" ދަރިފުޅާ... ތެދުވީދޯ؟ " މަޑުމަޑުން ދެލޯ ހުޅުވާލި އަލައިނާ ފެނިފައި އޭނަގެ ގާތުގައި އެނދުގައި އިން ހުސްނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.
" މާމާ ތަދުވޭ... " ދެއަތުގަޔާއި ކަކުލުގައި އަޅަމުން ދިޔަ ވޭން އަލައިނާއަށް އިހުސާސްވީ ދެނެވެ. އަލައިނާއަކީ ތަދަށް ބަލި ކުއްޖެއް ކަމުން ކިރިޔާ ކަމެއް ވިޔަސް އަލައިނާއަށް އެތަދު ވަނީ ވޭން ހުރި ތަދަކަށެވެ.
" ހުއްޓާލާ ދަރިފުޅާ.... ހިނގާބަލަ ބަތްޕެން ބޯން.. މާމަ މިހިރީ އަލައިނާއަށް މީރުކޮށް މަސްކުރޮޅި ހަދާފަ. ބަލާބަލަ... " އެނދު ކައިރީގައި ހުރި މޭޒުމަތީގައި ހުރި ބޯތައްޓެއްގައި ހުރި ބަތްޕެނާއި މަސްކުރޮޅި ދައްކާލަމުން ހުސްނާ ހިނިތުންވެލިއެވެ. މަސްކުރޮޅިއޭ ބުނުމުން ހިތްވަރު ކޮއްފައި އަލައިނާ ތެދުވެ އެނދުގައި ލައްގަނެގެން އިށީނީ ހުސްނާގެ އެހީތެރިކަމާއެކުގައެވެ.
" ލީން.. ތެދުވީދޯ؟ " ލަތީފާ ހައިފާ ގޮވައިގެން އަލައިނާގެ ހާލަކީ ކޮބާތޯ ބަލާލަން އައިސް ކޮޓަރިއަށް ވަނީ އެވަގުތުއެވެ.
" ހޫމް.. ލީން މި ވަރަށް ހިތްވަރުގަދަ ކުއްޖެކޭ ދޯ ދޫނީ... " ހުސްނާ ލޯތްބާއެކު އަލައިނާގެ ބޮލުގައި ފިރުމާލަމުން ބަތްޕެން ސަމުސަލެއް އަލައިނާއަށް ލެވިއެވެ.
" ލީން.. ވަރަށް ތަދުވޭތަ؟ " ހައިފާ އައިސް އަލައިނާގެ އަތުގަޔާއި ކަކުލުގައިވާ ބޭސްތަކަށް ބަލާލަމުން އަހާލިއެވެ. އަނގަ ފުރިފައިވުމުން އަލައިނާ ކަނާއަތުގެ ޝަހާދު އިނގިއްޔާއި ބޮޑުވައި އިނގިލި ކައިރިކޮއްލަމުން މިހާ ވަރު ކުޑަކޮށޭ ބުނެލިއެވެ. އެއީ ވެސް ފުއާފް އޭނައަށް ދަސްކޮއްދިން ގޮތެކެވެ.
" މާމާ. ކޮބާތަ އެބޭބެ؟ " އަލައިނާ ފުއާފް ފެންނަން ނެތުމުން ހުސްނާ ކުރެ ސުވާލުކުރިއެވެ.
" ކޮން ބޭބެއެއް ދަރިފުޅާ؟ ދޮންބެމެން މިހާރު މާލެ ފުރިފަހުން ވަރަށް އިރުވެއްޖެ މިހާރު... " ހުސްނާ ޖަވާބުދިން އިރު މޫނުމަތިން ބަނަވެގެން ދިޔައީ އިބްރާހީމްމެން ނެތް އިރު އަސްރާ ދެން ކުޑަކުއްޖާއާމެދު ކަންތައް ކުރާނީ ކިހިނެތްބާއޭ ހިތަށް އެރުމުންނެވެ.
" އުހުން. ދިގު ދިގުކޮށް ދޮން ދޮންކޮށް ހުންނަ ވަރަށް ރީތި ބޭބެއެއް... އެބޭބެ ބޮލުގައި ހުންނާނީ ބުލެކް ކުލައެއް ނޫން. " އަލައިނާ ހީލިއެވެ. ހުސްނާ ނިތް އަރުވާލަމުން ލަތީފާއަށް ބަލާލީ އޭނައަށް އެމީހަކު އެނގޭހާ އަހާލާ ކަހަލަ ގޮތަކަށެވެ.
