އެހެން ދުވަސްތަކެކޭ އެއްފަދައިން އިރު އެރުމާއެކު ގަސްތަކަށާއި މާތަކަށް އާރޯކަން ލިބޭ ފަދައިން އެކި މީހުން އެމީހެއްގެ މަސައްކަތް ފެށުމަށް ތެދުވެއްޖެއެވެ. ހެދނުނު މައިރާ އިބްރާހީމްއާއިި އަޙްމަދު ސުކޫލަށް ދިއުމުގެ ކުރިން ސައިހެދުމަށް ބަދިގެޔަށް ދާން ނިކުތް އަސްރާއަށް ހުއްޓެވުނީ ކުރިމަތީގައި ހުރި މީހެއް ފެނިފައެވެ.
" އަޙްސަން..؟ ބުނެވެސް ނުލާ... " އަސްރާ އެހެންޏާ ވެސް އަޙްސަނަށް ދައްކާ އެކްޓު ދައްކަމުން އަޙްސަންގެ ގާތަށް ހިނގައިގަތެވެ.
" ކޮބާ އިބްރާހިމްއާއި އަޙްމަދު.؟ " އަޙްސަން އެންމެ ފުރަތަމަ ވެސް އޭނަ ބުނަންވީ ބަސްތައް ބުނެލީ އަސްރާއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. އޭރު އޭނަގެ މޫނުމަތިން އަސްރާދެކެ އިންތިހާޔަށް ފޫހިވެފައިވާކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ.
" ވެއްޖެ ކޮޓަރީގައި.. ސުކޫލަށް ދާން އެއުޅެނީ.. އަންނަގަ އެތެރެއަށް... " އަސްރާ އަޙްސަން އެތެރެއަށް ވަންނަން ތަންދެއްކިއެވެ.
" އުހުން. މަށެއް ތިތާކަށް ނުވަންނާނަން. އަޙްމަދާއި އިބްރާހީމް ގާތުގައި ބުނެބަލަ ނިކުމެ ބަލާށޭ... " އަޙްސަން އަސްރާއާ ދުރަށް ހިނގައިގަނެފައި އޭނަ ގޮސް އިށީނީ ޖޯލީގައެވެ. އަސްރާ ވަކި އެއްޗެކޭ ނުބުނެ ދެބެންނަށް ގޮވުމަށްފަހު ހިނގައިގަތީ ދޮރާށިން ބޭރަށެވެ.
" ބައްޕާ... " އަޙްސަން ފެނުމުން އިބްރާހީމްއާއި އަޙްމަދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ސުކޫލަށް ދާން ތައްޔާރުވެގެން ޔުނީފޯމުގައި ތިބި ދެބެން ގޮސް އަޙްސަންގެ ގާތުގައި އިށީނެވެ.
" ބައްޕަ ނުވެސް ބުނަމެއްނު އަންނަ ވާހަކަ... " ހައަހަރަށްފަހު އަލަށް ބައްޕަ ފެނުމުން އިބްރާހީމްއާއި އަޙްމަދު ހުރީ އުފަލުންނެވެ.
" ދަރިފުޅުމެންނަށް ސަޕްރައިޒްއެއް މިދިނީ... މިއަދު ސުކޫލަށް ދާނެ ކަމެއް ނެތް. ބައްޕަ މިއުޅެނީ މިއަދު ދަރިފުޅުމެން ގޮވައިގެން މާލެ ދާން... މިހާރު މާލޭ ސުކޫލަށް ބަދަލުކުރަން ފޯމު ލައިފައި ވާނީ. މާދަމާގެ ވަގުތެއްގައި ހަމަޖެހުނު ސުކޫލެއް އެނގޭނެ.. ދެން އެއްޗެހި ބަދަލުކޮށް ހަދައިގެން ފޮއްޓަށް އެއްޗެހި އަޅައިގެން އަންނަން ދޭ... " އަޙްސަން ދެދަރިންގެ ބޮލުގައި ފިރުމާލިއެވެ.
