މި ވާހަކައަކީ ދާދިފަހުން ހިނގާދިޔަ ހަގީގީ ހާދިސާއެކެވެ.
ކޮވިޑްގެ ކޭސްތައް އެންމެ ގިނަވި ދުވަސްކޮޅާ ދިމާކޮށް އަހަންނަށް މާލެ އަންނަންޖެހުނީ އިތުރު އެއްވެސް ގޮތެއް ނެތިގެންނެވެ. ޑޮކްޓަރަށް ދައްކާ ލިބެންޖެހޭ ފަރުވާ ހޯދުމަށް އަހަރެން މާލެ އައިއިރު އަހަރެމެންގެ ދިރިއުމުގެ މާލީ ހާލަތުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
މާލެ އަންނަން އަހަންނަށް މަޖުބޫރުވި ސަބަބަކަށް ވެގެންދިޔައީ ބަނޑުގައި ރިހި ހަށިގަނޑުގެތެރޭ އެއްޗެއް ދުޅަވާކަމަށް ޑޮކްޓަރު ލަފާދިނުމުގެ ސަބަބުންނެވެ. ރަނގަޅު ފަރުވާއަކަށް މާލެ އައީ ބަނޑުގެ އޮޕަރޭޝަންއެއް ކުރަންޖެހިދާނެކަމުގެ ބިރުއޮތީތީއެވެ.
އެއްފުރާޅެއްގެ ދަށުގައި ދެމަފިރިން ދެތަނެއްގައި ނިދުމުގެ ކަންތައް ހަމަޖައްސަން ޖެހުނީވެސް އަތްމަތީ އެ ތަނަވަސްކަން ނެތުމާއިއެކީއެވެ.
މާލެ އާދެވުމާއިއެކީ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކޭތޯ މަސައްކަތް ފެށީމެވެ. އަހަރެންގެ ހުރިހަކަމެއްވެސް ފިރިމީހާ ކޮއްދެމުން ގެންދިޔައީ އެންމެ ފުރިހަމަކޮށެވެ. ހުރި ތަނަވަސްކަމަކުން ހުރިހާކަމެއް ކޮށްދެމުންދިޔައީ އަހަރެންގެ އުފަލަށްޓަކައެވެ.
ކްލިނިކްއަކަށް ޑޮކްޓަރަށް ދެއްކުމަށްފަހު އޭޑީކޭއަށްދިޔަ ދުވަހެކެވެ. ހަދަންޖެހޭ ސްކޭންތަކެއް ހުރުމުން ހަވީރުގެ ހަލަބޮލި ގަޑީގައި އެކަންތައް ވޭތޯ އޭޑީކޭ އާއި ދިމާލަށް މިސްރާބުޖެހީމެވެ. އޭރުވެސް އިހު ރިހޭހެން ދޭތެރެ ދޭތެރޭން އަހަރެންގެ ބަނޑުގައި ރިހިރިހި ހުއްޓެވެ.
މާޔޫސްކަންމަތީ އަހަންނަށް އަންނަންޖެހުނީ ހަދަންދިން ޓެސްޓުތައް އޭޑީކޭއިން އެވަގުތު ހެދެން ނެތުމުންނެވެ. މަގުމައްޗައް ނުކުމެ އެއްފަރާތެއްގައި އަހަރެން މަޑުކޮއްލީ ފިރިމިހާ ޕާކަށްޖަހާފައިވާ ސައިކަލުގައި އަންނަންދެނެވެ. ސައިކަލަށް އަހަރެމެންއެރީ 6 ގެ ކުރިން ގެއާ ދިމާލަށް ދިއުމަށެވެ. އެވަގުތު ފިރިމީހާގެ ވޮލެޓުން އަހަރެންގެ އަތަށް ރުފިޔާއެއް ދިއްކޮއްލިއެވެ. އަދި އަހަރެންގެ އަތުގައި ރުފިޔާއެއް އޮތްނަމަ އެވެސް ނެގުމަށް އެދުނެވެ. އިތުރު ސުވާލުކުރުމެއްނެތި އަހަރެންގެ ދަބަހުގައި އޮތް 20 ރުފިޔާ ނެގީމެވެ. އެއީ ކާރަކަށް އަރަންޖެހުނަސް ދައްކަން އަހަރެން އަތުގައި އެވަގުތުއޮތް ހަަމައެކަނި ރުފިޔާއެވެ.
ދުރުގައިހުރި ދެބައި އުމުރުގެ މީހެއްދައްކައި ފިރިމިހާ އަހަރެންގާތުން އެދުނީ އެހިސާބަށް ދިއުމުން އެމީހާއަށް އެ ރުފިޔާ ދިނުމަށެވެ. ސައިކަލު ދުއްވާފައި ގޮސް ފިރިމީހާ މަޑުކޮއްލީ އޭޑީކޭ އާ ވިފަޅީގެ ދުވާރު ކައިރިއަށެވެ. އެމީހާ ކައިރިއަށް ދެވުމާއިއެކު ﷲއަށްޓަކައި އަހަރެން އެމީހާ އަތަށް ރުފިޔާގެ ކޮންމެސްވަރެއް ދިއްކޮއްލީމެވެ. އެ މޫނު މައްޗައް އައި ހިނިތުންވުމާއިއެކީ އަހަރެންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. މޫނުމަތީ އަޅާފައިވާ މާސްކު ރަނގަޅު ކޮއްލާކަމަށް ހަދާ އަހަރެންގެ ލޮލުގައި ޖަމާވެފައިހުރި ކަރުނަތައް ފުހެލީމެވެ. އަހަރެން އެމީހާއަށް ވަރަށް ރަނގަޅަށް ބަލާލީމެވެ. އެމީހާގެ އަތުގެ އިނގިއްޔެއްވަނީ ފުއްޕާ އަރާފައެވެ. އޭރު ފިރިމީހާ އެމީހާއާ ވާހަކަ ދައްކަމުން ގެންދިޔައެވެ.
