ލޮލަށް ޖަމާވި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިފާނެ ހެން ހީވާން ފެށުމުން، އިންތަނުން ތެދުވެ އަހަރެންގެ ކޮޓަރިއަށް ދިއުމަށް އަހަރެން ހިނގައިގަތީމެވެ.
"މަލަކް، ބައްޕަ އުންމީދުކުރަން ބައްޕަމެންގެ މި އެދުމުގަ މަލަކް ކޮޅުފައިން ނުޖަހާނެކަމަށް....އަންނަ ހަފްތާގަ ރަން ކިޔާ، ބުދަ ދުވަހު ކައިވެނި ކުރެވޭނެ" ބައްޕަގެ ދުލުން ދެން އިވިގެން ދިޔަ ބަސްތަކާއި އެކު އަހަރެންގެ ދުލުގައި ކަސްތޮޅު އެޅުވިގެން ދިއައިރު، އަހަރެންގެ ކޯތާފަތުގައި ބޮސްދެމުން ކަރުނައިގެ ރޮނގެން ދެމިގެން ދިއައެވެ.
**********
ހަތް ދުވަސް ފާއިތުވެގެން ދިއައިރު އަހަރެންނަށް އިހުސާސް ކުރެވެމުން ދިއައީ ގޮތްހުސްވެފައިވާ މީހަކަށް ކުރެވޭނެ ފަދަ އިހުސާސެކެވެ. ރަންކިޔާ ދުވަސް އައިސް ޖެހުނު އިރު، އެންމެންގެ މޫނުމަތިން އަހަރެންނަށް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ހަމަޖެހުމެވެ. އަހަރެން ވާނެ ދެރައަކާއި، އަހަރެންގެ ޖަޒުބާތުތަކާއި މެދު ވިސްނާ އެކަކު ވެސް އަހަރެންގެ އާއިލާގައި ނެތް ކަހަލައެވެ.
ކައިވެނީގެ އިއުލާނު ކުރެވުނު ފަހުން އަހަރެންނާއި އަކިލް ބައްދަލު ނުވާއިރު، ވަޒީފާގެ ކަމަކު މާލެއިން ބޭރުގައި އުޅުމުގެ ސަބަބުން ތިއްތިއަކާ ވެސް ދިމަލެއް ނުވެއެވެ. ދެތިން ފަހަރަކު ފޯނުން ވާހަކަ ދެއްކި ނަމަވެސް، އަހަރެންގެ ކައިވެނީގެ އެއްވެސް ވާހަކައެއް ތިއްތި އަހަރެންގެ ގާތަކު ނުދައްކައެވެ.
ލޯގަނޑު ކުރިމަތީގައި އަހަރެން އިށީނދެގެން އިނީ ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ނަޒަރު ހުއްޓާލައިގެނެވެ. ކުރެވިފައިވީ ލުއި މޭކްއަޕްއާއި، ލައިގެން ހުރި ކަޅު ޖަރީ ހެދުމުގެ ސަބަބުން އަހަރެންގެ ރީތިކަން އެތައް ގުނައެއް ފުރިހަމަވެފައި ވީނަމަވެސް، އަހަރެންނަށް އެއިން އެއްވަސް ކަމަކުން އުފަލެއް ނުލިބޭ އިރު، އަހަރެންނަށް އިހުސާސް ކުރެވެމުން ދިޔައީ މަޖުބޫރީއެވެ. ހިނިތުންވުން އަހަރެންގެ މޫނުމަތިން އެކީހެން ފިލައި ގޮސްފައިވީއިރު، ލޯގަނޑަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް އަހަރެންނަކަށް ކުރެވޭކަށް ނެތެވެ.
އަހަރެން ރީތި ކުރުމުގައި އުޅުނު ޝާޔާއާއި، ދޮންބެދައްތަ އަދި ތިއްތިދައްތަ، ތިންމީހުންގެ ނަޒަރު ދޮރާއި ދިމާލަށް ހުއްޓިފައި ހުރިތަން ފެނުމާއި އެކު އަހަރެން ވެސް އެދިމާލަށް ބަލައިލީމެވެ. އޭރު ދޮރު ކުރިމަތީގައި ހުއްޓި ހުރީ އަހަރެންގެ ތިއްތި މަޔާންއެވެ.
