ހާފުސްވިލާ

އަހަންނަށް މިހެން ދިމާވާންވީ ކީއްވެ ހެއްޔެވެ؟ ކޮންމެ ފަހަރަކު ވެސް އަހަންނަށް މި ލިބެނީ ކޮޅުކޮއްސެވެ. ލަނޑެވެ. މިކަމާ ފިކުރުކޮށްކޮށް މިހާރު މޮޔަވާވަރު ވެއްޖެއެވެ. ގޮތް ހުސްވެ މާޔޫސްވާވަރު ވެއްޖެއެވެ. މިހެން ދިމާ މި ވީ އަލަކަށް ނޫނެވެ. އެންމެ ފަހަރަކު ދެ ފަހަރު ވެސް ނޫނެވެ. އެތައް ފަހަރަކުއެވެ. އެއް ކަހަލަ ގޮތަކަށެވެ.

އެންމެ ފުރަތަމަ ސުހާއެވެ. އަހަރެންގެ ހިތް އެމީހަކަށް ޓަކައި ފުރަތަމަ ވެސް ދޫކޮށްލެވުނު އަލަތު ލޯބިވެރިޔާއެވެ. ސުހާއަކީ ރީތި ކުއްޖެކެވެ. ލޯބި މީހެކެވެ. އޭނާއަށް އަހަރެންގެ ހިތް ދެވުނީ އެހެންވީމައެއް ނޫނެވެ. ނޭނގި ހުއްޓާ ލޯބިވެވުނީމައެވެ. ނުބުނެވި ހުއްޓާ އޭނާއަށް އެކަން އެނގުނީމައެވެ.

"އަހަންނަށް ހީވަނީ މިކުރެވޭ އިހުސާސްތައް ޒާހީއަށް ވިސްނޭނެހެން." ސުހާ ކިޔައިލީ ސީދާ އަހަރެންގެ ހިތެވެ.

ހިތުގައި ލިޔެވިފައިވާ އަކުރުތަކަށް ވަކިވަކީން ބާރުކޮށްލަމުން އޭނާ ކިޔައިލި ކަހަލައެވެ. އަހަރެން ނޫން ކަމަށް ހެދުނީމެވެ. ސުހާ ހިތަށް އަރާނެ އެއްޗެއް ނޭނގުނީމައެވެ. އޭނާއަކީ އެތައް ބައެއްގެ ހިތުގެ ވިންދުކަން ވެސް ވިސްނުނީމައެވެ.
"އަހަރެން ބޭނުމީ ޒާހީ." ސުހާގެ ނިންމުން އަހަންނަށް ހިއްސާކުރިއެވެ.

އެ ދުވަސް ވެގެން ދިޔައީ މުޅީން ތަފާތު ދުވަހަކަށެވެ. ހިތަށް ހަމަޖެހުން ލިބުނު އުފާވެރި ދުވަހަކަށެވެ. އެކުވެރިކަމުގެ ގުޅުން އާ ހަރުފަތަށް ބަދަލުވި ދުވަހަކަށެވެ. ލޯބީގެ ބަގީޗާތަކުގައި ފޮޅެމުންދާ މާމެލާމެލިން ހިތްއުފާކުރާން ލިބުނު ފުރުސަތަކަށެވެ. އެ ބަގީޗާތަކުގައި އޮށޯވެ ތިބެ އުޑުމަތީންދަ ވިލާތަކަށް ބަލައިގެން ތިބެ އުފާވެރި ތަސްވީރުތައް ކުރެހުނު ދުވަހަކަށެވެ. ހާފުސްވިލާތަކުން އުފާވެރިކަން ގެނުވި ޢީދަކަށެވެ.

އެ ގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ދެހިތް ދެހިތަށް މެހެމުން ގުޅުން ހަރުދަނާވަމުންނެވެ. ކުއްލިއަކަށް އަހަންނަށް އެހެން ރަށަކަށް ދާން ޖެހުނެވެ. އޮފީހުގެ މަސައްކަތްތަކެއް ކުރުމަށެވެ. އަހަންނަކީ އައިޓީ ދާއިރާގެ މީހެއް ވީމައެވެ. އެ އޮފީހުގެ ނެޓުވޯކު މަސައްކަތްތަކެއް ކުރުމަށެވެ. އެއްމެ ދުވަހަކަށް ނޫނެވެ. އެއް މަސްދުވަހަށެވެ.

"ދެން ތި ދާރަށުން ކުއްޖަކު ހޯދާނީކީ ނޫން އިނގޭ." ސުހާގެ އެ ޖުމުލަ އިވިފައި އަހަންނަށް ހުއްޓެވުނެވެ.

