ރެފިއުޖީ ކުއްޖެއްގެ ގަލަމުން

16 ޖުލައި 2018

20:00

އެއްވެސް ހަރަކާތެއްނެތި އަހަރެންނަށް ބިއްމަތީގައި އޮވެވުނެވެ. އަހަރެންނަށް ވިސްނެމުން ދިޔައީ ދެންމެ ހިނގައިދިޔަ ކަންތައްތަކާމެދުއެވެ. ދެންމެ އަހަރެންގެ ގެ ކައިރިއަށް ވެއްޓުނީ ބޮމެކެވެ. އެ ބޮންގޮވުމުން ދުނިޔެދޫކުރި އެތަކެއް މީހުންގެ ތެރޭ ގައި އަހަރެންގެ ލޮބުވެތި މަންމަ އާއި ބައްޕަ ހިމެނުނެވެ. އަހަރެންގެ ތުއްތު ކޮއްކޮ ވެސް ހިމެނުނެވެ. ކޮއްކޮ ދުނިއެއަށް އުފަންވިތާ އަދިކިރިޔާ ވީ އެންމެ ހަތަރު ހަފްތާއެވެ. އަހަރެންގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ރޮއެ ގިސްލެވެމުންދިޔައެވެ. އަހަރެންގެ ކުޑަ ހިތަށް އެތަކެއް އަސަރުތައްކާއި އިހްސާސްތައް ކުރެވެމުންދިޔައެވެ. ވަރަށް މަސައްކަތުން އަހަރެން ބިންމަތިން ތެދުވީމެވެ. އަހަރެންގެ ލައިގެން ހުރި ހެދުމާއި ބުރުޤާ ވަނީ އަހަރެންގެ ނިއްކުރިން ފައިބަމުން ދިޔަ ލެއިން ތައްތެޅިފައެވެ. އަހަރެންގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ވަނީ ޒަޚަމްވެފައެވެ. އަހަރެން ވަށައިގެން ވަނީ ފުނޑުފުނޑު ވެފައިވާ ގެތަކެވެ. ވެއްޓިފައިވާ ތަނބުތަކާއި ފާރުތަކެވެ. އަނދަމުން ދިޔަ އަލިފާންގަނޑުތަކެވެ. އަނިޔާވެފައިވާ މީހުންނާއި މަރުވެފައިވާ ބައެއް މީހުންގެ ހަށިގަނޑުތަކެވެ. ތަންކޮޅެއް ކައިރީ ގައި އެންބިއުލާންސެއް ޕާކުކޮއްފައި އޮތެވެ. ނަރުހުންނާއި ޑަކުޓަރުން އަނިޔާވެފައިވާ މީހުންނަށް އެހީތެެރިވެ ބޭސްފަރުވާކުރާތަން ފެނުނެވެ. އަހަރެން ކޮރުޖަހަމުން އެތަނަށްދިޔުމުން އެތާ ހުރި ނަރުސް ދައްތައެއް އަހަރެންގެ ޒަޚަމްވެފައިވާ ގުނަވަންތަކުގައި ބެންޑޭޖް އާއި ބޭސްމަލަން އަޅައި ދިނެވެ. ނަރުސް ދައްތަ ކައިރީ އިންދަ މީހުންތަކެއް މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނަގައިގެން އަންނަތަން އަހަރެންނަށް ފެނުނެވެ. އަހަރެންގެ ކޮއްކޮ އާއި މައިންބަފައިންގެ ހަށިގަނޑު ނަގައިގެން އަންނަތަން ފެނުނެވެ.

