އުއްމީދު - 5

ބާބު 5
ޖާގައިގެ ގޮތުން ތަނަވަސް ލައިބްރަރީއެކެވެ. ލައިބްރަރީގެ މެދުގައި ބަރިއަކަށް ފަސް ޝެލްފް ބަހައްޓާފައި ހުރި އިރު އެ ޝެލްފްތަކުގެ ދެފަރާތުގައި ކުދިންނަށް ތިބެވޭނޭހެން މޭޒުތައް ބަހައްޓާފައި ހުއްޓެވެ. އެހެނަސް ލައިބްރަރީތެރެއިން ލައިބްރޭރިއަން ފިޔަވައި އެހެން އެއްވެސް ދަރިވަރެއްވެސް ފެންނާކަށް ނެތެވެ. އެ ހަމަހިމޭން މާޙައުލުގެ ތެރޭގައި ލައިބްރަރީގެ އެންމެ އެތެރެ ފާރާއި ފޮތް ހަރާއި ދެމެދު ބަހައްޓާފައި އިން މޭޒު ދޮށުގައި ޒުވާނެއް އިނެވެ. އެއީ ނަބްހާން ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އެ ބޮޑު ލައިބްރަރީ ތެރެއަށް ވަދެގެން އަންނަ މީހަކަށް އޭނާ އެތާ އިންނަ ކަމެއް ނުވެސް އިނގޭނެއެވެ. ނަބްހާން އެތާ އިނުމުގެ މައިގަނޑު މަގްސަދަކީވެސް އެއީއެވެ. ލައިބްރަރީގެ ދުނިޔޭގައި އެހެން މީހުންނަށް ވަންހަނާވެގެން ވުމެވެ.

ނަބްހާންއަކީ ޢާންމު ދިރިއުޅުމުގައިވެސް އެހެންމީހުންގެ ތެރޭގައި މަޑުމައިތިރި ކުއްޖެކެވެ. ހަމަ އެހެންމެ އެކަނިވެރިކަން އެއީ އެކު އެކީގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި ދުޝްމިނުވެސް މެއެވެ.

ނަބްހާން އިން މޭޒުގެ ފަހަތުގައި ހުރި ކުޑަދޮރުން އެތާތެރެއަށް ކޮންމެވެސް ވަރަކަށް އަލިވެފައި ވެއެވެ. އެހެން ނަމަވެސް އެ ފަނޑު އަލިކަން ނަބްހާންއަށް ހަމަ ހެޔޮވަރެވެ. ސްކޫލު ފޮތް އެއްފަރާތެއްގައި ބޭއްވުމަށްފަހު އިންތަނުން ތެދުވެގެން ގޮސް އޭނާގެ ވާއަތް ފަރާތަށް ހުރި ހަރުތައް ކައިރިއަށް ނަބްހާން ޖެހިލިއެވެ. އެ ބިތުގައި ހުރި ހަރުގައި ހުރި ފޮތްތައްވެސް ވަނީ އަނދިރީގެ ތެރެއަށް ނިވާވެފައެވެ. ނަބްހާން މަޑު ފިޔަވަޅުތަކެއްގައި ހިނގަމުން ގޮސް އެތަނުން ހަރެއް ކުރިމަތީ ހުއްޓިލިއެވެ. އަދި އޭނާގެ މޫނާއި އެއް ހަމައެއްގައި ހުރި ފޮތްތަކުގެ ތެރެއިން ފުދޭވަރަކަށް ބޯކޮށް ހުރި ފޮތެއް ނެގިއެވެ.

އެ ފޮތަށް އިރުކޮޅެއްވާންދެން ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު އޭނާ ކުރިން އިން ގޮނޑިއަށް ގޮސް އަނެއްކާވެސް އިށީނދެލިއެވެ. ނަމަވެސް އޭނާގެ ޙަރަކާތްތައް ހުރީ އެ ފޮތް ކިޔަން އުޅޭ މީހެއް ކަންކުރާނޭ ފަދައަކުން ނޫނެވެ. ފޮތް ހުޅުވާލުމަށްފަހު އޭނާ އެއަށް ބަލަހައްޓައިގެން އިރުކޮޅެއް ވާންދެން އިނެވެ. އެއަށްފަހު އެ ފޮތް ތެރެއިން އޭނާ ނެގީ ހިކިފައި އޮތް މަލެކެވެ. މަލުގައި ފަނޑު ފަނޑު ނޫކުލައެއް ހުއްޓެވެ. އެ މާ ނެގުމަށްފަހު ފޮތް ގަޔާއި ތަންކޮޅެއް ދުރުކޮށްލަމުން ނަބްހާން އޭނާގެ ހުރިހާ ސަމާލުކަމެއް އެ މަލަށް ދޫކޮށްލިއެވެ. އެއް އަތް މޭޒުމަތީގައި ދަމާލަމުން އެ އަތް މަތީ ބޯ އަޅާލުމަށްފަހު ނަބްހާން އެ މަލަށް ބަލަހައްޓައިގެން އޮތެވެ. ކުޑަދޮރާއިވީ ފަރާތަށް ނަބްހާން މޫނު ލައިގެން އޮތް އިރު، އޭނާ ހިއްލާލައިފައިވާ އަތުގައި އިން މަލަށް އެ ދޮރުން ފޭދިފައިވާ ފަނޑު އަލި އެޅިފައިވުމުން އެ މަލުގައިވާ ހިމަ ނާރުތައްވެސް ފާޅުވެފައި ހުއްޓެވެ.

އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވި ނަމަވެސް އެ ހިނިތުންވުން ދެމި އޮތީ ހިނދުކޮޅެއް ވާންދެނެވެ. ސިކުންތަކަށްފަހު ސިކުންތެއްގައި ހިނތުންވުން ފަނޑުވަމުން ގޮސް ނަބްހާންގެ ހިނިތުންވުން މުޅީންހެން ފިލާ ދިޔައީއެވެ. މާޒީގެ ހަނދާންތައް އޭނާގެ ލޯމައްޗަށް ސިފަވާން ފެށި އިރު އޭނާގެ ކަންފަތް ދޮށުގައި އެ މާޒީގެ ތެރެއިން އަޑުތައް ގުގުމާފަދައެވެ. މަޑުމަޑުން މަރާލި ލޮލުގެ ކަނަކުން ކަރުނަތިއްކެއް ވެއްޓިގެންގޮސް ނަބްހާންގެ ހުދުކުލައިގެ ޔުނީފޯމްގެ އަތްތެރެއަށް ފޭދިގެން ދިޔައެވެ. އެގޮތުގައި އޭނާ އޮތީ ގުޑިލަންވެސް ބޭނުންނުވެފައި ވާ ފަދައިންނެވެ.
...
އުޑުމަތި ސާފު ދުވަހެކެވެ. ވިލާރޮއްޖެއްހާހިސާބުވެސް ނެތް ނޫކުލައިގެ އުޑުމައްޗާއި ކަނޑު މަޑު އެދުވަހުގެ މޫދާއި ދިމާއަށް ނަޒަރު ހިންގާލި ކޮންމެ މީހެއްގެވެސް ހިތުގެ ހަމަޖެހުން އަނބުރާ އަންނާނެކަމާމެދު ޝައްކެއް ނެތެވެ. ރާޅުތައް ހުދު ދޮންވެލިގަނޑަށް ބޮސްދެމުން ދިޔައިރު އެ ރާޅުތަކުގެ އަޑު އެ ސަރަޙައްދުގައި ގުގުމާލައިފައި ވެއެވެ. އެ މަންޒަރުގެ ތެރެއިން ފާހަގަވަމުން ދިޔައީ ދެ ފިރިހެން ކުދިންނެވެ. އުމުރުން ގާތްގަނޑަކަށް އަށް އަހަރާއި ތޭރަ ވަރަކަށް އަހަރުގެ ދެކުދިންނެވެ.

