'ހީ ލުކްސް ލައިކް.. ނޫން އެހެނެއް ނުވާނެ އޭނަ މަރުވެއްޖެ.. ވާނީ އޭނަޔާ ވައްތަރު މީހަކަށް..' އަމިއްލަ ނަފްސަށް ވިސްނައިދެމުން މަލްކާ ފާހާނާއަށް ވަންނަން ހިނގައިގަތެވެ.
******
އާދުވަހަކަށް އިރު ފެނާއި ތޮޅިލިއިރު ރަށުގެ އެންމެން ހެން އެއްއަޑަކުން ދައްކަމުން ދިޔައީ އެއް ވާހަކައެކެވެ. ރޭ ދަންވަރު ރަށުތެރޭގައި ކާޅު ބައިގަނޑުތައް ގިނަވެގެން އުޅުނު ވާހަކައެވެ. އޭކަކަށްވެސް އެކާޅުތައް އައީ ކޮންތާކުން ކަމެއް ނޭނގެއެވެ. ޒައިކްމެންނަށް ވެސް ފެނުނު އިރު އެއެއްޗެހި އެގެއާ ދުރަށް ދާތީ އެ ކާޅުތައް އައީ ސީދާ ކޮންތަނަކުން ކަން އެދެމީހުންނަށްވެސް ރަނގަޅަށް ނޭނގެއެވެ.
ރޭގައި ކުނިގޮނޑު އަންދާފައި ވާތީ އެއީ އެތާގައި ހުރި ގަސްތަކުން ނުކުތް އެއްޗެހި ތަކެއް ކަމަށް ގިނަމީހުން ބުނަމުން ދިޔައިރު މަދު ބަޔަކު ރަށުތެރޭ ރޫހާނީ ކަމެއް އުޅޭކަމަށް ވެދާނޭ ބުނަމުން ދިޔައެވެ. އިލްމީގޮތުން ކުރިއަރާފައިވާ މިޒަމާނުގެ ކުދިން ކައިރީ ޖިންނި ޝައިޠާނުންނޭ ބުންޏަކަސް ގަބޫލެއް ނުކުރާނެ ތާއެވެ.
ކައުންސިލް އިދާރާގެ މުވައްޒަފުން ވެސް ހިމެނުނީ 'އެ ގިނަ މީހުން ގެ' ތެރޭގައެވެ.
******
'އޭ އެކާޅުތައް ކަލޭމެން ދުށިންތަ.؟ މަގެއަށް ވަން ތަނާ އަޑުފަށްގަނޑު ގަދަވީ.. ނިކުންނަން ނުކެރުނު މަށަށް..' ޖޯލީގައި އޮތް ޒައިކް އާއި އައިކަން އަށް ބަލާލަމުން ރާކިން އަހާލިއެވެ. ރޭގެ ކަންތަކާހުރެ ލަހުންތެދުވާ ތިންމީހުން ވެސް އިރު ނާރަނީސް ތެދުވެގެން އައިސް ޒައިކް އާ ބައިވެރިވީއެވެ. 'އާނނ ކަލޭ ގެއަށް ވަނީމަ ޖެހިގެން އިންގޯޅިން އަޅާލިތަނުން ކާޅުތައް އުފުއްސައިގަތީ ސިދާ އިރުމައްޗާ ދިމާއަށް.. ދެެން ބުނާނީ ކީކޭ..' އައިކަން ކިޔާދިނެވެ.
'ބުނާނީީީ ކީއްހޭ.. ކަލޭ ހީވީ ރަނޑު އަންހެނެއްހެން މަ ވަރަށް މަސައްކަތުން ނުހީ ހުރީ.. މަ އެއްފަހަރު ހީކުރީ ކަލޭ ބާރުބާރަށް ރޮއިހޭރިގަންނާނޭ ވެސް..' ޒައިކް ރެއިން ފަށައިގެން ހިފަހައްޓައިގެން ހުރި ހިނިގަނޑު ބޭރު ކޮށްލުމުން އޭނާއަށް ހީވީ ބޮލުގައި އޮތް ބަރެއް ވައްޓާލި ހެންނެވެ.