" ތިކިޔަނީ ލީން ގެއިން ނިކުންނަނިކޮށް ލީންއަށް ގޮވި ބޭބެ ވާހަކަތަ؟ " ލަތީފާއަށް ވެސް އެވަގުތުކޮޅު ފުއާފް ފެނުނެވެ. ކާކުކަން އަލައިނާގެ ގާތުގައި އަހަން ވާއިރަށް އަލައިނާ ހޭނެތުމުން އޭނަ ފަހުން ހުރީ ހަނދާންނެތިފައެވެ.
" ނޭނގެ. ކޮން ބޭބެއެއް؟ " އެވަގުތު އަލައިނާއަށް އެސޫރަ އެހާ ރީތިކޮށް ނުފެނުމުން އޭނަޔަކަށް އެއީ ކާކުކަމެއް ބުނެދޭކަށް ނޭނގުނެވެ.
" ލީން އިމޭޖިނަރީ ކުއްޖެއް ގެންގުޅެނީތަ؟ " ފަނަރަ އަހަރުގެ ހުސެން ލަތީފާ ހޯދަންވެގެން އެތަނަށް އައި އިރު އަލައިނާމެން ކީ ވާހަކަ އަޑު އިވިގެން ސުވާލުކުރިއެވެ. އަލައިނާ ބޯހޫރުވާލިއެވެ.
" މަންމަ ފުރެންޑްއެއް އެއީ... " އަލައިނާގެ ޖަވާބާއެކު ލަތީފާ ޕިސްޕިސް ލައްވާލެވުނީ އަސްރާ ހިލޭ ފިރިހެނުން ގެޔަށް ވައްދައިގެން އުޅޭކަން އެނގުމުންނެވެ.
" އެމަންޖެ ކައި ނިމުނީމަ މަންމަ އާދޭ ކާން.. ހައިފާ އިނދޭ ކޮއްކޮ ގާތުގައި. ހުސެން ވެސް ހިނގާ ކާން... " ލަތީފާ ހިނގައިގަތީ ބޭރަށެވެ.
" ކޮބާ އަލައިނާ؟ " ލަތީފާއަށް ބޭރަށް ނުނިކުމެވިގެން އުޅެނިކޮށް އަސްރާ އައިސް އެތެރެއަށް ވަދެގަތެވެ.
" ދައްތަ އިހަށް ތިތަނުން ދުރުވޭ!! " ރުޅި އައިސް ހުރި ވަރުން ހުސްނާއާ ދިމާއަށްވެސް ގޮވުނީ ހަޅޭލަވާ ކަހަލަ ގޮތަކަށެވެ.
" އަސްރާ... " އަސްރާގެ ރުޅިގަދަ މިޒާޖު ހުސްނާއަށްވެސް އެފެނުނީ އަލަށެވެ. އޭނައަށް އިތުރު އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަސްރާ އަލައިނާގެ އަތުގައި ހިފާ އޭނަގެ ގާތަށް ދަމައިގަނެ އަލައިނާގެ އަތުގައި ތަވީދެއް ފާޑެއްގެ އެއްޗެއް އެޅުވިއެވެ.
" ބުނަން. މިނުނަގާތި! ކަލޭ ދެން މިގޯތީގައި ދިރިއުޅޭ.. މަށަށް ރަނގަޅީ ކަލޭ މަގާތުގައި ނެތިއްޔާ... ނަމަ ނަމަ މިނުނަގާތި!!! " އަސްރާ ރުންކުރު ރާގަކަށް އަލައިނާއާ ދިމާއަށް ބުނުމަށްފަހު އެތަނުން ނުކުތެވެ. އެތަވީދަކީ ފުއާފްއާ އަލައިނާ ދުރުކުރުވަން އެރަށު ކާސިމްބެ ލައްވާ އަސްރާ ހެދި އެއްޗެކެވެ.
" އަސްރާއަށް ކިހިނެތްވެގެންތަ އެއުޅެނީ؟ ފިރިމީހާ ވަރިކުރިޔޭ ކިޔާފަ ދަރިންނަށް އެވަރު ވާންޖެހޭތަ؟ " އަލައިނާ ރޯން ފެށުމާއެކު ހުސްނާ ބުނެލިއެވެ. ލަތީފާއަށް ވެސް އިސާހިތަކު އަސްރާދެކެ ކުރިޔަށްވުރެ ވެސް ނަފްރަތުކުރެވެން ފެށުނެވެ.
