ދުވަހަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. މިފަދަ ކޮންމެ ދުވަހެއްގެ ވެސް އާދައިގެ މަތިން ރޭޝަމް އިނީ ކޮފީ ޖޯޑެއް ހިފައިގެން ގޭގެ ޓެރަސްގެ ރެއިލިންގައި އަތް ވިއްދާލައިގެން ވާރޭވެހޭ މަންޒަރު ބަލާށެވެ. ވަރޭވެހޭ މަންޒަރުން ރޭޝަމްގެ ހިތަށް ހިތްހަމަޖެހުން ގެނުވައެވެ. މޫނުމަތިން ހިނިތުންވުން ފިލައިނުދެއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ރޭޝަމް ގަޔާވާ ކަހަލަ ޒުވާނަކާ ދިމާވީ ވެސް މިކަހަލަ ވާރޭވެހޭ ދުވަހެއްގައެވެ.
އެއީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިއެވެ. ރޭޝަމް މަސަތްކަތް ކުރަމުން ދިޔައީ ރަށު ސުކޫލްގައެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދު ވެސް ރޭޝަމް ސުކޫލް ނިންމުމަށް ފަހު ގެއަށް ދާން ސުކޫލް ގޭޓުން ނިކުމެގެން ގެއާ ދިމާއަށް މިސްރާބުޖެހިއެވެ. ހިސާބަކަށް ދެވުންތަނާ ވާރޭވެހެންފެށިއެވެ. ވާރެއިން ހިޔާވުމަށްޓަކައި ރޭޝަމް ޚިޔާރުކުރީ އެންމެ ކައިރީ ގެއެއްގެ އަސްކަންޏެވެ. ވާރޭހުއްޓާލާނެ އިރެއްގެ އިންތިޒާރުގައި ހުއްޓާ ހިޔާވެގެން ހުރި ގޭގެ ދޮރު ހުޅުވާލާފައި އެ ނިކުތީ މިއިން ޒަމާނަކު ރޭޝަމް އަށް އެ ރަށުން ފެނުނު ޒުވާނެއް ނޫނެވެ. އެ ޒުވާނާ ނިކުމެ ރޭޝަމް އަށް ބަލަން ހުރީ ހިނިތުންވުމަކާ އެކީގައެވެ. ރޭޝަމް ލަދުން ހުއްޓެއް ކަމަކު އޭނާއަށް ވެސް އިރުއިރު ކޮޅުން އެ ގޮތްނޭނގޭ ޒުވާނާއަށް ބަލާލެވެއެވެ. މާކަ ގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ވާރޭ ހުއްޓާލައިފިއެވެ. ރޭޝަމް ހިނގައިގަތީ ގެއާ ދިމާއަށް ދާށެވެ. އެ ޒުވާނާ ރޭޝަމް މަގުން ގެއްލެންދެން ބަލަން ހުރިކަން ރޭޝަމް އަށް އެނގެއެވެ. ރޭޝަމް ގެއާ ހަމައަށް ދިޔައިރު ރޭޝަމްގެ ޚިޔާލުތައް ހުރީ ގޮތް ނޭނގޭ ޒުވާނާއާ ގުޅިފައެވެ. ރޭޝަމް އަށް އެދެވެން ފެށުނީ އެވަގުތުކޮޅު ދިގުލައިގެން ދިޔުމަށެވެ. ހިނިތުންވަމުން އައި ރޭޝަމް ގެއަށް ވަން ތަން ރޭޝަމްގެ މަންމަ ޒުބޭދާ އަށް ފެނުމުން ނިކަން ލޯބިން ރޭޝަމް އަށް ގޮވާލިއެވެ. މިއަޑު އިވުމުން ރޭޝަމް އަށް ހަމަ ބިމަށް އާދެވުނު ކަހަލައެވެ. މަޑުމައިތިރި ހިނގުމެއްގައި ގޮސް މަންމަ ކުރިމަތީ ހުއްޓުނެވެ. " މަންމަގެ ދަރިފުޅު މިއަދު ހާދަ އުފާވެފަ ހުރިހެން ހީވެޔޭ ކިހިނެއްވީ އަނެއްކާ؟ " މަންމަގެ ސުވާލަށް ކަމެއް ނުވާ ކަމަށް ބުނަމުން ރޭޝަމް ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހީ މަންމަ އިތުރަށް ސުވާލެއް ކޮށްފާނެތީއެވެ. އެއްޗެހި ވެސް ބަދަލުކުރުމެއް ނެތި އެނދަށް ވެއްޓިގަތީ ވެފައިހުރި ވަރުބަލިންނެވެ. އިސާހިތަކު ފުން ނިންޖަކުން ރޭޝަމް އަށް ނިދުނެވެ.
