" އަސްރާ.. " ލުއި ހީލުމަކާއެކު އެޒުވާނާ އައިސް އަަަަަަަސްރާގެ ގާތުގައި މަޑުކޮއްލިއެވެ. އަސްރާ އެޒުވާނާއާ ހަތަރުކަޅި ހަމަކޮއްލި ވަގުތު ދެލޯ ފެހިކުލައިން ވިދާލުމާއެކު އަަސްރާއަށް ސިހފިައި ދުރަށް ޖެހިލެވުނެވެ.
" އަހަރެން އެނގިއްޖެތަ؟ " އެޒުވާނާ ނިއްއަރުވާލަމުން އަސްރާކުރެ އެހިއެވެ. އަސްރާ ބޯޖަހާލަމުން ހަށަން ބަނދެލިއެވެ.
" ތިއީ އަހަރެންގެ އެހީތެރިޔާއެއްނު... އެމަހުގެ ހަޤީޤަތާ ގުޅިފައިވާ މީހާ... " ކުރިމަތީގައި އެހުރީ އިންސާނެއް ނޫންކަން އެންމެ ފުރަތަމަ ފެނުމުން ވެސް އަސްރާއަށް އެނގިގެން ދިޔައެވެ.
" ވެދާނެއެއްނު އަހަރެންމީ އެހެން މީހެއް ކަމަށްވެސް... " އެޒުވާނާ ހިނިތުންވެލަމުން ބުނެލިއެވެ.
" އުހުން. ފެހި މަހުގެ ހަޤީޤަތަކީ ތިއީ. މޫދަށް ގޮސް އެމަހެއް ގެނައި ފަހުން އަހަރެންނަށް އާދަޔާ ހީލާފު ކަންކަން ފެންނަން ފެށީ.. ފުރަތަމަ ގިފިލިން. ދެން މަސް ވެއްޓުމުން ވެސް ދިރުން. އަނެއްކާ ލަތީފާމެންގޭގައި އިންދާ އަހަރެން ސަލާމަތް ކޮއްދިން ފުރަތަމަ ފަހަރު. އަހަރެންނަށް އެނގޭ ހުރިހާ ކަމެއްވެސް. އެއްދުވަހު ކޮޓަރި އެނދުން ފައިބަނިކޮށް ވެއްޓެން ދިޔަ ދުވަހު ވެސް އަހަރެން ސަލާމަތް ކޮއްދިނީމެއްނު. އެދުވަހު އަހަރެން ވެއްޓެން ދަނިކޮށް އެނދު ތަންދޮށުގައި އިން މަހެއް ނެތް. އެހިސާބުން ޔަޤީންވީ އެމަހުގެ ހަޤީޤަތް. އެމަހަކީ ތިއީއެއްނު؟ " އަސްރާގެ އަޑުގައި ޖެހިލުންވުމެއް ނެތެވެ. ކުރިމަތީގައި އެހުރީ އެތައް ދުވަހުން ވަންދެން ކެތްތެރިކަމެއްނެތި ދެކެން ބޭނުންވި މީހާއެވެ. ލޮލަށް ނުފެނުނެއްކަމަކު އެމީހަކާއެކު ހަޔާތް ވޭތަ ކުރުމުން ކޮންމެވެސް ވަރަކަށް އަސްރާވަނީ އެމީހަކަށް އާދަވެފައެވެ. އެއްބުޅަލެއް އަބަދު ފެނިފެނި ފަހުން އެފެނުނަސް ނުސިހޭ ފަދައިންނެވެ.
" ބިންގޯ! " އެޒުވާނާ ޝަހާދު އިނގިލި އަސްރާއާ ދިމާއަށް ދިއްކޮއްލިއެވެ. އަސްރާ ދެބުމަ ގޮށް ޖަހާލީ އެބުނި އެއްޗެއް އޭނައަށް ނޭނގިގެންނެވެ.