'ދެން މަމީ ކަލޭއެއް ނޫނޭ.. އެނގޭތަ ކަލޭމެނަށް.. އެކާޅުތައް އައި ދިމާއަށްދާން މީނަ އުޅެނީ.. ދެން ބުނެބަ މަ ބިރު ނުގަންނާނެތަ..' އައިކަން ބުނެލި އެވެ.
'އޭން ކަލެއަށް އެތަނުން ކޯއްޗެއް ފެނުނީ..' ބާކީ ތިބި މީހުނަށް އެކީހެން އަހާލެވުނެވެ.
'މަށަށް އެތަނުން މީހެއްގެ ހިޔަނި ފެނުނުހެން ހީވިމަ ބެލީ.. ވެދާނެ ވަޔާ ގަސްތައް ހެލުނީމަ ހީވިގޮތެއްހެން.. މިހެން ނުބުނާތީ ދެންގޮސް މީހުން ކައިރީ.. އަހަރެން ކުރިން އުޅުނު ރަށު މީހުންވެސް ހީވާނީ އަބަދުގަ ކޯޓެއް ހެން.. މިރަށު މީހުން ނޭނގޭ ހަދާނެ ގޮތެއްވެސް..' ޒައިކް ވީގޮތް ކިޔާދިނީ އިންޒާރަކާވެސް އެކުގައެވެ.
'ހޫމް ނުކިޔާނަމޭ.. އެއީ އަސްލު މީހަކަށް ނޫނީ މީހުން އެކިޔާކަހަލަ އެއްޗަކަށް ވިއްޔާޔޯ..' އަދްޔަން އަހާލިއެވެ. ޒައިކްގެ ހިތަށް ފުރަތަމަވެސް އެރީ މަލްކާއެވެ. ކީއްވެކަން ހުދު އޭނާއަށްވެސް ނުވިސްނުނެވެ. ރެއިން ފެށިގެން އޭނާއަށް ހީވަނީ މަލްކާ އަށް ވަރަށް ބޮޑު ކަމެއް ވާން އުޅޭ ހެންނެވެ.
'އޭ ކޮންއިރަކު ޒޭމް ފުރަނީ.. އޭނަ ފުރުވަން ދިއުމުގެ ކުރިން ކުޑަކޮށް ނިދާލަން ބޭނުމޭ..' އާފުރެމުން ރާކިން ރާގުލައި ބުނެލިއެވެ. 'ދޭ ގޮސް ނިދާ.. މެންދުރު ފަހު ދެއަކުން އޭނަ ފުރަނީ.. އަހަރެންވެސް ޑިއުޓީ ނިމިދާނެ އެހާއިރަށް..' ޒައިކް ކޮޅަށް ތެދުވެލިއެވެ.
******
ބޮލުގަ ރިއްސާވަރުން އަށެއް ޖެހިއިރު ވެސް މަލްކާއަށް އޮތްތަނުން ތެދުވެވޭ ވަރެއް ނޫނެވެ.
'މަލްކާ ދަރިފުޅާ އަދިވެސް ލުއި ނުވޭތަ.. މިހާރު ހީވަނީ ހުންވެސް އެބަހުރިހެން..' މަލްކާގެ ނިތްކުރީގައި އަތް ޖައްސައިލަމުން ޒުލްފާ ބުނެލިއެވެ.
'އަދިވެސް.. ހީވަނީ ބޮލަށް ބަރު.. ވާހެން ކުރިއަށްވުރެ.. ބޮޑަށް..' ދޫއޮޅޭވަރުން މަލްކާއަށް ޖުމްލަ ފުރިހަމަ ކުރެވުނީ އިރުކޮޅަކުންނެވެ. 'ހިނގާ ހޮސްޕިޓަލަށް.. ތިތާ އޮއްވާ ކިތަންމެ ބޮޑު ކަމެއް ވިއަސް ނޭނގޭނެ..' ޒުލްފާ ކޮޓަރިން ނުކުންނަން ހިނގައިގަތީ ފެންވަރައި ތައްޔާރުވާށޭ ބުނެފައެވެ. ސައިޑް ޓޭބަލް މަތީގައި އަތް އަޅުވާލައިގެން ކޮޅަށްތެދުވެ މަލްކާ ހިނގައިގަތީ ފާހާނާއަށް ދާށެވެ.
