ވާރެއަށް ނަޒަރު ހުއްޓާލައިގެން އަހަރެން އިނުމަށްފަހު ކައިރީގައި ހުރި އަހަރެންގެ ފިރިމީހާގެ މޫނަށް ބަލާލީމެވެ. ޒެއިޖް ބަލަންހުރި ގޮތުން ހީވަނީ ވަރަށް ދުވަހު އަހަރެން އެނގޭ މީހެއް ހެންނެވެ. އަނެއްކާވެސް އަހަރެން، އެބިރުވެރި ވާރެއަށް ނަޒަރު ހިންގާލީމެވެ. އަހަރެން ވާރޭދެކެ ބިރުގަންނަން ފެށީ ކޮންއިރަކު ބާވައެވެ. އަހަރެންގެ މަންޒިލަށް ވާސިލްވާން އޮތީ އަހަރެން ވާރޭގައި ހިނގައިގެން ހެއްޔެވެ. އެހެންވެ އަހަރެން ވާރޭދެކެ ބިރުގަންނަނީ ކަމަށްވެސް ވެދާނެއެވެ. ލޯމަރާލަމުން އަހަރެންގެ ގައި ޖެހުނު ފިނި ރޯޅި އިހްސާސް ކޮއްލީމެވެ. ކުއްލިއަކަށް ޖެހުނު ވައިރޯޅިން އަހަރެން މޫނު ޖެހުނު ފިނި ވާރޭތިކިން އަހަރެން ބިރުން ޖެހެވުނީ ފަހަތަށެވެ.
"ކަމޯން... ކުޑަކުޑަ ވާރޭ ކޮޅަކު ޖެހުނަސް މަރެއްނުވާނެ...." އަހަރެންގެ ކަންފަތް ދަށުގައ ގުދުވަމުން ޒެއިޖް ބުނެލިއެވެ. އާނއެކެވެ. މަރެއް ނުވާނެއެވެ. ނަމަވެސް އަހަރެންގެ ހިތްބުނަނީ އަހަރެން މަރުވެދާނެކަމެވެ. ނަމަވެސް އެއީ އަހަރެން ބުނެފައިވާ ބަހެކޭ މިހިތް ބުނަނީއެވެ.
އެނދަށް އަރައި ފައިމަތީގައި ރަޖާގަނޑު އަޅާލަމުން އަހަރެން ލެޕްޓޮޕް ފައިމަތީގައި ބެހެއްޓީމެވެ. ފަހަރަކު ސްލައިޑެއް އަޅުވަމުން ދިޔައިރު އޭގެން ވާނުވާއެއްވެސް އަހަންނަށް ނޭނގެއެވެ. ލަސްލަހުން ކިޔަން އުޅުނު ނަމަވެސް އަހަރެންގެ ހިތުގެ ވިންދު އަވަސްވަނީއެވެ. ޒެއިޖް ކައިރީގައި ހުންނަން ޖެހުމުން ވާގޮތެއް ކަންނޭނގެއެވެ. އެހެން އޮވެފައި އަހަންނަށް ނިދުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ ހެނދުނު ނުވައެއްވެސް ޖަހައި ބޮޑުވީ ފަހުންނެވެ. އަހަރެން ތައްޔާރުވެގެން ފޭބިއިރު ޒެއިޖްގެ ހިލަމެއްވެސް ގޭތެރެއިން ނުވެއެވެ. ސޯފާގައި އިށީންނަމުން އަހަރެން ފޯނު ހުޅުވާލީމެވެ. މަންމަ ފަސްފަހަރު ގުޅާފައި އޮތްތަން ފެނުމުން އަހަރެން އަވަހަށް ގުޅާލީމެވެ، އަހަރެން މީހަކާއި އިންތާ 3މަސް ވަނީއެވެ. ނަމަވެސް މަންމަ އަހަންނަށް ގުޅާލިމީ ފުރަތަމަ ފަހަރެވެ.
"ޔަޝްމު...." މަންމަގެ ކުރެހިފައިވާ އަޑު ކަންފަތުގައި ޖެހުމާއެކު އަހަންނަށް ތެދުވެވިއްޖެއެވެ. އަހަރެން ވީގޮތެއް އަހައި އަހައި މަންމަ ޖަވާބެއް ނުދިނެވެ.
