މީހުން ބުނާތި އަހަމެވެ. މައިންބަފައިން ދުވަހަކު ވެސް ދަރީންނަށް ދެރަގޮތެއް ނުހަދާނެއެވެ. މައިންބަފައިން ދަރީން ބަލާ ބޮޑުކުރަނީ ވަރަށް ފޮނި އުންމީދު ތަކަކާއެކުގައެވެ. ދަރީންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމަށް ބުރަ މަސައްކަތްތަކެއް ކުރެއެވެ. އެއްވެސް މަޔަކު ދަރިޔަކަށް ދެރަގޮތެއް ވުމަކަށް ނޭދޭނެއެވެ. ބޭނުންވާ ހުރިހައި ކަމެއް ފުރިހަމަކޮށް ނުދެވުނަސް ދަރީންދެކެ އިންތިހާ އަށް ލޯބި ވާނެއެވެ. ދަރީންގެ ހައްޤު ގައި ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވެދާނެއެވެ. މި ހުރިހައި ކަމެއް މިއަދު އަހަންނަށް ވިސްނުނެވެ. ނަމަވެސް މިއަދު އަހަރެން ކުރާނީ ކީއްހެއްޔެ؟ ވަގުތު މިވަނި ފާއިތުވެފަ އެވެ. މަންމަ ވަނީ އަހަރެންނާ މާ ދުރަށް ގޮސްފައެވެ. އަނބުރާ ނާދެވޭނެ ގޮތަށެވެ.
ބައްޕަ އަހަރެންނާއި މަންމަ ދޫކޮށްލާފައި ދިޔައީ އަހަރެންގެ އުމުރުން ސާދަ އަހަރުގައެވެ. މަންމަ އާއި ބައްޕަ ވަކިވި ސަބަބެއް މަންމަ އަހަރެން ގާތަކު ނުބުނެއެވެ. ދައްތަ އެއްގެ ފަރާތުން އެނގުނުހާވެސް އެއްޗަކީ ބައްޕަގެ ދިރިއުޅުން އިންޑިއާ އަށް ބަދަލު ކުރިކަމެވެ. އެއީ ބައްޕަގެ ދިރިއުޅުމަށް އައި އެހެން އަންހެނަކާ އެއްކޮންނެވެ. އޭގެ ފަހުން ބައްޕަ ގެ ޚަބަރެއް އަހަރެންނަކަށް ނުވެއެވެ. އޭގެ ފަހުން އަހަރެން ދިރިއުޅެމުން ދިޔައީ މަންމައާ އެއްކޮންނެވެ. އަހަރެމެން އުޅެމުން ދިޔައީ ކުއްޔަށެވެ. އެހެންކަމުން މާގިނަ ދުވަސްތަކެއް ނުވެ މަންމަ ވަޒީފާ އަކަށް ދާންފެށިއެވެ. ވަޒީފާގައި މާބުރަ ވުމުގެ ސަބަބުން އަހަރެން ސުކޫލަށް ބަލާ އަންނަ ގަޑި ޖެހުން މަންމަގެ އާދައަކަށް ވިއެވެ. ހުރިހާ ކުދިން ގޮސް ނިމޭއިރު ވެސް މަންމައަށް އަހަރެން ބަލައި ނާދެވެއެވެ. މިކަމާ ހުރެ ކޮންމެވެސް ވަރަކަށް އަހަންނަށް މަންމަދެކެ ރުޅި އާދެވެން ފެށިއެވެ. ގޭގައި އަހަރެން ކާހިތްވާ ކަހަލަ އެއްޗެއް ނުހުރެއެވެ. މަންމަ ބުނާގޮތުންނަމަ ކުލި ދައްކާފައި އިތުރު ޚަރަދު ކުރާނެ އެއްޗެއް ނޯވެއެވެ.
