ހަންޑިގަނޑުވަރު ދޮންކަމަނަ

ހަންޑި ގަނޑުވަރު ދޮންކަމަނަގެ ވާހަކައޭ ބުނުމުން ހަމަގައިމުވެސް ގިނަމީހުންނަކަށް ނޭނގިނުދާނެއެވެ.

މި ވާހަކައަކީ ދިވެހިންގެެ ތެރޭގައި މަޝްހޫރުވި ވާހަކައެކެވެ. ހަންޑި ގަނޑުވަރު ދޮންކަމަނަގެ ފިލްމުތަކަކީވެސް މީހުންގެ މަގުބޫލުކަން ހޯދާފައިވާ ފިލްމުތަކެވެ. ކިޔުންތެރީންނޭވެ. މިފަހަރު އަހަރެން މިއުޅެނީ މި ވާހަކަ ކުޑަކޮށް ތަފާތު ކޮށްލަންވެގެންނެވެ.

މަލިކާއަކީ ރަށުގައިހުރި ގުނާލެވޭވަރުގެ ރީތި ކުއްޖެކެވެ. ށ.ކޮމަންޑޫއަށް ނިސްބަތްވާ އުމުރުން ވިހި އަހަރުގެ މި ހޫރުޕަރީއެއްފަދަ އަންހެންކުއްޖާއަށް އެރަށުގެ އެތައް ހުސްހަށިބައި ޒުވާނުންގެ ނަޒަރުވަނީ ހުއްޓިފައެވެ. ނަމަވެސް މަލިކާ އިންތިޒާރުކޮށްގެންހުރީ އޭނާގެ ހިތްދަމައިގަންނަފަދަ މީހަކަށެވެ. ރަށުގެ ބައެއް މީހުން މަލިކާއާ ދިމާލަށް ހަންޑިގަނޑުވަރު ދޮންކަމަނައޭވެސް ކިޔާ އުޅެއެވެ. މިއޮތްފަދަ ތަރައްގީ ޒަމާނުގައިވެސް މަލިކާ ހެދުން އަޅާފައިހުންނަ ގޮތަކުންނެވެ. ރަތް ކުލައިގެ ލިބާހާއި ކަނޑިކިއެވެ. ބުޅި އިސްތަށިގަނޑު މުޅި މޫނަށް ވިހުރާލެވިފައި އޮންނަ އިރު މޫނުގައި ކޮށްފައި ހުންނަނީ ވަރަށް އަނދިރި މޭކަޕެކެވެ. މިސަބަބަށްޓަކާ އެރަށުގެ ގިނަ ކުޑަކުދިން މަލިކާދެކެ ބިރުގަނެއެވެ.

އެއްދުވަހެއްގެ ހަވީރުގެ ފިނިހިތްގައިމުވައިޖެހޭ ވަގުތެކެވެ. މަލިކާއިނީ އަތިރިމަތީގައި އިށީދެލައިގެންނެވެ. އަތުތެރެއަށް ދޮންވެލި މުށެއް ނެގުމަށްފަހު މަޑުނަޑުން ވައިގެތެރެއަށް ދޫކޮށްލިހިނދު ވެލިތައް މަލިކާގެ ތުނި ދިގު އިގިލިތަކުގެ ތެރެއިން ފުރޭނިގެން ދިޔައެވެ. މަލިކާއަށް ލޯ މަރާލެވުނެވެ. އެހިނދު ކަންފަތުގައި ވަރަށް ފިރިހެންވަންތަ އަޑަކުން ރައިވަރެއްކިޔާ އަޑުޖެހުނެވެ. ލިބާހުން ވެލިފޮޅަމުން މަލިކާ ތެދުވެ އަޑުއަންނަ ދިމާލަށް ހިނގަން ފެށިއެވެ.

