ހިތި މާޒީ

ރޭގަނޑުގެ ވަގުތެވެ. ވެހެމުން ދިޔަ ވާރެއަކަށް ނުބަލާ އަހަރެން މަގުމަތީގައި ދުވަމުން ދިޔައީމެވެ. އޭރު އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ވާރެއާއި އެކުވެ ފަރުދާ ވެފައިވިނަމަވެސް އަހަރެން ފެނުނު ކޮންމެ މީހަކަށް އަހަރެންގެ މޫނުމަތީގައި ވި ހިތާމަވެރިކަން ފާޅުކަޮށް އިނގޭނެވެ. ފެންބޮޑުވެފައިވި މަގުމަތީގައި އަހަރެން ދުވަމުން ދިޔައީ ރަށުގެ ތުނޑިއާ ދިމާލަށެވެ. ދިޔަގޮތަށްގޮސް އަހަންނަށް ހުއްޓިލެވުނީ މޫދު ކައިރީގައެވެ. މޫދުގައި ނަގަމުން ދިޔަ ބިޔަރާޅު ތަކަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު ވެލިގަނޑުމައްޗަށް ވެއްޓިގަތީމެވެ. އަމިއްލަ ނަފުސަށް އެފަދަ ބޮޑުގެއްލުމެއް ދިނުމަކުން ހުރިހާ ކަމެއްގެ ހައްލު ނުލިބޭނެ ކަން އަހަންނަށް ވިސްނުނެވެ.

ރޭގަނޑު ދެއެއްޖަހާ ބޮޑުވިއިރުވެސް އަހަރެން އެތާނގައި އިނީ ގެއަށް ދާން ބޭނުންނުވެފައެވެ. ރޮއެރޮގޮސް ދެލޮލަށް ތަދުވިނަމަވެސް ރުއިން ހުއްޓާލާނެ ގޮތެއް އަހަންނަކަށް ނޭނގުނެވެ. ހިތަށް ލިބިފައިވާ ފުން ޒަޚަމުން އިތުރުކަމެއްގެ މަތިން ހަނދާންވެސް ވާނީ ކިހިނެއް ހެއްޔެވެ؟.. އަހަރެންގެ ސިކުނޑީގައިވަނީ ދެންމެ ހިނގާ ދިޔަ ކަންތަކެވެ. އެކަންތަކުގެ މަތިން ހަނދާން ނައްތާލުމަށް ލޯމަރާލިނަމަވެސް ކުރިމައްޗަށް އެ މަންޒަރު ސިފަވަމުން ދިޔަކަހަލައެވެ.

އަހަރެން އޭނާ ކައިރިއަށް ދިޔައީ ކިހާ އުފަލުން ހުރެހެއްޔެވެ.. އަހަރެންނާއި ރައުލް ރައްޓެހިވެގެން އުޅޭތާ އަށް މަސްވުމުން އެކަން ފާހަގަކުރުމަށް ނުހަނު ޚާއްސަ ކޮށް އަހަރެން ހުރިހާކަމެއް ތައްޔާރު ކުރުމަށްފަހު އޭނާ ބަލައި ދިޔައީ ނުހަނު އުފާވެ ހުރެއެވެ. ނަމަވެސް އޭނާ އެހެން އަންހެން ކުއްޖަކާއިއެކީގައި ފެނުމުން އަހަންނަށް ހީވީ މުޅި ދުނިޔެ ހުއްޓުނުހެންނެވެ. އަދި އެއަންހެން ކުއްޖާއަކީ އަހަރެންގެ އެންމެ ގާތްރަހުމަތްތެރިޔާއަށް ވުމުން އަހަރެންގެ ސިކުނޑި ސުމަކަށް ދިޔަ ކަހަލައެވެ. އަހަރެންނަށް ކޮންމެ ކަމެއްވި ނަމަވެސް އަބަދުވެސް ގާތުގައި ހުންނަ، އަހަރެން އެންމެ އިތުބާރުކުރި ދެމީހުން އަހަންނަށް އޮޅުވާލީއެވެ.

