ފުއާފް - 17

އަސްރާ އޭނަގެ ކޮނޑުގައި އޮތް ތުވާލި ގެންގޮސް ރޯނުގައި އަޅާލަމުން ބޭރަށް ގޮސް ފާނޫޒެއް ހިފައިގެން އައިސް ދޮރު ލައްޕާލިއެވެ. އަދި ފާނޫޒު އަލިވާތާ ދުރުގައި ބެހެއްޓުމަށްފަހު އަންނައުނު ބާލާ ކުޑަ އެލުމިނިއަމް ބާލީއްޖަކަށް މޫސަ އަޅައިދީފައިވާ ފެނަށް ފެންނަގާ ކުޑަ ތައްޓަކުން ފެންވަރަން ފެށިއެވެ.
ސައިބޯނި ލާން އުޅެނިކޮށް ކުއްލިއަކަށް ހީވީ އަސްރާގެ ހާމަޔަށް ހުރި ހަށިގަނޑުގައި މީހަކު ބީހިލި ހެންނެވެ. ސިހިފައި ފަރާތް ފަރާތަށް ބަލާލި ވަގުތު އެއްލި ކަޅިއަކުން ފެނުނު އެއްޗެއްގެ ސަބަބުން މީހާގެ ހަރަކާތްތަކަށް ހުއްޓުމެއް އަރައިގެން ދިޔައެވެ.
އޭނަ ނިދަން އޮންނަ ލަކުޑި އެނދުގެ ދަށަށް ލީ މަސް ފުޅިބުރިއާއެކު އޭނައާ މާދުރު ނޫން ވަޅު ކައިރީގައި ހުއްޓާ ފެނުމުން މީހާ ދިޔައީ ސިހިގެންނެވެ. އެމަސް އެތަނަށް އަންނާނީ ކިހިނެތް ހެއްޔެވެ؟ މަހަކީ ހަމަ ޔަގީނުންވެސް ދެފައިން ހިނގާ އެއްޗެއް ނޫނެވެ. އިރުއޮއްސޭ ވަގުތަކީ ނާމާން ވަގުތެކޭ އޭނަ ބައްޕަ ވަރަށް ގިނައިން ބުނާނެއެވެ. މީހުން ސިފައިގައި އާއި ދިރޭ އެއްޗެހީގެ ސިފައިގައި ވެސް ޖިންނި ފެންނަ ވާހަކަ ބުނާނެއެވެ. ޔަގީނެވެ. އެއީ ޖިންނިއެކެވެ. އެއީ އޭނައަށް ޖިންނި ދައްކާ ދަޅައެކެވެ.
ބިރުގަނެފައި އަސްރާ އަވަސް އަވަހަށް ފެންވަރާ ނިންމާލުމަށްފަހު ތުވާލިން ގައި ފުހެ ހަދައިގެން ރޯނުގައި ހުރި ހަރުވާޅަކާއި އަތްކުރު މަތިކޮޅެއް ލައިގެން ގިފިލިން ނުކުތެވެ. އަދި ތުވާލި ގެން ގޮސް މެދުގޭގައި ހުރި ރޯނުގައި އަޅުވާލުމަށްފަހު އޭނަ ނިދާ އެނދު ތަންދޮށް ބަލާލިއެވެ. އެނދު ތަން ދޮށުގައި އެމަސް ފުނމަ ފުންމާފައި އުޅެމުން ދިޔައެވެ. އަލްހަމްދުލިﷲއެވެ. އެހެނަސް ދެވަނަ ސިކުންތުގައި ގިފިލިން ފެނުނު މަންޒަރު ހަނދާންވުމާއެކު ބިރުން ގޮސް މީހާގެ ހިތް ތެޅޭ އަޑުން އެހަމަހިމޭންކަން މަތީގައި އޮތް ކޮޓަރީގެ ހަމަހިމޭންކަން ނަގާލައިފިއެވެ. އެނދު ކައިރީ ފާރުގައި ޖެހި ތަޅުގަނޑުމަތީގައި ބުދެއް ފަދައިން ދެފައި ކުރުކޮށްގެން އިން އިރު މީހާ އިނީ ބިރުން ގޮސް ހަދާނެ ގޮތް ހުސްވެފައެވެ. އެ ޖިންނި އޭނަޔާ އަވަލައިފިނަމަ ދެން ވާނެ ގޮތާމެދު މީހާގެ ހިތުގައި ސުވާލުތައް ފުނި ޖެހެމުން ދިޔައެވެ.