ހިގަމުން ހިގަމުންގޮސް އަތިރިއާ މާދުރުނޫން ހިސާބެއްގައިހުރި ފަޅުގެއަކަށް ދެވިއްޖެއެވެ. މިކުޑަކުޑަގޭގެ ދޮރު ހުޅުވިފައިހުރިއިރު ގޭގެއެތެރޭގައި މެދަށްވާގޮތަށް އިށީނދެލައިގެންއިން ޒުވާނާ ވަރަށް ރީއްޗައް މަލިކާއަށް ފެނެއެވެ. މަޑު ފިޔަވަލު ނަގަމުންގޮސް މަލިކާ އެގޭއެތެރެއަށް ވަނެވެ. ނޭފަތުގައި ޖެހުނު ފަރުހިކިވަހުން ނޯއްދަމައިގަނުގަނެވުނީ ހަމަކިރިޔާއެވެ.

ކުރިމަތީގައި ހުރި ޒުވާނާއަކީ މަލިކާ ދުވަހަކުވެސް ދެކެފައިނުވާވަރުގެ ރީތި ޒުވާނެކެވެ. ހަށިގަނޑުން ވަރުގަދަ ހަމުގެ ކުލަ އަލި ރީތި ޒުވާނެކެވެ. ބަލާބެލުމައް ފަންސަވީސްވަރަކަށް އަހަރެވެ. އޭނާ ދެފައި ވަށްކޮއްލައިގެން އިނދެ ރައިވަރު ކިޔަމުންގެންދިޔައިރު މަލިކާއަށް އާޝޯހުވެވިފައި ބަލަން ހުރެވުނެވެ.

އެޒުވާނާ ތެދުވެގެން އައިސް މަލިކާ ކުރިމައްޗަށް އެރިއިރުވެސް ގުނޑިނުލާ މަލިކާ އެއިންގޮތަށް އިނެވެ. "ކޮން ކުއްޖެއް.؟" އެފިރިހެންވަންތަ އަޑުން އޭނާ އަހާލިއެވެ. އެ މުށިކުލައިގެ ދެލޮލުން ހީވީ މަލިކާއަށް ކޮންމެވެސް ޖާދުލެއް ޖެއްސިހެންނެވެ. "އަހަންނަށް ކިޔަނީ މަލިކާ... ރައިވަރު ކިޔާ އަޑުއިވިގެން މިއައީ.. ވަރަށް ހިތްގައިމު އިނގޭ... އެކަމަކު ތީ ކާކު.. އަހަރެން ދުވަހަކުވެސް ރަށުން ނުދެކެން." މަލިކާއަކީ އެހާ ލަދުރަކި ކުުއްޖެއްނޫންކަމުން ވަރަށް ކެރިހުރެ އެ ޒުވާނާއާއި ވާހަކަ ދައްކާލިއެވެ. "ޗުއްޓީ ހޭދަކޮށްލަން މިރަށަށް އައިސް މިއުޅެނީ.. އަހަރެންގެ ނަމަކީ އަލްވާން." އަލްވާން ފަސްއެނބުރި ހިގައިގަންނަން އުޅެނިކޮށް މަލިކާ އަލްވާން އަތުގައި ހިފެހެއްޓިއެވެ. "މަޑުކޮށްބަލަ...އަހަންނަށް ވަރަށް ރީތި އަލްވާން..." މަލިކާ ވާހަކަދެއްކީ މަސްތީ ރާގަކަށެވެ. އަލްވާން މަލިކާގެ އަތް ފޮޅުވާލިއެވެ. "މަލިކާ.... ދެނަމާދު ދޭތެރޭގެ ވަގުތަކީ ވަރަށް ނާމާން ވަގުތެއް.. އެއީ ޖިންނި ޝައިތާނުން އުދުހޭ ގަނޑި...އަވަހަށް ގެއަށްދޭ..."