އޭނާ އެގޮތަށް ވިސްނީ ކީއްވެ ބާއޭ ހިތަށް އެރިއެވެ. އެ ފަދަ ނަޒަރަކުން އަހަންނާ މެދު އޭނާ ވިސްނާނީ ކޮންމެވެސް ކަމެއް ވީމައޭ ހިތަށް އެރިއެވެ. އެހެން ނޫންނަމަ އެގޮތަށް ވިސްނަންވީ ކީއްވެ ހެއްޔެވެ؟ އެ ފަދަ ޖުމުލައެއް އޭނާގެ ދުލުން ބޭރުވަންވީ ކީއްވެ ހެއްޔެވެ؟ އަހަރެން ބޭނުންވީ އެ ކަން މަޖަލަކަށް ހަދާށެވެ. އެއީ ސަމާސާއެއް ކަމަށް ވިސްނާށެވެ.

"ދެން ސުހާ ވެސް އެހެން ދިމާއަކަށް ދާނީއެއް ނޫން." ސުހާގެ ނޭފަތުގައި ހިފައި ލަމުން ލާނެތް ރާގެއްގައި ބުނެލީމެވެ.

ސުހާ ހައިރާން ކަމާއެކު އަހަރެންގެ މޫނަށް ބަލައިލިއެވެ. އޭނާގެ މިޒާޖަށް އައި ކުއްލި ބަދަލާއެކު އަހަންނަށް ވިސްނައިލަން މަޖުބޫރުވިއެވެ.

"ކިހިނެއް؟ ކިހިނެއް ޒާހީއަށް.." ސުހާ ބުނަން އުޅުނު ވާހަކަ ފުރިހަމަ ނުކުރެވުނެވެ.

"އާނ! މިގޭ ދޮރުގައި ޓަކިޖަހައިލަ ޖަހައިލާ އެތައް ބަޔަކު އެތިބެނީ. އެހެންވީމަ ހަމަ އެ ވެސް ވެދާނެ ގޮތެކެއްނު ދޯ." ސުހާއަށް ލިބުނު ހައިރާންކަމުން އަހަންނަށް ކުރެވުނީ އެހެން މާނައެކެވެ.

ސުހާގެ މޫނަށް ބަލައިގެން އިނދެ އަހަރެން ބުނެލި ކޮންމެ ލަފުޒަކުން އޭނާގެ މޫނު މަތީގެ ކުލަ ބަދަލުވާކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އެހެންވެ އޭނާގެ ދެ ލޮލަށް ބަލަހައްޓައިގެން އިނދެ އެ ހިމަހޯލި ތަކެއްފަދަ އިނގިލިތަކުގައި ހިފައިލީމެވެ. އޭނާގެ އަތްތިލަ ވަނީ ފިނިވެފައެވެ. ގަނޑުވެފައެވެ.

"ސުބުހާނަﷲ! ކީއްވެ ފްރީޒް ވާންވީ؟" އަހަރެން ބޭނުންވީ ސުހާ ހެއްވާލާށެވެ.

ސުހާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. އޭނާ ދެ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް އަހަންނަށް ފެންނަން ފެށިއެވެ. ނަމަވެސް އަހަރެން އެކަން ނުފެންނަ ކަމަށް ހަދައި އޭނާއާ ސަމާސާކޮށްލަން ބޭނުންވީއެވެ. މަޖާކޮށްލާ އޭނާ ހެއްވާލަން ބޭނުންވީއެވެ.

އެރޭ ނިމިގެން ދިޔައީ އާދަޔާ ޚިލާފު އުފާތަކެއް އަހަންނަށް ގެނުވައިދީފައެވެ. ނަމަވެސް އަހަންނަށް ފާހަގަވި އެއްކަމެއް އޮތެވެ. ސުހާގެ ހިމޭންކަމެވެ. އޭނާގެ ޠަބީއަތަށް އައި ކުއްލި ބަދަލެވެ. މާޔޫސްކަމެވެ. އެއިން އަހަންނަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ނެގުނީ ތަފާތު މާނައެކެވެ. ނަމަވެސް ހީނއަކަށް ކަމެއް ކުރުމުގެ ކުރީން ވިސްނައިލަން ޖެހޭނޭ ބުނާތީ އެކަން ރައްކާކުރީ ހިތުގެ މަކާނުގައެވެ. ސިކުނޑީގައެވެ.