---
" އަސްރާ.. ދަރިފުޅު އާދޭ ކާން.. ހުސްނާއްތަ ގެނެސްދިން ހޫނު ގަރުދިޔަލާއި ފެނުކެއްކި ބަނބުކެޔޮ މިހިރީ.. އެބަ އޮތް މަހު ބޮލެއްވެސް... " އިޝާ ވަގުތު ނިމި ކާ ވަގުތު ޖެހުނު އިރު އެނދުމަތީގައި ނިދިފައި އޮތް އަސްރާ ސިހުނީ މޫސަ ގޮވާލުމުންނެވެ. މަހު ބޮލެކޭ ބުނުމުން އެނދުން ތެދުވެގެން ބޭރަށް ދުއްވައިގަނެވުނު އިރު ފާއިތުވެ ދިޔަ ވަގުތު ވީކަމެއްގެ ހަނދާނެއް ނެތެވެ.
" ހުސްނާއްތަ ކައްކާ ކެއުން އެންމެ މީރީ. " އަސްރާ ބަނބުކެޔޮ ގަރުދިޔައާއެކު މޮޑެމުން ދިޔައެވެ.
" ދަރިފުޅު މަންމަ ކައްކާނެ މިއަށްވުރެ މީރުކޮށް. ކޮންމެ ދުވަހަކު އަސްރާއަށް މީރު މަސް ފިހާނެ މަންމަ. ހަނދާންވޭތަ ދަރިފުޅާ؟ " މޫސަ ކިޔަމުން ދިޔައެވެ.
" ނޫން. އެކަމަކު ހަނދާންވޭ ހަނޑޫ ހޮވަން މަންމަ ކޮންމެ ދުވަހަކު އިންނަ ތަން... " އަސްރާ ހީލިއެވެ.
" ހޫމް.. މަންމަ ފޫހިވީމައި ކުރާ ކަމަކީ ހަނޑޫ ހޮވުން ވިއްޔާ.. މިއަދު ދަރިފުޅު މަންމައާއި ކޮއްކޮމެން ތިބި ނަމަ ދަރިފުޅު އެކަންޏެއް ނުވާނެ. ފުރާނަ ދެއްވަނީ މާތްﷲ. ފުރާނަ ގެންދަވަނީ ވެސް މާތްﷲ. އަހަރެމެންނަށް އެކަމެއް ނުހުއްޓުވޭނެ. ދަރިފުޅު އެކަނި ވިޔަސް އަބަދުވެސް މާތްﷲ މަތިން ހަނދުމަކުރައްޗޭ. އޭރުން އެކަންޏެއް ނުވާނެ.. " މަހުގެ ލޮލާއި ސިކުނޑި އަސްރާގެ ބަތް ތަށި ތެރެއަށް ލައިދެމުން މޫސަ ބުނެލިއެވެ. އަސްރާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
---
ކައިނިމިގެން ކުޑަކޮށް ފިނިވެލުމަށްޓަކައި އަސްރާ ނިކުތީ ބޭރު ޖޯއްޔަށެވެ. މަހުގެ ފަހު ކޮޅަށްވުމުން ހަނދުގެ އެހާ ބޮޑު އަލިކަމެއް ދުނިޔެ މައްޗަކަށް ފެތުރިފައެއް ނުވެއެވެ. އެހެންވުމާއެކު އުޑުގައި މިރޭ ރަސްކަން ކުރަމުން ދިޔައީ ތަރިތަކެވެ. ހުދުހުދު ރީތި ތަރިތަކުން ޖަރީވެފައިވާ އުޑަށް ބަލަހައްޓައިގެން އަސްރާ ޖޯލީގައި އޮށޯވެގެން އޮތް އިރު މޫސަ އެންމެ އެތެރެ ގޭގައި ރޭޑިޔޯ އަޑުގަދަ ކޮއްލައިގެން ރޭޑިޔޯ އަހަން އިނެވެ.
