްދެވުނަސް އެކަލާނގެ އަޅުތަކުންގެ ހިތްތަކުގައިވާ އެދުންތައް އައްސަވާވޮޑިގެންވާނެކަން އެލީން ހިތުގެ އަޑިން ގަބޫލުކުރެއެވެ. އެކަލާނގެއީ އޯގާވަންތަކަންބޮޑު މޮޅަށް ދެނެވޮޑިގެންވާ ކުޅަދުންވަންތަ ކަލާނގެއެވެ. އެލީން ހުރިހާ ކަމެއް މާތްﷲ އާއި ވަކީލުކޮށްލައިފިއެވެ.

މުޞައްލަ ފަތްޖަހާލާފާއި އެ އޮންނަ ތަނުގައި ބާއްވާލުމަށްފަހު އެލީން ފާހާނައަށް ވަދެލީ މޫނު ދޮވެލުމަށެވެ. ފިނިފެނުން މޫނު ދޮވެލައިގެން ނިކުމެ އެލީން ހެދުން ބަދަލުކޮށްލިއެވެ. ހުދު ކުލައިގެ ކުރުތާ އާއި ކަޅު ޖިންސެއްގައި އެލީން ފެންނަލެއް ކިތައްމެހާވެސް ރީއްޗެވެ. ކިތައްމެ ސާދާކޮށް ހެދުން އެޅިކަމުގައި ވިޔަސް އެ ރީތިކަމަށް ބަދަލެއް ނާދެއެވެ. އެ ފަން އިސްތަށިގަނޑު ބޮލުގެ މެދަށް ނެގުމަށްފަހު ވޫލްކޮޅަކުން އައްސާލިއެވެ. އެލީން ބޭނުންވީ ވީހާވެސް ސާދާކޮށް ހުންނާށެވެ. މޫނުގައި ފުށްކޮޅެއް ޖަހާލުން ފިޔަވާ އިތުރު މޭކަޕެއް ނުކުރެއެވެ.

އެލީން ތައްޔާރުވެލައިގެން ނުކުތްއިރު އީވާން ސޯފާގައި އިނެވެ. އެލީން ފެނުމާއެކު އީވާން ތެދުވެގެން އައެވެ. "ތެންކްޔޫ ސްޕޮންޖް ބޮބް..ދޮންބެ ބުނީމަ ބޭރަށް ދާން އެއްބަސްވީތީ.." އީވާން ބުނެލިއެވެ. އެލީން ލުއި ހިނިތުންވުމެއް ދެމުން އަތުގައި އޮތް މަލުގެ ފިޔަތަކާ ކުޅެލިއެވެ. އެއީ މިއަދު އީވާން އެލީންއަށް ދިން މަލެވެ.

އީވާން ސައިކަލުގައި ގޮސް މަޑުކޮށްލީ ރަސްފަންނަށެވެ. ސައިކަލު ހަރު ޖައްސާލާފައި ނުފައިބާ އިނުމުން އެލީން ސުވާލު ކުރިއެވެ. އީވާން އެލީން ގާތު މަޑުކޮށްލާށޭ ބުނެލިއެވެ. އަދި ފޯނު ނަގައި ކޮންމެވެސް މީހަކަށް މެސެޖް ކުރިއެވެ. އެލީން ފާޑަކަށް ބޯ ހޫރުވާލާފައި އިސްއުފުލާ ބަލައިލިއިރު ފެނުނީ ކައިރިވަމުން އައި އޭނާގެ އެކުވެރިންނެވެ. އެވަގުތު އެލީންގެ ލޯ އައީ ބޮޑުވެގެންނެވެ. މިވީ ދުވަސްކޮޅު އެމީހުންގެ ކޯލްތަކަށް ޖަވާބު ނުދީ އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ ހުރެފައި ކުއްލިއަކަށް އެމީހުންނާ ދިމާވުމުން އެލީން ކަންބޮޑުވިއެވެ. އެމީހުންނާ ކުރިމަތިލާކަށް އެލީން ތައްޔާރެއް ނޫނެވެ. "ދެން ދޮންބޭ..ކީއްވެ ނުބުނީ..؟" އެލީން އިސްޖަހައިލަމުން މަޑުމަޑުން ބުނެލިއެވެ. "ޓްރަސްޓް މީ ލީން..ޔޫ ވިލް ފީލް ބެޓާރ.." އީވާން ބުނެލިއެވެ. އޭރު ހުރިހާ އެންމެން އަރާ ހަމަކޮށްފިއެވެ.

"އަޅޭ ލީންންންން.....ވީ މިސްޑް ޔޫ.." އެމީޝާ އެލީންގެ އަތުގައި ހިފާ ސައިކަލުން ބޭލުއްވިއެވެ. އެއާއިއެކު އާލިޔާ އައިގޮތައް އެލީންގެ އަނެއް އަތުގައި ހިފިއެވެ. އިމްނާ ހުރީ އެލީންއަށް އައިސްފައިވާ ބަދަލު ފެނި ދެރަވެފައެވެ. އެތާ ތިބި ބަޔަކަށް ނުބަލާ އޭނާއަށް އެލީން ގައިގައި ބައްދާލެވުނެވެ. "އަޅޭ ދޯ..އަހަރެންގެ ކޮއްކޮ ކައިނުލައްޗޭ ތި އެންމެން ވެގެން..ބަލާ އަންނަން ވާއިރަށް ސަލާމަތުން ބަހައްޓާތި.." އެ އެންމެން އެލީން އާއި ހެދި އުޅޭވަރު ފެނި އީވާން ދިމާކޮށްލިއެވެ. އެވަގުތު މަލީކާ އީވާންއަށް ބަލައިލިއެވެ. އެ ލޮލުގައި ވަނީ ޝުކުރުވެރިކަމެވެ. މަލީކާ ބަލައިލުމާއެކު އީވާން އެއްލޯ މަރައިލިއެވެ. އެ އަމަލުން މަލީކާގެ މޫނަށް ރަތްކުލަ ފާއްދާލިއެވެ. އަވަސް އަވަހަށް އިސްޖަހައިލެވުނެވެ. "ހޫމް ހޫމް..ވަން ވިންކް އެންޑް ސަމްވަން އިޒް ބްލަޝިންގް.. މަށަށް ފެނިއްޖެޔޭ.." އެމީޝާ ބާރަކަށް ބުނެލިއެވެ. އެވަގުތު ދެންތިބި މީހުންގެ ނަޒަރުވެސް އީވާން އާއި މަލީކާއަށް ހުއްޓުނެވެ. އަނގަ ސަކަރާތްވެފައި ހުރި އީވާން އާއި ލަދުން އިސްޖަހައިގެން ހުރި މަލީކާ ފެނި އެމީހުންނަށް އެމީޝާ ބުނި ވާހަކަ ނަގައިގަނެވުނެވެ. އިމްނާ އާއި އާލިޔާ ހޭންފެށިއިރު އެލީންގެ ތުންފަތް މައްޗަށްވެސް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. މި މީހުންގެ ކަންތައް މާ މައްޗަށް ނުދަނީސް އީވާން އަވަހަށް ސައިކަލު ދުއްވާލިއެވެ.

ނުނިމޭ

  Please log in or register to bookmark.
  2k

  10 ޚިޔާލު

  1. ޥަރައް ރީތި މިޕާޓްވެސް އަނެއްޕާޓް އަޕްކޮއްލަ ދީބަލަ އަވަހަށް

  ޚިޔާލު

  Your email address will not be published.