" މާފުކުރޭ.. އަހަރެން މިބުނީ އެކަން އަސްރާއަށް އެނގުނު ވާހަކަ. އަހަރެންގެ އޮތީ އެންމެ ސުވާލެއް... އެސުވާލަށް ޖަވާބުދޭނަންތަ؟ " އެޒުވާނާ އިސްތަށިގަނޑުގައި އަތް ހިންގާލަމުން އަހާލިއެވެ.
" އެއީ ކޮން ސުވާލެއްކަން ބުނީމައި ޖަވާބުދޭން އިނގޭނީ... " އަސްރާ ހަށަން މުހާލަމުން ބުނެލިއެވެ. މޫނުމަތިން ވަރަށް އަޅާލުން ކުޑަކަން ދައްކަމުން ދިޔަ ނަމަވެސް އެތެރެއިން އޭނަގެ ހިތް އުފަލުން ނަށަމުން ދިޔައީ ހަޔާތުގައިވެސް އޭނަ އެދޭ ކަހަލަ ބައިވެރިޔަކު ލިބުމުންނެވެ.
" އަސްރާ އަހަރެން ބޭނުންތަ؟ " އެޒުވާނާ ކޮއްލީ ތަފާތު ސުވާލެކެވެ. ހައިރާންވެފައި އަސްރާ ނިއްއަރުވާލަމުން އެބުނި އެއްޗެއް ނޭނގޭކަމަށް ހަދާލިއެވެ.
" އަސްރާ ހަޔާތުގެ ބައިވެރިޔަކަށް އަހަރެން ބޭނުންތަ؟ " އެޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔައީ ލާނެއްކަމެވެ. އެޒުވާނާއަށް އަސްރާގެ ޖަވާބު މާކުރިންވެސް އެނގޭ ކަހަލައެވެ.
" އަހަރެން ނޫނެކޭ ބުނެފިއްޔާ.؟ " އަސްރާ އެއްމިޔަނަކުން ހީލިއެވެ.
" އަހަރެންނަށް އެނގޭ އަސްރާ ނޫނެކޭ ނުބުނާނެކަން. އަހަރެން އެނގޭ އަސްރާ ތިވިސްނަނީ ކޯޗެއްކަން ވެސް. އެކަމަކު އަހަރެން ބޭނުމީ ތިދުލުން އަހަރެންގެ ޖަވާބު އަޑު އަހަން... " އެޒުވާނާ ފުންކޮށް ހީލިއެވެ. އެޒުވާނާގެ ފުން ހިނިތުންވުން ފެނިފައި އަސްރާގެ ހިތް ބާރުބާރަށް ޖެހެމުން ދިޔައެވެ. އަދި އެޒުވާނާއާ ހަތަރުކަޅި ހަމަކޮއްލަމުން ބޯޖަހާލީ އެސުވާލަށް އަހަރެން އާނއެކޭ ބުނާ ފަދައިންނެވެ.
" އަހަން އަސްރާ... ދަރިފުޅާ... " މޫސައަށް ގެއަށް ވަދެވުނީ އެވަގުތުއެވެ. އަސްރާއަށް ސިހިފައި މޫސައަށް ބަލާލުމަށްފަހު ދެވަނަ ސިކުންތުގައި އޭނަ އެޒުވާނާއާ ވީފަރާތަށް އެނބުރިލިއެވެ. އެޒުވާނާ ފެންނަން ނެތުމުން އަސްރާ ހީލުމަށްފަހު މޫސައާ ކުރިމަތިލިއެވެ.
" ލައްބަ ބައްޕާ... ގެނޭ އަޅުގަނޑަށް ވަދުތައް... " އަސްރާ ގޮސް މޫސަގެ އަތުން ވަދުތައް ނެގިއެވެ.
" ދަރިފުޅު ކީއްވެ މިތާ ތިހުރީ.؟ ބައްޕަ ބުނަމެއްނު މިގަޑީގައި ގަސްތަކާ އެހާ ގާތް ނުވާށޭ.. " މޫސަ ހައިރާންވެފައި ސުވާލުކޮއްލިއެވެ.
