ޑައިރީން ފޮޅުވަތެއް

ޒަވާތީ ހަޔާތެއް ފެށުމުން ނޫނީ ނޭނގޭނެ އެއް ކަމަކީ ދަރިންގެ ނިޢުމަތުން ތިމާ މަޙްރޫމުވެފައި ވާ ކަމެވެ. އެއީ މައްސަލައެއް ނޫނެވެ. ވަރަށް ލޯބިވާ ފިރިއަކު ލިބުނު ނަމައެވެ. އަހަރެންގެ ރައްޓެހިންގެ ތެރެއިން އެކަކަށް އެ ނަސީބު ލިބުނެވެ. އޭނަ ބުނި ގޮތުގައި އޭނަގެ ފިރިމީހާއަކީ ލައްކައަކުން އެކަކެވެ. ދަރިއަކު ނުލިބޭނެކަން އެނގުމުން ފިރިމީހާގެ ލޯބި ވީ އިތުރެވެ. އަހަންނަށް ދިމާވީ އޭގެ އިދިކޮޅެވެ. ޓެސްޓުތަކުގެ ނަތީޖާ ލިބި، އަހަރެންގެ އުނގު ފަޅުނުފިލާނެކަން އެނގުނު ދުވަހު ފިރިމީހާގެ ލޯބި އާތްވަށް އަރައިގެން ދިޔަ ކަހަލައެވެ. ބަހަނާއަކަށް ދެއްކީ އޭނަގެ ޢާއިލާއެވެ.

"އެ މީހުންގެ ހުރި ހަމައެކަނި ދަރިއަށް ކުއްޖަކު ނުލިބިއްޖެއްޔާ ޢާއިލާގެ ކުރި އެ ހިސާބުން މަރުވީ،" އެއީ ފިރިމީހާ ބޭނުންކުރި ބަހުރުވައެވެ. "ދެން ނެތް ވަރިކުރުން ނޫން އިތުރު ޗޮއިސްއެއް."

އަހަރެންގެ ފިރިއަކީ، ހަމައެކަނި ދޮގުވެރިއެއް ނޫނެވެ. ފިނޑި މީހެކެވެ. ތިމާ ބޭނުންވާ ގޮތް ބުނަން ވެސް އޭނައަކަށް ނުކެރުނެވެ. އަހަރެންދެކެ ލޯބިވަންޏާ، އަހަރެން ވަރިނުކޮށް ދެ އަންބަށް މީހަކާ ނީނީ ކީއްވެގެން ހެއްޔެވެ؟ އޭނަ ހޯދީ އަހަރެން ކައިރިން ސަލާމަތް ވާނެ ބަހަނާއެކެވެ. އަހަންނާ ކައިވެނި ކުރި ފަހުން ފިރިމީހާ މާ ލޯބިވާ މީހަކާ ދިމާވީއެވެ. އެ ކަން އަހަންނަށް އެނގުނީ ފަހުންނެވެ. އޭނަގެ އެކުވެރިއެއްގެ ފަރާތުންނެވެ. ހިތްދަތިކަން އުފަލަށް ބަދަލުވީ އެ ހިސާބުންނެވެ. އަހަންނާ ކައިވެނި ކުރި ނަމަވެސް، އޭނައަކީ އަހަރެންދެކެ ލޯބި ވި މީހެއް ނޫނެވެ. އޭނަ ބޭނުންވީ ދަރިއެކެވެ. އެ ކަން ނުކޮށްދެވުމުން އޭނަ އަހަރެން ދެކެ ފޫހިވީއެވެ. ބާރުގަދަ ލޯތްބެއް ހޯދިދާނެއެވެ. ގަދަބާރުން ލޯތްބެއް ނުހޯދޭނެއެވެ. ހުސްހަށިބައި ވުމުން އަހަރެން ބޭނުންވީ އެ ގޮތުގައި ހުންނާށެވެ. ދެވަނަ ފަހަރަށް އަހަރެންގެ ހިތަށް މީހަކު ފައިން އަރަން ފުރުޞަތު ނުދޭން ނިންމީމެވެ. ރަޖައެއް ފަދައިން އެކަނިވެރިކަން ގައިގައި އޮޅައިލީމެވެ. އަހަރެން ވަރިކުރި ވާހަކަ އެކަކު ގާތަކު ވެސް އަހަންނެއް ނުބުނަމެވެ. އެކަމަކު، މީހުންނަށް އެ ކަން އެނގޭކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. އަހައިފިއްޔާ ތެދަށް ބުނަމެވެ. ދަރިން ނުލިބުމަކީ އަހަރެންގެ ކުށެއް ނޫން ވީމައެވެ.

