" އަލައިނާ ޖެހިފައި އެވަނީ ސިހުރެއް ނޫން. އޭނައާ ޖިންނިއެއް އަވަލައިފައި އެހުރީ... " އަކްރަމް ފުންނޭވާއެއް ދޫކޮއްލަމުން ބުނެލިއެވެ.
" ކީކޭ؟ " އިބްރާހީމް ދިޔައީ ސިހިގެންނެވެ.
" ދެން ވަކި އެއްޗެއް އެނގޭނީ އެޖިންނި މިތަނަށް ހާޒިރު ކުރެވުނީމައި.. ބޭބެ ދެން އިހަށް މިވަގުތު ގޮސްލީ.. އިން ޝާ ﷲ މިރޭ އިރުއޮއްސޭ ހާއިރު އަންނާނަން.. އިހަށް ދެން އޭނަ ގާތުގައި އެވާހަކަތައް ނުދައްކާ ހަމަޖެހިލައިގެން އުޅެވޭތޯ ބަލާ.. މަށަށް ހީވަނީ އަދި އަލައިނާއަށް ވެސް އަދި މިކަމެއް ނޭނގޭހެން.. " އަކްރަމް ހިނގައިގަތީ އަވަހަށް ދާށެވެ.
ބޭރު ދޮރު ކައިރީގެ އެއްފަރާތު ފާރުގައި ނިވާވެގެން ވާހަކަ އަޑުއަހަން ހުރި ފައިޒަންއަށް އެއަޑު އިވުމާއެކު ފުންނޭވާއެއް ދޫކޮއްލެވުނެވެ. އަލައިނާއާ ދުރުވާން ޖެހޭ ވަގުތު ކުޑަތަންވަނީއެވެ. މިރޭ އަކްރަމް އައިސް އޭނަ އެތަނަށް ހާޒިރުކޮށް އަލައިނާއާ ދުރުވާން އަމުރުކުރާނެކަން އޭނައަށް އެނގެއެވެ. ރޭގަނޑު އަކްރަމް އައުން ހުއްޓުވަން އޭނަ ކިތަންމެ ބޭނުންވިޔަސް އެބާރެއް އޭނަގެ ގަޔަކު ނެތެވެ. ދެން ހުރީ އޭނަ ރައްކާތެރިކޮއްދޭން އުޅޭ އޭނަގެ ގާތް އެކުވެރިޔާއެވެ. އެހެނަސް އޭނަ އެއްވެސް ފައިޒަން އަލައިނާއާ ދުރުކުރުވަން ކުރާ މަސައްކަތެއް ހުއްޓުވިޔަކަ ނުދޭނެއެވެ.
" އާން.. އިބްރާހީމް. މިރޭ ރަނގަޅީ ގޭގައި އެއްވެސް އަންހެނަކު އަދި ކުޑަކުއްޖަކު ނުތިބިއްޔާ.. އެޖިންނިއަކީ ބާރުގަދަ އެއްޗެއް ކަމުގައިވާނަމަ އެއަށް އަންހެނުންނާއި ކުޑަކުދިން އޭގެ ބާރުގެ ދަށަށް ގެނެވޭނެ. " އަކްރަމް ބޭރު ދޮރާ ހަމަޔަށް އެރުމަށްފަހު ދުރުގައި ހުރި އިބްރާހީމްއަށް އިއްވާލިއެވެ. އަކްރަމްގެ އަޑު ގާތުން އިވިފައި ފައިޒަން އަވަހަށް ގޮސް ގޭގެ ޓެރަހަށް އަރަން އިންނަ ސިޑިއާ ދިމާގައި ނިވާވެލިއެވެ. އަަދި އަކްރަމް ގޭޓުން ނުކުތްކަން ޔަޤީންކުރުމަށްފަހު އޭނަ މިސްރާބު ޖެހީ ކޮޓަރިއަށެވެ. ގަޑިން އޭރު މެންދުރު ބަންގި ގޮވަން ގާތްވަނީއެވެ.
---
" ޖިންނި އަވަލިއްޔޭ؟ އެކަމަކު ކިހިނެތް؟ ކީއްވެ؟ " އަޙްމަދު އައިސް އިބްރާހީމްގެ ކުރިމަތީގައި ހުއްޓިލަމުން ސުވާލު ފައްޗެއް ކޮއްލިއެވެ.
" ޝޫ.. ދޮންބެދައްތައަށް އަޑު އިވިއްޖެޔާ ކަމަކު ނުދާނެ.. ތިވާހަކަ ދައްކާނީ ފަހުން. އިހަށް ހިނގާ ނަމާދުކުރަން... " އިބްރާހީމް އަޙްމަދުގެ ކޮނޑުގައި ޖަހާލިއެވެ.
