އިމްތިޙާން

ކޮޓަރީގެ ކަނުގައި ހުރި މޭޒެއްގެ ދޮށުގައި އަހަރެން އިނީ ފައިލެއް ބަލާށެވެ. ގަލަން އަނގަޔަށް ޖަހައިގެން އެއްވަރަކަށް ބޯލަބޯލާ އިންއިރު އަހަރެންގެ ސިނކުޑިއާއި މުޅި ނަފްސުވެސް ވަނީ އެފައިލްގެ ތެރެއަށް ގޮސް ހުސްވެފައެވެ. ކުންފުނީގެ އިސްވެރިޔާއަށް ވުމާއެކު އަހަރެންގެ މަސައްކަތް ދެގުނަ އިތުރުވެފައި ބުރަ ބޮޑެވެ. ނަމަވެސް އަހަރެން މިމަސައްކަތް ކުރަނީ ވަރަށްވެސް ކުރާހިތުންނެވެ. މިއީ އަހަރެންގެ އެންމެ ބޮޑު އެއް ހުވަފެނެވެ.

ކޮޓަރިއަށް ވަތް އަހަރެންގެ ތިން އަހަރުގެ ދަރިފުޅު ފެނުމާއިއެކު ކުރަން ހުރި މަސައްކަތް އެއްފަރާތް ކޮށްލުމަށްފަހު ދަރިފުޅުގެ ކައިރިއަށް ދިޔައިމެވެ. ނިދަންލާ ޕިޖާމާކޮޅުގައި އެތުއްތު ފުރާނަ ފެންނަނީ ވަރަށްވެސް ލޯބިކޮށެވެ. ކުޑަކޮށް ސަކަރާތް ޖަހާލުމަށްފަހު ދަރިފުޅު މޭމަތީގައި ބާއްވާލީމެވެ. މަޑުމަޑުން ނާނާއެއް ކިޔާދިނުމުން ނުހަނު އަވަހަށް ނިދާލައިފިއެވެ. ނިތަށް ދޮނެއް ދިނުމަށްފަހު ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން އޮއެވުނެވެ. ހީވަނީގެ އަހަރެންގެ ކޮޕީއެއްހެންނެވެ. އެހާވެސް އަހަންނާ ވައްތަރެވެ. ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން އޮތްވަރަކަށް އަހަރެންގެ ސިނކުޑީގައި ފުނިޖެހެމުންދިޔައީ މާޒީގެ ހަނދާންތަކެވެ.

**** **** ****

އަހަންނަަކީ ބައްޕަނެތް ކުއްޖެކެވެ. އަހަރެންގެ ހުންނަނީ ހަމައެކަނި މަންމައެކެވެ. މަންމަފަރާތު އާއިލާ ކިތަންމެ ބޮޑަސް އެއީ ނެތް ބައެއްފަދައެވެ. އަހަރެންދެކެ އެމީހުން އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އެކަމަކު މަންމަކުރި ފާފައެއްގެ ސަޒާ އަހަންނަށް ލިބެންޖެހޭ ކަމަކަށް ޤަބޫލެއްނުކުރަމެވެ. އަހަރެން ވެފައިވަނީ ރަށުމީހުންގެވެސް ރުޅިއާއި މަލާމާތުގެ އަމާޒު ފަތްގަނޑަކަށެވެ. ސްކޫލަށް ދިޔަޔަސް ވަކި ސަލާމަތެއްނެތެވެ. އަހަންނަކީ އުފެދުމުގައިވެސް ނުކުޅެދުންތެރި ކުއްޖެކެވެ. އަހަރެންގެ ވާއަތު ފައި އެއްވެސް ވަރަކަށް ހަރަކާތެއް ނުކުރާނެއެވެ. އަހަރެން ހިނގާ އުޅެންޖެހެނީ އެއްފައި ދަމަމުންކަހަލަ ގޮތަކަށެވެ.