******
'މިއަދު މެލޯ އަށް ވީ ކިހިނެއް؟.' ކެންޓީނަށް ދިޔައިރު ޒައިކް އިންތަން ފެނުމުން އާލާ އައިސް އެ ޓޭބަލްގައި އިށީނދެގެން އިދެ އަހާލިއެވެ. 'ތީ.؟' ކުރިން ފެނިފައި ވިއެއް ކަމަކު ނަން ނޭނގޭތީ ޒައިކް އަހާލިއެވެ. 'އޯހް އާލާ.. ތީ ޒައިކް ކަން އެނގޭ.. ތިދެމީހުން ކުރިންދުވަހު އެކީ އައީމަ ހިތަށްއެރީ އެނގިދާނޭ.. އެން މެލޯ މިކިޔަނީ މަލްކާއަށް އިނގޭ.. ކުޑައިރުއްސުރެން އެހެން ކިޔާކިޔާ އަހަރެންގެ ދުލުގައި އޮންނަނީ މެލޯ ހަރުލާފަ.. ހެހެ..' އާލާ ތައާރަފް ވެލިއެވެ.
'އެހެންދޯ.. މަލް ނާނގާ އަހަންނަކަށް.. އެހެންނަމަތާ އެނގޭނީ ވެސް..' ޒައިކް ހިނިތުންވެލިއެވެ. 'އަނެއްކާ މަލްއަށް ކަމެއް ދިމާވީބާ..' އެސުވާލު ވަނީ ޒައިކްގެ ހިތުގައި އެވެ.
'ބަލީ ކަންނޭނގެ.. ޒައިކްއަށް އެއްޗެއް ގެންނަންތަ..' ކެޕެޓީރިއާ އަށް ހިނގައިގަންނަމުން ބުނެލިއެވެ އާލާ އަހާލީ ޒައިކް ހުސްއަތާ އެތާ އިނުމުންނެވެ. 'ހުމްމ ގެނޭ ދެތިން ޑޯނަޓް..' އެއިންގޮތައް އިދެ ޒައިކް ބުނެލިއެވެ. 'ހެއްވާ.. ދެމީހުން ކަނީވެސް އެކައްޗެއް..' އާލާގެ ހިތަށް އެހެން އެރުމުން އޭނާއަށް ހިނިތުން ވެވުނެވެ.
******
އަލި މަނިކު (އެ މުސްކުޅި މީހާ) ގެ ގޭގެތެރަށް 'އޭނާ' ވަދެގެން ހިނގައިގަތީ ސީދާ ވަލުފަރާތަށެވެ. އަލި މަނިކު އަބަދުހެން އެތަނުގައި އުޅޭތީ މިވަގުތުވެސް އޭނާ ހުންނަނީ އެތަނުގައި ކަން އެނގޭތީއެވެ.
މެންދުރުގެ އެވަގުތުގައިވެސް އެގެ ފެންނަނީ ނާމާންގޮތަކަށެވެ. އެތަންމިތަނަށް އެއްޗެހިތައް އުކާލާފައި ވާއިރު އެގޭގެ ހާލަތު ފަޅު ގޯއްޗަކަށްވުރެ ނުބައެވެ. ބަލާބެލުމަށް ކުނިވެސް ކަހާނުލާތާ އަހަރެއް ވެދާނެ ވައްތަރު ޖަހައެވެ. ނޭވާލާން އުދަގޫވާވަރަށް ހިރަފުސް ހުރިއިރު މިއީ އިންސާނަކު ދިރިއުޅޭ ތަނެއްކަން ގަބޫލުކުރަން ދައްޗެވެ.
