ވިސްނޭނެނަމައެވެ.

13

+ އ-

މަލާލްއަކީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ. މަލާލް ކުޑައިރު އޭނާގެ މަންމަ ވަނީ ނިޔާވެފައެވެ. މަލާލް އުޅެ ބޮޑުވީ ބައްޕަ ގާތުގައި އެއްބަނޑު އެއްބަފާ ބޭބެ އަދި ދައްތަ އާއި އެކުގައެވެ. މަލާލްގެ ގާތްތިމާގެ މީހުންނާއި އާއިލާ ކިތައްމެ ބޮޑު ނަމަވެސް އެމީހުންގެ މާ ބޮޑު އަޅާލުމެއް ނުލިބެއެވެ. މަލާލްގެ ގިނަ އެކުވެރިންނެއްވެސް ނުތިބެއެވެ. ސަބަބަކީ އޭނާގެ އުޅުމުގައި ފިރިހެންވަންތަ ކަމެއް ހުރުމެވެ.

މަލާލްގެ އެކުވެރިން ގާތު އޭނާއާއި އެކު ބޭރަށް ދާން އެދުނަސް ކޮންމެވެސް ބަހަނާ އެއް ދައްކާނެއެވެ. ގޭގައި މަސައްކަތް ކުރަން ހުރި ވާހަކައެވެ. އެހެން ތާކަށް ދާން ޖެހިފައިވާ ވާހަކައެވެ. ނޫނީ ބަލި ވާހަކައެވެ. އެ ހުރިހާ ބަހަނާ އެއް ދައްކާފައިވެސް މަލާލްއަށް އެމީހުން އެމީހުންގެ އެހެން އެކުވެރިންނާއެކު ބޭރުން ފެނިފައި ހުރީ މަދުފަހަރަކު އެއް ނޫނެވެ. ވުމާއިއެކު އޭނާއާއި އެކު ބޭރަށް ދާން އެކުވެރިން ހަގީގަތުގައި ވެސް ލަދުގަންނަނީކަން ގަބޫލުކުރެވުނެވެ.

މަލާލް އާއި އެކު މަދުފަހަރަކު ބޭރަށް ދިޔަޔަސް "ތި ހިނގަނީ ކިހިނެއްހޭ، އަންހެނެއްހެން ހިނގާބަލާށޭ" ދިމާލަށް ބުނެލައެވެ. އެ ކަމަކީ އޭނާ ގަސްތުގައި ކުރާކަމެއް ނޫންކަން އެމީހުންނަށް ނުވިސްނެނީ ކީއްވެހެއްޔެވެ؟ އެހެން އަންހެން ކުދިން ފަދައިން ފަރިކޮށް ހިނގަން އޭނާވެސް ބޭނުމެވެ. އަންހެން ވަންތަ އުޅުމެއް އުޅެންވެސް ބޭނުންވެއެވެ. އެކަން އެހެން ވާނީ އެހެން މީހުންގެ ވެސް އެއްބާރުލުން ލިބިގެންނެއް ނޫންހެެއްޔެވެ؟ އެތައް ފަހަރަކު "ތިއީ އަންހެނެކޭ، އަންހެނެއްހެން އުޅެބަލާށޭ" ބުނާއިރު އޭނާގެ ހިތަށް ކުރާނެ އަސަރާއި މެދު ނުވިސްނާލައެވެ. ބާކީ ކޮށްލީމައި އެކަންތައް ހައްލުވޭހެއްޔެވެ؟

މަންމަގެ ދުނިޔޭގައި ހުރި އިރުވެސް މަލާލްގެ މާ ބައިވަރު އެކުވެރިންނެއް ނުތިބެއެވެ. ގޭދޮށު ކުދިންނާއި އެކު ކުޅިވަރު ކުޅުމުގައި ބައިވެރިވާ ހިތުން ދިޔަޔަސް އޭނާ ބާކީކޮށްލައެވެ. މަލާލް ކުޅެންޏާއި ތިމަންނަ ނުކުޅޭނަމޭ ކިތައްމެ ބަޔަކު ބުންޏެވެ. ވުމާއެކު އޭނާގެ ވަގުތުތައް އެކަނި ހޭދަކުރަން ފެށިއެވެ. ގިނަ ވަގުތު ހޭދަކުރަނީ މޫދުގައެވެ. ފޫހިވީމައި އެކަނި ހިނގާލަން ދެއެވެ. އޭނާއަށް ވުރެ އުމުރުން ކުޑަ ފިރިހެން ކުދިންނާއި އެކީ ފުޓްބޯޅަ ކުޅެއެވެ. ގަސްގަހާށް ރުއްރުކަށް ފަސޭހައިން އަރާ އުޅެއެވެ. މި ކަންކަމަކީ އެ އުމުރުގެ އަންހެން ކުދިންނަށް ލަދުވެތި ކަންކަމަށް ވިޔަސް މަލާލްއަށް އެއީ މާބޮޑު ކަންކަމެއް ނޫނެވެ. އަންހެން ކުއްޖަކު އެކަނި އެހެން އުޅުމަކީ ކޮންކަހަލަ ކަމެއްކަން ބުނެދީ އެކަންކަމާ އޭނާ ދުރުކޮށްދޭނެ ވަރުގެ ހެޔޮއެދޭ ރަށްޓެއްސެއް އޭނާގެ ނެތެވެ. މިއަދު އޭނާ އާއި ދިމާލަށް ހަމަ އެ ރަށްްޓެހިން "ފިރިހެނެއްހެން ނޫޅޭށޭ" ބުނާއިރު އެދުވަހު އެމީހުން ކަންތައް ކުރިގޮތާއި މެދު ނުވިސްނާލަނީހެއްޔެވެ؟ އެންމެ އެހީތެރިކަން ބޭނުންވި ދުވަހު އޭނާ ބާކީ ކުރިކަން ހަނދާނުގައި ނެތީހެއްޔެވެ؟

