ބުތުރަސް

މޫސަ ދެކެވަޑައިގެންނެވީ މިއީ ޖާސޫސީ ގާފިލާއެއްގެ ގޮތުގައެވެ. ނަމަވެސް ތާރިގުގެ ވިސްނުންފުޅު ތަފާތެވެ. އޭނަ ކުރިމަތިލައްވަން ބޭނުންފުޅުވަނީ ވަރުގަދަ ކުރިމަތިލުމަކަށެވެ. ކުޅަދާނަކަމާއެކު ހަގުރާމަކުރުމަށެވެ. މުޖާހިދުންނަށްޓަކާ ﷲ ވައުދުކުރައްވާފައިވާ ޖަންނަތާއިމެދު އޭނަގެ ޝައުގުވެރިކަން އިންތިހާއެވެ. އޭނަ ހުންނެވީ ޝަހީދެއްގެ ދަރަޖައަށް ކަރުހިއްކައިގެންފައެވެ. މުޅި އަންދަލުސް ފަތަހަކުރެވޭވަރުގެ ލަޝްކަރެއް އޭނައާއެކު ނެތްކަން ދެނެވަޑައިގަނެއެވެ. އެއާއެކު އޭނަ މޫސާއަކީ ކޮން ބޭފުޅެއްކަމާއި އޭނަގެ ވިސްނުންފުޅު ހުންނަގޮތް ރަގަޅަށް ދެނެވަޑައިގަންނަވައެވެ. އޭނަ ޝަކުވާ ކުރައްވާކަށް ނެތެވެ. އިތުރު ހަގުރާމަވެރިން ބޭނުންފުޅު ވެއްޖެއްޔާ މޫސަ ފޮނުވާދެއްވާނެއެވެ.

ތާރިގު އަންދަލުސްއަށް ފުރާވަޑައިގަތުމުގެ ކުރިން ދުރުން ފެންނަން ހުރި ފަރުބަދަ ފަޅިހެން ހީވާ ތަނުގައި ކޭމްޕްކުރަން ނިންމެވިއެވެ. އެ ދިމާލުން ބަދަރުކުރަން ކައުންޓް ޖޫލިއަން އަށް އެންގެވިއެވެ. އެތަނަށް ހަމަލާދޭންވެސް އުދަގޫވާނެކަން އޭނަގެ ވިސްނުންފުޅު ތޫނުކަމުން ދެނެވަޑައިގަތެވެ.

ނާތަކުގައި އެންމެނަށް އެއްފަހަރާ ދަތުރެއް ނުކުރެވޭނެއެވެ. އެކަނޑުއޮޅި ހުރަސްކޮށް އަނބުރާ އަންނަން ހަޔެއްކަ ގަޑިނަގާނެއެވެ. އަދި ސިއްރިއްޔާތުގައި ދަތުރުކުރާއިރު ރޭގަނޑު ފިޔަވާ ދަތުރުކުރުން ބުއްދިވެރިނޫންކަމަށް ވެރިން ނިންމެވިއެވެ. މިވަގުތަށް އަންދަލުސްއަށް ގެންދާ ހަތްހާސް ލަޝްކަރު އެއްކޮށް އަންދަލުސްއަށް ގެންދާން ދެ ހަފްތާވަރު ވާނެކަމަށް ލަފާކުރެވުނެވެ. ތާރިގު ނިންމެވީ އެންމެ ފުރަތަމައިން ދާ މީހުންނާއެކު ވަޑައިގަތުމަށެވެ. ކޮންމެފަހަރަކު ލަޝްކަރު ގެންގޮސް ކޭމްޕް ކުރުވާފައި އަނެއްކާ އެހެން ހަގުރާމަވެރިން ބަލާ އަންނައިރު އޭނަ ވަޑައިގަންނަވާނެއެވެ. އެންމެ ފަހު މީހާގެ ގޮތުގައި ސަބްތާއިން ފުރާނީވެސް އޭނައެވެ. ދަތުރުފަތުރުގެ ހުރިހާކަމެއް އިންތިޒާމްކޮށް ވެރިއެއްގެ ޒިންމާތައް އޭނަ އޭގެ ފުރިހަމަ ގޮތުގައި ކޮނޑުގައި އަޅުއްވާ އިރުޝާދު ދެއްވަމުން ގެންދެވިއެވެ.

