ކެނޯ ދަތުރު

ބައްޕަ ގާތު އެވާހަކަ ބުނެފިއްޔާ ހުއްދަ ނުދޭނެކަން ހަސަނަށް ޔަގީނެވެ.މަންމަ ވެސް ބުނާނީ އެހެނެވެ. ހަސަނަށް ފެނުނުގޮތުގައި ގޮތެއް ނިންމާނީ އޭނަ އަމިއްލައަށެވެ.

މެންދުރުވެގެން އައިއިރު ދިޔަވަރު ފޫދެމުންދިޔައެވެ.ވައި މަޑު އަވިގަދަ ދުވަހެކެވެ.ފަޅާ ގުޅިފައިވާ ވިލުދޮޅިން ފެންނަ ނޫފެހި ކުލަ ގަދަވަމުންގޮސް ގަދަ ނޫކުލައިގެ ކަނޑުތެރެއަށް އޮތީ އޮބައިލައިފައެވެ. ކުދިންތައް މޫދަށްއެރި ބަކަތަޅައި މަޖާކުރަމުންދިޔައެވެ. ފަޅުގައި އޮތް ބޮއްކުރައަކަށް އަރައި، މޮޅު ގޮތަކަށް މޫދަށް ފުންމައިލުމުގައި ހައެއްކަ ކުދިން ވާދަކުރަމުންދެއެވެ. އެ ކުދިންގެ އަޑު ބާރެވެ. އަތިރިމަތީގައި ކުޅެންތިބި ދެތިން ކުއްޖަކު ނޫނީ އެއްގަމުން ފެންނާކަށްނެތެވެ.

އަލިބެ ގޮނޑުދޮށަށް ފޭބިއިރު، ހަސަނާއި، މުނާޒު ދެފަލި ހިފައިގެން އައިސް ކާނިގަހާ އަރާ ހަމަވަނީއެވެ. އަލިބެ އެކުދިންނާ ސުވާލުކުރިއެވެ. ފަލިހިފައިގެން ތިޔަ ދަނީ ކޮންތާކަށް ހެއްޔެވެ؟ ހަސަނަށް ހުއްޓުންއެރިއެވެ. ނަމަވެސް އެއްޗެއް ނުބުނެއެވެ. ޖަވާބު ދިނީ މުނާޒެވެ."މިދަނީ ހަސަނުމެންގެ ކެނޯ ދުއްވަާލަންދާން" މިއީ ދިޔަވަރު ބޮޑުވަމުންދާ ވަގުތުކަމަށް ވާތީ، ކެނޯގައި ފަޅުން ބޭރަށް ނުނިކުންނަން އަލިބެ ލަފާދިނެވެ. އަލިބެ ދިޔައީ އެއްގަމަށެވެ. ދެ ކުދިން އެރީ ކެނޯއަށެވެ.

ކެނޯއަށް އަރައި ފަލިޖަހައި އޮޔާ ދެކޮޅަށް ތަންކޮޅަކަށް ދުއްވައިލިއެވެ. އޮއިވަރުގެ ބާރުމިން ޓެސްޓުކޮއްލިއެވެ. ދެ ކުދިންނަށް ގަބޫލުކުރެވުނީ ފަލިޖަހައިގެން އޮޔާ ދެކޮޅަށް ކެނޯ ދުއްވުމުގައި ދެ ކުދިންނަށް ކާމިޔާބު ވެއްޖެކަމަށެވެ.

ކެނޯ އަބުރައިލިއެވެ. ވަޔާއި އޮޔާ އެއްކޮޅަށެވެ. ރަށުގެ ފަޅުން ނުކުމެވިއްޖެއެވެ. ދެންއޮތީ ހަނި ކަނޑުއޮޅިއެވެ. ކަނޑުއޮޅި ހަނިވުމުން އެކަނޑުއޮޅިޔާ މެދު ކުދިން ބިރުވެރިކަމެއް ނެތެވެ. ކަނޑުއޮޅީ ގެ އަނެއް ފަރާތުގައި އޮތް ރީތި ރަށަށް ކެނޯގައި ދިއުމަކީ މި ދެ ކުދިންގެ ދިގުލީ އުންމީދެކެވެ. ވައިރޯޅިގެ އެހީތެރިކަމާއެކު މަޑުމަޑުން ފަލިޖަހައިފައި ގޮސް ފަޅު ރަށުގެ ދޮންވެލިގަނޑަށް ބީއްސައިލިއެވެ.

ޒަމާންވީ އުންމީދު ހާސިލްވީކަމުގެ އުފަލުގައި ދެ ކުދިންނަށް ސަލާންކުރެވުނެވެ. އެވަގުތު އެހީތެރިކަމުގެ ރާޅެއް އައިސް ކެނޯ އެއްގަމަށް ލައިފައި ފައިބައިގެން ހިނގައްޖެއެވެ. ދެ ކުދިންނަށް ވެސް ފެނުނީ މިއީ ވަރަށް "ސަޅި" ކަމެއް ކަމުގައިއެވެ. މޫސުމުގެ ރީތިކަމާއި ރާޅާއި ވައިގެ އެހީގައި ދަތުރު ކާމިޔާބުވުމުން ދެކުދިން ތިބީ އުފަލުން ފޮޅިފައެވެ. ކެނޯ އެއްގަމަށް ލުމަށްފަހު ރަށްވަށައި ބުރެއްޖަހައިލުމަށް ދެ ކުދިން ހިނގައިގަތެވެ.

