ފަތިސް ވަގުތާ ޖެހެން ދެން އުޑުގައި ރަސްކަން ކުރަމުން ދިޔަ ވިއްސާރަ ވިލާތައް ގެއްލި އިރުގެ ނަލަނަލަ ދޯދިތައް ދުނިޔެ މައްޗަށް ފެތުރިގެން ދިޔައީ އާދުވަހަކަށް މަރުޙަބާ ކިޔަމުން ދިޔަ ފަދައިންނެވެ. އެއްބަޔަކަށް އެއީ އުފާވެރި ދުވަހެކެވެ. އެހެނަސް އަނެއް ބަޔަކަށް އެއީ ހިތާމައިގެ ދުވަހަކަށްވާނެއެވެ.
އަސްރާއަށް ވެސް މިއަދު ލިބިފައިވަނީ އުފަލެކެވެ. އެހެނަސް އޭނަޔަށް ރޭގައި އެކުރެވުނު ކަންތަކުން ފަހުން އަންނަން އޮތީ ކިހާ ބޮޑު ބަނަ ވިލާގަނޑެއްކަން އޭނަޔަށް މިއަދު އެނގޭނަމަ އެގޮތަށް އުފާވެފައި ނުހުންނާނެކަން ގައިމެވެ.
ހެނދުނު މައިރާ ބަދިގޭގައި އަސްރާ ހުނި ރޮށި ފިހަމުން ދިޔައިރު ދޭތެރެ ދޭތެރެއިން ދޮރާ ދިމާއަށް ބަލާލެވެނީ އަރްޒަން އާދޭތޯއެވެ. ރޮއްޓަކަށްފަހު ރޮއްޓެއް ފިހެފައި ނަގައި ތައްޓަށް އަޅަމުން ދަނިކޮށް ދޮރު މަތިން މީހެއްގެ ހިލަމެއް ވެގެން އެދިމާ ބަލާލިއެވެ.
" އަސްރާ.. ހާދަ ހެނދުނަކާ ތެދުވެ؟ " ދޮރުން ވަދެގެން އައީ އަރްޒަން ކަމަށް ހީކޮށްގެން ހުއްޓާ އަރްޒަންގެ ބަދަލުގައި އަޙްސަން ފެނިފައި އަސްރާގެ މޫނުމައްޗަށް ފޫހިކަމެއް ވެރިވެގެން ދިޔައެވެ.
" ރޭގައި އަހަރެންނަށް ނިދުނީ ދޯ؟ " އަޙްސަންއަށް ރޭގައިވީ އެއްވެސް ކަމެއް ހަނދާނެއް ނެތެވެ. އޭނަގެ ހިތުން އޭނަ ކޮޓަރިއަށްވަދެ އެނދުގައި އޮށޯތް ތަނާ ނިދުނީއެވެ.
" ހޫމް... ދެން ކޮޅަށް ނުހުރެ އިށީންނަންވީނުން...؟ ގޮށި ދަށުގައި އެހެރީ ސައިހަދާފައި. ތިހިރަ ތަށީގައި ހުންނާނެ ތެލުލި ރިހާކުރު. މިރޮއްޓާއެކު ކާން ފަށަންވީނު؟ " އަސްރާ ބެލީ މޫނުމަތިން ހިނިތުންވުން ދެއްކޭތޯއެވެ. ރޭގައި އަރްޒަން ބުނި ފަދައިން އެއްވެސް މީހަކަށް އަރްޒަންއާއި އޭނަގެ ގުޅުން ޝައްކުވިޔަ ނުދިޔުމަށްޓަކައި އަޙްސަން އާއިއެކު ލޯބިން އެކުގައި އުޅޭކަމުގެ އެކްޓު ދައްކަން ޖެހޭނެއެވެ.
" އަސްރާއެކު ސައިބޯނީ.. " އަޙްސަންގެ އަޑުގައިވަނީ އޯގާތެރިކަމާއި ހިތްހެޔޮކަމެވެ. އަސްރާއަށް ވީފޫހިން ފުންނޭވާއެއް ދޫކޮއްލެވުނެވެ. އޭނަ ބޭނުންވަނީ އަރްޒަން އަންނަން ވާއިރަށް އަޙްސަން އެތަނުން ފޮނުވާލާށެވެ.