ރައުލް ބުނެގެން އަހަރެން ނުކޮށްދެނީ ކޮންކަމެއްހެއްޔެވެ؟.. އަހަރެން ދުވަހަކު ޚިޔާލަށްވެސް ނުގެނެވޭފަދަ ކަންކަންވެސް ރައުލްގެ އެދުމަށް އަހަރެން ކޮށްދިނީމެވެ. އަހަރެން ކިތަންމެ ދަތިކޮށް އުޅުނަސް އޭނާ ބޭނުންވާ އެއްޗެއް އަހަރެން ހޯދައިދިނީމެވެ. ދުވަހަކުވެސް ލޯތްބާއި އަޅާލުން ފިޔަވައި އެހެންކަމެއް އަހަރެން އޭނާގެ ފަރާތަކުން ނޭދެމެވެ. ނަމަވެސް އަހަރެން ދޫކޮށްލާފައި ދިޔައިރު މިއިން އެއްވެސް ކަމެއް އޭނަގެ ހަނދާނުގައި ނެތެވެ. ކުރި ވައުދުތަކާއި ހުވާތައް ހަނދާނުން ފުހެވިއްޖެއެވެ.

އެ ދުވަހުގެ ފަހުން ވަރަށް ގިނަ ދުވަހު އަހަރެން ރައުލްގެ ހަނދާނުގައި ހޭދަކުރީމެވެ. ކޮންމެ ދުވަހެއް ނިމިދަނީ އޭނަގެ ހަނދާންތަކުގައި ކަރުނަ އަޅަނިކޮށެވެ. މިކަމުގައި އަހަންނަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔައެވެ. ރަނގަޅަށް ނުކެވުމުގެ ސަބަބުން އަހަރެންގެ ރީތި ހަށިގަނޑު ހިކެމުން ދިޔައީ ހީވެސް ނުކުރާހާ ހަލުވި މިނެއްގައެވެ. އެންމެން ތައުރީފު ކުރާ އަހަރެންގެ ދިގު އިސްތަށިގަނޑު ކޮށާލި އިރު އަހަންނަށް އެއްޗެއް ހިތަށްވެސް ނޭރިއެވެ. ހަމަ ނިދި ނުލިބުމުން އަބަދު ހުންނަނީ ވަރުބަލިވެފައެވެ. އެދުވަސްކޮޅު އަހަރެން މަސައްކަތްކުރަމުން ދިޔައީ ފިހާރައެއްގައެވެ. ނަމަވެސް މަސައްކަތަށް ރަނގަޅަށް ސަމާލުކަން ނުދެވުމުގެ ސަބަބުން އަހަރެން އެވަޒީފާއިން ވެސް ވަކިކުރީއެވެ. އެކަމުގެ ސަބަބުން އަހަންނަށް ޖެހުނީ ކިޔަވަން ރައްކާކޮށްފައި ހުރިތަނުން ރުފިޔާ ނަގާށެވެ.

