ކަނޑުމަތިން

ކަނޑިމަތި އެޅުމުގެ ހާދިސާތަކަކީ ހިނގާ ކަންކަމެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުސުރެ މިއަދާ ހަމަޔަށްވެސް މިފަދަ ހާދިސާތައް އަންނަނީ ހިނގަމުންނެވެ. މިފަދަ ކަމަކުން ސަލާމަތްވެތިބުމަށް އޮތީ އީމާންތެރިކަން ވަރުގަދަކުރުމެވެ.

އަލިބެއްޔާއަކީ މަސްވެރިޔެކެވެ. އޭނާއާއެކު އޭނާގެ އެކުވެރި ތައްޙާން ބެއްޔާ އަބަދުވެސް މަސްވެރިކަމުގާ ބައިވެރިވެއެވެ. ތައްޙާން ބެއްޔާ އަބަދުވެސް އަލިބެއްޔާއާ ސަމާސާކުރެއެވެ. މަސްބާނަމުންދާއިރު ބައެއްފަހަރު ޖެއްސުންކޮށްލުމުގެ ގޮތުން ފައިންޖަހާ ކަނޑަށްވެސް ވައްޓާލައެވެ. ނަމަވެސް އަލިބެއްޔާއަކީ މަޑުމައިތިރި މީހެއްކަމުން ތައްޙާން ބެއްޔާގެ އެ ސަމާސާ އަބަދުވެސް ހިތުއަޑިން ގަބޫލްކޮށް މައާފްކުރެއެވެ.

ދުވަސްތައް ފާއިތުވެގެންގޮސް ރަށުގެ މަސްދޯނި އެހެލާފިޔެވެ. ރަށަށް މަސްލިބުންވެސް ދަތިވެއްޖެއެވެ. ރަށު ރައްޔިތުން ގޮނޑުދޮށްތަކަށް ނުކުމެ ފަރުމަސް ބާނަން މަޖުބޫރުވިޔެވެ. އަލިބެއްޔާއާ ތައްޙާން ބެއްޔާ އެއްބަސް ކިޔާން މެދު މިނުގެ ކުޑަ ދޯންޏެއް ބަނުމުގެ މަސައްކަތްފެށިއްޖެއެވެ. ބަރާބަރު ތިންމަސްތެރޭގާ ދޯނި ނިންމާލާފިޔެވެ. ދެމީހަކަށް ދަތުރުކުރެވޭ އެ ދޯންޏަށް ރިޔަލަކާ އެއްޗެހި ހަދިޔާކުރީ އަލިބެއްޔާގެ ޅިޔަނެއްކަމުގާވާ ބަކުރެވެ. މޫސުމަށް ބެލުމަށްފަހު ދޯނި ބާލާގެން ފުރުތަމަ ދަތުރު އަލިބެއްޔާއާ ތައްހާން ބެއްޔާ ކުރަންފެށިޔެވެ. ކައިރީގާ ވާ ފަޅުރަށްތައް ކައިރިން ވަދު އަޅާލަން ދުވާލުމުން ލައްޓި އަދި ކުރުމަސްގެ އިތުރުން ތޮޅިފަދަ ސާމާނު ކާމިޔާބުކަމާއެކު ބޭނުނެވެ. މަސްކޮޅު ވާވަރަށް ބޭނުމުން އަނބުރާ ރަށަށް އައިސް ރައްޔިތުންނަށް ހުރިހާ އެއްޗެއް ބަހާލިޔެވެ. އެއަށްފަހު ޖެހިގެން އައި ދުވަހުވެސް ހަމަ އެގޮތައް ދިޔައެވެ. ވަރަށް ކާމިޔާބެވެ. މިގޮތައް އެތައް ދަތުރެއް ކުރުމަށްފަހު ތައްޙާން ބެއްޔާ އަލިބެއްޔާއަށް ރޭގަނޑު މަހަށް ދިޔުމަށް ލަފާދިނެވެ. މިކަމާ އަލިބެއްޔާ އެއްބަސްވެ ދެމީހުން ހަވީރު ފުރާފިޔެވެ. ފަޅުރަށްތައް ކައިރީ ދުއްވާލުމަށްފަހު ފަރު ކައިރިޔަށް ނަގިލި ވައްޓާލުމަށްފަހު ދެމީހުން މަސްވެރިކަމާގެން ކުރިޔަށްދިޔައެވެ. އިރުކޮޅަކުން ކައިރިން ފެންނަން އޮތް ފަޅުރަށް މަތިން އަލިގުޅަޔެއް ދަތުރުކުރިތަން ފެނިގެންދިޔައެވެ. ތައްޙާން ބެއްޔާ އެވާހަކަ އަލިބެއްޔާ ގާތު ބުނުމުން އެކަމާ އަޅާ ނުލުމަށް އަލިބެއްޔާ ބުނެލިޔެވެ.