" އަހަރެން އަދި ކާނީ ބައްޕައަށް ސައި ދީފައި... " އަސްރާ ނިއްމަތީގައި ހުރި ދާތިކިތައް ލައިގެން ހުރި އަތްދިގު ހެދުމުގެ އަތުކުރިން ފުހެލިއެވެ.
" އެހެންތަ؟ އަހަރެން އެހެންވީއިރު މިއަދު ބައްޕައަށް ސައި ދޭނީ.. އޭރުން ފަހުން އަސްރާ ތިރޮށިތައް ފިހެ ނިމޭއިރަށް އަހަރެން ބައްޕައަށް ސައިދީފައި އަސްރާއާއެކު ސައިބޮވޭނީ. އަހަރެން ވަރަށް ބޭނުންވާ ކަމެއް އެއީ އަހަރެން ޗުއްޓީ ކޮންމެ ދުވަހަކު އަހަރެންގެ އަނބިމީހާއާއެކު ސައިބުއިން... " އަޙްސަން ހިނިތުންވެލިއެވެ.
" ލަހެއް ނުވާނެތަ؟ " އަސްރާ އަދިވެސް ހުރީ އަޙްސަން އެތަނުން ފޮނުވޭނެ ގޮތަކަށް ބަލަބަލައެވެ.
" ކީއްވެ ލަސްވާންވީ؟ އަހަރެން ތަނަކަށް ދާކަށް އޮތީކީ ނޫން. އަހަރެން ކައިވެންޏަށް ޗުއްޓީ ނެގި ގޮތަށް މިހުރީ.. ދެމަހެއްހާ ދުވަސް ފަހުން އަދި ފުރާނީވެސް... މިދަނީ އިނގޭ ބައްޕައަށް ސައިދޭން.. " އަޙްސަން ސައި ޖޯޑަކާއި ބޮޑު ފަތާ ތައްޓަކަށް ރިހާކުރު ކޮޅަކާއި ދެހުނި ރޮށި ލައިގެން ބަދިގެން ނިކުތެވެ. އަސްރާ އައި ރުޅިން ދަތްކުނޑި ވިކާލެވުނެވެ.
---
އެކަހަލަ ގޮތަކަށް މަހެއްހާ ދުވަސް ފާއިތުވީ އަޙްސަން އަސްރާގެ ހިތް އަތުލުމަށް މަސައްކަތްކުރަމުންނެވެ. އަދި އަސްރާއަށް އެމަހެއްހާ ދުވަސް ފާއިތުވީ ހިތްދަތިކަމާއި ވޭނާއި އެކުގައެވެ. އަސްރާގެ ބައްޕަ މަރުވުމާއިއެކު އަސްރާގެ ކައިވެނީގެ ފުރަތަމަ ރޭ އަރްޒަން ފެނުނު ފަހުން އެފަހުން އަސްރާއަށް އަރްޒަންގެ އެއްވެސް ހިލަމެއް ނުވުމުންނެވެ.
---
" އަސްރާ... " ދޮރުން ވަދެގެން އައި ލަތީފާ ފެނިފައި މެދުގޯތި ކުނި ކަހަން ހުރި އަސްރާއަށް ވީގޮތެއްވެސް ނޭނގުނެވެ. އުފަލުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ލަތީފާގެ ގައިގައި އަސްރާއަށް ބައްދާލެވުނެވެ.
" ކަމަނާ ހެޔޮ ހާލުގައިއޭ ހަމަ ތިޔަ ހުރީ ވެސް. ކައިވެނިކުރި ފަހުން ފިރިމީހާ ރަށަށް ގޮސް މަށަށް ގުޅާވެސް ނުލަޔޭ.. " އަސްރާ ޝަކުވާކޮއްލިއެވެ.
" ކިހިނެތް ގުޅާނީ ވެސް؟ ދިރިއުޅުމުގެ ކަންކަމާ އަވަދިނެތި އުޅެމުން ވިއްޔާ މިދުވަނީ.. " އަސްރާ ލަތީފާގެ އަތުގައި ހިފައިގެން މެދުގެޔަށްވަދެ މެދުގޭގައި ބަހައްޓާފައި ހުރި އަށިމަތީގައި އިށީނެވެ.