ބޯޅައެއް ހިފައިގެން ދޮން ވެލިގަނޑުމަތީ ދެކުދިން ކުޅެމުން ދިޔައިރު އެކުދިންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެވެ. އެކުދިންގެ ވަށައިގެން ހިފާލައިފައި ވަނީ އެ ދެ އުފާވެރި ފިރިހެންކުދިންގެ ހުނުމުގެ އަޑެވެ. ސަކަރާތުގައި ދެކުދިން ދުވަމުން ދިޔައިރު ދުނިޔޭގެ ޚިޔާލެއް ފިކުރެއް އެ ޅަ ސިކުނޑިތަކުގައި ވާހެނެއް ހިއެއް ނުވެއެވެ. ވާންވީ ސަބަބެއް ވެސް ނެތެއްނޫންހެއްޔެވެ؟ އެ ދެކުދިން ދުވަމުން ދުވަމުން ގޮސް އެތަނުން އެއްކުއްޖަކަށް ގޯލެއް ޖެހުމާއި އެކީ ދެކުދިންވެސް ހަޅޭކާއި އެކީ ދުއްވައިގަތެވެ. އެ ދެކުދިން، ދެކުދިންގައިގައި ބައްދާލުމާއި އެކީ ފުމެމުން ދިޔައިރު ދެ ކުދިންގެ އަޑުން މުޅި ފަޒާ ގުގުމަމުން ދިޔައެވެ. މޫދު ކައިރީގައިވާ ހުދު ދޮންވެލިގަނޑަށް ބޮސްދެމުން ދިޔަ ރަޅުތަކުގެ އަޑުވެސް އެ ކުދިންގެ އަޑުގެ ތެރެއަށް އެކުވެގެން ދިޔައެވެ.
...
މޭޒުގައި ބޯ އަޅާލައިގެން އޮތް ނަބްހާން ތެދުވެލީ ކުއްލިއަކަށެވެ. އެއިރު އޭނާއަށް ފުން ނޭވާތަކެއް ލެވެމުން ދިޔައެވެ. އޭސީގެ ތެރޭގައިވެސް އޭނާގެ ނިތްމަތިން އޮށްދާ ހިއްލާލައިފައި ވެއެވެ. ނިތްމައްޗަށް އެޅިފައި ހުރި ބައެއް އިސްތަށިތަށް އެ ދާ ފެންތަކުގެ ސަބަބުން ނިތްކުރީގައި ތަތްލަވައިފައިވެސް ހުއްޓެވެ. ނޭވާލާން ދަތިވާހެން ހީވުމުން ނަބްހާން ގޮނޑި ދުރުކޮށްލަމުން ތެދުވިއެވެ. އެއަށްފަހު ދެކޮޅަށް ދެކޮޅަށް ކުޑަކޮށް ހިނގާލައިފައި އައިސް މޭޒުކައިރީ ހުއްޓެމުން މޭޒުގައި ދެއަތް އަޅުވައިފައި ގުދުވެލައިގެން އޮތެވެ. ހަމަހިމޭންކަން ވެރިވެފައި އޮތް ލައިބްރަރީގެ ނަބްހާން ހުރި ހިސާބުގައި އޭނާ މައިނޭވާ ލާ އަޑު އިވެމުން ދިޔައެވެ.

ހަމައަކަށް އެޅެންފެށުމުން މޫނުގައި ދެއަތް ކާއްތާލުމަށްފަހު އިސްތަށިގަނޑުގައި އޭނާ އަތް ހިންގާލިއެވެ. އެވަގުތު އޭނާގެ ނަޒަރު މޭޒުމަތީގައި ބާއްވާފައި އޮތް ފޮތާއި އެއާ ތަންކޮޅެއް ދުރުގައި އޮތް މަލަށް ހުއްޓުނެވެ. ހާސްކަމުގެ ސަބަބުން މަޑު ތުރުތުރެއް އުފެދިފައިވާ އަތުން ނަބްހާން އެ މާ ނެގިއެވެ. އަދި މަޑުމަޑުން އެ މާ އަނެއްކާވެސް ފޮތްތެރެއަށް ލުމަށްފަހު ލައްޕާލިއެވެ.

އެ ފޮތުގެ ތެރެއިން އެއިރު ގަނޑުކޮޅެއް ކުޑަކޮށް ނިކުމެފައި އޮތް ނަމަވެސް ނަބްހާން އޭތި ބަލާކަށެއް ނޫޅުނެވެ. އޭގެ ބަދަލުގައި އޭނާ އެ ގަނޑުކޮޅު ފޮތުގެ ތެރެއަށް ކޮށްޕާލީއެވެ. އަތުކުރީގައި އޮތް ގަޑިއަށް ނަޒަރެއް ހުއްޓާލަމުން ސްކޫލު ފޮތް ނަގައި އެއަށް ނަބްހާންގެ ސަމާލުކަން ހުސްކޮށްލީ އަދިވެސް ގަޑި ނިމެން ވިއްސަކަށް މިނެޓު އޮތުމުންނެވެ. އެހެނަސް އުޅެ އުޅެވެސް އޭނާއަށް އިތުރަކަށް ފިލާވަޅާއި މެދު ވިސްނޭ ގޮތެއް އެދުވަހަކު ނުވިއެވެ. އެހެންކަމުން އިތުރަށް އެކަމުގައި އޭނާގެ ހަކަތަ އިސްރާފުކުރަން ނޫޅެ ނަބްހާން ކްލާހަށް ދާން ނިންމިއެވެ. މުށިކުލައިގެ ބަނޑޭރިގަނޑުލީ ފޮތް އޭތި ކުރިންވެސް އިން ހަރުގައި ބައިންދައިފައި ނަބްހާން އޭނާ ގެނައި ފޮތްތައް ހިފައިގެން އެތަނުން ދިޔައެވެ.

ހުސްވަގުތު ކުރާނެ މާބޮޑު ކަމެއް ނެތުމުން ޝާޔަން ބޯ ހަމަޖައްސާލުމަށްޓަކައި ލައިބްރަރީއަށް ދިޔައެވެ. އޭނާއަކީ ސައްވީސް ގަޑި އިރު ފޮތް ކިއުމުގައި ނޫޅޭ ކުއްޖެއް ނަމަވެސް މަދުމަދުން ޝާޔަން ފޮތް ކިޔާ އުޅެއެވެ. އެއީވެސް އެގޮތުން އޭނާ ފޮތެއް ކިޔާލާހިތްވި ދުވަހެކެވެ. އާދައިގެ ހިނގުމެއްގައި ދިޔަ ޝާޔަންގެ މިސްރާބު ހުރީ ބިއްލޫރި ބިތްތަކުން އިމާރާތްކޮށްފައި ހުރި ލައިބްރަރީ އަށެވެ. އެތާ ތެރޭގައި މަދުމަދުން ޙަރަކާތްތެރިވަމުން ދިޔަ ކުދިން ޝާޔަން އެތަނާ ކައިރިވަމުން ދިޔަ ވަރަކަށް އޭނާއަށް ފެންނަމުން ދިޔައެވެ.

ލައިބްރަރީގެ ފުޅާ ދޮރު ކޮށްޕާލުމަށްފަހު އެތެރެއަށް ވަދެ ދެތިން ފިޔަވަޅު ނެގި ތަނާ އޭނާ ހުރި ދިމާއަށް އަންނަމުން ދިޔަ ނަބްހާން ޝާޔަންގެ ލޮލުގައި އަޅައިގަތެވެ. އެ މޫނުމަތިން ނުތަނަވަސްކަމުގެ އިތުރަށް މާޔޫސްކަން ފާޅުވަމުން ދިޔަހެން ޝާޔަންއަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ.

