ރުއްގަނޑު ކަމަނަ

1960 ވަނަ އަހަރެވެ. ރަންފުރަދޫ ރައްޔިތުން އުޅެމުން ދިޔައީ އަމާން އޮމާން ދިރި އުޅުމެކެވެ. ރަށަކީ މަސްވެރި ރަށެކެވެ. އޭގެ އިތުރުން ރާވެރި ކަމަކީވެސް މި ރަށު މީހުން ކޮށް އުޅުނު ކަމެކެވެ. އަމާނޭ ބުންޏެއް ކަމަކު މި ރަށުގަވެސް ރޫހާނީ ކަންކަމަކީ ހިނގާ ކަންކަމެވެ. އެގޮތުން ރުއްގަނޑު ކަމަނަ ކިޔުނު ޖިންނިއެއްގެ ވާހަކަ އަކީ މި ރަށުގައި ވަރަށް ދެކެވޭ ވާހަކަ އެކެވެ. އާނމުކޮން ރުއްގަނޑު ކަމަނަ ފެންނަ ކަމަށް ތުންތުން މަތިންނާއި ކާބަފައިންގެ ފަތްފުށް ތަކުން އެނގި ފާޅުވާން އޮތީ އެ ރަށު ރުއްގަނޑާ ދިމާލުންނެވެ.

ރާބަނދި ހިފައިގެން ގައި ކަހަމުން ކަހަމުން ރުއްގަނޑު ތެރޭން ރަށުގެ މީހުން އުޅޭ ދިމާލައް ފައިބައިގެން އެހެރަ ދަނީ ކަތީބުގެ މެދަށް ހުންނަ ހަސަނެވެ. ހަސަނަކީ ކިތަންމެ ރަށަށް ގަދަ ފޯރާ އާއިލާ އަކަށް ނިސްބަތްވިއެއް ކަމަކު އަތުން ފައިން މަސައްކަތް ނުކޮށް އޮންނަ ޒާތުގެ މީހެއް ނޫނެވެ. ހަސަނުގެ ރަސްމީ މަސައްކަތަކީ ރާ ވެރިކަމެވެ. ރަށު ކަތީބަށް ނިސްބަތްވާ ތިރީސް ރުއް ބަލަހައްޓައި ހަދަނީ ހަސަނެވެ. ހަސަނަކީ ރަށުގައި ބަސްވިކޭ ހީވާގި މުރާލި ކެރޭ ހިތްވަރުގަދަ މީހެކެވެ. މިއަދުވެސް ހަސަނު އެ ދަނީ އޭނާގެ މަސައްކަތް ނިންމާފަ އެވެ. ދަމުން ހަސަނު އެދިމާލު ގޮނޑު ދޮށަށް ޖެހިލީ ކުޑަކަމު ދާން ޖެހިގެނެވެ. ކުޑަކަމުގޮސް ނިމި ތާހިރު ވެގެން ހަސަނު އެއްގަމަށް އަރަން އެނބުރެލި ވަގުތު ރުއްގަނޑާ ވީ ދިމާލުން ރަތް ލިބާހެއްގަ ހުރި އަންހެނަކު ހަސަނައް ފުރަގަސް ދީގެން ދާތީ ފެނުނެވެ. ހަސަނުވެސް އިހަށް ނުފެންނަ މީހެއް ކަމުން ބަލަހައްޓައިގެން ހުރެފަ އަނެއްކާވެސް ގެޔަށް ދެވޭތޯ އެއްގަމަށް އަރާ ރަށުރެރެ އާއި ވީ ދިމާލަށް ހިނގައި ގަތެވެ.

އިރު އޮއްސިއްޖެއެވެ. އިޝާ ނަމާދު ކޮށް ނިމިގެން މިސްކިތުން ފައިބައިގެން ދިޔަ ވަގުތު މިސްކިތު ބޭރު ވަށަ ފާރު ކައިރި ހަސަނުގެ ބައްޕަ ކަތީބު އީސާފުޅާއި ރަށު މުދިމު އިދުރީސް އޮލަ ވާހަކަ އެއްގައި ޖެހިފަ ތިއްބެވެ. ހަސަނުވެސް އެ ދިމާލައް ޖެހިލީ އޭނާގެ ބައްޕަ ހުރުމުންނާއި އިތުރުން މުދިންބެ އިދުރީހަކީވެސް ހަސަނުގެ ގާތް މީހަކަށް ވާތީއެވެ. "ކަތީބާ ބުނާކަށް އާދަނަށް ވަރެކޭ ރޭ އެެވީ" މުދިންބެ އެހިސާބަށް ބުނެލި ތަނާ ހަސަނައްވެސް އެ ހިސާބައް އެރުނު ކަމުން ބުނި އެތި ހަސަނައްވެސް އިވުނެވެ. "އާދަނަށް ކިހިނެއްތަ ވީ މުދިންބޭ" ހަސަނު ޝައުގުވެރި ކަމާއި އެކީ އަހާލިއެވެ. މުދިމު އިދުރީސް އަނެއްކާވެސް ކަތީބައް ކިޔައިދިން ހުރިހާ ވާހަކައެއް ހަސަނަށް ކިޔާދޭން ފެށިއެވެ. އާދަނު ޖިންނި މޮޔަވި ވާހަކަ އެވެ. ވަރުގަދަ ބިޔަ ފަސް ފިރިހެނުންނަށް އާދަނު މަތަ ނުވި ވާހަކަ އެވެ. އަދި މިރޭ މިހާރު މި އުޅެނީ އާދަނު ކައިރި އަށް ކިޔަވަން ދާން ކަމަށްވެސް މުދިންބެ ބުންޏެވެ. އާދަނު ކައިރި ކިޔަވާނެ ބިރު ކުޑަ ދިހަ ފިރިހެނުން ހޯދާ ވާހަކަ އާއި މިރޭ އާދަނަށް ކިޔަވާ ވަގުތު ހަސަނުވެސް ކިޔެވުމުގައި ބައިވެރިވާން އައިސް ދިނުމަށް މުދިމު އިދުރީސް އެދުނެވެ.