އުމުރުން ސާޅީސް ފަސް އަހަރު ވެފައި ވިޔަސް، އަހަރެންގެ ސިފައަށް ބަލައިގެން އެ ކަމެއް ނޭނގޭނެއެވެ. އެއީ ނަސީބުކަމެއް ނުވަތަ ބަދުނަސީބުކަމެއް ނޭނގެއެވެ. އަހަންނަށް ވުރެ ހަގު ފިރިހެނުންގެ ސައިކަލުގެ ލޯގަނޑަށް އަހަރެން އަރަން ފެށިއެވެ. ފޯނު ނަންބަރު ހޯދާ ގޮތެއް ނުވެސް އެނގެއެވެ. ކޯލުތައް އަންނަން ފެށިއެވެ. އަހަރެން ފޫހިވެފައި އިންނަ ފަހަރަކު ވާހަކަދައްކަމެވެ. ގިނަ ފަހަރު އަޅައެއްނުލަމެވެ. އެންމެން ވެސް އަހަރެންގެ ރީތިކަމަށް ތަޢުރީފު ކުރެއެވެ. އެކަކު ވެސް ކައިވެނީގެ ވާހަކައެއް ނުދައްކައެވެ. ކޮންމެ މީހެއްގެ ވެސް މަޤްޞަދަކީ އެކައްޗެކެވެ. ވަރިކޮށްފައި ތިބޭ އަންހެނުންގެ ނިތްކުރީގައި ފިރިހެނުން ޖަހަނީ އެއް ސިއްކައެކެވެ. އަހަރެންނާ ދޭތެރޭގައި ވެސް ދުށީ އެ ގޮތަށެވެ. އަހަންނަކީ އިންސާނެއް ނޫނެވެ. ބަގީޗާއެއްގައި ފޮޅިފައި އިން މަލެކެވެ. އެ މަލެއްގައި ކޮކާލެއް ޖައްސައިފައި ވީތީ، އެ އިން ލިބިދޭ ރާހަތް އެނގޭނެ މަލެކެވެ. ކޮންމެ ކޮކާލަކަށް އަހަރެން މަރުޙަބާ ކިޔާނެއެވެ. އަންހެނަކަށް ވީތީއެވެ. އަހަރެންގެ "ރުހުން" ހޯދުމަށް ޓަކައި، ލަދުގަންނަ ކަހަލަ ބަސްތައް އެ މީހުން ބޭނުންކުރިއެވެ. ފޯނު ކަނޑައިލަމެވެ. ނަންބަރުގައި ތަޅުއަޅުވަމެވެ. ދެން ގުޅަނީ އެހެން ނަންބަރަކުންނެވެ. އެކުވެރިން ކަމުގައި އަހަރެން ދުށް ގިނަ މީހުންގެ ފަރާތުން ވެ ސް ފެނުނީ މުނާފިގުކަމެވެ. ކިތަންމެ ކުޑަ ހެޔޮކަމެއް އެ އިން މީހަކު ކޮށްދިނަސް، އޭގެ "ބަދަލު" ބޭނުންވެއެވެ. އަހަރެން އެކަނިވެރި ވި ދުވަހު އެންމެން ވެސް ބެލީ އެ އިން ފައިދާއެއް ނެގޭތޯއެވެ.