ޖެހިގެން އައި ދުވަހުގެ ފުރަން ނުކުމެ ވަށައިގެން ބެލުނެވެ. ބަނދަރަށެވެ. ސުހާގެ ހިލަމެއް ވޭތޯއެވެ. ކާނިގަސްތައް ކައިރިއަށް ދެވުނެވެ. އެއީ އަހަރުމެންގެ މަންޒިލެވެ. ލޯބީގެ ބިޗާނާއެވެ. އަހަރުމެންގެ ގުޅުމުގައި ކޯދުލާން ފެށި މަންޒިލެވެ. އިރު ކޮޅެއް ވަންދެން އެތަނުގައި ހުރީމެވެ. ސުހާއަށް ދެތިން ފަހަރަކު ގުޅައިލީމެވެ. ނަމަވެސް ފޯނު އޮތީ ނިއްވާލައިފައެވެ. ވަށައިގެން ހޯދައިލެވުނެވެ. ސުހާ އަންނާނެ ކަމަށް ބުނުމުންނެވެ. އެންމެ ފަހުން ފެރީއަށް މީހުން އަރާން ފެށުމުން އަހަރެން ހިނގައިގަތީމެވެ. ސިކުނޑިއަށް ގިނަވަމުން ދިޔަ ސުވާލުތައް އެތަނަށް ދޫކޮށްލައިފައެވެ.

ގަޑިއެއްހާއިރުގެ ދަތުރަކަށް ފަހު މަންޒިލަށް ދެވުނެވެ. އެއީ އަހަންނަށް މުޅީން އާ ރަށެކެވެ. ދަންނަ މީހަކު ވެސް ނެތް ބީރައްޓެހި ރަށެކެވެ. ފެރީން ފޭބުމާއެކު ކުރެވުނީ އުފާވެރި އިހުސާސެކެވެ. ރަށުގެ މަލަމައްޗަށް ނަޒަރު ހިންގައިލެވުނެވެ. ފެހިކަން ގަދަ ރީތި ގަސްކަރައެކެވެ. ރީތި ހޭޅިފަށެވެ. ހިމުން ދޮންވެލި ގަނޑެކެވެ. ބިއްލޫރި ކޮޅެއް ފަދަ ސާފު މޫދެކެވެ. ދުރަށް ނަޒަރު ހިންގައިލެވުނެވެ. ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި މޫދުގައި އުޅުނު ދެ ޒުވާނުންނެވެ. ދެފަހަރަކު ބަލައިލެވުނެވެ. ހިތައިހިތައި ކިޔައިލެވުނީ ސުހާގެ ނަމަވެ.

އަހަންނަށް ފެންނަމުން ދިޔައީ ސުހާއެވެ. އޭނާއާއެކު ފިރިހެނަކު ކައިރީ ހުއްޓެވެ. ކަނދުރާއާ ހަމައަށް ދިގުކޮށްފައިވާ ބުޅި އިސްތަށިގަނޑެކެވެ. ބައިމަތިފުޅާ ތަނަވަސް މޭމަތީގައި ސުހާގެ ބޯ އަޅައިލައިގެން ހުއްޓެވެ. އިރުކޮޅަކުން އޭނާ ފަހަތަށް ކޮށްޕާލިއެވެ. ކުއްލިއަކަށް އެ ޒުވާނާ މޫދަށް ވެއްޓުނެވެ. ސުހާ ޕަކަޕަކަލައިފައި ހޭންފެށިއެވެ. އަނގަމަތީ އަތް އަޅައިގެން ހުރެއެވެ. އިރުކޮޅެއް ނުވަނީސް އެ ޒުވާނާ ބޯ ހިއްލައިލިއެވެ. އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ހީވީ ރަނގަޅަށެވެ. އެއީ އަހަރެންނެވެ. އަހަރެންގެ މޫނެވެ. އަހަރެންގެ ހަށިގަނޑެވެ. މޫދުން ބޯހިއްލައިލުމަށްފަހު އޭނާ އޮޅުލައިގަތީ ސީދާ ސުހާގެ ގައިގައެވެ. އެއާއެކު ދެމީހުން އެކުގައި މޫދަށް ވެއްޓުނެވެ. ލޮނުގަނޑު ދެ ފަރާތަށް ބުރައިގެން ދިޔައެވެ.

"ޒާހީ!"

ދުރުން މީހަކު ގޮވާލި އަޑަށް އަހަންނަށް ބަލައިލެވުނެވެ. ދެބައި އުމުރުގެ ފިރިހެނެކެވެ. ދަށަށް ޖަހައިލައި ކަރުގައި ޓައީ ބައްދާލައިފައި ހުރި ގޮތުން އެއީ ކާކުކަން ދެނެގަންނަށް މާ ގިނަ އިރެއް ނުނެގިއެވެ.
"ރާޒީ." އެމީހާ އައިސް ސަލާމަށް އަތްދިއްކޮށްލަމުން ބުނެލިއެވެ.

 

ރާޒީގެ ފަހަތުން ހިނގައި ގަންނަމުން އަހަރެން ބަލައިލީމެވެ. މޫދާ ދިމާއަށެވެ. ސުހާ ކޮބައިތޯއެވެ.

