އެހިސާބުން އަލައިނާއަށް އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ފުސްވާން ފެށިއެވެ. ބޮލަށް ތަދުވާން ފެށީ ކެތްނުކުރެވޭ ވަރަށެވެ. ހަމަ އެވަގުތު މާޒީގެ އެހެން ތަންކޮޅެއް އޭނަގެ ސިކުނޑީގައި އުތުރިގަތެވެ. އަސްރާ ގެއިން ނިކުމެގެން ދިޔަ ފަހުން އޭނަގެ ގާތަށް އައިސް މަޑުކުރި ޒުވާނެކެވެ. އެމީހަކު އޭނަ ގެން ގޮސް ބަގީޗާއެއް ތެރެއަށް ގެންދިޔަ މަންޒަރެވެ. އޭނަ އުފާކޮއްދޭން މަސައްކަތްކުރި މަންޒަރެވެ. ސޫރަ ހަނދާން ވަނިކޮށް އަލައިނާ ހޭނެތިގެން ފާހާނަ ތެރެއަށް ވެއްޓުނީއެވެ.
***
" އޭތް! ދަންޏާ މިވެސް ގޮވައިގެން ދޭ!! " އަސްރާ ގޭގެ އޮޅިގަނޑުުން ބޭރަށް ހައަހަރުގެ އަލައިނާ ކޮއްޕާލިއެވެ. އެއާއެކު މެދުގޯތީގައި ހުރި އަޙްސަންގެ ދެލޯ ވަގުތުން ބޮޑުވެގެން ދިޔައެވެ. ވީތަދުން އަލައިނާ ވަގުތުން ރޮއެގަތުމާއެކު އަސްރާ އަލިފާންކަނި އަރަމުން ދިޔަ ދެލޮލުން އެކުޑަކުޑަ މައުސޫމް ކުއްޖާއާ ދިމާއަށް ބަލާލިއެވެ.
" ކޮން ރުއިމެއް ރޯކަށް؟ ކަލޭގެ ސަބަބުންނޭ މަށަށް މިހުރިހާ ވޭނެއް މިލިބެނީ! " އަސްރާ އައިސް އަލައިނާގެ މޫނަށް އެތި ފަހަރެއް ވީއްލާލީއެވެ. އެއާއެކުު އަލައިނާގެ އެރުއިމުގެ އަޑު ގަދަވެގެން ދިޔައެވެ. ގޭތެރޭގައި މާ އަޑުގަދަވެގެން ޖެހިގެން ހުރި ގޭ ލަތީފާގެ އާއިލާ ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އައިސް އެގެޔެއަށް ވަނެވެ. އޭރު އެހިސާބުގަނޑު އެތައް ބަޔަކު އެތަނަށް އެއްވަމުން ދިޔައެވެ.
" ބަލަ މަގޭ ލޭ ނަމަތާ ތިގެންދަނީ.. ކޮންމެހެން މަށަކަށް އަމިއްލައަށް ބުއި ބޮނޑީގެ ހަދިޔާ ދޭނެ ކަމެއް ނެތް.. މަގެންދާނީ މަގޭ ދަރިން! " އަޙްސަން ވެސް ވަކި ދުލެއް ނުކުރެއެވެ.
" ބަލަ މި ކަލޭގެ އެއްޗެކޭ! މިގެންދޭ! އޭރުން މަށަށް މިމުސީބާތުން ސަލާމަތްވެވޭނީ.. " އަސްރާ އަލައިނާގެ ކޮނޑުގައި ހިފާ ރަހުމެއް ނެތް ގޮތަކަށް އުފުލާލާ އަޙްސަންއާއި ދިމާއަށް ކޮއްޕާލިއެވެ.
" އަސްރާ... ހެޔޮ ނުވާނެ ތިހެން ހަދަން އެތުއްތު ކުއްޖާއަށް.." ލަތީފާ ވަގުތުން އަލައިނާ ހިފާ ގެނެސް އޭނަ މެޔާ ލައި ބޮނޑިކޮއްލިއެވެ.
