ބީވީމާ

“އަހަރެން ސަބާ ދެކެ ވަރަށް ލޯބިވޭ” އަކްރަމް މަޑުމަޑުން ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭންގިފައި އަހަރެން ހުރީމެވެ. މީ އަހަރެން އުއްމީދު ކުރި ގޮތެވެ. ނަމަވެސް އަހަރެންގެ ހިތް އެއްބަހެއް ނުވިޔެވެ. “ސަބާ” އަކްރަމް އަހަރެން ގެ އަތުގައި ހިފާލިއެވެ. ސިއްސައިގެން ގޮސް އޭނަގެ އައިތް ދަމާގަނެވުނެވެ.

“ނޫން އަކޫ، އަހަންނަކަށް އެއްވެސް މީހެއް ދެކެ ލޯތްބެއް ނުވެވޭނެ.” މިހެން ބުނަމުން އަހަރެން އެތަނުން ދާން ހިނގައިގަތީމެވެ.

“އެއީ ކީއްވެ؟ ސަބާ ކީއްވެގެންތަ؟” އަކްރަމް އަހަރެން ގެ އަތުގައި ހިފާ އޭނަޔާ ދިމާލަށް އަނބުރާލިއެވެ.

“މަޖުބޫރެއް ނޫނޭ ކުރާ ކޮންމެ ސުވާލަކަށް ޖަވާބެއް އޮތުމެއް.. އަހަންނަކީ އެއްވެސް މީހެއްގެ ލޯބި ޑިޒާވް ވާ ވަރުގެ މީހެއް ނޫނޭ. އަހަނަށް ވުރެން މާ ރަންގަޅު ކުދިން އަކޫއަށް ލިބޭނެ!” ދެލޮލުން ކަރުނަ އޮހޮރިގަތީ ނުވިސްނާ ހުއްޓައެވެ. މީ އަހަރެން ދުވަހަކުވެސް އަކްރަމް އާ ދިމާލަށް ބުނަން ބޭނުންވި އެއްޗެއް ނޫނެވެ. އަހަރެން އަކުރަމް ދެކެ ލޯބިވެވޭތޯ ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. އެ ހަނދާންތައް ފުހެލައި އާފެށުމަކުން ދިރިއުޅުން ފެށުމުން ވެސް ކުރިއެރުމެއް ލިބޭގޮތެއް ނުވިއެވެ.

އަކްރަމް އަހަރެންގެ މޫނަށް ބަލަންފެށުމުން، އަހަރެން ކަރުނަތަށް ފޮހެލަމުން ދާން ހިނގައި ގަތީމެވެ. އެހުރި ފިޔަވަޅު މަތީ އަހަރެން ދާތަން ބަލަން އަކްރަމް ހުއްޓެވެ.

ގެޔަށް ހަމަ ވަދެވުމާއެކީ ދުވެފައި ކޮޓަރިޔަށް ވަދެ ދޮރު ތަޅުލީމެވެ. އެނދު މައްޗަށް ވެއްޓިގަނެވުނީ ގައިން ބާރު ދޫވެގެންނެވެ. “ޝާން” އަހަންނަށް އެނަން މަޑުމަޑުން ކިޔާލެވުނެވެ. މިވީ ދެ އަހަރެއްހާ ދުވަސްތެރޭ ފުރަތަމަ ފަހަރަށް އެ ލޯތްބަށް އެދެވެއްޖެއެވެ. އެނދުން ތެދުވެގެން ގޮސް އަލަމާރިން ފޮޓޯ އަލްބަމެއް ނެގީމެވެ. އޭގެތެރެއިން ފޮޓޯއެއް ނަގައި ތުންފަތުގައި ޖައްސައިލީމެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮޓޯ ތެންމަމުން ދިޔައެވެ.

އެއީ އުފާވެރި މޫނެކެވެ. އެއީ އެއްއިރަކު އަހަރެންގެ މުޅި ދުވަސް އުޖާލާކޮށްދިން ހިނިތުންވުމެވެ. އެހިނިތުންވުން ގުޅިފައި ވަނީ އަހަރެންގެ ހިތާއެވެ. އެއީ އަހަރެންގެ ހިތާ، ފުރާނައިގެ ދިރުމެވެ.
ފޮޓޯގަނޑު ގެނެސް މެޔާލައި ބޮނޑި ކޮއްލީމެވެ. އެ ޚިޔާލުތަކުން އަހަރެންގެ ސިކުނޑި ފުރާލިއެވެ.