"ޔާން، ބަލާބަ މަލްކޮ ލޯބިކަން" އަހަރެންގެ ކޮލުގައި ހިފައިލަމުން ތިއްތިދައްތަ ބުނެލިއިރު، ގަދަކަމުން އަހަރެން ހިނިތުންވެލީމެވެ. އެކަން ތިއްތިއަށް ނަގައިގަނެވުނީ ކަންނޭނގެއެވެ. ލައިގެން ހުރި ފަޓުލޫނުގެ ޖީބަށް އަތް ޖަހައިލަމުން ތިއްތި އެތެރެއަށް ވަނީ، އަހަރެންނާއި ވަކިން ވާހަކަ ދައްކައިލަން ބޭނުންކަމުގައި ބުނަމުންނެވެ.
ތިއްތިއާއި އަހަރެން ކޮޓަރީގައި އެކަނިވުމާއިއެކު ތިއްތި އައިސް އަހަރެން އިށީންދެގެން އިން ގޮނޑީގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން އިށީންދެލިއެވެ. އަހަރެންގެ ދެއަތުގައި ހިފައިލަމުން އަހަރެންގެ މޫނަށް ބަލައިލި އިރު، ތިއްތިގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އަހަރެންނަކަށް ސިއްރެއް ނުވިއެވެ.
"މަލް، ސޮރީ.... އައި ފެއިލްޑް، ބޭބެއެއްގެ ހައިސިއްޔަތުން މަލްއަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއް ބޭނުން ޖެހުނު ވަގުތު ތިއްތިއަކަށް ނުކޮށްދެވުނު، ސޮރީ މަލް" ތިއްތިގެ ދުލުން ނިކުތް ޖުމުލަތަކާއި އެކު އަހަރެންގެ ލޮލުން ކަރުނައިގެ ރޮނގެއް ދެމިގެން ދިއައިރު، އަހަރެން ބޯ ހޫރުވައިލީ ތިއްތިގެ ބަހާ ދެކޮޅު ވަމުންނެވެ.
"ނޯ ތިއްތީ... ޔޫ ޑިޑް ނޮޓް ފެއިލް، ކުޑަ އިރުއްސުރެ މަލްއަށް ކިތަންމެ ކުޑަ އުނދަގުލެއް ވިޔަސް އެންމެ ދެރަވެފަ، ވޮރީ ވެފަ ހުންނަނީ ތިއްތި އެއްނު، މަލްއަށް އިނގޭ މަންމަމެން ތިއްތި ކައިރީގަ ކައިވެނީގެ ވާހަކަ ބުނީވެސް މިއަދުކަން.... އަސްލު މަލް އެކްސްޕެކްޓް ކުރިން ހަމަ ތިކަހަލަ ސަޕޯރޓްއެއް ދޮންބެގެ ފަރާތުންވެސް ލިބޭނެކަމަށް... ދޮންބެއަށް އަންޑަސްޓޭންޑް ވާނެ ކަމަށް، މަލްއަށް ޓަކާ ދޮންބެ ވެސް ސްޓޭންޑް އެއް ނަގާނެކަމަށް...އެކަމް..." ތެދުވެ ތިއްތިއަށް ފުރަގަސްދެމުން އަހަރެންގެ އިހުސާސްތަކާއި ޝަކުވާތައް އަހަރެން ތިއްތިއާއި ހިއްސާ ކުރީމެވެ.
