ނައިނާ

ގަސްތަކުގެ ތެރެއިން ފުރޭނެމުން އައި ދޯދިތަކުން ހެނދުނުގެ ހިތްގައިމުކަން ހިތަށް ވެރިކުރުވިއަސް އެ މާހައުލުގައި އެއްވެސް ދިރުމެއް ނެތެވެ. ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އެވަގުތު ލޮލުގައި އަޅައިގަތީ ތަންކޮޅެއްދުރުގައި ބަތްޕޮޅިއެއް ހިފަހައްޓައިގެން ހުރި ކުއްޖެކެވެ. އޭނަ ލައިގެން ހުރި ހެދުމުގައިވަނީ ބާކޮޅުކޮޅު ހެދިފައެވެ. އޭނަގެ މޫނު ކިތައްމެ ރީތި ނަމަވެސް އޭނަ ބަރުދާސްތު ކުރަމުންދާ ހިތްދަތިކަން އެ މޫނުން ވަރަށް ރަނގަޅަށް ހާމަވެއެވެ.

ވަގުތުން އަހަރެންގެ ޝައުޤުވެރިކަން އެ ޒުވާން އަންހެން ކުއްޖާއަށް ހުސްކޮށްލެވުނެވެ. ފަޤީރު އާއިލާއަކަށް އުފަންވެފައި ވުމުން، ދުވާލުގެ ވަގުތު މަސައްކަތުގައި ބުރަކޮށް އުޅުމަށް ފަހު، އަހަރެންނަށް ގިނަ ރޭރޭ ނިދެނީ ރަށުގެ ކޮންމެވެސް ދިމާލެއްގައި ހުންނަ ހޮޅުއަށްޓެއްގައެވެ. ރޭގައިވެސް ނިދިފައި އޮތީ ރަށުގެ ވަލާވީ ދިމާލުގައި ހަދައިފައި ހުންނަ ހޮޅުއަށީގައި ކަމުން އެ އަންހެން ކުއްޖާ ކުރަމުން ދިޔަ މަސައްކަތް އަހަރެންނަށް ސާފުކޮށް ފެނެއެވެ. ހަލުވިކަމާއި ފަރިތަކަމާއި އެކު އެ ލޫޅާފަތި ހަށިގަނޑުގެ ވެރި ޒުވާނާ މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ މޫނުމަތިން އެއްވެސް އުޖާލާ ކަމެއް ނުފެނުނެވެ.

އަހަރެން އެދިމާލަށް މިސްރާބު ޖެހީމެވެ. އޭނާގެ ލޮލުގައި ފަރުދާވެފައި އެވާ ހިތާމަތައް އެނގެން އަހަރެން ބޭނުންވިއެވެ. އޭނާއާ މާދުރުނޫން ހިސާބެއްގައި ހުރި ގަހެއް ކައިރީގައި މަޑުކޮއްލީމެވެ. އޭނާއަށްވެސް އެކަން ފާހަގަ ވިކަން ޔަގީނެވެ. އަތްމަތި އަވަސް ކޮއްލީ އަހަރެން އައުމުން ކަން އެމަންޒަރު ފެނުން އެންމެންނަށް ވެސް އެނގޭނެއެވެ. "ކޮން ކުއްޖެއް؟" ލުއި ހިނިތުން ވުމަކާއި އެކު އަހަރެން އަހާލީމެވެ. ޖަވާބެއްގެ އިންތިޒާރުގައި އަހަރެން މަޑު ކޮއްލީ ސީދާ އޭނާގެ ކުރިމައްޗަށް ވާގޮތައް ހުރި ގަހުގައި ލެނގިލައިގެން ހުރެއެވެ. އޭނާ އަހަރެންނާއި ދިމާލަށް ބަލައިލިއެވެ. ހަތަރު ކަޅި ހަމަވި އިރު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މައުސޫމު ހިނިތުން ވުމެއް އަހަރެންނަށް ރައްދު ކޮއްލާފައި އަނެއްކާވެސް އޭނާގެ މަސްއްކަތައިގެން ކުރިއަށް ދިޔައެވެ. އެކަމުގައި އެއްވެސް މައްސަލައެއް އަހަރެންނަކަށް ނެތެވެ. ތަނަކުން އަދި އަލަށް ދިމާވާ ކޮންމެ ކޮންމެ މީހަކަށް މީހާގެ ވަނަވަރު ހަމަ އަހައިލާއިރަކަށް ނުލިބޭނެކަން އަހަރެންވެސް ދަންނަމެވެ.

