Views: 4671 242

އިންސާނާގެ ދިރިއުޅުމަކީ އިމްތިހާނެކޭ މީހުން ބުނާތީ އަހަމެވެ. އެ އިމްތިހާނުން އެއްބައިމީހުން ފާސްވެއެވެ. އަނެއްބައިމީހުން އެ އިމްތިހާނުގައި ހިތި ބައްޔަކުން ބަލިވެގެންދެއެވެ. އަހަންނަށް ދިމާވީ އެހެންނެވެ. އަހަރެންނަށް މޮޅުވެވެން އޮތް އިމްތިހާނެއް އަމިއްލަ މީހާގެ ފިނޑިކަމާއި ނާގާބިލުކަމުން ބަލިވީއެވެ.

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. ފުރާވަރުގެ ދުވަސްވަރުކަމުން އަހަރެންގެ ސިކުނޑި މުޅިން އާ ކަންކަމަށް ހުޅުވެމުންދިޔައެވެ. ލޯބިފަދަ މައުނަވީ އިހުސާސްތަކާއި ”ގާލްފްރެންޑް“ އަދި ”ބޯއިފްރެންޑް“ ފަދަ ބަސްތައް އަހަރެންގެ ވަށައިގެން އެނބުރެމުންދިޔައެވެ. އަހަންނާއި އެއްކޮށް އުޅުނު ހުރިހާ ކުދިން ކަހަލަ ގޮތަކަށް ލޯބީގެ ކުޅިގަނޑުގައި ހައްޔަރުވެގެންދިޔައެވެ. އެހެނަސް އަހަރެންގެ ހިތާއި ސިކުނޑި އެކަހަލަ ކަމަކަށް ދޫވެގެނެއް ނުދިޔައެވެ. އޭރު އަހަރެންނަށް އެފަދަ ކަންކަމަކީ ބޭކާރު، ތާކުން ތާކުން ނުޖެހޭ ކަންކަމުގެ ގޮތުގައި އޮތީ ވިސްނިފައި އޮތީމައެވެ.

އޯލެވެލް ނިމެންދެން ކުއްޖެއް ދެކެ ލޯބިނުވާނަމޭ ހިތާ، ހިތުގެ ދޮރުފަތުގައި ބޮޑުތަޅު އަޅުވައިގެން އޮއްވާ، ކުއްލިއަކަށް އެދޮރުފަތުގައި ވެސް ޓަކިދީފިއެވެ. އެޖަހާލި ފުރަތަމަ ޓަކިވެގެންދިޔައީ އަހަރެންގެ މުޅި ހަޔާތް އެފުށް މިފުށަށް ޖަހާލި އެއްޗަކަށެވެ.

އެއީ ގްރޭޑް ހަޔަކަށް ދިރާސީ އަހަރު ހުޅުވުނު ދުވަހެވެ. އެސެމްބްލީ ނިމިގެން ކްލާހަށް ވަންއިރު އަހަރެންގެ ހިތަށް ގޮތްނޭނގޭ އިހުސާސްތަކެއް ކުރުވާ، ހިތުގެ ވިންދު އަވަސްވާން ފަށައިފިއެވެ. އާ ޓީޗަރެއް ޖެހުމުންނެއް ނޫނެވެ. އަހަރެންގެ ހިތުގެ ތެރޭގައިވާ ކަށިކުނބުރު ޖަންގަލީގައި އަލަށް ފިނިފެންމަލެއް ފޮޅެން ފެށުމުންނެވެ. މަންމަމެން އަދި އިހަށް މަޑުކޮށްލާށޭ ބުނި ލޯބީގެ އިހުސާސްތައް ލޭނާރުތަކުގައި ކުއްލިއަކަށް ދައުރުވާން ފެށުމުންނެވެ. ”ޕެހެލާ ނަޝާ، ޕެހެލާ ޕްޔާރް“ އަހަންނަށްވެސް އެންމެފަހުން ވެވުނީއެވެ. ކަމަނައަކަށް މިހިތުން ޖާގައެއް ދެވިއްޖެއެވެ.

މިންހާގެ ޖާދުވީ މޫނު އެދުވަހު އަލަށް ފެނުނަސް އެދުވަހަށް ފަހު އެމޫނު އަހަރެންގެ ޅަ ހިތުގައި ބިންވަޅު ނެގިގެންދިޔައެވެ. ހިތާއި ހިތުން ލޯބީގެ ޝާއިރީ ލަވަތައް ހިތުތެރޭގައި ކިޔެން ފަށައިފިއެވެ.