"އެއީ ޗުއްޓީއަށް އައިސްގެން އުޅޭ ދެ މީހުން. ހީވަނީ އިނދެގެން އުޅޭ ދެމީހުންހެން. އެމީހުން ކަންކަން ހުންނަ ގޮތުން މި ރަށު މީހުން އެ ތިބެނީ ވަރަށް ނުރުހުން ވެފަ." ރާޒީ ވެސް އެދިމާ ބަލައިލަމުން ބުނެލިއެވެ.
ސުވާލުގެ ނަޒަރުން އަހަންނަށް ބަލައިލެވުނީ ރާޒީގެ މޫނަށެވެ.

"އާނ! ރަށްފުށުގެ މާހައުލާއި މާލޭގެ މާހައުލާ ތަފާތުވާނެ ދޯ. އާއްމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް އެހާ ގައިގޯޅިކޮށް ރަށްފުށުގަ އުޅުނީމަ މީހުންނަށް ކަމަކު ނުދާނެ. އެހެން ނޫނަސް އަހަރުމެންނަކީ މުސްލިމުން، އިސްލާމުން. އަހަރުމެން ގަބޫލުކުރާ ހަމަތަކެއް އުސޫލުތަކެއް ހުރޭ. އެއަށް އިޚުތިރާމު ކުރާންވާނެ ދޯ،" އަހަރެންގެ ދަބަސް ހިފައިގެން ރާޒީ ހިނގައިގަތެވެ. "ބައެއް މީހުންނަކީ ނަމުން މުސްލިމު ކަމުން ޔޫރަޕު މީހުން. އެއީއޯ ތަހުޒީބަކީ."

އޭނާގެ ފަހަތުން އަހަރެން ވެސް ހިނގައިގަތީމެވެ. ރާޒީ ދެއްކި ވާހަކައާ މެދު ވިސްނައިލަން މަޖުބޫރުވީމައެވެ. ކޮންމެ ގޮތެއް ވިޔަސް އަހަންނަށް ވެސް ޖެހޭނީ އެމީހުންގެ ވިސްނުމާ އެއްގޮތަށް ފިޔަވަޅު އަޅަންކަމަށް ވިސްނުނެވެ. އެހެންނޫނީ އަހަންނެކޭ މޫދުން ފެނުނު މީހުންނެކޭ ތަފާތެއް ނޯންނާނޭ ހިތަށް އެރިއެވެ. ފާލަމުން ފައިބަމުން ވެސް ބަލައިލެވުނީ މޫދާ ދިމާއަށެވެ. އޭރު އެ ދެ ޒުވާނުން ފާލަމާ ދިމާއަށް އަންނަނީއެވެ.

އަހަންނަށް ބަލައިލެވުނީ އެމީހުން ފައިތިލައިން ފެށިގެން ބޮލާ ހަމައަށެވެ. ސުހާކަމަށް އަހަންނަށް ހީކުރެވުނު ކުއްޖާ ލައިގެން ހުރީ ކުރުކުރު ސޯޓަކާއި ގަޔަށް ބާރު ކޮނޑުކެނޑިއެވެ. ފިރިހެން މީހާ ލައިގެން ހުރީ ގަޔަށް ބާރު ކުރު ސޯޓެކެވެ. އެމީހުން ފެނުމުން އަހަންނަށް ވެސް އިސް ޖަހައިލެވުނެވެ. ލަދުވެތި ވެވުނެވެ. ރާޒީ ބުނީ ތެދެކެވެ. އެއީ ދިވެހިންގެ ތެރޭގައި އުޅެންވާނެ ގޮތެއް ނޫނެވެ. އެހާ ކުރު އެއްޗެހި ލައިގެން އެހާ ނިވާކަން ކުޑަ ގޮތަކަށް އުޅުމުން ތަފާތު އިޖުތިމާއީ މައްސަލަތައް ނުކުންނަން ފަށާނެއެވެ.

"އެމީހުން އެ ފާޑަކަށް އުޅެންވީ މީހުން ނޫޅޭ ތަންތަނުގައި. އޭރުން އެއްޗެކޭ ބުނާނެ މީހަކު ނުހުންނާނެ،" ރާޒީ އަހަރެންގެ މޫނަށް ބަލައިލިއެވެ. "ކިރުބޯ ޅަދަރިންނާ މައިންބަފައިން ކުރިމަތީގައި އެހެން އުޅުނީމަ ކަމަކު ނުދޭ ދޯ."
ރާޒީގެ ވާހަކައަށް އަހަންނަށް އެއްބަސް ވެވުނެވެ. އެހެންވެ ބޮލުން ހަރަކާތް ކޮށްލެވުނެވެ. ރާޒީ ވެސް ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ. އޭނާ ހިނގައިގަތީ އެއްގަމާ ދިމާއަށެވެ. އޭނާގެ ފަހަތުން އަހަރެން ހިނގައިގަތީމެވެ. ރާޒީ ގޮސް ސައިކަލަށް އެރިއެވެ. އޭނާ އިޝާރާތްކޮށްލީ ސައިކަލުގެ ފަހަތު ޝީޓަށެވެ. އެ ހަރަކާތުގެ މާނަ އަހަންނަށް ދޭހަކުރާކަށް ދައްޗެއް ނުވިއެވެ.