ދެފައި ތިރިއަށް ބާލައިގެން އަސްރާ އިން އިރު ޖޯލިފަތި އުސްކަމުން އަސްރާގެ ފައި ބިންމަތީގައި ނުޖެހެއެވެ. ދެފައި އުނދޯއްޔެއްހެން ފަރާތް ފަރާތަށް ހެއްލަމުން ދިޔައިރު އިރުއޮއްސުނު އިރު ހިނގި އެއްވެސް ކަމެއް އޭރުވެސް ހަނދާނެއް ނެތެވެ. އެއްވެސް ފިކުރެއްނެތި އެހެން އިންދާ އަސްރާ ސިހުނީ ދާދި ގާތުން ބުޅަލެއް ގޮވާލުމުންނެވެ. ވަގުތުން ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިފިއެވެ. އެމަރަލްޑް ގޭގެ އެތެރޭގައިވާ ބޯ ގަސްތައް ސީދާ ވަނީ ޖޯއްޔާއި ގެއަށް ވަންނަ ދޮރާ ދިމާއަށްކަމުން ވަގުތުން އަސްރާގެ ދެލޯ ގަސްތަކުގެ ތެރެއަށް ހުއްޓިއްޖެއެވެ. ގަސްތަކުގެ ތެރެއިން ފެހިކުލައިން ދިއްލިފައިވާ ދެލޮލަށް އަސްރާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެފެހި ދެލޯ ކަޅި ޖަހާނުލައި އަސްރާއަށް ބަލަހައްޓައިގެން ހުރުމުން އަސްރާ ބިރުގަތީ ދެނެވެ. ހަޅޭލަވައިގަނެފައި ޖޯލިން ފައިބަން އުޅުމުގެ ތެރޭގައި ފައި ޖޯލީގައި އަޅާގަނެފައި އަނގަވަތަށް ވެއްޓެއް ދިޔަ ވަގުތު ހީވީ ނުފެންނަ އަތަކުން އޭނަގެ ހަށިގަނޑުގައި ހިފަހައްޓާލި ހެންނެވެ. އެއްވެސް ތަނެއްގައި ފައި ނުވަތަ އަތް ވެސް ނުޖެހި ވައިގެ ތެރޭގައި ހުރި އަސްރާއަށް ދެލޯ ބޮޑު ކޮއްލެވުނީ ޙުދު އޭނަވެސް ހުރި ގޮތުންނެވެ.
" މަޑުމަޑުން... " އަސްރާ ހައިރާންވެފައި ހުއްޓާ އޭނަގެ ދެފައި އަކިރި ވެލިތަކުގައި ޖެހިގެން ދިޔަ ވަގުތު ބަރު އެހެނަސް ވައި އަޑަކުން މީހަކު ބުނެލިއެވެ. ސިހިފައި ދެލޯ ބޮޑުކޮއްގެން ފަރާތް ފަރާތް ބަލަން ފެށުން އިރު ބިރުން ގޮސް ހިތް ނެގިނެގިފައި ބާރުބާރަށް ޖެހެމުން ދާކަން އަމިއްލަ ހަށިގަނޑުން ބޭރުން ވެސް އިހުސާސްވަމުން ދިޔައެވެ.
" އަސްރާ؟ ދަރިފުޅާ ކިހިނެތްވީ..؟ ކީއްވެ ހަޅޭތިލަވަނީ؟ " އެއްއަތުން މޫސަ މުންޑު އަރުވާޖަހަމުން ގެއިން ނުކުތް އިރު މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ.