ވަރުގަދަޔަށް މަސްގަންނަ ގަޑި ޖެހިއްޖެއެވެ. ރަތް މަހާ އެކި ޒާތުގެ ބޮޑެތި މަސް ފޯރިޔާއެކު ދެމީހުން ދިޔައީ ބާނަމުންނެވެ. ވަގުތު ދިޔަގޮތްވެސް ނޭނގި މެންދަމު އަތަށް އަޅާފިޔެވެ. ކުއްލިޔަކަށް ފެނުނީ ކައިރީ އޮތް ފަރުމަތީ ރެދަންލާ ދިއްލާލިތަނެވެ. އެޔާއެކު ފަރުހަކި ވަސްގަނޑު ވަރަށް ގަދަވެގެންދިޔައެވެ. ފަރުމަތިން އަލިގަނޑެއްވެސް އަރާފިޔެވެ. ދެން ފެނިގެން ދިޔައީ ރަން ކުލައިން ދިއްލިފާވާ އެއްޗެއް ފަރުމަތީ ހިނގަމުންދިޔަތަނެވެ. އަލިގަދަ ކަމުން އެއް އެއްޗެއްގެ ސިފަ ރަނގަޅަށް ނުވެސް އެނގެއެވެ. ފަރުގެ އެއްކޮޅު އަނެއްކޮޅަށް އެ އެއްޗެއް ދިޔައީ މަޑު ދުވެލީގައެވެ. އޭތީގެ މާނޭވާ ލާ އަޑު ރީއްޗަށް އަލިބެއްޔާއާ ތައްހާން ބެއްޔާއަށް އިވެއެވެ. މިއީ ގޯހެއްކަން އެނގި ދެމީހުން އަވަހަށް މަސްބޭނުން ހުއްޓާލުމަށްފަހު އަވަހަށް ނަގިލި ނަގާ ރިޔާ ނަގާން ދަތުރު ރަށާ ދިމާލަށް ފަށާގަތެވެ. ފަޅުރަށްތައް ކައިރިން ދިޔައިރު އިވެމުންދިޔައީ ކުޑަކުދިން ރޯއަޑާ ބިރުވެރި ނާމަން އަޑުތަކެވެ. ތައްހާން ބެއްޔާއާ އަލިބެއްޔާ ދެފަރާތަށް ބަލަ ބަލާ ތިއްބާ ފާހަގަވީ ދޯނި ކުރިޔަށް ނުދާކަމެވެ. ދޯނީގެ ތިރިވަނީ ރަންކުލައިން ދިއްލިފައެވެ. ފަރުވަސް ވަރަށްވެސް ގަދަވެއްޖެއެވެ. ދޯނީ ފަހަތުގާ އިން ތައްޙާން ބެއްޔާ ސިއްސާން ދިޔައީ އޭނާގެ އަތުގާ އެއްޗެއް ހިފުމުންނެވެ. އެ ހިފި އެއްޗެއްގެ އަތުގާވަނީ ރަންކުލައެވެ. ތޫނު ވަކިތައްހުރީ ނުކުމެފައެވެ. އެހާމެ ހަންގަނޑު ލޮންޖެވެ. ތައްޙާން ބެއްޔާ ބަލަން ނުއިންދެ ކައިރީ އޮތް ވަޅި ނަގާ އެ އަތަށް ހަރާލިޔެވެ. އެޔާއެކު ބާރު އަޑުފައްގަނޑަކާއެކު އެއް އެއްޗެއް ހަޅޭއްލަވާގަނެ ތައްހާން ބެއްޔާ އަތުން ދޫކޮށްލުމަށްފަހު ކަނޑުތެރެޔަށް ގެއްލުނެވެ. އިސާހިތަކު ދޯނިވެސް ކުރިޔަށް ދާންފެށިޔެވެ. ރަށާ ހަމަޔަށް ދެވުންއިރު ފަތިސްވާން ކައިރިވެއްޖެއެވެ. ރަށު ރައްޔިތުން ތިބީ ކަންބޮޑުވެގެން ނުކުމެއެވެ. އަލިބެއްޔާމެން ދޯނި އައިސް ލެފުމުން އެންމެންގެ ޝަކުވާތައް ބަންޑުންކޮށްލިޔެވެ. އިރުކޮޅަކު އިނދެލުމަށްފަހު އަލިބެއްޔާ ހުރިހާ އެއްޗެއް ކިޔާދިނެވެ. ރައްޔިތުން އެވާހަކަ އަޑުއަހާފާ ވަރަށް ބިރުވެސްގަތެވެ. އަދި ރޭގަނޑު މަހަށް ނުދިޔުމަށް އަލިބެއްޔާއަށް އާދޭސްކުރިޔެވެ.

