ރޮނގު - 3

އާދައިގެމަތިން އަހަރެން ހޭލީ މެންދުރު އެގާރަ ޖެހިއިރުއެވެ. އެއީ އަހަންނަށް
ހެނދުނުގެ ސައިގަޑިއެވެ. ފުރަތަމަ އަހަރެން ބޮނީ ކަޅު ކޮފީތަށްޓެކެވެ. އެ ވަގުތަކީ،
އެއްވެސް ކަމަކާ ދެބަސް ވެ އަރައިރުން ވާން އަހަރެން ބޭނުން ވާ ވަގުތެއް ނޫނެވެ.
އަވަހަށް ކޮފީތަށި ހަދައިލައިގެން އަހަރެން ކޮޓަރިއަށް ވަންނަނީ ވެސް އެހެންވެއެވެ.
ތަށި ހިފައިގެން އެނބުރިލިއިރު މަންމަ ހުރީ ކުރިމަތީގައެވެ. ސިއްސައިގެން ގޮސް
ކޮފީތަށި ދޫ ނުވީ ކިރިޔާއެވެ. ނުބައި ބޭހެއް ދިރުވައިލާހެން ރުޅިގަނޑު އަހަރެން
ދިރުވައިލީމެވެ.
"މީރުތަ ތި ކޮފީ؟" މަންމަ އެހިއެވެ.
"ވަހަކުން ނޭނގޭނެ ދޯ ؟" ރުންކުރު ރާގެއްގައި އަހަރެން ބުނީމެވެ.
"އަޅެ މަންމަ ބަލަން ހުއްޓާ ބޯލަބަލަ!" ހިނިތުން ވެލައިފައި މަންމަ
ބުންޏެވެ.
"ލިސަން!" އަހަރެން ވަރަށް ސާފުކޮށް ބުނީމެވެ. "ޑެޑީ ބުނީމަ މަންމަ
ކިޔަސް، ސްޓެޕް މަމް ނުވާނެ މަންމައަކަށް."
އަހަރެން ގޮސް ކޮޓަރިއަށް ވަނީ ފަސްއެނބުރި ނުވެސް ބަލައެވެ. މަންމަގެ
އެކުވެރިއަކަށް ވެ ހުރެ، މަންމަ ނިޔާވިތާ މަހެއް ވެސް ނުވަނީސް ބައްޕަޔާ ކައިވެނި
ކުރި މީހަކަށް އަހަރެންގެ ހިތެއް ހެވެއް ނުވާނެއެވެ. އެހާ އަވަހަށް ބައްޕަޔާ ކައިވެނި
ކުރެވޭނީ ކުރިން ވެސް އެ ދެމެދުގައި ކޮންމެވެސް ގުޅުމެއް އޮތީމައެވެ. ކޮންމެ މީހަކު
ކޮންމެ އެއްޗެއް ކިޔަސް އަހަރެންގެ އެ ވިސްނުން ބަދަލެއް ނުވާނެއެވެ. އެ ފަދަ
ކަމަކާ ފިކުރު ކުރަން އެންމެ ބޭނުން ނުވި ވަގުތު އެ ފިކުރުތައް ސިކުނޑިއަށް
ވެރިވުމުން ޗޮކެއް ކަނޑައިލެވުނެވެ. ހިތަށްއެރިއެވެ. މުޅި ދުވަސް ޚަރާބު ވީއެވެ.
ހިތްހަމަޖައްސައިލުމަށް ޓަކައި ނިޔާޒަށް ގުޅީމެވެ. އެ ގަޑިއަކީ ނިޔާޒަށް ގުޅޭ ގަޑިއެއް
ނޫނެވެ. ކަންތައް ވީ ވެސް އެހެންނެވެ. އެކަމަކު، އަހަރެން ނުތަނަވަސް ވެފައި ހުރި
ވަރުން ނިޔާޒާ ވާހަކަދައްކައިނުލައެއް ހިތްހަމައެއް ނުޖެހުނެވެ.
އަވަސްއަވަހަށް ތައްޔާރުވެލައިގެން ނިޔާޒުގެ ގެއަށް ދިޔައީމެވެ. އެ ގަޑީގައި
އަހަރެން އަތުވެދާނެ ކަމަކަށް ނިޔާޒު ހިއެއް ނުކުރާނެއެވެ. އަހަރެން ވަންއިރު ގޭގެ
އެހެން މީހަކު ފެންނާކަށް ނެތެވެ. ނިޔާޒުގެ ކޮޓަރީގެ ދޮރުގައި އަހަރެން
ޓަކިޖަހައިލީމެވެ. ޖަހައިލާއިރަށް ކުއްލިއަކަށް ނިޔާޒު ދޮރު ހުޅުވައިލިއެވެ. އަހަރެންގެ
ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ.