"މަލް، މިހާރުވެސް އެންމެ ފަހަރަކު ތިއްތި ކައިރީ ބުނޭ މި ކައިވެނި ކުރާކަށް ބޭނުމެއް ނޫނޭ! ވަގުތުން ތިއްތި މަލް މިތަނުން ދުރަށް ގެންދާނަން.... މަލްގެ ރުހުމާ ނުލާ މި ކައިވެންޏަކަށް ރަނެއްވެސް ނުކިޔޭނެ، ކައިވެންޏެއް ވެސް ނުކުރެވޭނެ!" ތިއްތިގެ އަޑުގައިވީ ނުރުހުމާއި ރުޅި، އަހަރެންގެ ހިތަށް ތަސައްލީއެއް ލިއްބައިދިނެވެ. އާއިލާއިން އެންމެ މީހެއް ނަމަވެސް އަހަރެންގެ އިހުސާސްތަކަށް ޤަދަރު ކުރޭތާއެވެ.
"ނޫން ތިއްތީ.... އެހެން އެކަކު ނުވިސްނިޔަސް، ތިއްތި މަލްއާ މެދު ވިސްނާކަން އެންޑް މަލްގެ ފީލިންގްސްއަށް ރެސްޕެކްޓް ކުރާކަން އިޒް އިނަފް ފޯރ މީ.... މިއަދު ރަންކިޔުމަށް މަލް ދެކޮޅު ހަދަން ކިތަންމެ ބޭނުމަސް، އައި ކާންޓް ޑޫ ދެޓް.... މަލްގެ އުފަލައްޓަކާ މަންމަޔާ ބައްޕަ އަދި ދޮންބެވެސް އެތައް ޤުރުބާނީތަކެއް ވެދިން، އެތައް ހަރަދެއް ކޮށްދިން.... މިއަދު މަލް މި ކައިވެންޏަށް ދެކޮޅު ހަދައިފިއްޔާ ވެއްޓޭނީ މަންމަޔާ ބައްޕަގެ އަގު، މަންމަޔާ ބައްޕަޔާ އިތުރަށް ދެރަވާ ކަހަލަ އެއްވެސް ކަމެއް ކުރާކަށް މަލް ބޭނުމެއް ނޫން" ސިކުނޑި ވިސްނައިދިން އެންމެ ރަނގަޅު ގޮތް އަހަރެން ތިއްތިއަށް ކިޔައިދިނީމެވެ. މިއަދު ހިތުގެ އަޑު އަހަން އަހަރެންނަކަށް ހުއްދައެއް ނެތެވެ.
"މަލް... ރަނގަޅަށް ވިސްނާފަ ޑިސައިޑް ކުރާތި، ނެގޭ އެންމެ ފިޔަވެޅެއް، ނިންމޭ އެންމެ ގޯސް ނިންމުމެއްގެ ސަބަބުން މުޅި އުމުރު ހިތާމަ ކުރަން ޖެހިދާނެ!" އަހަރެންގެ ދެލޮލުން އެއްޗެއް ދޭހަ ކުރަން އުޅޭ ފަދައަކުން ތިއްތި އެދުނެވެ.
"ޑޯންޓް ވޮރީ ތިއްތީ... މަލްގެ ޑިސިޝަންއެއް ގޯސް ވެދާނެ، އެކަމް މައިންބަފައިން ދަރިންނަށް ދެރަގޮތެއް ވާނެ ކަހަލަ އެއްވެސް ކަމެއް ނުނިންމާނެ. ރައިޓް؟" ކޯތާފަތް މަތިން ކަރުނަތައް ފޮހެލަމުން އަހަރެން ހިނިތުންވެލީމެވެ.
"އައި އޭމް ސޯ ޕްރައުޑް އޮފް ޔޫ މަލް" އަހަރެންގެ ހަށިގަނޑުގައި ކުޑަކޮށް ބައްދައިލަމުން އަހަރެންގެ ބޮލުގައި ތިއްތި ފިރުމައިލީ ލޯތްބާއި އެކީގައެވެ. އެފަދަ ހިމާޔަތަކަށް އަހަރެން އެދި އެދި ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ.