އެއީ މީގެ ދެ އަހަރު ކުރިޔެވެ. އެއީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކެވެ. ސުކޫލު ދައުރުއްސުރެ ޝާންއާ އެކީ އުޅުމުގެ ނަތީޖާ އަކަށްވީ، ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވުމެވެ. ދެމީހުން އެކީގައި ހަނދާނުން ނުފޮހެވޭހާ ގިނަ ދުވަސްތައް ގުނީމެވެ. ދެމީހުންގެ ދިރިއުޅުން ގުޅިލާމެހުނީ ދެހިތް ވެސް ރުހިގެންނެވެ. ޝާންއާ އެކީ ހޭދަކުރާ ކޮންމެ ސިކުންތަކީ އަހަރެންގެ ހިތް އުފަލުން ފުރާލާ ވަގުތުތަކަކަށް ވެގެން ދިޔައެވެ.

ނަމަވެސް އަހަންނަކީ އަބަދުވެސް ހުވަފެނެއް ދެކޭ މީހެވެވެ. ކިޔަވައިގެން ނަރުހަކަށް ވުމަކީ އަހަރެންގެ މަންމަގެ ވެސް އެދުމެކެވެ. ޙަޔާތުގައި ކާމިޔާބު މީހަކަށްވާން ބޭނުންވީއިރު، ޙަޔާތައް ގެންނަންވެސް ބޭނުންވަނީ އެފަދަ ކާމިޔާބު މީހެކެވެ. މިހާ ތަރައްޤީ ޒަމާނެއްގައި ނުކިޔަވާ ހުރި ސަންގޯރެއް މި މުޖުތަމައުގައި ބަލައިގަތުމަކީ ނާދިރު ކަމެއް ކަން އެންމެންނަށް ވެސް އިނގޭނެއެވެ.

އުމުރުން އަށާރަ އަހަރުގައި މާލެ ބަދަލުވާން ނިންމީ މުޅި އާއިލާޔާ އެކީގައެވެ.

މި ހުރިހައި ސަބަބު ތަކަކާ އެކީ އަހަރެން ޝާންއާ ދޭތެރޭ ވަރަށް ވިސްނީމެވެ. ޝާން އަކީ އެހާ މޮޅު މީހެއް ނޫނެވެ. ރަށުފެންވަރުން ކިޔަވައިގެން ހުރި އާދައިގެ މީހެކެވެ. އާދައިގެ ފިހާރައެއްގައި ސޭޓަކަށް އުޅޭ މީހެކެވެ. ޝާން ދެކެ އަހަރެން އިންތިހާޔަށް ލޯބިވެއެވެ. ނަމަވެސް ޝާންގެ ފެންވަރަކީ އަހަރެންނާ އެކަށީގެންވާ ފެންވަރެއް ނޫންކަން ވިސްނުނީ އަމިއްލަ އެދުމުން ފޯވެފައި ހުރިވަރުންނެވެ. ހިތުގެ މައްޗަށް ސިކުނޑި ސަވާރުވެގެން، ޝާންއާ ދުރަށްދާންފެށީމެވެ. އަހަރެންނަށް ޝާންގެ އެތައް ޝަކުވާއަކާ ކުރިމަތިލާންޖެހުނެވެ. ޝާންގެ ޝަކުވާތަކަށް ބީރު ކަންފަތް ދެމުން ދަތުރަށް ތަތްޔާރުވަމުން ދިޔައީ ހިތްވަރު ގަދަ ކުރަމުންނެވެ.