ދިގު ފިޔަވަޅުތަކެއްގައި އަންނަމުން ދިޔަ ނަބްހާން ޝާޔަން އާއި ދާދި ގާތުން ލައިފައި ދިޔަ އިރުވެސް އަޅާނުލުމުން ނަބްހާންއަށް އޭނާ އެތާ ހުރިކަން ނޭނގުނީ ކަމަށް ޝާޔަން ނިންމިއެވެ. ހިނދުކޮޅަކަށް އޭނާގެ ސިކުނޑި ޙިޞާރު ކޮށްލީ ނަބްހާން އެހާ ނުތަނަވަސްވެދާނޭ ކަމަކީ ކޮބައިކަމުގެ ޚިޔާލެވެ. އެ ޚިޔާލު ގަދަކަމުން ބޮލުން ނެރެލަމުން ޝާޔަން އޭނާގެ އަމިއްލަ މަސައްކަތައިގެން ކުރިޔަށް ދިޔައެވެ.

ޝާޔަންއަކީ ވާހަކަތަކަށްވުރެ ބޮޑަށް މައުލޫމާތާއި އެނޫންވެސް އެހެންކަހަލަ ލިޔުންތަކަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. އެ ދަތުރުގެ ފެށުމަކީ ކުޑައިރު އޭނާގެ ބައްޕަ ހަދިޔާކުރި ފޮތެކެވެ. އެ ފޮތް ކީ ފަހުން ދޭތެރެ ދޭތެރެއިން ޝާޔަން އޭނާގެ މައުލޫމާތު މުއްސަނދިވާނޭކަހަލަ ފޮތްތަކާއި އެހެނިހެންވެސް ލިޔުންތެރިކަމުގެ ފޮތްތައް ކިޔާ އުޅެއެވެ.

އޭނާ ފޮތް ހަރުތައް ބަލަމުން ދިޔައީ އެފަދަ ފޮތެއް އަތު ޖެހޭތޯއެވެ. އެހެނަސް އެތަށް އިރެއްވާންދެން އުޅެ އުޅެވެސް ޝާޔަންއަކަށް އަލިމަގެއް ނުފެނުނެވެ. އެންމެފަހުން އަމާންދިނުމަށްފަހު ލައިބްރޭރިއަން ކައިރި އެހުމަށް ޝާޔަން ހިނގައިގަތެވެ. "އެދިމާ އެތެރޭގަ އިން ޝެލްފް ބަލާލަބަ." ލައިބްރަރީގެ އެންމެ އެތެރެ ކަނަށް އިޝާރާތް ކުރަމުން ލައިބްރޭރިއަން ބުނެލިއެވެ. ޝާޔަން ހިނިތުންވުމަކާއިއެކު ޝުކުރު އަދާކޮށްފައި ލައިބްރޭރިއަން އިރުޝާދު ދިން ފަދައިން އެދިމާއަށް ދިޔައީ އުންމީދުން ފުރިގެންވާ ހިތަކައިގެންނެވެ.

އެތެރެއަށް ވަދެވެމުން ދިޔަ ވަރަކަށް ޝާޔަންއަށް އެކި ހަރުތައް ފެންނަމުން ދިޔައެވެ. އެހެނަސް އެންމެ އެތެރެއަށް އިން ހަރު ފެނުމުން ލައިބްރޭރިއަން އެބުނީ އެތަނުގެ ވާހަކަހެން ހީވުމުން ޝާޔަން ދެވަނަ ވިސްނުމަކަށް ނުގޮސް ބާރު ފިޔަވަޅުތަކެއްގައި އެ ހަރާއި ދިމާއަށް ހިނގައިގަތެވެ. އޭގެ މަތީގައި ހަރުކޮށްފައި އިން ނަން ބޯޑު ފެނުމުން ޝާޔަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެ މޫނުމަތިން ފާޅުވެގެން ދިޔައީ ހަމަޖެހުމުގެ ކުލަވަރުތަކެވެ.

ޝާޔަން ފޮތަކަށްފަހު ފޮތެއް ބަލަމުން ދިޔައީ ޝައުޤުވެރިކަމާއި އެކުއެވެ. އެހެނަސް އޭނާއަށް އޮޅިގެން ފޮތްތަކުގެ ދޭތެރެއިން ފެންނަން އޮތް ހުސް ޖާގަކޮޅަށް ނަޒަރު ހުއްޓާލެވުން ވަގުތު ޝާޔަންގެ ހުރިހާ ސަމާލުކަމެއް އެ ދޭތެރެއިން ފެންނަން ހުރި މޭޒާއި އެ މާޙައުލަށް ހުސްވިއެވެ. އޭނާގެ ސިކުނޑިއަށް ވަގުތުން އައީ އޭނާ ކުޑައިރު ބެލި ކާޓޫނެއްގައި ދައްކާ ލައިބްރަރީއެވެ. އެއާއި މާ ބޮޑު ގުޅުމެއް ނެތް ނަމަވެސް އެވެ. އެތަން އެއީ "ސީކްރެޓް ސްޕޮޓް" އެއް ބާވައޭ ޝާޔަންގެ ހިތް ބުނެލިއެވެ. ފޮތްތަކުން އަތް ދޫކޮށްލުމަށްފަހު ޝާޔަން މަޑު ފިޔަވަޅުތަކެއްގައި އެ ހަރުފަތް ނިމޭ ހިސާބުން އެތާ އެތެރެއަށް ވަދެވެން އިން ތަންކޮޅުން އެތެރެއަށް ބޯ ދިއްކޮށްލިއެވެ. ކުޑަދޮރުން ފޭދިފައިވާ އިރުގެ އަލި އޭނާގެ ލޮލަށް ވަގުތުން އެޅުމުން ޝާޔަންއަށް ބޭއިޚްތިޔާރުގައި ދެލޯ ތަގުޅިކޮށްލެވުނެވެ.

ހައިރާންކަމާއި ޝައުޤުވެރިކަމުން ޝާޔަންގެ ހިތް ފުރިގެންވާޙާލު އޭނާ އެތާ ތެރެއަށް ވަނެވެ. ނުހަނު ހިތްގައިމެވެ. ބޮލަށް އެހާމެ ފަސޭހައެވެ. ފޮތްތަކުގެ ވަހުން މުޅި ތަން އެއްވަސްކޮށްލައިފައިވެއެވެ. ބާ ފޮތްތަކުގެ އިތުރަށް އާ ފޮތްތަކުގެ ވަހާއި އެއްވެފައިވާ އޭސީގެ ފިނިކަން އައިސް ޝާޔަންގެ ހަށީގައި ބައްދާލާއިރު ލިބިގެންދަނީ އާދަޔާ ޚިލާފު ހިތްހަމެޖެހުމެކެވެ.

އިރުކޮޅެއް ވާންދެން އެތަން ދިރާސާކޮށްލުމަށްފަހު އެތަނުގެ އެންމެ އެތެރެއަށްވީ ބިތާއި އިންވެގެން ބަހައްޓާފައި ހުރި ހަރާއި ދިމާއަށް ޝާޔަން ހިނގައިގަތެވެ. އެއްވެސް ނަން ބޯޑެއްވެސް އެ ހަރުގައި ހަރުކޮށްފައި ނެތުމުން އެއީ ކޮން ބާވަތެއްގެ ފޮތްތަކެއްކަންވެސް އޭނާއަށް ދެނެގަންނާކަށް ނޭނގުނެވެ.