ހެނދުނުގެ ސަޔަށް އަބަދު އެކައްޗެއް ހުންނާތީ މަންމަ އާ ދިމާލަށް ވަރަށް ހުތުރުކޮށް އެއްޗެހި ކިޔަމެވެ. ފިލާވަޅު ހަދަން ބުނުމުން އެ އަޑަކަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ. މަންމަވެސް އަހަރެންގެ ބޭނުން ތަކަށް މާބޮޑު ސަމާލުކަމެއް ދޭހެން ހީނުވާތި އެވެ. މަންމަ އާއި ބައްޕަ އެކުގައި އުޅުނުއިރު ބައްޕަ އަށް އެކަނި ލިބުނު މުސާރައިން އަހަރެން ހިތްހަމަ ޖެހޭ ގޮތައް ދިރިއުޅުން ކުރިޔަށް ދިޔަހެން މަންމައަށް ލިބޭ މުސާރައިން ވެސް އެހެން ވާންޖެހޭނެ ކަމުގެ ޝަކުވާ ތަކުރާރުކުރީމެވެ. މަންމަ އަހަރެންގެ ޝަކުވާތައް މަޑުމައިތިރި ކަމާއެކު އިސްޖަހާލައިގެން ހުރެ އަޑުއަހައެވެ. ގިނަ ފަހަރަށް މަންމައަށް އަހަންނާ ދިމާލަށް ބާރަށް އެއްޗެކޭ ބުނެވުނަސް އަހަރެން ކައިރިއަށް އައިސް މާފަށް އެދި ރޯނެއެވެ. ކޮންމެ އަކަސް މަންމަ އަހަރެން ދެކެ ލޯބިވާކަން އަހަންނަށް އެނގެއެވެ.
އެއްދުވަހެއްގެ ހެނދުނެވެ. އަހަރެން ހެނދުނު ސައިބޯން އިށީންއިރު ސަޔަށް ހުރީ އެ ހަފްތާގެ އެހެން ދުވަސްތަކޭ އެއްފަދައިން ސަޔާއި ބިސްކޯދެވެ.އެކަމާ އަހަރެން މަންމަ އާ ދިމާލަށް އެއްޗިސްކިޔުމުން މިއަދު މަންމައަށް މުސާރަ ލިބޭނެ ކަމުގައި ބުންޏެވެ. އަދި އޮފީހުން އަންނަމުން އަހަރެން ބޭނުން އެއްޗެއް ގެނެސްދޭނެ ކަމުގައި ބުންޏެވެ. އޭގެ ބަދަލުގައި ދެން އަހަންނަށް ކުރެވުނީ އެހެން ޝަކުވާ އެކެވެ. އެއީ ކޮންމެ މަހަކު މަންމައަށް މުސާރަ ލިބުމުން އަހަންނަށް ގަނެދޭން ބުނި ބައިސްކަލުގެ ވާހަކައެވެ. އެވަރު ކަމެއް މަންމައަށް ކޮށް ނުދެވުނު ކަމެވެ.
ކޮންމެ އަކަސް އެ ދުވަހުވެސް އަހަރެން ސުކޫލަށް ދިޔައީ މަންމަ ރޮއްވާލާފައެވެ. ހިތްހަމަ ވެސް ޖެހުނެވެ. ހިތުގައި ހުރި އެއްޗެހި ކިޔުނީމައެވެ. އެކަމަކު މަންމަ ރޯތަން ފެނުނީމަ ދެރަވެސް ވިއެވެ. މަންމައަށް ލިބޭ މުސާރައިން ނުވަނީ އޭ ވެސް ހިތައް އަރައެވެ. އެކަމަކު އެހެންކުދިން ހެން އެ ހުރިހާ އުފަލެއް އަހަރެން ވެސް ބޭނުން ވާތީ ޝަކުވާ ކުރެވެނީ އެވެ.
އެ ދުވަހު ސުކޫލު ގަޑި ނިމިގެން އެތައް އިރެއް ވީއިރުވެސް މަންމައެއް ނައެވެ. އަހަރެން އަމިއްލަ އަށް ގެޔަށް ދިޔުމަށްޓަކައި ހިނގައި ގަތް ވަގުތު މަންމަ އަހަރެން ބަލައި އައެވެ. މަންމަ އައިސް އަހަރެންނާ އަރާ ހަމަވުމުން ދެން އަހަރެން ބަލައި ނާންނާށޭ، އެހެންކުދިން ހެން އަހަންނަށް ވެސް އަމިއްލަ އަށް ގެޔަށް ދާން އެނގޭނެ ކަމަށް ބުނެ އެންމެންގެ ތެރޭގައި މަންމައަށް ހަޅޭއްލަވައި ގަތީމެވެ. އަދި މަންމައަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އަހަރެން ހިނގައިގަތްތަނާ މަންމަ އަހަރެންގެ ބުރަކަށީގައި އަތްއަޅާ ކޮއްޕާލިއެވެ. ކާރެއްގެ ބުރެކީގެ އަޑާއެކު މަންމަގެ ހަޅޭކުގެ އަޑު އަހަންނަށް އިވުނެވެ. އަހަރެން ފަސް އެނބުރި ބަލައިލީމެވެ. ކުރިމަތީ އޮތް ކާރުގެ ދަށުވެފައި އެ އޮތީ އަހަރެން ގެ މަންމައެވެ. އަހަރެންނަށް ގޮތް ހުސްވެފައި ކާރުގައި ދަށުވެފައި އޮތް މަންމައަށް ބަލަން އިނދެވުނެވެ. އަނގައިން ބަހެއް ނުބުނެވުނުތާގައި ހަރަކާތެއް ކޮށްލާކަށް ވެސް ނޭގުނެވެ.