"ރިފާ؟" ވައި އަޑުން ނިޔާޒަށް ބުނެވުނެވެ.
ނިޔާޒުގެ ލޯ ކިރިޔާ ހުޅުވޭކަމެވެ. އެ ލޯ ތެރެއިން އަހަންނަށް ފެނުނީ
އިންޒާރުގެ ރަތް ސިގުނަލެކެވެ. ދެވަނަ ސިކުންތުގައި ދޮރު ލައްޕަން ނިޔާޒު އުޅުނެވެ.
އަހަރެން އެތެރެއަށް ދެމިގެންފައި ދޮރު ލެއްޕީމެވެ. ތަނުގެ އެތެރެއިން ދުވީ ކޮން
ވަހެއްކަމެއް އަހަންނަކަށް ނޭނގެއެވެ. މޭނުބައިކުރަން ފެށިއެވެ. ބަލައިލި ކޮންމެ
ދިމާއަކުން އަހަންނަށް ފެނުނީ ނުރައްކަލެވެ. ބިރުވެރިކަމެވެ. މަސްތުގެ އަވައިގައި
ނިޔާޒު ޖެހިފައިވަނީ ހިރިނުލެވޭ ވަރަށެވެ. އެހާ މައްޗަށް އެ ކަންތައް ގޮސްފައިވާއިރު
ވެސް އޭނަ އެ ކަން ސިއްރު ކުރީ ކިހިނެއް ހެއްޔެވެ؟ ވިސްނާލުމުން، މަންޒަރުގެ
އެތިކޮޅުތައް އޭގެ ޖާގައަށް ރުޖޫޢަ ވާން ފެށިއެވެ. ނިޔާޒު ފޯނު ނުނަގާ ގަޑިތަކަކާއި،
ބައްދަލު ނުކުރެވޭ ގަޑިތަކެއް ހުންނަކަން ފާހަގަ ވިއެވެ. އޭނަ ގާތަށް އަންނަ ކުއްލި
ރުޅި އާއި އޭނަގެ ވައްބުރު ތެރޭގައި އުޅޭ އެކުވެރިންމަތިން ހަނދާން ވިއެވެ. އެކަމަކު،
ހަނަފަސް ސަހަރާއެއްގައި ވެސް ގަހެއް ފޯދިދާނެއެވެ. ފަތްތައް ހިކިފައިވާ ގަހަކުން
އާ ކުރިއެއް ފަޅައިފާނެއެވެ. ނިޔާޒަށް ކުރެވުނީ އެ ފަދަ އިތުބާރެކެވެ.
"ރިފާ ނުޖެހޭ މި ގަޑީގަ އަންނާކަށް." ނިޔާޒު ބުންޏެވެ.
ފުރަތަމަ ހިތަށްއެރީ ހަޅޭއްލަވައިގެންފައި، ނިޔާޒުގެ މޫނުމަތީގައި
އެތިފަހަރެއް ޖަހައިފައި ނުކުންނާށެވެ. ދެން ހިތަށްއެރިއެވެ. އެ ކަން ނުކުރެވޭނީ
ކާކަށް ހެއްޔެވެ؟ ލޯބީގެ މާނައަކީ އެއެއް ނޫނެވެ. އުފަލާއި ހިތާމައިގައި ވެސް،
އެކަކުއަނެކަކަށް އަހަރުމެން އެހީ ވީމެވެ. ދެން ވެސް ވެވޭނެއެވެ. ކަށިޖަންގަލި
ތެރެއިން ނުކުންނަން އޮތް މަގު ނިޔާޒަށް ދައްކައިދޭން ޖެހޭނެއެވެ. އެ ކަން ކުރަން
ހުރީ އަހަންނެވެ.
"މަ ބޭނުން ހެލްޕް ކޮށްދޭން!" ނިޔާޒުގެ އަތުގައި ހިފައިފައި އަހަރެން
ބުނީމެވެ.
އަހަރެން ދައްކާ ވާހަކަ ނިޔާޒަށް އިވޭހެނެއް ހިއެއް ނުވެއެވެ. އޭނަ ހުރީ
އެހެން ދިމާއަކަށް ބަލަހައްޓައިގެންނެވެ.
"މަ ހީކުރީ އެހެން މީހެއްކަމަށް ޓަކިޖެހީ،" ނިޔާޒު ދެއްކީ އެހެން
ވާހަކައެކެވެ. "ހާދަ ބަނޑުހައި ވެއްޖޭ!"

ހަތަރު ވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ 🖤🖤🖤🖤

    Please log in or register to bookmark.
    850

    2 ޚިޔާލު

    ޚިޔާލު

    Your email address will not be published.