އަހަރެމެން ދެމީހުން ދުރުވެލީ ދޮރުގައި މީހަކު ޓަކި ދިން އަޑަށެވެ. އޭރު ދޮރު ކުރިމަތީގައި ރީތި ހިނިތުންވުމަކާއި އެކު ހުއްޓި ހުރީ ތިއްތިދައްތައެވެ. ހެކިންނާއި، އަކިލްގެ އާއިލާ އައިސްފި ކަމުގައި ތިއްތި ދައްތަ ބުނުމާއިއެކު، އަހަރެން ތިއްތިއާއި ދިމާލަށް ބަލައިލީމެވެ. ތިއްތިގެ ދެލޮލުން ފެނުނު ސުވާލުގެ ޖަވާބު ދެމުން އަހަރެން ބޯޖަހައިލީ، އަހަރެން ތައްޔާރު ކަމުގައި ބުނުމުގެ ގޮތުންނެވެ.
އަދި ތިއްތިގެ އަތުގައި ހިފައިގެން ހުރެ އަހަރެމެން މިސްރާބުޖެހީ އަހަރެން ދިރިއުޅޭ އިމާރާތުގެ ޓެރަހަށް ދިއުމަށެވެ. ރަން ކިއުމުގެ ހަފްލާ އޮތީ އެތާގައި ކަމަށް ވާތީއެވެ.
ލިފްޓު ޓެރަހުގެ ފަންގިފިލާއަށް ހުއްޓުމާއިއެކު ހަމަޖެހިލަން މަސައްކަތް ކުރަމުން އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. ހިތާ ދެކޮޅަށް ކުރިއަށް ފިޔަވަޅެއް އަޅައިލީ ލިފްޓުގެ ދޮރު ހުޅުވުމާއި އެކީގައެވެ.
މުޅި ތަން ޒީނަތްތެރި ކުރެވިފައިވަނީ ކަޅާއި ހުދު ކުލައިންނެވެ. ހުދު ކުލައިގެ ފިނިފެންމާތަކުގެ ވަސް ފަޒާގައި ހަރުލާފައި ހުރި ނަމަވެސް، މިއަދު މަލަކަށް ވެސް މި މަލަކްގެ ހިތަކަށް ހަމަޖެހުމެއް ނުގެނެވުނެވެ. ހުދު ކުލައިގެ ބޮކިފަތިތަކުގެ އަލިން ފުޅި މާހައުލު ޖަރީވެފައި ވީއިރު، އަހަރެންނާއި ދިމާލަށް އަމާޒުވެފައިވީ އެންމެންގެ ނަޒަރުތައް ފެނުމާއިއެކު ހިނދުކޮޅަކަށް ހުރި ތަނުގައި ގަނޑުވެވުނެވެ.
އަހަރެންގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ، ފުޅާ ހިނިތުންވުމަކާއި އެކު އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ތިބި އަހަރެންގެ މަންމަ، ބައްޕަ އަދި ދޮންބެއެވެ. އެ އެންމެންގެ އުންމީދު އަހަރެންނާއި ގުޅިފައި ވީކަހަލައެވެ.
އަނެއް ފަޅީގައި އަކިލްގެ އާއިލާގެ އެންމެން ހުއްޓި ތިބި އިރު، ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ހާއްސަކޮށް ވަޒްލިފާދައްތައެވެ. ޝާޔާ އައިސް އަހަރެންގެ އަތުގައި ހިފައިގެން ގެންގޮސް ޓެރަހުގެ މެދުގައި ހުރި މޭޒުގައި ބޭންދުމާއި އެކު އަހަރެން އިސްޖަހައިލީ، އިސް ހިއްލައި ކުރިމަތީގައި އިން މީހާއާއި ހަތަރު ކަޅި ހަމަކުރަން ބޭނުން ނުވާތީއެވެ.
އަހަރެންގެ ހިތުގައި އޭނާއާއި މެދުވާ ނަފްރަތާއި ރުޅިވެރިކަން އިނގޭ ހާލު، މި ކައިވެންޏަށް އަކިލް އެއްބަސް ވުން ވެގެން ދިއައީ، އަހަރެންގެ ހިތުގައި އަކިލްއާއި މެދު އޮތް ނަފްރަތު އެތައް ގުނައަކަށް ފުންވެ އިތުރު ވެގެން ދިޔަ ސަބަބަށެވެ.