މަންމަ އަހަންނާ ވަކިވެގެން ދިޔައީ އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދޭން ހަދައިގެންނެވެ. މަންމަގެ ޖަނާޒާއަށް ފަހު އަހަރެން ދިޔައީ ބޮޑުދައިތައާ އެކު އެގެޔަށެވެ. އެގެޔަށް ދިރިއުޅުން ބަދަލު ކުރުމަށްޓަކައި އަހަރެންގެ އެއެއްޗެހި ބަލައި އަހަރެންގެ ގެޔަށް ދިޔައީ މަންމަ ނިޔާވިތާ 2 ދުވަސް ފަހުންނެވެ. ގެޔަށް ގޮސް އަހަރެންގެ ކޮޓަރިޔަށް ވަން ވަގުތު އަހަންނަށް ހުއްޓެވުނެވެ. ހިތައް އެރިއެވެ. އެ ދުވަހު އޮފީސް ނިންމާފައި އަންނަމުން މަންމަ އަހަންނަށް ގަނެދޭން ބުނި ހަދިޔާ އަކީ މިއީތާއެވެ. އެ ބައިސްކަލަކީ މަންމަގެ ފަރާތުން އަހަންނަށް ލިބުނު އެންމެ ފަހުގެ ހަދިޔާ އެވެ. އަހަރެންނަށް އެ ފެނުމުން އުފަލަށް ވުރެ ވީ ދެރަ އެވެ. ލޮލުން ކަރުނަ އައެވެ. އޭގައި ކުޑަ ނޯޓެއް ހަރުކޮށްފައި ހުއްޓެވެ. މާގިނަ ވާހަކަތަކެއް ނެތަސް މަންމަ ބުނަން ބޭނުންވެފައި ހުރި ހުރިހާ ވާހަކައެއް ނޯޓުން ހާމަވެގެން ދިޔަ އެވެ. އޭގައި އޮތީ މަންމައަށް އަހަރެންގެ ހުރިހައި ބޭނުމެއް އެންމެ ފުރިހަމައަށް ފުއްދައި ނުދެވުނަސް މަންމަގެ ހުރިހައި ވެސް މީހަކީ އަހަރެން ކަމަށާއި ، އަހަރެންގެ އުފަލަށްޓަކައި މަންމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށެވެ. އެކަން އަހަންނަށް ވަރަށް ރަނގަޅަށް ވެސް އެނގިގެން ހިނގައްޖެއެވެ.
މަންމަ މަރުވީ ފަހުން މިހާރު 2 މަސް ވީއެވެ މަންމަ ނެތް ކަމުގެ ފަޅުކަން އަހަރެންނަށް މިހާރު އިހްސާސް ކުރެވެއެވެ. މަންމަ އާ ދިމާލަށް އޭރު ކިޔުނު ހުރިހައި އެއްޗެއް މިހާރުވެސް އަހަރެން ގެ ކަންފަތުގައި ހަރުލާފަ ހުންނަ ކަހަލައެވެ. އެ ހުރިހާ ކަމަކަށް މިއަދު މާފަށް އެދެން ބޭނުންވެއެވެ. އެކަމަކު ދެނެއް އެ ދުވަހެއް ނާންނާނެ އެވެ.
ކޮންމެ ދުވަހަކު މަންމަގެ މަހާނަ ދޮށަށް ގޮސް އަހަރެން ރޮއި ހަދަމެވެ. މާފަށް އެދެމެވެ. އެއްފަހަރު ނަމަވެސް މަންމަ އަހަރެންނަށް މާފު ކޮށްފީމޭ ބުނެ އަހަރެން ގައިގައި ބައްދާލުމަށް ތެދުވާނެ ނަމައޭ އަހަރެންގެ ހިތައް އަރައެވެ. މަންމައަށްޓަކައި ހެޔޮދުޢާކުރުން މެނުވީ މިއަދު އަހަންނަކަށް ކުރެވޭނެ ކަމެއް ނެތެވެ. އަބަދުވެސް އަހަރެން ގެ ދުޢާ އަކީ މަންމަ ގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމެވެ.
( ނިމުނީ )
ީިރީތި! ޥަރަށް އިބުރަތްތެރި!
ވާވް... ވަރަށް ރީތި މާޝާ ﷲ