" ކޮންމެހެން މާ ގަދަވެގެން މަވާވައްދަން އުޅޭނެ ކަމެއް ނެތް! ދުވަހެއްގެ ކޮޅުން ވެސް ދެން މަށަށް ކަލެޔާ އަދި ކަލޭގެ ތިޔޮތް ދަރި މަށަށް ފެނިގެން ނުވާނެ!! މަހޯދަން ދެން ނޫޅޭތި! އިބްރާހީމްއާ އަޙްމަދުވެސް ހޯދަން ނޫޅޭތި!! " އަޙްސަން އޭނަ ބޭނުންވާ އެއްޗެއް ބުނުމަށްފަހު ގެއިން ނިކުތެވެ. އަސްރާ އައި ރުޅިން ކައިރީގައި ހުރި ގޮނޑި ނަގާ ބިންމައްޗަށް ޖަހާފައި އެތެރެއަށްވަދެ ގަދައަށް ދޮރު ޖެހިއެވެ.
" މަންމާ... " އެމައުސޫމް އަޑުން އަލައިނާއަށް ގޮވާލެވުނީ އޭނަގެ އަސްރާއަށެވެ. އެމައިމީހާ އޭނަ ދެކެ ކިތަންމެ ލޯބި ނުވި ކަމުގައި ވިޔަސް އޭނަ އެމައިމީހާދެކެ ލޯބިވެއެވެ.
" ހުއްޓާލާ ދަރިފުޅާ.. ހިނގާ އަވަހަށް ބޭސް އަޅަން ދާން.. " ލަތީފާ އެނިކަމެތި ހަށިގަނޑުގެވެރި އަލައިނާ އުރާލައިގެން އެގެއިން ނިކުންނަން ހިނގައިގަތް އިރު އެތާ ތިބި އެތައް ބަޔަކު އަސްރާގެ ނުބައި ވާހަކަ ދައްކަމުން ގެއިން ނުކުންނަނީއެވެ.
" ލީން! ނުރޮއެ ހީލަބަލަ... " ވަަރުދެރަވެ ދެލޯ މެރެމުން ދިޔަ އަލައިނާއަށް އެއްލި ކަޅިއަކުން އެއްކަލަ ޒުވާނާ ފެނިލިއެވެ. މޫނު ވަކި ނުވަނީސް އޭނަގެ ދެލޯ މެރިއްޖެއެވެ.
***
ކުއްލިއަކަށް ތެދުވެވުނު އަލައިނާއަށް ދެލޯ ހުޅުވާލެވުނު އިރު ފާހަނައިގައި ދިއްލާފައިވާ ބޮކިން ދެލޮލަށް އުނދަގޫވެގެން ދިޔައެވެ. އެއާއެކު ވެއްޓުނު ވަގުތު ޖެހުނު ތަންތަނުން ތަދު އަރަމުން ދިޔައެވެ. ބިލިގާގައި ހިފަހައްޓައިގެން އުނދަގުލުން ތެދުވި އިރު ބޯޖެހުނު ގޮތަކުން ބޮލުގައި ރިހުމެއް ހުއްޓެވެ. ބޮލުގައި ހިފަހައްޓާލަމުން އިށީނދެ ދޮރުގައި ލެނގިލިއިރު ފައިގެ ކަށިމަތިން ބައެއް ވަރަށް ބޮޑަށް ދުޅަވެފައިވެއެވެ. އޭނަ ކުޑަކޮށް އަތްދޮންނަ އިސްކުރު ކައިރިއަށް ޖެހިލަމުން އަތްދޮންނަ އިސްކުރުގެ ތަށީގައި ހިފަމުން ތެދުވިއެވެ. އަދި ފައި ކާއްތަމުން ގޮސް އެނދުގައި އޮށޯވެލިއެވެ. އެއާއެކު ދެން ހަނދާންވާން ފެށީ ވެއްޓެން ދިޔަ ވަގުތު ފެނުނު މާޒީގެ ތަންކޮޅެކެވެ.