އެ ހަރަށް ބަލަހައްޓާއިގެން ދެތިން ސިކުންތުވާންދެން ހުރުމަށްފަހު އޭނާ އަތްފޯރާ ހިސާބުން އެންމެ ފަސޭހައިން ނެގެން އިން ފޮތް ނަގިއެވެ. ފޮތުގެ ބަނޑޭރިގަނޑުގައި ހަރުކޮށްފައި އިން ކަރުދާސްކޮޅުން ރަމްޒުކޮށްދެނީ އެއީ ޑޮނޭޓްކޮށްފައި އިން ފޮތެއް ކަމެވެ. އެ ފޮތުގެ އެތެރެ ބަލައިލުމަށްފަހު އެ ބައިންދާފައި ޝާޔަން އެހެން ފޮތެއް ނެގިއެވެ. އެ ފޮތުގެ ބަނޑޭރިގަނޑުންވެސް ބުނެދިނީ އެއީ ޑޮނޭޓްކޮށްފަ އިން ފޮތެއް ކަމެވެ. އެހެން ވީމަ އެ ހަރުގައި އެހުރީ ހުސް އެ ބާވަތުގެ ފޮތްތައް ތާއެވެ. އަދި އެ ފޮތްތައް އެހެން ހަރުތަކަށް ނާޅަނީ ކަންނޭނގެއެވެ. ކޮންމެ އަހަރެއްގެވެސް ނޮވެންބަރު ފަހަކާއި ޖެހެންދެން ފޮތް ޑޮނޭޓް ކުރުމުގެ ހުއްދަ އެ ސްކޫލުގެ ކުދިންނަށް ދީފައި އޮވެއެވެ. ނޮވެންބަރު ފަހަކީ ސްކޫލުގެ އަހަރީ ދުވަހަށް ވެފައި އެދުވަހު އެ ހުރިހާ ފޮތްތަކެއް ހަރުތަކަށް އަޅާ ތަރުތީބު ކުރާނެއެވެ. އޭގެ ކުރިން އެ ފޮތްތައް ހުންނާނީ ޝާޔަންއަށް އެ ފެނުނު ހަރުގައެވެ. އެއީ އެންމެ ކުރީއްސުރެވެސް އެ ސްކޫލުގައި ބަރާބަރަށް ހިންގެމުން އަންނަ ތަރުޙީބު ބޮޑު ޙަރަކާތެކެވެ. އެ ސްކޫލުގެ ސަޤާފަތެކެވެ.

ޝާޔަން އޭގެ ކުރިމަތީގައި ހުއްޓި ހުރި ހަރުގައި ތަރުތީބުކޮށްފައިވާ ފޮތްތައް ބަލަމުން ދަނިކޮށް އެ ހުރިހާ ފޮތަކާއި ތަފާތު ފޮތެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭގެ ބަނޑޭރިގަނޑުގައި އެއީ ހަދިޔާކޮށްފައިވާ ފޮތެއްކަން އަންގައިދޭ އެއްވެސް ކަރުދާސްކޮޅެއް ނުވަތަ ނިޝާނެއްވެސް ނެތެވެ. އޭގެ އިތުރުން ދެން ފާހަގަވި އާދަޔާ ޚިލާފު ކަމަކީ އޭގައި އެ ލައިބްރަރީއާއި ގުޅުމެއް ވާކަމުގެ އެއްވެސް ނިޝާނެއްވެސް ފެންނަން ނެތުމެވެ. މުށި ކުލައިގެ ބަނޑޭރިގަނޑެއް ލާފައިވާ އެ ފޮތް ނެގުމަށް ޝާޔަންގެ ހިތް އެދި ގޮވަމުން ދިޔުމުން ޝާޔަން އެ ހިތުގެ އެދުމަށް އިޖާބަދިނެވެ. އެ ފޮތް ހުޅުވާލުމާއި އެކީ އޭނާއަށް މަރުޙަބާ ކިއީ ހުދުކުލައިގެ ހުސް ގަނޑެކެވެ. އެއަށްފަހު ދެވަނަ ގަނޑު އެއްލަމުން އައިސް އޭނާ ގޮނޑީގައި އިށީނދެލިއެވެ.

އެގަނޑުގައި ވެސް އެކައްޗެއްވެސް ނެތެވެ. ތިންވަނަ ގަނޑުވެސް އެއްލިއެވެ. ކުރިއެރުމެއް ނުލިބުނެވެ. ޝާޔަންގެ ހައިރާންކަން ދިޔައީ އެއްލަމުންދިޔަ ކޮންމެ ގަނޑަކާއި އެކީ އިތުރުވަމުންނެވެ. އެންމެފަހުން ބޮޑުވާ އިނގިލިން އެއްފަހަރާ ގަނޑުތައް އުކާލިއެވެ. ގަލަމު ދެލީގެ އެންމެ ނިޝާނެއް ނުފެނުން ނަމަވެސް އެ ފޮތުގެ ގަނޑުތަކުގެ ތެރެއިން ކޮފީކުލައިގެ ގަނޑުކޮޅެއް އޭނާގެ ލޮލުގައި އަޅައިގަތެވެ.

އަވަސް އަވަހަށް ފޮތުގެ ގަނޑުތައް ފޭ ކޮށްލުމަށްފަހު އޭނާ އެ ގަނޑުކޮޅު ނަގައި ބަލައިލިއެވެ. އެގަނޑުކޮޅުގައި ލިޔެފައި އޮތް ޢިބާރާތްކޮޅުން ޝާޔަންގެ އަނގައިން ބަސް ހުސްވިކަހަލައެވެ. "ޝުޑް އައި ޑައި؟" ލިބުނު ހައިރާންކަމާއި ސިހުމުން އޭނާއަށް އިރުކޮޅެއް ވާންދެން އެޔަށް ބަލަހައްޓައިގެން އިނދެވުނެވެ.

"މިއީ ކުއްޖަކު ކޮށްލި ސަމާސާއެއް ކަންނޭނގެ ދޯ؟ މީތި އަސްލަކަށް ހަމަ ވެދާނެތަ؟ ހުމްމް. އިޓް މަސްޓް ބީ އެ ޕްރޭންކް." ޝާޔަން އަމިއްލަ އަމިއްލައަށް ވާހަކަ ދައްކަމުން ދިޔައެވެ. ހީވަނީ އޭނާގެ އަމިއްލަ ނަފްސަށް އެ ޙާލަތު ވިސްނައިދޭން އުޅޭ ހެންނެވެ. ޙަޤީޤަތަކީ ކޮބައިކަން ހިތުގެ ކޮންމެވެސް ހިސާބަކުން ގޮވަ ގޮވާ އޮތް ނަމަވެސް އެވެ. އޭނާގެ 'ކުދިންނާ ބީރައްޓެހި' ކަމަށް ދައްކާ ސިފަތަކުގެ އެއްވެސް ކުލަވަރެއް ޝާޔަންގެ މޫނުމަތިން އެވަގުތު ފާޅެއް ނުވެއެވެ. އޭގެ ބަދަލުގައި ނުތަނަވަސްކަން އެ އަޑުގައި ކޮންމެވެސް ވަރަކަށް ހުއްޓެވެ.

ގޮނޑިއަށް ލެނގިލުމަށްފަހު ދެއަތް މޭމަތިން ހުރަސްކޮށްލަމުން ޝާޔަން ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލީ އެ ގަނޑުކޮޅާމެދު ވިސްނަމުންނެވެ. އެއީ ކާކު ލިޔެފާނެއް އެއްޗެއް ބާވައެވެ؟ މިދުނިޔޭގެ ހުރިހާ ކަމަކަށް ވަދާޢީ ސަލާމް ކުރަން އެހާބޮޑަށް ބޭނުންވާ އެ ކުއްޖަކީ ކޮބައިބާވައެވެ؟ އެކަހަލަ ޚިޔާލެއް ގެންގުޅެނީވެސް ކާކުބާވައެވެ؟ އޭނާ ވިސްނާ ވިސްނާވެސް ހަމަ ހިލާ އެކަހަލަ ޚިޔާލެއް ގެންގުޅެފާނެ ކުއްޖެއްގެ ނަން ޝާޔަންގެ ސިކުނޑިއަކަށް ނައެވެ. އެހެނަސް މީހެއްގެ ބޭރުފުށުން ދައްކާ ސިފައަކުން މިކަހަލަ ކަމެއް ދެނެ ނުގަނެވޭނެކަން އޭނާގެ ސިކުނޑި އެވަގުތު ޝާޔަންއަށް ވިސްނައިދިނުމުން އަމިއްލައަށް ޗުސް ތަޅުވާލިއެވެ.

