ރައްޔާން - 4

ރައްޔާން ގޮސް ދޮރު ހުޅުވާލި އިރު އެކަކުވެސް ނެތެވެ.
"ކާކުތަ ސަމާސަ ކުރަނީ؟" ރައްޔާން ގާތަށް ރުޅިއަންނަގޮތް ވިއެވެ. އޭނާ އެނބުރި އައިސް ގޮނޑީގައި އިށީންތަނާ ދެވަނަ ފަަހަރަށް ޓަކި ޖަހައިލުމުން ފުންމައިގެން ތެދުވެފައި ބާރު ބާރަށް ގޮސް ދޮރު ހުޅުވާލިއެވެ.
"ކިހާ ދެރަކަމެއް؟ ކާކުހޭ ސަމާސަ ކުރަނީ ؟ ރައްޔާން ބޭރުގައި ހުރެފައި ހަޅޭއްލަވައިގަތެވެ. އެވަގުތު އަނދިރިކަން ވެރިވެފައި އޮތް ގަސްތަކު ތެރެއަށް ވައިރޯޅިއެއް ޖެހިލުމުން ހެލިގަންނަހެން ހެލިގަތެވެ. ރައްޔާން ސިއްސައިގެން ގޮސް އަވަހަށް އެތެރެއަށް ދެމިގަނެވުނެވެ. ރައްޔާން ގެ ހިތް ބިރުގަތީ އެހިސާބުންނެވެ. އަލުން ގޭމް ކުޅޭ ހިތްވެސް ނުވެފައި އެއިންގޮތަށް އިންދާ މަންމަ އައިސް ދޮރު ހުޅުވާލުމާއެކު އަނެއްކާ ސިހިފައި ތެދުވެވުނެވެ.
"މަންމަ ދޯ؟" ރައްޔާން ހިންހަމަޖެހިފައި ބުނެލިއެވެ. މަންމަ އެދުނީ ކައިރި ފިހާރައަކުން ޓޮމާޓޯ ދަޅެއް ގަނެގެނެ ގެނެސް ދިނުމަށެވެ. ރައްޔާން ބޯ ބޯޖަހައިލުމުން އަތުގައި އޮތް ފަސް ރުފިޔާގެ ނޫޓު ލިޔާ މޭޒުމަތީީ ބާއްވާފައި ނިކުމެގެން ދިޔައެވެ. ރައްޔާން ހަމަޖެހިލާފައި އެފަސް ރުފިޔާ ހިފައިގެން ނިކުމެ ބާރު ބާރަށް ގޮސް ދޮރާށިން ނިކުތެވެ. ގެއާއި އެއްމެ ކައިރީގައި ހުރި މަގުމަތީ ހޮޅިބުރި އަނދާފައި ހުރުމުން އެހިސާބުގަނޑު އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ. ރައްޔާން ފިހާރައަށް ވައްނަން އެދިމާއަށް ދިޔައިރު ފަހަތުން މީހަކު އަންނަކަމުގެ އިހުސާސެއް ކުރެވުނެވެ. ފިނިވާ ގޮތް ވެފައި އޭނާއަށް ފަސްއެނބުރި ބަލައިލާކަށް ނުކެރުނެވެ. ފިހާރަ ހުޅުވާފައި ހުއްޓާ ފެނިގެން ވަދެ ޓޮމާޓޯ ދަޅު ގަނެގެން ނިކުތެވެ. އޭރު އެތާ ބައިސްކަލެއްގެ މަތީ އިން ފިރިހެން ކުއްޖަކު ނޫނީ މުޅި އެހިސާބުގައިވެސް މީހަކު ނެތެވެ. ރައްޔާން ގެއަށް ވައްނަން ވެގެން ވަކި ހިސާބަކަށް ދެވުނުތަނާ އަނެއްކާވެސް މީހަކު ފަހަތުން ހިނގާހެން ހީވާން ފެށިއެވެ. ދޮރާއްޓާ ހަމަވެފައި އެނބުރި ބަލައިލޭވުނީ ކެތް ނުވެގެންނެވެ. އެވަގުތު ރައްޔާން ދިޔައީ ތަޅުވައިގަނެގެންނެވެ. ރައްޔާންއަށް ފެނުނީ އިރުއޮއްސުނު ގަޑީގައި ރަނިކަ ގަސް ބުޑުން ފެނުނު ފިރިހެން ކުއްޖާއެވެ. އިސްޖަހައިގެން ހުރީ ރައްޔާން އަތް ދިއްކޮށްލައިފިނަމަ އަތް ޖެހޭހާ ކައިރީގައެވެ. ރައްޔާން ބިރުން ނޭވާވެސް ނުލައި ދޮރާށިން އެތެރެއަށް ދެމިގެންފައި ދުވަމުން ގޮސް ބަދިގެދޮރުމައްޗަށް ހުއްޓުނެވެ.
"ކިހިނެއްވީ؟ ކީއްވެ ދުވެފައި ތިއައީ؟ މަންމަ ހައިރާން ވެފައި ސުވާލު ކުރިއެވެ.