ފުރަތަމަ ހަގުރާމަވެރިން އަންދަލުސްއަށް ފުރީ އަށާވީސް އެޕްރީލް ހަތްސަތޭކަ އެގާރަވަނަ އަހަރު އަންގާރަ ދުވަހެއްގައެވެ. އެއީ ރަޖަބު މަހެއްގެ ފަސްވަނަ ދުވަހެވެ.

ބަހާރު މޫސުމްގެ ހިތްގައިމު ދުވަހެކެވެ. ބާނިތައް ހިނދި ކަނޑު ނޫކުލައިގެ ދޫލައެއްހެން ފެތުރިފައިއޮތްއިރު ހިތްތަކަށް ހަމަޖެހުމާއި އަމާންކަން ގެނެސްދެއެވެ. މެޑިްޓްރޭނިއަން އަދި އެޓްލާންޓިކް ގުޅުވައިދޭ އެ ނޫކުލައިގެ ކަނޑުގެ ސަތަހައަށް އިރުގެ އަލިކަން އެޅި ދިއްލިފައި އޮތެވެ. ގޮނޑުދޮށާއި ދުރަށް ނާ ފަހަރުތައް ދުއްވާލުމާއެކު ހަގުރާމަވެރިންގެ ޝައުގުވެރި ނަޒަރު ހުއްޓުނީ ސްޕެއިންގެ މަލަމަތިން ފެންނަ ފަރުބަދަތަކަށެވެ.

"ﷲ އަކްބަރު....." އެތައް ހާސް މުސްލިމުންނެއްގެ ކަރުތެރެއިން ޖޯޝުން ފުރިފައިވާ އަޑަކުން ކިޔަން ފެށުނެވެ. އެއީ ހަގީގަތުގައިވެސް ތާރީޚީ ވަގުތުކޮޅެކެވެ. ތާރިގު ބިން ޒިޔާދު ފަހުގެ ތާރީޚު ބަދަލުކޮށްލާވަރުގެ ބުރަ މަގުސަދެއްގައި ދަތުރުފެއްޓެވީއެވެ.

***

ހަގުރާމައިގެ ލަޝްކަރު ތައްޔާރުކުރުމުގައި އަވަދިނެތި އުޅުއްވާ އެކި މަސްއޫލިއްޔަތާއި ހަވާލުވެގެން ހުންނެވުމުގެ ސަބަބުން ޖިސްމަށް ލިބުނު ލޮނޑުކަން ކަނޑުވައިލުމުގެ ގޮތުން އޮށޯވެ ވަޑައިގެންނެވިއެވެ. އަވަހާރަފުޅުގައި ފެނިވަޑައިގެންނެވީ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްއެވެ. އެކަލޭގެފާނު ހުންނެވީ އަސްހާބުންނާއެކުގައެވެ. ހުރިހާ ބޭކަލުންގެ ކޮނޑުފުޅު މައްޗަށް ކަނޑިކޮޅާއި ދުނިކޮޅު ލައްވައިގެން ކަނޑުގެ ލޮނުގަނޑުމަތީ ހިންގަވާފައި ވަޑައިގެންނެވިއެވެ. ތާރިގު ހުންނެވި ނަވާއި އަރާ ހަމަވެވަޑައިގެންފާ ރަސޫލު ސައްލަﷲއަލައިހި ވަސައްލަމް ތާރިގުއަށް ހަދީސްކުރެއްވިއެވެ. "ޔާ ތާރިގު. ޖިހާދާއިގެން ކުރިއަށް ދޭ. މުސްލިމުންނަށް އޯގާތެރިވެ ވައުދަށް ކަމޭހިތާ..."

ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ދެން އަންދަލުސް ފަހަތަވުމާއި ބެހޭގޮތުން އުފާވެރިކަމުގެ ޚަބަރު ދެންނެވިއެވެ.

އެއަށްފަހު އެކަލޭގެފާނު ކަނޑުގެ ސަތަހައިގާ އަސްހާބުންނާއެކު ހިންގަވާފައި ވަޑައިގެން އަންދަލުސްއަށް އަރާ ވަޑައިގަތެވެ.