މި މަންޒަރުތައްފެނި ރާސްލާފައި އަހަރެންގެ ލޮލުން ކަރުނަތައް ފައިބަންފެށިއެވެ. އަހަރެންނަށް ރޮވެންފެށުނެވެ. އަހަރުމެންނަށް މިހެންވާންޖެހެނީ ކީއްވެހެއްޔެވެ؟ ހަނގުރާމައިގެ ސަބަބުން ކިތައް މީހުން ދުނިޔެދޫކޮއްފިހެއްޔެވެ؟ ކިތައް މީހުން އެމީހުންގެ އަނބިދަރިން ގެއްލިއްޖެހެއްޔެވެ؟ ކިތައް ރައްޔިތުން އެ މީހުންގެ ދިރިއުޅޭނޭ ގެދޮރުގެއްލިއްޖެހެއްޔެވެ؟ ކިތައް ކުދިން އެ ކުދިންގެ މައިންބަފައިންގެއްލިއްޖެހެއްޔެވެ؟ އެކުދިންގެ ތެރޭ އަހަރެން ހިމެނެންވީ ކީއްވެހެއްޔެވެ؟ އަހަރެން ނިސްބަތްވާ އަދި ދިރިއުޅެމުންދާ ސީރިޔާގެ ކިތައް ރަށްތައް ހަލާކުވެގެން ގޮއްސިހެއްޔެވެ؟

މި ވޭނުގައި އަހަރުމެން ހޭދަކުރަނީ ޖެހޭނީ ކިތައް ދުވަސްހެއްޔެވެ؟ ކިތައް އަހަރުތަކެއްހެއްޔެވެ؟ ޒަމާންތަކެއްވަންދެން އަހަރުމެން މިހާލަތުގައި މިބިރުވެރިކަންމަތީ އުޅެންޖެހޭނެހެއްޔެވެ؟ މި ހަނގުރާމައަށް ނިމުމެއް އަންނާނީ ކޮންދުވަހަކުންހެއްޔެވެ؟ އަހަރުމެން މި ހިތްދަތިކަން ތަޖުރިބާކުރަންޖެހެނީ ކީއްވެހެއްޔެވެ؟ އަހަރުމެންގެ ކުށަކީ ކޮބައިހެއްޔެވެ؟ އަހަރެންގެ ހިތައް އެތައް ޝަކުވާތަކާއި ސުވާލުތައް އަރަމުން ދިޔައެވެ. އަހަރެން ރޯތަންފެނި އަހަރެންގެ ކައިރީ ގައި ހުރި ނަރުސް ދައްތަ ރޮއުންހުއްޓާލާފައި ހިތްވަރުގަދަކުރުމަށް ނަސޭހަތް ދިނެވެ. ނަސީބުދިމާވިގޮތުން އަހަރެންގެ މައިންބަފައިންނާއި ކޮއްކޮ ގެ މޫނު ބަލާލުމުގެ ފުރުސަތެއް ނުލިބުނެވެ. ނަމަވެސް މަރުވި މީހުންގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތުލިބުނެވެ. ކަށުކަމާއިގެ ކަންތައް ނިމުމުން އަހަރެން ގޮސް އެތާގައި ވެއްޓިފައިވާ ތަނބެއްގެ މަތީގައި އިށީނީމެވެ. އެ ތަނބުމަތީ އިންދަ އަހަރެންގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި އޮތް ފޮތެކެވެ. އަހަރެން ގޮސް އެފޮއްނެގީމެވެ. އެއީ އަހަރެން މިލިޔާ ފޮތެވެ. މިފޮތަކީ އަހަރެންގެ ބައްޕަ މީގެ ދުވަސްކޮޅެއް ކުރިން ހަދިޔާއެއްގެގޮތުގައި ދިން ފޮތެކެވެ. އަހަރެންނަށް ދިމާވާ ހާދިސާތަކާއި އަހަރެން ތަޖުރިބާ ކުރާ ތަޖުރިބާތައް ލިޔަންދިން ފޮތެކެވެ. އިނގިރޭސިން ބުނާނަމަ ޖަރނަލްއެެކެވެ. ފޮތުގެ ބައެއްތަންތަން އަނދާފައި އޮތް ނަމަވެސް މާ ބޮޑު ގެއްލުމެއް މިފޮތަށްކަށް ލިބިފައެއް ނުވެއެވެ. މިފޮތާއި އެކު ލިބުނު ގަލަން އަހަރެންގެ ފައި ދޮށުގައި އޮތެވެ. ގަލަން ނަގައި އަހަރެން ކުރިން އިން ތަނބުމަތީ އިށީންދެ އަހަރެން މިފޮތުގައި ލިޔަންފެށީމެވެ. މީގެ ކުރިން މިފޮތުގައި އަހަރެން އަދި ނުލިޔަމެވެ. އަހަރެން މިވަގުތަށް މިފޮތުގައި ލިޔުން ހުއްޓާލަނީ އަހަރެންގެ ހިތްހެޔޮ އަވައްޓެރިއެއް އައިސް އަހަރެންގެގާތު މިޤައުމު ދޫކޮށް ފައި މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕައް ދާން ތައްޔާރުވެފައިވާ ޑިންގީއެއްގައި ދަތުރު ދިޔުމަށް ދައުވަތުއެރުމުން ޑިންގީއޮތްތަނަށް ދިއުމަށެވެ.