" އެކާކުބާ؟ " މާޒީ އިން އެފެނުނު ޒުވާނާ ހަނދާންވެފައި އަލައިނާ އަމިއްލަ ނަފްސާ ސުވާލުކޮއްލިއެވެ. އެއީ އޭނަ ދަންނަ މީހަކާ ވަރަށް ވައްތަރު މީހެކެވެ. އެހެނަސް މޫނު ނޭގުމުން އެއީ ކާކުކަން ދެނެގަންނާކަށް އޭނައަކަށް ނޭނގުނެވެ.
---
" ކޮބާ އޭތި؟ " ފައިޒަން ޓެރެސްމަތިން އެކެވިކޮޅު ހޯދުމައިގެން އުޅެމުން ދިޔައިރު އިބްރާހީމް އެނަގައިގެން އެތެރެއަށް ވަންކަމެއް އޭނަ ނުދެނަ ހުއްޓެވެ.
"އަހަރެން ކީއްވެތަ އެކެވެލިކޮޅު ނުނެގީ؟ ކެވެލިކޮޅު ގެއްލިއްޖެނަމަ ލީންއަށް އޭގެ އުނދަގޫ ބޮޑުވާނެ! ދެވަނަ ފަހަރަށް އޭގެ އެއްޗެއް ހެދޭނީ އެހާ ދުވަހުން.. " ފައިޒަންއަށް އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނެވެ.
" އޭގެ އޭ ތި ނިސްބަތް ކުރީ މަށަށްތަ؟ " ފައިޒަންގެ ފުރަގަހުން ކުރަކި އަޑެއް އައެވެ. ސިހިފައި ފައިޒަން ފަސްއެނބުރި ބަލާލިއިރު ކުރިމަތީގައި ހުރީ ބިޔަ އެއްޗެކެވެ. އެއެއްޗެއްގެ ހަންގަނޑު އަނދާފައި ހުރި އިރު ހަތަރެސްފައިގެ ނިފަޔަތިތައް ތޫނުވެފައި ދިގެވެ. ދެލޯ ރަތްކުލައިން ދިއްލިފައިވާއިރު ބޮލުގެ ދިގު އިސްތަށިތައް މޫނަށް އެޅި ނިވާވެފައިވެއެވެ.
" އާން ކަލޭ! " ފައިޒަންގެ ގާތަށް އައިސްފައި ހުރި ރުޅި ދެގުނަވެގެން ދިޔައެވެ.
" ހާދަ ރުޅިއެއް؟ މަ ހަމަ ހުރިހާ ކަމެއްވެސް މިކުރަނީ ކަލޭގެ ރައްކަލަށޭ.. ކީއްވެތަ ނުވިސްނިގެން ތިއުޅެނީ!؟ " އެއެތީގެ އަޑު އިހުނަށްވުރެ ބާރުވިއެވެ.
" މަބޭނުމީ މަގޭ ލޯބި.. " ފައިޒަންގެ އަޑުވެސް ވަކި މަޑެއް ނޫނެވެ.
" ލޯތްބަކީ ކޯޗެއް؟ ކަލޭ ހަނދާން އެބަހުރިތަ މީގެ ތޭރަ އަހަރު ކުރިން ކަލޭ ކުރި ކަންތައް؟ " އެއެތި އަހާލިއެވެ.
" ނެތް. މަބޭނުމެއްވެސް ނޫން ހަނދާންކުރާކަށެއްވެސް... ކޮންގެން ވާނެ ފައިދާއެއްވެސް ނެތް!! މާއަނގަ ގަދަ ނުކޮށް ރައްކާވާން އުޅޭ މިތަނުން.. " ފައިޒަންގެ ދެލޯ ދިއްލިގެން ދިޔައެވެ.