މިންހާއަކީ އަލަށް ސްކޫލަށް ބަދަލުވި ކުއްޖެކެވެ. އެހެންކަމުން އެދުވަހު މިސް ބޭނުންވީ އަހަންނަކީ ކްލާހުގައި އިންނަ އަނގަ ގަދަޔަސް މޮޅު ކުއްޖެއްކަމުން މިންހާއަށް ހުރިހާ ކުދިން އެނގެންދެން އަހަރެންގެ ގާތުގައި ބައިންދާށެވެ. މުޅި ހަޔާތުގައިވެސް އަންހެން ކުއްޖަކާއި އެއްކޮށް އިށީންނަން ބޭނުންނުވި ކުއްޖަކު އަލަށް މިންހާ ބައިންދާނަންހޭ އެހުމުން ފުންމާފައި ”ޔެސް“ ބުނުމުން މުޅި ކްލާސް ތެރެއަށް ވެރިވެގެންދިޔައީ ހަމަހިމޭންކަމެވެ. އެވަގުތު އެ ހަމަހިމޭންކަމަށް ނިމުމެއް ގެނައީ މިންހާގެ ޖާދުވީ ހިނިތުންވުމުގެ އަޑެވެ. އެ ހިނިތުންވުމުން އަހަރެންގެ ހިތަށް އެއްފަހަރާ ލައްކަ ތީރެއް އުކާލައިފިއެވެ.

އަހަރެން ޖެހިގެން އިން މޭޒުގައި އައިސް މިންހާ އިށީނުމުން އަހަރެން އޭނައާއި ދިމާލަށް ކަޅިޖަހައި ނުލައި ބަލަން އިނީމެވެ. އަދި ހިތަށް އެރިއެވެ. ސަހަރޯއެވެ. މިއީ ހަގިގީ އިންސާނެއް ހެއްޔެވެ؟ ނުވަތަ ކުރެހުންތެރިއެއްގެ ޚިޔާލުން ކަނޑާނެގުނު ފުރިހަމަ ފަތްމިނި އަންހެންކުއްޖެއްގެ ތަސްވީރެއް ބާވައެވެ؟

އޭނާއަށް ލިބިފައިވާ އެވާ ވަށް މޫނުމަތި ފުރިހަމަ ކޮށްދެނީ ކުރަނގި ދެލޮލާއި ފިނިފެންމާ ކުލައިގެ ފޮޅިފައިވާ ތުންފަތެވެ. އެ ތުންފަތް ކައިރީގައިވާ ކަޅުތިލައަކީ ބަލާލި ކޮންމެ މީހެއްގެ ހިތަށް ދޭނެ ވަރުގަދަ ހަމަލާއެކެވެ. މިންހާއަށް ގުދުރަތުން ދެއްވާފައި އެވާ ޗާލު ހަށިގަނޑާއި ދޮންކަމަކީ އެކަމަށް އަހަރެންގެ ހިތް ވަގުތުން ލެނބިގެންދިޔަކަމެކެވެ.

މިންހާގެ ފުރިހަމަކަމަށް ލަވަޔާއި ޅެން ހަދައިގެން ހިތުތެރޭގައި ކިޔަން އިންދާ ހޭވެރިކަން އައީ މީހަކު ގައިގައި ކޮއްޓާލުމުންނެވެ. ކާކުތޯ ބަލައިލިއިރު އެއީ އަހަރެންގެ ހިތުގައި ކަނޑާނެގިފައިވާ މިންހާއެވެ. “ އޭ ކޮންތާކަށް ގެއްލިފަ ތިއިނީ. އަދި ނަމެއް ވެސް ނުބުނަމެއްނު“ މިންހާގެ މޫރިތި އަޑުން އޭނާ ބުނެލިއެވެ.

މިންހާ އަހަރެންގެ ގައިގައި ކޮއްޓާލުމާއެކު ހީވީ 1000 ވޮޓްގެ އިލެކްޓްރިކް ޝޮކެއް މުޅި ހަށިގަނޑަށް ލިބިގެންދިޔަ ހެނެވެ. މީހަކު އަތްލައިގެން މިއިން ޒަމާނަކު އަހަރެން މިހާ އުފަލެއް ނުވެއެވެ.

”އަހަންނަށް ކިޔަނީ އިމާޒް. އޯކޭ ދެން އިމާ ކިޔާފަ ގޮވާލިޔަސް. އެންމެންވެސް އާންމުކޮށް ގޮވަނީ އެހެން“ ލަދުރަކިކޮށް ހުރެ އަހަރެން ބުނެލީމެވެ.