"އަހަރެންނަކީ ރަފްހާން އަލީ." އަހަރެންގެ ކުޑަ ތަޢާރަފެއް ދިނުމަށް ގަސްތުކޮށް ފެށީމެވެ. "އިނގޭ... ރަފްހާންގެ މަންމައާއި ބައްޕަ ދުނިޔެއަށް އަަލްވަދާއު ކިޔާފައިވާ ކަންވެސް އިނގޭ. މިހާރު އުޅެނީ ވަރަށް ހާލުގަ ކަންވެސް އިނގޭ." އެ އަންހެން ކުއްޖާ އަހަރެންގެ ވާހަކަ ހުއްޓުވާ ވަރަށް ސާދާކަމާއެކު ބުންޏެވެ. އެ އަޑުގައި މަޑުމޮޅިކަމެއް ހުއްޓެވެ. އަހަރެން ހައިރާންވި ނަމަވެސް އަހަރެންގެ މަަޤްސަދު ޙާޞިލް ކުރުމަށް އަނެއްކާވެސް އަހާލީމެވެ. "އެހެންވިއްޔާ ތީ ކޮންކުއްޖެއްކަން ބުނެދިނިއްޔާ ވަރަށް ރަނގަޅު.." އަހަރެންވެސް ވާހަކަ ދެއްކީ މަޑު މައިތިރިކަމާއި އޯގާތެރި ކަމާއި އެކުގައެވެ. ހަޤީޤަތް ނޭނގުން ނަމަވެސް އަހަރެންގެ ހިތުގެ ކަނެއްގައި އެ ޖިންސުއްލަޠީފަށް ހަމްދަރުދީ އުފެދިއްޖެއެވެ. "ނައިނާ. އަހަރެންވެސް މީ ހަމަ ރަފްހާން ހެން ވަރަށް ފަޤީރުކޮށް އުޅޭ ކުއްޖެއް. ކިރިޔާ ބަނޑަށް ލާނެ އެއްޗެއް ލިބެނީ މިހާ ވަރަށް މަސައްކަތް ކޮއްގެން." އަނގަވެސް ގަދަ ކުއްޖެއްތާއޭ އަހަރެންގެ ހިތައް އެރިއެވެ. "ކީތް ކުރާނީ ދޯ؟ ތަޤްދީރު ނިޔާ ކުރެއްވި ގޮތް.." އަހަރެންވެސް އެއްބަސް ވަމުން ބައިވެރި ވެލީމެވެ.

އެއީ އަހަރެންނާއި ނައިނާ ފުރަތަމަ ދިމާވި ދުވަހެވެ. އެ ދުވަހު އަހަރެން ނޯކަރީ ކުރުމަށް ހަމަ ޖެހިފައިވާ ގެއަށް ނުގޮސް ނައިނާއާއި ވާހަކަ ދެއްކުމުގައި ވަގުތުތައް ހޭދަ ކުރީމެވެ. އޭގެ ފަހުންވެސް ދެމީހުން އެކަކު އަނެކަކާއި ގިނަ ގިނައިން ދިމާވިއެވެ. އެކުވެރިކަމުގެ ބާރު ގޮށެއް ދެމީހުންގެ މެދުގައި ޖަހައިލެވުނެވެ. ދެމީހުންނަށް އެކަކު އަނެކަކު ދަސްވާން ގިނަ ދުވަހެއް ނުނެގި ނަމަވެސް ނައިނާގެ މާޒީގައިވާ ބަނަކަން އަހަރެންނަށް އެނގޭ ގޮތެއް ނުވިއެވެ.