21:25

އަހަރެން މިވަގުތު މިއިނީ ޑިންގީގައެވެ. މި ޑިންގީގައި ދަތުރުކޮއްފައި މިދަނީ ޔޫރަޕަށެވެ. ޑިންގީގައި ބައިވަރު ރެފިއުޖީން އެބަތިއްބެވެ. މީހުން ގިނަ ކަމުން އަހަރެން މި އިންނަން ޖެހެނީ ފިތި ބާރުވެފައެވެ. އަހަރެން ހިތައް ކުޑަ ކޮށް ނުތަނަވަސްކަމެއް ފެތުރިފައިވެއެވެ. އެއީ މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ދަތުރު ކުރަން އުޅުނު ބައިވަރު ރެފިއުޖީން އެމީހުންގެ ޑިންގީތައް ބަންޑުންޖަހައިލައިގެން ބައިވަރު މީހުން ހާލުގައިޖެހި ބައެއް މީހުން ގެނބިގެން މަރުވި ކަމުގެ ހަބަރު އަހަރެންނަށް ލިބިފައިވާތީއެވެ. އަހަރެން މިއިން ޑިންގީ ޔޫރަޕައް ދެވޭނެ ކަމާ މެދު އަހަރެންގެ ހިތުގައި ޝައްކު އެބައޮތެވެ.

00:10

އަހަރެން މި އިން ޑިންގީ ބަންޑުންޖަހައިލާފިއެވެ. އަހަރެންނަށް ވީގޮތެއް ނޭންގެއެވެ. އަހަރެން ސަލާމަތްވާނެކަމުގެ އުއްމީދެއްނެތެވެ. އަހަރެން މި ފޮތް ފޮއްޓަކަށް ލައި ކަނޑައް މި އެއްލާލަނީ ކޮންމެ ވެސް ދުވަހަކުން މީހަކު މިފޮތް ލާފައި އޮތް ފޮށިގަނޑު ފެނި ފޮށިގަނޑުނަގައި ފޮށިގަނޑުތެރޭގައި އޮތް މި ފޮތުގައިވާ އަހަރެންގެ ވާހަކަ ކިޔާނެކަމުގެ އުއްމީދުގައެވެ.

  Please log in or register to bookmark.
  1k

  8 ޚިޔާލު

  1. ރީތި މާޝާ ﷲ އިތުރު ވާހަކައަކައ އިނތިޒާރު ކުރަނ

  2. ވަރަށް ރީތި މާޝާ ﷲ.. އިތުރު ވާހަކަ އަކަށް އިންތިޒާރުގައި މިއިން.. ގުޑް ޖޮބް ފޯ ދިސް ސްޓޯރީ އޮފް ޔުއާރޒް.. 😉☺️

  3. ރަނގަޅު ވާހަކައެއް ތީ ހަމަ

  ޚިޔާލު

  Your email address will not be published.