އަހަރެން ހުންނަން ހަމަޖެހިފައި ވަނީ ރާޒީގެ ގޭގައި ކަން އެނގުނީ އެގެއަށް ދިޔަ ފަހުންނެވެ. ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ލެވުނެވެ. ސުހާގެ ޚަބަރެއް ވޭތޯ ފޯނު ނަގައި ދެ ފަހަރަކު ގުޅައިލީމެވެ. ނަމަވެސް ގުޅޭގޮތެއް ނުވެއެވެ. ބުނާން ނޭނގޭ ކަހަލަ އިހުސާސްތަކެއް ކުރެވޭން ފެށުނެވެ. ކޮންމެވެސް ވަރަކަށް ހާސްވެ ކަންބޮޑުވާ ގޮތްވިއެވެ. ސުހާއަށް ކަމެއް ދިމާވީބާއޭ ހިތަށް އެރިއެވެ. ދެވަނަ ސިކުންތުގައި ވިސްނައިލެވުނެވެ. އޭނާގެ މިޒާޖާ މެދުގައެވެ. ކަމަކާ ދެރަވާ ގޮތް ވެއްޖެ ނަމަ އެ ރުޅި ބާލާނީ ފޯނަށްކަން ވިސްނުނީމައެވެ. ރުޅިގަނޑު މައިތިރިވަންދެން ދުނިޔެއާ ގުޅުން ކަނޑައިލާނެ ކަން ވިސްނުނީތީއެވެ. އެހެންވެ ފޯނު ނިއްވާލީ ކަމަށް ގަބޫލުކުރެވުނެވެ.

ނިތްކުރީގައި އަތް ބާއްވާލަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރާޒީ ދެއްކި ވާހަކަތަކާ މެދު ވިސްނައިލެވުނެވެ. އޭނާގެ ވާހަކަތަކުން މި ރަށު މީހުންގެ ވިސްނުން ހުރި ގޮތާއި ކަންކަމާ މެދު ދެކޭގޮތް ސާފުވިއެވެ. މީހަކު ދޮރުގައި ޓަކި ޖަހައިލުމުން ބަލައިލެވުނެވެ.

"ވަދޭ، ހުޅުވައިފަ." އަހަރެން ބުނެލީމެވެ.

އަނެއްކާ ވެސް ޓަކި ޖަހައިލިއެވެ. އެނދުން ތެދުވެލަމުން ހިނގައިގަނެވުނެވެ. ދޮރު ހުޅުވާލީމެވެ. އަހަންނަށް ލިބުނީ ސިހުމެކެވެ. ކަޅި ޖަހައި ނުލައި ބަލައިލެވުނެވެ. ރީތި އޮމާން ވަށް މޫނެކެވެ. ފުން ދެ ލޮލެވެ. ފިނިފެން މަލެއްހެން ފޮޅިފައިވާ ދެ ތުންފަތެވެ. އޭނާ އިޝާރާތްކޮށްލީ އަތުގައި ހުރި ތަބަކަށެވެ. ކުރުނބާ ފަނި ތަށްޓަކާއި ފެންތަށްޓެއް ހުއްޓެވެ.

"ވަދޭ." އަހަންނަށް އިޝާރާތްކޮށްލެވުނެވެ.

އޭނާ ލަދުން އިސްޖަހައިލިއެވެ. އަހަންނަށް ބަލައިލެވުނެވެ. ވިސްނައިލެވުނީ އެހައި ހިސާބުންނެވެ. ސޯޓެއް އެކަނި ލައިގެން ހުރި ކަން ހަނދާންވީ ވެސް އެހައި ހިސާބުންނެވެ. ހަމަ އެ ސިކުންތުގައި ހިތަށް ވެރިވީ ރާޒީގެ ޖުމުލަތަކެވެ.
"އޯހް! ސޮރީ." އަހަންނަށް ހިނގައިގަނެވުނީ އެތެރެއަށެވެ.