---
" އަސްރާ ކީކޭ ހިތައިގެން ލީން އަތުގައި އެތަވީދު ތިއެޅުވީކީ؟ " ހަވީރު އަސްރާ ފެންވަރަން ގިފިއްޔަށް ވަންނަން ދަނިކޮށް ފުއާފް އޭނަގެ ކުރިމައްޗަށް އަރައި އޭނަ ހުއްޓުވިއެވެ.
" ފުއާފްއާ ދުރުކުރުވަން... ތިއީ ހަމައެކަނި މަގޭ ހައްޤަކަށްވީމައި.. " އަސްރާ ފުންކޮށް ހިނިތުންވެލުމުން ފުއާފް އިތުރަށް ފޫހިވިއެވެ.
" ތިހެން އަދި ތަވީދު އެޅުވީމައި ހީވީތަ މަށަށް އޭނަގެ ގައިން އެނުނެގިދާނެޔޭ؟ އެހެން ހީނުކުރައްޗެ. ލީން ހައްލައިގެން ވެސް މަ އެނަގުވާނަން.. " ފުއާފް ދުންކޮޅަކަށްވެ މައްޗަށް އަރައިގެން ދިއުމުން އަސްރާ ވިސްނަން ހުރުމަށްފަހު އަތުގައި އޮތް އަންނައުނުތަކާއި ތުވާލި މެދުގޭގައި ހުރި އަނދަރާ ގޮނޑިޔަކަށް ޖެހިއެވެ. އަދި ބާރު ހިނގުމުގައި ދޮރާށިން ނިކުމެގެން ދިއްގަރު ގެޔަށްވަނެވެ.
" މަރިޔަމް އަލައިނާ!!!! ހިނގާ ހަމަ މިހާރު ގެޔަށް " އަސްރާ މެދުގޭގައި ބޮޑުއަށިމަތީގައި އިން ހައިފާއާއި ލަތީފާގެ ކޮއްކޮ ޝިޔާމްގެ ހަގު ދަރި ޔަނާއާއިއެކު ފޮތެއް ކިޔަން އިން އަލައިނާގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. ކަންތައް ވާގޮތް އަވަސްކަމުން ވާނުވާ ނޭނގި ހުރި އަލައިނާ އަސްރާ ދަމައިގަތް ގޮތް ބޮޑުއަށިން ވެއްޓި ކަށިމަތި މަށައިގެން ދިޔައެވެ. އަލައިނާ ރޮއެ ގަތްލެއް ބާރުކަމުން އެގޭގައި އެވަގުތު ތިބި ހުސްނާގެ ދޮށީ ދަރި ވަލީދާއާއި ލަތީފާގެ އާއިލާގެ އެންމެން މެދު ގެޔަށް ޖަމާވިއެވެ.
" އަސްރާ ކިހިނެތްވެގެންތަ ތިއުޅެނީ؟ " ހުސްނާ ދިޔަ ގޮތަށް ގޮސް އަސްރާގެ ގައިގައި ޖެހީ އޭނަ ރުޅި މަޑުވާނެ ކަމަށެވެ.
" އޭތް! " ހުސްނާގެ އަމަލުން އަސްރާގެ ރުޅިގަނޑު އިހުނަށްވުރެ ގަދަވީ ކެކިކެކި ހުރި ތެޔޮއެއްޗެއް ފެންއެޅުމުން ވާނެ ގޮތަކަށެވެ.
" ކަލޭމެނާ ކޮން ބެހޭކަމެއްތަ؟ މިއީ މަގޭ ދަރިޔެކޭ.. މަމި ގެންދަނީ އޭނަ.! " އަސްރާ އަލައިނާއަށް ރީތިކޮށް ނުހިނގޭ ހާލުވެސް އަލައިނާ ދަމާފައި އަސްރާ ގެންގޮސް އެމަރަލްޑްގެއަށް ވަނެވެ. ގޭތެރެއަށް އަސްރާ އެޅި ފުރަތަމަ ފިޔަވަޅާއެކު އަލައިނާ މެދުގޭ ތެރެއަށް ކޮއްޕާލުމަށްފަހު މެދުގޭގައި ހުރި މޭޒުމަތީގައި އޮތް ތަޅުދަނޑިފައްޗާއި ފޮތިން ހަދާފައިވާ ކޮތަޅެއް ހިފައިގެން އޭނަ ގޮސް ބޮޑު ދޮރާށި ތަޅުލީ އިތުރު މީހަކު އެތެރެއަށް ވައްދަން ބޭނުން ނުވެގެންނެވެ. އަދި ކޮތަޅުގައި ފަންޑިތަ ހަދާފައިވާ ކުދި ކުދި ގާތަކެއް އަލައިނާ ނިދާ ކޮޓަރިޔާއި އެކޮޓަރި ކައިރީގައިވާ ގިފިލި ކައިރިއަށް އެޅިއެވެ. އަލައިނާ ހިރި ނުލެވޭނެހެން ފޮއްޗަކުން އޭނަގެ ފައިގައި ބަނދެފައި އެނދުގެ ފަޑީގައި އެއްސި އިރު އަލައިނާގެ ހެޔެއް ނެތެވެ.