މަލިކާ އަލްވާންގެ ގައިގައި ބައްދައިގަތެވެ. "އަހަރެން ބިރެއް ނުގަނޭ... މިރަށު ކުޑަކުދިން އަހަރެން ދެކެ ބުރުގަނޭ... މީހުން އަހަރެންނާ ދިމާލަށް ހަންޑިއެކޭ ކިޔާ... އަޅެ އަލްވާން ބުނެބަލަ.. އަހަރެން ހުތުރީތަ.؟"

ކުއްލިއަކަށް ވަރަށް ބޯކޮށް ވާރޭވެހެން ފެށިއެވެ. ހަމަވަގުތު މައުރިބު ނަމާދުގެ ބަންގީގެ އަޑު ފަޒާގެ ތެރޭގައި ގުގުމާލިއެވެ.

އެފަޅުގޭގެ ތެރޭގައި ތިބެގެން ދެޖިސްމެއް އުފާކުރަމުން ދިޔައެވެ. އެ ފިނި ރޭގެ މަސްތީ އަރާމު ހޯދަމުން ދިޔައީ ދެފުރާނައެއްގެ ހޫނުން ލޭ ފިއްސަމުންނެވެ.

މަލިކާއަށް ނުފެނުނީ އަލްވާންގެ ފައިގެ ހުޅުން ނިކުތް ކަށްޓެވެ. މުށިކުލައިގެ ދެލޯ ރަތްދެލޮލަށް ބަދަލުވީ ތަނެވެ.

ފަތިހު ކޮވެލި ގޮވާ އަޑަށް މަލިކާއަށް ހޭލެވުނެވެ. ލޯ އުނގުޅަމުން ވަށައިގެން ހޯދާލީ ކައިރިން މީހެއް ނޭވާލާއަޑު އިވިގެންނެވެ. މަލިކާއަށް އޮވެވުނީ ލަކުނޑި އެދެއް މަތީގައެވެ. ކައިރީގައި އަލްވާން އޮތްއިރު އޭނާގެ ހަމުގެ ކުލަ ގަދަ ރަތް ކުލައަށް ބަދަލުވަމުންދިޔައެވެ. މަލިކާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އަލްވާންގެ ފައިގެ ހުޅުން ނިކުމެފަހުރި ކަށި މަލިކާއަށް ފެނުނީ އެވަގުތުއެވެ.

ހަޅޭއްލަވައިގަންނަމުން އެނދުން ތެދުވެ ފުންމައިގެން ދުއްވައިގަންނަން އުޅުނު ވަގުތު އަލްވާން ހުށިޔާރުކަމާއެކީ މަލިކާ ހިފެހއްޓިއެވެ.

"ކޮންތާކަށް؟...ދެން ސަލާމަތެއް ނުވެވޭނެ...އަހަރެން އޭރުވެސް ބުނިންދޯ އަހަރުމެން އުދުހޭ ގަނޑިވަރަށް ނާމާންވާނެޔޭ..."

މިހާރު ހުތުރު ސިފަޔަކައް ހުރި އަލްވާން މަލިކާ ކޮނޑުމައްޗަށް ލައިގެން ހުރެ ވަރަށްބާރަށް ހޭންފެށިއެވެ. "މިހާރު ތީ މަގޭ ހަޑިގަނޑުވަރު ދޮންކަމަނަ..."

ނިމުނީ

  Please log in or register to bookmark.
  2k

  9 ޚިޔާލު

  1. ވާހަކަ ވަރަށް ރީތި، އަދި ވަރަށް މަޖާ!!🤣🤣🤣👍👍👍

  2. ތަންކޮޅެއް ދިގު ކޮށްލީމާ އަދި ރަނގަޅު ވާނެ. ވަރަށް ރީތި ވާހަކައެއް. 💯ވަރަށް ރީތި. ދެން ލިޔާ ވާހަކަ އެއް ގަ ތަންކޮޅެއް ދިގު މުއްދަތެއްގައި. 💯☺️❤️💋

  ޚިޔާލު

  Your email address will not be published.