އެނދުގައި އޮތް ޓީޝާޓު ބޮލަށް މަހައިލީމެވެ. އަވަސްއަވަހަށް އިސްތަށިގަނޑުގައި އިނގިލިން ފުނާ އަޅައިލީމެވެ. ލުއި ގޮތަކަށް ހިނިތުންވެލަމުން ދޮރު ހުޅުވާލާ އޭނާއަށް އެތެރެއަށް ވަންނަން ފުރުސަތު ދިނީމެވެ.
"ބައްޕަ ބުނީ ޒާހީއަށް ފަސޭހަ ގަޑިތަކަކަށް ކެއުމުގެ ކަންކަން ހަމަޖައްސާށޭ." ކުރަކި ވެފައިވާ އަޑަކުން ކޮށި ގޮތަކަށް ވާހަކަދެއްކިއެވެ.

"ނަން ނުބުނަމެއްނު." އަހަންނަށް ބެލުނީ އޭނާގެ މޫނަށެވެ.

އެ މޫނުމަތިން ވާހަކަތަކެއް ކިޔައިދޭހެން ހީވާތީއެވެ.

"ދީމާ." އަތުގައި ހުރި ތަބަށް މޭޒުމަތީގައި ބަހައްޓައިލަމުން ބުނެލިއެވެ.

"އޯކޭ. ދީމާ އެކަނިތަ މިގޭގައި އުޅެނީ؟ ކޮބާ އެހެން މީހުން؟" ރާޒީ ދެއްކި ވާހަކަތަކެއް ހަނދާނަށް އައުމުން ޔަގީންކޮށްލަން ބޭނުންވީމަ އަހައިލީމެވެ.

"އަހަންނާއި ބައްޕަ އެކަނި އުޅޭނީ." ދީމާގެ އިނގިލިތަކާ ކުޅެމުން ބުނެލިއެވެ.

"ކޮބާ ފިރިމީހާ؟" އަހަރެން ބޭނުންވީ ޔަގީންކޮށްލާށެވެ.

ދީމާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އަހަންނަށް ވެސް ބަލައިލެވުނީ ސީދާ ދީމާގެ މޫނަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ހީވީ ކަރަންޓުގައި ޖެހުނު ހެންނެވެ. އިރުކޮޅެއް ވަންދެން ގަނޑުވެފައި ތިބެވުނީއެވެ. އެ މަދު ސިކުންތު ކޮޅުގެ ތެރޭގައި ވެސް އެތައް ވާހަކައެއް ހިއްސާކުރެވުނު ކަހަލައެވެ. ދީމާގެ ތޫނު ކަޅިރަވައިން އަހަރެންގެ ހިތް އެއް ފަހަރުން ޒަހަމުކޮށްލި ކަހަލައެވެ. ކަޅިރަވައަކީ އެހައި ތޫނު ހަންޖަރެއް ކަން އަހަންނަށް ވިސްނުނީ އެ ދުވަހުއެވެ.
"އޯހް ސޮރީ؟" ދީމާއަށް ވީ ގޮތް ފެނިފައި އަހަންނަށް ބުނެލެވުނެވެ.

ދީމާގެ ދެ ލޮލަށް ގިނަވި ކަރުނަތައް ކޯތާފަތް މަތިން އޮހިގަތެވެ. އަހަންނަށް މަޑުމަޑުން ދީމާއާ ގާތަށް ޖެހިލެވުނެވެ. އަހަރެންގެ ސަބަބުން އޭނާ ހިތުގައި ޖެހުނީތީ ދެރަވެވުނެވެ. ހިތުގައި ޖެހުނެވެ. ދީމާ ގިސްލުން އިތުރުވިއެވެ. ދީމާ އެ ހުރި ގޮތަށް ހުރީއެވެ. ނޭނގޭ ބާރެއް ދަމާފައި ގެންދިޔަހެން އަހަރެންގެ ގެންގޮސް ބެހެއްޓީ ދީމާގެ ކުރިމަތީގައެވެ. އަހަންނަށް ހިފައިލެވުނީ ދީމާގެ ކޮނޑުގައެވެ. ދީމާ ބަލައިލީ އަހަރެންގެ މޫނަށެވެ. އޭނާ އުޅުނީ އަހަންނާ ދުރަށްދާށެވެ. އޭނާއަކަށް އެ ފުރުސަތެއް އަހަރެން ނުދެމެވެ.

"އަހަންނަކަށް ނޭނގެ މި ވީގޮތެއް ވެސް. ދީމާގެ މޫނުމަތީގައި ކުރެހިފައިވާ މަންޒަރުން އަހަންނަށް ވަރަށް އަސަރުކޮށްފި." ލަސްލަހުން އަހަންނަށް ބުނެލެވުނެވެ.

