ގޮންޖެހުން - 5

އާސިޔާ ކައްކާނިމެންދެން ސާލިމް ސުރައްޔާ ކުރާކަމެއް ބަލާނަން އޭނާގެ ކޮޓަރިއަށް ދިޔައިރު ސުރައްޔާ އިނީ އޭނާ މާމަ އިންޑިޔާއިން ފޮނުވި ޑައިރީ ފޮތުގައި ލިޔާށެވެ. "ތި ފޮތުގައި ލިޔާތާ ކިތައް އަހަރުވެއްޖެ؟" ސާލިމް އަހާލިއެވެ. "ހަތް އަހަރުވީ" ސުރައްޔާ ޖަވާބުދިނެވެ. "އެހެންވިއްޔާ ފާއިތުވެ ދިޔަ ހަތް އަހަރުތެރޭ ހިނގައިދިޔަ ހާދިސާތައް ތި ފޮތުގައި ލިޔެވިފައި ހުންނާނެދޯ" ސާލިމް ބުނެލިއެވެ. "ލައްބަ ބައްޕާ...ބައްޕާ..މާމަ ދެން އަނބުރާ ރަށަށް އޮންނާނީ ކޮށް ދުވަހަކުން" ސުރައްޔާ ސުވާލުކޮއްލިއެވެ. "ނޭންގޭ ދަރިފުޅާ" ސާލިމް ދިނީ ކުރު ޖަވާބެކެވެ. ސާމިރާ ގެ ހަނދާންތައްވުމުން ސާލިމް ދެރަވިއެވެ. ސާމިރާ މަރުވިކަމެއް ދިރި ހުރިކަމެއް ނޭންގެއެވެ. ސާމިރާ އާއި މުޢާމަލާތު ކުރެވޭނޭ އެއްވެސް ގޮތެއް ނެތެވެ. ސާލިމްމެން އަތުގައި އެއްވެސް ފޯނެއްއެއްޗެއް ނެތެވެ. ފޯނުތައްވަނީ ވަރަށް ނަގާފައެވެ. އެކި ހިޔާލުތަކަށް ގެއްލިފަ ވަނިކޮށް ސާލިމް ސިއްސައިގެން ދިޔައީ އާސިޔާ ކާން ގޮވާއަޑަށެވެ. ސުރައްޔާ އާއި އެކު ސާލިމް ކާގެއަށް ވަން އިރު އާސިޔާ ވަނީ ބޮޑު ސުފުރާއެއް ކައްކާފައެވެ. ގޮހޮރު ރިހަ އާއި ފިހެފައިވާ މަސްގަނޑާއި މޭގަނޑެވެ. ކައްކާފައި ވާ ފުއްޕާމެޔާއި ހިތެވެ. މިނޫންވެސް އިތުރު ކާއެއްޗިހި ހަދާފައިވެއެވެ. ބޯއެއްޗަކަށް ލޭ ފަނިވެސް ހަދާފައިވެއެވެ. މި ހުރިހާ ކާއެއްޗިސްތަކުން މޭޒުމަތީގައި އެންމެ ފާހަގެކުރެވޭ އެއްޗަކަށް އޮތީ ތެލުލާފައިވާ ކުއްޖެއްގެ ބޮލެވެ. މޭޒުމަތީ ހުރި ކާތަކެތި ފެނުމުން ސާލިމް އާއި ސުރައްޔާގެ ކުޅުދިޔާވިއެވެ. އަވަހަށް އެ އާއިލާ އެންމެން ކާންވެގެން މޭޒަށް އެރިއެވެ.