ހަސަނާއި މުދިމު އިދުރީހާއި އިތުރު ނުވަ ފިރިހެނުން އައިސް އާދަނުމެން ގޭ ގޯތި ތެރެއަށް ވަތް ވަގުތު އާދަނުގެ ހަގަށް ހުންނަ އޭނާގެ އެއްބަނޑު ފިރިހެން ކޮއްކޮ ދުވެފައިގޮސް އެ ސޮރުގެ ދޮން ބައްޕަ އާދަނުގެ ބައްޕަ ވަލީދައް ގޮވާ މުދިންބެ އައިއްސި ކަމަށް ބުނެފިއެވެ. ވަލީދުވެސް އާދަނު ކައިރި އިނދެފައި ދޮރު ދޮށައް ގާތްވެ ވަންނަން އިށާރާތް ކޮއްލިއެވެ. މުދިންބެ ވަދެ ހަމަ ޖެހިލުމައްފަހު އާދަނާއި ދިމާލައް ބަލާލިއެވެ. އާދަނު ފާޑަކަށް މޫނު ކުނި ކޮއްގެން މަޑުމަޑުން ބޯ ހުރާލަ ހޫރާލާ އަށި މަތީ އިނެވެ. މުދިންބެ ކިޔަވަން ފަށަން ބަލާލި އިރު ދުންދަނޑި އެއް ނުގެނެވެއެވެ. އަވަހަށް ހަސަނު ކައިރި ދުންދަނޑި ލިބޭނެ ގޮތެއް ބަލަން ބުނުމުން ހަސަނުމެން ގޭގައި ހުންނާނޭ ބުނެ ދުންދަނޑި ބަލާ ނިކުތެވެ. ހަސަނު ނިކުންތަން ބަލަން އާދަނު ކަޅި ޖަހާ ނުލައި ބަލަން އިނދެފައި ހޭން ފެށިއެވެ. އަދި މުދިންބެއާއި ދިމާލައް އަހަރެން އެކަނި ކޮއްފަ އެ ދިޔައީޔޭ ބުނެ ހޭން ފަށާ ދެން ތިބި މީހުނާއި ދިމާއަށް ހަޑިހުތުރު އެއްޗެތި ގޮވުމައްފަހު ވައްތަރު ތަކެއް ޖައްސާލިއެވެ. މި މަންޒަރު ބަލަން އިން ވަލީދުއަށް ވެސް އިނީ ރޮވިފަ އެވެ. ނުރޮވޭ ވަރެއް ހެއްޔެވެ. ދެ ފިރިހެން ދަރިން ތިއްބެއް ކަމަކު ވަލީދުގެ ދޮން ދަރިޔާ ނުލާ ހުރި ހަމައެކަނި ދަރި ވިއްޔާއެވެ. އެ ފަކީރު އެ ތެޅޭ ހާލު ފެނިފައި ނުރޮއެ ހުރެވޭނެހެއްޔެވެ.

ހަސަނު ދުންދަނޑި ހިފައިގެން ހުރީ އާދަނުމެން ގެޔާއި ދިމާލައް ބަހައްޓާފައެވެ. ބިރު ކުޑައެއް ކަމަކު ރޭގަނޑުގެ އެ ވަގުތު ހަސަނުގެ ހިތައް ދިޔައީ ބިރުވެރި އިހުސާސް ތަކެއް ވައްދަމުންނެވެ. ހަސަނުގެ ހިތަށް ބުނަން ނޭންގޭ އިހުސާސް ތަކެއް ވަމުން ދިޔައެވެ. ބިރު ހީވެފަ ހުރި ހަސަނަށް ފަހަތުން މީހަކު އަންނަހެން ހީވެގެން އިރު އިރު ކޮޅާ ފަހަތް ބަލާލައެވެ.