އަހަރެން އުޅެމުން އައީ ވަރަށްވެސް ނިކަމެތި ހާލުގައެވެ. ގިނަފަހަރު އެއްއިރު ކައިފިއްޔާ އަނެއް ދެއިރު ހުންނަންޖެހެނީ ނުކައެވެ. މަންމަގެ ބަލި ހާލަތު އެހާ ބޮޑެވެ. ރަށު ސިއްހީ މަރުކަޒަށް ދައްކާ ކޮންމެފަހަރަކުވެސް އަވަސްވީ ގޮތެއްގައި މާލެ ދާން ބުނާނެވެ. ނަމަވެސް މަންމަ ގޮވައިގެން އަހަރެން މާލެ ދާނީ ކިހިނަކުންހެއްޔެވެ؟ އަހަރެން ކުރި ބުރަ މަސައްކަތުންނާއި ﷲ ގެ ހެޔޮ ރަޙްމަތްފުޅުން މަންމަ މާލެ ގެންދެވޭނެ ގޮތެއް ހަމަޖެހުނެވެ. މާލެގޮސް އަވަސްވީ ގޮތެއްގައި މަންމަގެ ބޮލުގެ އޮޕަރޭޝަނެއް ކުރެވުނެވެ. އަހަރެން ހީކުރީ މަންމަދެން މުޅިން ރަނގަޅުވީ ކަމަށެވެ. ނަމަވެސް އޮޕަރޭޝަން ކުރެވުނުތާ ސައްވީސް ގަޑިއިރު ތެރޭ މަންމަ މަރުވީ ހޭނާރަ އޮވެއެވެ. އަހަރެން މުޅިދުނިޔެއަށް އެކަނިވިއެވެ. އަޅާލާނެ އެއްވެސް އާރެއް ޔާރެއް އަހަރެންގެ ނެތެވެ. އެއީ އަހަރެން ކިތަންމެ ނަފްރަތު ކުރާކަމަކަށް ވިޔަސް އަހަންނަށް އެކަންވެސް ކުރަން މަޖުބޫރުވިއްޔެވެ.

އަހަރެން ކައި ބޮއި ނިދާ ހަދާ ތަނެއްގެ ގޮތުގައި މިސްކިޓްވިއެވެ. ކިތަންމެ ނުރުހުނަސް މިއީ މިއަދު ހުރި ގޮތްކަމަށް އަހަރެން ޤަބޫލުކުރީމެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް އެދުވަހުވެސް އަހަރެން އިނީ ބަނދަރުގައި ހުރި އަށްޓެއްގައެވެ. ބަނދަރުމަތީ ހޭަލަ މޭލަވަމުން ދިޔަ މީހުންގެ ތެރެއިން އަހަރެންގެ ލޮލުގައި އަޅައިގަތީ ލޯންޗުން ފައިބައިގެން އައި ފިރިހެންމީހާއެވެ. އޭނާގެ ދޮން ހަންގަނޑާ ރަން އިސްތަށިގަނޑާއި ނޫ ލޮލުން ރަމްޒުކޮށްދިނީ އެއީ ޔޫރަޕް ހިސާބުގެ މީހެއްކަމެވެ. އޭނާ ލައިގެން ހުރި އަންނައުނުން އެއީ ކިހާ ފެންވަރެއްގެ މީހެއްކަން އަހަންނަށް ނަގައި ގަނެވުނެވެ. ފަހަތުގައި ހުރެގެން އޭނާގެ ސެކިއުރިޓީ ގާޑުވެސް ދެއަތް ފުޅާކޮށްގެން އައެވެ.

އޭނާ ދިޔައީ އަހަރެންގެ ކައިރިން ލައިފައެވެ. ފަޓުލޫނު ޖީބުން ފޯނު ނެގިވުތު އޭނާގެ ވޮލެޓް ބިންމައްޗަށް ވެއްޓުނެވެ. ކައިރީގައި ހުރި ސެކިއުރިޓީ ގާޑަށް އެކަން ރޭކާވެސް ނުލައެވެ. އަހަރެން އަވަސް އަވަހަށް ގޮސް އެވޮލެޓް ނަގާ ހުޅުވާލީމެެވެ. އަހަރެންގެ ދެލޯ ދިއްލިގެން ދިޔަފަދައެވެ. ފައިސާގެ މާ ގިނަ ނޯޓުތައް ނެތްކަމަކު އެކިއެކި ކާޑު ތަކުން ވޮލެޓްވަނީ ފުރިފައިއެވެ. އަހަރެން އެވޮލެޓް އަނބުރާ ހަވާލުކުރުމަށް އަވަސް ވެގަތީމެވެ. އަހަރެން އޭނާ ގާތަށް ދިއުމާއިއެކު ސެކިއުރިޓީ އަހަރެން ހުއްޓުވުމަށް މަސްކަތް ކުރިއެވެ. ނަމަވެސް އަހަރެން އަވަސް އަވަހަށް އަތުގައި އޮތް ވޮލެޓް ދައްކާލީމެވެ. އޭނާ ހައިރާންކަމާއެކު ވޮލެޓުގައި ހިފާ އަހަންނަށް ޝުކުރު އަދާކުރިއެވެ. އަހަރެންގެ ހާލު އޭނާ އޮޅުންފިލުވިއެވެ. ކޮށި އިނގިރޭސިން ވިޔަސް އަހަރެންގެ ހާލަތު ބަޔާން ކޮށްދިނީމެވެ.

