ލަޔާނީ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އެންމެފުރަތަމަވެސް މޫނަށް އެޅުނީ ހުދު ހޮޅިބުރިބޮތްކެއްގެ އައްޔެކެވެ. ވަށައިގެން ބަލައިލިއިރު މިއޮވެވުނީ ސެންޓަރުގެ އެނދެއްމަތީގައެވެ. ކައިރީގައި އާތިފާގެ އިތުރުން އައިރާއާއި އެހެން ބައެއް ރައްޓެހިކުދިންވެސް ތިއްބެވެ.
" ކިހިނެއް އަހަރެން މިތަނަށް އައީ...ކިހިނެއްތަ ރޭގަވީ...؟" ބާލީސް މައްޗަށް ކުޑަކޮށް ބޯ ހިއްލަމުން ލަޔާނީ ލަސްލަހުން އަހާލިއެވެ. އާތިފާ ވަރަށް އޯގާރެތިކަމާއެކީ ލަޔާނީގެ ބޮލުގައި ފިރުމާލިއެވެ. "ދަރިފުޅު ބައްޕަ ފެނުނީމަ ކުއްލި ޝޮކެއް ލިބުނީ...ދެން އެހާވަރަށް ނުވިސްނާ...އަރާމު ކޮށްލާ..."
ލަޔާނީ އަނެއްކާވެސް އޮށޯވެ ލޯ މަރާލިއެވެ. "ދައްތާ...މިހާރު އެއޮތް ދިހައެއް ޖަހަނީ...ދެން އަހަރެންދަނީ އިނގޭ...ފުރިޖުގަ ހުންނާނެ ސެންޓަރަށް އައި މަގުމަތީގައި އަހަރެން ގަތް އާފަލާއި އޮރެންޖު." އަތުކުރީ އޮތް ގަޑިއަށް ބަލައިލަމުން އައިރާ
ނިކުންނަންް ހިގައިގަތެވެ.
ފަހަރަކު މީހެއް ދަމުންގޮސް ހުރިހާ ރައްޓެހި ކުދިންނެއްވެސް ހިގައްޖެއެވެ.
"ތަންކޮޅެއް ބަލައިލައިގެން ހިގާބަލަ...ރަށުގަ އެހެންމީހުންވެސް އުޅޭކަން ދަނެގެން. އައިރާ ސެންޓަރުން ނިކުތް ވަގުތަކީ ވިޝާލް އައިސް ސެންޓަރަށް ވަންނަން ދިމާކުރި ވަގުތެވެ. "ަަ " އަދިވެސްމަތަ ބަލައިގެން އުޅެންވީ.... ހިގާފަ އައިސް ގައިގަ އަޅައިގަންނަ އިރުވެސް ނޭނގޭވިއްޔާ....ކިރިޔާއޭ ނުވެއްޓުނީ." އައިރާ އުޅަބޮށީގައި ފިރުމާލަމުން ފަތިފައްޗަކަށް އަމުނާލިއެވެ. "ހޫނ...ދެން މަށަށް މާފްކުރޭ ކަމަނާ..ކީއްކުރަނީ ސެންޓަރުގަ؟" ވިޝާލް ކޮށްލީ ސުވާލެކެވެ. "މީ ލަޔާ އިރުއޮއްސުނުއިރު ހޭނެތިގެން ގެނައީމަ އައީ.. ވިޝާލް ކީއްކުރަން އައީ.؟"
އައިރާވެސް ހަމަ އެސުވާލު ކޮށްލިއެވެ. " މަންމަގެ ބޭސްތައް ހުސްވެގެން ބޭސް ނަގަން އައިސް މިއުޅެނީ. ކޮން ރޫމްއެއްގަތަ ލަޔާނީ އޮތީ.؟" ވިޝާލްގެ ހިތް އަވަސްވާން ފެށިއެވެ.
އައިރާކާރިން ލަޔާނީއޮތް ކޮޓަރިއެއް އޮޅުންފިލުވުމަށް ވިޝާލްވަންއިރު ލަޔާނީއޮތް އެނދުކައިރީގައި ހުރި ގޮނޑިއެއްގައި އާތިފާ ހުއްޓެވެ. "ކޮން ކުއްޖެއް؟" ވިޝާލް ފެނުމުން އާތިފާ ގޮނޑިން ތެދުވެލިއެވެ. "އަހަންރެންނަކީ ލަޔާގެ ރައްޓެއްސެއް...ލަޔާއަށް ނިދިފަދޯ އެއޮތީ؟" ލަޔާނީއާއި ދިމާލަށް ބަލާލަމުމް ވިޝާލް ވާހަކަދެއްކިއެވެ.
"އާނ..މިހާރު އިރުކޮޅެއް ވެއްޖެ..." އާތިފާ ނުކުމެގެން ދިޔައީ ވިޝާލްެއަށް ލަޔާނީއާއެކު ކުޑަ ވަގުތުކޮޅެއް ދިނުމަށެވެ.
ވިޝާލް މަޑުމަޑުން ހިގާފައިގޮސް ލަޔާނީގެ އަތުގައި ހިފާލިއެވެ. އެހިނދު ލަޔާނީގެ ލޯ ހުޅުވިގެން ދިޔައެވެ.
ލަޔާނީ ވަގުތުން އަތް ފޮޅުވާލަމުން މޫނު އަނެއްފަރާތަށް އަނބުރާލީ ހިތަށް ކެތްނުވެގެންނެވެ.
"ލަޔާނީ ކިހިނެތްތަ؟ އަހަންނަށް ބަލާލަބަ..އަހަންނާ ވާހަކަ ނުދައްކާނަންތަ؟" ވިޝާލްގެ މޭގައި ރިއްސާލިއެވެ.
"ވިޝާލް... މިތަނުން ދޭ..." ކުރެހުފައިވާ އަޑަކުން ލަޔާނީ ބުނެލިއެވެ.
ނުނިމޭ