”އިމާ! އަހަރެން މީ އަލަށް މި ސްކޫލަށް ވަން ކުއްޖެއް ވީމަ ނޭނގޭ މިސްކޫލްގެ ގޮތާއި ތަންތަނެއް. ޕްލީޒް ކިޔައިދެއްޗޭ“، ނިކަން ރީތިކޮށް ތުން އަނބުރާލަމުން މިންހާ ބުނެލިއެވެ. އެވަގުތު އަހަންނަށް އެލިބުނު ހިތްހަމަޖެހުމަކީ ލަފްޒަކުން ބުނެދޭން ދަތިވާފަދަ އުފާވެރިކަމެކެވެ.

އަހަރެން މުޅި އެދުވަހު އުޅުނީ މުޅި ސްކޫލް ތެރޭގައި މިންހާ ގޮވައިގެންނެވެ. ސްކޫލްގެ ތަންތަން ދައްކާ، ކްލާސްރޫމާއި ސްކޫލުގެ ފޫހި ގަވާއިދުތައް މިންހާއަށް ކިޔައިދިނުމަށް މުޅި ދުވަސްވެސް ހޭދަކޮށްލަން އަހަރެން ހުރީ ތައްޔާރަށެވެ. ވާނީވެސް އެހެންތާއެވެ. މިއޮތީ ދޮށީގައި އަލަށް މަހެއް ލައްވާލާފައެވެ. މިފަހަރު ދަމާ ދޯންޏަށް އަރުވާފައި ނޫނީ ހުއްޓައެއް ނުލާނަމެވެ.

ގަޑިތައް ދުވަސްތައް ބަދަލުވެ، ދުވަސްތައް މަސްތަކަށް ބަދަލުވެގެންދިޔައެވެ. ކްލާސް އެންމެނަށް މިންހާ އެނގުމަށްފަހުގައިވެސް އޭނާ އަހަރެންގެ ކައިރިން ބަދަލުވާކަށް އެއްބަހެއް ނުވިއެވެ. އަހަންނަށް އޭނާގެ ބެސްޓް ފްރެންޑްގެ ލަގަބު އަރުވާ ގާތްކޮށްލިއެވެ. އަހަރެން ޖަހާ ކޮންމެ ޖޯކަކަށް އިވޭ ފުރަތަމަ ހިނިގަނޑަކީ އޭނާގެ އަޑަށް ހެދިއެވެ. ހުރިހާ ކަމެއްގައި އަހަރެންގެ އެންމެ ގާތް މަދަދުގާރަކަށް މިންހާ ވެގެންދިޔައެވެ.

މިންހާއަކީވެސް އަހަރެން ފަދައިން ކިޔެވުމަށް ޝައުގުވެރިކަން ހުންނަ، ކުޅިވަރާއި އަދަބީ ކަންކަމުގައި އިސްކޮށް އުޅެން ބޭނުންވާ ކުއްޖެކެވެ. އެހެންކަމުން ދެ ބެސްޓް ފްރެންޑުން އެއްބައި ވަގުތު ވާދަވެރިންނަށްވެސް ބަދަލުވެގެންދިޔައެވެ. އޭރު އަބަދުވެސް ކޮންމެ މުބާރާތެއްގައިވެސް އެއްވަނަ ލިބޭނީ އަހަރެން ނޫނީ މިންހާއަށެވެ. ކިޔެވުމުގައިވެސް އަހަރުމެންނަކީ އެކުވެރި ވާދަވެރިންނެވެ.

މިންހާދެކެ އަހަރެން ލޯބިވާ ކަން ކްލާހުގެ ބައެއް ކުދިންނަށްވެސް ފަހުމް ވަމުންދިޔައެވެ. އަހަރެން މިންހާ ކައިރީގައި އުޅޭ ގޮތާއި ކްލާހުގެ އެހެން ކުދިންގެ ގާތު އުޅޭގޮތް އުޑާއި ބިމާހާ ތަފާތުވުމުންނެވެ. ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި މިންހާއަށްޓަކައި ގަސްދުގައި ބަލިވަމުން ދިޔުމުންނެވެ. ނަމަވެސް ކުއްޖަކު އަހައިފިނަމަ އަހަރެންގެ ލޯބި ވަގުކޮށް، ސިއްރުކުރީމެވެ. މިންހާއަށް އެނގި، އޭނާ ރުޅިއައިސްދާނެތީއެވެ.