އަހަރެން އަމިއްލަ ރަށް ދޫކޮށް މާލެއައީ ޝާންގެ ހަނދާންތަށް ހިތުތެރޭ ވަޅުލަމުންނެވެ. އަހަރެން އަދިވެސް ކަރުނުން ފުރިފައިވާ އެ މޫނު ހަނދާން އެބަހުއްޓެވެ. ޝާން އަހަރެން ކައިރީގައި ކުރި އާދޭހާ، ރުއި ރުއިމުގެ މައްޗަށް އަމިއްލަ އެދުން އިސްކޮށް، އެލޯބީގައި ކޮޅުފައިން ޖެހީ ރަހުމެއް ނެތިއެވެ. މާލެ އައިސް އަހަރެންގެ ފޯނު ނަންބަރުވެސް ބަދަލުކުރީމެވެ. ފޭސްބުކުންނާއި، އިންސްޓާގްރާމް އިންވެސް ޝާން “ބްލޮކް” ކޮށްލީމެވެ. ޝާންއާ ގުޅުންހުރި އެންމެން އަހަރެންގެ ހަޔާތުން ނެރެލައި، އާފެށުމަކުން އަހަރެންގެ ދިރިއުޅުން ފެށީމެވެ.

ކިޔެވުން ފެށިގެން ދިޔަތަނާ މުޅިން އާ މޫނުތަކަކާ ބައްދަލުވެގެން ދިޔައެވެ. އަމިއްލަ ފަރާތަކުން ހިންގާ ކުންފުންޏެއްގައި “އެޑްމިން އޮފިސަރެއްގެ” މަގާމަށް ވަޒީފާޔަށްދާން ފެށީމެވެ. އޮފީހުން އަހަންނާ އަކުރަމްއާ ދިމާވިއެވެ. އަކުރަމްއާ އެކީ ގިނަ ވަގުތު ހޭދަކުރަން ފެށީމެވެ. އަކުރަމް އަހަރެންދެކެ ލޯބިވާކަން އަހަންނަށް ކުރިންވެސް އިނގެޔެވެ. ދައްކާ ވާހަކައިންނާއި، އުޅޭގޮތުން އަހަންނާ ދޭތެރޭ ތަފާތު ގޮތަކަށް ވިސްނާކަން އަހަންނަށް އިނގެއެވެ. އަހަރެންވެސް އަކުރަމް ދެކެ ލޯބިވެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް ހުރިހާ މަސައްކަތެއް ނާކާމިޔާބުވީ، އެހިތް މާކުރިން އެހެން މީހަކު އަތުލައިފައިވާތީ ކަމަށް ވެސް ވެދާނެއެވެ.

ހިޔާލީ ދުނިޔެއިން ނިކުތުމަށްފަހު އަހަރެން އަނެއްކާވެސް ޝާންގެ ފޮޓޯއަށް ބަލާލީމެވެ. އަނިޔާވެރި ހިތަކަށް ހަމަޖެހުމެއް ނުލިބޭނެކަން އަހަންނަށް ވިސްނުނީ މީގެ ދެދުވަސް ކުރިން އަހަންންނަށް ޝާން ފެނުމުންނެވެ. ކުރިމަތިން ފެންނަން މިހުރި ފޮޓޯއަށްވުރެ މިހާރުމާ ފުރިހަމައެވެ.

މީގެ ދެދުވަސް ކުރިން އަހަރެންގެ ކުލާސް ކުއްޖަކާއެކީ އޭނަގެ ކޮއްކޮއެއްގެ ކޮލެޖުދޮށަށް ދިޔައީމެވެ. ވަންނާންހުރި ގޭޓު ކައިރީގައި ދެތިން ފިރިހެން ކުދިން ތިއްބެވެ. އޭގެ ތެރެއިން ނޫކުލައިގެ ގަމީހެއްގައި އެހުރީ އަހަރެން ދަންނަ މީހެވެ. ދެލޯ ބޮދުވީ އެއީ ޝާންކަން އެނގުނީމަޔެއް ނޫނެވެ. ނަމަވެސް އައިސްފައި ހުރި ބަދަލާއި، ފޮތްތަކެއް ހިފައިގެން މިތާ ހުރީމައެވެ. ކުރީގައި އޮމާންކޮށްފައި ހުންނަ ތުނބުޅިއާއި މަތިމަސް ހުރީ ރީތިވަރަކައް ދިގުކޮށްފައެވެ. ހުރި ފިޔަވަޅުމަތީ އެ މޫނައް ބަލަންހުރެވުނީ ގައިތް ލަދެއްގެ ބޮޑުކަމުންނެވެ. ޝާންއަށް އަހަރެން ފެނުނީކަންނޭންގެއެވެ. އަހަންނާދިމާލަށް ހިނގާފައި އަންނަން ފެށުމުން މޭގަނޑު ފަޅާފައި ހިތް ނުކުމެދާނެހެން ހީވިއެވެ. ބިމުގައި ފައި ތަތްކޮއްގެން ހުރެވުނީ އަހަރެން ފަހަނައަޅާ ދިޔައިރު އަހަންނާ ދިމާލަށް ބަލާވެސް ނުލީމައެވެ.