" ދެން މަންމައާ ކޮއްކޮއާ؟ " އަޙްމަދު ހައިރާންވެފައި ސުވާލުކޮއްލިއެވެ.
" ދެމައިން ތިބޭނީ މިތާ... އިބްރާހީމް އަންނަ އަހަރު އޯލެވެލް ފެށެން ވާއިރަށް ދާން މިއުޅެނީ. ދެން މިދާއިރު އަޙްމަދު ވެސް ދިޔައީމަ ރަނގަޅުވާނީ. ކޮއްކޮއާއި މަންމަ މާލެ ގެންދާނީ އަދި ފަހުން... " ހުރި ހަމައެކަނި ދަރިންގެ ކުރިމަތީގައި އެދެކުދިންގެ މަންމައާ ކޮއްކޮއާ ބެހޭގޮތުން ހުތުރުކޮށް ވާހަކަދައްކާކަށް އަޙްސަން ބޭނުމެއް ނުވިއެވެ.
" ލައްބަ... ބައްޕަ ބުނުއްވި ގޮތެއް... " ބައްޕަގެ އެދުމަށް ދެކޮޅު ނަހަދައި ދެބެން ތައްޔާރުވާން އެތެރެއަށް ވަނުމާއެކު އަޙްސަން ލޯންޗުގެ ކައްޕިއަށް ގުޅާ މިދަނީ ކަމުގައި ބުނެލިއެވެ.
---
" ލީން ލޯހުޅުވަބަލަ... " އެނދުގައި ނިދިފައި އޮތް އަލައިނާއަށް އަޙްމަދު ގޮވާލިއެވެ. ނިދި މޫޑާ ހުރެގެން އަލައިނާ މޯޅިއަކަށް ދެމިލުމަށްފަހު ތެދުވެ އެނދުގައި އިށީނެވެ. އޭރު އިބްރާހީމް ވެސް އަލައިނާގެ ގާތުގައި ހުއްޓެވެ.
" ލީން ތޫބެއާއި ދޮންބެ މިދަނީ މާލެ ދާން އިނގޭ... މަންމަ ބުނާ ބަސްއަހައިގެން އުޅެއްޗޭ.. އިން ޝާ ﷲ ވަރަށް އަވަހަށް އަންނާނަން ލީން ބަލާ... " އިބްރާހީމް އަލައިނާގެ ހޭވިފައިވާ ދިގު އިސްތަށިގަނޑު އަތުން ފުނާ އަޅާލައިފައި ނިތައް ބޮސްދިނެވެ. އަލައިނާ ވަގުތުން ރޯންފެށީ އޭނަޔާ ދުރަށް ދެބޭބެ ދާން އުޅޭތީއެވެ.
" ލީން ފޫހިވާނެ އޭރުން... " ރޮމުން އަލައިނާ ބުނެލިއެވެ.
" ހައިފާއްތަވެސް އުޅޭނެއެއްނު.. ބަންދުވީމައި އަންނާނަމޭ... " ފެންކަޅިވެފައިވާ ދެލޮލުން އަޙްމަދު އަލައިނާއަށް ބަލާލަމުން ހުރި ހަމައެކަނި ކޮއްކޮގެ ގައިގައި ބައްދާލިއެވެ. އަދި އަލައިނާ ބޯޖަހާލުމުން އޭނަ އެފުށް ދެކޮލުގައި ކޮއްޓާލިއެވެ.
" ކޮބާ ދަރިފުޅުމެން އަދި ނުނިމޭތަ؟ " އަޙްސަން ލަސްވެގެން ގޮވާލުމާއެކު ދެބެން އަލައިނާ ބަހައްޓާފައި ހިނގައިގަތީ ބޭރަށެވެ. އަލައިނާ ވެސް އެނދުގައި ނީންނަންވެގެން އެދެބެންގެ ފަސް ފަހަތުން ބޭރަށް ނިކުތެވެ.