" ހާދަ ވަރު ތިދައްކަނީ؟ ބަލަ ކަލޭގެ ހުރީ ކޮންބާރެއް؟ ސިފަ ބަދަލުވުމާ ކުދިކުދި ބާރުތަކެއް.. ބުނަން ފުއާފް! ކަލެޔަށް މަދޭނީ އެންމެ ދުވަހެއް.. އެދުވަސް ތެރޭގައި ކަލޭ އަލައިނާއަށް ހަޤީގަތް ކިޔައިދީފައި އެނބުރި ނާއްސިނަމަ ދެން ވާނެ ގޮތް ކަލެޔަށް ސިފަކޮއްލަން ވެސް ނޭނގޭނެ! ހަނދާންކުރާތި! އެއްދުވަސް!! " އެއެތި ކުނޑި ކޮޅަކަށްވެ މައްޗަށް އަރައިގެން ދިޔައިރު ފައިޒަން ހުރެވުނީއެވެ. އޭނަގެ ލޯބި އަތުން ބީވެގެން ދާކަށް މާގިނައިރެއް ނެތެވެ. އެހެނަސް އަލައިނާއަށް އޭނަ ހަގީގަތް ކިޔައިދޭނީ ކިހިނެތް ހެއްޔެވެ؟ އަސްރާގެ މަރުގެ ފަހަތުގައިވަނީ އޭނަ ކަން ބުނެދޭނީ ކިހިނެތްކަމެއް ނޭނގެއެވެ. އަނެއްކޮޅުން އޭނައަކީ ޖިންނިއެއްކަން އެނގުމުން އަލައިނާ އޭނައާ ގަބޫލުވާނެ ހެއްޔެވެ؟
---
" ތީބާ... މިއީ ކާކުގެ ކެވެލިކޮޅެއް؟" ހުސެންގެ އާއިލާ ދިއުމުން އިބްރާހީމް ސޯފާގައި އިން ތީބާ ކުރެ އޭނަ ގެންގުޅުނު ކެވެލިކޮޅު ނަގާފައި އެހިއެވެ.
" ނޭނގެ.. ހަމަ ގައިމުވެސް އަޅުގަނޑުގެ އެއްޗެއް ނޫން ތިއީ.. ތިއީ ދޮންބެ ކޮންތާކުން ހޯދި އެއްޗެއް؟ " ތީބާ ހައިރާންވެފައި އެކެވެލިކޮޅަށް ބަލާލިއެވެ.
" މިއީ ޓެރަސްމަތިން ފެނުނު އެއްޗެއް.. " އިބްރާހީމް ކެވެލިކޮޅު ކައިރީގައި ހުރި ކޮފީ ޓޭބަލްމަތީގައި ބަހައްޓާލިއެވެ.
" އެތަނަށް އަޅުގަނޑުމެން ވަރަށް ނާރަން.. ފައިޒަން ވެސް އެތަނަކަށް ނާރާނެ.. ދެން ނޭނގެ ކާކުކަމެއް އިތުރަށް ތިތަނަށް ދާނީކީ... ދޮންބެދައްތަގެ ނޫނީ ލީންގެ އެއްޗެއް ނޫންތަ ތިއީ؟ " ތީބާ އޭނަގެ އުރުގައި ނިދާފައި އޮތް އިބާ ކުޑަކޮށް ކުކުރާލުމުން ދެއަތަށް ހެލިލިއެވެ.
" ދޮންބެދައްތަ އަޅަނީ ހުސް ރިހި ކެވެލި. ދޮންބެދައްތައަށް ކަމުދާނީ ހުސް ސިލްވާ އެއްޗިސް.. ކުޑައިރު އެދިމާވި ކަންކަމަށްފަހު ލީން ކެވެލި އެޅުން ދޮންބެ މަނާކޮއްފައި އޮންނާނީ.. އަޙްމަދު ބުނީ ލީން ކުޑައިރު އެދިން ކެވެލިކޮޅަކީ ފައިޒަން ދިން އެއްޗެކޭ.. އެކަމަކު އޭރު އެއެޅި އިރުވެސް ނުވޭ ގޮތެއް. ފަހުން މަންމަ ރުޅިގަދަވެ އެކެވިކޮޅަށް ސިހުރު ހަދާފައި ލީން އަތުގައި އެޅުވީކަމަށް ލަތީފާއްތަ ބުނީ.. " އިބްރާހީމް ސޯފާގައި ރީތިކޮށް ލެނގިލިއެވެ.
" ދޮންބޭ... އަސްލު ކިހިނެތްވީ އޭރު؟ " ތީބާ އަހާލިއެވެ.