މިދެދުވަހު އަހަންނަށް ޝާންއާ ދޭތެރޭ ވިސްނުން ވަރެއްވެސް ނޭންގެއެވެ. ބޯހާސްވެފައި ހުއްޓައި މިއަދު އަކުރަމް ދެއްކި ވާހަކައިން ބޯފަޅައިގެންދާ ވަރުވެއްޖެއެވެ. ހިތްފުރެންދެން ރޯލީމެވެ. އަލުން ޝާން ގެ ލޯތްބަށް އެދި ސަލާން ޖަހާކަށް ހިތެއް ނުރުހުނެވެ. ޝާންގެ ރުހުން އަހަންނަކަށް ދުވަހަކުވެސް ނުލިބޭނެކަން އަހަންނަށް ޔަޤީނެވެ. ފެންވަރު އޮޅިގެން އުޅޭމީހަކަށް އެއްވެސް މީހެއްގެ ރުހުމެއް ނުލިބޭނެކަން ޔަޤީނެވެ. އަދި އެއްވެސް މީހެއްގެ ލޯތްބެއްވެސް ޙައްގެއްނޫނެވެ.

އާދުވަހެކެވެ. އޮފީހުގައި އަހަރެން އިނީ އެއްވެސް ކަމެއް ކުރާހިތް ނުވެފައެވެ. ބޮލުގައި އައިތް އަޅައިގެން އިންދާ މީހެއްގެ ހިލަމެއްވީހެން ހީވެގެން އިސް އުފުލާ ބަލާލީމެވެ. ކުރިމަތިން އަކުރަމް ފެނުމުން ހާސްވާގޮއިތްވިއެވެ.

“މިރޭ އެބޮތް އަހަރެންގެ ކޮއްކޮ އެއްގެ ވެޑިންގ ޕާޓީ އެއް. އޮފީސް ހުރިހާ އެންމެންނަށް އިންވައިޓް ކުރަން. ސަބާ އަންނާނެ ކަމަށް އުންމީދުކުރަން…” އަހަންނާ ދިމާލަށް ބަލާވެސްނުލާ މިހެން ބުނުމަށް ފަހު ދިޔައެވެ. އެ އަޅާލުން ކުޑަ އަމަލުން އަހަރެންގެ މޭގައި ރިއްސާލިއެވެ. ދެލޯ ފުރާ ކަރުނަ އަންނަން ފެށުމުން މޫނުމަތީ އަތްއެޅީމެވެ.