އާދަނުގެ ހާލަތު ގޯސް ވާން ފަށައިފިއެވެ. މޮޔަ ގޮވަނީ އެވަރެއް ބަލާފައެއް ނޫނެވެ. އެހެން އާދަނު އުޅެމުން ދިޔައިރު އޭނަ މަތަ ކުރަން މުދިންބެ އޭނާގެ ނިއްކުރީގަ ހިފަހައްޓައިގެން ކިޔެވެލި ފަތި ކިޔަވަމުން ދިޔައެވެ. އެހެން ކިޔަވާލުމުން އާދަނު ކުޑަކޮން މަތަވެ އަށި މަތީ އޮށޯތެވެ. އަދި ބުންޏެވެ. "ކޮރު ޝާކިރު މެން ގެޔާއި ހަސަނު އަރާ ހަމަވެއްޖެ. ހަސަނު ފަހަތުން އެބަ އާދޭ" އާދަނު ބިރުން ކަހަލަ ގޮތަކަށް ބުނެލިއެވެ. "ހަސަނު ފަހަތުން ކާކު އަންނަނީ" މުދިމު އިދުރީސް އަހާލިއެވެ. އާދަނު ލޯ ބޮޑު ކޮއްގެން ބަލަން އޮތީ ދޮރާއި ދިމާލަށެވެ. އެހެން ބަލަން އޮއްވައި ހަސަނު އައިސް އާދަނުމެން ގެޔައް ވަދެ ދުންދަނޑި މުދިންބެ އާއި ހަވާލު ކުރިއެވެ. އެ ހިސާބުން ކިޔެވުން ފެއްޓިޖެއެވެ. އާދަނު ހިފަހައްޓައި ލެވެނީ ކިރިޔާއެވެ. މިގޮތުގައި ކިޔަވަ ކިޔަވާފައި ނިންމާލަން މުދިމު އިދުރީހަށް ފެނުމުން ދަންވާން ކައިރި ވެފަ ހުއްޓަ ކިޔެވުން މެދު ކަނޑާ އެންމެން ގެޔައް ހިނގައްޖެއެވެ.