" ދެން މިގަޑިޔަކު ނޫން ދޯ ތީބާ... " އިބްރާހީމް އެހަނދާންތައް އާކުރާ ހިތެއް ނުވިއެވެ. ތީބާ އާނއެކޭ ބުނަމުން ބޯޖަހާލިއެވެ.
" ތީބާ.. ފައިޒަން ބޮޑުބެ އަކްރަމްބޭބެ ނަންބަރު އެބައިންތަ؟ " އިބްރާހީމް އަހާލިއެވެ.
" އުހުން.. އަޙްމަދު އަތުގައި އިންނާނީ.. ދޮންބޭ މިދަނީ ނިދަން އިނގޭ.. އިބާ ވެސް މިހާރު ގަދަޔަށް މިއޮތީ ނިދާފަ.. މިކަމަނާ މިރޭ ހޭލައިފިއްޔާ ދެން ނުނިދާނެ.. " ތީބާ ހީލަމުން އެތެރެއަށް ހިނގައިގަތް އިރު އިބްރާހީމް އިނީ ހިތް ނުތަނަވަސްވެފައެވެ. މިއަދު އެއިވުނު ބިރުވެރި އަޑާ މާޒީގައި ހިނގާދިޔަ ކަންކަމާ ގުޅުމެއް ވާކަމުގައި ހިތް ބުނަމުން ދިޔައެވެ.
" ދޮންބެ އަދިވެސް ނިދަން ނުދަނީތަ؟ މާދަން ފުރަން ޖެހޭނެއެއްނު... " އަޙްމަދު ކޮޓަރިން ނިކުމެގެން ކާކޮޓަރިއަށް ވަންނަން އައި އިރު ސޯފާގައި އިން އިބްރާހީމް ފެނިފައި އަހާލިއެވެ.
" އެބުނާހެން.. " އަފްޝާ ވެސް އިބްރާހީމް ކޮބައިތޯ ބަލަން ކޮޓަރިން ބޭރަށް ނިކުތެވެ.
" ކޮބާ ލީން؟ " އަޙްމަދު އަހާލިއެވެ.
" ނިދިފައި އޮތީ.. ބޭސް ނުކެޔަސް މިހާރު ލީންއަށް ފަސޭހައިން ނިދޭތި ކޮންމެހެން ބޭސްކާކަށް ނުގޮވަން.. " އަފްޝާ ސޯފަގައި ހުރި ކުޝަންތައް ތަރުތީބުކޮއްލިއެވެ.
" ދާން ވީ ދޯ؟ ގަޑިން މިހާރު ދިހަގަޑި ބައިވަނީ ވިއްޔާ.. ސަލާމް އަޙްމަދު" އިބްރާހީމް އަފްޝާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ދިޔައެވެ.
---
" ވިޕް ކުރީމް ޕެކެޓަކާ ބިސްކޯދު ބޮނޑިއެއް އެކަނި ގަންނާނީ އިނގޭ... އިތުރަށް ލީން ބޭނުން އެއްޗެއް ހުރިއްޔާ ތޫއަށް އޯކޭ ގަތަސް.. ލަސްނުކޮށް އަންނައްޗޭ އިނގޭ... " ތީބާ އަލައިނާއަށް ފަސްސަތޭކަ ރުފިޔާ ދިނެވެ. އަލައިނާ ބޯޖަހާލާފައި ހީލަމުން ގޭޓުން ނިކުތެވެ.
ގޭޓު ލައްޕާލަމުން ބޭރަށް ނިކުތް އަލައިނާ ފެނިފައި ކޮޓަރިން ނިކުތް ފައިޒަން ހައިރާންވިއެވެ. އާއްމުކޮށް ބޭރަށް ނުނިކުންނަ އަލައިނާ މިގަޑީގައި އެދަނީ ކޮންތަނަކަށް ކަމާމެދު އޭނަގެ ހިތުގައި ސުވާލު އުފެދުނެވެ. އަދި ދުވެފައި އަލައިނާގެ ފަސް ފަހަތުން ދާން ފެށިއެވެ.
