އަވައްޓި ދައިތަ

ނޯޓް: މިއީ އަޅުގަނޑުގެ ރަށް ޅ.ހިންނަވަރުގައި މީގެ އަހަރުތަކެއް ކުރިން ހިނގައިފައިވާ ކަމަށް ބުނެވޭ ޙާދިޘާއެކެވެ. މިއީ ހަޤީޤީ ޙާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެވޭ ވާހަކައެކެވެ. ނަމަވެސް މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލު ނަންތަކެއް ނޫނެވެ.

ޒަމާނަކީ މަސްވެރިކަންކޮށްގެން ގިނަ ބަޔަކު ކައިބޮއެ އުޅޭ ޒަމާނެކެވެ. ހަމަ އެހެން މީހުންނެކޭ އެއްފަދައިން އަލީވެސް ކައިބޮއެ އުޅެނީ މަސްވެރިކަންކޮށްގެން ލިބޭ މުސާރައިންނެވެ. އާދައިގެ މަތިން މިއަދުވެސް އަލީ ފަތިސް ނަމާދުކޮށްގެން މަހަށްދާ މީހުންނާއިއެކު މަހަށް ދާން ދޯންޏަށް އެރިއެވެ. ދޯންޏަށް އެރުމާއިއެކު ދޯނި ރަށުގެ ފަޅުން ނިކުމެ މާކަނޑަށްވަނެވެ. އަލީމެންގެ ދޯނި ލެފިއިރު އިރުއޮއްސި ހައެއް ޖަހާ ބޮޑުވެއްޖެއެވެ. ދޯނީގައި ތިބެގެން މަސްތައް ބަހައިލުމަށްފަހު ކޮންމެ މީހަކުވެސް މިސްރާބުޖެހީ އެމީހެއްގެ ގެއާއި ދިމާއަށެވެ. އަލީވެސް ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ. ގެއަށް ދެވުނުއިރު އަލީ ހުރީ ވަރުބަލިވެފައެވެ. ނަމަވެސް ކަށިން ހިތްވަރު ނެރިގެން އޭނާ މަސްތަކުގެ ރޯ ފިލުވިއެވެ. މަސްކަނޑާ ނިންމައިފައި އަލީ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އަހަރެން ހިތަށް އަރާ ކެއްކުމަށް މިދުވަސްކޮޅު މީހަކު އެހީތެރިވާނަމައޭ! އަހަރެންނާ ޒައިނަބާ އެކަނި މިކަން ކުރާނީ ކިހިނެތް؟ އެހީވެދީފިނަމަ އަހަރެންވެސް އެމީހެއްގެ ބަނޑުފުރޭވަރު ކޮށްދޭނަމޭ.." އެކަނިމާއެކަނި ވާހަަކަ ދައްކަމުން ދައްކަމުން އަލީ އެތެރެއަށްވަނެވެ. އެއިރު ޒައިނަބުހުރީ ކާން ހަދާފައެވެ.

"ޒައިނަބޫ.. ކޯއްޗެއްތަ ކާންހުރީ؟" މޭޒު މައްޗަށް ބަލައިލަމުން އަލީ އަހައިލިއެވެ.

"ތިހުރީއެއްނު ބަތާ ގަރުދިޔައާ ހަދާފަ. ލޮލަށް ނުފެންނަނީތަ؟" ޒައިނަބު އިށީންނަމުން ބުންޏެވެ. ދެމީހުން ވާހަކައިގައި ކައި ނިންމައިލިތަނާހެން ބަދިގެ

ފަރާތުން ތެލިތައް ތަޅުވާ އަޑު އިވެން ފެށިއެވެ. އަލީ އާއި ޒައިނަބު ގޮސް ބަލައިލިތަނާ ފެނުނީ ވަރަށް އާދައާއި ޚިލާފު މަންޒަރެކެވެ. ބޯ ހާވައިލައިގެންހުރި ކަޅު އަންހެނަކު މަސްކެއްކުމާއިގެން އަވަދިނެތި އުޅެމުން ދިޔައެވެ. އެމީހާގެ ދެލޯވެސްހުރީ ކުޑަކޮށް ދިއްލިފައެވެ. ޒައިނަބު ތުރުތުރު އަޅާ އަޑަކުން ތިއީ ކާކުތޯ އެހި ނަމަވެސް އޭނާގެ ފަރާތަކުން ޖަވާބެއް ނުލިބުނެވެ. އަލީ އާއި ޒައިނަބު ބިރުގަނެފައިހުރި ވަރުން އެތެރެއަށްވަދެ ތިއްބާ ކޮންމެވެސް މީހަކު ގޮވައިލި އަޑު އިވުނެވެ.