" މިގޭ ދޮރުމަތީގަ ކަޅު ފިރިހެން ކުއްޖެއް ..." ރައްޔާން މައިނޭވާ ލަމުން ކިޔައިދިނެވެ. މަންމަ ބަލަން ހުރެލާފައި އޭނާގެ އަތުގި އޮތް ޓޮމާޓޯ ދަޅު އަތުލައިގެން އެންބުރުނެވެ.
" ދެން ދޭ އެތެރެއައް. ކޮއްކޮ ކައިރީ އިންދޭ މަންމަ ދާންދެން." ރައްޔާން މަންމަ އާދައިގެ ގޮތަކަށް ވާހަކަ ދެއްކިއެވެ. މަންމަ އަށް އެއީ ޙާއްސަ ކަމަކަށް ނުވިއަސް ރައްޔާން ހުރީ ބިރުންނެވެ. އޭނާ އަވަހަށް ގޮސް ގެއަށް ވަދެފައި ކާޓޫން ބަލަންއިން ކޮއްކޮ ކައިރީގައި ޖައްސައިލިއެވެ. އެހެން އިންދެފައިވެސް އިރުއިރު ކޮޅާ ކުޑަ ދޮރުތަކާއި ދިމާއަށް ބަލައިލެވެނީ ބޭއިޙްތިޔާރުގައެވެ.
ދެފަހަރު މަތިން ފެނުނު ނުދައްނަ ކުއްޖާގެ ވާހަކަ ރައްޔާން ބުނީ އަލްޔާ ކައިރީގައެވެ.
" ހަންޑި ކުއްޖެއް ކަންނޭގެ ." އަލްޔާ އަނގަމަތީ އަތް އަޅާފައި ތިރިކޮއްލަމުން ޙިޔާލު ފާޅު ކުރިއެވެ.
" އެކަމަކު ކީއްވެ އަހަރެންނަށް އެކުއްޖާ ފެއްނަންވީ ؟ އަހަރެން ކޮން ގޯނާއެއް ކުރީ؟" ރައްޔާން ބޯ ކަހައިލިއެވެ. އޭނާގެ ސަބަބުން ރޫޙާނީ އެއްޗަކަށް ގޯނާ ވާވަރުގެ ކަމެއްކުރެވުނު ހަނދާނެއް ނެތެވެ. " ތިވާހަކައެއް ނޫނޭ. ހިނގާބަލަމިއަދު ސުކޫލް ނިމިގެން އަހަރުމެން ގެއްށް. ކޮއްކޮ މާދަން މާލެ ދާން ފުރާނެ . ދެން ދިމައެވެސް ނުވާނެއެއްނުން." އަލްޔާ ބުނެލިއެވެ. ރައްޔާން ބޯޖަހައިލައިފައި އެއްބަސް ވިއެވެ.
ސުކޫލް ނިންމާފައި އަލްޔާއާ ދެކުދިން ނިކުމެގެން ދިޔައީ އެކު އެކީގައެވެ. ގޭ ދޮރުމައްޗަށް ދިޔަތަނާ އެތެރެއިން ކުއްޖަކު ހަޅޭއްލަވައިގަތް އަޑު އިވިއްޖެއެވެ ރައްޔާންއާ އަލްޔާ ދިޔައީ ސިއްސައިގެންނެވެ.
"އެއީ ކޮއްކޮގެ އަޑު ." އަލްޔާ ކަންބޮޑު ވެފައި ރައްޔާން ގެ މޫނައް ބަލައިލިއެވެ. އެއަށް ފަހު ދުވެފައި ގޮސް އެތެރެއައް ވަނެވެ. ރައްޔާން ޖެހިލުންވެފައި ހުރެގެން ލަސް ފިޔަވަޅު ތަކެއްގައި ގޮސް ކައިރި ވަނިކޮން އެތެރެއިން ބާރު ސްޕީޑެއްގައި އައި ފައިވާން ކިބައަކުން ޖެހުނީ ސީދާ މޫނުގައެވެ. ތަދުވެގެން މޫނުގައި ފިރުމާލައިފައި ތިރިއަށް ވެއްޓުނު ފައިވާން ކިބައަށް ބަލައިލިތަނާ އަނެއްކާ އަލްޔާގެ ކޮއްކޮ ހަޅޭއްލަވައިގަތެވެ. މިފަހަރު ކޮއްކޮ ބުނި އެއްޗެއް ސާފުވިއެވެ.
" އޭނާ މިގެއަށް ނުވައްދާތި .....!!!. "

-ނުނިމޭ-.........

  Please log in or register to bookmark.
  1k

  3 ޚިޔާލު

  1. ވަރަށް ސަޅި😍😍😍
   ކޮބާ އަނެއް ޕާޓު؟

  2. ކުރު. އެކަމަކު ވަރަށް ރީތި ވާހަކައެއް!!! ފކ އސ ޕސ

   • ވަރަށް ސަޅި ވާހަކަ އެއް އިނގޭ

  ޚިޔާލު

  Your email address will not be published.