" އިބްރާހީމް ކޯޗެކޭ ތިކިޔަނީ؟ " އަރީބް އުރާލައިގެން ނުކުތް އަފްޝާއަށް އެވާހަކަ އަޑު އިވިގެން ދުވެފައި އައި ގޮތުން މީހާ ކެތްތެރިކަން ކުޑަވެފައިވާކަން ހާމަވެގެން ދިޔައެވެ. އިބްރާހީމްއަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. އަޙްމަދު އިސްޖަހާލީ އޭނަގެ ސަބަބުން އަފްޝާއަށް އަޑު އިވުނީތީއެވެ. އޭރު ތީބާ ވެސް އޭނަގެ ކޮޓަރިން ނުކުމެގެން އައި އިރު މޫނުމަތިން ހައިރާންކަން ފެންނަމުން ދިޔައެވެ.
" ބުނެބަލަ އިބްރާހީމް. ކޯޗެކޭތަ ތިކިޔަނީ ލީން ޖިންނި މޮޔަވީއޭ ކިޔައިގެން؟ " އަފްޝާއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އޭރު އޭނަގެ އުރުގައި ދެންމެ ނިދައިގެން ހޭލި އަރީބްވެސް އިނީ އަފްޝާ ރޯތީ ރޯން ނުރޯން ކަހަލަ ގޮތަކަށް ތުން ހަދާލައިގެންނެވެ.
" އަކްރަމްބޭ ބުނީ އެހެން.. ބުނީ މިރެޔޯ ދެން ވަކި އިތުރު އެއްޗެކޭ ބުނަން އެނގޭނީ.. އިން ޝާ ﷲ ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭ ދޮންބެދައްތާ... " އިބްރާހީމްއަށް ޖަވާބުދޭން ދަތިވެގެން ޖަވާބުދިނީ އަޙްމަދެވެ. އެހިސާބުން އަފްޝާ މޫނުމައްޗަށް އަނދިރިވެގެން ވެއްޓެން ދިޔަ ވަގުތު އުރުގައި އިން އަރީބް އަޙްމަދަށް ހިފަހައްޓާލެވުނީ ކިރިޔާއެވެ. އަދި އިބްރާހީމްއަށް ވެސް އަފްޝާ ހިފަހައްޓާލެވުނީ ހަމަ ކިރިޔާއެވެ.
---
އިރުއޮއްސި ދުނިޔެމައްޗަށް އަނދިރކަން ފެތުރިގެން ދިޔައީ ބަލަބަލާ ހުއްޓައެވެ. ދެއަންހެނުންނާއި ކުދިންވެރިން ޖެހިގެން ހުރި ދިއްގަރުގެއަށް ދިއުމުން އިބްރާހީމްއާ އަޙްމަދު ގޭގެ ސޯފާގައި އަކްރަމް އަންނާނެ އިރަކަށް އިންތިޒާރުގައި އިނެވެ. އޭރު އަލައިނާ ސައިބޮއެގެން އެތެރެއަށް ވަތް ގޮތަށް އަދި ނުނިކުމެއެވެ.
" އައްސަލާމް ޢަލައިކުމް.. " އަކްރަމް އައިސް ގެޔަށް ވަނީ އެވަގުތުއެވެ.
" ވަލައިކުމުއްސަލާމް އަކްރަމްބޭ.. އާދޭ އެތެރެއަށް... " އިބްރާހީމް ސަލާމް ބަލައިގަންނަމުން އަކްރަމް ވަންނަން ތަންދެއްކިއެވެ.
" ކޮބާ އަލައިނާ؟ އޭނަ ގާތުގައި ފަހުން އެކަހަލަ ވާހަކައެއް ދެއްކިންތަ؟ " އަކްރަމް އަހާލިއެވެ.
" ނޫން ނުދައްކަން. މިހާރު ވެއްޖެ ކޮޓަރީގައި. އެފަހުން ކުދި މީހުންނާއެކު ހަމަ އާދައިގެ ގޮތަކަށް އުޅެފަ ސައިބޮއެގެން އެތެރެއަށް އެވަނީ ދެންމެ އަކު ކަހަލަ ގޮތަކަށް.. އަފްޝާމެން ދާތި ކޮންތާކަށް ތޯ ވެސް އެހި. އަހަރެން ބުނިން ކުޑަކަމެއް ވެގެން ލަތީފާއްތަމެން ގެޔަށް އަފްޝާމެން ދާން ޖެހުނިއްޔޭ... " އިބްރާހީމް ހީލަމުން ޖަވާބުދިނެވެ.