"މިހުރީ މަސްކައްކާ ނިންމާފަ. ތެލިތައްވެސް ދޮވެ ސާފުކޮށްފަ. ބަދިގެތެރެވެސް ސާފުކޮށްފަ. އަހަރެން މިދަނީ މިތަނުން މަހުގެ ބޮލަކާ ކަށިފޮއްޗަކާ ބަނޑައިދުލަކާ ހާމަސްކޮޅެއް ހިފައިގެން. އެއީ އަހަރެންގެ ދަރީގެ ކޮއްތު." އެމީހަކު ބުނާ އަޑު އިވުނެވެ.

އަލީ އާއި ޒައިނަބު ޙައިރާންވެ ތިބެފައި ބަދިގެ ފަރާތުން އަޑެއް ނީވުމުން ބަލައިލަން ދިޔައެވެ. އެއިރު ހުރީ ހުރިހާ މަހެއް ކައްކައި ނިންމައިފައެވެ. އަދި މަސްތައްލުހެ ދުމަށި މަތިޖަހައި ކެއްކި ގަރުދިޔަ ލޯގަނޑުވެސް ރީިތިކޮށް މަތިޖަހައި ހުރިހާ ތެނެއް ސާފުކޮށް އުކައިލާން ޖެހޭ ތަކެތި އުކައިލާފަައެވެ. އަލީމެން ތިބީ ޙައިރާންވެ އަދި އެހާމެ އުފާވެސްވެފައެވެ. ކޮންމެއަކަސް ކޮންމެ ދުވަހަކު މިކަން ތަކުރާރުވާން ފެށިއެވެ. މިކަމުގެ ޙިލަމެއް ރަށުގެ އެއްވެސް ރައްޔިތަކަށް ނުވެއެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު އަލީ ބަލިވެއްޖެއެވެ. އެހެންކަމުން އެދުވަހު އަލީގެ ރަހުމަތްތެރިއެއް މަހަށްގޮސް އަލީއަށްވީ ބައި ހިފައިގެން އައިސް މަސްކަނޑާހަދައި ލޭފެންއެތި ބަދިގެ ފަރާތުގައިހުރި ފަތްބޮނޑި އެއްޗެއްގެ މައްޗަށް އުކައިލިއެވެ. އިރުކޮޅެއް ފަހުން އަންހެނެއްގެ ގިސްލުުމުގެ އަޑު އިވެން ފެށުމުން އަލީ އާއި ޒައިނަބު ގޮސް ބަލައިލިއެވެ. ފެނުނު މަންޒަރުން ދެމީހުންގެ ފައި ދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. އެދެމީހުންނަށް ފެނުނީ އެއްކަލަ އަންހެން މީހާގެ އުނގައްލައިފައި އޮތް ކުޑަ ކުއްޖެކެވެ. އެއަންހެން މީހާ ދިޔައީ ރޮމުންނެވެ. އެ ކުޑަ ކުއްޖާ ހުރީ ތެމިފައެވެ. އެކުއްޖާ ހީކަރުވައިގަނެފައި ހުރިވަރުން އެކުއްޖާގެ ދަތްދޮޅި ތުރުތުރު އަޅައެވެ.