" ބުޅަލެއް.. ދެލޯ ހުރީ ފެހިކުލާފައި. ދެން ވައި.. " އަސްރާއަށް ބުނާނެ ނުބުނާނެ އެއްޗެއްވެސް ނޭނގުނެވެ.
" ރޭގަނޑު ބުޅަލުގެ ދެލޯ ހުންނާނީ އެހެނޭ ދަރިފުޅާ... ދެން އާދޭ އެތެރެއަށް. ބައްޕަ ބުނަމެއްނު ބޭރުގައި އިންނާކަށް ނުވާނޭ ރޭގަނޑު. އެހެންބުނީމަ ވެސް މިރޭ ނިކުތީއޭ ދޯ އަނެއްކާ... ހިނގާ ދެން އަވަހަށް ނިދަން... " އަނގަޔަށް ފޯއް އަޅައިގެން ހުރިލެއް ގިނަކަމުން މޫސަ ހިފައިގެން ހުރި ފާނޫޒުގެ އަލީގައި މޫސަގެ ތުންފަތް ފެންނަނީ ލޭކުލައިގައެވެ. މޫސަ ހުރި ގޮތުން ވެސް އަސްރާ ފާޑަކަށް ޖެހިލުންވިއެވެ.
" ލައްބަ... ބައްޕާ... " ބިރުގެންފައި ހުރި އަސްރާއަށް ރީތިކޮށް ވާހަކަ ވެސް ނުދެއްކުނެވެ.
---
" ހޫމް.. މަހާ.. ކޯޗެއްތަ ކާނީ؟ " ޖެހިގެން އައި ދުވަހުގެ މެންދުރުގެ އެވަގުތު އިރުގެ ނަލަނަލަ އަލިން ހިޔާވެފައިވާ މެދުގޯތީގައިވާ ބޮޑު ކަނީރު ގަހުގައި އެލުވާފައިވާ ކުޑަ އުނދޯލީގައި އިއްޔެ ގެނައި މަސް ހިފައިގެން އަސްރާ އިނެވެ. އޭރު މޫނުމަތީގައިވަނީ އުފާވެރި ހިނިތުންވުމެކެވެ.
" މަހާ.... މަސް މަރުވީތަ؟ " ފުޅިބުރީގައި އިން އެއްވެސް ހަރަކާތެއް ނެތް މަހަށް ބަލަމުން އަސްރާ ގޮވާލިއެވެ. އަދި މަޑުމަޑުން ފުޅި ބުރިގައި ތަޅާލަމުން ދެލޯ ފުޅިބުރީގައި ޖައްސައިގެން ބަލާލިއެވެ. ހަމަ އެވަގުތު މަހުގެ ފެހި ރޮނގުތައް ނިވިދިއްލޭ ބޮތްކެއް ފަދައިން ވިދަން ފެށިއެވެ.
" އަސްރާ ހާދަ ރީތި މަހެއް... ދީ މަށަށް ތިމަސް... " އަސްރާގެ އަވައްޓެރި ފުއާދް އަސްރާ ކޮބައިތޯ ބަލަންވެގެން އެގެއަށް އައީ އެވަގުތުއެވެ.
" މިއީ އަހަރެންގެ މަހެއް. މިޔެއް ނުދޭނަން. ފުއާދްވެސް ފުއާދް ބައްޕަ ގެނައި ބައިވަރު މަސްތަކުގެ ތެރެއިން އެންމެ މަހެއްވެސް މަށަކަށް ނުދޭ... " އަސްރާ ވަގުތުން އެމަސްލީ ފުޅިބުރި ގަޔާ ކައިރިކޮއްލީ ފުއާދްއަށް ދޭން ބޭނުންނުވާތިއެވެ.