އަހަރެންގެ ނަސީބު އަތުގައި ހިފީ ދެނެވެ. ﷲ ގެ ކުޅަދުންވަންތަކަމާއޭ ހިތަށްއެރިއެވެ. އަހަންނަށް ނޭނގިނަމަވެސް އެހީތެރިވެވުނީ ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޔެއްގެ ވެރިއަކަށެވެ. އަހަންނަށް އެކުންފުނީގެ އިސްވެރިޔާގެ ޕާރސަނަލް އެސިސްޓެންޓްގެ މަޤާމް ލިބުނެވެ. ކިޔަވަން ބޭނުންވި މިންވަރަށް އަހަންނަށް ކިޔެވުނެވެ. ފައިގެ އޮޕެރޭޝަނެއް ކުރެވި އަހަންނަކީވެސް އެހެންމީހުންފަދައިން ކުޅެދުންތެރިއަކަށް ވެވުނެވެ. އަހަރެންގެ ތެދުވެރިކަމާއި މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމުން ކުންފުނީގެ އިސްވެރިންގެ ލޯބި އަހަންނަށް އޮހެމުންދިޔައެވެ.
ނަމަވެސް އަހަރެންގެ އެންމެ ކުޑައިރުގެ އުންމީދު ހާސިލްކުރުމައްޓަކާ އަހަރެން ބޭނުންވީ އެނބުރި ރާއްޖެއަށް އަންނާށެވެ. އަހަރެން ރާއްޖެ އައިސް އަމިއްލަ ވިޔަފާރި ކުންފުއްޏެއް ހަދާ ވަރަށްވެސް ކާމިޔާބުކަމާއެކު ކުންފުނި ހިންގަންފެށީމެވެ. އިންސާނުންކުރާ މަސައްކަތުގައި ބަރަކާތްލައްވަނީ ﷲ އެވެ. ކޮންމެގޮތަކަަށް ކަންތައްވިޔަސް އުންމީދު ކަނޑާލައިގެން ނުވާނެއެވެ.

ކޮޓަރިއަށް ވަތް އަންހެނުންފެނި އަހަރެން ހިނިތުންވެލީމެވެ. އަހަރެންގެ ދިރިއުޅުން މިއަދު ކިތަންމެހާވެސް ފުރިހަމައެވެ. އަހަރެންދެކެ އެހާ ލޯބިވާ ވަފާތެރި އަތްބަކު އެބައިނެވެ. އަހަރެން ފުރާނަފަދައިން ލޯބިވާ ދަރިއަކުއެބަހުއްޓެވެ. ނަމަވެސް ދިރިއުޅުމުގައި ތަފާތު އިމްތިހާން ތަކާ ކުރިމަތިލާން ޖެހޭނެކަން އަހަރެން ދުވަހަކުވެސް ހަނދާންނައްތައެއްނުލާނަމެވެ. ދެންވެސް ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ އިމްތިހާނަކުންވެސް އަހަރެން ފާސްވާނަމެވެ. ކޮންމެ އިމްތިހާނަކާވެސް ކުރިމަތިލާނީ އުފަލުން ހުރެ ހިނިތުންވުމާއެކުއެވެ. އަހަރެންގެ ދުޢާއަކީ މިއުފާވެރިކަން މި އާއިލާގައި އަބަދަށްވެސް ވުމެވެ.

(ނިމުނީ)

    Please log in or register to bookmark.
    870

    ޚިޔާލު

    Your email address will not be published.