" އެގަސްތައް ދިގުވާތި ކޮށާލަންވީއޭ ހިތާ ބަލާލަން މިހުރީ... " އަސްރާ ދޮގު ހަދަމުން ހީލިއެވެ.
" ދެން އަވަހަށް އިރު ނޯއްސެނީސް ފެންވަރަން ދޭ... ބައްޕަވެސް މިދަނީ. އަދި މިރޭ އަވަހަށް ލަތީފާގެ ކައިވެނީގެ ވަލީމާއަށް ވެސް ދާންވާނެ އެއްނު.. " މޫސަ މާބޮޑު ކަމަކަށް ނުހަދާ އެތެރެއަށް ހިނގައިގަތެވެ.
" އުއްމީދުކުރަން އަދި މިރޭ ބައްދަލުވާނެކަމަށް... " އަސްރާ އެތެރެއަށް ހިނގައިގަންނަން އުޅެނިކޮށް އެޒުވާނާގެ އަޑު އަސްރާގެ ކަންފަތުގައި ޖެހުމާއެކު ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަދި އޭނަ ދާދި ގާތުގައި ހެވިފައި ހުރި އެޒުވާނާއަށް ބަލާލުމަށްފަހު ހީގަނެފައި އެތެރެއަށް ވަނެވެ.
---
" ދަރިފުޅާ ދެން އާދެބަލަ.. ގާޒީންވެސް މިހާރު އެއޮތް އަންނަނީ... " ހުސްނާ ލަތީފާގެ ކޮޓަރިއަށްވަނެވެ.
" ހޫމް މަންމާ.." ބާއަލަމާރީގެ ލޯގަނޑު ކުރިމަތީގައި ކައިވެނީގެ ރަތް ދޯޕައްޓާ ވިދާ ހެދުމުގައި ހުރި ލަތީފާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.
" ތިވަރަށް ނުހުނަސް ވެދާނެ... " ކޮޓަރީގެ ދޮރު ފޮތިގަނޑު ހިއްލާލަމުން އެތެރެއަށް ވަތް އަސްރާ ހީގަތެވެ. އަތްކުރު ކަކުލާ ހަމަޔަށް އަރާ 'ފާން' ކުލައިގެ ރޭނދާ އެޅި ހަމަ އެކުލައިގެ ފޮތީގެ ހެދުމުގައި ހުރި އަސްރާގެ ރީތިކަން އިންތިހާއެވެ. ފަންފަން އުނަގަނޑާ ހަމަޔަށް އަރާ އިސްތަށިގަނޑު ނިއުޅުވާލާފައިވާއިރު އެއްވެސް ލަކުނެއް ނެތް އެއޮމާން ދޮން މޫނުގައި އިތުރު އެއްޗެއް އުނގުޅާފައެއް ނުވެއެވެ.
" އަހަން ދަރިފުޅާ އައީދޯ؟ މާޝާﷲ ހާދަ ރީއްޗޭ.. ލަސްނުކޮށް ލަތީފާ ގޮވައިގެން ނިކުމޭ. ދައްތަ އެބަ އަންނަން... " ހުސްނާ ނިކުތީ ބޭރަށެވެ.