ޖެހިގެން އައި ދުވަހަށް އަލި ވިލިއްޖެ އެވެ. އާދަނަށް ވީ އުނދަގޫތައް ވެސް އެއްކޮން ފިލައިފި އެވެ. ނަމަވެސް އާދަނުގެ ސިއްހީ ހާލު ދިޔައީ ދަށަށެވެ. ކަން އޮތީ މިހެނެވެ. ހަސަނުވެސް ހެނދުނު ސައި ބޮއެގެން ނައްޓާލީ ރުއްގަނޑާ ދިމާލަށެވެ. ސާފު ކޮއްލަންވެފަ ދެތިން ރުކެއް އިނީމައެވެ. ރުއްގަނޑައް ގޮސް ހަސަނު ޅާނބު ފަޔައް ހެޔޮވަރު ކޮއްލާ ރުކަށް އަރަން ހިފާލީރައް އަންހެނަކު ހަސަނަށް ގޮވާލިއެވެ. ޒުވާން ރީތި އަޑެކެވެ. އަޑުގައި އޮމާން ކަމެއް ހުއްޓެވެ. އެހެން ކަމުން އެ އަޑުގެ ވެރި ރާނީގެ ސިފަ ދެކިލުމަށް ހަސަނުގެ ހިތް އެދެމުން ދިޔައެވެ. އަނެއްކާވެސް ހަސަނަށް ހަމަ އެ އަޑުން ގޮވާލިއެވެ. ނަމަވެސް އަޑު އައި ދިމާ ބަދަލު ވެއްޖެއެވެ. ނަމަވެސް ހަސަނު ޖާދޫގައި ޖެހިފަ އިންލެއް ބޮޑު ކަމުން އެ ބަދަލެއް ފަހުމެއް ނުވިއެވެ. ހަސަނު އެ އަޑުގެ ވެރިޔާ ހޯދަން ކޮޅު ކޮޅު ބަލަމުން ދަނިކޮން އެދިމާލު ރުކެއް ފުރަގަހުން ބޯ ދިއްކޮއްލައިގެން ހަސަނާއި ދިމާލައް ހީލައިގެން ބަލަން އޮތް މަންޖެ އެއް ހަސަނަށް ފެނުނެވެ. ހާދަހާ ފުރިހަމަ މޫނު ކޮޅެކެވެ. ހަސަނު އެ ދިމާލައް ދާން ފެށީރައް އެ އަންހެން ކުއްޖާވެސް ރުއް ދޮށުން ނިކުތެވެ. ހަސަނުގެ ހިތައް އެރިއެވެ. މިހިރީވާ ފުރިހަމަ ކަމެއްތާއެވެ. ރަތް ލިބާހެއްގައި ހުންނަ އިރު އެވަރުގެ ފުރިހަމަ ކަމެއް ދެން ހޯދާނީ ދުނިޔޭގެ ކޮން ބިތަކުން ބާވައޭ ހަސަނުގެ ހިތައް އަރަމުން ދިޔައެވެ. ހަސަނު ގޮސް އެ އަންހެން ކުއްޖާ ކައިރި ތައާރަފް ވެލިއެވެ. އެ ކުއްޖާވެސް ލަދުން ނުހުރެ ތައާރަފް ވިޔެވެ. އެ ކުއްޖާ އަށް ކިޔަނީ ކަމަނަ ކަމަށް ބުންޏެވެ. ހަސަނު ގާތަށް އައީ ހިންޏެވެ. ކަމަނަ އޭ ބުނީމަ ކަމަށް ވެދާނެ އެވެ. "އަހަރެން ބިރު ގަންނުވާނަމޭ ހިތާ ދޯ މި ރުއްގަނޑު ތެރޭ ހުރެފަ މީ ކަމަނަ އޭ ތި ބުނީ" ހަސަނު ސަމާސާ ރާގަކަށް ކަމަނަ އާއި ދިމާލަށް ބުނެލިއެވެ. "ނޫން ބިރު ގަންނުވާކަށް ނޫން އަހަރެން ހަނދާން ހުންނަން ފެށީންސުރެ އަހަރެންގެ ނަމަކަށް މީހުން ކިޔާ އުޅެނީ އަބަދުވެސް ކަމަނަ" ކަމަނަ ތެދު ހަދާކަން ހަސަނަށް ފަހުމު ވާ ފަދަ ރާގަކަށް ބުނެލިއެވެ. "އަނެއްކާ ތީ މި ރުއްގަނޑު ތެރޭން ފެންނަ ކަމަށް ކިޔާ ޖިންނި ރުއްގަނޑު ކަމަނަތަ؟" ހަސަނު އަނެއްކާވެސް ކަމަނަ އާއި ސަމާސާ ކޮއްލުމުގެ ނިޔަތުގައި ނުލަފާ ފާޑަކަށް ހީލާފަ ބުންޏެވެ. "ތިހެން ވެއްޖެއްޔާއޯ؟" ކަމަނަ ހަސަނާއި ދިމާލަށް ލޯ ކުޑަ ކޮއްލަމުން ބުންޏެވެ. "ޖިންނި އަކަސް ފުރޭތަ އަކަސް ތިހިރަ ލޫޅާފަތި ހަށިގަނޑު ފެނިފަ ދީވާނާ ނުވާނީ ކާކު؟" ހަސަނުގެ ހިތުގެ އުދާސްތައް ބަންޑުން ކުރަމުން ދިޔަ އެވެ. " ހަސަނުގެ ހިތުގަ ތި ހިނގާ އިހުސާސްތަށް އަހަރެންގެ ހިތުގަވެސް އެބަ ހިނގާ" ކަމަނަ ލޮބުވެތި ނަޒަރަކުން ހަސަނާ ހަތަރު ކަޅި އަމާޒު ކޮއްލަމުން ބުނެލިއެވެ. ކަމަނަގެ އެ ޖުމްލަ ވެގެން ދިޔައީ ހަސަނުގެ ހިތަށް ބަހާރު މޫސުން ގެނުވިފަދަ ކަމަކަށެވެ. ހެނދުނުގެ ދަންފަޅި ނިމި މެންދުރަށް އެޅެން ދާ ވަގުތު އިރު އެ ދޭ ދިލަ ހޫނަކުން ހަސަނުގެ
ހަށިގަނޑަކަށް މިހާރު ހޫނު އިހުސާސެއް ނުވެއެވެ. ހަސަނު ބޭނުންވީ ކަމަނަ އެބުނި ބަސް ޔަގީން ކުރާށެވެ. " އޭގެ ހެއްކަކީ ކޮބާ" ހަސަނު ކެއްކުޑަ ރާގަކަށް އަހާލިއެވެ. "ހެއްކަކީ ހަސަނުގެ މައުލޫމާތު އަހަރެން ވަރަށް ހޯދިން ފުރަތަމަ ފެނިލުމުންވެސް އަހަރެން ހަސަނުގެ ނަމުން ހަސަނަށް ގޮވާލިކަން އެއީ ކިހާ ބޮޑު ހެއްކެއް" ކަމަނަ ބުނެލިއެވެ. ހަސަނުގެ ހިތް ފުރިއްޖެ އެވެ. އެއް ކަމަކަށް ދެ ހިތް އެދޭ އިރު ލަސް ކޮށް ދިއުޅި ދިގު ކުރުމުގެ މާނަ އެއް ނެއްތާއެވެ. ލޯބި ލޯބި ފުރާ ފުރިހަމަވެ ރަންޔެއް ފަދަ އަންހެނެއް ހަޔާތުގެ ހިއްސާއަކަށް ހަދާ އެ މީހަކާ އެކީ މާމުއި ހަނދުގެ ނަލަކަން ދެކެން ބޭނުން ނުވާނީ ފަހެ ކާކު ހެއްޔެވެ. ކޮންމެއަކަސް މި ރުއްގަނޑުގެ ތެރޭ ތިބެ ނަން ފިޔަވާ އިތުރު ހަގީގަތެއް ނޭންގޭ ކަމަނާ އާއި ހަސަނު ލޯބީގެ ގޮތުން ގުޅި ލޯބިވެރިންގެ ފޮތުން ދެ ނަން ފަވާލާފިއެވެ. ލޯބީގެ ބައްދަލު ވުން ތަކަށް ރުއްގަނޑު ތެރެ އަށް ގަޑި ކިޔަން ފަށައިފިއެވެ.