"ކަލޭ އަމާގެ ކަރުގަ ހިފީމަ އެކަމާ އެރޮނީ...." ކަންފަތު ބުޑުގައި ޖެހިގެންދިޔަ އަޑުން އަހަރެން ރުޅިއައީ އެވަރަކަށް ނޫނެވެ.
"މަންމަ ގައިގަ އަތް ނުލާ ހުރޭ..." ރުޅި އައިވަރުން އަހަންނަށް ބުނެވުނީ ވަރަށް ބާރަށެވެ. ދުވަހަކުވެސް އަހަރެންމީ އެހެންނާ ބައްޕައާއި ހަޑިކޮށް ވާހަކަ ދެއްކި މީހެއްނޫނެވެ. ރުޅި ގަދަވީ ވަރުން އަހަރެން ފޯނުގައިވެސް ހިފުނީ ތަންކޮޅެއް ބާރަށެވެ. ފަހަތުން އައިސް މީހަކު އަހރެންގެ އަތުން ފޯނު ޖަހައި ގަތުމުން އަހަރެން ތެޅިގަނެފައި ބަލާލީމެވެ. ޒެއިޖް ފޯނު ކަނޑާލަމުން އެލީ ޖީބަށެވެ. ދެން ހިނގައިގަތީ އުނދުނާއި ދިމާއަށެވެ. ފަހަތުން އަހަރެން އަވަހަށް ހިނގައިގަތީމެވެ. ނަމަވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.
"ކާނަން... އަހަރެންގެ ކުރިމަތީގައި ބިސްގަނޑެއް އޮތް ތައްޓެއް ބަހައްޓަމުން ޒެއިޖް އަހާލިއެވެ. އަހަރެން ޖަވާބު ދިނުމުގެ ބަދަލުގައި ބަލާލީ ޒެއިޖްގެ ޖީބަށެވެ.
"ފޯނު ލިބޭނީ ކެއީމަ...." އަހަރެންގެ މޫނަށް ބަލާލަމުން ޒެއިޖް ބުނެލީ ހަމަ ޖެހިލާފައެވެ. ދެބަސްވުމެއް ނެތި އަހަރެން އިށީންނަމުން ހިނިތުންވެލީމެވެ. ބިސްގަނޑު ފުށުން ޖަހަން ހުރެފައި ޒެއިޖް ވަގުތުން ހުއްޓުން އެރީއެވެ. އަހަރެން ހިނިތުންވާ ކޮންމެ ފަހަރަކު ޒެއިޖްއަށް އެހެން ވާކަން އަހަންނަށް ފާހަގަކުރެވެއެވެ. އެހެން ހުރެފައި ކައިރީގައި ހުރި ޖޫސްތަށި ކައިރި ކޮއްލީ ކަރުކެހިލަމުންނެވެ.
އަހަރެން އެމޫނަށް ބަލާލީމެވެ. ތުނިތުނިކޮށް ހުރި ތުނބުޅިން އެމޫނުގެ ފިރިހެންވަންތަކަން ދެގުނަހެން ހީވެއެވެ. އަހަރެން އިސްޖަހާލަމުން ބިސްގަނޑުން އެތިކޮޅެއް ނައްޓާލީމެވެ. ނަމަވެސް ކެވޭ ގޮތެއް ނުވިއެވެ. މަންމަ މަތިން ހަނދާންވަނީއެވެ. އަހަރެން އަނެއްކާވެސް ގޮނޑީގައި ހަމަޖެހިލައިގެން އިނދެ ކާން މަސައްކަތް ކުރީމެވެ. އެއްފަހަރުވެސް ޒެއިޖްގެ މޫނަށް ބަލާލާނަމޭ ހިތަކަށް ނާރައެވެ. އެހެން އިނދެފައި އިސްއުފުލާލީ ދުރުން ޒަލިއަންގެ އަޑު އިވުމުންނެވެ. ހިނިތުން ވެލަމުން އަހަރެން ކައިރީގައި ހުރި ގޮނޑީގައި އަތް ޖައްސާލަމުން ޒަލިއަންއަށް އިށީންނަން ބުނީމެވެ. އަހަރެން އަނެއް ފަރާތަށް އެނބުރުނުއިރު ޒެއިޖްގެ ނަޒަރުހުރީ އަހަރެންގެ މޫނަށެވެ. ހީވަނީ ކުރުން ހިލާފު ކަމެއް ކޮއްގެން ބަލަން ހުރިހެންނެވެ. އަހަރެން ބަލައިލީ ދުރަށެވެ. ބޭނުން ނުވީއެވެ. އަހަރެންގެ ދަންނަ މީހެއް ނޫނެވެ. ނަމަވެސް މާގިނައިން ބަލައިފި ކަމުގައި ވާނަމަ އެލޮލުގެ ޖާދޫގައި އަހަރެން ޖެހިދާނެއެވެ.