---
" މަންމަ ހިޔެއް ވެސް ނުކުރަން އަސްރާ އެގޮތަކަށް އުޅެދާނެޔެކޭ... " އަސްރާގެ އަމަލުތަކުން ހުސްނާއަށް ލިބިފައިވަނީ ފުން ހިތްދަތިކަމެވެ. ހުސްނާ އަސްރާދެކެވަނީ އަމިއްލަ ދަރިޔަކުދެކެ ވާފަދަ ލޯތްބެކެވެ.
" މަންމަ ދެން ތިކަމާ ރޯނެ ކަމެއް ނެތް. މަށަށް ހީވަނީ އަޙްސަން ވަރިކުރީމައި ނަފްސާނީ ގޮތުން ސަކަރާތްވެފައި ހެން އެހުރީ.. އިން ޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. " ހުސްނާގެ ދޮށީ އަންހެންދަރި ވަލީދާ އޭނަގެ މަންމަ މަސަލަސްކުރަމުން ދިޔައިރު ދެން ތިބި މީހުން ވެސް ތިބީ އަސްރާގެ މިޒާޖާމެދު ކަންބޮޑުވެފައެވެ.
" މަންމަ އަހަރެން މިދަނީ އަލައިނާ ކިހިނެތްތޯ ބަލާލާފައި އަންނަން.. " ލަތީފާގެ ފިރިމީހާ ފުއާދް ބޭރަށް ދާން ހިނގައިގަތެވެ.
" މަޑުކުރޭ ފުއާދް.. މިވަގުތު ދިއުން އެހާ ރަނގަޅެއް ނޫން. އަސްރާ މިވަގުތު އިތުރު އަނިޔާތަކެއް އަލައިނާއަށް ދީފާނެ އަހަރެމެން އަލައިނާ ދިފާޢުކުރަން އުޅެގެން.. " ލަތީފާ ފުއާދް ހުއްޓުވިއެވެ.
---
" ލީން. ހައީ..... " ހޭނެތިފައި އޮތް ލީންއަށް ފުއާފް ބޭރުގައި ހުރެގެން ގޮވާލިއެވެ. އެއަޑު ގަދަ ނަމަވެސް އަސްރާއަށް ނީވޭ ވަރަށެވެ. އެހެނަސް އެވަރަކުން އަލައިނާއެއް ހެނެއް ނޭރިއެވެ.
" އަލައިނާ.. ލޯބި ލޯބި ލީން... " މަޑުމަޑުން މަޖާ ރާގެއްގައި އަލައިނާއަށް އަދި އެއްފަހަރު ފުއާފް ގޮވުމުން އަލައިނާ ހޭއެރިތަން ފެނި އޭނައަށް ހީލެވުނެވެ. ވަރަށް ހާލުން ރޮމުން ކަހަލަ ގޮތަކަށް އަލައިނާ ތެދުވެ އެނދުގެ ފަޑީގައި ލައްވެލިއެވެ.
" ބޭބެ.. " ވކުޑަދޮރުގެ ޖާލިގަނޑުން ފެންނަން ހުރި ފުއާފް ފެނި އަލައިނާގެ ކަރުނަތަކަށް ހުއްޓުމެއް އައެވެ.
" ލީން މަންމަ އެގޮތަށް ކަންތައް ކުރިޔަސް ނުރޯތި. އަހަރެން ބަލާނަން ވަރަށް އަވަހަށް ލީން... " ފުއާފްގެ ވާހަކަތަކަށް ނިމުމެއް ގެނައީ އަސްރާ އެކޮޓަރިއަށް ވަނުމުންނެވެ.