" ދަރިފުޅުމެން ދޭ ބަނދަރަށް. އެތާ އޮންނާނެ ޝަހީދުބެގެ ލޯންޗު. އެއަށް އަރައި. ބައްޕަ އަދި މަންމައާ ވާހަކައެއް ދައްކަން އެބަ އޮތް. ލަހެއް ނުވާނަން... ދަމުން މަންމަވެސް ގޮވައިގެން ދާނަން ފުރުވަން.. " އަޙްސަން ބޭނުންވީ ދެބެން އެތަނުން ފޮނުވާލާށެވެ. އިބްރާހީމްއާއި އަޙްމަދު ވަކި އެއްޗެކޭ ނުބުނެ ބޭރަށް ހިނގައިގަތެވެ.
" ބައްޕާ... " އަޙްސަން ދެބެން ދާތަން ބަލަން ހުއްޓާ ގޭތެރެއިން ނިކުތް އަލައިނާ އޭނައަށް ގޮވާލިއެވެ.
" މަށަކަށް ބައްޕަ ގޮވާނެ ކަމެއް ނެތް. މަމީ ކަލޭ ބައްޕައެއް ނޫން... އެތެރެއަށް ވަދޭ.. މަށެއް ބޭނުމެއް ނޫން ކަލެޔަށް ބަލާކަށް ވެސް... "
އަޙްސަން ވަގުތުން އެތިވަރު ގޮވައިގަތުމުން އަލައިނާ އަޑުން އަޑުނަގައި ރޯންފެށިއެވެ. ދޮރާށިން އަސްރާ ވަދެގެން އައީ އެވަގުތުއެވެ.
" ރުއިމެއް ރޯނެކަމެއް ނެތް. އެތެރެއަށް ވަދޭ!! " އަސްރާގެ އަޑު އަޙްސަންގެ އަޑަށްވުރެ ދެގުނަ ހަރުކަށްޓެވެ.
" ކޮބާ ދެމިހުން؟ " ދެބެން ކޮބާތޯ އަސްރާ އަޙްސަންކުރެ މަޑުމަޑުން ސުވާލުކުރިއެވެ.
" އެދިޔައީ ބަނދަރަށް. އަހަރެން މިދަނީ އެމިހުން ގޮވައިގެން މާލެ ދާން. " އަޙްސަން ޖަވާބުދިނެވެ.
" މާލެ ގެންދަންށޭ؟ އަޙްސަން ކީކޭ ހިތަށް އަރައިގެން އަހަރެން ގާތުގައި ވެސް ބުނެނުލާ އެދެކުދިން ތިމާލެ ގެންދަނީ؟ " އަސްރާގެ އަޑު ވަގުތުން ހަރުކަށިވެގެން ދިޔައެވެ.
" ކަލޭގެ ތިލަދު ހަޔާތް އެދެކުދިންނަށް ނުދައްކަން. އެމިހުންވެސް އެހެން އުޅެދާނެތީވެ އަވަހަށް ކަލެޔާ ދުރަށް ގެންދަން މިއުޅެނީ... " އަޙްސަންގެ އަޑުގައި ރަހުމެއް ނެތެވެ.
" އާޗާ... ހިތުން ތިކުރަނީ މާރީތިކަމެއްތަ؟ ހަމަ ހުރެފައި މަޔަކާ ދަރިޔަކު ދުރުކުރީމަ އާއިލާއަށް ވާނެ ގޮތް އިނގޭތަ؟ " އަސްރާ ހަޅޭލަވައިގަތެވެ.
" ކޮން އާއިލާއެއް؟ އަސްރާ ނަހަލާލު ގޮތުގައި ދަރިޔަކު ހޯދިފަހުން މިއީ މިހާރު އާއިލާއެއް ނޫން. އަސްރާ ތިހިރީ މިއަދުން ފެށިގެން ވަރިކޮއްފައި.. " ދަރިންނަށްޓަކައި ވެސް އަޙްސަން ނުބުނަން ހުރެފައި ވެސް އަނގައިން އެބަސްތައް ބޭރުވީ އަސްރާދެކެ އާދެވުނު ރުޅިގެ ސަބަބުންނެވެ.