ތާރިގު ހޭފުޅު ލެއްވުނުއިރު ދެއަތްޕުޅުގައި ހީބިހި ނަގާފައެވެ. އުފާފުޅުންގޮސް ﷲ އަކްބަރު ވިދާޅުވެވުނެވެ. ހަގީގަތެކޭ އެއްފަދައިން ލޯފުޅުން ފެނިވަޑައިގަތް މަންޒަރު އޭނަގެ ހިތްޕުޅަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ގެނެސްދީފިއެވެ. އެއީ ރަގަޅު ފާލެކެވެ. އޭނަ ވަގުތުން މުޖާހިދުންނަށް އެ ހުވަފެންފުޅު ކިޔާދެއްވިއިރު ފަތަހަ ލިބޭނެކަމާއިމެދު ޔަގީންކަމެއް ލިބިވަޑައިގަތެވެ. އޭނަގެ ލަޝްކަރުން މާތްﷲ ގެ އިޒުނަފުޅާއެކު އަންދަލުސް ފަތަހަކުރާނެއެވެ.

***

މުޖާހިދުންގެ ފުރަތަމަ ޖަމާއަތް އަންދަލުސްއަށް ބަދަރުކުރުމަށްފަހު އެ ފަރުބަދަގަނޑުގެ ތިރީގައި ވަގުތީގޮތުން ފޭލިގެ ޖަހަން ތާރިގު އެންގެވިއެވެ. ހަގީގަތުގައި ތާރިގުގެ އަމާޒަކީ އެ ހިލަގަނޑުގެ މަތީގައި ކޭމްޕްކުރެއްވުމެވެ. އެތަނަށް އޭރު ކިޔާފައިވާ ނަމަކީ ކާލްޕޭ ފަރުބަދައެވެ. އަންދަލުސް ފަތަހަވުމުން އެތަނަށް ޖަބަލް ފަތަހަ ކިޔުމަށްފަހު ފަހުން ޖަބަލް ތާރިގުވެސް ކިޔުނެވެ. ހިލަގަނޑުގެ މައްޗަށް އެރުން ހީކުރިވަރަށްވުރެ އުދަގޫވިއެވެ. މަގު ހަނިވެފައި ގާތައް ގިނަކަމުންނެވެ. އެތަން ސާފުކޮށް އެއްވަރުކުރުމަށްފަހު އަސްތަކަށް ފަސޭހައިން ދަތުރުކުރެވޭނެގޮތް އޭރުއްސުރެ ފެށުނެވެ.

އެދެ ހަފްތާތެރޭ ކައުންޓް ޖޫލިއަންގެ ނާ ފަހަރުން ހަތްހާސް ހަގުރާމަވެރިންނާއި އަސްތައް އަންދަލުސްއަށް އުފުލަމުން ދިޔައެވެ. އަންދަލުސްއަށް އެންމެ ކުރިން އައި ހަގުރާމަވެރިން އަވަދިނެތި މަސައްކަތްކުރަމުން ދިޔައެވެ. އެންމެފަހުން ހިލަގަނޑުގެ މަތީގައި ކޭމްޕް ކުރެވޭވަރުވިއެވެ.އެކަމަކު ބައެއް މުޖާހިދުން ތިރީގައި އެތަން ދިފާއުކުރަން ފާރައަށް ތިބުން ދޫކޮށެއް ނުލިއެވެ. އެތާ ތިބެގެން އެފްރިކާގައި ތިބި އަޚުންނާއި ފަސޭހައިން މުސާސަލާތް ކުރެވޭނެއެވެ. ރަޖަބުމަސް ނިމުނުއިރު ތާރިގުގެ ބާރަހާސް ލަޝްކަރުން މިވަގުތު އަންދަލުސްއަށް ގެންނަވަން ނިންމެވި ހަތްހާސް މުޖާހިދުންގެ ލަޝްކަރު ދަތުުރުކޮށް ނިމި ހަގުރާމައަށް ތައްޔާރުވާން ފެށިއެވެ.