ދުވަސްތައް ފާއިތުވެގެން ދެއެވެ. ރޭޝަމް އަށް އެ ޒުވާނާ ފެންނަމުން ދިޔައީ ވަރަށް ވެސް މަދުންނެވެ. އެ ޒުވާނާގެ މަޢުލޫމާތެއް ނޭނގުނަސް ރޭޝަމްގެ ހިތުން އެ ޒުވާނާއަށް ޚާއްސަ މަޤާމެއް ދެވުނެވެ. ދެކޭހިތްވާން ފެށިއެވެ. ވާހަކަ ދައްކާ ހިތްވިއެވެ. ނަމަވެސް އަންހެން ކުއްޖަކަށްވެ ހުރެ އިސްނަގާކަށް ނުކެރުނެވެ. ކޮންމެ ދުވަހަކު ސުކޫލް ނިންމުމަށް ފަހު ގެއަށް ދާ މަގުމަތިން ޒުވާނާގެ ގެއާދިމާއަށް ނަޒަރު އެއްލައެވެ. ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
މިގޮތަށް ދުވަސްތައް ފާއިތުވެގެންދިޔައެވެ. ރޭޝަމް މުޅިން މާޔޫސްވެއްޖެއެވެ. ވަރުބަލިވެއްޖެއެވެ. އެންމެ ދުވަހެއްގެ ފެނިލުމުން ރޭޝަމް އަށް ލޯބިވެވުނީ އޭ ހިތް ބުނާކަހަލައެވެ. ނޭނގެނީ އެ ދުވަހުން ފެށިގެން ޒުވާނާ ވީ ނުވީއެއް ނޭނގޭތީއެވެ. ރޭޝަމް މިކަހަލަ ޚިޔާލުތަކުގައި ހުންނަތާ މިހާރު 2 ގަޑިއިރުވެދާނެއެވެ. ޚިޔާލީ ދުނިޔެއިން ނިކުމެވުނީ މަންމަ ކެއްސާ އަޑު އިވުމުންނެވެ. މަންމަ ބަލިވެ އުޅޭކަމެއް ރޭޝަމް އަކަށް ނޭނގެއެވެ. އެހެން ކަމުން ވަރަށް ކަންބޮޑުވެ ހުރެ މަންމަގެ ކޮޓަރި އާ ދިމާލަށް މިސްރާބުޖެހިއެވެ. ނިކަން ލޯބިން މަންމަ އަށް ގޮވާލިއެވެ. އަދި މަންމަގެ ނިތްކުރީގައި އަތްޖައްސާލިއެވެ. އަސްތާ ކަމަކު ދާކަށްނެތެވެ. މަންމަ އޮތީ ހުންއައިސްފައެވެ. ރޭޝަމް އަކީ މަންމަ އަށް ކަމެއްވެއްޖެ ނަމަ ވަރަށް ކަންބޮޑުވާ ކުއްޖެކެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ރޭޝަމްގެ އުމުރުން 5 އަހަރުގައި ރޭޝަމްގެ ބައްޕަ މަރުވެގެން ދިޔައީ ކެންސަރު ބައްޔާ ގިނަ ދުވަސްތަކެއް ވަންދެން ހަނގުރާމަ ކުރުމަށް ފަހުގައެވެ. އޭގެ ފަހުން ރޭޝަމްގެ ހުރިހާ ވެސް މީހަކީ އޭނާގެ މަންމަ އެވެ.