" މަށަށް ހީވަނީ އަސްރާހެން މީހަކާ އިންނަން ތިއުޅޭނީ.. ބަލާބަލަ ރީތިކަން.. ތިކޮންތާކުން ހޯދި ހެދުމެއް؟ ހާދަ ނުފެންނަ ކަހަލަ؟ " ލަތީފާ އަސްރާއަށް ވައްކަޅިން ލޯގަނޑުން ބަލާލަމުން ބުނެލިއެވެ. މޫނުމަތިން ހިނިތުންވުމެއް ދައްކައިގެން ހުއްޓަސް އޭނަގެ ހިތުގައިވި ހަސަދަ އިތުރުވެގެން ދިޔައެވެ. މުޅި އެރަށުންވެސް އަސްރާ ކަހަލަ ރީތިކަމެއް ހުރި އަންހެންކުއްޖަކު ނުފެންނާނެއެވެ. އެތައް އަންހެންކުދިންނެއްގެ ހިތުގައި ހަސަދަ ރޯވަމުން ދިޔައިރު ފިރިހެންކުދިންގެ ހިތްތައް އަބަދުވެސް އަސްރާއަށް ލެނބެމުން ދާކަން ލަތީފާއަށް އެނގެޔެވެ. އެންމެ ކުޑައިރުއްސުރެ ލަތީފާގެ ހިތުގައި ކޮންމެވެސް ވަރަކަށް ހަސަދަވެރިކަމެއް އަސްރާއާ ދޭތެރޭ އޮވެއެވެ. އެހެނަސް އޭނަ އެކަން ނުދައްކަނީއެވެ.
" މި މީހަކު ދިން ހަދިޔާއެއް.. " އެހެން އަސްރާއަށް ބުނެވުނު ވަގުތު ދެލޯމަރައި ހިނިތުންވެވުނީ ބޭއިޙްތިޔާރުގައެވެ.
" ހިނގާ ބޭރަށް.. " ލަތީފާ ތުން އަނބުރާލަމުން އަސްރާގެ ކޮނޑުގައި ހިފައިގެން ބޭރަށް ނުކުތް އިރު އެތައް ބަޔަކު އެގޭގެ މެދުގޯތީގައި ތިއްބެވެ. މުޅިމެދުގޯތީގައި ފާނޫޒުތައް އަތުރާލާފައިވާއިރު ބޮޑު މޭޒެއްގެ ކައިރީގައި ގޮނޑިތައް ޖަހާލައި ކައިވެންޏަށް ތައްޔާރުކޮއްލާފައިވެއެވެ. ދުރުދުރަށް ދާންދެން ބިރިޔާނިއާއި ކަށިކެޔޮ ފަނީގެ ވަސްތައް މާހައުލުގައި އެއްވަސް ވެލާފައި ހުއްޓެވެ.
ކައިވެނިކޮށްދޭ ގާޒީން އައިސް މޭޒުދޮށުގައި އިށީނުމުން ލަތީފާގެ ބައްޕައާއި ލަތީފާގެ އިތުރުން އޭނަ ވާން އުޅޭ ފިރިމީހާ އާހިލް ވެސް އެމޭޒު ދޮށުގައި އިށީނެވެ. އަދި އަސްރާގެ ބައްޕަ މޫސަ އާއި އެގޭ ކައިރި އެހެން މީހަކުވެސް ހެކީންގެ ގޮތުގައި އިށީނެވެ. އަސްރާ ގޭގެ ނިކުންނަ ދޮރާ ގާތުގައި އެހެން މީހުންގެ ފަހަތުގައި މަޑުކޮއްލަމުން ކުރިޔަށް ދާންފެށި ކައިވެނީގެ އަޑު އެހުމަށް ސަމާލުކަން ދިނެވެ. އޭރުވެސް އެތައް ފިރިހެން ކުދިންނެއް އަސްރާއަށް ފަސްއެނބުރި ބަލަމުން ދާކަން އަސްރާއަށް އެނގެއެވެ. އެހެނަސް އެކަމަކަށް އޭނަގެ ސަމާލުކަމެއް ނެތެވެ. އެއީ ފެނިފެނި އާދަވެފައިވާ ކަމެކެވެ.
" އަސްރާ... " މަޑުމަޑުން އެއްކަލަ ޒުވާނާގެ އަޑު އަސްރާގެ ކަންފަތް ދޮށުގައި މިއުޒިކެއްހެން އިވިގެން ދިޔައެވެ. އަސްރާ ސިހިފައި ފަރާތް ފަރާތް ހޯދާލީ އެޒުވާނާ ފެންނަން ހުރިތޯއެވެ. އެވަގުތު ދިއްގަރު ގޭގެ ދޮރުން ވަދެގެން އޭނަގެ ގާތަށް އެޒުވާނާ އަންނަނީއެވެ.