ކައުންޓް ޖޫލިއަން ތާރިގުމެންނާއެކު މަޑުކުރުމެއްނެތި މިސްރާބުޖެހީ އަލްޖޭސިރަސްއަށެވެ. އޭނަގެ ޖާސޫސުން ފޮނުވައިގެން ރަސްގެފާނު ލުދްރީކްއާއި ހަގުރާމަވެރިންގެ ހަރަކާތްތަކަށް ފާރަލަމުން ދިޔައެވެ. އޭނަ އަންނާނީ މުސްލިމުން ބޭނުންވެއްޖެ ހިނދެއްގައެވެ.

ތާރިގު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އެހިސާބުގައި ދިރިއުޅޭ މުސްކުޅި އަންހެނަކު ބަލާ ފޮނުއްވީއެވެ. ބުނެވޭގޮތުން އެކަނބުލޭގެ މުސްލިމް ފަތަހަކުރާނެ މުޖާހިދަކާއި ބެހޭގޮތުން އަބަދުހެން ވާހަކަދައްކާ އުޅެއެވެ. މުސްކުޅިޔާ ތާރިގުގާތަށް ހާޟިރުކުރުމުން އޭނަ ދެންނެވިއެވެ.

"އަޅުގަނޑުގެ ފިރިމީހާއަކީ ކުރިއަށް ވާން ހުންނަ ކަންތައްތައް ދެނެގެން އެ ވާހަކަތައް ދައްކާ އުޅުނު މީހެއް.. ފިރިމީހާ މީހުން ގާތު ބުނެ އުޅޭ މިތަން ފަތަހަކުރައްވަން ޖެނެރަލްއެއް ވަޑައިގަންނަވާނެއޭ. އެ ބޭކަލެއްގެ ނިތްކުރިފުޅުގެ ސިފަކުރުން ތިޔަ ބޭކަލަކާއި ތަފާތެއްނެތް. އަދި ކޮނޑުމަތީގައި އިސްތަށިފަޅާފައި ހުރި ކަޅުތިލައެއް ހުންނާނެއޭ. އެފަދަ ކަޅުތިލައެއް ހުރެއްޖެއްޔާ ތިއީ އެ ބޭކަލަކީ..............."

މުސްކުޅި އަންހެންމީހާގެ ވާހަކަތަކާއެކު ތާރިގް ބިން ޒިޔާދު އޭނަގެ ކޮނޑުފުޅުން ޖުއްބާ ތިރިކޮށްލައްވާފައި ހާމަކުރެއްވިއެވެ. އެންމެނަށް ހައިރާންކަމެއް ލިބުނެވެ.

***

ސްޕެއިންއަށް ހަގުރާމަވެރިންގެ ބަޔަކު އެރިކަން އެގުމާއެކު އެ ސަރަހައްދު ހިމާޔަތްކުރަން ރަސްގެފާނު ލުދްރީކް ހަވާލުކުރެއްވި ހިތްްވަރުގަދަ ކައުންޓް ތުދްމީރު ދިރިއުޅުނީ ކާރްތިޔާގައެވެ. އޭނަގެ ހަގުރާމަވެރިނާއެކު އެހިސާބަށް ދަތުރުކުރާކަން އެގުމާއެކު މުގީސްގެ ކޮމާންޑަރުކަމުގެ ދަށުގައި ހަގުރާމަވެރިންތަކެއް ތާރިގު ފޮނުއްވިއެވެ. ގިރުތާޖިނާ ހިސާބުން ދެ ލަޝްކަރު ކުރިމަތިލާ ތިންދުވަސްވާންދެން ވަރުގަދަ ހަގުރާމައިގެ މައިދާނަކަށްވިއެވެ. އެންމެފަހުން ގޫތުން ބަލިވެ ފިލާން ދުއްވައިގަތެވެ. މުގީސް އަލް ރޫމީ ކާރްތިޔާ އޭނަގެ ބާރުގެ ދަށަށް ގެންނެވިއެވެ.