" ޕިސް ޕިސް! " ފުއާފް ހުރިތަން ފެނި އަސްރާގެ އައި ރުޅިގަނޑު އިތުރުވެގެން ދިޔައެވެ. އަދި އަސްރާގެ ފައިން ފޮތިކޮޅު ނެއްޓިއެވެ. ގަދަކަމުން އެކުޑަކުޑަ އަލައިނާ ދަމާފައި ބަދިގެޔަށް ވަނެވެ. އޭރު އަސްރާވަނީ އެތަނަށްވެސް ސިހުރު ހެދި ގާކޮޅުތައް ހަދާ ފުއާފްއަށް ނުވަދެވޭވަރު ކޮއްފައެވެ.
" ފައި ގެނޭ!! " ރުންކުރު ރާގަކަށް އަސްރާ އެހެން ބުނެ އަލައިނާގެ އެއްފައި ނަގައި ބަދިގެ ގޮނޑިއެއްގައި ބޭއްވިއެވެ. އަދި ގޮސް ކަބަޑުން ވަޅިއެއް ނަގައިގެން އައިސް އަލައިނާ ބަލަބަލާ ހުއްޓާ އަލައިނާގެ ފައިގެ ފަލަމަސްގަނޑުގައި އަޅާލިއެވެ. އަލައިނާ މަންމާއޭ ކިޔާ ބާރަށް ރޮއެ ގަތް އަޑު ޖެހިގެން ދިއްގަރުގެ ވަލު ފަރާތުގައިވާ ގަސްތަކުން ބިލިމަގު ބިންނަން ހުރި ލަތީފާއަށް އަޑު އިވިގެން ދިޔައެވެ.
އަސްރާ އަލައިނާގެ ފައިގެ ފަލަމަސްގަނޑުގައި އިތުރަށް ދެއަތުން ފިއްތާލުމާއެކު ހޯސްލާފައި ބާރަށް ލޭތައް ފައިބައިގަތެވެ. އޭރު އަސްރާ ހުރީ އެލޭތައް ނަގަން ބޯތައްޓެއް ތިރީގައި ބަހައްޓާފައެވެ. ބޭނުންވާ ވަރަށް ލޭ ލިބުމުން އަސްރާ ކޮތަޅަކަށް އެލޭތައް އަޅާލުމަށްފަހު ގެއިން ނިކުމެގެން ދިޔައިރު އަލައިނާގެ ފައިގައި އެވަޅި އޭރުވެސް އިނެވެ.
އަވަސް އަވަހަށް ތެޅި ފޮޅެމުން ގެޔަށް އައިސް ވަތް ލަތީފާއަށް އަލައިނާގެ ފައިގައި އިން ވަޅި ފެނިފައި އެވަޅި އަވަހަށް ނައްޓާލިއެވެ. ގިނައިން ލޭބޭރުވުމުގެ ސަބަބުން ގިސްލަމުން ދިޔަ އަލައިނާ ހޭނެތިގެން ވެއްޓުނީ ލަތީފާގެ އަތް މައްޗަށެވެ.
---
އެއްހަފްތާ ފަސް
" ލީން. މަންމަގެ ރަންކޮޅު... " ހަފްތާއެއް ވަންދެކަށް ގެއްލިގެން ހޯދަމުން ދިޔަ އަސްރާ އޭނަ ފިލިތަނަކުން ނުކުމެގެން އައިސް ދިއްގަރުގެޔަށް ވަނެވެ. ދައްކާ ވާހަކަޔާއި ރާގު ހުރި ގޮތުން އޭނަ ބަދަލުވެފައިވާ މިންވަރު ހާމަވެއެވެ. ލަތީފާގެ އާއިލާގެ އެންމެން ހައިރާންކަންމަތީ ބަލަ ބަލާ ހުއްޓާ އަސްރާ ގޮސް ބޮޑު އަށިމަތީގައި އިން އަލައިނާ މޭގައި ޖައްސާލިއެވެ. މަންމަގެ ފިރުމުންތަކަށް ފެންބޮވައި ގަނެފައިވާ އަލައިނާއަށް އަސްރާގެ ގައިގައި ދެއަތް ވަށާލެވުނެވެ.
ނުނިމޭ

ވ. ރީތި. 😍
ކޮން އިރަކުން އަނެއް ޕާޓް؟
އަޕްވެފައި އެއިނީ. ޓެންކިޔު ނާނި 😘❤
ވެލްކަމް. 😚