ފިނި ވައިރޯޅި ޖެހެމުން ދިޔަ އިރު އަހަރެންނާއި ނައިނާ ދުވަހުގެ ވަރުބަލިކަން ފިލުވާލުމަށް އަތިރިމަތީގައި ތިބީމެވެ. އެއީ މިހާރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ހިތުގައި ލޯބީގެ ހުޅުކޮޅެއްވެސް އަނދަމުން ދިޔައެވެ. ނަމަވެސް ރަނގަޅު ދަނޑިވަޅަކަށް އަހަރެން މަޑު ކުރީއެވެ. "ރަފްހާން؟" ނައިނާ މަޑުމަޑުން އަހަރެންނަށް ގޮވާލިއެވެ. އަހަރެން އޭނާއާ ދިމާލަށް ބަލާލީމެވެ. އޭނާގެ ރީތިކަން މިރޭ އާދަޔާ ޙިލާފަށް އަހަރެންނަށް ފާހަގަ ވަމުން ދިޔައެވެ. އަހަރެންނާއި ދާދި ކައިރީގައި އިށީނދެ އިންއިރު އެ ތޫނު ކަޅިރަވާއި ހަތަރު ކަޅި ހަމަވާ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް އަސަރު ކުރެއެވެ. އެ ރީތި ރާނީ އަހަރެންގެ މިލްކަކަށް ހެދުމަށް މިރޭ އަހަރެންގެ ހިތް އާދޭސް ކުރިއެވެ. "އަހަރެމެން ދެން އަބަދުވެސް މިހެންތަ ތިބޭނީ؟" ނައިނާ އަހަރެންގެ ގާތުގައި އަހައިލިއެވެ. އަހަރެން ދުރު ބަލައިލީމެވެ. ކަނޑުން ނަގަމުން ދިޔަ ރާޅުތަކަށެވެ. "ތިބުނީ..؟" އަހަރެން ކުޑަ އިރުކޮޅަކު ވިސްނަން އިނުމަށް ފަހު ބުނީމެވެ. "މި ބުނީ އެކުވެރިންގެ ގޮތުގަ މިހެން ތިއްބަ ވަކިވާން ޖެހިއްޖެއްޔާ ޔޯ؟" އެ އަޑުގައި އަނެއްކާވެސް އެ މަޑުމޮޅިކަން ވިއެވެ. އަހަރެންގެ ހިތަކަށް ކެތެއް ނުވިޔެއެވެ. "އިރާދަ ކުރެއްވިއްޔާ އެހެންނެއް ނުވާނެ...ނައިނާ..؟" އަހަރެން ނައިނާގެ އަތުގައި ހިފައި ކޮޅަށް ނެގީމެވެ. އެ ހަމަހިމޭންކަން ފަޅުފިލުވަމުން ދިޔަ ރާޅުތަކާއި ގަސްތަކުގެ ލަވަތަކާއި އެކު ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން އަހަރެންގެ މުޅިގައި ހީބިހިނަގަމުން ދިޔައެވެ. "ނައިނާ އަހަރެންނާ އިންނަންވީ ނުން؟" އޭނާގެ އެއްލޯމައްޗަށް ވެއްޓިފައިވާ ފަން އިސްތަށިކޮޅު ކަންފަތް ދަށަށް ލައިދެމުން އަހަރެން ވަރަށް ލޯބިން އަހަރެންގެ އެދުން ހާމަކޮއްލީމެވެ. އެ މޫނު އަލިވެގެން ދިޔައެވެ. އަހަރެންގެ ގައިގައި އުފަލުން ބައްދައިގަތެވެ. "އާން..ލަސް ކުރާނެ ކަމެއް ނެތް" ނައިނާ އެއްބަސް ވެލިއެވެ.

ޖެހިގެން އައި ދުވަހު އަހަރެމެންގެ ކައިވެނި ކުރެވުނެވެ. ނައިނާގެ އާއިލާގެ އެއްވެސް މީހަކު ނެތުމުން ވަލީ ދިނީ ގާޟީއެވެ. ދެމީހުންގެވެސް ކައިވެންޏާއެކު ފެށުނީ ދިރިއުޅުމުގެ އާ ބާބެކެވެ. ޙަޔާތުގެ އައު ޞަފްޙާ ތަކެކެވެ. އަހަރެންވެސް މަސައްކަތް ކުރީ މިދިޔަ އަހަރު ތަކުގައި ކުރި ބުރަ މަސައްކަތުން އެއްކުރެވިފައި ހުރި ލާރިންނާއި މިހާރުވެސް ކުރަމުންދާ މަސައްކަތުން ނައިނާގެ އުފާވެރިކަން ދެމެހެއްޓުމަށެވެ. ނައިނާގެވެސް ޚިޔާލު ހުރީ އަހަރެމެންގެ ކުރިމަގު އުޖާލާކޮށް ބިނާކޮށް، އަހަރެމެންގެ ދަރިންނަށްވެސް ރަނގަޅު ކުރިމަގެއް އަލިކޮށްދިނުމަށް ބުރަ މަސައްކަތް ކުރުމަށެވެ.

