ނޯޓު: މިވާހަކައަކީ އަޅުގަނޑުގެ މަންމަ އަޅުގަނޑު ކުޑައިރު ކިޔައިދިން ވާހަކައަކަށް ބިނާކޮށްލިޔާ ހިޔާލީ ވާހަކައެކެވެ. މިވާހަކައަކީ ރޫހީ މިތުރުގެ ވާހަކަ ތަކުގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މިއީ އިންސާނުންގެ ލޯމައްޗަށް ތުލުސްމުގެ ރަށްތައް ފޮރުވިފަހުން، އެތަށް އަހަރު ތަކެއް ފަހުން ހިނގާކަމެކެވެ. ކިޔުންތެރިންނަށް ވާހަކަ ކަމުދާނެކަމަށް އުންމީދު ކުރަމެވެ.
ފެންނަމުންދަނީ ރާއްޖޭގެ އުތުރުގެ އަތޮޅެއްގެ ވަރަށް ކުޑަ ރަށެކެވެ. ރަށް ވަށައިގެން ބޮޑު ފަޅެއް އޮވެއެވެ. ތިނެސްކަން ބައްޓަމެއް ލިބިފައިވާ މިކުޑަކުޑަ ރަށުގެ އިރުމަތިން ކުޑަކޮށް ދެކުނަށް ވާގޮތަށް ވަރަށް ރީތި، އަދި އެހާމެ ދިގު ތުނޑިއެއް އޮވެއެވެ. ގަސްބޯވެފައި، ރުއްގިނަ ވަލެއް އޮންނަރަށެކެވެ. ބަލާބެލުމަށް އެއީ ފަޅުރަށެކެވެ. ކައިރި ރަށްތަކުގެ މީހުން މިރަށަށް އަރަން ޖެހިލުންވެއެވެ. އެމީހުން ބުނާގޮތުގައި އެރަށަކީ މާސިންގާ ކަނޑުފުރޭތައެއްގެ ވަޒަނެވެ. ކަނޑުގެރިއެއްގެ ވަޒަނެވެ.
ހަވީރު ވަގުތެވެ. ރަށުގެ ވަލުތެރެއަށް ނަޒަރު ހިންގާލުމުން ފެނިގެންދަނީ އުމުރުން އެގާރަ ވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ހަރަކާތުގައިވީ އަވަސްކަމެވެ. ލައިގެންހުރި ކަނޑިކި އެއްއަތުން ކަކުލާހިސާބަށް ނަގައިގެންހުރެ، ކޮންމެވެސް އެއްޗަކާއި ފިލަންވެގެން ދުވަނީއެވެ. ކަޅުކުލަގަދަ، ގަތާފައިވާ، އެދިގު އިސްތަށިގަނޑު އޮތީ ދެކޮޅަށް ދެކޮޅަށް ހޫރި ހޫރިލައެވެ. ލައިގެންހުރި މަޑުފެހި ކުލައިގެ ލިބާސްވަނީ ދަލުން ތެމިފައެވެ. އެ ލޮބުވެތި މޫނުމަތިންވެސް ދަލުގެ އަސަރުފެނެއެވެ. ދުވަމުންދިޔައިރު އިރުކޮޅަކާ ފަހެއްބަލާލައެވެ. ވަލުތެރޭގެ އެއްގަސްދަށުން، އަނެއްގަސް މަތިން، ދުވެފަދިޔައީ ފަރިތަކަމާއެކުއެވެ. މިގޮތަށް ކޮންމެދުވަހަކުވެސް ފިލަން ދުވެދުވެ އާދަވެފަ ހުރިކަހަލައެވެ.
އެ ކުއްޖާގެ ފަހަތުން ފެނިގެން ދިޔައީ، ގަސްތަކުގެ ކުދި ހޯލިތަށް ބިންދަމުން އަންނަ ބިޔަ ރަތްގެރި އެކެވެ. އެސޮރު ބޮލުގައި ބޮޑު ދެދަޅު ހުުއްޓެވެ. މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. އެސޮރުގެ މިސްރާބު ހުރީ އެއްކަލަ އަންހެންކުއްޖާއާއި ދިމާލަށެވެ. މި ބިޔަ ވަލުތެރޭގައި އެ ގެރި ދުވަމުން ދިޔައީ ވަރަށް ފަރިތަކަމާއެކުގައެވެ. އެ އަންހެން ކުއްޖާ ލަނބާލާ ކޮންމެ ދިމާލަކަށް އެގެރިވެސް ދެމިގަންނަނީ ހަލުވިކަމާއެކުގައެވެ. މިއަދަކު ދުލެއް ނުކުރާނަމޭ އެސޮރު ބުނާކަހަލައެވެ.