ފޯނުކޯލުތަކަށް ބީރުކަންފަތެއް ދޭން ފެށީމެވެ. ހިތް ނުބައި ރައްޓެހިންނާ ގުޅުން ކަނޑައިލީމެވެ. ދެން ފެށީ މަގުމަތިން ހަނގާކުރާށެވެ. އެފްބީ އާއި ވައިބާ މެދުވެރިކޮށް އެކި ކަހަލަ ފޮޓޯތައް ފޮނުވިއެވެ. އަންހެނަކަށް ވީތީ އަހަރެންގެ ނިޔަތާ ކުޅެލެވޭނެ ކަމަށް ހީކޮށެވެ. ވައިބާ ބޭނުންކުރުން ހުއްޓައިލެވިދާނެއެވެ. އެފްބީ "ޕްރައިވެޓް" ކުރެވިދާނެއެވެ. އެހެން ފޯނު ނަންބަރެއް ވެސް ހޯދިދާނެއެވެ. އެކަމަކު، އަހަރެންގެ މިނިވަންކަމުގެ ޙައްޤު ކޮބައިހެއްޔެވެ؟ އަހަރެން ކުށެއް ނުކުރަމެވެ. މުޅި ދުނިޔެއަށް ފިލައިގެން އަހަރެން އުޅެންވީ ކީއްވެ ހެއްޔެވެ؟

ދަރިއަކު ހުރުމުން އިތުރު ކުއްޖަކު ހޯދާކަށް ނިޔާޒު ބޭނުމެއް ނޫނެވެ.

ކައިވެންޏެއް ނުކުރަން ނިންމައިގެން ހުރި ނަމަވެސް، ހުސްހަށިބަޔަށް ހުންނަން އުނދަގޫ ވިއެވެ. ހަޔާތުގެ އަޑިގުޑަން ގިނަ މަގުތަކުގައި އެކުގައި ހިނގާނެ ދަތުރުވެރިއެއް އިންތިހާއަށް ބޭނުންވިއެވެ. ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހޭ ކަންތައްތަކާ ހަނގުރާމަކޮށްކޮށް އަހަރެން ވަރުބަލި ވިއެވެ. ހިތަށްއެރިއެވެ. އަހަރެންގެ ޙަޤީޤަތް ރަނގަޅަށް ކިޔައިދީފައި ކައިވެނި ކުރީމައި ދަރިއެއްގެ މައްސަލަ ކުރިމައްޗެއް ނުވާނެއެވެ. މާލެއިން ރަނގަޅު ފިރިހެނުން ހުހެއް ނުވެއެވެ. އަހަންނަށް ޓަކައި ވެސް ކޮންމެވެސް މީހަކު ހުންނާނެއެވެ. ރަނގަޅު ދިމާ އަހަންނަށް ނުބެލެނީއެވެ.ނިޔާޒާ ދިމާވީ އެފްބީންނެވެ. ރީތި މީހެކެވެ. ހީވާގި މީހެކެވެ. އިސްކޮޅުން އަހަންނަށް ވުރެ ތަންކޮޅެއް ކުރެވެ. ދާދި އަވަހަށް އަހަރުމެން އެކުވެރިންނަށް ވެ ނިމިއްޖެއެވެ. ނިޔާޒު ވެސް ކުރިން މީހަކާ އިނެވެ. ލިބުނު އަންހެން ދަރިފުޅަށް ނަވާރަ އަހަރު ފުރިއްޖެއެވެ. އޭނަޔާ އަހަންނާ ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެކެވެ. މަންމައެއް ފަދައިން އަހަންނަށް އިޙުތިރާމު ކުރެއެވެ. ނިޔާޒާއި އަހަރެންގެ ގުޅުން އެންމެ ބަދަހިވީ ވައިބާއިންނެވެ. ނިޔާޒަކީ ކަމުދާ ސިފަ ގިނަ މީހެކެވެ. އަހަރެން އުމުރުގެ މީހަކަށް ފަސްމީރު ކުރި ރުކެއް ނުލިބޭނެއެވެ. އެ ކަން އަހަންނަށް ގަބޫލުކުރެވެއެވެ.