އަހަރު ނިމިގެން ގޮސް އާ އަހަރަކަށް ސްކޫލް ފެށުނެވެ. އަހަންނާއި މިންހާގެ ގުޅުން އޭރު އޮތީ ބަދަހި ވެވޭނެހާ އެންމެ ބޮޑަށް ބަދަހިވެފައެވެ. އަހަންނާއި މިންހާ އަނެއްކާވެސް އެއް ކްލާހަކަށް ލައްވާލިއެވެ. ނަމަވެސް މިފަހަރު ދެމީހުން ތިބެން ޖެހުނީ ވަކިންނެވެ. ހަރުކަށި ކްލާސް ޓީޗަރު ފިރިހެން ކުދިންނާއި އަންހެން ކުދިން ވަކިކޮށްފައި ބޭތިއްބުމުންނެވެ. ނަމަވެސް އަހަރެން ކްލާހުގައި އިން ތަނުން ކަނާތަށް ބަލައިފިނަމަ މިންހާގެ މޫނު ވަރަށް ރީއްޗަށް ފެނިގެންދެއެވެ. މިއީ މިންހާ އާއި ވަކިވުމުގެ ރުޅިވެރިކަމުގެ ތެރެއިން ލިބުނު ކުޑަ ހިތްހަމަޖެހުމެކެވެ.

ކްލާސް ތެރޭގައި މާ ގަދަޔަށް ވާހަކަނުދެއްކުނަސް އިތުރު ހަރަކާތަކުން ދިމާވިއްޔާ އަހަރުމެން ދެމީހުންގެ ކަމަކީ އެކަކު އަނެކަކާއި އޮޅު ވާހަކައިގައި ތިބުމެވެ. އަބަދު ތިބޭނީ އެއްކޮށެވެ. އަހަރެންގެ ހިތުގައި އުތުރިއަރަމުންދާ ޝުއޫރު ދިޔައި ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ނަމަވެސް ހިތުތެރޭގައިވާ އިހުސާސްތައް ބަންޑުންކޮށްލާކަށް އަހަންނަކަށް ނުކެރުނެވެ. މިންހާ އަކީ ލޯބީގެ ކުޅިގަނޑު ދެކެ ބޮޑު ފޫއްސަކުން ފޫހިވާ ކުއްޖެއްކަމަށް ވުމުންނެވެ.

އެ އަހަރު ވެގެންދިޔައީ އަހަރެން އެ ސްކޫލްގައި ހޭދަކުރި ފަހު އަހަރަށެވެ. އަހަރެންގެ ރުއިމާއި އާދޭހުގެ އަޑަށް ބެލުމެއް ނެތި ބައްޕަމެން ހިތަށްއެރި ގޮތަށް އަހަރެން ފޮނުވާލީ އެހެން ސްކޫލަކަށެވެ.

ސްކޫލްގެ އެންމެ ފަހު ރިޕޯޓްފޯމް ދިން ދުވަހަކީ އަހަރެން މިންހާ ގާތު އަހަރެންގެ ހިތުގެ އިހުސާސްތައް ބުނާނަމޭ ހިތާ ސްކޫލަށް ދިޔަ ދުވަހެވެ. އެ ދުވަހަކީ އަހަރެމެންގެ ކްލާހުން ޑްރާމާއެއް ހުށައަޅާ ދުވަހެއްކަމުން އަހަރެން ދިޔައީ ވަރުގެ ކޮޅަށް ނަލަހެދިލައިގެން ގޭގައި ހުރި ސެންޓުފުޅިއާއި ހެއަރ ކްރީމް ފުޅި ހުސްކޮށްލައިގެންނެވެ. އެ ޑްރާމާގައި މިންހާ އަކީ އަހަރެންގެ އަނބިމީހާގެ ރޯލު ކުޅޭ ކުއްޖާކަމުން މިންހާވެސް ހުރީ ނިކަން ނަލަހެދިގެންނެވެ. އަހަންނަށް ޔަގީނެވެ. މިންހާގެ ހަޔާތުގައިވެސް އޭނާ އެހާ ޗާލުކޮށް ހުރި އެހެން ދުވަހެއް ވަކި ނާންނާނެއެވެ.