5 އަހަރުފަސް
ބޯކޮށް ވިއްސާރަކުރަމުން ދިޔަ ދުވަހެކެވެ. އަޅި ކުލައިގެ ބޮޑު ވިއްސާރަ ވިލާތައް އުޑުމަތި ފޮރުވާލިއެވެ. ކުޑަ ލޯންޗެއް ބޮޑެތި ރާޅުތައް ޖަހަމުންދިޔަ ގަދަ ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ފަޅު ތެރެއަށް ވަތެވެ. ލޯންޗުގެ ދުވެލި މަޑުކޮއްލައި، ފާލަމަށް ކައިރިކޮއްލުމުން ލޯންޗުގައި ހޮޑުލެވިލެވި ވަރުބަލިވެފައި ތިބި ދަތުރުވެރިން ވާރޭ ކޯޓުތައްލައިގެންނާއި ކުޑަ ހިފައިގެން ރަށަށް ފޭބިއެވެ. އެންމެފަހުން ފޭބީ ކަޅު ކުލައިގެ ކުޑައެއް ހިފައިގެން ހުރި 21 އަހަރުގެ ފިރިހެނެކެވެ. މުށި ކުލައިގެ ކުޑަ ދަބަހެއް ކޮނޑުގައި އަޅުވާފައިއޮތެވެ. މީނާގެ މޫނުމަތިން ވަރުބަލިކަމުގެ އެއްވެސް ނިޝާނެއް ފެންނާކައްނެތެވެ. "ޝިފާޒް!" ރަށަށް ފޭބިތަނާ މީހަކު ޝިފާޒުގެ ނަމުން ގޮވާލިއެވެ. އޭނާ ވަށައި ބަލައިލިއެވެ. "ޝިފާޒް!...ހާދަ ދުވަހެއްކޮއްލާފައޭ މި ބައްދަލުވީ" ފަހަތުން މީހަކު ވާހާކަދައްކާ އަޑުއިވުނެވެ. ޝިފާޒް ދިޔައީ ސިއްސައިގެންނެވެ. "އުމަރު!...އަހަރެން ފަހަތުގައި ހުރި ކަމެއް ނުވެސްއިނގޭ" ފުރަގަހުގައި ހުރި އުމަރު ފެނި ޝިފާޒް ބުނެލިއެވެ. ޝިފާޒް އާއި އުމަރު އަކީ ވަރަށްގާތް ދެ ރަހުމަތްތެރިންނެވެ. "ހެހެހެ...އުމުރުން 21 އަހަރު ވީއިރު ވެސް ޝިފާޒް ސިއްސުވައިލަން ހާދަ ފަސޭހައެވެ" އުމަރު ޝިފާޒް އާ ދިމާކޮއްލިއެވެ. "ކޮބާ މަންމަމެން؟" އުމަރު އަހައިލިއެވެ. ޝިފާޒް އިސްޖަހައިލިއެވެ. "މީގެ މަހެއްހާކުރިން މަންމަ އާއި ބައްޕަ ދުނިޔެދޫކޮއްފި" ދެރަވެފައި ޝިފާޒް ބުނެލިއެވެ. "ދުނިޔެދޫކުރިއޭ؟!...މާތް ﷲ ޝިފާޒްގެ މައިންބަފައިންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވަވާށި...އާމީން" ޝިފާޒްގެ މައިންބަފައިންގެ މައްޗަށް އުމަރު ދުޢާ ކޮއްލިއެވެ. "ހިނގާ ދެން ގެޔަށް ދާން...މިތާ ނުހުރެވޭނެ...ހާދަ ވައިގަދައޭ" ވައިގަދަކަމުން މީހާ ބިރުން އެއްލައިލާނެހެންހީވާތީ ޝިފާޒް ބޭނުންވީ އަވަހަށް ގެޔަށް ދާށެވެ. "ގެ ހުރި ތެދެއް އިނގޭތަ؟" އުމަރު އަހައިލިއެވެ. "އާނ...އިނގޭ...ކީއްވެ ނޭންގެންވީ؟" ޝިފާޒް ބުނެލިއެވެ. ދެ އެކުވެރިން އުމަރު ގެ ސައިކަލަށް އަރައި މިސްރާބުޖެހީ ޝިފާޒްގެ ގެޔަށް ދިޔުމަށެވެ.

"ހާދަގިނަދުވަސްވެއްޖެޔޭ މި ގެ ނުފެންނަތާ" އެތަކެއް އަހަރެއްވަންދެން ކުޑައިރު ދިރިއުޅެނީ ގެ ފެނުމުން ޝިފާޒް ވަރަށް އުފާވިއެވެ. އޭނާއަށް ކުޑައިރުގެ ހަނދާންތައް އާވިއެވެ. "ޝިފާޒް ރަށަށް އަންނަ ހަބަރު ލިބުމުން އަހަރެންނާއި އަހަރެންގެ މަންމަ މި ގެ ވަރަށް ރީތި ކުރިން" އުމަރު ބުނެލިއެވެ. އިނގިރޭސިވިލާތައް ދިރިއުޅުން ބަދަލު ކުރުމުގެ ކުރިން ޝިފާޒްގެ މަންމަ ގެ ބެލެހެއްޓުމަށް ހަވާލުކުރީ އުމަރު ގެ މަންމަށެވެ. ޝިފާޒް އާއި އުމަރު ފަދައިން އެދެކުދިންގެ މަންމަމެންނަކީ ވެސް ވަރަށްގާތް ދެ އެކުވެރިންނެވެ. އުމަރު ފަޓުލޫނު ޖީބުން ތަޅުދަނޑި ނަގައި ދޮރުހުޅުވުމުން އެގޭގެ ސާފުތާހިރުކަންފެނި ޝިފާޒް އާޝޯހްވިއެވެ. މޮޕުލައި ކުނިކަހާ ފޮޅައިފައެވެ. ކިލާކޮަލެއް ގެ ހިލަމެއް ނުވެއެވެ. މުށި ތަކާއި ފާރުތައް ވިލާ ބަބުޅަމުންދިޔައެވެ. "މި ގެ ރީތި ކުރަން ހާދަބމަސައްކަތެއް ކޮއްފައި އެބަހުއްޓޭދޯ" ޝިފާޒް ބުނެލިއެވެ. "ހެހެހެ...އަހަރެމެން ވަރަށް މޮޅުދޯ" އުމަރު ބުނެލިއެވެ. "އާނ...ވަރަށް މޮޅު" ޝިފާޒް އުމަރު އާއި ުދިމާލަށް ބަލާލާފައި 'ތަމްބްސް އަޕް' އެއް ދިނެވެ. ޝިފާޒް ގެޔަށް ވަދެ ސޯފާމަތީ ޖައްސާލިއެވެ. އުމަރު ފަންކާޖައްސާލާފައި ޝިފާޒް ކައިރީ ސޯފާ މަތީ އިށީންދެ ޓީވީ ހުޅުވާލިއެވެ. ޝިފާޒް ކަރުހިއްކައިގަނެގެން ދަބަސް ތެރެއިން ފެންފުޅިއެއްނަގައި ފެންފޮދެއްބޯލިއެވެ. ފެނުގައި ފާޑެއްގެ ރަހައެއްލާތީ ޝިފާޒް ފުޅިއަށްބަލާލިއެވެ. އޭނާގެ ދެލޯ ބޮޑުވެގެންދިޔައެވެ.

    Please log in or register to bookmark.
    792

    2 ޚިޔާލު

    ޚިޔާލު

    Your email address will not be published.