އޭގެން ރެޔެވެ. ކަމަނަ ބުނި ގަޑި އަށް ހަސަނު ގޮސް ހުރީ ރުއްގަނޑުތެރޭ ރުކެއްގަ ލެނގި ލައިގެނެވެ. އިރުކޮޅެއް ފަހެވެ. ހަސަނުގެ ފަހަތުން ކަމަނަ ހަސަނަށް ގޮވާލިއެވެ. ހަސަނު ކުޑަކޮން ސިއްސައިގެން ގޮސް ފަހަތް ބަލާލިއެވެ. އޭރު ކަމަނަ ހަސަނުގެ ފަހަތުގައި ހިނިތުން ވެލައިގެން ހުއްޓެވެ. "ކަމަނާ އަދިވެސް ކަމަނަ ތި އުޅޭ ގެޔެއް ނުބުނަމެއްނު" ހަސަނު ބުނެލިއެވެ. "އަހަރެން ބުނީމެއްނު އަހަރެން މީ މިރަށައް ފައިބާ ހުރި ބީރައްޓެއްސެކޭ" ކަމަނަ ހިތްހަމަ ނުޖެހޭ ރާގަކަށް އެހެން ބުނެލީ ކުރިން ދެ ރޭ ވެސް ހަސަނު އެ ސުވާލު ކޮއްފައި ވާތީ އެވެ. އެ ސުވާލަކީ ކަމަނަ ޖަވާބު ދޭން އެހާ ބޭނުންވާ ސުވާލެއް ނޫނެވެ. ސިއްރިއްޔާތުގައިވާ ސަބަބަކާއި ހުރެ އެވެ. ހަސަނުވެސް ދެން އިތުރަކަށް އެ ކަމާއި ގުޅޭ ސުވާލެއް ކުރާކަށް ނޫޅުނެވެ. ހަސަނާއި ކަމަނަ ބައްދަލު ކުރާތަން ބަލަން ރުކެއްފަހަތައް ވަދެ ފިލާ އެ ހުރީ އެ ރަށު ހުސްނީއެވެ. ހުސްނީ ހުރީ ސުވާލުން ފުރިފަ އެވެ. ވާނީވެސް އެހެންތާއެވެ. ހުސްނީ އަށް ފެންނަނީ ރުކެއް ބުޑުގަ ހުރެގެން ހަސަނު އެކަނީ ހީ ހީފަ ވާހަކަ ދައްކާ ތަނެވެ. ހުސްނީ ހިތުން ހަސަނު އެހެރީ މޮޔަ ވެފައެވެ. އެހެން ހުސްނީ ބަލަން ހުއްޓައި ނުފެންނަ އެއްޗެއްގައި ހަސަނު ފިރުމާލުމައްފަހު ރަށު ތެރެ އަށް ދާން ހިނގައިގަތެވެ. ހުސްނީވެސް ހަސަނަށް ނުފެނި ދިޔައީ ގެޔާއި ދިމާލަށެވެ. ހުސްނީގެ ހިތުގައި ވަނީ ދެން އެންމެ އަވަހަށް ކަތީބު ފެންނަ އިރަކުން ހަސަނުގެ ފަރާތުން މި ފެނުނު ކަންތައް ކިޔާދޭށެވެ.

ހުސްނީ އަށް ހޭލެވުނީ ކެޔޮޅު ގޮވާ އަޑަށެވެ. ހުސްނީ ހިތުން މިއުޅެނީ ފަތިސް ވެގެންނެވެ. މަހަށް ދާން އޮޑި ފުރަން ވާ އިރަށް ކެޔޮޅު އައިސް ގޮވަނީ އޭ ހީކޮއްގެން ހުރި ހުސްނީ ގިފިއްޔައް ވަނީ މޫނު ދޮވެލައިގެން އޮޑި ދޮށައް ދާން ތައްޔާރު ވާށެވެ. ހުސްނީ ހިތައް އެރިއެވެ. ކެޔޮޅު ހާދަ ކުރިޔަކާލާ ގޮވާ ރެޔަކީތާއެވެ. އެހެންނޫނީ އައިސް ގޮވާނީ ފަތިސްވެ ކުޑަކޮން ދުނިޔެ މަތި އަލި ވެލާ ފަހުންނެވެ. މިރޭ ފަތިސްވިކަމުގެ އެއްވެސް ނިޝާނެއް ނެތެވެ.