އަހަރެންނަށް ކުއްލިއަކަށް ހޭލެވުނީ ބިރުވެރި ހުވަފެނަކުންނެވެ. މުޅިމީހާ ހުރީ ދާހިތްލާ ފޯވެފައެވެ. ކައިރީގައި ނައިނާ ނިދައިފައި އޮތެވެ. އެ މޫނުގައި ވަނީ ހަމަހިމޭން ކަމެވެ. އެއް ހުވަފެނެއް ފެންނަތާ މީ ތިން ވަނަ ރެޔެވެ. ފެންނަނީ ނައިނާއެވެ. ރީތި ރަތް ހެދުމެއްގައެވެ. އުނގުގައި ކުޑަ ދަރިފުޅެއް އޮވެއެވެ. އަހަރެން ހުންނަނީ ހިލިހިލާ ޖަހައިފައެވެ. ނައިނާގެ މޫނުން ފެންނަމުން ދަނީ އެންމެ ފުރަތަމަ އޭނާއާއި ދިމާވި ދުވަހެކޭ އެއްފަދައިން، ހިތްދަތިކަމެވެ. ދެންފެންނަނީ ކުއްލިއަކަށް ނައިނާ ގެއްލޭ ތަނެވެ. އޭރު އަހަރެން ހުންނަނީ އެ ކުޑަ ކުއްޖާ އުރައިގެންނެވެ. ނައިނާ ރޯ އަޑު އިވެއެވެ. އެކަމަކު އޭނާއެއް ނުފެނެއެވެ. ދެން ކުއްލިއަކަށް އެ ހުވަފެނުން ހޭލެވެނީ އެޙާލުގައި އުޅެނިކޮށެވެ.

އަހަރެމެންގެ ކައިވެންޏަށް މިހާރު އަހަރެއް ވީއިރު ދެމީހުންގެ ބުރަ މަސައްކަތުން ރަށުން ރަނގަޅު ގޯއްޗެއް ލިބި އާންމު ބޭނުންތައް ފުއްދާލައި އަދި ރައްކާ ކުރެވޭ ވަރަށް އާމްދަނީ ހޯދޭވަރުވެއެވެ. އަހަރެން އަނެއްކާވެސް ނައިނާއަށް ބަލައިލީމެވެ. ކޮލަށް ބޮހެއް ދިނުމުން ސިއްސައިގެން ގޮސް އޭނާއަށް ހޭލެވުނެވެ. "ސޮރީ..ބިރުވެރި ހުވަފެނެއް ފެނިގެން ހޭލެވުނީ" އަހަރެން މަޑުމަޑުން ބުނަމުން އޮށޯތީމެވެ. ނައިނާވެސް ހީލަމުން ލޯމަރާލިއެވެ.

ހެނދުނު ހޭލެވުނު އިރު އަހަރެންގެ ގާތަކު ނައިނާއެއް ނެތެވެ. އަވަސް އަވަހަށް ތެދުވި ތަނާހެން މީހަކު ހޮޑުލާ އަޑު އިވުނެވެ. އެއީ ނައިނާކަން ޔަޤީނެވެ. ލަސް ނުކޮށް އަހަރެން ފެންތައްޓެއް ހިފައިގެން ފާޚަނައަށް ވަނީމެވެ. ނައިނާ ހަމައަކަށް އެޅުމުން އަހަރެން ވީގޮތް އެހީމެވެ. "ހޭލި އިރު ކުދަކޮއް ބޯ އަނބުރާފަ ހޮޑު ލަވައިގަތީ" އަދިވެސް އެއްކޮށް ރަނގަޅު ނުވާތީވެ ކުރުކޮށް ނައިނާ ބުނެލިއެވެ. މާ ބޮޑުވަރު ވާން ފެށުމުން އެންމެ ފަހުން ޑަކުޓަރަކަށް ދެއްކުމަށް އަހަރެން ނައިނާ ގޮވައިގެން ނުކުތީމެވެ.