ގްރޭޑް ދިހައެއް ނިމުމާއި އެކު މަލާލް ވަޒީފާއަކަށް ދިޔައެވެ. އެތަނުން ހެޔޮއެދޭ އެކުވެރިންކޮޅެއް ލިބުނެވެ. ނަމަވެސް ދުވަސްކޮޅެއް ވީތަނާ އެމީހުންވެސް އޭނާއާއި ދުރުވާން ފެށިއެވެ. އެހެން މީހުން ގުޅިގެން މަސައްކަތް ކުރާއިރު އޭނާއާއި އެކު މަސައްކަތް ކުރާނެ ކުއްޖެއް ނުހުރެއެވެ. އެންމެ ގާތް އެކުވެރިޔާ އެތަނުގައި މަސައްކަތް ކުރި ނަމަވެސް އޭނާވެސް ގިނަ ވަގުތު ހޭދަކުރަނީ އެހެން މީހުންނާއި އެކުއެވެ. މަލާލް އެދުމުން ނޫނީ މަލާލް އާއި އެކު މަސައްކަތް ކުރާކަށް ނާދެއެވެ. މަލާލް އާއި އެކު ބޭރަށް ދާން އެދުމުން މަސައްކަތުގެ ވަރުބަލި ކަމުގެ ބަހަނާ ދައްކާފައި، އެހެން ކުދިންނާއި އެކު ބޭރަށް ދާތަން މަލާލް ދެކެއެވެ. ހިތަށް ކިތައްމެހާވެސް އަސަރު ކުރެއެވެ. ރޮވެއެވެ. ނަމަވެސް އޭނާ ރޯ ރުއިމާއި ކުރާ ހިތާމައަކީ އެ މީހުން ކުރިމަތީ އަގެއް ހުރި އެއްޗެއް ހެއްޔެވެ؟ ހިތަށް ކެތް ނުވެގެން ކިތައްމެ ފަހަރަކު އެމީހުން ގާތު ޝަކުވާ ކުރެވުނު ނަމަވެސް އެމީހުން އިތުރަށް އޭނާދެކެ ފޫހިވުން ނޫން ކަމެއް ނުވެއެވެ.

އާއިލާ މީހުން ގުޅިގެން ފާހަގަކުރާ އެކި މުނާސަބަތުތަކުގައި ވެސް މަލާލް ވަނީ ބާކީކޮށްލެވިފައެވެ. ގިނަފަހަރު އެމީހުން ކަމެއް ފާހަގަކުރިކަންވެސް މަލާލްއަށް އެނގޭނީ އެހެން ބައެއްގެ ފަރާތުންނެވެ. މަލާލް އަށް އެކަންކަމާއި މެދު އަބަދު ވިސްނެއެވެ. އެންމެން އެހާ ބޮޑަށް އޭނާ ބާކީ ކުރަނީ ކީއްވެހެއްޔެވެ؟ އޭނާދެކެ ފޫހިވާވަރުގެ ކަމަކަށް އޭނާއަށް ކުރެވިފައިވަނީ ކޮންކަމެއް ބާއެވެ.

މަލާލް ވަނީ އަމިއްލަ ނަފްސު ދެކެ ފޫހިވެފައެވެ. އޭނާ ނެތް ދުވަހަކުންވެސް އޭނާ މަތިން ހަނދާން ކުރާނެ މީހަކު ނެތްކަން އޭނާ ގަބޫލުކުރެއެވެ. އުޅެން ޖެހުނު ގޮތުން ކަށީގައި ހިފާފައިވާ ފިރިހެން ކަމެއްގެ ސަބަބުން އެންމެން އޭނާއަށް ނަފުރަތު ކުރެއެވެ. އެމީހުންނަށް މަލާލް ބުނަން ބޭނުންވާ ވާހަކައެއް ވެއެވެ. އެއީ ހުދު މަލާލްވެސް މިއަދު މަލާލް އަށް ނަފްރަތު ކުރާކަމެވެ. މިއަދު އެއްވެސް މީހެއްގެ އެހީތެރިކަމެއް އޭނާ ބޭނުމެއްނޫނެވެ.

    Please log in or register to bookmark.
    1k

    ޚިޔާލު

    Your email address will not be published.