ހުސްނީ ތައްޔާރު ވެގެން ނިކުން އިރު ކެޔޮޅު އަހަންމަދު ދޮރުމަތީ ހުއްޓެވެ. ކެޔޮޅު އަހަންމަދު ކައިރި ހުސްނީ މިރޭ ހާދަ ކުރިޔަކުން ގޮވާ ރެޔެކޭ ކިޔާ ބުނެލުމުން ބޯ ޖަހާލުން ފިޔަވާ އިތުރު ކަމެއް ކެޔޮޅު އަހަންމަދުގެ ފަރާތަކުން ނުފެނުނެވެ. ހުސްނީ ވެސް މާ ބޮޑު ކަމަކަށް ނަހަދާ ދިޔައީއެވެ. ދަމުންގޮސް އަތިރި މަގައް އެރީރަށް ކެޔޮޅު އަތުން ކޮއްތު ކޮތަޅު ވެއްޓުނެވެ. އެ ނަގަން ކެޔޮޅު އަހަންމަދު ގުދުވެލިއެވެ. އެހެނެއް ކަމަކު ހުސްނީ މަޑުނުކޮށް ދިޔައިއެވެ. ކުއްލިއަކަށް ބަރު ބިރުވެރި އަޑަކުން ހުސްނީ އަށް މީހަކު ގޮވާލިއެވެ. ހުސްނީ ބިރުގަންނަ ފާޑަކަށް ބަލާލި އިރު ފަހަތުގައި އެ ހުރީ ކެޔޮޅު އަހަންމަދެއް ނޫނެވެ. ބިރުވެރި ފާޑަކަށް ހުރި އަންހެނެކެވެ. ނަމަވެސް ހުރީ ރަތް ލިބާހެއްގައެވެ" ކުއްލިއަކަށް މަންޒަރު ބަދަލު ވިއެވެ. އަތިރި މަގުން އިހައް ހިންގާފަ ދިޔަ ހުސްނީ މިހާރު އެހުރީ ރުއްގަނޑު ތެރެއެވެ. ހަސަނު ކުރިމަތީ ހުރި ރޫހާނީ އެތި ސިފަ ބަދަލުވިއެވެ. ބަދަލުވީ ހަސަނުގެ ސިފައަށެވެ. ހުސްނީ ގަތީކީ އަމަށަކު ބިރެއް ނޫނެވެ. ދުއްވައި ގަންނާން އުޅެ އެކަމެއް ނުވިއެވެ. ފައި ބިމުގައި ހަރުލާފައި ހުރި ފަދައެވެ. ހަސަނުގެ ސިފައިގައި ހުރި މަހުލޫގު އައިސް ހުސްނީ ކައިރި ހުއްޓުނެވެ. "މަ ކަމަނަ އާއި ވާހަކަ ދައްކަން ހުއްޓަ ކަލެއަށް ފެނުނެއްނު" އޭތި އައިސް ހުސްނީ ކައިރި ބުންޏެވެ. ހުސްނީ ބިރުން ހުރެ ނޫނެކޭ ބުނަން ބޯ ހޫރާލިއެވެ. ކުއްލިއަކަށް އޭތީގެ ސިފަ ބަދަލުވެއްޖެއެވެ. އެންމެ ފުރަތަމަ ހުރި ބިރުވެރި ސިފަ އަށެވެ. "ކަލެއަކަށް މިރޭ ސަލާމަތެއް ނެތް. ކަލެއަށް އޮތް ހުކުމަކީ ހަމަ އާދަނުގެ ހުކުމް. އާދަނުވެސް ހަމަ ކަލޭ ހެން އަހަރެން ކުރަން އުޅުނު ކަމަކަށް ހުރަސް އެޅީ. މިހާރު އޭނައަކީ މޮޔައެއް އަދި ވާހަކަ ނުދެއްކޭ ނުކުޅެދޭ މީހެއް" އެ ބިރުވެރި މަހުލޫގު މިހެން ބުނެ ހުސްނީ ބޮލުގައި ހިފަހައްޓައި ބާރު ކޮއްލިއެވެ. އެ ހިސާބުން ހުސްނީ ގެ ހަބަރު ހުސް ވެގެން ވެއްޓުނެވެ.

ހުސްނީ އަށް ހޭވެރިކަން ވީ އިރު އޮތީ ގޭގައެވެ. ކައިރީގައި މުދިމު އިދުރީސް ފެންތައްޓެއް ކިޔަވަ ކިޔަވާ އިނެވެ. ރުއްގަނޑު ތެރޭ ހުސްނީ ވެއްޓިފަ އޮތް އިރު ނަގައިގެން ގެނައި ކުދިންވެސް ފާޑަކަށް ބަލަން ތިބިއެވެ ކޮންމެ އަކަސް ހުސްނީގެ ހާލު ވަރަށްވެސް ގޯހެވެ. މުދިމު އިދުރީސް ހުސްނީ އަށް ކިޔެވި ފެންފޮދު ދޭށޭ ކިޔާ އެ ގޭ މީހުންނަށް އެނގުމަށް ފަހު އެ ގެއިން ނިކުތެވެ. މެންދުރު ވާން ކައިރި ވެފައި ވާތީ އާއި އެއްކޮނެވެ.

މެންދުރު ނަމާދު ކޮށް ނިމިގެން މުދިމު އިދުރީސް ފުން ހިޔާލަކަށް ގެނބިފައި އޭނީ ރަށު އިރުމަތީ ފަރާތު ހޮޅުއަށީގައެވެ. ރަށުން މިހާރު ކައިރި ކައިރީގައި މީހުން މޮޔަވަނީއެވެ. މި ކަމާއި ގުޅިގެން އަޅާނެ ފިޔަވަޅެއް ވިސްނަން އިންދާ ކައިރި އައިސް މަޑު ކޮއްލީ ކަތީބު އީސާފުޅެވެ. އީސާފުޅު އައިސް މުދިންބޭ އޭ ބޮޑު ވާހަކަ އެއް އަޑު އަހައިފީމޭ ބުންޏެވެ. އަދި ބުންޏެވެ. ޒަކީބެ ބުނާތީ އަޑު އެހީމޭ މިއަދު ޒަކީބެމެން ޅައިރު މި ގޮތައް ކައިރި ކައިރީ މީހުން މޮޔަވެ ކަންކަން ވާތީ ކަންވެރިޔެއް ލައްވާ ބެލި ބެލުމުން އެހެން މީހުން މޮޔަ ވަނީ މި ރަށު ރުއްގަނޑު ކައިރި ދިރި އުޅޭ އަންހެން ޖިންނި އެއް ގެ ސަބަބުން ކަމެވެ. މޮޔަވަނީ ހުސް ފިރިހެނުންނެވެ. ކަތީބު އީސާފުޅު މިހެން ބުނެލުމުން މުދިމު އިދުރީސް އަށި މަތިން ތެދުވިއެވެ. "އަހަރެން ބޭނުން މިރޭން މިރެ އަށް މި ކަމުން ސަލާމަތްވާން. އަވަހަށް ބިރުކުޑަ ރަނގަޅައް ގުރުޢާން ކިޔަވަން އިނގޭ ސާޅީސް ފިރިހެނުން ހޯދަދީ ކަތީބާ" މުދިމު އިދުރީސް ބުންޏެވެ. "މުދިންބޭ އެހެންވީމާ ތިކަމާ ވާނީ ރައްޔިތުން އެއްތަން ކުރުވާ ތިކަން ހިއްސާކޮށް އަވަހަށް މަސައްކަތް ފައްޓަން" ކަތީބު އީސާފުޅު މިހެން ބުނުމަށް ފަހު ހިނގައިގަތީ ރަށު އޮފީހާއި ދިމާލަށެވެ.