" ހިނގާބަލަ މަށާ އެއްކޮށް... " އިރުއޮއްސެމުން ދިޔަ ވަގުތު ލައިގެން ހުރި އެއްޗެހީގެ ބަދަލުގައި ވަޅުފެހިކުލައިގެ ގަމީހާއި ކަޅު ޖިންސުގައި ހުރި އެޒުވާނާ އައިސް އަސްރާގެ އަތުގައި އެއްވެސް ޖެހިލުމެއްނެތި ހިފާލިއެވެ.
" މިގަޑިޔަކު ނޫން. ބައްޕަ ހޯދާނެ... " އަސްރާ ވަގުތުން ދެކޮޅު ހެދިއެވެ.
" ވަލީމާ ނިމެންވާއިރަށް އަންނާނީއޭ... މިތާ ދެން މިހާ މީހުން ގިނަ ތަނަކު ހުންނަން ނުވާނެ. ބަލާބަލަ އެތިބި މީހުން އިރުއިރުކޮޅާ އަސްރާއަށް ބަލާވަރު. އަހަރެން ބޭނުމެއްނޫން އަސްރާ އެހެން މީހުންނަށް އިސްތިހާރުކުރާކަށް. ތިއި ހަމައެކަނި އަހަރެންގެ މިލްކެއް.. " އެޒުވާނާ އަސްރާއާ އިހުނަށްވުރެ ގާތްވެލިއެވެ. އެދެމިހުން ކުރިމަތީގައި ތިބި ފިރިހެން ކުދިންތައް ވަގުތުން މޫނު އަނބުރާލައިފިއެވެ.
" ހިހިހި... ހިނގާ... " އަސްރާ އޭނަގެ ކުރިމަތީގައި ތިބި ކުދިންތަކަށް ބަލަމުން ހީގަތެވެ.
އެޒުވާނާ އަސްރާގެ އަތުގައި ހިފައިގެން އެގެއިން ނުކުމެގެން މިސްރާބުޖެހީ މީހުން ގޮސް ނޫޅޭ ފުއްޓަރު ފަރާތަށެވެ. ސާދަވިލޭރޭގެ ހަނދުން އެމާހައުލު އިތުރަށް ފުރިހަމަ ކޮއްލާފައިވެއެވެ. އެފިނިފިނި ވައިރޯޅިތަކާއި ރާޅުތައް ބީއްސަމުން ދިޔަ މަންޒަރުން މާހައުލުގެ ހަމަހިމޭންކަން ނަގާލައިފައިވެއެވެ. އެހިމޭން ހިތްގައިމު މާހައުލު ރޭގަނޑުގެ ވަގުތުގައި އަސްރާއަށް އަލަށް ފެނުމުން ހުރީ އާޝޯހުވެފައެވެ.
" މިތާ އިށީނދެބަލަ.. " މޫދާ ގާތު ގަސްތައް ކައިރީގައި ހުދު ދޮންވެލިގަނޑު މަތީގައި އެޒުވާނާ ދެކަކޫ މެޔާ ހަމަޔަށް ނަގައިގެން އިށީނދެލިއެވެ.
" އަދިވެސް ނަމެއް ނުބުނަމެއްނު... " އަސްރާ އެޒުވާނާއާ ޖެހިގެން އިށީނެވެ.
" ނަން ދޯ؟ އަސްލު ނަން އެހާ ރީއްޗެއް ނުވާނެ. އަސްރާ ނަމެއް ހަދަންވީނު؟ " އެޒުވާނާ ހީލަމުން އަސްރާގެ އަތުގައި ހިފާލިއެވެ.
" އަލިފަކުން ކިޔާނީ.. އަހަރެންނާ ގުޅޭ ގޮތަށް. ކިހިނެތްވާނެ އަމީރު.؟ އުހުން... އަރްޒަން؟ " އަސްރާ ނިއްއަރުވާލަމުން އަހާލިއެވެ.