އޭނާއަކީ ކޮންމެހެން މަތިންބައިންޖެހިގެން މީހެއްގެ ކަމަކަށް ވަންނަން އުޅޭނެ މީހެއް ނޫނެވެ. އެހެނަސް އެ ގަނޑުކޮޅުގައި އެ ވާ ތިން ލަފްޒުގެ ބަސްކޮޅުން އޭނާއަށް ދެއަތް އުރާލައިގެން ހުރެވޭނެކަމާމެދު ޝައްކެވެ. އެ ގަނޑުކޮޅަށް ބާރުދޭނޭ އިތުރު ގަނޑުކޮޅެއް ފެނިދާނެ ކަމުގެ އުންމީދުގައި ޝާޔަން ޖެހިގެން އޮތް ގަނޑު އެއްލިއެވެ. އެހެނަސް އޭނާއަށް ކުރިމަތިވީ ނާކާމިޔާބީއެވެ. އެންމެފަހުން ކުރިންވެސް އޭނާ ކަންތައްކުރިހެން ބޮޑުވާއިނގިލީގެ އެހީގައި ބައިވަރު ގަނޑުތައް އެކީ އުކާލިއެވެ. އެހެން ގަނޑުކޮޅެއް އެ ޞަފްޙާތަކުގެ ތެރެއިން ޝާޔަންގެ ލޮލުގައި އަޅައިގަތުމުން އަވަހަށް އެ ގަނޑުކޮޅު ނަގައި ހުޅުވާލިއެވެ. ކުރިން ނެގި ގަނޑުކޮޅަށްވުރެ މިފަހަރުގެ ގަނޑުކޮޅު ތަންކޮޅެއް ބޮޑެވެ.

"ތިމާގެ އަމިއްލަ ނަފްސު ޚުދު ތިމާއަށްވެސް އިޙުސާސް ނުވާހާ އަވަހަށް ބަދަލުވެގެން ދާއިރުވެސް އެކަމުގެ ކުޑަވެސް ހިލަމެއް އަހަރެމެންނަށް ނުވެއެވެ. ބިރުވެރި ދޯއެވެ؟ އެއް އިރެއްގައި ތިމާ އެންމެ ކުރާހިތްވި ކަންތައްތަކަށް ފަހުން ތިމާގެ ހިތެއް ނުލެނބޭނެއެވެ. ތިމާ ކުރަން އެންމެ ލޯބިވި ކަންތައް މިއަދު ތިމާގެ ހިތް އުފަލުން ފުރާލައެއް ނުދޭނެއެވެ. ތިމާ އެކަމެއް ކުރާހިތުން ކެތްތެރިކަން ކުޑަވި ކަންތައް އެއީ މިއަދު ތިމާއަށް މާ އަގުހުރި އެއްޗަކަށް ނުވާނެއެވެ.

ހައިރާންވޭދޯއެވެ؟ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ދެން އެ އެއްވެސް ކަމެއް އެއީ ތިމާއަށް އެއް އިޙުސާސްތަކެއް ފޯރުކޮށްދޭ އެއްޗަކަށް ނުވާނެއެވެ. ކީއްވެކަން އިނގޭހެއްޔެވެ؟ ސަބަބަކީ، މިއީ އެހާރެއް ނޫނެވެ. މިއީ މިހާރެވެ. އިޓްސް ނޮޓް ދަ ޕާސަން ޔޫ ވާރ. އިޓްސް ދަ ޕާސަން ޔޫ އާރ. ހުރިހާ ކަމެއްވެސް ބަދަލުވެއްޖެއެވެ. ވަގުތުވެސް އުދުހިގެން ހިނގައްޖެއެވެ. ދެން އެއްވެސް ކަމެއް ދުވަހަކުވެސް އެއްގޮތެއް ނުވާނެއެވެ."

އެ ގަނޑުކޮޅު ކިޔާ ނިމުން އިރު ކުރީ ފަހަރެކޭ އެއްފަދައިން އަންތަރީސްވެފައި ޝާޔަން އަށް އިނދެވުނީއެވެ. އެ ލަފްޒުތަކުގެ ފުން ކަނޑަށް ގެންބެމުން އޭނާ ދިޔައެވެ. އެ ބަހުގެ ތެދުކަން އޭނާއަށް އިޙުސާސްވީ ކަންނޭނގެއެވެ. އެއީ ކާކު ލިޔުނު ލިޔުންކޮޅެއް ބާވައެވެ؟ އެ ލިޔުންތެރިއަކީ ކާކުކަން ހޯދަން އެ ހިތް އެވަގުތު ގޮވަން ފެށީ ނުހަނު ބާރަށެވެ. ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް ޚިޔާލެއް އައުމުން ކުރިން ކީ ގަނޑުކޮޅު ހޯދުމަށްފަހު އެ ގަނޑުކޮޅު ފަހުން އޭނާ ކީ ގަނޑުކޮޅު ކައިރީގައި ބާއްވާލިއެވެ. އަދި ދޭތީގައިވެސް ހުރި އަތުލިޔުން ޝާޔަން ނިކަން ސަމާލުކަންދީގެން ދިރާސާކުރަމުން ދިޔައެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އެ ލިޔެފައި ވަނީ އެކަކެވެ. ދެ ގަނޑުކޮޅުގައިވެސް ވަނީ އެއް އަތުލިޔުމެކެވެ. ފޮތުގެ ގަނޑުތައް އަނެއްކާވެސް އުކަން ފަށަށް އުޅެނިކޮށް ޖަހާލި ބެލްގެ އަޑު މުޅި ސްކޫލުގައި ގުގުމައިގެން ދިޔައެވެ.

ޝާޔަން މޫނަށް ވައްތަރެއް ޖައްސާލަމުން ޗޮއް ކަނޑާލައިފައި އިންތަނުން ތެދުވިއެވެ. ހިތާ ދެކޮޅަށް ނަމަވެސް އެ ފޮތް ކުރިންވެސް އޮތް ތަނުގައި ބޭންދުމަށްފަހު ގޮނޑި މޭޒާއި ކައިރިކޮށްލައިފައި ޝާޔަން ލައިބްރަރީއިން ނިކުންނަން ދިޔައެވެ.
ކްލާހަށް ވަދެ ގޮނޑީގައި ހަމަޖެހިލިވަގުތު ޝާޔަންގެ މޭޒު ކައިރިއަށް ވެއްޓިފައި އޮތް ގަލަން އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ގަލަން ނަގައި ދެލޯ ހަނިކޮށްލަމުން އޭނާ އެއަށް ބަލައިލިއެވެ. އެއަށްފަހު ޕާސް ހުޅުވުމުން އެއީ އޭނާގެ ގަލަމެއް ނޫންކަން ޝާޔަންއަށް ޔަޤީންވުމުން ވަށައިގެން ބަލައިލެވުނެވެ. ޝާޔަން އޭނާގެ ކުރިމަތީގައި އިން ކުއްޖާގެ ގޮނޑީގައި ފައިން މަޑުމަޑުން ޖަހާލުމުން އެކުއްޖާ އެނބުރިލިއެވެ. އެ ގަލަން ދެއްކުމަށްފަހު އެއީ އެކުއްޖާގެ އެއްޗެއްތޯ ސުވާލު ކޮށްލުމުން ވަގުތުން ނޫނެކޭ ބުންޏެވެ.

އެހެން ހެއްޔޭ ބުނަމުން ޝާޔަން އެހެން ދިމާއަށް ބަލައިލި ވަގުތު ނަބްހާން މަތިން ހަނދާންވިއެވެ. "މިއީ ނަބްހާންގެތަ؟" ނަބްހާންއަށް އިވޭވަރަށް ޝާޔަން އަހާލިއެވެ. ނަބްހާން އޮޅުންބޮޅުން ގަނޑެއް ތެރޭގައި ހުރެ އޭނާގެ މޭޒުގެ ކަބަޑުގައި އަތް ޖައްސާލިއެވެ. އެއަށްފަހު ދެބިމަ ގާތްކޮށްލުމުން ކުޑަކޮށް ގުދުވެ އެތާ އެތެރެ ބަލައިލުމަށްފަހު ހަށިގަނޑު ތެދުކޮށްލަމުން ޝާޔަންއަށް ބޯ ޖަހާލިއެވެ. އެއަށްފަހު އެ ގަލަމުގައި ހިފަމުން ހިނިތުންވުމަކާއި އެކީ ނަބްހާން ޝާޔަންއަށް ޝުކުރު އަދާކުރިއެވެ. ކިތަންމެ ލުއި ހިނިތުންވުމެއް ނަމަވެސް ނަބްހާންގެ ކޮލުން އެވަގުތު އަޑިކޮޅެއް ފާޅުވިއެވެ.