އަލި މަނިކު ފެނުމުން 'އޭނާ' މޫނުގައި އަޅާފައިވާ މާސްކް ނަގާލިއެވެ.'ކަލެއަށް ގުޅަން މައުޅުނީ އެކަމް ހިތައް އެރީ އަންނާނިއްޔޭ.. މިރަށުގަ ތިބި ކޮޕުންވެސް މިއަދު ފުރާފި ވިއްޔާ.. އަހަރެން ބޭނުން އަހަރެންގެ ކަންތައް ނިމޭނެކަމުގެ ޔަގީންކަން..' އަލި މަނިކަށް ވުރެ ކުރިން އިސްވެ 'އޭނާ' އައި ބޭނުން ހާމަކޮށްލިއެވެ. 'އަހަރެން ގެންގުޅެނީ ވަރަށް ބޯހަރު އެއްޗެހިތަކެއް.. ވައުދާ ހިލާފު ވެސް ވެދާނެ..' އަލި މަނިކު ކިޔާދިނެވެ. 'މަށަށް ހެޔޮ އެއެއްޗެހި ކިތަންމެ ބޯހަރަސް.. މަގޭ ބޭނުން ފުދެންޏާ ނިމުނީ.. ބުނޭ ކުރަންވީ ކަންތައް.. އަހަރެން ނިންމަފާނަން..' އެކަންތައް ނިންމުމަކީ 'އޭނާ' އަށްވަރަށް މުހިންމު ކަމެއް ތޯއްޗެކެވެ.
'ތައްޔާރުތަ.. ކޮންމެ ކަމެއްވެސް ކުރަން ޖެހިދާނެ.. އަމިއްލަ ގައިގެ ގުނަވަނެއް ވަކި ކުރަންވެސް..' ބިރުކުޑަކަމަށް ހެދިގެން އިނަސް އަލި މަނިކުގެ މިޖުމްލައިން'އޭނާ'ގެ ހިތަށް ބިރުވެރިކަމުގެ ރާޅެއް ޖަހާލިއެވެ. ހިތުގެ ކަނަކުން މިކަމަށް ނުވެދުނު ނަމައޭ ހިތަށް އެރިއެވެ. އިސްއުފުލާލަމުން ބޯ ޖަހާލީ ތައްޔާރުކަން އަންގާލަދޭށެވެ. އެހާ ގިނަ ތައްޔާރީތަކެއް ކޮށް ޖިންނީންވެސް މެދުވެރި ކުރުމަށްފަހު އެކަން މެދުތެރެއިން ދޫކޮށްލުމަކީ ކަޑަ ކަމެއް ކަމަށް'އޭނާ'އަށް ހީވާތީއެވެ. •
'މިރޭ އިރުއޮއްސޭ ދަޅައަށް މިގެއަށް އަންނާތި.. އޭރު ހުރިހާކަމެއް ވަގުތު އޮއްވާ ނިންމާލެވޭނީ..' އަލި މަނިކުގެ މޫނުން ބިރުގެ ކަންފުޅެއްވެސް ފެންނާކަށް ނެތެވެ. ވާނީވެސް އެހެންތާ އެވެ. އޭނާ ސިހުރުގެ އަވާގައި ޖެހި ހައްގު ދީނަށް ފުރަގަސްދިންތާ ސަތާރަ އަށްވުރެ ގިނަ އަހަރު ވެއްޖެ ވިއްޔަ އެވެ. އޭނާގެ އާއިލާ މީގެ ނުވަ އަހަރު ކުރިން ދުއްވާލީވެސް އެހެން ހެދި ސިހުރެއްގެ މެދުވެރިއަކަށް ގެންގުޅުނު ޖިންނިއެކެވެ. އެޖިންނީގެ އެދުން ނުފުއްދިކަމަށްޓަކައި ދިން ހަދިޔާ އެވެ. ބިރެއް ގަންނާނެ މީހަކު ނަމަ އެދުވަހުން އެދުވަހަށް އެކަންތައް ހުއްޓާލާނެ ނޫންހެއްޔެވެ؟ އެހެންނޫންނަމަ މިހާރު އޭނާގެ މުނި ދަރީންވެސް ތިބޭނެ ކަންނޭނގެއެވެ.
'ދިޔައީ..' ގޮނޑިން ތެދުވެ 'އޭނާ' ގެއިން ނުކުންނަން ހިނގައިގަތީ އަލުން މާސްކުވެސް އަޅާލަމުންނެވެ.
******
ކޮލެޖުން ގެއަށް އައިސް ޒައިކް ފުރަތަމަ ކަމަކަށް މަލްކާއަށް ހަބަރު ވެލިއެވެ.
'ކިހިނެތް ވީ މިއަދު ކޮލެޖަށް ނައީ.. އާލް އަހަރެން ކައިރީ އެއްސޭ ކިހިނެއް ވީހޯ މަލް އަށް.. ޔޫ އޯކޭ؟.'