އަލައިނާ ފިހާރަޔާ ހަމަޔަށް ހިނގަމުން ދިޔައިރު މަޑުމަޑުން ރާގެއް ކިޔަމުން ދިއުމުން އޭނަ އެހުރީ މިވަގުތު ވަރަށް ހަމަޖެހިފައިކަން ފައިޒަންއަށް އެނގުނެވެ. އޭރު ޖެހިގެން ހުރި ދިއްގަރުގޭގައި އެގޭ ލަތީފާއާއި އެހެން އަންހެނަކު ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ.
" ވަސީމާމެން ދޯ އިންޑީޔާގައި އަބަދު އުޅެންޏާ ކޯޗެއް އެނގޭނީ..؟ މިހިރަ އެމަރަލްޑްގޭގައި މިހާރު އުޅެނީ އަސްރާއެއް ނޫން. އަސްރާގެ ދަރިން. އެހެންވެ އެހާ ރީތިކޮށް ގެހެދިފަ އެހުރީ.. އަސްރާ މަރުވިފަހުން މިހާރު ތޭރަ އަހަރު މިވީ.. " ލަތީފާ ކިޔަމުން ދިޔައެވެ. އަލައިނާއަށް ފިޔަވަޅުތައް މަޑުކޮއްލެވުނީ ލަތީފާ އަސްރާގެ ވާހަކަދެއްކުމުންނެވެ. ބޮލަށް އެނބުރުން އަރައި ފައިގެ ވަރުދޫވެ ބިންމައްޗަށް ތިރިވި އިރު ވެސް އޭނަގެ މަޤްސަދަކަށްވީ ލަތީފާ ދައްކާ ވާހަކަ އަޑުއެހުމެވެ.
" އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން... " ވަސީމާ ކިޔާލިއެވެ.
" އަސްލު ކިހިނެތްވީ އަސްރާ މަރުވީ؟ " ވަސީމާ އަހާލިއެވެ.
" ވަސީމާއަށް ވެސް އެނގޭނެ އަސްރާއަކީ ނުލާހިކު ރީތި އަންހެނެއްކަން. މާޝާﷲ. މަޔަކާ ނުލާ އަސްރާ ބައްޕަ އޭނަ ބަލާ ބޮޑުކުރީ ނުހަނު ރަނގަޅަށް.. މުރާލިވެފަ އެހާ ގެވެހި. މަޑުމައިތިވެފަ އަޙްލާޤު ރަނގަޅު. އަސްރާއަށް ސަތާރަ އަހަރުގައި ކުއްލި ގޮތަކަށް އަސްރާ ބައްޕަ ޔޫސުފް ބަލިވީ.. އަސްލު ނޭނގެ ވީގޮތެއް.. ދެން ޔޫސުފް ބޭނުންވީ އޭނަގެ ރައްޓެހި ކ.ހުރާ ރައްޓެއްސެއްގެ ދަރި އަހްސަންއާ އަސްރާ ކައިވެނި ކުރުވަން.. ނަސީބު ދިމާ ކުރި ގޮތުން އަހްސަންއާ އަސްރާ ދެމިހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވި. އަސްރާއާއި އަހްސަން އިނދެގެން މިހިރަ ގޭގައި އުޅުންތާ މަހެއް ވަނިކޮށް ޔޫސުފް މިދުނިޔެ ދޫކޮށް ދިޔައީ. އަހްސަނަކީ ބޯޓު ދަތުރު ކުރާ މީހެއް. ކައިވެންޏަށްފަހު އަހްސަން ބޯޓު ދަތުރުކުރަން ފުރި އިރު އަސްރާ އިނީ ދޮށީ ފިރިހެން ދަރިޔަށް ބަލިވެ.. އަސްރާ އެކަނިމާ އެކަނި މިހިރަ ގޭގައި މަސައްކަތްކޮށް އުޅުނީ. ނުހަނު ހީވާގި. އަސްރާ އެހެން އަންހެނުންހާ މާބަނޑުވީމައި ފަލައެއް ނުވޭ.. ވިހައި ގަދަވިއިރު ވެސް އަސްރާ ހަމަ ނުލާހިކު ނަލަ.. މާޝާﷲ. ދޮށީ ސޮރަށް އަހަރެއް ވާން އުޅެނިކޮށް ދެވަނަ ސޮރަށް އަސްރާ ބަލިވެ އިން. އޭރުވެސް އަސްރާއާއި އަހްސަން އުޅުނީ ނުހަނު ލޯބިން އުފާވެރި އާއިލާއެއް ގޮތަށް.