ދުވަސްގަނޑަކަށްފަހު ތައްޙާން ބެއްޔާ ކުއްލިގޮތަކަށް ބޮޑު ބައްޔެއް ވެއްޖެއެވެ. ހަކީމަކަށް ދެއްކުމަށް ދަތުރުކުރުމަށް ރަށުގެ މަސްދޯނިވެސް ބަލާފިޔެވެ. އޭގެން ތައްޙާން ބެއްޔާ ގޮވާގެން ދަތުރު ފެށުނީ ހަވީރުއެވެ. ދަތުރު ކުރަމުން ގޮސް އިރުއޮއްސި އަނދިރިވެއްޖެއެވެ. ހަކީމްވެރިޔާގެ ރަށް ފެންނަ ހިސާބަށް އާދެވުނުތަނާ ތައްހާން ބެއްޔާ ކުއްލިޔަކަށް ހާލުބޮޑުވެ ނޭވާ ހާސްވެގެންގޮސް މަރުވެއްޖެއެވެ. ކުރިޔަށް ދިޔުން ނޫން އިތުރު ގޮތެއް ނެތި ދޯނި މިސްރާބް ބެހެއްޓި ހަކީމްވެރިޔާގެ ރަށަށްށެވެ. ކުއްލިޔަކަށް ވާރޭވެސް ވެހެންފެށިޔެވެ. ކަނޑުމަތި ގަދަވާންފެށިޔެވެ. އަދި ކުރިން ނުފެންނަ އެތައް ފަރުތަކެއް ދިއްލިފާ ހުންނަތަން ފެންނަންފެށިޔެވެ. ދުއްވަން ހުރި އަލިބެއްޔާއަށް މިއީ ގޯހެއްކަން އެނގި ވެހެމުންދިޔަ ވާރޭގެ ރަހަ ބަލާލިޔެވެ. ވާރޭގާ ލޮނުރަހަށް ހުރުމުން އަލިބެއްޔާ ވަރަށް ހައިރާންވިޔެވެ. އިރުގަނޑަކަށްފަހު ކަނޑު މަޑުވެއްޖެއެވެ. ރަށް އޮތީ ހަމަ އޮތް ހިސާބުގާ ފެންނާށެވެ. ދޯނި ކުރިޔަށް ދާހެނެއް ހިޔެއްނުވެއެވެ. މިހެއް ތިއްބާ ކަނޑު އަޑިން ކަފުންކޮށްފާވާ ގަބުރުތައް ފެނުމައްޗަށް އަރަންފެށިޔެވެ. ނާމާން އަޑުތައް އިވެންފެށިޔެވެ. މަރުވެފާވާ ތައްހާން ބެއްޔާގެ ހަށިގަނޑު ކުޑަކޮށް ގުޑާލިހެން ހީވެގެން ހަށިގަނޑު ކައިރީ ތިބި އެންމެން ފަހަށް ޖެހިގަތެވެ. ތައްހާން ބެއްޔާގެ ދެލޯ މަޑުމަޑުން ހުޅުވުނެވެ. ދެލޮލުގެ ކުލަވަނީ ރަންކުލައިން ދިއްލިފައެވެ. މަޑު މަޑުން ކޮޅަށް ތެދުވެ ދެފަރާތަށް ކަނދުރާ އަނބުރާލިޔެވެ. ތައްހާން ބެއްޔާގެ އަތުގެ އިނގިލިތަކުން ތޫނު ވަކިތަކެއް ނުކުތްތަން އެންމެންނަށް ފެނިގެންދިޔައެވެ. ކުއްލިޔަކަށް އައިސް އެންމެ ކައިރިން އަތުޖެހެން ހުރި މީހާ އަތުކޮށް އޭނާ ކަރުގާ ވަކިއަޅާ މަރާލުމަށްފަހު މޫދަށް އެއްލާލިޔެވެ. އެއަށްފަހު ދެން ތިބި އެންމެންނާ ދިމާކުރުމުގެ ކުރިން އަލިބެއްޔާ އަޑުގެ ނެތްކޮޅަށް ބަންގި ގޮވަން ފެށިޔެވެ. އިސާހިތަކު ތައްޙާން ބެއްޔާ ބިރުވެރި އަޑަކުން ހަޅެއްލަވާގަތުމަށްފަހު ކަނޑަށް ފުންމާލާގެންގޮސް ގެއްލުނެވެ. އިސާހިތަކު ދޯނިވެސް ކުރިޔަށް ދާންފެށިޔެވެ. ހަކީމްވެރިޔާގެ ރަށަށް ލެފުމާއެކު މީހުންގަނޑު ރޮއެ ހޭރެން ފެށުމުން ރައްޔިތުން އައިސް ކީއްތޯވީ ބަލާ ސުވާލުކުރަން ފެށުމުން ހާދިސާ ހިނގިގޮތް ކިޔާދިނެވެ. އެހިސާބުން އެރަށުގާ މަސްދުވަސް ވަންދެން ދޯނި މަޑުކުރަން އެންގިޔެވެ. ކިޔެވެލި ކިޔަވާ މީހުން ކިޔެވެލި ކިޔެވުމަށްފަހު އިތުރަށް އެއްމަހު މަޑުކުރުވާފާ ދޯނި ފުރުވާލިޔެވެ. ސަލާމަތުން އަލިބެއްޔާމެން ރަށަށް އާދެވުމުން ހުރިހާ އެއްޗެއް ރަށު ރައްޔިތުންނަށް ކިޔާދިނެވެ. އެހިސާބުން ރަށު މީހުންގެ އިމާންތެރިކަން ވަރުގަދަ ކުރުމަށް ގަދައަޅާ މަސައްކަތްތައް ފެށުނެވެ. ލިބު ކޮންމެ ދީނީ ތައުލީމެއް އެރަށު މީހުން ދިޔައީ ހާސިލްކޮށް އެޅުނު ރައްކާތެރި ފިޔަވަޅެއް އަޅަމުންނެވެ.