'ހުން އައިސްގެން އުޅޭތީ ނާދެވުނީ.. މިއޮތީ ހޮސްޕިޓަލް ގަ.. އެން އައިމް ފިލިންގް ބެޓަރ ނައު.. ޑިސްޗާރޖް ލިބޭނެ ހަވީރު ހިސާބުގަ..' ސްމައިލީ އަކާއެކު މަލްކާ ރިޕްލައި ކޮށްލިއެވެ.
'އާލް ކައިރީ ބުނެލާތި.. އެން އަހަރެން އަންނަންތަ.؟' އިރުކޮޅަކުން ޒައިމަން ފުރުވަން ދާންޖެހޭނެކަން ޒައިކްގެ ހަނދާނުން ފިލައިގެން ދިޔައެވެ.
'ލޮލް.. ޒައިކް އިއްޔެ ބުނީމެއްނު ޔުއަރ ފްރެންޑެއް މިއަދު ފުރަޔޯ މެންދުރު.. ފުރުވަން ދާނަމޯ.. ދެން ތީ ޖީންނިއެއްތަ ދެތަނުގަ އެއްފަހަރަކާ ހުންނަން..' އިއްޔެ އެދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަ ތަކުގެ ތެރެއިން މަލްކާއަށް ވަނީ ޒައިމަން ފުރާ ވާހަކަ އެނގުފައިކަމުން އޭނާ ހަދާންކޮށްދިނެވެ.
'އާނ ދޯ.. ވެއިޓް އެއްގަޑި ސާޅީސް.. މަލް ބާއި އެނގޭ އަހަރެން ދާން ވެއްޖެ.. ޓޭކް ކެއަރ..' ގަޑި ފެނުމުން ދެލޯ ބޮޑުކޮށްލާފައި އަވަހަށް ފާހާނާއަށް ދާން ޒައިކް އުޅެގަތެވެ.
ޔޫޓޫ އޭ ޖަހާލުމަށްފަހު މަލްކާ އޭނާގެ ފޯނު ގެނެސް މޭމަތީގައި ޖައްސާލިއެވެ.
ޒައިކް ބޭނުންކޮށްލާ އެންމެ ކުޑަކުޑަ ބަހެއްވެސް މަލްކާގެ ހިތާ ހަމައަށް ފޯރާފަދައެވެ. ނޭނގި ނަމަވެސް މަލްކާއަށް ވަނީ ޒައިކްއަށް ހާއްސަ މަގާމެއް ދެވިފައެވެ.
'ދޮނާ ހަވް ޔޫ ފިލިންގް ނައު.! މަންމަ ކައިރީ ކީއެތި ކިޔާ ގޭގަ ބަހައްޓާފަ މަލާ މިއައީ.. ދިޔަގޮތަށް އުޅުނީ އަންނަން ވިއްޔާ..' މަލާކް ހިނިގަޑެއް ޖަހާލިއެވެ. 'ގުޑް އެން ގުޑް.. މަންމަ ރެސްޓުކުުރަން ބޭއްވީމަ..' މަލްކާ ވެސް ހިނިތުންވެލިއެވެ. 'މަލާއަކަށް ހިއެއް ނުވޭ މަންމަ ރެސްޓް ކުރާނެ ހެނެއް.. ގޭގަ ކިރިޔާވެސް ކުރާނެ ކަމެއް ހުރިއްޔާ އެކަންތައް ކުރަން އިންނާނެ.. ޔަގީންކަމެއް އެއީ..' މަލާކް އެތާހުރި ގޮނޑިއެއްގައި އިށީނެވެ އިށީންނަމުން ބުނެލިއެވެ.
އެއީވެސް ދޮގެއް ނޫނެވެ. ޒުލްފާ ކިތަންމެ ބަލިވިއަސް ތަނެއްގައި ބުރަކަށި ޖައްސާލާކަށް ބޭނުމެއް ނުވާނެއެވެ. އެއީ ޒުލްފާގެ ފިރިމީހާ މާޔަން މިދުނިޔެއާ އަލްވަދާއު ކީފަހުން އޭނާއަށް އާދަވެފައިވާ ގޮތެވެ.