އަހަންނާ އިންނަން ނިޔާޒު ބޭނުންވަނީ އޭނައަށް ކަމުދާ ސިފަތަކެއް އަހަރެންގެ ހުރީމައެވެ. ޖިސްމާނީގޮތުންނާއި ނަފުސާނީ ގޮތުންނެވެ. އަހަރެންގެ ފަރާތުން ނިޔާޒު ބޭނުންވާ އެއް ކަމަކީ، އޭނަގެ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމެވެ. ދަރިފުޅު ބޮޑުވަމުން އައީ ނިޔާޒު އެންމެ ހިތްހަމަޖެހޭ ގޮތަކަށް ނޫނެވެ. ބޭނުން ނަމަ، ފުރާވަރުގެ އަންހެންކުއްޖަކާ ވެސް ނިޔާޒަށް އިނދެވުނީހެވެ. އެ ފަދަ ކުދިން ބޭނުންވާ ޝަރުތުތައް ނިޔާޒުގެ ހަމައެވެ. އެކަމަކު، ނިޔާޒު ބޭނުންވާ އެންމެ ޝަރުތެއް ވެސް އެ އިން ކުއްޖެއްގެ ނުހުރެއެވެ. އަނެއްކޮޅުން އެ ފަދަ ކުއްޖަކާ އިނދެފިއްޔާ އެ ކުއްޖަކު ބަލަހައްޓަން ޖެހެނީ ވެސް ނިޔާޒަށްކަން އޭނައަށް އެނގެއެވެ.

 

އެއްވެސް އުނިކަމެއް ނެތް މީހަކަށް އިންތިޒާރު ކުރާކަށް ނުވާނެއެވެ. އެ ފަދަ މީހަކު މިހާރަކު ނެތެވެ. އުންމީދުކުރަންވީ، ނުރަނގަޅު ސިފަތަކަށް ވުރެ ރަނގަޅު ސިފަތައް ގިނަ މީހަކަށެވެ. އަހަރެންގެ ފަލްސަފާއަކީ އެއީއެވެ. ނިޔާޒަކީ ކަންނެލިދޯންޏެއްގައި އުޅޭ މީހެކެވެ. މާރުކޭޓުގައި އޭނަގެ ގޮޅިއެއް ހުރެއެވެ. ގޭދޮށުގައި އޮންނަ މާ ވަރުގަދަ ޓީމަކާ ގުޅިގެން ފުޓުބޯޅަ ކުޅެން އޭނަ ދެއެވެ. އޭނަ މުރާއްޔެވެ. އަންބަކަށް ޚަރަދު ކުރެވޭނެ ފެންވަރު އޭނަގެ އެބަހުއްޓެވެ. ޝުކުރު ނުކުރަންވީ ސަބަބެއް ނެތޭ ހިތަށްއެރިއެވެ. އެކަމަކު، އެކުގައި އުޅޭ މީހުންނާއި ދިރިއުޅޭ މާޙައުލުގެ ނުފޫޒު ބަހުރުވައަށް ފޯރައެވެ. ވައިބާގައި އަހަރުމެން ޗެޓު ކުރާއިރު، އަހަންނަށް މާނަ ނޭނގޭ ހުތުރު ބަސްތައް ނިޔާޒު ބޭނުންކޮށްފައި ހުރެއެވެ. ކިތަންމެ ފަހަރަކު އަހަންނަށް ޗޮކެއް ކަނޑައިލެވެއެވެ. ކަމަކަށް ނުހެދީ، "ޒަމާނީ ބަހުރުވައަށް" ބީރައްޓެހި، ކަޓު މީހަކަށް އަހަރެން ނުވާން ވެގެންނެވެ. އެކަމަކު، ހިތަށް ތަދުވާން ފެށިއެވެ.

 