އަހަރެންނާއި ކައިވެނިކުރަން ނިންމި ނިންމުމަކީ، އޭނާގެ މުޅި ދިރިއުޅުމުގައި ވެސް ނިންމި އެންމެ ގޯސް ނިންމުންކަން އަހަރެން އޭނާއަށް ސާބިތުކޮށް ދޭނަމެވެ.
ހެކިންގެ މަޤާމުގައި ތިބި ޖައިލަމްއާއި، އަކިލްގެ އެކުވެރިއެއް ކަމުގައިވާ ނައުފް ރަނުގެ އަދަދު އަހަރެންގެ ގާތުގައި އެހުމާއިއެކު، އިސް ހިއްލައި އަހަރެން ބަލައިލީ މަންމައާއި ދިމާލަށެވެ. ހިނިތުންވުން ވީ އެމޫނުން އަހަރެންނަށް އިޝާރާތް ކޮށްލުމާއި އެކީގައި "މުސްޙަފެއް" އެ ލަފުޒު އަހަރެންގެ އަނގައިން ނިކުމެގެން ދިއައެވެ.
އެންމެންގެ މޫނުމަތިން ކުޑަ ހައިރާންކަމަކާއި އެކު އުފާވެރިކަން ފެނިލި އިރު، ދެން ފެށިގެން ދިއައީ ކެއުމާއި، ސަކަރާތުގެ ހަރަކާތްތަކެވެ.
ސުކޫލު ދައުރުގެ އެކުވެރިން އައިސްތިބުމާއި އެކީ ޝާޔާ އަހަރެން ގޮވައިގެން އެމީހުންގެ ގާތަށް ދިއުމާއިއެކު، އެމީހުންގެ ހާސަރުތައް ފެށުނެވެ. އަކިލްއަށާއި، އޭނާގެ ހަރުދަނާ ކަމާއި ފިރިހެންވަންތަ ކަމަށް ތަޢުރީފުކުރުމެވެ. އެންމެފަހުން އަހަރެން ހަމަ އިންނަން ޖެހުނީ އެ އަކިލް އާއޭ ކިޔައި އަހަރެންގެ ބޯކާން އެމީހުން ފެށުމާއި އެކު، އެ އެންމެނާއި އަހަރެން ދުރަށް ޖެހިލީމެވެ.
ފެންތަށިތައް ބަހައްޓާފައި ހުރި މޭޒުގެ ގާތަށް ޖެހިލަމުން ފެން ތައްޓެއް ނަގައިގެން އެނބުރިލި އަހަރެންނަށް ހުއްޓިލެވުނީ ލޮލަށް ފެނުނު މަންޒަރެއްގެ ސަބަބުންނެވެ.
ކަޅު ކުލައިގެ ފަޓުލޫނަކާއި، ކަޅު އަތް ދިގު ކުރުތާއެއްގައި ހުރި އިރު، އޭނާގެ އެކުވެރިންނާއި ވާހަކަ ދައްކަމުން ދިޔަ އަކިލްގެ މޫނުމަތީގައި ވަނީ ހިނިތުންވުމެވެ. އުފާވެރިކަމެވެ.
އަހަރެންގެ ދިރިއުޅުން އެފުއްމިފުށަށް ޖަހާލައިފައި ހޭން މީނައަށް އެބަ ކެރޭތާއެވެ. ރަނގަޅު މީހެއް ނަމަ އެންމެ ފަހަރަކު ނަމަވެސް، އަހަރެންގެ ރުހުން ހޯދައި އަހަރެން ބޭނުންވާ ގޮތެއް ހޯދަން މަސައްކަތް ކުރާނެ ނުންހެއްޔެވެ. ނަމަވެސް، އަހްމަދު އަކިލް އާހިމްއަކީ މިއަދު ވެސް އަމިއްލަ އެދުން ބޮޑު މީހެއްކަން އަހަރެންނަށް ވިސްނިއްޖެއެވެ. އެހެން މީހުންގެ އިހުސާސްތަަށް ޤަދަރު ނުކުރާ، އެހެން މީހުންގެ އިތުބާރު ދަމަހައްޓަން ނޭނގޭ ދޮގުވެރިއެކެވެ.