ހާދިސާ ހިނގިތާ ފަސް އަހަރުފަހުން އަލިބެއްޔާއާ އޭނާގެ ޅިޔަނެއް ރޭގަނޑު މަސްވެރިކަމަށް ނުކުތެވެ. ފަރު ކައިރީ މަސްބާނާލަން ތިއްބާ ޅިޔަނަށް ފަރުމަތިން މީހަކު ފެންނަ ވާހަކަ އަލިބެއްޔާ ކައިރީ ބުންޏެވެ. އަލިބެއްޔާ ބަލާލިއިރު ފަރުމަތީގާ އެއްކޮޅުން އަނެއްކޮޅަށް ހިނގަމުންދާތަން ފެނުނީ ތައްޙާން ބެއްޔާއެވެ. ނަމަވެސް އެއީ ތައްޙާން ބެއްޔާއެއް ނޫންކަން އަލިބެއްޔާއަށް އެނގި ޅިޔަނު ކައިރީ ކިޔުނު ހެޔޮ އެއްޗެއް ކިޔަން އަންގާ ދޯނި އޮތް ތަނުން ނަގާން ރަށާ ދިމާލަށް މިސްރާބުޖެހިޔެވެ.

- ނިމުނީ -

ނޯޓް : މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް އިތުރު ބައިތައް ލައިގެން ލިޔެވިފާވާ ވާހަކައެކެވެ.

    Please log in or register to bookmark.
    2k

    1 ޚިޔާލު

    Leave a Reply to @RAMSHA X

    Your email address will not be published.