" އެހެންތަ؟ ދެމިހުން ދޭބަލަ ވަރަށް އަވަހަށް ވުޞޫކޮއްލައިގެން އަންނަން. މަޤްރިބް ނަމާދަށްފަހު ފަށާނީ " އަކްރަމް ސޯފާގައި އިށީނދެލިއެވެ.
އިބްރާހީމްއާއި އަޙްމަދު ވުޞޫކޮއްގެން އައި އިރު މަޤްރިބަށް ބަންގި ގޮވައިފިއެވެ. ސިޓިންރޫމުގައި ތިން މީހުން އެކުގައި ނަމާދުކުރުމަށްފަހު މިކަމުގައި ކާމިޔާބު ލެއްވުން އެދި އިތުރު ދެރަކުއަތުގެ ނަމާދެއްވެސް މާތްﷲ އަށް ކުރިއެވެ.
ނަމާދުކޮށް ނިންމުމަށްފަހު އަކްރަމް އޭނަ ގެނައި ދަބަހުން ޤުރުއާނުގެ އާޔަތްތައް ލިޔެފައިވާ ފޮތަކާއި ރައްކާތެރިކަމަށް ކިޔާ ދުޢާ ފޮތެއްވެސް ނެގިއެވެ.
" މީގައި ހުރި ދުޢާތައް ދެމިހުން ވެސް ކިޔާލާތި.. " އަކްރަމް ދުޢާ ފޮތް އަޙްމަދާއި އިބްރާހީމްއަށް ދިއްކޮއްލިއެވެ. އަދި އެދެމިހުން އެފޮތުގައި ހިފުމުން އަކްރަމް ޤުރުއާނުގެ އާޔަތްތައް ލިޔެފައިވާ ފޮތުން އޭނަ ބޭނުންވާ އާޔަތްތައް ހޯދަން ފެށިއެވެ.
" ހިނގާ ދަމާ.. " އިބްރާހީމްއާއި އަޙްމަދު ދުޢާ ކިޔާ ނިމުމުން އަކްރަމް ހިނގައިގަތީ އަލައިނާގެ ކޮޓަރިއާ ދިމާއަށެވެ. އިބްރާހީމް ޓަކި ޖަހާލުމަށްފަހު އަލައިނާގެ ހުއްދަ ހޯދާ އެތެރެއަށް ވަތް އިރު އަލައިނާ އިނީ އެނދުމަތީގައި ވާހަކަ ފޮތެއް ކިޔާށެވެ. ހަމަޖެހިލައިގެން އިން ގޮތުން ކަމެއް ދިމާވިކަން ވެސް އިހުސާސްނުވާ ކަހަލައެވެ.
އަކްރަމް އިބްރާހީމްގެ ފަހަތުން އެތެރެއަށް ވަނެވެ.
" ދޮންބެ؟ ތޫބެ؟ މިހިރީ ކާކު؟ " އަލައިނާ ހައިރާންވެފައި ސުވާލުކޮއްލިއެވެ.
" އަލައިނާ؟ މިއީ އަކްރަމްބޭބެ އިނގޭ.. ފައިޒަންގެ ބޮޑުބެ. ބިރު ނުގަންނައްޗޭ. ބޭބެ ހަމަ ކުޑަ ކަމެއް ބަލާލަން މިއުޅެނީ... އަލައިނާ ބުނެބަލަ.. މިރަށަށް އައި ފަހުން އެހެންޏާ ނުވާ ކަހަލަ ކަންތައްތަކެއް ކުރިމަތިވިތަ؟ " އަކްރަމް މަޑުމައިތިރިކަމާއެކު އަހާލިއެވެ. އެސުވާލަށް ފަސްދޭން އަލައިނާ ޖެހިލުންވިއެވެ. އޭނަ މިއުޅެނީ ފައިޒަންއާ ރައްޓެހިވެގެންނޭ އެތާ ތިބި މީހުން ގާތުގައި ބުނާނީ ވެސް ކިހިނެތް ހެއްޔެވެ؟
" ބޭބެއަށް އޯކޭ ކޮންމެ ވާހަކައެއް ވިޔަސް. ބޭބެ މިއައީ އަލައިނާއަށް އުނދަގުލެއް ވަންޏާ އެކަމަށް ހައްލެއް ހޯދަދޭން... " އަކްރަމް ނިއްއަރުވާލިއެވެ. އަލައިނާ ފުންކޮށް ވިސްނާލިއެވެ. ކޮންމެވެސް ދުވަހަކުން އޭނަޔާ ފައިޒަންގެ ގުޅުން ފަޅާއަރާނެއެވެ.