އެދުވަހުގެ ޑްރާމާ ނިމި، ރިޕޯޓް ފޯމް ނިމުމަށްފަހު ހުރިހާ ކުދިން ކްލާހަށް ގޮސް އިށީންދެގެން ތިއްބާ މިންހާ އަހަރެންގެ ކައިރިއަށް އައެވެ. އެއީ އަހަންނަށް އަލަށް މިންހާގެ ރީތި މޫނުމަތިން ހާސްކަމާއި ނުތަނަވަސްކަމުގެ ކުލަވަރު ފެނިގެންދިޔަ ދުވަހެވެ. “ އަޅެ ދެން އިމާ ޕްލީޒް މިކޮޅުގަ މަޑުކޮށްބަ. ބައްޕަމެން ކައިރީ އާދޭސްކޮށްފަވިޔަސް. ދެން އިމާ ނެތިއްޔާ ހާދަ ފޫހިވާނޭ އަހަރެން. ތީ އަހަރެންގެ ހުރި ހަމައެކަނި މީހަކީ“، އިންތިހާއަށް ދެރަވެހުރެ މިންހާ ބުނެލިއެވެ.

”މިން ހުވާކޮށްފަ މިބުނީ އަހަރެން ހުރިހާ ޓްރައިއެއް ކޮށްފިން. އެކަމުވެސް ބައްޕަ ބޭނުންވީ ބައްޕަ ކިޔެވި ސްކޫލުން އަހަރެންވެސް ކިޔަވަން. އަހަރެންވެސް ވަރަށް ބޭނުން އަދި ތިން އަހަރު މިންހާ އާއި އެއްކޮށް ކިޔަވަން. އެކަމުވެސް…“ އަހަންނަށް ލިބިފައިހުރި ހިތާމައިން ރަނގަޅަށް ވާހަކަ ނުދެއްކުނެވެ.

އަހަރެން ވެފައިހުރި ދެރައިގެ އަސަރު މިންހާއަށް އިހުސާސްކުރެވުނެވެ. އަހަރެންގެ ދުލުން އިތުރަށް އެންމެ ބަހެއް ބުނެލުމުގެ ކުރިން މިންހާ ބާރަށް އަހަރެންގެ ގައިގައި އޮޅުލާ ބައްދާލިއެވެ. އެވަގުތު އަހަންނަށް މުޅި ދުނިޔެ ރަންވި ކަހަލައެވެ. ގަޑީގެ ހުރިހާ ކައްޓެއް ހުއްޓި، މުޅި އުމުރު ދުވަހު އެ ހިނދުކޮޅު މަތީގައި ހުރެލަން އަހަރެންގެ ހިތް އެދުނެވެ. ހިތާއި ހިތުން އަހަރެން ބުނެލީމެވެ އާނއެކެވެ. މިވަގުތަކީ އަހަރެންގެ ހިތުގައި ފާއިތުވި ދެ އަހަރު އެނބުރު ހުރިހާ ލަފްޒެއް ދުލުކުރިއަށް އައިސް ބޭރުވާން ވީ ވަގުތެވެ. މުޅި ދުނިޔެއަށް އަހަރެން މިންހާ ދެކެވާ ބޭގަރާރު ލޯބީގެ ހަބަރު އިއްވާލަން ވީ ވަގުތެވެ.
ނަމަވެސް އަހަރެންގެ ސިކުނޑި އަހަރެންގެ ގާތު ބުނަމުންދިޔައީ މުޅިން ތަފާތު ވާހަކައެވެ. އިމާޒުއެވެ. ތި ކުރެވެނީ މޮޔަކަމެކެވެ. މިންހާއަކީ އިމާޒުއާއި އެއް ފެންވަރެއްގެ ކުއްޖެއް ނޫނެވެ. އަނެއްކާ އެއް މިންހާ ކަލޭ ދެކެ އެވަނީ އިޝްގީ ލޯތްބެއްވެސް ނޫނެވެ. މިއަދު ތިވާހަކަ ނުބުނާށެވެ. ފަހުން ބުނާށެވެ. އުމުރު ދުވަހަށް މިންހާ ހުންނާނެއެވެ. އިހަށް މިންހާގެ ގޮތެއް ބަލާލާށެވެ.

އަހަރެން އޭރު ޅަކަމުން ސިކުނޑި ދެއްކި ދަޅައަށް ހެއްލި މިންހާ ކައިރީ ލޯބިވާ ވާހަކަ ބުނަން ފަސްޖެހުނެވެ. އެދުވަހު އަހަރެން ގެޔަށް ގޮސް ކޮޓަރި ތަޅުލައިގެން އިނދެ ލައްކަ ގިނައިރު ގިސްލާފައި ރުއީމެވެ. އަހަރެންނަށް ކުރެވުނު މޮޔަކަމާއި މެދު ވިސްނިގެންނެވެ. އަހަންނަށް ދެން މިއިން ޒަމާނަކު މިންހާގެ މޫނެއް ނުފެންނާނެއެވެ. މިންހާ އަކީވެސް ހަމަ އަހަރެން ފަދަ އިންސާނެކެވެ. ކޮންމެވެސް އިރަކުން އޭނާވެސް މީހަކު ދެކެ ލޯބިވާނެއެވެ. އަހަރެންގެ ދުލަކުން ބޭރުވާނެ ލަފްޒެއް އަހާލަން އޭނަވެސް މުޅި އުމުރުދުވަހަކު ނުހުންނާނެއެވެ.