" ކުއްޖަކު ނުހޯދަންތަ އަދި؟ މިހާރު ދެއަހަރުވީނުން؟ " އަސްރާ ކެތްތެރިކަމެއްނެތި އަހާލައިފިއެވެ.
" އުމުރު ޅަވީމައި އަދި ނުވެގެން މިއުޅެނީ. ފުރަތަމަ ބަނޑުބޮޑުވެ އިންކުއްޖާ ބައިގެން ދިޔައީ. ދެން ވިހޭ އެއްމާބަނޑު ދެކުދިން. އެދެކުދިންވީ ބަލި ދެކުދިންނަށް. އެދެކުދިން ވެސް އަހަރެއް ނުވަނީސް މިދުނިޔެ ދޫކޮއްފި.. " ފެންކަޅިވެފައިވާ ހާލު ލަތީފާ އޭނަގެ ހާލު ކިޔައިދިނެވެ.
" ދެން ބުނެބަލަ އަސްރާގެ ދިރިއުޅުން. އަޑުއެހިން މީހަކާ އިން ވާހަކަ.. " ލަތީފާ ދެލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ހީލިއެވެ.
" ހޫމް. އޭނަވެއްޖެ ރައްޓެއްސަކާއެކު ބޭރަށް ގޮސް.. ބައްޕަ މީގެ މަހެއްހާ ދުވަސް ކުރިން މިދުނިޔެ ދޫކޮއްފި... " އަސްރާ އިސްޖަހާލިއެވެ.
" މާތްﷲ މޫސަބެގެ ފާފަފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮއްދެއްވާށި. އާމީން.. އަސްރާ ކުއްޖަކު ހޯދާކަށް ނޫޅެންތަ؟ " ލަތީފާ އަސްރާގެ އަތުގައި ހިފާލަމުން އަހާލިއެވެ. ދީނުގެ ވާހަކަ ދައްކަން ފެށީމައި އަސްރާގެ ބޮލަށް އުނދަގޫވާން ފެށިއެވެ. އަރްޒަން އޭނަގެ ހަޔާތަށް އައި ފަހުން ދީން އެއީ އޭނަ ދަންނަ އެއްޗެއް ނޫނެވެ.
" ހޯދަންވީ ދެން.. " އަސްރާ އެސުވާލަށް ދިނީ ކުރުޖަވާބެކެވެ. އަޙްސަންގެ ދަރިޔަކަށް އޭނަ ބަލިވެ އިންނާކަށް ބޭނުމެއް ނޫނެވެ.
" ލަތީފާ މިރަށަށް އެއްކޮށް ބަދަލުވީތަ؟ " އަސްރާ އަހާލިއެވެ.
" ހޫމް. ފިރިމީހާ ވަރިކުރީމައި މިއައީ. ފިރިމީހާ އެހެން އަންހެނަކާ ގުޅުން ހިންގަމުން ދަނިކޮށް އެއަންހެންމީހާ ބަނޑުބޮޑުވެ އެކަން އެނގިގެން އަނިޔާކުރާތީ ނޫޅެވިގެން ވަރިކުރާށޭ ބުނީމަ ވަރިކޮއްދިނީމަ ދެން އަންނަންތާ ޖެހޭނީ. ދެން... އެހެން މީހެއް ހޯދަން ޖެހޭނީ... " ލަތީފާ ފުންނޭވާއެެއް ދޫކޮއްލަމުން ފަނޑު ގޮތަކަށް ހީލިއެވެ. ލަތީފާގެ ވާހަކަ އަޑު އިވިފައި އަސްރާއަށް ހިންދިރުވާލެވުނެވެ. އަޙްސަންއަށް އޭނަޔާ އަރްޒަންއާ ދެމެދު ހިނގި ކަންތައް އެނގިއްޖެއްޔާ ކަންތައްވާނީ ކިހިނެތް ބާވައެވެ؟
" އިނގޭތަ ކުރިން ދުވަހު ފުއާދް އެހިޔޭ ލަތީފާ ނުގުޅާހޭ.. މަށަށް ހީވަނީ އޭނައަށް އަދިވެސް ލަތީފާ ކަމުދޭހެން... ކިހިނެތްވާނެ އޭނަޔާ ބައްދަލުކޮއްލާފައި ވާހަކަދައްކާލަން؟ " އަސްރާ މައުލޫ ބަދަލުކޮއްލީ އެކަމަކާ ވިސްނަން ބޭނުންނުވާތީއެވެ.