އެއީ މައްސަލައެއް ނޫން ކަމުގައި ބުނެ ނަބްހާންއަށް ޖަވާބުދިނުމަށްފަހު ޝާޔަން އޭނާގެ ގޮނޑިއަށް ލެނގިލިއެވެ. މުދައްރިސް އަންނާންދެން އިންތިޒާރު ކުރުމަށްޓަކައެވެ.

ހިސާބު ގަޑީގައި މުދައްރިސް ޝާޔަންމެން ލައްވާ ޕާސްޓްޕޭޕަރުން ތަފާތު އެކި ނަންބަރު ހަދުވަމުން ދިޔައިރު އެކި ކުދިންގެ ވަކި ވަކި ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި އެއް ކުއްޖެއް ކައިރިން އަނެއް ކުއްޖެއް ކައިރިއަށް ހިސާބު މުދައްރިސް ހިނގަ ހިނގާ ކްލާސްތެރޭގައި އުޅެއެވެ. ނަމަވެސް މުދައްރިސް ދެންމެ ހަވާލުކުރި ނަންބަރުގެ ވަކި ހިސާބަކުން ހަމަ އެއްގޮތަކަށްވެސް ކުރިއަށް ދާން ނޭނގިފައި އިން ޝާޔަން އިނީ ސިކުނޑި ސުމަކަށްދާ ވަރުވެފައެވެ. އެހެން ކުދިން އަތް ހިއްލަމުން ދިޔަ ވަރުން އޭނާއަށް ފުރުސަތެއް ލިބޭ ގޮތެއްވެސް ވީއެއް ނޫނެވެ. ޝާޔަން ފަންސޫރުގެ އިތުރުން ފައިވެސް ތަޅުވާލަ ތަޅުވާލާ އިނީ އެ ނަންބަރު އިތުރަށް ކުރިޔަށް ގެންދާނެ ގޮތެއް ސިކުނޑިއަށް އާދޭތޯ ވިސްނަމުންނެވެ.

ހިސާބު މިއީ ވާ މާއްދާއެކެވެ. އެހެނަސް އެ މާއްދާ ކިތަންމެ އުނދަގުލަސް ޝާޔަން އެ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. ސަބަބެއް ޚުދު އޭނާއަށްވެސް އިނގެނީ އެއް ނޫނެވެ. އެކަމާހުރެ ބައެއް ފަހަރަށް އޭނާއަށް ނިކަން ރުޅިވެސް އާދެވެއެވެ. އޭނާ އެ މާއްދާ ނެގީ ހިސާބު ކިޔަވާނީ މޮޅު ކުދިންނޭ ކިޔާތީ ބާވައެވެ؟ ޔަޤީނެވެ. އޭނާ އޭލެވެލްގައި އެގާރަ ބާރަ ކިޔަވަން ފެށި ސަބަބަކީ ރަނގަޅަށް ވިއްޔާ އެއީއެވެ.

އެގޮތުގައި މުދައްރިސް މަސައްކަތް ކުރަމުން ދަނިކޮށް ބެލް ޖަހާލިއެވެ. ހިސާބު ގަޑިއަށް ނިމުން އައީކަން މުޅި ކްލާހަށް އިޢުލާން ކުރަމުންނެވެ. ޝާޔަންގެ ހިތް މާޔޫސްވެލިއެވެ. ގޭގައި ކުރަން ޖެހޭ މަސައްކަތެއް ނުބެހެއްޓުމަށް އޭނާ ކުރި ފޮނި އުއްމީދުގައި ހިސާބު މާއްދާއިން އެ ޖެހީ ކޮޅުފައި ވިއްޔާއެވެ. ބުނާ ކަހަލައެވެ. ޝާޔަން ކިތަންމެ ބޭނުންވިޔަސް ދުވަހަކުވެސް ޝާޔަން ފަހަތަކުން ތިމަންނާ ނުނެއްޓޭނަމެވެ.

"ވަގުތުކޮޅު މާ ކުޑައީއޭ ދޯ؟ ހުރިހާކުދިންގެ ޑައުޓްސްތައް މިގަޑީގަ ކްލިއަރ ނުކުރެވުނަސް ސަރ އަށް ވީ ވަރަކުން ކިޔައިދޭނަން. ހާސް ނުވޭ!" ފުޅާ ހިނިތުންވުމަކާއި އެކީ ބުނެލުމަށްފަހު ހިސާބު މުދައްރިސް ކްލާހުން ނިކުމެގެން ދިޔައެވެ. ޝާޔަންއަށް ބޭއިޚްތިޔާރުގައި ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މާޔޫސީ ރާގަކަށެވެ.

މީހަކު އޭނާއަށް ބަލާހެން ހީވެގެން ޝާޔަން އެއްފަރާތަކަށް ބަލައިލި އިރު ނަބްހާން އިނީ ސުވާލުގެ ނަޒަރަކުން އޭނާއަށް ބަލަހައްޓައިގެންނެވެ. ޝާޔަން ދެބުމަ ގާތްކޮށްލުމަށްފަހު މޭޒުމަތީގައި އޮތް ލޮގް ފޮތާއި ޕާސްޓްޕޭޕަރ ލައްޕާލުމަށްފަހު ކަބަޑު ތެރެއަށް ލިއެވެ. ދެން އޮތީ ދުވަހުގެ އެންމެ ފަހު ގަޑި ކަމުން ހިތާހިތުން އެކަމާ އުފާ ފާޅުކުރަމުންވެސް މެއެވެ.

"މެތްސް ފިލާވަޅު ހަދަން ހެލްޕެއް ބޭނުންވޭތަ؟" ނަބްހާންގެ އަޑަށް ޝާޔަން އިސްއުފުލާލިއެވެ. މުދައްރިސް ކްލާހުގައި ހުރި އިރު ޝާޔަން އިރުކޮޅަކާ އަތް އުފުލާލަން އުޅޭތަން ނަބްހާންގެ ލޮލުގެ ހިމަކޮޅުން އޭނާ ދުށްޓެވެ. އެހެނަސް އެ ފުރުސަތު މިއަދު ޝާޔަންއަށް ނުލިބުމާއި އެކީ ޝާޔަންގެ މޫނުމަތިން ފާޅުވޭވޭ ހުރި އަސަރުތަކުން ނަބްހާންއަށް ކަމެއް ދެނެގަނެވުނެވެ. ޝާޔަން އެ ފިލާވަޅުގައި އެހީތެރިކަން ބޭނުންވާކަމެވެ. އަހަން ނާހަން ހުރެފައިވެސް ކޮންމެވެސް ވަރެއްގެ ފަސްޖެހުމަކާއި އެކީ އޭނާގެ 'ކޮމްފޯޓް ޒޯނުން' ނިކުންނަމުން ނަބްހާން އެ ސުވާލު ކުރީ އެހެންވެއެވެ.