އޭރު ތާރިގުވެސް އަލްޖޭސިރަސް (ޖަަޒީރަތުލް ޚަޒުރާ)ގެ ދެކުނަށް ވަޑައިގެން ކައުންޓް ޖޫލިއަންއާއި ބައްދަލުކުރެއްވިއެވެ. ބައެއް މުސްލިމުން މިތަނަށް އުއްމުހަކީމް އޭވެސް ކިޔާ އުޅުނެވެ. އެއީ މިތާ ދިރިއުޅުމަށްފަހު ރަސްގެފާނު ލުދްރީކްގެ ބޮޑު ލަޝްކަރާއި ހަގުރާމައަށް ތާރިގު ނިކުމެވަޑައިގެންނެވިއިރު އޭނަ ދޫކޮށްލައްވާފައި ވަޑައިގަތް އަޅު އަންހެންކުއްޖެއް ކަމަށްވާ އުއްމު ހަކީމަށް ނިސްބަތްކޮށެވެ. އެހިސާބުން މުސްލިމުން އެމީހުންގެ ކޭމްޕަކަށް ޖަޒީރަތުލް ޚަޒުރާ ހެދިއެވެ. ޖޫލިއަން ގެ ނާ ފަހަރުން އެފްރިކާގައި ވީ އެމީހުންގެ އަޚުންނާއި ގުޅުން ކުރިއަށް ގެންދެވޭނެއެވެ.

ހަގުރާމައިން ބަލިވި ތުދްމީރު އަވަހަށް ރަސްގެފާނަށް ސިޓީއެއް ފޮނުވިއެވެ. އެމީހުންގެ ގައުމަށް ބީރައްޓެހި ބަޔަކު އަރައިގެންފި ކަމަށާއި އެކަމަކު އެމީހުންގެ ލަޝްކަރުގެ ބޮޑުކަމާއެކު ބާރުގަދަކަމުން ގޫތުންނަށް ހިފަހައްޓައިނުލެވުނުކަމަށް ލިޔުނެވެ. ރަސްގެފާނު ވީހާ އަވަހަކަށް ލަޝްކަރު އެންމެ ވަރުގަދަކޮށްގެން އެމީހުންނާއި ހަގުރާމައަށް އައުމަށް އޭނަ އެދުނެވެ. އެ ބީރައްޓެހި ލަޝްކަރު އަންދަލުސްއަށް އެރިގޮތަކާއިމެދު އޭނަ ލިޔުނެވެ.

"އެމީހުން އުޑުން ވެއްޓުނީކަމަށް ނޫނީ ބިމުން އަރައިގަތް ބަޔެއްކަމެއް އަހަރެމެންނަކަށް ނޭގެއެވެ."

***

ޖެރެޒްއަކީ މޭބިސްކަދުރު ވެޔޮތަކުން ފުރިފައިވާ ރީތި ޝަހަރެކެވެ. އެދުވަސްވަރު ވެޔޮތަކުގައިވާ މޭބިސްކަދުރުތައް ދޮންވެ ފައްކާވެ ދަނޑުވެރިންނަށް އުފާވެރިކަން ގެނެސްދީފައިވިއެވެ. ދެފަރުބަދަ ދޭތެރޭގައި އޮތް އެ ތަނުގެ އަހުލުވެރިންވެސް ރަސްގެފާނު ލުދްރީކްގެ އަނިޔާވެރިކަމާއި ދެކޮޅުވެރިވެ އެމީހުން ސަލާމަތްކޮށްދޭނެ ފަރާތަކަށް އިންތިހާއަށް ބޭނުންވެފައި ތިއްބެވެ. އެމީހުންނަށް އަރަބިން ކަނޑު ހުރަސްކޮށް އަންދަލުސްއަށް އެރި ޚަބަރު އިވުމުން އެކަމަކާ ކަންބޮޑުވެގެނެއް ނޫޅުނެވެ. ޚާއްސަކޮށް އެމީހުންގެ ތެރޭވި އުމުރުން ދުވަސްވީ ޝޭޚެއްގެ ހާޟިރުގައި އަރަބިންގެ ނަން ގަނެވިއްޖެއްޔާ އޭނަ އަބަދުވެސް ބުނެއުޅުނެވެ. " އަހަރެމެންގެ މި އަނިޔާވެރި ރަސްގެފާނުގެ ފަރާތުން ސަލާމަތްކޮށްދެވޭނީ ހަމައެކަނި އަރަބިންނަށެވެ." އެހެން ހުއްޓާ އަރަބިން ކަނޑުއޮޅި ހުރަސްކުރި ވާހަކަ އޭނަގާތުގައި ބުނުމާއެކު އޭނަ ޖަވާބުދިނެވެ." އެހެންވިއްޔާ ވަރަށް އަވަހަށް އަހަރެމެން މިނިވަންވާނެއެވެ."