******
ރަށުގެ ޒުވާންފުރައިގެ ގިނައަދަދެއްގެ ފިރިހެން ކުދިން ޒައިމަން ރިސޯޓަށް ފުރުވަން އައިސް ތިއްބެވެ. ސަކަ މިޒާޖެއްގެ ވެރި ޒައިމަން ވަނީ އުމުރުގެ މިހާތަނަށް އެތަކެއް ކުދިންގެ އެކުވެރިންގެ ލިސްޓަށް އަރާފައި ކަން އެތަން ފެންނަ ކޮންމެ މީހަކަށް ކަށަވަރު ވާނެއެވެ.
'ކަލޭ ބަރާބަރަށް އަހަރެމެންނަށް ގުޅައްޗޭ.. ވަރަށް މިސްވާނެ ކަލޭ މަތިން.. ހާއްސަކޮށް ގެޓް ޓުގެދާރސް ތަކުގަ..' ރާކިން ޒައިމަންގެ ކޮޑުގައި އަތް އަޅުވަމުން ބުނެލިއެވެ. 'ބަލައިން އުޅޭތި..' ޒައިކް އާއި އަދްޔަންވެސް ޒައިމަންއާ ސަލާމް ކޮށްލިއެވެ. 'ގެޓް ޓުގެދާރސް ތަކުގަ ޖެހޭނެ މަށަށް ވީޑިއޯ ކޯލު ކުރަން.. އެނގޭ.. ބައި..' ޒައިމަން ހިނިތުންވެލިއެވެ.
އެންމެނާ ސަލާން ގަލާން ކޮށް ނިމުމުން ޒައިމަން ހިނގައިގަތީ ދެންނެއަކު ބަދަރު ކައިރިއަށް ލެފި ލޯންޗާ ދިމާއަށެވެ. 'ގުޑް ލަކް.. ބަލާތި މީނަ ވަޒީފާ ބަހަނާގަ ދެން އަންނައިރު ގެސްޓު ބިޓެއް ގެންނާނެ..' ދާންޖެހޭތީ މޫޑް ހަރާބުވެފައި ހުރި ޒައިމަން އަށް ހެވުނީ ބާރަކަށް އައިކަން އެހެން ބުނެލާފައި ޒައިކް އާ އަތާ އަތް ޖެހުމުންނެވެ. ލޯންޗަށް ފޭބުމަށްފަހު ޒައިމަން އެންނެނަށް އަތްހޫރާލިއެވެ. ހަމަ އެޔާއެކު ބާރު ސްޕީޑްގައި ބިއްލޫރި ކޮޅެއް ފަދަ މޫދުގައި ލޯންޗް ރަށާ ދުރަށް ދަތުރު ފަށައިފިއެވެ.
'ދެން ދާނީ މީނަ ކަންނޭނގެ..' އަދްޔަން ގިލިގިލި ކޮއްޓުވާލަމުން ރާކިން ބުނެލިއެވެ. 'މަށޭ ނޫން.. މި އައިކަން.. އޭނަ ދެންމެ ޒައިމަން އާ ދިމާއަށް އެބުނީ އޭނަ ބޭނުންވާ ކަންތައް ކަންނޭނގެ..' ރާކިން އަތުން ރެކެމުން އަދްޔަން ހީގަތެވެ.
'ކަލޭމެން ތިބޭ އޭނަ މީނަ މީނަ އޭނަ ކިޔަކިޔާ.. މަދިޔައީ އިނގޭ..' އަތުން ޓާޓާ ކިޔާލަމުން ޒައިކް އެމީހުނާ ދުރަށް ގެއަށްދާން ހިނގައިގަތެވެ.

ލަވް ދިސް ސްޓޯރީ ސޯ މަޗް..މި ޕާރޓް ވެސް ހަމަ ވަރަށް ފުރިހަމަ..🖤💜
އޯވްވ ތޭންކް ޔޫ ސޯ މަޗް ♥️😚 އަނެއް ބައި އަޕް ކޮށްލަން ވެގެން މިއުޅެނީ 💖💖 ދެން ލެޓްސް މީޓް އޮން ނެކްސްޓް ދޯވްވ❤️❤️ ލަވް ޔޫ،ޓޭކް ކެއަރ 🥰🥰