އަނެއްކާ ވެސް ދީމާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އަހަރެންގެ ދެ ލޮލަށެވެ. ފެންކަޅިވެފައިވާ އެ ދެ ލޮލުން އެތައް ވާހަކައެއް އަހަންނަށް ކިޔައިދިނެވެ. އެތައް މާނައެއް ދޭހަކުރެވުނެވެ. އެ ހިތުގެ ކެކުޅުންތަކާއި އުދާސްތައް ހިއްސާކުރިއެވެ. މީހުން ބުނަނީ ތެދެކެވެ. ހިތާއި ހިތުން ގުޅެވިއްޖެ ނަމަ މާ ގިނަ ވާހަކައެއް ދައްކާކަށް ނުޖެހޭނެއެވެ. އެއް ހިތުގެ އުދާސްތައް އަނެއް ހިތަށް އިހުސާސް ކުރެވޭނެއެވެ. އެއް ހިތުގެ ވިންދުގެ އަޑު އަނެއް ހިތަށް އިވޭނެއެވެ. އަހަންނަށް ވެސް މިވީ އެހެންނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދީމާގެ ހިތަށް އަހަރެންގެ ހިތް މަހައިލެވުނީއެވެ. އިޚުތިޔާރުން ބޭރުގައެވެ.

ދީމާގެ ހިތުގެ ބަތާނައިގައި ރައްކާކޮށްފައިވާ ވާހަކަތައް އަހަރެންގެ ކުރިމަތީގައި ފަތުރައިލިއެވެ. ފިރިމީހާގެ އަނިޔާވެރި ވަކިތަކުން އޭނާ ސަލާމަތްވުމަށް ކުރި މަސައްކަތްތަކެވެ. މަސްތުވާ ތަކެތީގެ އަޅަކަށްވެ ފިރިމީހާ ކޮންމެ ދުވަހަކު ކުރި އަނިޔާތަކާއި އޭނާއަށް ޖެއްސި ހާލުން ސަލާމަތްވުމަށް ކުރި ދަތުރުގެ ހިތްދަތި މަންޒަރުތައް އަހަރެންގެ ސިކުނޑިއަށް ތީރުތަކެއް ފަދައިން ހެރެމުން ދިޔައެވެ. އެއިން ކޮންމެ ތީރަކުން ޒަޚަމުވަމުން ދިޔައީ ސީދާ އަހަރެންގެ ހިތެވެ. އަހަރެންގެ މެޔެވެ. އަހަންނަށް މި ހެދުނީ ގޯހެއްކަމަށް ވިސްނުނީ ވެސް ހުރިހާ ކަމެއް ވެނިމުނު ފަހުންނެވެ.

ދީމާއަށް އާނ ބަސް ވެސް ބުނެވުނު ފަހުންނެވެ. ހިތުގައި ޖެހުނެވެ. ސުހާއަށް ދައްކާނެ މޫނަކާ މެދުގައެވެ. މިކަން އޭނާއަށް އެނގޭ ހިސާބުން ދެންވާނެ ގޮތަކާ މެދުގައެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އެއް ކަނޑިއަކަށް ދެ އުރައަކު ނޯވެވޭނެއެވެ. އަހަންނަށް ގޮތެއް ނިންމަން ވެސް ޖެހެއެވެ. ސުހާގެ ޚަބަރެއް ނުވާތާ ދެ ހަފުތާވަރުވީއެވެ. ކޮންމެ ދުވަހަކު ކޮންމެ ރެޔަކު އޭނާއަށް އަހަރެން ގުޅަމެވެ. މެސެޖު ކުރަމެވެ. ވައިބަރ ކުރަމެވެ. އޭނާއަށް މެސެޖު ލިބޭކަން، މެސެޖު ބަލާކަން އަހަންނަށް އެނގެއެވެ. ނަމަވެސް ސުހާގެ ޖަވާބެއް ނުލިބެއެވެ. އެންމެ ފަހުން އަހަރެން ގޮތެއް ނިންމީމެވެ. ސުހާގެ މަންމައަށް ގުޅާށެވެ. އެނޫން ގޮތެއް ނެތިގެންނެވެ.

"ޒާހީއަށް ދެން ހުރިހާ ކަމެއް އެނގޭ އިރު އަހަންނާ ގުޅަނީ ކީއްކުރަން؟" ރުންކުރު ރާގެއްގައި ސުހާ ބުނެލިއެވެ.

އަހަންނަށް ލިބުނު ހައިރާން ކަމާއެކު ސުވާލުގެ މައްޗަށް ސުވާލެއް އަމުނައިލެވުނެވެ. ތަކުރާރުކޮށް އެއް ސުވާލުތަކެއް ކޮށްލެވުނެވެ.
"އެރޭ ބުނީމެއްނު. އަހަރެން ވެސް ކުއްޖެއް ހޯދާނީއެއް ނޫނޭ." ސުހާ ލަސްލަހުން ބުނެލިއެވެ.