މި ޝޭޚަކީ އޭނަގެ މުޅި އުމުރު ދަތުރުކުރުމުގައި އުޅުނު މުރާލިމީހެކެވެ. ސްޕެއިނާއި އެފްރިކާގެ ބައްރުގައި ދަތުރުކޮށް މިސްރާއި ޝާމަށްވެސް އޭނަ ދަތުރުކުރިއެވެ. އިސްލާމް ދީން އެހިސާބުގައި ފެތުރިގެން ދިޔަގޮތް އޭނަ ދާދި ގާތުން ދެކުނެވެ. މުސްލިމުންގެ އަދުލުވެރިކަމާއި އިންސާފުވެރިކަން ފެނި ހިތް ތައުރީފުން ފުރިފައިވިއެވެ.

އަންހެންވެރިން ޔޯގަޓާއި ޗީޒުން ކާނާ ތައްޔާރުކުރަމުން ދިޔައިރު ފިރިހެނުން ޖަނަވާރުތަކަށް ކާން ދީ މޭބިސްކަދުރު ބިންނަން ވަށިތައް ހަދަމުން ދިޔައެވެ. އެމީހުންގެ މައިގަނޑު ވާހަކައަކީ މޭބިސްކަދުރު އަޅާފައިވާ ވަރާއި އެއަހަރު އެއިން ރާ ތައްޔާރުކުރެވޭނެ ވަރެވެ. ހަގީގަތުގައި އެމީހުންނަށް އެ ވާހަކަދެއްކުމުގެ މާނައެއްވެސް ނެތެވެ. އެއިން އެއްވެސް އެއްޗެއްގެ ހައްގުވެރިންކަމުގައި ނުވާތީއެވެ. ދަނޑުވެރިންނަށް އެމީހުންގެ ބިންތައް އަދި ގެދޮރު މިލްކުވުމުގެ ބާރެއްނެތެވެ. އޭގެ ވެރިންނަކީ ރޫމީންނާއި ގޫތުންނެވެ. ޝާހީ މީހުންނެވެ. ދަނޑުވެރިންނަށް ކޮންމެވެސް ވަރެއްގެ އެއްޗެއް ލިބެނީއެވެ. އެކަމަކު އިންސާނުންނަކީ ކަންތައް ބަލާ ތަހުގީގުކުރުމުގެ ޝައުގު ހުންނަ ބަޔަކަށްވާތީ ޝޭޚާއި އޭނަގެ ދަރިންވެސް އެކަމާއި ވާހަކަދެއްކީއެވެ.

ޝޭޚާއި ދަރިންތައް އިށީދެލައިގެން ތިބީ ފޭލިގެއެއްހެން ހިޔާވާނެގޮތަށް ތައްޔާރުކޮށްފައިވާ ހިސާބެއްގައެވެ. އެތަނުގައި ކަނޑާ ހަަދާފައިވާ ކުދި ކޯރެއް އޮވެއެވެ. އެތަނުން ފެންނަގާ ޖަނަވާރުންނަށް ފެންދީ ހަދައެވެ. އަދި އެގަހުގެ ހިޔާ ހޯދަން ގިނަ މީހުންތައް އައިސް އުޅެއެވެ. ޝޭޚާއި އޭނަގެ ދަރިންތައް އެތާތިބެ މޭބިސްކަދުރާއި ބެހޭގޮތުން ބަހުސްކޮށް ޒުވާބަކާއި ހަމަޔަށްވެސް ދިޔައެވެ. އެފޯރީގައި ޖެހި ވަށައިގެން ހިނގަމުން ދިޔަ ކަންތަކަށް ސަމާލުކަމެއް ނުދެވުނެވެ.