" މަށަށް ހެޔޮ މަވަރިކުރިޔަސް. މަށެއް ކޮންމެހެން ބޭނުންވެގެނެއް ނޫން އަޙްސަނަކާ އިނީކީ.. ދާން އުޅޭ.. ނުކުމޭ މިތަނުން... ދެދަރިންވެސް ގެންދޭ.. " އަސްރާ އެހެން ބުނުމަށްފަހު ހަރު ހިނގުމުގައި ހިނގައިގަތީ އެތެރެއަށެވެ. އޭނަ ބޭނުންވީ މިނިވަންކަންމަތީ ފުއާފްއާއެކު ދިރިއުޅޭށެވެ.
” އޭތް! ދަންޏާ މިވެސް ގޮވައިގެން ދޭ!! ” އަސްރާ ގޭގެ އޮޅިގަނޑުުން ބޭރަށް ހައަހަރުގެ އަލައިނާ ކޮއްޕާލިއެވެ. އެއާއެކު މެދުގޯތީގައި ހުރި އަޙްސަންގެ ދެލޯ ވަގުތުން ބޮޑުވެގެން ދިޔައެވެ. ވީތަދުން އަލައިނާ ވަގުތުން ރޮއެގަތުމާއެކު އަސްރާ އަލިފާންކަނި އަރަމުން ދިޔަ ދެލޮލުން އެކުޑަކުޑަ މައުސޫމް ކުއްޖާއާ ދިމާއަށް ބަލާލިއެވެ.
” ކޮން ރުއިމެއް ރޯކަށް؟ ކަލޭގެ ސަބަބުންނޭ މަށަށް މިހުރިހާ ވޭނެއް މިލިބެނީ! ” އަސްރާ އައިސް އަލައިނާގެ މޫނަށް އެތި ފަހަރެއް ވީއްލާލީއެވެ. އެއާއެކު އަލައިނާގެ އެރުއިމުގެ އަޑު ގަދަވެގެން ދިޔައެވެ. ގޭތެރޭގައި މާ އަޑުގަދަވެގެން ޖެހިގެން ހުރި ގޭ ލަތީފާގެ އާއިލާ ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އައިސް އެގެޔެއަށް ވަނެވެ. އޭރު އެހިސާބުގަނޑު އެތައް ބަޔަކު އެތަނަށް އެއްވަމުން ދިޔައެވެ.
” ބަލަ މަގޭ ލޭ ނަމަތާ ތިގެންދަނީ.. ކޮންމެހެން މަށަކަށް އަމިއްލައަށް ބުއި ބޮނޑީގެ ހަދިޔާ ދޭނެ ކަމެއް ނެތް.. މަގެންދާނީ މަގޭ ދަރިން! ” އަޙްސަން ވެސް ވަކި ދުލެއް ނުކުރެއެވެ.
” ބަލަ މި ކަލޭގެ އެއްޗެކޭ! މިގެންދޭ! އޭރުން މަށަށް މިމުސީބާތުން ސަލާމަތްވެވޭނީ.. ” އަސްރާ އަލައިނާގެ ކޮނޑުގައި ހިފާ ރަހުމެއް ނެތް ގޮތަކަށް އުފުލާލާ އަޙްސަންއާއި ދިމާއަށް ކޮއްޕާލިއެވެ.
” އަސްރާ… ހެޔޮ ނުވާނެ ތިހެން ހަދަން އެތުއްތު ކުއްޖާއަށް..” ލަތީފާ ވަގުތުން އަލައިނާ ހިފާ ގެނެސް އޭނަ މެޔާ ލައި ބޮނޑިކޮއްލިއެވެ.