"އަހަރެންނަކީ އަވައްޓި ދައިތަ. އަހަރެން މިގެއަށް އަންނަން ފެށީ އަލީ އެހީތެރިވާނެ މީހަކު ބޭނުންވާ ވާހަކަ ދެއްކުމުން. އަދި އެހީވުމުން ބަނޑުފުރޭވަރު ކޮށްދޭނަމޭ ބުނީމަ. އަހަރެން މިގޭގަ އުޅުނީ އުފަލުން. އަހަރެން މިގެއަށް އަންނައިރު އަންނަނީ އަހަރެންގެ މި ދަރިފުޅު ގޮވައިގެން. އައިސް ބައިންދަނީ ބަދިގެ ފުރަގަހުގަ އެހުންނަ ފަތްތަކު ތެރޭގަ. ކައްކައި ނިންމާފަ އޭނާ ގޮވައިގެން ދަނީ. މިރޭ މިގެއަށް އައި މީހާ އެދިޔައީ ލޭ ފެންއެތި އަޅައިލައިފައި. މި ކުއްޖާ އެއޮތީ ހުންއައިސްގެންގޮސް ރަތްވެފައި. އަހަރެމެންނަކީވެސް ހަމަ މާތްﷲ ހައްދަވައިފައިވާ މަޚްލޫޤުންތަކެއް. ކަލޭމެންނަށް ކޮންމެ ވަގުތަކު އަހަރެމެންނަށް ނުފެނުނަސް އަހަރެމެންނަށް ގެއްލުންނުވާނެ ގޮތްތައް ދީނުގައިވަނީ އަންގަވައިފައި. ބިސްމި ކިޔައިފައި އެއްޗެހި އުކާނަމަ އަހަރެމެންނަކަށް މިކަހަލަ ގެއްލުމެއް ނުވާނެ. އަހަރެން ދެން މި ދަނީ. ދުވަހަކުވެސް ނާންނާނަން." މިހެން ބުނުމާއިއެކު އަވައްޓި ދައިތައާއި އެ ކުޑަ ކުއްޖާ ގެއްލުނެވެ.

އޭގެ ފަހުން އަވައްޓި ދައިތައެއް ނުފެނެއެވެ. ކުރީގައި ގޮތަށް އަލީމެންނަށް މަސައްކަތް ބުރަވިއެވެ. އަދި މިކަމާ މިދެމީހުން ވަރަށް ދެރަވިއެވެ.

- ނިމުނީ -

އުންމީދުކުރަނީ މިއީވެސް ކިޔުންތެރިންނަށް ކަމުދިޔަ ވާހަކައެއް ކަމަށް. 🙂

    Please log in or register to bookmark.
    2k

    9 ޚިޔާލު

    1. މިއީ އަޅުގަނޑުގެ ކާފައަކަށް ދިމާވި ކަމެއް. އަސްލު ވީގޮތުގައި ޖިންނި ނުފެންނަ ކަމަށްވަނީ. އެއްވެސް މީހެއް ފެންނަން ނެތި ގޭގެ ކަންތައް ކޮއްދީފައި ހުންނަނީ. ބަދިގެ ފަރާތުގައި އުޅޭ ވަގުތު ނުބަލަން ބުނެފަ އޮންނަނީ. އެއްދުވަހަކު ބަޔަކު ފާތިހާ ކިޔަވަން ކަންނޭނގެ އެގެޔަށް ދިޔަ ވަގުތު އަވައްޓެހި ޖިންނި ގުންފައި ޖަހާފަ ހިނގާފަ އަންނަ އަޑު އިވިގެން އެގެޔަށް އައި މީހަކު ފޮތިގަނޑު ހިއްލާފަ ބެލީކަމަށްވަނީ. އެހިސާބުން އޭތި ގެއްލުނީ ކަމަށްވަނީ. އަލްޙަމްދުލިﷲ

    2. ރީތި. ދިގު ކުއްލި ނަމަ ވަރަށް ރީތި ވީސް

    3. ރީތި. ދިގު ކޮއްލި ނަމަ ވަރަށް ރީތި ވީސް.

    4. މިއީ އަޅުގަނޑުގެ ތިމާގެ މީހުން އުޅެމުން ދިޔަ ގެއެއްގައި ، ކުރިން ވީކަމެއް
      މަސް ގެނެސް ބަހައްޓާއިރައް އިސްތަށިގަނޑު ދިގު މީހުން ތަކެއް އައިސް މަސް ކައްކާނެ
      އެއީ އަވައްޓެރި ޖިންނި ކަމަށް ވަނީ

    5. މިރަށު ވެސް ކުރިގަ ތިކަހަލަ ކަމެށް ހިގި ކަމަށް ވޭ 😀😁
      ސޯ އައި ޑޯން ތިންކް އޮންލީ ނައިފަރުގަހެން މިކަހަލަ ކަމެއް ހިގާފަ މި ވަނީ 😐😐😐😉😉😉
      ބައިދަވޭ މި ވާހަކަ ވ ވ ވ ވ ވ ރީތި 😝😝😝
      އަފްޝީން ގެ އެހެން ވާހަކަ އަކައް އިންރިޒާރު ކުރަން😘😘😘

    6. ޅ ހިންނަވަރު *
      ސޮރީ މިސްޓޭކް އެއް😁😁😁

    ޚިޔާލު

    Your email address will not be published.