އާނއެކެވެ. ބުނެވޭނީ މިއަދު ބުނި ވާހަކައެކެވެ. ވެވޭނީ މިއަދު ވީ ލޯތްބެކެވެ. މުސްކުޅިންވެސް ބުނެއެވެ. ކާށި ކެވޭނީ ދަތްހުއްޓައެވެ. މިންހާ ނޫނެކޭ ބުންޏަސް ހެޔޮއެވެ. މިފަހަރު މިންހާގެ ކުރިމަތީގައި އަހަރެންގެ ހިތުގެ ހުރިހާ އިހުސާސެއް ބަންޑުންކޮށްލާނަމެވެ. މި ހިތުގައި ހިނގަމުންދިޔަ ހުރިހާ އިހުސާސެއްގެ ވާހަކަތައް ރީތި ލަފްޒުތަކުން ކިޔައިދޭނަމެވެ.

އަހަރެންގެ ކޯތާފަތަށް ހިފެހެއްޓުމެއް ނެތި އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލުމަށްފަހު ފާހަނައަށް ވަދެ މޫނު ދޮވެލައިގެން ނިކުތީމެވެ. “ މަންމާ ދީބަ ފޯނު މިންހާއަށް ގުޅާލަން“، މަންމަ ގާތު އަހަރެން ބުނީމެވެ.

”ދަރިފުޅާ މަންމަ އުޅުނީ ބުނަންކަމަށް ދަރިފުޅު ގާތު ވާހަކައެއް. މަންމަ ބޭނުން މިންހާއާއި މިންހާ މަންމަ މިގެއަށް ގެންނަން. ސައިބޯން. އެއީ ކޮއްކޮގެ ބެސްޓް ފްރެންޑެއްނުން. އަނެއްކާ އެހާ ރަނގަޅު ކުއްޖެއް“ މަންމަ ޖަވާބުގައި ބުނެލިއެވެ.

ހިތާއި ހިތުން އަހަރެން ބުނެލީމެވެ. މިއޮތީ ރަނުގެ ފުރުސަތެއް ލިބިފައެވެ. ސައިބޯން ގެއަށް ގެންނަ އިރު މަންމަމެން ނެތް ވަގުތެއް ބަލާފައި ދޯންޏަށް މަސް ނަގަންވީއެވެ. ބުޅި ކެނޑުނަސް މިފަހަރު ހެޔޮކަމަށް ބަލާފައެވެ. މިއީ ދުނިޔެމަތީ އެއްފަހަރު ލިބޭނެ ކަމެކެވެ. މިފަހަރު ނުބުނަންނާ މުޅި އުމުރު ހުންނަންޖެހޭނީ ރޯލަ ރޯލާއެވެ.

މަންމަގެ ވާހަކައަށް އެއްބަސްވެ، މިންހާގެ މަންމައަށް ގުޅާ ހަވީރު ސައިބޯން އައުމަށް ދައުވަތު ދިނީމެވެ. ދައުވަތަށް އެއްބަސްވެ ހަވީރު 5.30 ހާއިރު އަންނާނެކަމަށް މިންހާގެ މަންމަ ބުންޏެވެ.

ހަވީރު މިންހާއާއި އޭނާގެ މަންމައާއި ދައްތަ ސައިބޯން އަންނާތީ އަހަރެން ހުރީ ވަރުގެ ކޮޅަށް ނަލަހެދިލައިގެންނެވެ. މިންހާއަށް އެންމެ ރީތި މަޑުފެހި ކުލައިގެ ގަމީހެއްލާ، ސެންޓުފުޅި ގަޔަށް ހުސްކޮށްލައިގެންނެވެ. އަހަރެން އަލަށް އަހަރެންގެ
ގޭތެރެއާއި ކޮޓަރި އަމިއްލައަށް ސާފުކުރީމެވެ. އެންމެ ލޯބިވާ މިންހާ އަށްޓަކައެވެ.