"މަރްޙަބާ! ނައިނާ އިނީ ބަލިވެ!" އުފާވެރި ކަމާއެކު ޑަކުޓަރު ޓެސްޓުގެ ނަތީޖާތައް ޙަވާލުކޮއްލަމުން ބުންޏެވެ. އަހަރެންވެސް އުފަލުން ފޮޅިފައި ނައިނާއާއި ދިމާލަށް ހީލީމެވެ. އޭނާގެ މޫނުން ވެސް ފެންނަމުން ދިޔައީ އުޖާލާކަމެވެ. ގެއަށް އައިސް އެކަމުގެ އުފަލުގައި ދެމީހުން އެތަކެއް ސަކަރާތެއް ޖެހީމެވެ. ނައިނާ ދެން ހުންނާނީ ދުވަސްކޮޅަކުން މިހެންނޭ ކިޔާ ޓީޝާރޓު ދަށަށް ބާލިހެއް ލައިގެން ހިނގަންވެސް ހިނގީމެވެ. ދަރިފުޅުގެ ކޮޓަރި އާއި ހަރަދު ބަރަދު ހަމަޖެއްސުމަށް އަހަރެން އިތުރު މަސައްކަތެއް ހޯދުމަށް ދެތިން ރައްޓެއްސަކަށް ވެސް ގުޅީމެވެ. ހަލަބޮލި ރެޔަކަށް ފަހު ދެމީހުންވެސް ނިދަން އޮށޯވެވުނު އިރު މެންދަމު އެކެއް ޖަހަނިއްޏެވެ.

"ރަފަޙާން. އަހަރެން ރީތިތަ؟ މިހެދުން ލީމަ ވަރަށް ފަލަދޯ؟ ކުޑަ ސިއްރެއް ބުނަންތަ؟ އަހަރެންމީ އިންސާނެއް ނޫނޭ ރަފްޙާން.." އަހަރެންގެ ކުރިމަތީ ދިގު ރަތް ހެދުމެއް ލައިގެން ހުރެ ނައިނާ ވާހަކަ ދައްކަމުން ދިޔައެވެ. "ބިރު ނުގަންނައްޗޭ އިނގޭ" "ނައިނާ މަށާ ސަމާސާ ނުކޮއްބަ. އިނގޭނުން ތިކަހަލަ ވާހަކަ ދެއްކީމަ މަ ބިރުގަންނަ ކަން" އަހަރެން ބުނެލީމެވެ. ކުއްލިއަކަށް ނައިނާ ގެއްލުނެވެ. ބިރުން ހުރެ އަހަރެން ވަށައިގެން ހޯދާލީމެވެ. "އަހަރެންތަ ތި ހޯދަނީ؟" އޭރު އަހަރެންގެ ކުރިމަތީގައި ހުރީ ނައިނާ އެންމެ ފުރަތަމަ ދިމާވި ދުވަހު ލައިގެން ހުރި ބާކޮޅުކޮޅު ހެދިފައިވާ ހެދުމެވެ. އަތުގައި ބަތްޕޮޅިވެސް އޮތެވެ. "ނައިނާ...ކިހިނެއްތަ މި ވަނީ؟" އަހަރެން ބިރުން ހުރެ އަހާލީމެވެ. "ބުނެފީމެއްނުން އަހަރެން މީ އިނަސާނެއް ނޫނޭ.. ލޯބި ވެވުނީ ރަފްހާންދެކެ. އެދުވަހުގެ ކުރިންވެސް އަހަރެން ރަފްހާންގެ ހުރިހާ ކަމެއްވެސް ބަލަން. އަހަރެމެންގެ މަންމަމެންނަކީ ކުރިން ވަރަށް ގާތް އެކުވެރިން. އަބަދުވެސް އުޅޭނީ އެއްކޮއް. އަހަރެންނަށް އެންމެ ތިން އަހަރުގަ މަންމަ ވަކިވެ ދިޔައީ މަންމަ އަކީ އިންސާނެއް ނޫންކަން އެނގުން ދުވަހު. ރަށުގެ ކޮންމެވެސް ފަންޑިތަ ހަދާމީހެއް ލައްވާ ގެއަށް ސިހުރެއް ހަދައިގެން މަންމަ އާއި ބައްޕަ މަރާލިއިރު އެގޭގަ ރަފްހާން މަންމަ އާއި ބައްޕަ ތިބީމަ އެ ދެމީހުންވެސް ވަކިވެ ދިޔައީ. އަހަރެން ސަލާމަތް ވީނަމަވެސް އަހަރެންނަށް އެއްވެސް އުފަލެއް ނެތް. ބޮޑުވަމުން އައި އިރު އަބަދުވެސް ރަފްހާންއަށް ހާއްސަކެމެއް ދެވިފަ އޮވޭ." އަހަރެންނަށް ނައިނާގެ މާޒީގައި ފަސްދާނުލެވިފައިވާ ކަޅު ޞަފަޙާތްއް ކިޔާދިނެވެ. "އެކަމަކު...އަހަރެން ދެން ރަފްހާންއަށް ނުފެނުނަސް ދެރަ ނުވާތި. ދަރިފުޅަށް ރަނގަޅަކަށް މިބުނީ..އަހަރެންގެ މާމަމެންގެ ގާތަށް އަހަރެން މިރޭ ދާނަން. ހިތްވަރު ކުރާތި." އަހަރެންގެ ގައިގައި ބައްދާލައިފައި ފަހަތަށް ފަހަތަށް ގޮސް ނައިނާ ހަމަ ގެއްލުމާއެކު އަހަރެންނަށް ފުންމައިގެން ހޭލެވުނެވެ. އޭރު ހެދުނު ހަތެއް ޖަހައިފިއެވެ. ކައިރިއަކު ނައިނާއެއް ނެތެވެ. އަހަރެންގެ ހިތް ހީވަނީ މޭ ފަޅާލައިފައި ނުކުމެދާނެ ހެނެވެ.