މިގޮތުގައި ދިހަވަރަކަށް މަސް އަހަރެން ޑިޕްރެޝަންގައި ހޭދަކޮށްފީމެވެ. ގެއިން ބޭރަށް ނުނިކުންނަތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ހުރިހާ ކަމެއްގެ މަތިން ފޫހިވިއެވެ. ދުނިޔޭގައި ހުރުމުގެ ބޭނުމަކީ ކޮބައިތޯ ދުވާލަކު އެތަށް ފަހަރު އަހަރެންގެ ހިތަށް އަރައެވެ. އަމިއްލަ އަށް މަރުވާން އަހަރެންގެ ހިތަށް އަރާ ކިތަންމެ ފަހަރެއް ދެއެވެ. ނަމަވެސް ކޮންމެ ފަހަރަކު އެކަން ހުއްޓުވަނީ އަހަރެންގެ މަންމަގެ ވަސިއްޔަތެވެ. މަންމަ ބޭނުންވަނީ އަހަރެން ކާމިޔާބު މީހަކަށް ވުމަށެވެ. މަންމަގެ އެންމެ ފަހު ވަގުތުގައިވެސް އަހަރެން ކައިރީ އެ އެދުނު އެދުމަށް ފުރަގަސް ދެވޭނީ ކިހިނަކުން ހެއްޔެވެ؟..
އެހެންކަމުން އަހަރެން ހިތްވަރު ކުރީމެވެ. އަދި ރައުލް ފަދަ މީހެއްގެ މަތިން ހަނދާން ނުކުރުމަށް އަޒުމު ކަނޑައެޅީމެވެ. އަހަރެން ހިތްވަރުކޮށްފައި ރަނގަޅުވާން މަސައްކަތް ކުރީމެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ކޮންމެ ނަމާދެއް ބަރާބަރަށް އަދާކުރަން ފެށީމެވެ. އެއަށްފަހު ބޭރަށް ނިކުމެ މީހުންނާ ދިމާވެ ވާހަކަ ދައްކާ ހެދީމެވެ. ގަޑިންގަޑިއަށް ކައި، ނިދަން އާދަކުރީމެވެ. މި ކަންކަމުން އަހަންނަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އަހަރެންގެ ހިކި، ބަލިކަށިވެފައިވާ ހަށިގަނޑު މަޑުމަޑުން ފަލަވެ، ރީތިވާން ފެށިއެވެ. ބޭރަށް ނިކުމެލުމުން ހިޔާލުތަކާއި ދުރުވެ ހިތްހަމަ ޖެހުން ލިބެންފެށިއެވެ. އަދި އެހެން ފިހާރައަކުން އަހަންނަށް ވަޒީފާވެސް ލިބުނެވެ.

އެއް ދުވަހު ހަވީރުގެ ވަގުތެވެ. އަހަރެން އަސުރު ނަމާދު ކޮށްލުމަށްފަހު ނިކުތީ ހިނގާލުމަށެވެ. މަޑުމަޑުން އަހަރެންގެ ފިޔަވަޅުތަށް ރަށުގެ ތުނޑިއާ ދިމާއަށް އެނބުރިގެން ދިޔައެވެ. އަހަންނަށް ތުނޑިއަށް ދެވުނު އިރު އެތާނގައި ބައިވަރު މީހުން އުޅެއެވެ. އާއިލާ އާއި ނުވަތަ ރައްޓެހިންނާއި އެކީގައި ގޮސް ތިބި މީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ނަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އެންމެންނާއި ދުރުގައި ވަކިން އިން ކުއްޖެކެވެ.އަހަރެންނަށް ވުރެ ދެތިން އަހަރު ދޮށީހެން ހީވާ އެ ފިރިހެން ކުއްޖާގެ ކައިރިއަށް އަހަރެން ހިނގައިގަތީ އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ހިތާމަވެރިކަމުގެ ސަބަބުންނެވެ.

