މިއީ އަންނަން އޮތް ދުވަހެކެވެ

ކޮންމެ ނަފްސެއްވެސް އަޖަލު ހަމަވުމުން މަރާ ބައްދަލްކުރަންޖެހެއެވެ. މި ފަނާވަމުންދަނިވި ދުނިޔެއަށް އަލްވަދާއު ކިޔަންޖެހެނީ ހުރިހާ އެއްޗެއް ދޫކޮށްލާފައެވެ. ހަމައެކަނި ގެންދަންލިބެނީ ކުރި އަމަލްތަކެވެ.

އާ ދުވަހަކަށް ތިބާ ތި ލޯ ހުޅުވާލީ އުންމީދުތަކަކާއެކުގައެވެ. އަނބިދަރިންނަށް އަލްވަދާއު ކިޔުމަށްފަހު ތިބާ ތި ނުކުތީ މަސައްކަތުދާށެވެ. ވަރަށްވެސް ބުރަކޮށް އުޅެ މަސައްކަތް ނިންމާ ހުސްވަގުތު ހޯދުމަށްފަހު ތިބާގެ ރަހްމަތްތެރިންނާވެސް ތިބާ ބައްދަލްކޮށްފިޔެވެ. އެއަށްފަހު ލޯބި ލޯބި އާއިލާއާއެކު ވަގުތު ހޭދަކުރުމަށްފަހު ތިބާ ނިދަން އޮށޯވެއްޖެއެވެ.

ޖެހިގެން އައި ދުވަހުގެ އިރުއެރީ ތިބާގެ ލޯބިވާ ދަރިޔަކު އައިސް ތިބާއަށް ގޮވާ އަޑަށްށެވެ. ތިބާ މި ތެދުވަނީޔޭ ބުނުމުންވެސް އެ ދަރިފުޅުދިޔައީ ތިބާއަށް ގޮވަމުންނެވެ. އެންމެ ފަހަށް ތިބާ ތެދުވަން މަސައްކަތްކުރިޔެވެ. ނަމަވެސް ތިބާގެ ހަށިގަނޑުން ބަޔެއް ގުޑާވެސް ނުލައެވެ. އެންމެ ފަހަށް ގޮވަން ހުރި ލޯބި ލޯބި ދަރިފުޅު ދުވެފާގޮސް މަންމަ ގޮވާގެން އަތުވެއްޖެއެވެ. ތިބާގެ އަންހެނުންވެސް ތިބާއަށް ގޮވަނީއެވެ. ތިބާގެ ދަރިފުޅުވެސް ތިބާއަށް ގޮވަނީއެވެ. ނަމަވެސް ހަމަ ހިލާ ތިބާއަކަށް ގުޑާވެސް ނުލެވުނެވެ. އެންމެ ފަހަށް ކަމެއް ގޯސްކަން އެނގިއްޖެއެވެ. ތިބާ މިދުނިޔެއާ ވަކިވެއްޖެކަން އެނގިއްޖެއެވެ. ތިބާއަށް ރޮވެންފަށާފިޔެވެ. ތިބާގެ ރުއިމުގެ އަޑު އެމީހުންނަކަށް ނުއިވެއެވެ. އެންމެ ފަހަށް ތިބާގެ ލޯބި އަންހެނުން ދަރިފުޅު ގައިގާ ބައްދާގަނެގެން ރޯންފެށިޔެވެ. އިރުކޮޅަކުން އެމްބިޔުލަންސްވެސް އަތުވެއްޖެއެވެ. ތިބާ ލަވަމުންދިޔަ ހަޅޭއް އެމީހުންނަކަށްވެސް ނުއިވެއެވެ. އެމީހުން އައިސް ތިބާ ގައިގާ ހުދު ފޮތިގަނޑެއް އަޅާ ނިވާ ކުރުމުން ތިބާ ހޮސްޕިޓަލްއަށް ގެންދަންދެން އެއްވެސް އެއްޗެއް ތިބާއަކަށް ނުފެނެއެވެ. އިވެނީ މީހުންގެ އަޑުތަކެވެ. ދުއްވާ އެއްޗެހީގެ އަޑެވެ. ދިރިއުޅުން ހަމަ ކުރިޔަށްދަނީއެވެ.