އޮފީސް ދެތިން ކުއްޖަކާއެކީ އަހަރެން އަކުރަމްގެ ގެޔަށް ދިޔައީ ޕާޓީއަށެވެ. ހިތް އަވަސް ވެފައި ހުރީ އަނެއްކާ އަކުރަމް ގެ ކުރިމައްޗަށް ދާންޖެހުނީމައެވެ. ނަމަވެސް ދެވަނަ ސިކުނތުގައި ލޮލަށް ފެނުނު މަންޒަރުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ކައިވެނީގެ ހެދުމުގައި ހުރި އަންހެން ކުއްޖާ ކައިރީ އެހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. އަހަރެން ހިތާ ފުރާނައިން ލޯބިވި ޝާންއެވެ. މުޅި ގައިން ދާހިއްލަން ފެށިއެވެ. އައިތް ފައި ފިނިވެ ފައި ތުރުތުރު އަޅަން ފެށިއެވެ. އަނބުރާލައިފައި އައިކޮޅަށް ދާންވެސް ހިތައް އެރިއެވެ. ނަމަވެސް މިހިސާބަށް އައިސްފައި ދާކަށްވެސް ދެން ނުކެރޭނެއެވެ. ހިތްވަރުކޮށްފައި ޝާންއާ ސަލާމް ކުރަން އަތް ދިއްކޮއްލީމެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލު ވެގެންދިޔައެވެ. އެދެލޮލުން އަހަންނަށް ފެނުނީ އިންތިހާ ދަރަޖައިގެ ނަފުރަތެވެ. އެބޮޑު ދެލޯ ފެނުމުން އަހަރެންގެ ހިތް ބާރަށް ތެޅިލިއެވެ. ފިނިވެފައިވާ އެ އަތުގައި އަހަރެންގެ އައިތް ބީހުނު ވަގުތު އަހަރެންގެ އެންމެ ހިމަނާރައް ދަންދެން އަސަރު ކުރިއެވެ. ޝާންގެ އަތުން ދޫކޮށްލައި، އެތެރެޔަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅު މަތީ ހުރެވުނީ އަހަރެންގެ ހަރަކާތްތައް ބަލަން ދުރުގައި ހުރި އަކުރަމް ފެނުމުންނެވެ. އަހަރެންނާ ދިމާލަށް އަކުރަމް ބަލަން ހުރި ގޮތުން އަހަރެންގެ ހިތް ބިރުގަތެވެ. ނޭންގޭ ބިރުވެރިކަމެއް އަހަރެންގެ ހިތުތެރެއަށް ވަދުނެވެ. ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ހާސްވާގޮއިތްވިއެވެ. ނޭވާ ކުރުވާހެންވެސް ހީވިއެވެ. ގައިން ވަރުދޫވާން އުޅޭހެން ހީވުމުން ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންދެލީމެވެ. “އެހެންވެ ދޯ ބުނީ ތީ މީހެއްގެ ލޯބި ހައްޤުވާވަރުގެ މީހެއް ނޫނޭ؟..” ސިއްސައިގެން ގޮސް ފަހަތް ބަލާލިއިރު ކައިރީގައި ހުރި އަކުރަމް ފެނުމުން ހައިރާންވިއެވެ. އަހަރެންގެ އަތުގައި ހިފައިގެން ޕާޓީތެރެއިން ނިކުންނަން ދިޔައިރުވެސް އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.
“ކީ.. ކީކޭ ތި ކިޔަނީ؟… މިތަނަށް ތި ގެނައީ ކީއްވެގެން؟” އަކުރަމްގެ އަތުން އަހަރެންގެ އައިތް ދަމައިގަންނަމުން އަހާލީމެވެ.