"ތިހާވަރަށް ދެން ދެމީހުން ބަލަންޏާ އަހަންނަށް މިތަނުގަ ހުންނާކަށް ނުކެރޭނެ...." ޒަލިއަން ފެންތައްޓެއް އަޅަމުން ކަރުކެހިލިއެވެ.
"ޒަލް މިތާ ހުންނާކަށްވެސް އަހަރެން ބޭނުމެއް ނޫނޭ.." ބުމަ ކައިރި ކޮއްލަމުން ޒެއިޖް ބުނެލިއެވެ. އަމިއްލަ ކޮއްކޮދެކެ މީހަކު އެހައި ރުޅި އަންނަންވީ ސަބަބެއް އަހަންނަކަށް ނޭނގެއެވެ.
"ކިހިނެއްވީ؟ ނިއެރާ މަތިން ހަނދާންވަނީތަ އަހަރެން ފެނުނީމަ؟" ނިއްއަރުވާލަމުން ޒަލިއަން އެހެން ބުނެލިއެރު ހީވަނީ ގަސްދުގައި ޒެއިޖް ރުޅި އަރުވަން އުޅޭހެންނެވެ.
"ގެޓް އައުޓް..." އަތުގައި އޮތް ފެންފުޅިން ދޮރާއި ދިމާލަށް އިޝާރާތް ކޮއްލަމުން ޒެއިޖް އެހެން ބުނެލިއިރު އެމޫނުގައިވި ރުޅިވެރިކަން އަހަންނަށް ނަގައި ގަނެވުނެވެ.
"ގެއަކަށް ގެންގޮސްލަ ދެވިދާނެ ތޯ؟" ޒެއިޖްގެ މޫނަށް ބެލުމެއް ނެތި އަހަރެން ސުވާލު ކޮއްލީ ޒަލްއާއެވެ. ޒަލްގެ އަނގަ ގަދަ ވެދާނެއެވެ. ނަމަވެސް އެހިތް ސާފުކަން އަހަންނަށް އެނގެއެވެ.
"ހިނގާ.. އެކަމް ދާ މަގުމަތީ މާ މާތް ބަހުން މަށާ ވާހަކަ ނުދައްކާތި" ޒަލް ހިނިތުން ވަމުން ބުނެލިއެވެ. އެމޫނުގައިވީ ހިތްހެޔޮ ކަމެވެ.
"ނުދާނެ... ސިޓް ޔަޝްމު..." ޖޫސްތަށި ކައުންޓަރ ޓޮޕްމަތީގައި ތަންކޮޅެއް ބާރަށް ބަހައްޓަމުން ޒެއިޖް އަހަރެންގެ މޫނަށް ބަލާލިއެވެ.
"މަންމަ ކައިރިއަށް ގޮސްލަން...." އެމޫނަށް ސީދާ ބަލާލަމުން އަހަރެން ބުނެލީމެވެ. އެސްފިޔަވެސް ޖަހާ ނުލައި ހުރެ ޒެއިޖް އަނެއްކާވެސް ބޯހޫރުވާލީއެވެ. ރުޅި އައިވަރުން އަހަންނަށް ބާރަށް ހިފުނީ އިސްތަށިގަނޑު ގައެވެ.
"އަހަރެން ގޮސްފާނަން ގޮވައިގެން.. ހިނގާ..." އަހަރެން އެހެން ބަލަން އިންނަން ފެށުމުން އެންމެ ފަހުން ޒެއިޖް ގޮތް ދޫކުރީ ކަންނޭނގެއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަހަންނަށް ބަލާލީ ފާޑަކަށެވެ.