އެންމެ ފަހަށް ތިބާގެ ހަށިގަނޑު ހޮސްޕިޓަލްއަށް ގެނެވިއްޖެއެވެ. ޑޮކްޓަރުންނަށް ކުރެވުނު މަސައްކަތްތައް ނާކާމިޔާބުވެ ތިބާ ނިޔާވެއްޖެކަމަށް ކަނޑައެޅިޔެވެ. އެއާއެކު އަނެއްކާވެސް ތިބާ އެމްބިޔުލާންސްއަށް ލެވިއްޖެއެވެ. ހިނަވާ ގެޔަށް ގެނެވިއްޖެއެވެ. ތިބާގެ މޮޅު އަތުކުރި ގަޑިޔާ ފޯންފަދަ ސާމާނުގެ އިތުރުން އަންނައުނު ނެގިއްޖެއެވެ. ތިބާގެ ގަޔަށް ފެން އަޅާ ހިނަވަންފެށިއްޖެއެވެ. ތިބާގެ ރުއިމާ ހަޅޭކުގެ އަޑު އެއިން އެކަކަށްވެސް ނުއިވެއެވެ. އެންމެ ފަހަށް ކަފުންކޮށް މޫނު ދެއްކުމަށްވެސް ތައްޔާރުވެ ބޭއްވިއްޖެއެވެ. ދުނިޔޭގާ ތިބާ ފެންނަން އޮންނަ އެންމެ ފަހު ގަޑިކޮޅު ހިނގަންފަށާފިޔެވެ. ރައްޓެހިންނާ ގާތްތިމާގެ މީހުންނާ ނުދަންނަ އެތައް ބަޔަކު ތިބާގެ މޫނުދެކެން އަންނަންފަށާފިޔެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުންދަނީ ހިތާމައެވެ. މަންޒަރު ވަރަށްވެސް ހިތްދައްޗެވެ. ނަމަވެސް ހަމަ ހިލާ އެކަަކަށްވެސް ތިބާގެ ހަޅޭކާ ރުއިމުގެ އަޑު ނުއިވެއެވެ. ސަންދޯކުވެސް ގެނެވިއްޖެއެވެ. އެންމެ ފަހަށް މޫނު އަޅާ ގަޑި ޖެހިއްޖެއެވެ. އާއިލާ މީހުން ގަދަޔަށް ރޮމުންދަނީޔެވެ. އަންހެނުންނާ ދަރިފުޅަށް އެންމެ ފަހު ފަހަރަށް ތިބާގެ މޫނު ފެންނަނެ ފަހަރަކީ މިއީޔެވެ. ތިބާގެ މޫނު އެޅުމާއެކު ހުރިހާ މަންޒަރެއް ގެއްލިއްޖެއެވެ. ދެން އިހްސާސްވެގެންދިޔައީ ތިބާގެ ހަށިގަނޑު ސަންދޯކަށް ލުމަށް ހިފާލި ހިފުމެވެ. ސަންދޯކަށް މަޑުމަޑުން ތިބާ ލުމަށްފަހު މަތި ޖެހުނެވެ. އެއަށްފަހު ކަށު ނަމާދަށް ތިބާ ނުވަންނަން ގަދަ ހެދި ނުވަތަ ވަދެ އުޅުން މިސްކިތައް ވެއްދިއްޖެއެވެ. ތިބާގެ މައްޗަށް ކަށުނަމާދުކޮށްފިޔެވެ. ނިމުމާއެކު ތިބާގެ ސަންދޯކު އުފުއްލާން ކަށްވަޅަށް ލުމަށް ގެންދެވެންފެށިޔެވެ. މަންޒަރު ވަރަށްވެސް ހިއްޗެވެ. ތިބާގެ ރުއިމާ ހަޅޭކުގެ އަޑު ހަމަ ހިލާ އެކަކަށްވެސް ނުއިވެއެވެ. ކަށްވަޅާ ހަމަޔަށް ގެނެވުމާއެކު ލަހެއް ނުކޮށް ތިބާގެ ސަންދޯކު ކަށްވަޅަށް ތިރިކޮށް ފަސްދާނު ލެވިއްޖެއެވެ. ތިބާގެ ހަޅޭކާ ރުއިމުގެ އަޑު ހަމަ އެކަކަށްވެސް ނުއިވެއެވެ. އެންމެ ފަހަށް މީސްތަކުން އަނބުރާ ދާ ފިޔަވަޅުގެ އަޑުތައް އިވެންފެށިޔެވެ. ދެން އޮތީ ތިބާގެ ވެރި ރައްބާ ތިބާ ބައްދަލްކުރުމެވެ.

ލޮބުވެތި އަޙުންނާ އުޙްތުންނޭވެ. މިއަދު އަޅުގަނޑުމެން ހިތު ހުރި ގޮތަކަށް މި އެނބުރެމުންދަނީ އަޅުގަނޑުމެންނަކީ މަރުނުވާނެ ބަޔެއްކަމަށް ދެކިގެންތޯއެވެ؟ ހަމަ ހިލާ އެހެނަކުން ނުވާނެއެވެ. މަރާ ބައްދަލްކުރަން ޖެހޭނެއެވެ. އެއަކަށް ހަމަ އެކަަކަށްވެސް ނުފިލޭނެއެވެ. އެއީ ކިތަންމެ ވަރުގަދަ ކިއްލާއެއްގާ އޮތަސްމެއެވެ. ތިބާ ދުނިޔޭގާ ހެޔޮކޮށް އުޅެފިނަމަ ތިބާއަށް ކަށްވަޅުގާ އުފާވެރިކަން ހުއްޓެވެ. އަދި ތިބާ ދުނިޔޭގާ ނުބައިކޮށް އުޅެފިނަމަ ތިބާއަށް ކަށްވަޅުގާ އޮތީ ވޭންދެނިވި އަޒާބެވެ. ވީމާ އަވަހަށް ތައުބާވާށެވެ. ޖެހިގެން އޮތް ސިކުންތުގާވެސް ތިބާ މަރުވެގެން ވެއްޓިދާނެއެވެ.

- ނިމުނީ -

    Please log in or register to bookmark.
    898

    5 ޚިޔާލު

    1. ޔާﷲ މިދުނިޔޭގައި ރީތި ދިރިއުޅުމެއް އުޅެވުމުގެ ހެޔޮ ތައުފީޤު ދެއްވާންދޭވެ.. އަދި މިއަޅާއާއި ތިއެންމެންނީ ސުވަރުގޭގެ އަހުލުވެރިން ކަމުގައި ލައްވާފާނދޭވެ.. އަޅަމެންގެ އަމަލުތައް އިސްލާހުކޮށްދެއްވާ އެންމެހާ ފާފަތައް ފުއްސަވާނދޭވެ،. މިމަތިވެރި މާތް މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ތައުފީޤު ދެއްވާދޭވެ! އަޅަމެނ އެންމެންނަށ ހެޔޮ ވިސްނުން ދެއްވާނދޭވެ.. އާމީން!
      ރަމަޟާން މުބާރަކް

    2. ވަރަށް ރީތި އަދި އެހާ އިބްރައިތެރި ވާހަކައެއް ❤️ 💙 💚

    ޚިޔާލު

    Your email address will not be published.