ރެޔަށްފަހު ހަސަނަކަށް ކަމަނަ އާއި ދިމާވާގޮތެއް ނުވިއެވެ. މިކަމާއި ހަސަނު ހިތުގައި ޖެހި ވަރަށް ބަލި ވެއްޖެއެވެ. ކަމަނަގެ ހަނދާން ތަކުން ހަސަނުގެ ހިތް ރޮއްވަމުން ދިޔައެވެ. ކުރީ ދުވަހު އަޅައިގެން ގެނައި ކުރުނބާތަކުން ކުރުނބައެއް ހަދާލައިގެން ބޯލިއެވެ. ނަމަވެސް ހަސަނުގެ ބަލި ލުއިވާ ގޮތެއް ނުވިއެވެ.

ކަތީބު އީސާފުޅު އޮފީސް ދޮށައް ގޮސް ސަންގު ފުމުނެވެ. އިސާހިތަކު އޮފީސް ދޮށައް ރައްޔިތުން އެއްވަމުން އެއްވަމުން ގޮސް އެއްވެއްޖެއެވެ. ހަސަނުގެ ބަލި ހާލަތު ހުރި ގޮތުން ހަސަނު ފިޔަވައި ދެން ރަށުގަ ތިބި ހުރިހާ ބޮޑެތި މީހުން އެއްވެއްޖެ އެވެ.
ކަތީބު އީސާފުޅު ވެގެން އުޅޭގޮތް ރަށު ރައްޔިތުންނަށް ކިޔައިދިނެވެ. މުދިމު އިދުރީހާ ހަވާލާދީ ކަތީބު އަންގަނީ ބިރު ކުޑަ ސާޅީސް ފިރިހެނުން ހޯދާ ވާހަކައެވެ. ޝަރުތަކީ ރަނގަޅަށް ގުރުޢާން ކިޔަވަން އިނގުމެވެ. އޭގެ އިތުރުން ރަށުގެ ހުނޅަގު ފަރާތު ގޮނޑު ދޮށުގައި ކިޔަވާ ގެޔެއް އަޅުމަށާއި ދިހަ ވައްތަރުގެ މާ ހޯދުމާއި ޖިންނި އާއި ދެކޮޅައް އެތިފަހަރު ހެދުމަށްފަހު ލޭ ދެއްކުމަށްޓަކައި ކަތިލުމަށް ތިން ކުކުޅު ހޯދުމައް އެނގިއެވެ.

ރަށުތެރޭ މި ހިނގާ ނުރައްކަލުން ސަލާމަތް ވުމުގެ މަސައްކަތައް ތައްޔާރު ވުމުގެ ކަންކަން ފެށިއްޖެއެވެ. އެކި ބައި ބަޔައް ބެހިގެންނެވެ. އެއްބަޔަކު ދިހަ ވައްތަރުން ކޮންމެ ވައްތަރަކުން ސާޅީސް މާ ބިންނަން ގޮހެވެ. އަނެއްބަޔަކު ކިޔަވާ ގެ އެޅުމަށް ދަނޑި ކަނޑަން ވަލުގައެވެ. މި ކަންކަން ގާތުން ބެލުމަށް ކަތީބު އީސާފުޅާއި މުދިމު އިދުރީސް ހަރަކާތްތެރި ވިއެވެ.

ހަސަނު އޮތީ ކުޑަކޮން ހުންވެސް އައިއްސައެވެ. އެހެން އޮއްވައި ހަސަނަށް ނިދިއްޖެއެވެ. ނިދިފައި އޮއްވައި ހަސަނަށް ހުވަފެނެއް ފެންނަމުން ދިޔައެވެ. ފެންނަނީ ކަމަނަ ހަސަނާއި ދިމާލަށް އަންނަތަނެވެ. އައިސް އައިސް ހުރެފަ ކަމަނަ ބިރުވެރި ސިފައަކަށް ބަދަލުވެ އިރު ކޮޅަކުން ކަމަނަ ގައިގަ އަލިފާން ރޯވެ އަނދަންފަށާ އަޅިއައްވެ ދާ ތަނެވެ. ހަސަނަށް ކުއްލިއަކަށް ހޭލެވުނެވެ. އަދި ދެރަވެ އަނެއްކާވެސް ރޯން ފެށިއެވެ. މުޅި ދުވަސް ހަސަނު ހޭދަ ކުރީ މިހާލެއްގައެވެ.