" ތިމަސް ތަފާތެއްނު. މިމަސް ކިހާ ރީތި. ފެހި ރޮނގުތައް އެހެރި ވިދަނީ. ބަލާބަލަ. މަށެއް ދުވަހަކުވެސް ތީގެ މަހެއް ނުދެކެން... މަވަރަށް ބޭނުން ތިމަސް.. އަސްރާ ތިދީބަލަ!! " ފުއާދް އެމަސް އަތުލަންވެގެން އައިސް ފުޅިބުރީގައި ހިފައިގަތެވެ. އަސްރާވެސް ނުދޭން ގަދަ ހަދަމުން ދިޔައެވެ.
" ދީބަލަ. " ފުއާދް ރުންކުރު ރާގަކަށް އެހެން ބުނެފައި އަސްރާއަށް ނުދޭން އެމަސްލީ ފުޅިބުރީގައި ހިފާ ބާރަށް ދަމައިގަތެވެ. އަސްރާއާ ފުއާދް ދެމިހުން އެއްލިގެން ދިޔަ ވަގުތު މަސްލީ ފުޅިބުރި ބިންމައްޗަށް ވެއްޓި ފެންތައް ބިމުގެ އަޑިޔަށް ފޭދިގެން ދިޔައެވެ. އޭރު މަސް އޮތީ ބިންމަތީގައެވެ. އެހެން މަސްމަސް ހެން ފެން ނުލިބުމުން އެމަސް ތެޅި ނުފޮޅޭތީ ބިން މައްޗަށް ވެއްޓިފައި ތިބި އަސްރާއާ ފުއާދްވެސް ތިބީ ހައިރާންވެފައެވެ.
" މަސް މަރުވީބާ؟ " ދެވަރަކަށް މިނެޓު އެހެން ތިބެފައި ފުއާދް އަސްރާ ކުރެ އަހާލިއެވެ.
" ފުއާދް. އާދޭ އަވަހަށް. އަސްރާވެސް އާދޭ... " ވަށާފާރު ރާނައިފައިވާ ގޭގެ ލައްޕާފައިވާ ލަކުޑި ދޮރުން ބޭރުން ލައިތް ގޮވާލި އަޑަށް ދެމިހުން ދިޔައީ ސިހިގެންނެވެ. ފުއާދް އަވަހަށް ދުއްވައިގަތީ ކުޅެން ދާށެވެ.
އަސްރާ ދުވެފައި ގޮސް ފުޅިބުރިއަށް އާދައިގެ ވަޅުފެން އަޅައިގެން އައިސް ވެލި ތަތްލަވާފައިވާ މަހުގެ ވެލިތައް ފިލުވާލާ މަސް އެފެން ހުރި ފުޅިބުރިއަށް ލިއެވެ. ހަރަކާތެއް ނެތް އެމަހުގެ ފެހި ރޮނގުތައްް އަނެއްކާވެސް ދިއްލެން ފެށުމާއެކު އަސްރާއަށް ސިހިފައި ދެލޯ ބޮޑުކޮއްލެވުނެވެ.
ނުނިމޭ
ނޯޓް: އަސްރާގެ ދިރިއުޅުން އަސްލު ބިނާވެފައި އިންނާނީ ނަވާރަ ސަތޭކަ ހަތްދިހަ (1970) އަހަރުތަކުން ފެށިގެން ނަވާރަ ސަތޭކަ ނުވަދިހަ ނުވަޔަކާ (1999) ހަމަޔަށް. އެޒަމާނާ މިޒަމާނާ ހުންނަ ތަފާތު ގޮތްތައް އަޅުގަނޑަށް މާބޮޑަށް ނޭނގޭތީ އަސްރާގެ ކުޑައިރުގެ ދިރިއުޅުމުގެ ބައިގައި މިޒަމާނުގެ ގޮތްގަނޑު ހުރެދާނެ. އެކަން ކިޔުންތެރިންގެ ސަމާލުކަމަށް ދަންނަވާލަން.
މިޕާޓް ލަސްވި ކަމަށްޓަކާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެން... 🥺🥺

    Please log in or register to bookmark.
    2k

    5 ޚިޔާލު

    ޚިޔާލު

    Your email address will not be published.