"ހޭ.. އާރ ޔޫ އޯކޭ؟.." އަހަރެން ޖެހިލުންވެ ހުރެ ނަމަވެސް މަޑުމަޑުން އަހާލީމެވެ. އެ ކުއްޖާ ސިހިފައި އަހަންނާ ދިމާލަށް ބަލާލިއެވެ. އަދި އެއްޗެއް ނުބުނެ އަވަސްއަވަހަށް ދުރުބަލާލީ އޭނާގެ ކަރުނަތަށް ފޮހެލަމުންނެވެ. "އައިމް އަފްޝާ.." އަހަރެން އެކުއްޖާގެ ކައިރީގައި އިށީނދެލަމުން ތައާރަފުވެލީމެވެ. "އައިމް.. ނާއިޝް.." އެކުއްޖާ މަޑުމަޑުން ބުނެލިއެވެ. އަހަރުމެން ވާހަކަ ދައްކަން ފެށީމެވެ. އަހަރެން ވަރަށް ގިނައިން އެހުމުން އޭނާގެ ހިތާމައިގެ ހަގީގަތް އަހަންނަށް ކިޔައިދިނެވެ. "މީގެ ހަފްތާއެއްހައި ދުވަސް ކުރިން އަހަރެންގެ މަންމަ ނިޔާވީ.. އަހަރެންގެ ބައްޕަ މަރުވީ އަހަރެންގެ ވަރަށް ކުޑައިރު.. މިހާރު އަހަރެންގެ އެއްވެސް މީހެއް ނެތް.." ނާއިޝް ގެ ކޯތާފަތްމަތި ކަރުނުން ތެމުނެވެ. "އައިމް ސޮރީ ފޮރ ޔޫ.. އައި ނޯ އިޓްސް ހާޑް.. އައިވް ގޯން ތްރޫ ދެޓް.. އަހަރެންގެ ވަރަށް ކުޑައިރު ބައްޕަ އަހަރުމެން ދޫކޮށްލާފަ ގޮއްސި.. އަހަރެންގެ އުމުރުން އެންމެ ބާރަ އަހަރުގައި މަންމަ ނިޔާވީ.. އޭގެ ފަހުން އަހަންނަށް އެހީވާން ތިބި މީހުން އަހަންނަށް އޮޅުވާލީ.. ބަޓް އައި ހޭވް މޫވްޑް އޮން..ސޯ ޔޫކެން ޓޫ.." އަހަރެން ނާއިޝް އަށް ހިތްވަރު ދިނީމެވެ. އެދުވަހު ގެއަށް ދިޔައިރު އަހަރެންނާއި ނާއިޝް ވަނީ ރަހުމަތްތެރިންނަށް ވެފައެވެ.
އޭގެ ފަހުން ކޮންމެ ދުވަހަކު އަހަރެން ނާއިޝް އާއި ވާހަކަ ދައްކަމެވެ. ނާއިޝް އަހަންނަށް ނުހަނު ހިތްހެވެވެ. އަހަރެން ދިން ހިތްވަރުން ނާއިޝް ވަނީ މިހާރު އެ ހިތާމަ ތަކާއި ދުރުވެފައެވެ.

އެއްދުވަހަކު އަހަރެން ފިހާރާގައި އިންދައި ނާއިޝްގެ މެސެޖެއް އަހަންނަށް ލިބުނެވެ. މިރޭ ބައްދަލު ކޮށްލަން ބޭނުންވާ ވާހަކަ ބުނުމުން އަހަރެން އެއްބަސް ވީމެވެ. އަހަރަމެން ދިޔައީ ރެސްޓޯރެންޓަކަށެވެ. "އަފޫ.. ތެންކިއު ފޮރ ސަޕޯރޓިން މީ އިން މައި ހާޑް ޓައިމްސް.. ޔޫ އާރ ދަ މޯސްޓް އަމޭޒިންގ ޕާރސަން އައިވް އެވާރ މެޓް.. އެންޑް ދަ ގްރޭޓެސްޓް ފްރެންޑް އައިވް ހޭޑް.. ބަޓް އައި ތިންކް އައި.. ހޭވް އަދާރ ފީލިންގްސް ފޯ ޔޫ.. ވިލް ޔޫ ބީ މައި ގާރލްފްރެންޑް.." ނާއިޝްގެ ބަސްތަކުން އަހަންނަށް ސިހުން ލިބުނެވެ. "އިފް ނޮޓް.. އައިމް ސޮރީ.. އައި ހޯޕް ވީ ކުޑް ސްޓިލް ބީ ފްރެންޑްސް..؟" އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިންނަން ފެށުމުން ނާއިޝް ބުނެލިއެވެ. އަހަރެން ވިސްނަން ވަގުތު ބޭނުންވާ ކަމަށް ބުނީމެވެ. އަދި ރެސްޓޯރެންޓުން ނިކުމެ ގެއަށް ދާން ހިނގައިގަތީމެވެ.