އެމަންޖެއަށް ދުވަމުން ގޮސް ނުކުމެވުނީ އެރަށުގެ ތުނޑިއަށެވެ. އެއިރު އެރަށުގެ ހުޅަނގު ދެކުނު ފަރާތުގައި، މަަސްވެރިކަމަށް ނުކުމެ އުޅުނު އޮޑިއެއް، އެރަށުގެ ފަޅާއި މާދުރުނޫން ހިސާބަކުން، ދެކުނަށް ދަތުރު ކުރަމުންދިޔައެވެ. އުޑުމަތި ސާފު މި ދުވަހުގައި ވައިރޯޅި ޖެހެމުންދަނީ އިރުއުތުރުންނެވެ. ކަނޑުގައި ކުދިކުދި ބާނިތަށް ހުރިނަމަވެސް ކަނޑު އާދައިގެ ވަރަކަށް މަޑެވެ. ތުނޑީގައި ހިނގަމުން ދިޔަ ކަންކަން އެ ރަށުގެ ކައިރީގައި އޮތް އޮޑިއަށް ވަރަށް ސާފުކޮށް ފެންނާނެއެވެ.
ރަތްގެރިވެސް އެސޮރުގެ ބާރުދުވެލީގައި ތުނޑިއަށް ނުކުމެ، ދުވުން ހުއްޓާލިއެވެ. އެސޮރު ފެނުމާއެކު އޮޑީގައިތިބި މީހުންގެ ނަޒަރު އެދިމާއަށް އެނބުރުނެވެ. ފަހަތު އެއް މޮށްގަނޑުން ވެލިގަނޑު ފަހަތަށް ބުރުސްސުވާލުމަށް ފަހު އިހުނަށްވުރެ ބާރަށް ދުއްވައިގަތެވެ. އެއްކަލަ މަންޖެ އެގެރިޔާ ކުރިމަތިލައިގެންހުރެ ފަހަތަށް ފަހަތަށް ވާގޮތަށްހުރެ ފިޔަވަޅު އަޅަމުން ދިޔައެވެ. ކުޑަކޮށް ގުދުވެލާފައި ހުރެގެނެވެ. ގެރި އެއައި ގޮތަށް އައިސް އެ ކުއްޖާގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި ބަރު އަޑަކުން ގޮވާލުމަށްފަހު ބޮޑުވާން ފެށިއެވެ. އިސްކޮޅު ގާތްގަނޑަކަށް ދިގު ރުކެއްގެ މެދާކަށް ހިސާބަށް އަރައެވެ. ބޮލުގައިވީ ދެދަޅު އިހުނަށްވުރެ ދެގުނަ ބޮޑެވެ. އެގެރި ހުރީ ދެފައިމައްޗަށް ކޮޅަށެވެ. ދެލޮލުން ހުރީ އަލިފާން ނިކުމެ ނިކުމެއެވެ. އެ ބިޔަ ހަށިގަނޑުގެ ކެހެރިތަކުގައިވެސް ހުރީ އަލިފާން ރޯވެފައެވެ. ގެރީގެ ގައިގައިހުރި އަލިފާންހުޅުތަށް ވަޔާއެއްކޮޅަށް ގޮސް ހުސްވެ ހުސްވެ ހުއްޓެވެ.
އޮޑީގައިތިބި މީހުންނަށް މިމަންޒަރުފެނި އަވަސްވެގަތީ އެރަށާއި ދުރަށް ދެވޭތޯއެވެ. އެ ކުއްޖާ ސަލާމަތް ކުރުމަށް އެރަށާއި ގާތްކުރުމުގެ ބަދަލުގައި އެމީހުން ބެލީ އެމީހުންގެ ސަލާމަތަށެވެ. އެބުނާ ކަނޑުގެރި ފެނުމުން އެމީހުންވެސް ބިރުގަތީއެވެ. ނަމަވެސް އެ މަންޖެގެ މޫނުމަތިން ދެން ފެނިގެން ދިޔައީ ބިރުވެރިކަމެއް ނޫނެވެ. އެ މަންޖެ ހުރީ އެ ގެރިއާދިމާލަށް ބަލަހައްޓައިގެން ހިނިތުންފެލާފައެވެ. ދެން ފެށީ ހޭށެވެ. އެ ބިޔަ ގެރިވެސް ބަރު އަޑަކުން ހޭން ފެށިއެވެ. އެއަށްފަހު މަޑުމަޑުން ކުޑަވާން ފެށިއެވެ. ހިނދުކޮޅެއްފަހުން އެ ބިޔަ ގެރީގެ ސިފަ ބަދަލުވީ އެމަންޖެގެ އިސްކޮޅާ އެއްވަރުގެ ކުޑަ ފިރެހެން ކުއްޖަކަށެވެ. އެއިރު އެއްކަލަ އޮޑިގޮސް އެރަށް ނުފެންނަ ހިސާބަށް އޮބާލަނީއެވެ.