ދެމީހުން ކާރަށް އެރީ ޒަލްނުލައެވެ. ޒަލިއަން މިއަދު ހުރީ ޒެއިޖްއާއި ޖައްސާލާ ކަހަލަ މޫޑެއް ގައެއް ނޫނެވެ. ދެތިން ފަހަރަކު ބުނުމުން ހިނގައްޖެއެވެ. އަހަރެން ފަހަތު ސީޓުގައި އިށީންނަމުން ބޯ ޖައްސާލީމެވެ. އަދިވެސް ވާރޭ ހުއްޓާކަށް ނުވޭ ހެއްޔެވެ. މަގުމަތީގައި ހެދިފައި އޮތް ބޮޑު ފެންގަނޑަށް އަހަރެން ނަޒަރު ހިންގާލީމެވެ. މިއަދު އަހަރެން ތެމޭނެއެވެ. ލޯމަރާލަމުން އަހަރެން ހިންދިރުވާލީ ވާރޭގެ އަޑަށް މިހިތް ހޭނޭތޯއެވެ. މިނަފްސު ހަމައަކަށް އެޅޭނެބާވައެވެ. ކުއްލިއަކަށް ކާރު މަޑުކޮއްލުމުން އަހަރެން ލޯހުޅުވާލީމެވެ. ގޭގެ ދޮރު ފެނުމުން އަހަރެން އަވަހަށް ފައިބައިގެން ދުއްވައިގަތީމެވެ. މަންމަ އޮންނާނެ ހާލެއްވެސް ނޭނގެއެވެ. ގޭގެ އެކި ދިމަދިމާލުން ފެންނަމުން ދިޔައީ ވީރާނާވެފައި މަންޒަރެވެ. މަންމަގެ ގަސްތައްވެސްވަނީ ރީނދޫވެ މިލައިފައެވެ.
"މަންމާ..." ގޭތެރެއަށް ވަންނަމުން އަހަރެން ގޮވައިލީމެވެ. އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވެއެވެ.
"އަހަނ.. ދަރިފުޅު އައިތަ... އަސްތާ ހާދަ ރީތި ވެއްޖޭ ދަރިފުޅު މިހާރު... މަސްޖަހާލައިފި..." ކައިރިން ބައްޕަގެ އަޑު އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ތިންވަރަކަށް ފޫޓު ދުރުގައި ބައްޕަ ހުއްޓިގެން ހުރިއިރު އެބެލުން މިއަދު ވަރަށް ތަފާތެވެ.
"މަންމާ... މަންމާ..." ދެވަނަ ފަހަރަށްވެސް އަހަރެން މަސައްކަތް ކުރީ މަންމަ ފެނޭތޯއެވެ.
"ބަލަ... ކަލޭ އަމާ ހިނގައްޖެ ބޭރަށް..." އަހަރެން އަތުގައި ހިފައި ބާރަށް ފިއްތާލަމުން ބައްޕަ ބުނެލީ މުޅިން އެހެން ރާގެއްގައެވެ. ކައިރިއަށް އަންނަމުން އަނެއް އަތުން އަހަރެންގެ ކޮލުގައި ހިފަމުން ބައްޕަ ކުރިއަށްވުރެ ކައިރި ވެލިއެވެ. ބައްޕައަކު އަންހެން ދަރިއަކާއި ކައިރި ނުވާނެ ވަރަކަށެވެ.
"ދޫކޮށްލާ...." އަހަރެންގެ ދެލޯ ބޮޑުވީ ޒެއިޖް އައިސް ބައްޕަގެ އަތުގައި ހިފީމައެވެ. ބޯ އަރި ކޮއްލަމުން ޒެއިޖް އަތް ނައްޓުވާލީ ރުޅި އައިސްފައެވެ. އަދި އަހަންނާއި ދިމާލަށް އެނބުރިލިއިރު ހީވަނީ އަހަރެންގެ މޫނަށް ކަމެއްވެފައި ހުރިތޯ ބަލާލަން އުޅުނު ހެންނެވެ.
"އަހަނ... ކަމު ދިޔައީތަ؟..." ބައްޕަ ފާޑަކަށް ހީގަންނަމުން ބުނެލިއެވެ. ނަމަވެސް ޒެއިޖް އޭގެއަށް ރައްދެއް ނުދެއެވެ. އަހަރެންގެ އަތުތެރޭގައި އޮތް އަތުލަމުން ބައްޕަ އަތަށް ދިނީއެވެ.
"ދެން ނުގުޅާތި އަހަރެންގެ އަންހެނުންނަށް..." އެހެން ބުނެފައި މަޑުކޮއްލުމެއްވެސް ނެތި އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތީއެވެ.
އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ޒެއިޖް ކާރަށް އަރައި ދުއްވާލީއެވެ. އަހަންނަށްވެސް ބަލައެއް ނުލައެވެ. އަހަރެންގެ ފޯނު ބޭނުންވާނެ ނޫން ހެއްޔެވެ. ކާރުން ނިކުންނަން ދޮރުގައި ހިފާލަން ވާއިރަށް ތަޅުވެސް ލައިފިއެވެ. ތުނިކޮށް އޭރު ވާރޭވެސް ވެހެން ފަށައިފިއެވެ. އަހަރެން ޒެއިޖްއާއި ކައިވެނި ކުރެވުނު ފަހުންވެސް ވައްސާރަ އަލިވާހެނެއް ހިއެއް ނުވެއެވެ. އަހަރެން ބޭނުންވީ ކާރުން ފައިބައިގެން ދުރަށް ދާށެވެ. ޒެއިޖް އަހަންނާއި ދިމާލަށް ނުބެލި ނަމަވެސް އެމޫނުން ރުޅިވެރިކަން އަހަންނަށް ފެނުނެވެ. ޒެއިޖްމެން ގެއަށް ދިއުމުގެ ބަދަލުގައި ޒެއިޖް މިސްރާބުޖެހީ އެހެން ގެއަކާއި ދިމާލަށެވެ. ކުރިންވެސް އައި ގެއެކެވެ. އެއީ ނިއެރާމެން ގެކަން ޔަޤީނެވެ.
ކާރުން ފައިބައިގެން ދިޔަ ޒެއިޖް އަހަންނަށް ބަލާވެސް ނުލައެވެ. އެކަނި އެހެން އިންނަތާ ގަޑިއިރެއްފަހުން އައިސް ކާރަށް އެރިއިރު އެއިސްތަށިގަނޑުވަނީ ތަރުތީބު ގެއްލިފައެވެ. ނުބަލަން ހުރެފައިވެސް އަހަންނަށް ބެލެނީއެވެ. ހަމަ ގައިމުވެސް ދެމީހުން ތިބޭނީ ހަތިމެއް ހިފައިގެނެއް ނޫންކަން ޔަޤީނެވެ. އެކަމަކު އަހަންނަށް ކިއެއް ހެއްޔެވެ. އަހަރެން މިހައި ދެރަވާން ޖެހޭ ހެއްޔެވެ.
"ކޯއްޗެއް ބަލާކަށް... ކަލޭ ހާދަ ހަޔާތްވެސް ކުޑައޭ ދޯ...." ޒެއިޖް އަހަންނަށް ބަލާލީ ރުޅިއައިސްފައެވެ. މިހާރު އަހަންނަށަ ކުރެވުނު ކަމެއް ހުދު އަހަންނަށްވެސް ނޭނގެއެވެ.
"ކަލޭ ބައްޕަ ކޮން ފާޑަކަށް ކަލެއާ ދިމާލަށް އެބަލަނީ.... އެހެން ބަލާނޯ ލޯބިވެރިންނަށް... އެހެންވެތާ އެހާ ކުޑައަގަކަށް ވިއްކާލާނީ...." ކުރިއަށްވުރެ ބާރަށް ޒެއިޖް އެހެން ބުނެލިއިރު ކާރުގެ ދުވެލިވެސް ބާރުހެން ހީވިއެވެ.
"ނޫން...." އަހަންނަށް ބުނެވުނީ އެވަރަށެވެ. ވަގުތުން ލޮލުން ކަރުނަ ފައިބައިގަތެވެ. އިސްޖަހާލަމުން އަހަރެން އަތް މުއްކަވާލީމެވެ. ލޯމަރާ ބާރުކޮއްލީ ހުރިހައި ކަމަކުން ސަލާމަތް ވެވޭތޯއެވެ. ގުގުރައިލި އަޑާއެކު އަހަރެންގެ ލޮލުން އަނެއްކާވެސް ކަރުނަ ގަނޑު ފައިބައިގަތީއެވެ.