” ކޮންމެހެން މާ ގަދަވެގެން މަވާވައްދަން އުޅޭނެ ކަމެއް ނެތް! ދުވަހެއްގެ ކޮޅުން ވެސް ދެން މަށަށް ކަލެޔާ އަދި ކަލޭގެ ތިޔޮތް ދަރި މަށަށް ފެނިގެން ނުވާނެ!! މަހޯދަން ދެން ނޫޅޭތި! އިބްރާހީމްއާ އަޙްމަދުވެސް ހޯދަން ނޫޅޭތި!! ” އަޙްސަން އޭނަ ބޭނުންވާ އެއްޗެއް ބުނުމަށްފަހު ގެއިން ނިކުތެވެ. އަސްރާ އައި ރުޅިން ކައިރީގައި ހުރި ގޮނޑި ނަގާ ބިންމައްޗަށް ޖަހާފައި އެތެރެއަށްވަދެ ގަދައަށް ދޮރު ޖެހިއެވެ.
” މަންމާ… ” އެމައުސޫމް އަޑުން އަލައިނާއަށް ގޮވާލެވުނީ އޭނަގެ އަސްރާއަށެވެ. އެމައިމީހާ އޭނަ ދެކެ ކިތަންމެ ލޯބި ނުވި ކަމުގައި ވިޔަސް އޭނަ އެމައިމީހާދެކެ ލޯބިވެއެވެ.
” ހުއްޓާލާ ދަރިފުޅާ.. ހިނގާ އަވަހަށް ބޭސް އަޅަން ދާން.. ” ލަތީފާ އެނިކަމެތި ހަށިގަނޑުގެވެރި އަލައިނާ އުރާލައިގެން އެގެއިން ނިކުންނަން ހިނގައިގަތް އިރު އެތާ ތިބި އެތައް ބަޔަކު އަސްރާގެ ނުބައި ވާހަކަ ދައްކަމުން ގެއިން ނުކުންނަނީއެވެ.
” ލީން! ނުރޮއެ ހީލަބަލަ… ” ވަރުދެރަވެ ދެލޯ މެރެމުން ދިޔަ އަލައިނާއަށް އެއްލި ކަޅިއަކުން އެއްކަލަ ޒުވާނާ ފެނިލިއެވެ. މޫނު ވަކި ނުވަނީސް އޭނަގެ ދެލޯ މެރިއްޖެއެވެ.
ނުނިމޭ
ހަމަ ގްރޭޓް އޭޒް އޯލްވޭސް.. ވެއިޓިނގ 4 ނެކްސްޓް ޕާޓް ކިއުރިއަސްލީ
ވަރަށް ސަޅި...... ލޮވްއިޓް❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ވަރަށް ސަޅި...... ލޮވްއިޓް❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ވަރަށް ރީތި😊 ކޮންއިރަކު ނެކްސްޓް ޕާރޓް
ކޮންއިރަކު އަނެއް ބައި އަންނަނީ..؟؟؟😢 ކާންޓް ވެއިޓް!!!
އަމް އެކްޗުއަލީ ގެޓިނ ބޯރްޑް ނައު. ކޮޒް އިޓްސް ޓޭކިން ޓޫމެނީ ޑޭސް......!
އަމް އެކްޗުއަލީ ގެޓިނ ބޯރްޑް ނައު....!! ކޮޒް އިޓްސް ޓޭކިން ޓޫމެނީ ޑޭސް......
އަމް އެކްޗުއަލީ ގެޓިނ ބޯރްޑް ނައު....!! ކޮޒް އިޓްސް ޓޭކިން ޓޫމެނީ ޑޭސް......
އަދިވެސް އަނެއް ބައި ނަަދެ؟ 😭😭
އަނެއް ޕާޓް ގަ ވާނީ ކިހިނެއް ކަން ވެސް ނޭނގެ😅
ކޮން އިރަކުން އަނެއް ޕާޓް ނިކުންނާނީ؟❤️
މައި ފޭވް ސްޓޯރީ❤ ވަަރަށް ރީތި
ކޮންއިރަކު އަނެއް ބައި