ގެއަށް ގޮސް އަހަންނަށް ވިސްނެން ފެށުނެވެ. ނާއިޝް އަށް އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟.. އާއެކެވެ. އޭނާ އަކީ ރީތި ކުއްޖެކެވެ. ގަދަނޫކުލައިގެ ފުން ދެލޮލާއި ރީތި ފަން އިސްތަށިކޮޅެއް ލިބިފައިވާ ނާއިޝް އަކީ ދިގު އިސްކޮޅެއްގެ ވެރިއެކެވެ. ނަމަވެސް މި ކަންތައްތަކަށް ބަލައިގެން ކުރިންފަހަރު ލިބުނުކަހަލަ ލަނޑެއް ލިބެންބޭނުން ނުވާތީ އަހަރެން ވިސްނަންފެށީމެވެ. ނާއިޝް އަކީ ނުހަނު ރަނގަޅު ކުއްޖެކެވެ. ރައުލް އާއި އަޅާ ބަލާއިރު އެތައްގޮތަކުން ނާއިޝް ރަނގަޅެވެ. އަހަރެން ކުރާ ކަންކަމަށް އެއްބާރުލުން ދީ އެހީތެރިވެދެއެވެ. އަހަރެންނަށް ނުހަނު ރަނގަޅަށް ކަންކަން ކޮށްދެއެވެ. އެއްވެސް ކަމަކާއި ހެދި ދެރަވެފައި ހުއްޓަކަނުދެއެވެ. އަހަރެންގެ ޑިޕްރެޝަންގެ ބޮޑުބައެއް ރަނގަޅު ވުމުގައި ނާއިޝްގެ އެހީތެރިކަން ލިބިފައިވެއެވެ.

ދުވަހަކުވެސް އެހެން ފިރެހެނަކަށް އިތުބާރު ނުކުރަން އަޒުމު ކަނޑައެޅި އަހަރެންގެ ހިތުގައި ނާއިޝް އާ ދޭތެރޭގައި އިތުބާރު އުފެދެން ފަށައިފިއެވެ. އަހަރެންނަށް ނޭނގި ހުރެވެސް ނާއިޝް ދެކެ ވެވެމުންދިޔައީ ލޯބިކަން ގަބޫލުކުރަން ޖެހުނެވެ. އެކި އެކި ޚިޔާލު ތަކުގައި އޮއްވައި އަހަންނަށް ނިދުނެވެ. ޖެހިގެން އައި ދުވަހު އަހަންނަށް ހޭލެވުމާ އެކީގައި ނާއިޝް މަތިން ހަނދާންވިއެވެ. އަދި ވަރަށް ގިނައިރު ވިސްނުމަށްފަހު އަހަރެން ނާއިޝް އަށް ދޭނެ ޖަވާބެއް ކަނޑަ އެޅީމެވެ. އަދި އަވަސްއަވަހަށް ފެންވަރާ ތައްޔާރު ވެލުމަށްފަހު އަހަރެން ހިނގައިގަތީ ފިހާރައަށެވެ. އަދި ނާއިޝް އަށް މިރޭވެސް އެ ރެސްޓޯރެންޓްއަށް ދިއުމަށް ބުނެ މެސެޖު ކޮށްލީމެވެ.

ރޭގަނޑުގެ ވަގުތެވެ. އަހަރެން ތައްޔާރުވެލައިގެން ނިކުމެ ހިނގައިގަތީ ނާއިޝް އާއި ބައްދަލު ކުރަން ދިއުމަށެވެ. "ސޯ....؟" ނާއިޝް އަހަރެންނާއި ދިމާއަށް ބަލާލަމުން އަހާލިއެވެ. "ޔެސް.." އަހަރެން ހިނިތުންވެލަމުން ބުނީމެވެ. އެވަގުތު ނާއިޝްގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމުން އެކަނިވެސް އޭނާގެ އުފާވެރިކަން އަހަންނަށް ވަޒަންކޮށްލެވުނެވެ.