ދެވަނަ ދަރި ވިހޭ ފަހުން އަސްރާއަށް ދަރިން ލިބުމަށް ދަތިވި. މިކަމާ އަހްސަން ނުހަނު ރުޅި އައި. އޭނަ ބޭނުންވަނީ ބޮޑު އާއިލާއެއް. އެފަހުން ނުވަ އަހަރު ވީއިރު ވެސް އަހްސަން އަސްރާއާ ވާހަކަ ނުދައްކާ ކަމަށްވަނީ.. އެހެން އަސްރާ އުޅެނިކޮށް ނުވަ އަހަރު ފަހުން ހަގު ދަރިޔަށް ބަލިވެ އިނީ. އޭރު މީހުން ކިޔާ އަހްސަންގެ ދަރި ލިބުމުގެ ނިޒާމަށޯ ދަތިވީ.. އަސްރާ އެހެން މީހަކާ ގުޅުމެއް ހިންގައިގެންނޯ އެދަރި ލިބުނީ.. މީހުން ބުނޭ އެގެއިން އެހެން ފިރިހެނަކު ދޭތެރެ ދޭތެރެއިން އޭރު ފެންނަ ވާހަކަ. ވަރަށް ރީތި ފިރިހެނެކޯ އެއީ.
އަސްރާ ދުވަސް ފުރާ ވިހޭ ލޯބި އަންހެންކުއްޖެއް. މާޝާﷲ. އެކުއްޖައަށްކީ އަލައިނާ. އަލައިނާ ބޮޑުވަމުން އައި ވަރަކަށް ވައްތަރުވަމުން ދިޔައީ ހަމަ އަސްރާއާ..
އަލައިނާއަށް ހަތް އަހަރުވާން އުޅެނިކޮށް ކުއްލިއަކަށް އަހްސަން އައިސް އަސްރާ ވަރިކޮއްފަ ދިޔައީ ދޮށީ ދެދަރިން ގޮވައިގެން އެފަހުން އަހްސަން މިރަށަކަށް ނާދޭ. ހަގު ދަރި ނުގެންދޭ. ބުންޏޯ އަސްރާ ޒިނޭ ކޮއްގެން ލިބިފައި ހުރި މީހެއް ހެވޯ.. އެހިސާބުން އަސްރާ ރުޅިގަދަވެ އެހަގު ދަރިޔަށް އަނިޔާކުރަން ފެށީ.. ބައެއް މީހުން ބުނި އެމިހުންގެ ޝައްކު ޔަޤީނޯ އަސްރާ އެހެން މީހަކާ ގުޅުމެއް ހިންގައިގެން ލިބުނު ދަރިޔެކޯ އެއީ. އެހެންވެ އޯ އަހްސަން އޭނަ ވަރިކުރީ.
އެއްދުވަސް ވެސް ނުދާނެ އަސްރާ އެހަގު ދަރިޔަށް އަނިޔާ ނުކުރާ.. އަސްރާ އަބަދުވެސް އެކުއްޖާއަށް ކޮންމެވެސް އަނިޔާއެއް ދީފައި ހުންނާނީ. އެއްދުވަހު މާގަދަޔަށް ހަގު ކުއްޖަ ރޯތި މަކުރަން ހުރި ކަމެއް ވިއްޔާ ދޫކޮއްފަ ތެޅި ފޮޅިގެން ގޮސް އެގެޔަށް ވަތްއިރު އަސްރާ ހުރީ އެކުއްޖާ ފަޔަށް ވަޅި ހަރައިގެން. މަށަށް ކެތްނުވެގެން އެކުއްޖަ ގަދަކަމުން އަސްރާގެ ކައިރިން ސަލާމަތްކޮއްގެން މިގެޔަށް ގެނައީ. އެކުއްޖާ ހުރީ ރޮއެ ރޮއެ އެކައް ހަންވެފަ. އެކުޑަ ކުއްޖަ މީގެގައި ނިދަން ބޭއްވީ އެރޭ. އަސްރާ ނާދޭ އެކުއްޖަ ހޯދަންވެސް. މީހުން ކިޔޯ އަސްރާ އެދުވަހު އަތިރި މައްޗަށް ދިޔަ ގޮތަކަށް ގެޔަކަށް ނާދެޔޯ.