“އަހަންނަށް ހުރިހާ އެއްޗެއް ވެސް އިނގޭ” ސީދާ އަހަރެންގެ ލޮލަށް ބަލަން ހުރެފައި އަކުރަމް ބުންޏެވެ. އަކުރަމް ދައްކާ ވާހަކައެއް ނޭންގިފައި އަހަރެން ހުރީމެވެ.
“ޝާންއާ އަހަރެން ދިމާވީ މިދިޔައަހަރު.. އެކީ އުޅުމުގެ ތެރޭގައި އޭނަގެ އަތުން އަހަންނަށް ފެނުނީ ސަބާގެ ފޮޓޯއެއް. މީކާކުހޭ އަހަރެން އެހީމަ ބުނީ މީ އަހަރެންގެ ހިތުގެ ވިންދޯ.. އަހަރެން ދިޔައީ ހަމަ ސިއްސައިގެން… ވަގުތުން އަހަރެންވެސް ބުނިން މިޔޭ އަހަރެން އެންމެ ލޯބިވާ ކުއްޖަކީ. އެހިސާބުން ޝާން އަހަންނަށް ސަބާގެ ވާހަކަތަށް ކިޔާދިން. އަހަންނަށް ސަބާގެ އުޅުމުން ވެސް އިނގޭ ތީ އެޑިއެކޭޝަން އެންޑް ސަކްސެސްއަށް ލޯބިކުރާ މީހެއްކަން. ހިތްވަރުކޮށްފަ ލޯބިވާ ވާހަކަ ވެސް ބުނީ އަހަރެންގެ އެ ފެންވަރު ހުރި ކަމަށް ގަބޫލުކޮށްފަ. ސަބާދިން ޖަވާބުން އަހަންނަށް އިނގުން ސަބާކުރި ކަންތައް ރިއަލައިޒް ވެއްޖެކަން… އެކަމަކު މިއަދު ޝާން އެހުރި ދަރަޖައަށް އަހަރެންނަކަށް ވެސް ނުދެވޭނެ. ޝާންއަކީ މިއަދު ސަކްސެސްފުލް އަދި އެޑިއުކޭޓެޑް މީހެއް. ސަބާގެ ލައިފް ވަރަށް ކޮމްޕްލިކޭޓެޑް. އަހަރެން ސަބާދެކެ ވަރަށް ލޯބިވޭ.. ޝާންވެސް ވަރަށް ލޯބިވާކަން އިނގޭ. އެކަމަކު އަހަރެން ބޭނުމެއް ނުވޭ ސަބާ އަހަރެން ގެ ދިރިއުޅުމަށް ގެންނާކަށެއް. އަހަރެންވެސް ސަބާއަކަށް ޑިޒާވް އެއް ނުކުރޭ. އަމިއްލަ ފެންވަރުގެ މީހެއް ލިބޭނެ ކަމަށް އުންމީދުކުރަން. އެންޖޯއީ ދަ ޕާޓީ…” މިހެން ބުނުމަށް ފަހު އަކުރަމް ދިޔައެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ވެސް ނޭންގިފައެވެ. ދެލޯ ކަރުނުން ފުރުނެވެ. ނަމަވެސް ރޯންވެސް ނޭންގިފައި އަހަރެން ހުރީމެވެ. ޝާން އަކީ މިއަދު މޮޅު މީހެވެ. އަކުރަމް އަހަރެން ބޭނުމެއް ނޫނެވެ. އަކުރަމްއަށް އަހަރެންގެ ހަޤީގަތް އެނގުމުން އަމިއްލަ ނަފްސު ދެކެ ލަދުގަނެވުނެވެ. ހިތުގައި ޖެހުނުވަރުން އެތަނުން ނިކުމެގެން ދިޔައީ ފަހުފަހަރަށް އެމޫނަށް ބަލާލާފައެވެ.

އަހަރެމެން އަޑުއަހާ ގިނަ ލޯބީގެ ވާހަކަތައް ނިމެނީ ދެލޯބިވެރިންނަށް ވެސް އުފާވެރި ދުވަސްތަކެއް ފެށުމަށް ފަހުގައެވެ. ނަމަވެސް ހުރިހާ ލޯބީގެ ވާހަކައެއް އެއްގޮތަކަށް ނުނިމޭނެކަން އަހަރެންގެ ވާހަކައިން އިނގެއްޖެއެވެ. އަހަންނަށްވެސް ލޯބި ވެވުނެވެ. އަހަރެންނަށް ވެސް އިންތިހާޔަށް ލޯބި ލިބުނެވެ. ނަމަވެސް ހިސާބަށް ވުރެ ހިތް މޮޅު މީހަކަށް އެކައްޗެއްވެސް ހައްގެއް ނޫނެވެ. އަހަރެންގެ ހަޔާތުން ލިބުނު ފިލާވަޅަށް ފަހު މިއެދުން ވެރިކަން ދޫކޮއްލަން މިއަދުން ފެށިގެން އަޒުމް ކަނޑައަޅައިފީމެވެ. މިއަދު އަހަރެން އަތުން ބީވެގެން މިދިޔައީ ދިރިއުޅުމުގެ އެއްބަޔެވެ. ފެންވަރު އޮޅިގެން އަނެއްމީހާގެ ހިތް ރޮއްވާލާ މީހަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެކަން މިއަދު އަހަރެންނަށް ވިސްނިއްޖެއެވެ. (ނިމުނީ)

Please log in or register to bookmark.
13k

7 ޚިޔާލު

  1. އަޅެ ! މޮޅެތި ކަންކަމަށް ވިސްނައިގެން ކަންތައް ތައް ހާސިލް ވާނީ... މުސްތަގުބަލެއް ނޭނގޭނެ އެކަކަށް ވެސް..

    3
    8
  2. މީ ހަގީގީ ވާހަކަައަކާ ހާދަވައްތަރޭ .. މަގޭ ލައިފް ގަވެސް ވީ ހަމަތިކަހަލަ ގޮތެއް..

    16

ޚިޔާލު

Your email address will not be published.