އިރުއޮއްސެމުން ދިޔައިރު ވަށިތައް ހަދާމީހުންނާއި ދަރުބަލާ ދިޔަ މީހުން އެނބުރި އަންނާންފެށިއެވެ. އެކެއްގެ ބޯމަތީ ބޮޑު ވަށިގަނޑެއް އަނެކަކުގެ ކޮނޑުމަތީގައި ދަބަހެއް އަނެކަކު އަތުގައި ޖަގެއް ނޫނީ ޕާންގަނޑެއް އަނެކަކުގެ އަނގައިގާ ކޮންމެވެސް ކާއެއްޗެކެވެ. ފެންނަމުން ދިޔައީ ތަފާތު މަންޒަރުތަކެވެ. އެމީހުންގެ ފަހަތުން ފިރިހެންކުދިންތައް އަންނަތަން ފެނުނެވެ. އެއްކުއްޖަކު ކަންބަޅިއަކާއިގެން އަނެއް ކުއްޖަކު ހިމާރެއް ދަމަމުންނެވެ. އެހެން ކުއްޖަކު ދަނޑުން ސިއްރުން ބިދެގެން އައި މޭބިސްކަދުރު ކޯންޏެއް ޖީބުން ނަގާ ރަހަ ބަލައިލިއެވެ. ބޭބެއަށް އެެ މަންޒަރު ފެނިގެން ބައްޕައަށް އަންގާނެކަމުގެ އިންޒާރު ދިނެވެ. އޭނަ ތެޅިގެންގޮސް ހިމާޔަތް ހޯދަން މަންމަގެ ސްކާޓްގެ ތެރެއަށް ވަނެވެ. ދުނިޔޭގެ ކޮންމެ މުސީބާތަކާއި ބިރުވެރިކަމަކުން އޭނަ ހިޔާމަތްކޮށްދީ ރައްކާތެރިކޮށްދޭނެ ތަނަކީ އެއީކަމުގައި ހީކުރަމުންނެވެ.

ދަނޑުވެރިންގެ ސާދާ ދިރިއުޅުމާއެކުވެސް އެމީހުންނަށް އުފާވެރިކަން ލިބިފައިވެއެވެ. ހިތާމައިގެ ހިޔަނި އެޅިފައިވަނީ ހަމައެކަނި މި އަނިޔާވެރި ރަސްގެފާނުގެ ސަބަބުންނެވެ. ހެއްދެވި މަޚުލޫގުންގެ ތެރެއިން އެންމެ ހިތާމަވެރި އިންސާނުންނޭ ހިތަށް އަރަނީ ހަމައެކަނި ރަސްގެފާނު ލުދްރީކްގެ ފަރާތުން ރައްޔިތުން އުފުލަން ޖެހޭ ބުރައާއި އަނިޔާ ތަހައްމަލު ނުކުރެވިގެންނެވެ. އެމީހުންނަށް މޭބިސްކަދުރު ދަނޑުތަކުން ލިބޭ އުފާވެރިކަމާއި ހަމަޖެހުންވެސް ރަސްގެފާނު ފޭރިގަންނަނީއެވެ.

އިރުއޮއްސުނު މަންޒަރުތަކުން ހިތަށް ލިބުނު ހަމަޖެހުމާއެކުވެސް ޝޭޚުގެ ނަޒަރު އޭނަގެ ދަރިންނަށް ހުއްޓުނެވެ. އޭނަ ޔަގީންކުރީ އިރުއޮއްސި އަނދިރިވާއިރު ހުރިހާ ދަރިންނާއި ކާފަދަރިން އެނބުރި އަންނާނެކަމުގައެވެ.އެކަމަކު އަންހެންދަރިއަކު ފެންނާން ނެތުމުން އެކަމާ ނުތަނަވަސްވިއެވެ. އެއީ އޭނަގެ އެންމެ ލޯބިވާ ދަރިއެވެ. ބަސްއަހާ މަޑުމައިތިރި އަންހެންކުއްޖެކެވެ. އިރުގަނޑެއްވާންދެން ހިމޭނުން އޭނަ އިނީ ދަރިފުޅު އަތުވެދާނެކަމަށް އިންތިޒާރުގައެވެ. ނަމަވެސް ވަގުތު ވޭތުވެގެން ދާން ފެށުމުން އަންހެނުންނަށް ގޮވައިލިއެވެ.

"މާރިއާ ކޮބައިތަ؟ "

"އެކުއްޖާ ނާދޭތަ؟ "އަންހެނުންވެސް ކޮށްލީ ސުވާލެކެވެ.