ދުވަމުން ފުމެމުން ލަވަކިޔަމުން ދެ ކުދިން ރަށްވަށައި ހިނގަމުންދިޔައެވެ. ސާފު ވައިރޯޅިން ސިކުނޑި ތާޒާވަމުންދިޔައެވެ. މޫދުން ފެންނަ މެކުނާއި، ކަޅުއޮށާއި، ޅަ މިޔަރުތައް، ބިރެއް ނެތި އުފަލުގައި އުޅެމުންދިޔައެވެ. ހަލަވެލި ގަސްތަކުގެ ޅަކިރިތަކުން ދުވާ މީރުވަހުން ހިތް އުތުރިއަރަމުންދިޔައެވެ.

އިރުމަތި ފަރާތުން ރަށާ ދުރަށް ގުދުލައިފައިވާ ދޮންވެލި ތުނޑީގެ ބަނޑުދަށުގައި އޮތް ރީތި ވިލު އޮތީ ސްވިމިންގ ޕޫލެއްހެނެވެ. ދެ ކުދިންނަށް އެއްފަހަރާ ހަލޭއްލަވައިގަނެވުނެވެ. ދެފައިކުރިޔަށް ބާރިލައި އުދުހިފައި ގޮސް މޫދަށް ފުންމައިލިއެވެ. މި ރީތި މޫދު މިއަދު މިއޮތީ ދެ ކުދިންނަށް ހިތަކަށް ލިބިފައެވެ. މޫދުގައި އެކުދިން ބޭނުންވަރަކަށް ފީނައި ފަތައި، އުފާކުރިއެވެ. އެންމެފަހުން ވަރުބަލިވެ ފަންބޮވައިގަނެގެން އެއްގަމަށް އަރައިފިއެވެ.

ބޯނެ ފެންފޮދެއް ނެތެވެ. ދެފަސް ބެދުނު ހިސާބުގައި ވަޅުގަނޑެއް ކޮނެގެން ލިބުނު ފެންފޮދުން ދެ ކުދިން ކަރުހިއްކުން ފިލުވައިލިއެވެ. މީރު ނޫނަސް މިވަގުތު އޮތީ އެގޮތެވެ.

އަސުރުން އިރު ތިރިވެއްޖެއެވެ. ރަަށްމަތިން ދަމުން މާކަނައެއް ވަރަށް ބާރަށް ގޮވައިލިއެވެ. ދެ ކުދިން ދެ ކުދިންނަށް ބަލައި ލެވުނެވެ. ހިތައް އުނދަގޫ ގޮތްތަކެއް ވެއްޖެއެވެ. އިރުއޮއްސުމުގެ ކުރިން އެނބުރި ރަށަށް ދިއުމުގެ އިހުސާސްކުރެވިއްޖެއެވެ.

ގޮނޑޮދޮށަށް ލައްގައިފައިވާ ފުޅިއެއް ދޮވެގެން އެއަށް ފެން އަޅައިގެން ދެ ކުދިން ކެނޯއަށް އެރިއެވެ. ފަލިޖަހައިފައި ކަނޑުއޮޅިއަށް ނުކުތެވެ. ހާލަތުވަނީ ބަދަލުވެފައެވެ. އޮޔާއި މިފަހަރު އެ ކުދިންނާ އެހީތެރިއެއް ނޫނެވެ. ކަނޑުއޮޅީގައި އޮތީ ބޭރަށްދަމާ އޮއިވަރެވެ. އޮއިވަރު ބާރެވެ. ގައިގައިހުރި ހުރިހައި ބާރަކާއެކު ފަލިޖަހަމުން ވެސް ކެނޯ ކުރިޔަށް ދަނީ އޮޔަށް ހިފަމުން މާކަނޑަށް ދަމަމުންނެވެ. އިސާހިތަކު ދެ ކުދިން އަތްވާޅުވެއްޖެއެވެ. ނަމަވެސް ފަލިޖެހުން ހުއްޓިއްޖެނަމަ ދެން ވާނެ ގޮތް ދެ ކުދިންނަށް ވިސްނެއެވެ. ގަދަ ހިތްވަރާ އެކު ފަލިޖަހަމުންދިޔައެވެ.