"ޔައްމު..." ކައިރިން އިވިގެން ދިޔައީ މަންމަގެ އަޑެވެ. ނޫނެވެ. އެއީ ފިރިހެން އަޑެކެވެ. އަހަރެން ދަންނަ އަޑެކެވެ. އަހަރެން ހީކަރުވަނީއެވެ. ފިނިވަނީއެވެ. ލޯ ހުޅުވާލަމުން އަހަރެން ވަށައިގެން ބަލާލީމެވެ. މަގިމަތިވަނީ އެއްކޮށް ފެންބޮޑު ވެފައެވެ. އަހަރެން މިއޮތީ އެބޮޑު ފެންގަނޑު ތެރޭގައެވެ. ވާރޭގެ ބޮޑު ކެރިތަށް އަހަރެންގެ މޫނަށް ސީދަލަށް ޖެހެމުން ދިޔައިރު އެއްވެސް އިހްސާސެއް ނުވެއެވެ. އަހަރެންގެ އަތާއި ފަޔަށް އާދަޔާ ހިލާފަށް ފިނިވަނީއެވެ.
"ޔައްމު.... ޑޯންޓް ކްލޯސް ޔުއަރ އައިސް.... ޕްލީޒް... ލުކް އައި ކޭމް..." އަހަރެން މަސައްކަތް ކުރީ ހިނިތުން ވެވޭތޯއެވެ. ނަމަވެސް ހިނިތުން ވެވުނު ކަމެއްވެސް ނޭނގެއެވެ.
"ބައްޕާ....." ދެން އިވުނީ އަނެއްކާވެސް އެއަޑެވެ. ނަމަވެސް ދުރުންނެވެ. ވަރަށް ދުރުންނެވެ. އަހަންނާއި ދުރުންނެވެ. އަހަރެންގެ ހިތާއި ދުރުންނެވެ. ދުރަށް ނުދާށެވެ.
"ޔަޝްމު..." އަތަށް ވެގެންދިޔަ ތަދާއިއެކު އަހަރެން ލޯ ހުޅޫވާލީމެވެ. ކުރިމަތީގައި ހުރި ޒެއިޖް ފެނުމުން އަހަރެން އެކަރުގައި އަތް އަޅުވާލެވުނީ ބޭއިޙްތިޔާރުގައެވެ. ޒެއިޖް ކުރީ ސީޓްގައި ހުރެފައި އަހަރެންގެ ކައިރިއަށް އައީ ކިހިނެއް ހެއްޔެވެ. އަހަންނަށް މިވަނީ ކިހިނެއް ހެއްޔެވެ. ނޭނގޭ އާދަޔާ ހިލާފު ބާރުމިނަކުން މިހިތް މިތެޅެނީ ކީއްވެ ހެއްޔެވެ. ކުރިއަށް އޮތް ވިލާގަނޑުގެ ބާރުމިން އެނގެނީ ބާވައެވެ. އަހަންނަށް ގިސްލެވެމުން ދިޔައިރު ޒެއިޖް އެހަރެންގެ އަތް ނައްޓުވާލާކަށް ނޫޅުނެވެ. އަހަރެން ހަމައަކަށް އެޅުމުން މަޑުމަޑުން ދުރަށް ޖެހިލަމުން ސީޓްގައި ހަމަޖެހިލަމުން އަހަރެންގެ މޫނަށް ބަލާލިއެވެ.
ނުނިމޭ
މިއީ މަހަކު އެއްފަހަރު އަޕްވާ ވާހަކައެއްތަ؟
މިހާ ލަހުން ގެނެސްދޭ އިރު ދިގު ކޮށްލަން ރަނގަޅު
🥰💞
ވާވް ❤️😍👏
އައި ތިންކް އިޓްސް 'އަނބި ޤަބޫލުކޮށްފިން' އިންސްޓެޑް އޮފް 'އަނބި ޤަބޫލު ކޮއްފިން'..
ވާހަކަ ވ. ރީތި ބައިދަވޭ
Wow so interesting
When next
މޮޔަ🙄
ކޮބާތަ މި ވާހަކަ ލިޔާ ކުއްޖާ!!!!!!!
ހާދަ ލަހޭ...
އިންތިޒާރުގައި
މިވާހަކަ ވަރަށް ރީތި. އެކަމަކު އަޕް ވަނީ ވަރަށް ލަހުން. މިއަށްވުރެ އަވަސްކޮށް ދެވިދާނެތޯ؟؟؟
8 ވަނަ ޕާރޓް އަޕްލޯޑް ކޮއްފަ އެނގޭތޯ ވާނީ... 🙂