ބައްދަލުނުވެ ޗެޓުކުރާތާ ތިން މަސް ވީއިރު، އަހަރުމެން ދެ މީހުން ވެސް ތިބީ ބައްދަލުކޮށްލަން ބޭނުން ވެފައެވެ. ފޮޓޯގެ ބަދަލުގައި ހަމަލޮލުން އެކަކުއަނެކަކު ދެކިލަން ބޭނުން ވެފައެވެ. ނިޔާޒު އެ ކަމެއް އެދޭތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. ދެ ޒުވާނުން ފަދައިން ލޯބީގެ ޑުރާމާ ކުޅޭކަށް ނިޔާޒު ބޭނުމެއް ނޫނެވެ. އަހަރެން ވެސް ބޭނުމެއް ނޫނެވެ. ބައްދަލުކުރަން ރެސްޓޯރަންޓަށް ދާކަށް އަހަންނަކަށް ނުކެރުނެވެ. ނިޔާޒުގެ ގެއަށް ދާކަށް ވެސް ހިތެއް ނުރުހުނެވެ. އަހަރެންގެ ގޭގައި މަންމަ އުޅޭނެކަމަށް ބުނެފައި، ބައްދަލުކުރަން ގެއަށް އައުމަށް އެދުނީމެވެ. ގެއަށް އަންނަން ނިޔާޒު ގަބޫލެއް ނުވިއެވެ. އެންމެ ފަހުން ރުހެވުނީ، އާންމުކޮށް މީހުން ބައްދަލުކުރާ ކަހަލަ ތަނަކުން ބައްދަލުކުރުމެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. އާޓިފިޝަލް ބީޗުގައި އެއްބަޔަކު ތިބީ މޫދުގައެވެ. ކުޑަކުދިންގެ ސަމާސަ އާއި ހުނުމުގެ އަޑުން މާޙައުލަށް ދިރުން އައިސްފައިވިއެވެ. އެތަކެއް ދުވަހެއް ވަންދެން އަކުރުން ވާހަކަދެއްކުމަށް ފަހު، ހަތަރު ކަޅި ހަމަކޮށްލުމަށް ޓަކައި އަހަރެން އިންތިޒާރު ކުރީމެވެ. ފޯނު ރަނގަބީލު ވިއެވެ. ކަންފަތުގައި ފޯނު ޖައްސައިލީމެވެ.

"އޭ ތި ކޮންތާކު ތިހިރީ؟" ނިޔާޒު ވަރަށް ޖޯޝުގައި އެހިއެވެ. އަހަރެން ވަގުތުން ފޯނު ކަނޑައިލީމެވެ. ބައްދަލުކުރާ ހިތް ކެނޑި، އެ ތަނުގައި ހުންނަން ވެސް ފޫހިވިއެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލީއެވެ. އޭނައަކީ ވާންއުޅޭ ފިރިމީހާއެވެ. އެ މީހަކާ އެކުގައި އުމުރު ހޭދަކުރުމަށް އަހަރެން ކުރިމަތިލާ މީހާއެވެ. ކިތަންމެ އަނގަ ހަޑިޔަސް، އަހަންނާ ދިމާއަށް ބުނަން ނުވާ ބަސްބަސް ހުންނާނެއެވެ. ޅަވިޔަނީގައި ދެ ފިލި ޖެހުމުން ދެމެދުގައި ރޮނގެއް ދަމައިލަން މަޖުބޫރުވީއެވެ. އެ ނަމުން ގޮވައިލައިފައި ލޯބިވަމޭ ބުންޏަސް އެއީ ލޯބިކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވޭނެއެވެ.

ނިޔާޒު ކިތަންމެ ފަހަރަކު އަހަންނަށް ގުޅިއެވެ. މެސެޖު ވެސް ކުރިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ. ތެދަށް ބުނެފިއްޔާ އަހަރެންހާ ކަޓު މީހަކު ނުހުންނާނެއެވެ. ފަހަރެއްގައި އެއީ ތެދަކަށް ވެސް ވެދާނެއެވެ. އެކަމަކު، ކިތަންމެ ރީތި ހެދުމެއް އަޅައިފައި ހުއްޓަސް، އަތުގައި ކިތަންމެ ފައިސާއެއް ހުއްޓަސް، ސާދާ ބަހުރުވައިން ވާހަކަނުދެއްކޭ މީހަކުދެކެ އަހަންނަކަށް ލޯތްބެއް ނުވެވޭނެއެވެ. ކައިވެންޏެއް ވެސް ނުކުރެވޭނެއެވެ. އެއީ އަހަރެންގެ ނިންމުމެވެ. އެ ފަދަ މީހަކާ އިނދެގެން އޭނަގެ އަނގައިން މާތައް އޮހޭތަން ބެލުމަށް ވުރެ، ހިކި ހޯލިގަނޑެއް ކައިރީގައި އިންތިޒާރު ކުރުން ވެސް އަހަރެންގެ ހިތަށް މާ ކުޅަދާނައެވެ.

. ނިމުނީ.

    Please log in or register to bookmark.
    1k

    4 ޚިޔާލު

    ޚިޔާލު

    Your email address will not be published.