އަހަރެން އަނގަ ބަންދުވިއެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނުވިސްނުނެވެ. އެރޭ ސުހާގެ މޫނުމައްޗަށް އަރައި ފޭބި ކުލަވަރުން އެކަން ސާފުވިއެވެ. އޭނާއަށް އައި ކުއްލި ބަދަލުން ވީގޮތް ހާމަވިއެވެ. ޝަކުވާ ކުރުމުގެ ބަދަލުގައި އަހަރެން ޝުކުރުވެރިވީމެވެ. ސުހާ ކަހަލަ މަކަރުވެރިއެއްގެ ކިބައިން ސަލާމަތްވީމައެވެ. އެހެންވެ ސުހާއަށް ޝުކުރުއަދާ ކުރުމަށްފަހު ރީތި ގޮތުގައި ވަކިވުމުގެ ސިއްކަ ޖެހީމެވެ. ކޮންމެ ގޮތެއް ވިޔަސް އަހަންނަށް ވާނެ ގެއްލުމެއް ނެތެވެ. ސުހާ ގެއްލުނަސް އަހަންނަށް ގެއްލޭނެ އެއްޗެއް ނެތެވެ.

"އަހަރެން ބުނީމެއްނު ބޮޑުވާހަކައެއް ދައްކަން އޮތްވާހަކަ." ދީމާ ލަސްލަހުން ބުނެލިއެވެ.

އޭނާއަށް ވެސް ބަދަލުތަކެއް އަންނަ ކަން އަހަންނަށް ފާހަގަވާން ފެށިއެވެ. މާ ނޫން ކަމަށް ހެދިގެން އަހަންނާ ދުރަށްދާން އުޅޭކަން އިހުސާސްކުރެވުނެވެ.

"އަނެއްކާ ވެސް އަހަރެންގެ ކަމެއް އިސްލާހު ކުރަންވީތަ؟ މިހާރު މިހިރީ ބޯ ވެސް ކޮށައިފަ، ތުނބުޅި ވެސް ތުނިކޮށްފަ. މިރަށު މީހުން މިހާރަކު ނުކިޔާނެ އަހަންނަކީ ފެން ނުވަރާ މީހެކޭ." މަޖާ ރާގެއްގައި އަހަރެން ބުނެލީމެވެ.
"ބައްޕަ ހުރިހާ ކަމެއް ނިންމައިފި. ރައްދުގައި އަހަންނަށް ކުރެވޭނެ ކަމެއް ނެތް." ދީމާގެ އަޑު ކުރެހެމުން ދިޔައެވެ.

"ތިބުނީ؟" ހިތުގެ އަޑު ބާރުވެ މުޅިތަނަށް ބަންވަމުން ދާހެން ހީވާން ފެށިއެވެ.

"އަހަރެންގެ ކާވެނި މިރަށު މީހަކާ ކުރާން. ކުރީން ކަންތައް ވީގޮތުން ބައްޕަ ބޭނުމެއް ނޫން އަހަރެން ރަށުން ބޭރު މީހަކާ އިންނާކަށް." ދީމާ ބަޑިފަޅައިގެން ދިޔައެވެ.

ދީމާ ދުއްވާގަތީ ކޮޓަރިއާ ދިމާއަށެވެ. އަހަންނަށް އިވުނު އަޑުން މޭ ފުނޑުފުނޑުވި ކަހަލައެވެ. ބޮލަށް ބަރު އެއްޗެއް ވެއްޓި މީހާ ޗިސްޗިސްވި ކަހަލައެވެ. މިވީ ކީއްހެއްޔެވެ؟ އަހަންނަށް މިހެން މިވަނީ ކީއްވެ ހެއްޔެވެ؟ އުއްމީދުތަކުގައި ކުލަ ނުޖެހި ހާފުސްވިލާ ކޮޅެއްހެން ގެއްލިގެން މިދަނީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ގޯހެއް ހެދެނީ ހެއްޔެވެ؟ ކުށެއް ކުރެވެނީ ހެއްޔެވެ؟ ލޯބީގެ ދަނޑުގައި އެތައް މަލެއް ފޮޅި އެ މާތަކުގެ މައްޗަށް ބަނަވިލާތަކެއް އެޅި ކޮންމެ ފަހަރަކު އުއްމީދުތައް ފުނޑުފުނޑުވަނީއެވެ. ކުރާނެ ކަމެއް ނެތެވެ. މިއީ އަހަންނަށް ހުރި ގޮތެވެ. ތަގުދީރު ކުރަހައިދޭ މަންޒަރެވެ. އަހަންނަކީ ހާފުސްވިލާ ކޮޅަކީއެވެ.

(ނިމުނީ)

    Please log in or register to bookmark.
    1k

    ޚިޔާލު

    Your email address will not be published.