ޝާޔަން އިރުކޮޅެއް ވާންދެން ވިސްނަން އިނުމަށްފަހު ލަސްލަހުން ބޯ ޖަހާލިއެވެ. އަމިއްލައަށް މޮޅުކަމަށް ހެދިގެން އުޅުނަކަސް ނުވާނެއެވެ. އޭނާގެ 'އީގޯ' ކިތަންމެ ބޮޑަސް އެއްބައި ފަހަރު ގޮތް ދޫކޮށް މީހުންގެ ފަރާތުން އެހީތެރިކަމަށްވެސް އެދެންވާނެ ކަންނޭނގެއެވެ. ފާއިތުވީ ދުވަސްތަކުގައި ނަބްހާންގެ ތަޢުލީމީ ފެންވަރު އޭނާއަށް ވަނީ ވަޒަންކުރެވިފައެވެ. ވީއިރު ނަބްހާން އެ ދިއްކޮށްލި އެހީތެރިކަމުގެ އަތުގައި ނުހިފަންވީ އެއްވެސް ސަބަބެއް ނެތެވެ. އަނެއްކޮޅުން އެ މާއްދާއަކީ އޭނާއަށް މާ ފަސޭހަ މާއްދާއަކަށް ނުވާއިރު އެހާ ދޯދިޔާކޮށް ކަންކަން ކުރެވޭކަށްވެސް ނެތެވެ.

ނަބްހާން އޭނާގެ ފޮތް ޝާޔަންއަށް ފެންނާނެހެން މޭޒުމަތީގައި ބޭއްވިއެވެ. އަދި އޭނާ ހަދާފައިވާ ނަންބަރު ދައްކަމުން ސްޓެޕްތައް ވަކިވަކިން ކިޔައިދެމުން ދިޔައެވެ. އެހެނަސް ޝާޔަންއަކަށް އެންމެ ރަނގަޅަށް ފަހުމްވާ ގޮތެއް ނުވިއެވެ. "އަހަރެން އެހެން ގަނޑެއްގަ މި ނަންބަރ ހަދާނަން. އެއިރަށް ތަންކޮޅެއް ފަސޭހައިން ގެޓްވެދާނެ ކަންނޭނގެ." ނަބްހާން އޭނާގެ ނޯޓު ފޮތުން ގަނޑެއް ކަނޑާލުމަށްފަހު ގަލަމުން އެ ނަންބަރު ހަދަމުން ޝާޔަންއަށް ކިޔައިދެމުން ދިޔައެވެ. ނަބްހާންގެ ކޮންމެ ޖުމްލައަކަށް ޝާޔަން ބޯ ޖަހަމުން ދިޔައިރު އޭނާގެ މޫނުމައްޗަށް ވެރިވަމުން ދިޔަ ކުލަވަރުތަކުން ވާނުވާ އޮޅުންފިލާކަން ދޭހަކޮށްދެމުން ދިޔައެވެ.

"ދެޓްސް އިޓް. ފަސޭހައެއްނު؟" އީކުއަލް ފާހަގައަށްފަހު ފައިނަލް ޖަވާބު ލިޔަމުން ކައިރީގައި ދެ ރޮނގު ކޮޅު އަޅާލި ވަގުތު ނަބްހާން ބުނެލިއެވެ. ޝާޔަން ބޯ ޖަހާލުމަށްފަހު މިހާރު އެނގިއްޖެ ކަމުގައި ބުންޏެވެ. އަދި ލުއި ހިނިތުންވުމަކާއިއެކު ޝުކުރު އަދާކޮށްލަމުން ގޮނޑީގައި ހަމަޖެހިލިއެވެ. "މީތި ޝާޔަން އަތުގަ ބާއްވަންވީނުން؟ ފަހުންވެސް މިކަހަލަ ނަންބަރެއް ހަދާއިރު ނޭނގިއްޖެއްޔާ ބަލައިލެވޭނެ އެއިރުން." ނަބްހާން ގެންގުޅުނު ގަނޑު ދިއްކޮށްލަމުން އޭނާ މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. ޝާޔަން އެ ގަނޑުގައި ހިފުމަށްފަހު ފަތް ޖަހާލައިފައި އޭނާގެ ހިސާބު ފޮތް ތެރެއަށް ލިއެވެ. އެކަކަށްވެސް އިޙުސާސް ނުވި ނަމަވެސް އެ ވަގުތުން ފެށިގެން އާ އެކުވެރިކަމެއްގެ ގަހެއްގައި އަލަށް ކުރިއެއް ފަޅައިފިއެވެ.

ސިކުންތުތައް މިނެޓުތަކަށް ބަދަލުވެ ވަގުތުތައް ފާއިތުވަމުން ގޮސް މުޅި ސްކޫލުގައި ރަންގަބީލުގެ އަޑު ގުގުމާލިއެވެ. އެއާއި އެކީ ކުދިންތައް ދަބަހަށް ފޮތްތައް އަޅައިގެން ކްލާހުން ނިކުންނަން ފެށިއެވެ. ޝާޔަންވެސް އޭނާގެ ކޮނޑުގައި ދަބަސް އަޅުވާލަމުން ކްލާހުން ނިކުންނަން ދާން އެނބުރިލިއެވެ. އެހެނަސް ނަބްހާން އިންގޮތަށް އިނީއެވެ. ލިޔަން އިން ފޮތް ލައްޕާލާ ކަހަލަ ޚިޔާލެއްވެސް ކުރިހެނެއް ހިއެއް ނުވެއެވެ.

ނަބްހާންއާއި ވާހަކަ ދެއްކުނު މަދު ފަހަރުތަކުން އެއީ ގޯސް ކުއްޖެއްހެން ޝާޔަންއަކަށް ހިއެއް ނުވެއެވެ. އަނެއްކޮޅުން މިއަދު އޭނާއަށް އެހީތެރިވެފައިވުމާއި އެކީ އެއްޗެއް ނުބުނެ ދިޔުމީ އެހާ ރަނގަޅު ގޮތެއް ނޫންކަމުގައި ޝާޔަންގެ ހިތް ބުނަން ފެށީ ކީއްވެ ކަމެއް ނޭނގއެވެ. މީގެ ކުރިން އޭނާއަކީ އެފަދައިން އެހެން މީހުންގެ ކަންކަމާ އެއްވެސް ވަރަކަށް ބެހުނު މީހެއް ނޫނެވެ. އެހެނަސް ނަބްހާންއަށް އޭނާ ކޮންމެވެސް ވަރަކަށް ދަރަނިވެރިވެފައިވާކަމުގެ އިޙުސާސް ޝާޔަންއަށް ކުރެވެމުން ދިޔައެވެ.

ދެލޯ މަރާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން ޝާޔަން ނަބްހާންއާއިވީ ފަރާތަށް އެނބުރިލިއެވެ. "ގެއަށް.. ނުދަނީތަ؟" ނިތްކުރި ކުޑަކޮށް ކަހާލަމުން ޝާޔަން ކޮންމެވެސް ވަރެއްގެ ހުއްޓުމަކާއި އެކީ ނަބްހާންއާއި ސުވާލުކޮށްލިއެވެ. ޝާޔަންގެ އަޑަށް އިސްއުފުލާލި ނަބްހާން ފުރަތަމަ ހުރީ އޮޅުމެއްގެ ތެރޭގައެވެ. އޭނާއަށް ޝާޔަން އެބުނި އެއްޗެއް ދޭހަވީވެސް ކުޑަ އިރުކޮޅެއް ފަހުންނެވެ. "އޯހް.. ގެއަށް ދޯ؟.. ސެލްފް ސްޓަޑީއަށް މިއަދު މި މަޑުކުރަނީ ކްލާހުގަ." ނަބްހާން އޭނާ ގެންގުޅުނު ގަލަން ފޮތްމަތީގަ ބާއްވާލަމުން ބުނެލިއެވެ.

ޝާޔަން އެންމެ ސިކުންތެއްވެސް ބޭކާރު ކުރުމެއްނެތި އެހެން ހެއްޔޭ ބުނުމަށްފަހު ކްލާހުން ނިކުމެގެން ދިޔައެވެ. ޝާޔަން ދިޔަ ދިމާލަށް ސުވާލެއްގެ ތެރޭގައި ހުރެ އިރުކޮޅެއް ވާންދެން ބަލަހައްޓައިގެން އިނުމަށްފަހު ނަބްހާން އޭނާގެ މަސައްކަތަށް އެނބުރިލިއެވެ.