ގޭތެރެ ސާފުކޮށް އަހަރެން ތައްޔާރުވެގެން މިންހާގެ އިންތިޒާރުގައި ހުންނަން ފަށައިފީމެވެ. ނަމަވެސް އަންނަން ބުނި ގަޑީގެ ފަހުން އެއް ގަޑިއިރު ފަހަނައަޅައި ދިޔައިރުވެސް މިންހާގެ ހަބަރެއް ނުވިއެވެ. މިންހާގެ މަންމަގެ ފޯނުވެސް ބުނަނީ އޮތީ ނިއްވާލާފަކަމަށެވެ.

މަޑުމަޑުން އަހަރެންގެ ހިތް ބުނަން ފަށައިފިއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެއެވެ. އެކަން އެބަ އިހުސާސްވެއެވެ. އަހަރެން ކަންބޮޑުވެ ހާސްވާން ފެށިއެވެ. ގޭތެރޭގައި ކޮޅު ކޮޅަށް ދުވެން ފަށައިފިއެވެ. މަޑުމަޑުން ރޮވެން ފަށައިފިއެވެ. މިންހާ މެން ނައިސްގެން މަންމަވެސް ކަންބޮޑުވެއްޖެއެވެ. މިހާރު މިންހާގެ މަންމައަށް ގުޅުނު އަދަދެއްވެސް ނޭނގެއެވެ.

އެހެން ތިއްބާ ކުއްލިއަކަށް އަންނަނީ ނުދަންނަ ނަންބަރަކުން ފޯނެކެވެ. ނަމަވެސް ދަންނަ އަޑެކެވެ. މިންހާގެ ދައްތައެވެ. ނަމަވެސް އެ އަޑުގައި ވަނީ ހާސްކަމާއި ހިތާމައެވެ. ލައްކަ ގިނައިރު ރޮއެފައި ހުރި ކަން އިނގެއެކެވެ. ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.

އެފޯނު ކޯލު ވެގެންދިޔައީ އަހަރެންގެ ހަޔާތް ފުނޑުފުނޑު ކޮށްލި ކޯލަކަށެވެ. “ މީ……. އަނެއް މީ މިންކޮ މެން މަގުމަތިން ހިނގާފައި އަންނަނިކޮށް ބޮއެގެން ހުރި މީހަކު ދުއްވި ކާރަކުން މިންކޮމެން ގައިގަ ޖެހިގެން މިއުޅެނީ….. ޑޮކްޓަރ…….“ މިންހާގެ ދައްތައަށް އިތުރަށް ވާހަކައެއް ކުރިއަށް ނުގެންދެވުނެވެ.

އަހަރެންގެ ބަޑި ފަޅައިގެންދިޔައެވެ. “ މިންހާގެ ދައްތާ…. ބުނެބަ ކިހިނެއްތަ މިންއަށް ވީ. އަޅެ ފްލީޒް ބުނެބަލަ. ޑޮކްޓަރ ބުނީ ކީކޭތަ؟“ އަހަރެން މިންހާގެ ދައްތަ ކައިރީ އެހީމެވެ.

”ޑޮކްޓަރ ބުނީ މިންކޮ…..މިންކޮ އޮން ދަ ސްޕޮޓް މަރުވީ އޯ. މަންމަ އޮތީ އައިސީޔޫގަ. މަންމަވެސް ވަރަށް ސީރިއަސް……“ މިންހާގެ ދައްތަ މިންހާގެ މަރުގެ ހިތާމަވެރި ހަބަރު އަހަންނަށް އިއްވާލަދިނެވެ.

އަހަންނަށް އެވަގުތު ހީވީ މުޅި ދުނިޔެ ނިމި މަރާއި ބައްދަލުކުރަން ޖެހުނު ހެންނެވެ. ބިންގަނޑު ތިރިން ދަމައިގަތް ކަހަލައެވެ. އަހަރެންގެ ފައިން ވާގި ދޫވެ ބިންމައްޗަށް މީހާ ތިރިވިއެވެ. މަންމަ އައިސް އަހަރެން ހިފެހެއްޓިއެވެ. އަހަރެން އިނީ ގަބުކައިފައެވެ. ވެގެންދިޔައީ ކީއްކަން އަހަރެންނަށް އެނގުނަސް އެހިނދުކޮޅުން އަރައިގަންނާނެ ގޮތެއް އަހަންނަށް ނުވިސްނުނެވެ. އެހާ ޅައުމުރު ހިތަށް އެހާ ބޮޑު ވޭނެއް ލިބޭނެކަމެއް އަހަރެންގެ ހިތަށް ދުވަހަކުވެސް ނާރައެވެ.