" އަރްޒަން؟ ހިހި.. މައްސަލައެއް ނެތް... ކިހިނެތް އެނަން ހޯދީ؟ އެއީ އެހާ އާއްމުނަމެއް ނޫނެއްނު؟ " އެޒުވާނާ ހީގަތެވެ.
" މާލޭގައި އުޅޭ ބޮޑުބެ އުރުދޫއަށް ގޮއްސަ ނަންފޮތެއް އަހަރެންނަށް ހަދިޔާއަކަށް ދިނީ. އެފޮތުގައި އިން ނަމެއް އެއީ. އަރްޒަންގެ މާނައަކީ އަގުހުރި... " އަސްރާ ހީލިއެވެ.
" އަހަރެންމި އެހާ އަގުހުރި މީހެއްތަ؟ " އަރްޒަން ސީރިއަސްވެލަމުން އަހާލިއެވެ. އަސްރާ ލަދުރަކި ހީލުމަކާއެކު ބޯޖަހާލިއެވެ.
" ތިހެދުން ރީތިދޯ؟ ތިއީ އެމެރިކާ ހިސާބުތަކުގައި ވަރަށް މަޝްހޫރު ހެދުމެއް... މިރޭ އަހަރެންނާ އެއްކުލަ ކޮއްލާފައި ތިހުރީ " އަރްޒަން އަސްރާގެ ހެދުމަށް ބަލާލަމުން ހީލިއެވެ.
" ޝުކުރިއްޔާ... " އަސްރާ ހީލަމުން އަރްޒަންގެ ކޮނޑުގައި ބޯއަޅާލިއެވެ.
" ކީއްވެ މިޔޮތް ހުރިހާ ދުވަހު އަހަރެންނަށް ނުފެނި ކުއްލިއަކަށް މިއަދު ތިފެނުނީ؟ " އަސްރާ އަރްޒަންގެ އަތުގައި ހިފާލަމުން އެއަތުގެ ތެރެއަށް އަތް މަހާލިއެވެ.
" އަސްރާ ކުޑައިރު އަސްރާދެކެ ލޯބިވެޔޭ ކިޔާފަ އުޅުނަސް އަސްރާއަށް ނުވިސްނޭނެކަން އެނގޭތީ... ދެން ހިތަށް އެރީ އަސްރާ ބޮޑުވީމައޭ އަހަރެން އަސްރާއަށް ލޯބި ހުށައަޅާނީ... " އަރްޒަން އަސްރާގެ އަތުގައި އޭނަގެ އަނެއް އަތުން ފިރުމަމުން ބުނެލިއެވެ.
" ތިބުނަނީ އަރްޒަން އަހަރެންދެކެ ލޯބިވެޔޭތަ؟ " އަސްރާ ސިހިފައި ތެދުވަމުން އަހާލިއިރު ދެލޮލުން ފެނިގެން ދިޔައީ ހައިރާންކަމެވެ.
" ހޫމް. އަސްރާވެސް ވަމެއްނު... " އަރްޒަން ލާނެއް ހީލުމަކާއެކު ބުނެލިއެވެ.
" ދެން! ވިސްނާ އެއްޗިހިވެސް ދެނެގަންނަނީތަ؟ " އަސްރާ ދެލޯ ބޮޑުކޮއްލާފައި އަރްޒަންއަށް ބަލާލިއެވެ.
" އުހުން. އެނގުނީ... އަސްރާއަށް ފިލައިގެން އުޅެނިކޮށް.. އެއްްދުވަހު އަޑު އިވުނީ އަސްރާ އެހެން ބުނި އަޑު... ބުނީ މިހެނެއްނު.. _ އަހަރެންނަށް އޭނަ ނުފެނުނަސް އޭނަދެކެ ލޯބިވޭ... _ " އަރްޒަން އަނގަ ތުއިކޮއްލަމުން އަސްރާ ބުނި ގޮތަށް ބުނެލިއެވެ. އަސްރާ ރުޅިއަންނަ ކަމަށް ހަދަމުން އަރްޒަންގެ މުލައްދަނޑީގައި ތަޅައިގަތެވެ.