މާލޭގެ ހަލަބޮލި މަގުތައްމަތީ އޭރުވެސް މީހުން ހިނގާބިނގާވެ އުޅެމުންދިޔައެވެ. ބައެއްމީހުން އަހަންނަށާއި ފިރިމީހާދިމާލަށް ކަޅިޖަހާނުލާ ބަލަމުން ގެންދިޔައެވެ. އަހަރެމެން ދިން ސަދަގާތްފެނި އިތުރު މީހަކުވެސް އައިސް އޭނައަަށް އެހީވެދިނެވެ.
އެދުވަހުގެ ރޭގަނޑެވެ. އަހަންނާއި ފިރިމީހާ ދެމީހުން ގޭގެ ސޯފާގައި ވާހަކަ ދައްކަން ތިބީމެވެ. އެވަގުތު އައި ފޯންކޯލަކުން ފިރިމީހާގެ މޫނުމައްޗައް ހިނިތުންވުން އައި މަންޒަރު އަހަރެން ދުށީމެވެ. ވީގޮތް އަހާލުމުން ހީނލާފައިބުނީ 5000 ރުފިޔާ ލިބޭނެ ވާހަކައެވެ. ﷲ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާކަން ހަނދާންކޮށްލަދިނެވެ.
ޖެހިގެންއައި ދުވަހު ޓްރީޓޮޕް ހޮސްޕިޓަލަށް ގޮސް ސްކޭން ކުރެވުނެވެ. އޭރުވެސް އަހަރެންގެ ބަނޑުގައި ދޭތެރެއަކުން ރިހި ރިހި ހުއްޓެވެ. ޓެސްތުގެ ނަތީޖާ ލިބޭނެއިރަކަށް އިންތިޒާރު ކުރަމުންދިޔައީމެވެ.
ދެ ދުވަހަށްފަހު ހެދި ޓެސްޓްތަކުގެ ނަތީޖާ ނެގީމެވެ. ރެޕޯޓް ދަށްކަން ޑޮކްޓަރަށް ދިޔައީ ދެމަފިރިން އެކީއެވެ.
ﷲގެ ކުޅަދުންވަންތަކަން ނޫން އިތުރު އެއްވެސް ކަމެއް ނޫންކަން ކަށަވަރެވެ. ޑޮކްޓަރު އަހަރެމެންނަށް ޔަގީންކޮށްދިނީ އަހަރެންގެއެއްވެސް މައްސަލައެއް ނެތްކަމެވެ. ބަނޑުތެރޭގައި އެއްޗެއް ދުޅަވާކަމަށް ބުނިބުނުން އެއީ ދޮގެއްކަން ޑޮކްޓަރު އަހަންނަށް ކަށަވަރު ކޮށްދިނެވެ. އަހަރެމެން ދެމަފިރިންނަށްވެސް މިކަން ގަބޫލުކުރަންވީ ދަތި ކަމަކަށެވެ. ކޮންމެ ދުވަހަކުހެން ބަނޑުގައި ރިހޭތާ މަސްދުވަސް ވެގެންދިޔައީއެވެ. ނަމަވެސް ހުރިހާކަމެއް ނޯމަލްއެވެ. އަހަރެން ހިތާހިތުން ޝުކުރުކޮއްލީމެވެ.
ގެއަށް އައިސްހަމަޖެހިލައިގެން ކަންކަމާމެދު ވިސްނާލީމެވެ. ހަނދާނަށް އައީ ނިކަމެތި މީހާއަށް ވެވުނު ކުޑަ ކުޑަ އެހީއެވެ. އޭގެ ބަދަލު އަހަންނަށް ﷲ މެދުވެރިކުރެއްވި ގޮތެވެ. ހިތާހިތުން ޝުކުރުކޮއްލެވުނެވެ. އެކި މީހުނަށް އެކި ކަންކަމުގައި އެކަލާނގެ ބަދަލުދެއްވާނީ އެކި ގޮތަށެވެ. އެކި އަޅުން އިމްތިހާން ކުރައްވާނީ އެކި ގޮތްގޮތަށެވެ. އެކަލާނގެއީ އޯގާވަންތަ އިލާހެވެ. ހިތުގައި ފޮރުވިފައިވާ ސިއްރުތައް މޮޅަށް ދެނެވޮޑިގެންވާ ކާއިނާތުގެ ވެރި ރައްބެވެ.
(ނިމުނީ)
ވަރައް ރީތި ވާހަކައެއް.🙂
ވަރަށް ރީތި😍😍😍😍😍
❤️❤️❤️❤️❤️❤️love it
ވަރަށް ރީތި
ސަޅި 😜😊ޔޫ ގެ ވާހަކަތައް ވ ރީތި
ހަޑި