"އެއީތަ ޓޮޕް ސްޓޫޑެންޓްސް އުޅޭ ގޮތަކީ؟ އަހަރެން އެހެން ވީމަ ހާދަ ފަހަތެއްގައޭ ދޯ މިއުޅެނީ." ޝާޔަން ކްލާހުން ނިކުމެގެން ދަމުން ހިތާހިތުން ކިޔާލިއެވެ.

ކްލާހުގައި އިން ނަބްހާން އޭނާގެ ގަޑިއަށް ބަލައިލުމަށްފަހު ކަބަޑުތެރޭގައި އޮތް ފޯނު ނެގިއެވެ. އަދި ނަންބަރުތަކަށް ފިތާލުމަށްފަހު ފޯނު ކަންފަތުގައި ޖައްސައިގެން ދެފައި ތަޅުވާލަ ތަޅުވާލަ އިނެވެ. އެމީހެއް އެކޮޅުން ފޯނު ނަގާނެ އިރެއްގެ އިންތިޒާރުގައެވެ. "ބޭބެ މިއަދު ހަގަޑި ބައިގަ އާދޭ އިނގޭ. ތަންކޮޅެއް ލަހުން ނިމޭނީ." އެކޮޅުން އެމީހާ ވާހަކަ ދައްކަން ފެށުމާއި އެކީ ނަބްހާން އަވަހަށް ބުނެލިއެވެ. އެކޮޅުން ވާހަކަ ދެއްކި މީހާ ބުނި ކޮންމެވެސް އެއްޗަކަށް ލައްބައޭ ބުނުމަށްފަހު ކޯލް ކުރުކޮށްލަމުން ނަބްހާން އޭނާގެ ފޯނު އެ އަނބުރާ އޮތްތަނަށް ލިއެވެ.

އެއިރު ހަދަން އިން ފިލާވަޅު ނިމުމުން ނަބްހާން އެ ފޮތް ލައްޕާލިއެވެ. އަދި ގަލަން މޭޒުމަތީގައި ބޭއްވުމަށްފަހު މޯޅިއަކަށް ދެމިލައިފައި ކަނދުރާގައި އަތްތިލަ ޖައްސާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ދަބަހުން އެހެން ފޮތެއް ނެގުމަށްފަހު އެދުވަހަށް ގޭގައި ކުރާނެ މަސައްކަތެއް ގޮތުގައި ދީފައިވާ ފިލާވަޅު އޭނާ ހަދަން ފެށިއެވެ. ގަޑިއަށް ބަލައިލުމަށްފަހު ބޮޑުކަށި ހަޔަކަށް ހުއްޓުމާއި އެކީ އޭނާ ލިޔަން ފެށިއެވެ. ނަބްހާން އެ ފިލާވަޅުތައް އެ ނިންމަނީ އެ މަސައްކަތަކީ ޗެލެންޖެއް ނުވަތަ ގޭމެއް ގޮތުގައި ދެކިގެންނެވެ. ވަކި މިނެޓެއްތެރޭ މަސައްކަތްތައް ނިންމާލުމަކީ އޭނާގެ އަމާޒެވެ. ކުރާހިތުން ހުރެ ފިލާވަޅުތައް ހަދާ ނިންމާލުމަށް ނަބްހާން ދެކޭގޮތުގަ އެއީ ނިކަން މޮޅު އުކުޅެކެވެ.

ކަބަޑުގައި އޮތް ފޯނު އެލާމްވި އަޑަށް އަޅާލުމެއްނެތި ނަބްހާން އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ލިޔަމުން ދިޔައީ އެންމެ ފަހު ޖުމްލައަށްވެފައި އެހާ ހިސާބުން މަސައްކަތް މެދުކަނޑާލަން އޭނަ ބޭނުން ނުވީއެވެ. އެ ޖުމްލަ ލިޔެ ނިމުމުން ނަބްހާން އޭނާގެ ގަލަން ފޮތްމައްޗަށް ދޫކޮށްލުމަށްފަހު ކަބަޑުގައި އޮތް ފޯނު ނަގައި އެލާމް އޮފް ކޮށްލިއެވެ. އަދި ފޮތް ލައްޕާލުމަށްފަހު ދަބަހަށް ފޮތް އަޅަން ފެށި ވަގުތު ކްލާހުގެ ދޮރު ކޮންމެވެސް މީހަކު ހުޅުވާލިއެވެ.

"އަނހަ އަދިވެސް ކުއްޖަކު އެބައިންދޯ. އެކޮއެ ކިހާ އިރަކުން ނިމެނީ؟ ދައްތަ ކްލާސްތެރެ ސާފުކޮށްލަންވެގެން." ހިތްހެޔޮކަމާއި އެކީ ސްކޫލުގައި މަސައްކަތް ކުރާ ދައްތައެއް ނަބްހާންއާއި ވާހަކަ ދެއްކިއެވެ. "އަޅުގަނޑު މި ދަނީ ދާން. ދައްތަ މަސައްކަތް ކުރިއަށް ގެންދޭ." ނަބްހާން ދަބަހު ޒިބު ދަމާލުމަށްފަހު ގޮނޑިން ތެދުވަމުން އެ ދައްތައަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަދި ގޮނޑި މޭޒާއި ކައިރިކޮށްލުމަށްފަހު ކްލާހުން ނިކުމެގެން ދިޔައެވެ.

ސްކޫލުގެ ގޭޓު ހުރަސްކޮށް ނަބްހާންއަށް ޕޭވްމެންޓް މައްޗަށް އެރުނު އިރު ތަންކޮޅެއް ދުރުގައި ކަޅުކުލައިގެ ކާރެއް އޮތެވެ. މީހެއްގެ އިންތިޒާރުގައި އޮތް އެއްޗެއް ފަދައެވެ. ނަބްހާން އެއާއި ދިމާއަށް ހިނގައިގަންނަން އުޅުނު ވަގުތު އެ ކާރު ގޭޓު ކުރިމައްޗަށް މަޑުކޮށްލިއެވެ. ފަހަތު ދޮރު ހުޅުވާލުމަށްފަހު ނަބްހާން އޭގެ ތެރެއަށް އެރުމާއި އެކީ ކާރު ދުއްވާލިއެވެ.
(ނުނިމޭ)

ނޯޓް: އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވުން ފަދަ ޚިޔާލުތައް އެއްވެސް ބޭފުޅަކަށް ގެންގުޅެވޭ ނަމަ ލަސްނުކޮށް، ވީހާވެސް އަވަހަކަށް ކަމާއި ގުޅޭ މާހިރުންގެ ފަރާތުން ލަފާ ހޯދާ، ފަރުވާ ހޯއްދަވާށެވެ. ނަފްސާނީ ދުޅަހެޔޮކަންވެސް ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްވަރަށް މުހިއްމެވެ. އެހެންކަމުން އެއީ ކުޑަކަމެއް ނުވަތަ އާދައިގެ ކަމެއް ގޮތުގައި ދެކި ދޫކޮށްނުލައްވާށެވެ. އެފަދަ ޚިޔާލުތަކެއް ގެންގުޅުއްވާ ބޭފުޅެއް ތިއިން ބޭފުޅަކަށް އެނގިލައްވާނަމަ އެބޭފުޅަކަށްވެސް ވެވުނު މިންވަރަކުން އެހީ ފޯރުކޮށްދެއްވާށެވެ. ތިއިން ކޮންމެ ބޭފުޅަކީވެސް މުހިއްމު މީހެކެވެ. 🙂

  Please log in or register to bookmark.
  972

  1 ޚިޔާލު

  1. Vrh vrh reethi 👌♥️💜🖤♥️♥️💜💜♥️💜💜💜💜♥️💜♥️♥️♥️♥️♥️♥️💜♥️💜♥️💜💜♥️♥️💜💜💜♥️💜♥️💜♥️💜♥️♥️💜♥️♥️♥️♥️🖤♥️♥️💜♥️♥️💜♥️💜♥️💜💜♥️♥️♥️♥️♥️♥️💜♥️♥️🖤♥️🖤💜♥️♥️♥️

  ޚިޔާލު

  Your email address will not be published.