މުޅި ރަށް ކުޑަ ކުރެވިއްޖެއެވެ. ނައިނާއެއް ނުފެނުނެވެ. އަހަރެންގެ ހިތުގައި ވަރުގަދި ރިހުމެއް ވިއެވެ. ލޮލުން ކަރުނަ ނުހިކޭތާވެސް ކިތަންމެ އިރެކެވެ. އަހަރެންގެ ލޯބިވާ ނައިނާއެވެ. ދެމީހުންގެ ލޯބީގެ ނިޝާން ކަމުގައިވާ ފުރަތަމަ ދަރިފުޅެވެ. ކުޑަ ހިނދުކޮޅަކުން ބީވެ ދިޔައީއެވެ. އަހަރެން އިށީނދެލީ އަހަރެން ނައިނާގާތު ކައިވެނި ކުރުމަށް އެހިރޭ ތިބި ތަނުގައެވެ. މޫސުމީ ގޮތުންނާއި މާޙައުލުގައި އެއްގޮތް ކަމެއް ހުރި ނަމަވެސް މިރޭ އަހަރެން އިނީ އެކަންޏެވެ. ހުރިހާވެސް އެއްޗަކީ ނައިނާގެ ހަނދާންތަކެވެ. ކައިރީގައި ހަދަމުން ދިޔަ ގެސްޓު ހައުސްގައި ޖަހައިފައި ހުރި ލަވަ އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އަހަރެންގެ ހިތުގެ އާދޭސްތައް ލަވައެއްގެ ގޮތުގައި އިވެމުން ދިޔައިރު އަހަރެންގެ ލޮލުން ދިލަ ނަގަން ފެށިއެވެ.

"އެނބުރި ޙަޔާތަށް
އާދޭ އުނގުގައި ނިދާލަން
އުޑުގަ ވިދާލަން
ދޭނަން ހުރިހާ އުފާތައް
ދުނިޔެ ބަލާލަން..."

    Please log in or register to bookmark.
    2k

    13 ޚިޔާލު

    1. މާޝާﷲ ވަރަށް ރީތި ވާހަކައެެއް!! އާޝިޔާގެ އިތުރު ވާހަކަތަކެއް ކިޔާލުމުގެ ފުރުޞަތު ކައިރި މުސްތަޤްބަލެއްގައި ލިބޭނެ ކަމަށް އުންމީދު ކުރަން! 🥰

      • މާޝާﷲ ވަރަށް ރީތި ވާހަކައެެއް!! އާޝިޔާގެ އިތުރު ވާހަކަތަކެއް ކިޔާލުމުގެ ފުރުޞަތު ކައިރި މުސްތަޤްބަލެއްގައި ކަމަށް އުންމީދު ކުރަން! 🥰

    2. މާޝާﷲ ވަރަށް ރީތި ވާހަކައެެއް!! އާޝިޔާގެ އިތުރު ވާހަކަތަކެއް ކިޔާލުމުގެ ފުރުޞަތު ކައިރި މުސްތަޤްބަލެއްގައި ކަމަށް އުންމީދު ކުރަން! 🥰

    3. މާޝާﷲ ވަރަށް ރީތި ވާހަކައެއް! ކައިރި މުސްތަޤްބަލެއްގައި އާޝިޔާގެ އިތުރު ވާހަކަތަކެއް ކިޔާލަން ލިބޭނެ ކަމަށް އުންމީދު ކުރަން. 🥰

    ޚިޔާލު

    Your email address will not be published.