"މަންމަ ކީއްވެ ބަލިވެ އުޅޭ ވާހަކަ ނުބުނީ؟ ހިނގާ ހޮސްޕިޓަލަށް ދާން ދޯ؟ " ރޭޝަމް މަންމަގެ އަތުގައި ހިފަމުން ބުންޏެވެ. ނުލާހިކު އުފަލާ އެކު ޒުބޭދާ ތައްޔާރުވެލިއެވެ. މާ ގިނައިރުތަކެއް ނުވެ ރ.މީދޫ ސިއްޚީ މަރުކަޒުގެ ގޭޓުން ވަދެގެން އައިސް ނަންބަރު ނަގައިގެން ޑޮކްޓަރު އަރީފްގެ ކޮޓަރި ދޮރުމަތީ ހުރި ގޮނޑީގައި އިނށީދެ، ހަމަނުޖެހިގެން އުޅެނިކޮށް ނަމްބަރު ޖެހިއްޖެއެވެ. ރޭޝަމް ގޮސް މަންމަ އަށް ދޮރު ހުޅުވާލަދިނެވެ. މަންމަ ވަދެ އިށީނުމުން ރޭޝަމް ދޮރު ލައްޕާލުމަށް ފަހު މަޑު ހިނގުމެއްގައި އައިސް ޑޮކްޓަރާ ދިމާއަށް ބަލައިލީ ހިނިތުންވުމަކާ އެކީގައެވެ. އެވަގުތު ރޭޝަމްގެ ދެ ލޯ ބޮޑުވި ކަހަލައެވެ. ކުރިމަތީ ފެންނަން މި ހުރީ މި ހުރިހާ ދުވަހު ހޯދަމުންދާ ޒުވާނާއެވެ. އަރީފް އަށް ވެސް ވީ ހަމަ ރޭޝަމް އަށް ވީ ވަރެވެ.
" ފަރީދާގެ ދަރިފުޅު ދޯ ތީ؟" މަންމަގެ ވާހަކައިން ދެމީހުން ވެސް ދިޔައީ ސިއްސައިގެންނެވެ. "ލައްބަ. ކިހިނެއްތޯ ވީ، ދައްކާލަން ތި ދުރުވީ؟" އަރީފް އަހާލީ އޯގާތެރިކަމާ އެކުގައެވެ. އަރީފްގެ ސުވާލަށް ޖަވާބު ދިނީ ރޭޝަމްއެވެ. އަރީފް ދިނީ ބޭހެވެ. ގަޑިން ގަޑިއަށް ކެއީމަ އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެކަމަށް އަރީފް ބުނެލީ ހިނިތުން ވުމަކާ އެކުގައެވެ. ރޭޝަމް ޑޮކްޓަރުގެ ކޮޓަރިން ނިކުތީ ނިކުންނަ ހިތަކުން ނޫނެވެ. ގެއަށް ދިޔަ މަގުމަތިން މަންމަ ޑޮކްޓަރާ ބެހޭ ވަރަށްގިނަ މަޢުލޫމާތު ދިނެވެ. ޑޮކްޓަރަށް ކިޔާ ނަމަކީ އަރީފް ކަމާ އެހަށް ދުވަހަކު ޑޮކްޓަރުކަން ކިޔަވައިގެން އައިސް ރަށު ސިއްޚީ މަރުކަޒުގައި މަސަތްކަތްކުރަން ފެށިކަމާ އަދި އެއީ މަންމަގެ ވަރަށް ގާތް ރަޙުމަތްތެރިއެއްގެ ދަރިއެއް ކަމަށް ވެސް ބުންޏެވެ. މަންމަގެ ވާހަކަތަކުން ރޭޝަމްގެ ހިތް އުފަލުން ނަށާލި ކަހަލައެވެ.
ދުވަސްތައް އޭގެ އެންމެ ހަލުވި ދުވެލީގައި ކުރިއަށް ދެއެވެ. ރޭޝަމް އާއި އަރީފްގެ ރައްޓެހިކަން ބަދަހިވަމުން ދިޔައީ ހީނުކުރާހާ އަވަހަށެވެ. މި ރައްޓެހިކަން ލޯތްބަށް ބަދަލުވެގެން ދިޔައީ ރޭޝަމްގެ 20 އަހަރުވީ އުފަން ދުވަހުގެ ޕާޓީއިންނެވެ. ރޭޝަމް މަންމަގެ ވެސް ކުރިމަތީގައި އާރިފް ރޭޝަމްގެ ކުރިމަތީގައި ދެ ކަކޫ ޖަހާލާފައި މަލެއް ދިއްކޮށްލަމުން އަހަރެންނާ ރައްޓެހިވެދާނަން ހެއްޔޭ އަހާލީ ހިނިތުން ވުމަކާ އެކީގައެވެ. ރޭޝަމް އަށް ބަލާލެވުނީ ކައިރީގައި ހުރި ލޯބިވާ މަންމަ އާއި ދިމާލަށެވެ. ހީވަނީ މަންމަ ރުހުމަށް އެދުނީ ހެންނެވެ. މަންމަ ހިނިތުން ވުމަކާއެކު ބޯ ޖަހާލީ މަންމަ މަރުހަބާ ކިޔަމޭ ބުނާފަދައަކުންނެވެ. ރޭޝަމް އުފަލުން ފޮޅުނު ކަހަލައެވެ. އަރީފް އަށް އާނއެކޭ ބުނެލީ ސީދާ އަރީފްގެ މޫނަށް ބަލަން ހުރެއެވެ. ހަމަ އެ ވަގުތު ޕާޓީގައި ތިބި އެންމެން އެ ދެމީހުންނަށް ހޫނު މަރުހަބާގެ އަތްތިލަބަނޑިތަކުން މުޅި މާހަލު ގުގުމާލިއެވެ.