މަޖެހިގެން އައި ދުވަހު ހޭލި އިރު ހަގު ކުއްޖައެއް ނެތް. އެގެޔަށް ދިޔައިރު އެކުއްޖަ އޮތީ އެގޭގެ ގަސްތަކުގެ ތެރޭގައި ހޭނެތިފައި. އަސްރާގެ ޙަބަރެއް އޭރުވެސް ނުވޭ.
އެދުވަހުގެ ފަހުން އަހަރެން އެކުއްޖަ ބެލިން ހަފްތާއެއް ވަންދެން. ދެން މިވީ ގޮތަކީ އެއްރޭ އަހަރެން އެގޭގައި އޮއްވާ އަސްރާ ކުއްލިއަކަށް ގެޔަށް އައިސް އަހަރެން ގެއިން ނެރެފަ ހަގު ކުއްޖަ ގޮވައިގެން ކޮންމެވެސް ކަމެއް ކުރަން އުޅުނީ. އެކުއްޖާ ރޯތި ކެތްނުވެގެން މަގޭ ފިރިމީހައާއި ރަށު މީހުން ވެގެން އެގޭ ދޮރު ހަލާކުކޮށް އެގެޔަށް ވަތް އިރު އަސްރާ އޮތީ ބޮޑު އަލިފާން ގަނޑެއްގެ ކައިރީގައި މަރުވެފަ. ކައިރީގައި އިން ހަގު ދަރި ގިސްލަ ގިސްލާފައި ރޮނީ. މީހުން ކިއީ އަމިއްލައަށް ފަންޑިތަ ހަދާ އެކުއްޖަ މަރާލަން އުޅެނިކޮށޯ އަސްރާ މަރުވީ.. މަށަކަށްވެސް މާރަނގަޅަކަށް ނޭނގެ. ދެން އެދުވަހު މަގޯތި މީހަ އެކުއްޖަ ގެންގޮސް އެކުއްޖަ ދެބޭބެއާ ހަވާލުކުރީ. އެހިސާބުން އަހްސަން ދޮށީ ދެދަރިންވެސް އެގޯތިން ބޭރުކުރީ. އޭރުއްސުރެ އެކުއްޖަ އެގެންގުޅުނީ އެކުއްޖަ ބޭބެމެން.
" މަ އަދިވެސް މިހިތަށް އަރަނީ އަސްރާ އެކަހަލަ ބޮޑު ކަމެއް ކުރީ ކީއްވެހޭ؟ އަސްރާ ހިތާވީ ކާކާހޭ؟ އޭނަ ކީ... " ލާތީފާގެ ވާހަކަތައް އަލައިނާއަށް އިވުނީ އެހޭ ހަމަޔަށެވެ. އެހިސާބުން އޭނަ ހުރިތަނަށް ހޭނެތުނީއެވެ.
ގޭޓުން ނިކުތް ފައިޒަން ދުވެފައި އައި ގޮތަށް އަލައިނާގެ އަތްދަނޑި މައްޗަށް އުފުލާލަމުން އެމަރަޑްގެޔާ ދިމާއަށް ހިނގައިގަތެވެ.
ނުނިމޭ
މިޕާޓް ލަސްވި ކަމަށްޓަކާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެން.. 🥺😔

ފުރަތަމަ އަޅުގަނޑު ދޯ ކީ
ޔެސް 🎉💜😊
ކޮންއިރަކު ދެންއޮތްބައި އަޕްކުރާނީ؟ ވަރަށް ރީތި 💜
އަޕްކޮއްފައި އިންނާނީ.. ތޭންކްސް ކޫކީ 💜😊