" އަޅުގަނޑު މިއުޅެނީ ފައިޒަންއާ ރައްޓެހިވެގެން... " އަލައިނާ ވަރަށް ނުކެރި ހުރެފައި ބުނެލިއެވެ. ދެން ތިބި މީހުން އެކަކު އަނެކަކަށް ބަލާލި އިރު އެމޫނުތަކުން ފެނުނީ ހައިރާންކަމެވެ. އެއާއެކު ދެވަނަ ސިކުންތުގައި އެމޫނުތަކުން ހިނިތުންވުންތައް ފެނިގެން ދިޔައެވެ.
" ބޭބެ މިބުނަނީ އެވާހަކައެއް ނޫން.. އަމިއްލަ ހަށިގަނޑު އެއްވެސް ތަނަކަށް ތަދުވޭތަ؟ އެކަނި ހުންނަ އިރު ވެސް އެހެން މީހަކު ގާތުގައި ހުންނަ ކަމުގެ އިހުސާސްވޭތަ؟ " އަކްރަމް އަހާލިއެވެ.
" ލައްބަ އެވާހަކައޭ މިބުނަނީ.. އަޅުގަނޑު ފައިޒަންއާ ރައްޓެހިވި ފަހުން އެއްދުވަހު ފައިޒަން އަޅުގަނޑު ގެންދިޔައީ ވަލުތެރެއަށް. ވަކި ހިސާބަކުން ގެއްލުނީ.. ދެން ފެނުނީ ފިޝް ބައުލްއެއް ހިފައިގެން ފާޑަކަށް ހިނިއައިސް ހުއްޓައި. އޭގައި މަރުވެފައިވާ އޮތް މަހެއް ފުންމަންވެސް ފުއްމި. ދެން ފައިޒަން އައިސް އެބައުލް ތެރޭގައި ހުރި ފެން އެތި ބޮލަށް އެޅީ.. ދެން އިވުނީ ކުއްލިއަކަށް ވާހަކަދެއްކި އަޑު. ހީވަނީ ދެންމެ އޭ ފައިޒަން އެއައީ. ކުރިން ފިޝް ބައުލް ހިފައިގެން ހުރީ ފައިޒަންއެއް ނޫނޭ... ދެން ރުކުގައި ލައްވެގެން އިންދަ ގަދަޔަށް ނިދުނީ... ދެން ހޭލެވުނީ އެނދުގައި އޮއްވައި.. އެދުވަހު ފެނުން ފައިޒަން ދުންކޮޅަކަށްވެގެން މައްޗަށް އެރި ތަން ވެސް މި.އަދާ ޖެހެންދެން ވެސް އެކަންތައް ހުރީ ހަނދާނުން ފިލާފައި. އެކަމް މިއަދު މެންދުރު ފަހު އަބާން ފިޝް ބައުލްއެއް ގެންގުޅޭތަން ފެނުމުން އެހަނދާން އަލުން އާވީ.. އޭރުއްސުރެ މީހާ ބިރުގަނެފައި ހުރީ. ދޮންބެމެން ރުޅިއައިސްދާނެތީ އެކަން ނުދައްކަންވެގެން އުޅުނީ.. " ބިރުގަނެފައި އަލައިނާ އެވާހަކަތައް ކިޔައިދިނެވެ.
" ސުބުހާނަﷲ " އަކްރަމް އެހެން ބުނެލި އިރު އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. އަކްރަމް ހިތަށް އެރި އެއްޗެއް ދެން ތިބި މިހުނަށްވެސް އެނގިގެން ދިޔަ ކަހަލައެވެ.
" އިބްރާހީމް... މިގޭގައި އެއުޅެނީ ފައިޒަންއެއް ނޫން.. ފައިޒަންގެ ސިފައިގައި އުޅޭ ޖިންނިއެއް.. މީގެ ކަމެއް މަށަށް ވަރަށް ކުރިން ދިމާވި.. " އަކްރަމް ފުންނޭވާއެއް ދޫކޮއްލަމުން ބުނެލިއެވެ. އަލައިނާއަށް ލިބުނީ ސިހުމެކެވެ.
ނުނިމޭ

އަލައިނާ ވަރަށް ފިނޑިއޭ!! ނޭނގުނު ދޯ ކޮންމެވެސް ބަހަނާއެއް ދައްކާފަ ކޮޓަރިއަށް ވަދެ ތިބި މީހުންތައް ފޮނުވާލާކަށް!! ވަރަށް ކަޑަ!!
އަލޭ ހާދަ ރީއްޗެ!! ❣️
ވާވް ހާދަ ރީއްޗޭ 💝💝💝
ޥަރަ ރިތި. ❤️❤️