އެދުވަހުގެ ފަހުން އަހަރަމެން އުޅެމުން ދިޔައީ ނުހަނު އުފަލުގައެވެ. ނާއިޝް އަކީ ނުހަނު އޯގާތެރި، ހިތްހެޔޮ އަދި އަހަރެންދެކެ ނުހަނު ލޯބިވާ ކުއްޖެކެވެ. ރައުލް އަހަރެން ލައްވާ ކުރުއްވިކަހަލަ އެއްވެސް ކަމެއް ނާއިޝް އެއް ނުކުރެއެވެ. އަހަރެންނަށް ނުހަނު އިހްތިރާމު ކުރާ، އަދި ލޯބިވާ ކުއްޖެއް ލިބުމުން އަހަރެން މާތް ރަސްކަލާނގެއަށް ޝުކުރުވެރިވަމެވެ.

އެއްދުވަހު އަހަރެން ނިދަން ކޮޓަރިއަށް ވަތްތަނާ އަހަރެންގެ ފޯނަށް ނުދަންނަ ނަމްބަރަކުން ގުޅިއެވެ. ދެފިކުރުމަތީގައި ހުރެފައި އަހަރެން ފޯނު ނެގީމެވެ. "ޝާއްކޮ.. އައިމް ސޮރީ.. އައި މިސް ޔޫ... އައި ސްޓިލް ލަވް ޔޫ.." އަހަންނަށް ސިހުމެއް ލިބުނީ ރައުލްގެ އަޑު އިވުމުންނެވެ. އަހަރެން ރައުލް އާ ވާހަކަ ދައްކަން ބޭނުން ނުވުމުން ފޯނު ބޭއްވީމެވެ. އަހަރެން މިހާރު އޭނާ ދެކެ ފޫހިވެއެވެ. ނަމަވެސް އަނެއްކާވެސް އޭނާ ގުޅި އެވެ. އަހަންނަށް ޖެހުނީ އެ ނަމްބަރު ބްލޮކް ކޮށްލާށެވެ. މިހާރު އަހަރެން އުފާވެރިކަމާއެކީގައި އުޅެމުން ދާތަން ފެނުމުން އަނެއްކާ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލާކަށް މަސައްކަތް ކުރާނިކަމެއް ނެތެވެ.

އޭގެ ދެމަސްފަހުން އަހަންނަށް އަށާރަ އަހަރު ފުރުމުން ކިޔެވުމަށް މާލެ އަށް ދިޔައީމެވެ. އަދި ލިބުނު ސްކޮލާޝިޕެއްގައި ޖެހިގެން އައި އަހަރު މެލޭޝިޔާ އަށް ދިޔައީ މެޑިކަލް ސްކޫލަކަށެވެ. އޭގެ ހަތް އަހަރު ފަހުން މިހާރު އަހަންނަކީ ކާމިޔާބު ސައިކޮލޮޖިސްޓެކެވެ. ސައިކޮލޮޖިސްޓް އަކަށް ވުމަށް އަހަރެން އިޚްތިޔާރުކުރީ ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އެހީތެރިވެދިނުމަށެވެ. އަހަރެންނަށް އެކަމުގައި ހުރި ވޭން ތަހައްމަލު ކުރަންޖެހިފައިވުމުން އެކަމުގައި ހުރި އުނދަގޫ އަހަންނަށް ވަރަށް ރަނގަޅަށް ވިސްނެއެވެ. އަހަރެންނަށް އެދުވަހު އެހީވާނެ މީހެއް ނެތެއް ކަމަކު އަހަރެން އެފަދަ މީހުންނަށް އެހީވަމުން މިގެންދަނީ އެފަދަ ކަމެއް އެހެން މީހަކަށް ދިމާ ނުވޭތޯ ދުއާކުރަމުންނެވެ.
ހޭލުންތެރިކަމެއް ނެތް އެތައްބަޔަކު ޑިޕްރެޝަންގައި އަމިއްލަ ފުރާނަ އަށް ގެއްލުންވާފަދަ ކަންކަން ކުރަމުން ދެއެވެ. ނަމަވެސް އަހަރެން އެދުވަހު އެފަދަ ކަމެއް ނުކޮށް ހިތްވަރާއިއެކީގައި މަސައްކަތްކުރެވުމުން މިއަދު އަހަރެން އުފާވެއެވެ. އަހަރެން އެކަމުން ސަލާމަތް ކޮށްދިނީ މަންމަ އަހަރެންދެކެ ވާ ލޯތްބެވެ. އަހަރެންގެ ލޯބިވާ މަންމަގެ ވަސިއްޔަތް ފުރިހަމަ ކޮށްދެވުނީތީ އަހަރެން އުފާކުރަމެވެ. އަހަރެންގެ މަންމަ މި ދުނިޔޭގައި ހުރިނަމަ އަހަރެންގެ ހިތްވަރާއި ކާމިޔާބީ އާ މެދު ފަޚުރުވެރިވާނެ ކަން ޔަޤީނެވެ.