ކެނޯ ކަނޑުއޮޅިން ބޭރުވެއްޖެއެވެ. އިރު ފެނަށް ތިރިވެއްޖެއެވެ. ރަށްތަކުގެ މަލަ ފުސްވާން ފަށައިފިއެވެ. ވައިރޯލިތައް ފިނިވާން ފަށައިފިއެވެ. ރަތްވިލާތަކުގެތެރެއިން ފެންނަ ބައްޓަންތައް ހަސަނަށް މާނަކުރެވެމުން ދަނީ ބިރުވެރި ސޫރަތަކެއްގެ ގޮތަކަށެވެ. ބޮލުގައި ދިގު ދެދަލު ހުރި އިންސާނެކެވެ. ދުވަހަކު ވެސް ނުދެކޭވަރުގެ ބުޅަލެކެވެ. ތަން މިނަށް އަނގަހުޅުވައިގެން އޮތް ސިންގާާއެކެވެ. ދޫ ނެރެގެން އޮތް ހަރުފައެކެވެ.

ހަސަނަަށް އަޑުވީއްލައި ރޮވިއްޖެއެވެ.މައިންބަފައިންނަށް ނާންގައި މި ދަތުރުކުރެވުނުކަމުގެ ހިތާމަ ވަކިން ބޮޑުވެއްޖެއެވެ. ސަލާމަތްވާނެކަނުގެ އުންމީދު ކުޑަވާން ފަށައިފިއެވެ.ހަސަނުގެ ލޮލުގައި ގިނަވަމުންދިޔަ ކަރުނަތައް ބޮޑު އެއް ތިއްކަށްވެގެން ކޯތާފަތްމަތީ ދެމިގެންފިއެވެ. އަތްތިލައިގެ ނުފުށުން ކަރުނަތިކި ފޮހެލިއެވެ.

ކަނު އަނދިރިކަން ދުނިޔެއަށް ގަދަވެގެންފިއެވެ. ރަށްތަކުގެ މަލަ އަނދިރިކަމުގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ. ދެ ކުދިންނަށް އެއްވެސް ރަށެށް ނުފެނެއެވެ.

ރަށުގެ އަތިރިމަތީގައި ދިއްލައިފައިވާ ބޮކިތަކުގެ އަލި ފަނޑު އުންމީދުތަކެއް ހެން ފެންނަން ހުއްޓެވެ. އެއީ ދެ ކުދިން ގެ ހުފަން ރަށެވެ. އެންމެ ފުރަތަމަ ނޭވާލެވުނު ބިމެވެ. ލޯބިވާ މައިންބަފައިންނާއި އާއިލާގެ މީހުން ތިބި ރަށެވެ. ކުޅެ މަޖާކަށް އުފާކުރި ފަސްގަނޑެވެ.

ހަސަނާއި މުނާޒު ގެއްލިއްޖެއެވެ. ގެޔަކަށް ނާދެއެވެ. ވީތަނެއް ނޭނގެއެވެ. ހޯދައިހޯދައި ނުފެނިގެން އެންމެފަހުން ކަމާބެހޭ ފަރާތްތަކަށް އެންގިއެވެ.

އަލިބެގެ ފަރާތުން އެނގުނު ގޮތުގައި ދެ ކުދިން ދިޔައީ ކެނޯ ދުއްވާށެވެ.ފަޅުތެރޭގައި ކެނޯއެއް ނެތެވެ.މުޅި ރަށް ބޮޑު ހިތާމައެއް ކުރިމަތިވެއްޖެއެވެ.

ކޯސްޓްގާރޑްގެ އިރުށާދާ އެއްގޮތައް ރަށުގެ ދޯނިފަހަރު މާކަނޑަށް ނުކުތެވެ. ކަން އެނގޭ ޒާތުގެ މީހުން އޮޔާއި ވައިގެ ބާރުމިން ލަފާކޮށް އޮއިވަރާއެކު ކެނޯ ގެންދާނެ މިސަރާބު ކިޔަމުންދެއެވެ.ނަމަވެސް މައްސަލަ އަކީ ކަނޑުއޮޅިން ކެނޯ ބޭރުވީ ވަގުތު ނޭނގުމެވެ.އެންމެންގެ ހެޔޮ ދުޢާތަކާއެކު ހުއްޓުމެއްނެތި މަސައްކަތްކުރަމުން ދިޔައެވެ.ކޯސްޓްގާރޑް މެރައިން ޕޮލިސްގެ އެހީތެރިކަމާއެކުގައެވެ.

އަލިހުރަސް ދޯންޏަށް ކެނޯ ފެނުނީ އެރޭ އެގާރަގަޑި ފަހެއްގައެވެ.ހަަސަނާއި، މުނާޒު ސަލާމަތުން ތިއްބެވެ.

  Please log in or register to bookmark.
  2k

  6 ޚިޔާލު

  1. މީ ވާހަކަ އިންނާނެ ގްރޭޑް 9 އެއްގެ ދިވެހި ދަރިވަރުންގެ ފޮތުގަ
   ؟ 😕
   އެކަމް ރީތި ވާހަކައެއް މީ 😊

   13
   1
  2. މީ ގްރޭޑް 9 ގެ ދިވެހި ފޮތު އޮތް ވާހަކަ އެއް ދޯ.....
   އެނީ ވޭސް ވަރަށް ރީތި🖤😁

  3. އަމިއްލަ އުފެއްދުމެއް ހަދާބަލަ ނަކަލު ކުރުމަކާއި ނުލާ

  ޚިޔާލު

  Your email address will not be published.