" އަހަރެންނާ ކިސްކުރަން ވެސް ބޭނުމެއްނު؟ " އަރްޒަން އިނގިރޭސިން އެހެން ބުނަމުން ލާނެއްކަމާއެކު ހީގަތެވެ.
" ތިބުނީ؟ " އަސްރާއަކަށް އަރްޒަން ބުނި އެއްޗެއް ނޭނގުނެވެ.
" މިބުނީ މިވާހަކަ.... " އަރްޒަން އަސްރާގެ އޭނަގެ ގާތަށް ދަމައިގަތުމަށްފަހު އަސްރާގެ އެއޮމާން ތުންފަތަށް ބޮސްދިނެވެ.
---
އެދުވަހުގެ ފަހުން އަސްރާއާ އަރްޒަންގެ ސިއްރު ބައްދަލުވުންތައް އެމަރަލްޑްގެ ގޭގައި ހޭދަކުރަމުން ދިޔައެވެ. ދުވާލު ގަޑީގައި މޫސަ ގެޔަށް ނާންނާތީ އެބައްދަލުވުންތައް އިތުރަށް ކުރިޔަށް ގެންދަން ފަސޭހަވިއެވެ. އަސްރާވެސް އުމުރުން ސޯޅަ އަހަރު ފުރިފައިވުމާއެކު އަމިއްލައަށް ކައްކަން އެނގޭތީ ހުސްނާވެސް މާވަރަކަށް އެގެޔަށް ގޮހެއް ނޫޅެއެވެ. އަސްރާ ކަމެއް ވެގެން ގޮވާލުމުން ނޫނީ އޭނަ އެގެޔަކަށް ނުދާނެއެވެ.
---
" ކޯޗެއް ތިހަދަނީ؟ " އެއްދުވަހެއްގެ ރޭގަނޑު ބަދިގޭގައި ރޭގަނޑުގެ ކެއުން ހަދަން ހުރި އަސްރާ ފެނިފައި އަރްޒަން އަހާލިއެވެ.
" ބަތްޕެނާ މަސްކުރޮޅި.. " އަސްރާ ކައްކާފައިވާ ބަތްޕެން ތެއްޔަށް އިޝާރާތްކުރަމުން ބުނެލިއެވެ.
" ދީބަލަ މަށަށް ތިތަނުން މަސްކޮޅެއް.. " މަސް ކޮށަންވެގެން ވަޅޯމަސްކޮޅެއް މޭޒުމަތީގައި ހުރި ތަށިން ނެގި ވަގުތު އަރްޒަން ބުނެލިއެވެ.
" މަސް ވަރަށް މީރުދޯ؟ " އަސްރާ ހީގަނެފައި ވަޅޯމަހުގެ ފުލުން އެތިކޮޅެއް ވަޅިން ކަނޑާލުމަށްފަހު އަރްޒަންއަށް ދިނެވެ. އަރްޒަން ބޯޖަހާލަމުން ބަދިގޭގައި ހުރި ލަކުޑި ގޮނޑިއެއްގައި އިށީނދެލިއެވެ.
" އެބަ އަންނަން... " ވަރަށް އަތްމަތި އަވަސްކުރަމުން މަސްކޮޅު ކޮށާލުމަށްފަހު އަސްރާ ދެން ހުރި އެއްޗެހި ވަނުން ތެޅުމަށް ވަން ބަލައި ދިޔައެވެ. އެހެން ދުވަހަކު ދަގަނޑު ބަރު ވަން ބަހައްޓާ ތަނުގައި އެހެން އެއްޗެއް ބެހެއްޓުމުން އެދުވަހު ވަން ލީ ގޮނޑިޔަށް އަރައިގެން ފާރުގައި ހަރުކޮއްފައިވާ މަތީ ކަބަޑުބަރީގެ އެންމެ މައްޗަށެވެ. މިއަދު އަރްޒަން އެގޮނޑީގައި އިނުމުން އޭނައަށް އެގޮނޑި ދޭށޭ ބުނާކަށް ނުކެރުނެވެ. ފުންނާބު ހިއްލައިގެން އެވަން ނެގޭތޯ އުޅެމުން ދަނިކޮށް އަތް ޖެހުނު ގޮތަކުން ވަން ވެއްޓިގެން އައީ ބޮލާ ދިމާއަށެވެ.