އެ ކުޑަސޮރަށް އެގެރި ބަދަލުވިއިރު ހުރީ މަޑު ރަތްކުލައިގެ ފޭއްޔެއް އަނދެގެނެވެ. ކޮނޑާހަމައަށް އޮތް އިސްތަށިގަނޑުގައިވީ ގަދަރަތް ކުލައެވެ. ލޮލުގެ ކަޅި ހުރީ މަޑު ރަތް ކުލައިގައެވެ. ހުސްގަޔާ ހުރި އިރު ބަނޑުގައި ފޫޅުވަޅެއްނެތެވެ. ގައިގެ ކުލަ އައްޔެވެ. އެސޮރު ހެމުން ހެމުން އެއްކަލަ އަންހެންކުއްޖާގެ ފަހަތުން ދުއްވައިގަތެވެ. އެ މަންޖެ ގައިގައި އަތްލުމުން އެމަންޖެ ދުއްވައިގަތީ އެސޮރު ފަހަތުންނެވެ. އެދެކުދިން އެކަކު އަނެކަގުގައިގައި އަތްލާ ކުޅެނީއެވެ.
ތުނޑީގައި ހިނގާދިޔަ ހުރިހާކަމެއް އެހެން އިންސާނަކަށްވެސް ފެނުުނެވެ. ހަވީރުގަޑީގައި ރާބާލަން ރުކަށް އަރާއޮތް، 35 އަހަރުގެ، ރާވެރި އަލީއަށެވެ. ހުސްގަޔާ، ނޫކުލައިގެ ގޮޅި ޖެހި މުންޑު، އަރުވާޖަހާލައިގެން ރުކުގައި އޮތެވެ. އޭނަގެ މޫނުމަތިން ފެންނަނީ ނުތަނަވަސް ކަމެވެ. އަލީގެ ނަޒަރު ހުރީ އެކުދިންނާއި ދިމާލަކަށް ނޫނެވެ. އެރަށު ހުޅަނގު ފަރާތުން ދިޔަ އޮޑި ދިޔަ ދިމާލަށެވެ. އެ އޮޑީގައި ތިބިމީހުން ރަށަށް ގޮސް ދައްކަފާނެ ވާހަކައަކަށް ވިސްނަ ވިސްނާ ހިތްނުތަނަވަސް ވެފައެވެ.
ތުނޑީގައި ކުޅެން އެތިބީ އޭނަގެ ދެކުދިންނެވެ.
ދެކުނަށް ދަތުރުކުރަމުންދިޔަ އޮޑި ބަނދަރުކުރީ އެއްކަލަ ކުޑަރަށާއި އެންމެ ކައިރީގައިވި އަތޮޅެއްގެ ރަށަކަށެވެ. އޮޑީގައި ތިބި މީހުން ރަށަށް ލެފުމާއެކު އެމީހުންނަށް ފެނުނު ބިޔަ ކަނޑުގެރީގެ ވާހަކަ އެންމެނަށް ކިޔައިދޭން ފެށިއެވެ. އިސާހިތަކު އެވާހަކަ އެރަށުގެ އެންމެނަށް އެނގިއްޖެވެ.
ފުރަތަމަ ބަޔަށް އިންތިޒާރު ކޮށްލައްވާ...
-ނުނިމޭ-
ވަރަށް އިންޓެރެސްޓިންގް ވާނެހެން ހީވޭ... ވެއިޓިންގް ފޯ ފަސްޓް ޕާޓް 🙂🙂
ޝުކުރިއްޔާ.😁
ސަޅި އެނގޭ
ޝުކުރިއްޔާ. 😁
ތަފާތޭ
ދެވަނަ ބަޔަށް އިންތިޒާރު ކުރަން
ޝުކުރިއްޔާ.😁
V REETHI STORY EH 🙏🙏🙏🙏🙏🙏🙏🙏🙏🙏👌
ފުރަތަމަ ބަޔަށް އިންތިޒާރު ކޮށްލައްވާ...😂