ރޭވެ އިޝާއިން ފައިބައިފިއެވެ. ރަންފުރަދޫ ހުޅަނގު ފަރާތު ގޮނޑުދޮށް ތައްޔާރު ވެފައި އެ އޮތީ ރޫހާނީ ގޮތުން ރަށައް ކުރިމަތިވެފައިވާ ބޮޑު މުސީބާތުން ސަލާމަތް ވުމައްޓަކައެވެ. ކިޔަވާ ގޭ ތެރޭ ތިބެގެން އެންމެން ކިޔަވަމުން ދިޔައެވެ. އިރުކޮޅެއް ނުވެ ކަމަނަ ކިޔާ އިންސާނަކަށް ހެދިގެން އުޅުނު ޖިންނި އާދެ ރުއްގަނޑު ކަމަނަ އެ ތަނަށް ހާޒިރު ކޮއްފިއެވެ. ކަމަނަ ގެ ހަށިގަނޑުގަވެސް ދިޔައީ ވޭން އަޅަމުންނެވެ.

ހަސަނުގެ ހިތަށް އުނދަގޫ ވަނީއެވެ. ހުނޅަގު ފަރާތު ގޮނޑުދޮށުގައި ކަމަނަ ހަސަނަށް އިންތިޒާރު ކުރާ ކަމަށް އިހުސާސް ވަނީ އެވެ. ހަސަނު ގޭން ނިކުމެ ގައިގަ ހުރި ބާރެއްލާ އެ ދިމާލައް ދުއްވައި ގަތެވެ. ދުވަމުން ގޮސް އެ ހިސާބައް ދެވުނު އިރު ކަމަކުދާކަށް ނެތެވެ. ކަމަނަ ފެންނަން އެ ހުރީ ހަމަ ހުވަފެނުގައި ހަސަނަށް ފެނުނު ސޫރައިގައެވެ. އޭރު މުދިންބެ މެން ކިޔަވާ ގޭ ތެރޭ ތިބެގެން ކިޔަވަމުން ދިޔައެވެ. ކަމަނަ ހަސަނާއި ދިމާލައް ބަލާލިއެވެ. " ހަސަނާ އެ މީހުން ކައިރި ބުނޭ އެހެން ނަހަދާށޭ" ކަމަނަ ބުންޏެވެ. ހަސަނު ވަނީ ގަބު ކައިފައެވެ. ލޯބިވެވިގެން މި އުޅެވުނީ ޖިންނި އަކާ ކަން އިނގުނު ހިސާބުން ހަސަނުގެ ހާލަކީ އެއީއެވެ. "ހަސަނުވެސް މަ ދޫ ކޮއްލީދޯ މައްސަލައެއް ނެތް" ކަމަނަ މިހެން ބުނެ ހަސަނާ ދިމާލަށް ލޮލުން އަލި ދޫކޮއްލިއެވެ. ހަސަނު ވަގުތުން ވާ ވެގެން ވެއްޓުނެވެ. އެ ވަގުތަކީ މުދިބެގޮސް ވެލިގަނޑުގަ ކުރަހާފަ އިން ބޮޅަށް ފިޔޮހި ޖެހި ވަގުތެވެ. ކަމަނަ އަނދަން ފައްޓައިފިއެވެ. އިސާހިތަކު ކަމަނަ އަނދާ އަޅިޔައް ވެއްޖެއެވެ. އެންމެން މި ލިބުނު ކާމިޔާބީ ފާހަގަ ކުރިއެވެ. ސަލާން ކޮށް ހެދިޔެވެ. އަދި ކަނޑަށް މާ ދައްކާ ނިމުމައް ފަހު އެންމެން ވެގެން ވާ ވެފަ އޮތް ހަސަނު މުދިމު އިދުރީސް މެން ގެޔައްގޮސް ފަރުވާ ދޭން ފެށިއެވެ.

އެކަމެއް ހިނގިތާ މިހާރު ތިން އަހަރު ވީ އެވެ. ހަސަނު ރަނގަޅު ކުރެވޭނެ ބޭސްވެރިޔެއް ކަންވެރިޔެއްވެސް ނެތެވެ. ހަސަނުގެ ދިރިއުޅުމުގައި އެޅުނު ޅަ އެއްޗެއްގެ ސަބަބުން ހަސަނުގެ މުޅި ދިރިއުޅުން ވަނީ ނުކުޅެދުން ތެރި ކަމެއްގައެވެ. ރުއްގަނޑު ކަމަނަގެ އުނދަގުލުން މުޅި ރަންފުރަދޫ ސަލާމަތް ވީ ހަސަނުގެ މުޅި ދިރިއުޅުން ގުރުބާން ވެގެނެވެ.

- ނިމުނީ -

    Please log in or register to bookmark.
    1k

    ޚިޔާލު

    Your email address will not be published.