"ނެތް. ކޮންތާކަށް އޭނަ ދޫކޮށްފައި ތިއައީ؟ "ޝޭހު ސުވާލުކުރިއެވެ.

"ފަރުބަދަގަނޑުމަތީގައި ހުންނަ ގުދަނުގައި އޭނަގެ ބޭބެ ބުތުރަސް އާއެކު ކަންވާރުތައް ދޮވެ އެހެން މަސައްކަތުގައި އަވަދިނެތި އުޅުނީ.............."

"ބުތުރަސް....." ކުއްލިއަކަށް ކަމެއް ހަދާންވެގެން ކަހަލަގޮތަކަށް އެކަނބުލޭގެ ވަށައިގެން ހޯދައިލިއެވެ. ބުތުރަސް ދުވަމުން އައެވެ.

"ކޮއްކޮ ކޮބައިތަ؟ " އޭނަ އެހިއެވެ.

"ގުދަނުގައި އުޅުނު. ނާދޭތަ؟ " ބުތުރަސް ކަންބޮޑުވިއެވެ.

"ނާދޭ....."

މަންމަގެ އަނގައިން އެ ޖުމްލަ ބޭރުވުމާއެކު އޭނަ އެ ފަރުބަދަގަނޑާއި ދިމާލަށް ދުއްވައިގަތީ ދެފަޔަށް ބާރުލާފައެވެ." އަޅުގަނޑު ވަރަށް އަވަހަށް އެބައަންނަން...."

ބުތުރަސް އެހާ ހާސްވީ އޭނައަތުން އެކުރެވުނު މޮޔަކަން ހިތަށް އަރާފައެވެ. ކޮއްކޮ އެކަނިމާ އެކަނި ދޫކޮށްލާފައި އޭނަ އައިސްގެން ނުވާނެއެވެ.

އޭރު ހަނދު އަރައިފިއެވެ. އަނދިރިކަމުގެ ތެރެއަށް ޝަހަރު ގަންބާލައިފިއެވެ. މޭބިސްކަނދުރު ދަނޑުތަކުގެ ތެރޭގައި އޮންނަ ހަނި މަގުތައް ޗަކައާއި ވަޅުގަނޑުތަކާއި ގަސްތަކުގެ ގޮފިތަކުން ބައްދާލާފައި އޮތަސް އާއްމުކޮށް އެތާ މަސައްކަތްކުރާ މީހުންނަށް އެތަނުން ހިނގަން އެހާ އުދަުލެއްނޫނެވެ. ލޯ މަރާލައިގެންވެސް އެމަގުތަކުގައި އުޅެފާނެއެވެ. ބަތުރުސް ގޮސްފައި އަންނާނެހާ އިރުވެއްޖެއެވެ. ބަރު ހިތަކާއިއެކު އިންތިޒާރުގައި ތިބި މައިންބަފައިންނަށް އެއިން ކޮންމެ ހިދުކޮޅެއް ގަރުނެއްކަމުގައިވިއެވެ. ބުތުރަސްގެ ޚަބަރެއް ދަބަރެއްނުވިއެވެ. އެންމެފަހުން ޝޭޚުގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އިތުރަށް އެންމެ ސިކުންތަކަށްވެސް އިނުމަކީ ކުރެވޭނެކަމެއް ނޫނެވެ. ކަންބޮޑުވުމާއި ހާސްކަމާއެކު ޝޭޚު އަވަސްވެގަތީ ދަރިންގެ ޚަބަރެއް ބަލަން ދިޔުމަށެވެ. ބުތުރަސް ދިޔަ ގުދަނަށް ދާނެ އަވަސްމަގެއް ޝޭޚު ދަނެއެވެ. އެއީ ކޯރާއި ވީ ފަޅިންނެވެ.

    Please log in or register to bookmark.
    2k

    1 ޚިޔާލު

    1. މިސައިޓު މިއީ މިހާރު އެހެން ސައިޓު ތަކުގަ ހުންނަ ވާހަކަތައް އާކައިވް ކުރާ ސައިޓަކީތަ.

    ޚިޔާލު

    Your email address will not be published.