ދުވަސްތައް އޭގެ އެންމެ ބާރުމިނުގައި ފައިބައިގެން ދެއެވެ. ރޭޝަމް އާއި އަރީފުގެ ކައިވެނި ވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެވިގެން ދިޔައެވެ. އަރީފް އާއި ރޭޝަމް ކައިވެނިކުރިތާ އެންމެ ދެ ހަފްތާ ވީތަނާ އަރީފްގެ އޮފީހުގެ ފަރާތުން ލަންކާއަށް ކިޔަވަންދާން ފުރުސަތު ލިބުނެވެ. ނަމަވެސް ރޭޝަމް އާ ދުރަށް ދާން އަރީފް ބޭނުމެއް ނުވިއެވެ. އެހެނަސް ރޭޝަމް ބުނަމުން ދިޔައީ ދިއުމަށެވެ. ދިރިއުޅުން މިހާރަށް ވުރެ ވެސް ރަނގަޅުވާނީ ކިޔަވައިގެން ކަމުގައި ރޭޝަމް ވިސްނައިދިނެވެ. އަދި އަބަދުވެސް ރޭޝަމް ހުންނާނީ އަރީފްގެ މީހެއްގެ ގޮތުގައިކަމަށް ވެސް ބުނެދިނެވެ. ކިތަންމެ ދުރުގައި ހުއްޓަސް ގުޅައި ވާހަކަ ދެއްކޭނެ ކަމަށް ވިސްނައިދިނުމުން އަރީފް ދާން ނިންމިއެވެ. ނަމަވެސް ދާ ހިތަކުންނެއް ނޫނެވެ. ރޭޝަމް ކުރުނުކުރުމުންނެވެ. އޭގެ ފަހުން ދެ ދުވަސް ވެސް ނުވަނީސް އަރީފް ފުރައިގެން ދިޔައެވެ. ރޭޝަމް އަށް ހީވީ އޭނާގެ ހަށިގަނޑުން އެއްބައި އުނިވެގެން ދިޔަހެންނެވެ. ދެރަވެގެން ރޮވުނެވެ.
އަރީފް ކޮންމެ ދުވަހަކު ވެސް ރޭޝަމްއަށް ގުޅައި އެތައް އިރެއް ވާންދެން ލޯބީގެ އެތަކެއް މަލެއް ފޮޅުވައެވެ. ކިތަންމެ ރެޔަކު ފޯނު ކޮށްގެން އޮވެ އެ ދެމީހުންނަށް ނިދެއެވެ. މިހެން ދުވަސްތައް ފާއިތުވެގެން ދެއެވެ. ކޮންމެ ރެއަކު 10 ޖަހާއިރު އަރީފް ގުޅާނެތީ އެހެން ރޭރެއެކޭ ވެސް އެއްފަދައިން ރޭޝަމް ފޯނު ހިފައިގެން ސިޓިންރޫމްގައި އިނެވެ. ގަޑި ޖެހޭނެ އިރެއްގެ އިންތިޒާރުގައި އިންދާ 10 ޖަހައިފިއެވެ. ނަމަވެސް އަރީފްގެ ޚަބަރެއް ނުވިއެވެ. ރޭޝަމް ފޫހިވެގެން ޓީވީ ހުޅުވާލިއެވެ. އަދި އަރީފް ގުޅާނެކަމަށް އިރު އިރުކޮޅުން ފޯނަށް ބަލާލަބަލާލައި ހުރެވުނެވެ. ގަޑިން 11 ޖެހިއިރު އަރީފްގެ ޚަބަރެއް ނުވުމުން ރޭޝަމް ވަރަށް ކަންބޮޑުވިއެވެ. ކޮންމެ ވެސް ކަމެއް ވެއްޖެއޭ ރޭޝަމްގެ ހިތް ބުނަމުން ދިޔައެވެ. އެހެން ކަމުން އަރީފްގެ ނަންބަރަށް ގުޅާލިއެވެ. ނަމަވެސް ބުނަނީ ނިއްވާލާފައިވާ ކަމަށެވެ. ރޭޝަމް އަށް އެ ފޯނަށް ގުޅުނު އަދަދެއް ވެސް ނޭނގެއެވެ. ހަމަ ލިބެނީ އެއް ޖަވާބެކެވެ. އަރީފް އަށް ވީ ކިހިނެއްކަން ނޭނގެނީސް ރޭޝަމްގެ ލޮލަކަށް މިރޭ ނިންޖެއް ނާންނާނެއެވެ. ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައި ހުއްޓާ ރޭޝަމްގެ ފޯނު ރިންގުވިއެވެ. އުފަލުން ބަލާލިއިރު ގުޅީ އަރީފްގެ ބައްޕައެވެ. އެ ގަޑީގައި ބައްޕަ ގުޅާނީ ކޮންމެވެސް ބޮޑުކަމެއްވީމާކަން ރޭޝަމް އަށް އެނގެއެވެ. "ދަރިފުޅާ އަރީފް... ރޭލެއްގެ ދަށުވެ ނިޔާވެއްޖެ."
ރޭޝަމް އަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ނޫން މަގޭ އަރީފް މަރެއް ނުވާނެޔޭ ކިޔަމުން ރޮމުން ގެންދިޔައެވެ. " ދަރިފުޅާ ހިތްވަރުކުރޭ! މިހާރު އަރީފްގެ ހަށިގަނޑު އެބަ ގެނޭ ރާއްޖެ. ދޭއް ޖަހާއިރު އާދެވޭނެ" އަރީފްގެ ބައްޕަ ރޭޝަމް އަށް ހިތްވަރު ދެވޭތޯ އުޅުނެވެ. ނަމަވެސް ރޭޝަމް ހުއްޓާ ނުލާ ރޮމުން ގެންދިޔައެވެ. އަރީފްގެ ހަށިގަނޑު ރާއްޖެ ގެނެވި ހިނަވައި ކަށުނަމާދު ކުރެވި ވަޅުލެވުނެވެ. ރޭޝަމްގެ ހާލަކީ ރުއިމެވެ. އެނޫން އެއްވެސް ކަމެއް ރޭޝަމް އަކަށް ނުކުރެވުނެވެ. އޭގެ ދެ ދުވަސް ފަހެވެ. ރޭޝަމްގެ ހާލު ފެންނަ ކޮންމެ ފަހަރަކު ރޭޝަމްގެ މަންމަގެ ދެލޯ ފެންކަޅިވެއެވެ. ރޭޝަމްގެ މަންމަ އޭނާއަށް ވިސްނުވައިދިނެވެ. ތިމާ ލޯބިވާ މީހާ ގެއްލިގެން ދިޔުމުން ނޫނީ މަރުވެގެން ދިޔުމުން ލޯބިވާ މީހާ އަށްޓަކާ އުމުރު ދުވަހު ރޮއި ނަހަދާށެވެ. އޭގެ ބަދަލުގައި އެމީހާގެ ހަނދާންތަކާ އެކު އުފަލުގައި ހުންނާށެވެ. އެ ހަނދާންތަކުން ވެސް މީހާ ހިތްހަމަޖެހޭނެއެވެ. އެދުވަހަށް ފަހު ރޭޝަމް ހުންނަނީ އުފަލުންނެވެ. ސަބަބަކީ އަރީފް ރޭޝަމް އާ ކިތަންމެ ދުރުގައި ވިޔަސް އަރީފްގެ ހަނދާންތަކުން ރޭޝަމްއަށް އުފާވެރިކަން ގެނުވާތީއެވެ.
ނިމުނީ
ވަރަށް ރީތި ވާހަކަ މީހެއްގެ 2 ވަނަ ބާކޮބާ ❤️❤️❤️❤️
ވަރަށް ރީތި... އެބުނާ ހެން ކޮބާ 2 ވަނަ ބައި..