ނާއިޝް އަހަންނަށް ޕްރޮޕޯޒް ކުރިތާ ތިން މަސް ވަނީއެވެ. ދެން އަންނަ ހަފްތާގައި އަހަރުމެންގެ ކައިވެނިކުރެވޭނެއެވެ. އަހަރެން މިހާރު މިހުރީ ވަރަށް އުފަލުންނެވެ. މުސްތަޤުބަލަށް ފޮނި އުންމީދުތަކެއް ކުރަމުން އަހަރެން އެންމެ ލޯބިވާ މީހާއާއެކު އާ ހަޔާތެއް މިފަށަނީ މާޒީގެ ހިތި ހަނދާންތައް ހިތުން ފޮހެލަމުންނެވެ.
-ނިމުނީ-

    Please log in or register to bookmark.
    3k

    21 ޚިޔާލު

    1. "ހިތި މާޒީ"މި ނަމަކީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދިވެހި ގަޑިއަށް ލިޔުނު ވާހަކައަކަށް ކީ ނަން.
      ވ.ރީތި

    2. ވަރަށް ރީތި. މާޝާﷲ🥰❤❤🥀

    3. ވަރަށް ރީތި ވާހަކައެއް
      ހަމަ އެންމެ މައްސަލައެއް ފެނުނީ
      ޕްރޮޕޯޒް ކުރިފަހުން 6 އަހަރު ކިޔެވި ވާހަކަ ބުނެފަ ފަހުން 3 މަހަށް ވީމަ

      1
      2
      • އޮހް.. 😅އެއީ ފަހުން މެރިޖް ޕްރޮޕޯސަލް.. 💍😅😊
        އެންޑް ތޭންކްސް.. ވަރަށް އުފާވެއްޖެ ވާހަކަ ރީތި ވީމަ..😊❤

    4. ވާހަކަ ވ.ރީތި. ކީޕް އިޓް އަޕް ފުރެންޑްގަނޑާ.

    5. ވަރަށް ރީތި 👍👍👍✔️✔️✔️❤️❤️
      މާޝާ ﷲ ❤️❤️❤️❤️❤️
      ކޭން ޔޫ ގިވް މީ ސަމް ރައިޓިން ޓިޕްސް؟☺️☺️🙂🙂

      • ކުޑަ މައްސަލަ އެއް ދިމާވެގެން މިއުޅެނީ.. މިއަންނަ މަންތް ގަ ހެން ހީވަނީ ޔަލާ ކިޔާލަން ލިބޭނީ.. 😔😔❤️

    ޚިޔާލު

    Your email address will not be published.