" ހޫމް ރަނގަޅުވާނެ... މަންމަމެން އެބަ ކިޔާ މާދަން ކައިރީގައި މިޔޮތް ކުޑަކިރިލިއަށް ދަތުރެއް ދާން އުޅޭ ވާހަކަ... މަންމަ ބުނީ އަސްރާ ދާނަންތޯ އަހާލަ ބަލާށޯ... ފިރިމީހާއާއެކު މަޖާވާނެއޭނުންހޯ؟ " ލަތީފާ ހީލިއެވެ.
" އަޙްސަންއާއި ވެސް ވާހަކަ ދައްކާފައި ވަކި އެއްޗެއް ބުނާނަން މިއަދު ހަވީރު... " އަސްރާއަށް ހުސްނާ އެދޭ ކަމަކަށް ދެކޮޅު ހަދާކަށް ނުކެރޭނެއެވެ. މަންމައަކަށް ބޭނުންވި ދުވަހު އޭނަޔަށް އަޅާލީ ހުސްނާއެވެ. މިއަދު އޭނަގެ ގާތުގައި ހުރީވެސް ހުސްނާ އެކަންޏެވެ.
---
ރޭގަނޑު ބަދިގޭގައި މެންދުރު ހުސްނާމެން ގެއިން ގެނައި ރިހާކުރު ދިޔަ ހޫނުކަން ހުރި އިރު އަދިވެސް އަސްރާއަށް ވިސްނެމުން ދިޔައީ ލަތީފާ މިއަދު ދެއްކި ވާހަކަތަކެވެ. ލަތީފާ ކުރީގެ ފިރިމީހާގެ އެފެއަރ ގުޅުމެވެ. އެގޮތަށް އޭނަޔާ އަރްޒަން އުޅެނިކޮށް ކިހާ ދުވަހަކު އެކަން އިތުރު މީހަކަށް ނޭނގި ސިއްރުކުރެވިފައި އޮވެދާނެ ހެއްޔެވެ؟
ކުއްލިއަކަށް ރިހާކުރުދިޔަ އެތީގެ ވަސް ޖެހި އަސްރާ އޯކަށް ދެމެން ފެށުމުން އަސްރާއަށް ދުއްވައިގަނެވުނީ ބޭރުގައިވާ ގިފިއްޔަށެވެ. މިއަދު ކޭހައި އެއްޗެއް ހޮޑަށް ވެގެން ނުކުތް އިރު އެއަޑު އިވިގެން ގޭތެރޭގައި އިން އަޙްސަންވެސް ދުވެފައި އައެވެ.
" އަސްރާ ކިހިނެތްވީ؟ ބަލީތަ އަނެއްކާ؟ " ގުދަށް އޮތް އަސްރާގެ ބުރަކަށީގައި ފިރުމަމުން ދިޔަ އަޙްސަންގެ އަޑުގައިވަނީ ހާސްކަމެވެ.
" ކީކޭ؟ "އަޙްސަން ފަހުން ބުނި ދެބަސް އަސްރާގެ ކަންފަތުގައި ހީވީ ގުގުމަމުން ދިޔަ ހެންނެވެ. އަނެއްކާ އޭނަ އެއިނީ އަރްޒަންގެ ދަރިޔަކަށް ބަލިވެ ބާވައެވެ؟
އަސްރާ އަވަސް އަވަހަށް އަތުގެ އިނގިލިތަކުން ދުވަސްތައް ގުނާލިއެވެ. އާނއެކެވެ. މިދިޔަ މަހާއި މި މަހު ގަވައިދުން ޖެހޭ މައްސަރުތައް ކަންތައް ނުޖެހެއެވެ. ޔަޤީނެވެ. އޭނަ އެއިނީ އަރްޒަންގެ ދަރިޔަކަށް ބަލިވެއެވެ.
ނުނިމޭ
ތެންކިޔޫ
👍
👌
ވާހަކަ ވަރަށް ފުރިހަމަ..ވަރަށް ހިއްގައިމު..❤❤
ކޮންއިރަކު ތަ އަނެއްބައި ނުކުއްދަނީ؟ 😊