" ބަލައިގެން އަޝޫ... " އަރްޒަންގެ ހަލުވިކަމާއެކު ވަގުތުން އަސްރާ ގެނެސް އޭނަގެ މެޔާ ކައިރިކޮއްލިއެވެ. ބިންމައްޗަށް ވެއްޓި އަޑު ކިޔައިގެން ދިޔަ ވަނަށް އެއްފަހަރު ބަލާލަމުން އަނެއް ފަހަރު އަރްޒަންއަށް އަސްރާ ބަލާލިއެވެ.
" ބުނީމެއްނު އަހަރެން ގާތުގައި ބުނާށޭ ކަމެއް ބޭނުންވީމައި... " އަރްޒަންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ.
" ސޮރީ އަރްޒަން... " އަސްރާ އަރްޒަންގެ ގައިގައި ބައްދާލިއިރު ދެލޮލުގައިވަނީ ކަރުނަތައް ގިނަވެފައެވެ. އަރްޒަންއަށް ދެރައެއް ދެވުމުން އޭނަގެ ހިތަށް އުނދަގޫވެއްޖެއެވެ.
އަރްޒަން އަސްރާގެ ބުރަކަށީގައި ފިރުމަމުން އެއީ ކަމެއް ނޫނޭ ބުނެލިއެވެ. އަދި އަސްރާ މަޑުމަޑުން ގަޔާ ދުރުކޮއްލަމުން ދެލޯ ފުހެލަދިނެވެ.
" ދަރިފުޅާ ކޮން އަޑެއް އެއިވުނީ؟ " ގޭތެރޭގައި ކިޔަވަން އިން މޫސައަށް ވަން ވެއްޓުނު އަޑު އިވިގެން އައިސް ބަދިގެޔަށް ވަނެވެ. ވަގުތުން އަރްޒަން ވައިގެ ތެރެއަށް ގެއްލިގެން ދިޔައެވެ.
" ވަން ވެއްޓުނީ... " އަސްރާ އަވަހަށް ވަން ނެގިއެވެ.
" ތަނަކަށް ތަދުވިތަ ދަރިފުޅާ؟ " މޫސަ އައިސް އަސްރާގެ ގާތުގައި މަޑުކޮއްލިއެވެ.
" އުހުން. ހުރިހާ ކަމެއްވެސް ރަނގަޅޭ ބައްޕާ. ހިނގާ އެތެރެއަށް. އަޅުގަނޑު އެބަ އަންނަން މިރުސްކޮޅެއް ހުސްނާއްތަ އަތުން ހިފައިގެން... " އަސްރާ އަވަސް ހިނގުމުގައި އެތަނުން ނުކުތެވެ. މޫސަ ބޭރަށް ނިކުންނަން ދަނިކޮށް ލޮލުގައި އަޅައިގަތީ ބަދިގޭގައިވާ ކުޑަދޮރުން ފެނިގެން ދިޔަ ބިރުވެރި ސޫރައަށެވެ. ވަގުތުން މޫސަ އެހުރި ތަނަށް ހޭނެތިގެން ވެއްޓުނެވެ.
ނުނިމޭ

ސަޅި
ވަރަށް ރީތި ވާހަކައެއް.... 💖💖
ދެން އޮތް ޕާޓު ކޮން އިރަކު ލަސް ނުކުރައްޗޭ
ދޯ؟
ވަރަށް އަވަހަށް 20 ވަނަ ބައި ނުކުއްދައްޗޭ
ވާއު.. 😑😐 ރީތި ވާހަކައެއް..