އަތުގައި ހުރި ބިއްލޫރި ތައްޓަށް ބާރުކުރެވެން ފެށުމާއި އެކު އަހަރެން ދުރަށް މޫނު އަނބުރައިލީމެވެ. އެ މާހައުލުގައި ނޭވާލާން އުނދަގޫވާ ފަދަ އިހުސާސެއް ކުރެވުމާއި އެކު، ލިފްޓުގެ ބަދަލުގައި ސިޑިން އަހަރެން ތިރިޔަށް ފޭބީމެވެ.
އެޕާރޓްމެންޓުގެ ދޮރާއި ހަމައަށް ދެވުނު އިރު، އަހަރެންނަށް މާނޭވާ ލެވެމުން ދިޔައިރު، މޫނުމަތީގައި ވަނީ ދަލުގެ އަސަރެވެ. އަވަހަށް އެތެރެއަށް ވަދެ އަހަރެންގެ ކޮޓަރިއަށް ގޮސް ދޮރު ލައްޕައި ތަންޑު އެޅުވީމެވެ. ވަގުތުން ދޮރުގެ ބުޑަށް ތިރިވެވުނު އިރު، ހަމަޖެހުމުގެ ނޭވާއެއް އަހަރެންނަށް ލެވުނީ ދެނެވެ. އެމީހަކާއި އެކީ އެންމެ ސިކުންތުކޮޅަކު އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވޭ މީހަކާއި އެކީ، މުޅި ދިރިއުޅުން ވޭތުކުރާނީ ކިހިނެއް ހެއްޔެވެ.
*********
އާދިއްތައިން ބުދައަށް ކަލަންޑަރުގެ ތާރީޙުތައް ބަދަލުވެގެން ދިއައިރު، ބައެއްފަހަރު ގަޑި މާ އަވަހަށް ހިނގާހެންވެސް އަހަރެންނަށް ހީވެއެވެ. ކައިވެންޏަށް ވަގުތު ކުޑަތަން ވަމުން ދިޔަ ވަރަކަށް ނުތަނަވަސްކަން ދިއައީ އަހަރެން ވަށާލަމުންނެވެ.
ނުނިމޭ
ނަފުރަތަކީ ލޯބީގެ ފެށުމޯއި🥰😌
ތިވެސް ތެދެއް🤭😂
ވަރަށް ރީތި. ކީޕް އިޓް އަޕް
ޝުކުރިއްޔާ💗
ސަޅި
ވާހަަކަ ހަމަ ސުޕާބް..
ކީޕް އިޓް އަޕް ދަ ގުޑް ވޯކް...
ނެކްސްޓް ޕާރޓް ކޮންއިރަކުން؟
ޥަރަސަލިވަަަހަކަަަ
ޜިިވެތި
ކޮންއިރަކުން އަނެއްބައި ކިޔާލަން ލިބޭނީ ވަހަކަ ވރަށް ސަޅި މާޝާﷲ
ހާދަ ލަހޭ އަޕް ކުރާލެއް ވަރަށް ރީތި
ކިޔާ މީހުންނަށް ވެސް ވިސްނެން ވާނެ ކަންނޭނގެ އަފާއަކީ މިއަހަރު އޯލެވެލް ހަދާ ކުއްޖެއްކަން. އޭނަ ވެސް ކިޔެވުމުގަ ވަރަށް ބުރަކޮށް މިދުވަސް ކޮޅު އުޅޭނީ.... އެހެންވީމަ ވާހަކަ މެދު ކަނޑާ ނުލާ ގެނެސްދޭ ކަމަށް ޝުކުރުކޮށްގެން ކެތްތެރިވެގެން ހުރެލުން އެދެން
ވަރަށް ސަޅި !!❤️❤️