އެވަގުތު ހިތަށް އެރިއެވެ. ސަހަރޯއެވެ. މިދުނިޔެމަތި މިއީ ހާދަހާ ވޭންދެނިވި ޒަހަމް ހިތްތަކަށް ފޯރުވާ ތަނެކެވެ. އަހަންނަށް މިފަދަ ވޭނެއް ލިބެން އަހަންނަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ މީހާގެ ފުރާނައާއި ސިކުނޑިއާއި ހިތާއި ނޭވާތަކުގައި އެންމެ ނަމެއް ލިޔެ ނިންމާލުން ހެއްޔެވެ؟ މިންހާއަށްޓަކައި މުޅި މީހާގެ ނަފްސު ހިބައިން ހަދިޔާ ކުރުންބާވައެވެ؟ އެއީ ވަރުގަދަ ކުށެއްނަމަ އެ ކުށުގެ އަދަބަކީ މިންހާ އަހަރެން ކިބައިން އަބަދަށްމެ ދޫވުން ހެއްޔެވެ؟ މިންހާ މިފަނާކުރަނިވި ދުނިޔެއާއި ވަކިވީ އަހަރެން އޭނާދެކެވާ ބޭއިންތިހާ ލޯބި އޭނާއަށް ނޭނގިއެވެ. މިންހާ އެމަރުވީ ލޯބިވެރިއެއް ހުއްޓަސް އެކަނިވެރިއެއް ގޮތުގައެވެ.

އެ ވޭންދެނިވި ހާދިސާއަށް މިހާރު ފަސް އަހަރެވެ. މިންހާގެ ކުއްލި މަރާއި އެކު އަހަންނަށް ބޮޑު ވޭނަކާއި ކުރިމަތިލާން ޖެހުނެވެ. ލޯބިވެރިޔެއް ނުލިބި އެކަނިމާ އެކަނި މި ދުނިޔެމަތީ މަރުވެދާނެ ކަމުގެ އިހުސާސް ކުރެވި ޑިޕްރެޝަންއާއި ހަނގުރާމަކުރަން ޖެހުނެވެ. އަންހެން ކުދިން ދެކެ އަހަރެން ފޫހިވެވެން ފެށިއެވެ. ކޮންމެ ކުއްޖެއްގެ ނަފްސު ތެރެއިންވެސް އަހަންނަށް ހޯދެނީ މިންހާއެކެވެ. އަހަރެންގެ ހިތުގައި އަބަދުމެ އޮތީ މިންހާ ނަމެވެ. އަހަރެންނަށް މިންހާ ފަދަ ދެވަނަ ކުއްޖެއް މިދުނިޔެ މަތިން ނުފެނުނެވެ. އެހެން ކުއްޖެއްދެކެ ލޯބިވެވޭނެ ފަދަ ހިތްވަރެއް، ޖާގައެއް ހިތުގެ ތެރެއިން އަތްފުނާ އަޅައިގެންވެސް ނުފެނުނެވެ.

އާނއެކެވެ. ކޮންމެ މީހެއްގެވެސް ވަގުތު އައިސް ޖެހުމުން ފުރާނަ ގެންދަވާނެއެވެ. އެކަން ގަބޫލު ކުރަން ޖެހޭނެއެވެ. ނަމަވެސް މިންހާގެ މަރު އައިސް ޖެހުނީ އަހަރެން އޭނަ ދެކެ ވާ ބޭއިންތިހާ ލޯބި އަހަރެންގެ ދުލުން ބޭރު ނުކުރެވިއެވެ. އެކަންނުވީ އަހަރެންގެ ފިނޑިކަމުންނެވެ. ކުޑައިރުގެ ކުދިލޯބި ބޮޑުކޮށް، އިމްތިހާނުން މޮޅުވެވެން އޮއްވާ އަހަންނަށް ދުވަހަކުވެސް އިމްތިހާނު ހޯލަށް ވަންނަން ނުކެރުމުންނެވެ.

  1. Avatar

    ވަރަށް ސަޅި ވާހަކައެއް މީ. ހަމަ ރަނގަޅަށްވެސ ރޮވިއްޖެ…

    10
  2. Avatar

    އައި ހޭވް އެކްސްޕީރިއެންސްދް ދިސް ލަވް..ބަޓް ޓޯލްޑް ހިމް…އެންޑް ލޮސްޓް ހިމް ފޯ އެވާ..އިންޝާ ﷲ..ވީ ވިލް މީޓް ސޫން..

    15
  3. Avatar
    moderated

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

ޚިޔާލު ފޮނުއްވާ