ގޮންޖެހުން - 1

ބުރާސްފަތި ދުވަހެއްގެ ހިތްފަސޭހަ ހަވީރެއްގެ ވަގުތެވެ. ހިތްތަކަށް ފިނިކަން ވައްދައިދޭފަދަ ހިތްގައިމު މަޑު ފިނި ވައިރޯޅިތައް މުޅި ރަށުތެރެއަށް ޖެހެމުން ދިޔައެވެ. އާދައިގެމަތިން 8 އަހަރުގެ ސާލިމް އުޅުނީ އޭނާގެ ކުރިމަތީ ގައި އޮންނަ ވަލުތެރެއަށްވަދެ ކުޅޭށެވެ. ސާލިމް އަކީ އެހެންކުދިން ފަދަ ކުއްޖެއް ނޫނެވެ. އޭނާގެ އެއްވެސް ރަހުމަތްތެރިއެއް ނުހުރެއެވެ. އޭނާގެ ކަމަކީ ވަލުތެރެއަށް ވަދެ އެކަނިމާއެކަނި ކުޅުމެވެ. ސާލިމް ވަލުތެރޭ ކުޅެންހުއްޓައި ގަޑިން 6 ޖަހައިފިއެވެ. ދުވާލަށް އަލްވަދާއު ކިޔައި އިރު އޮއްސިގެން ދަނީއެވެ. އިރުގެ ރަން ދޯދިތަކުން މުޅި އުޑުމަތި ރަތްރީނދޫ ކުލައިން ބަބުޅާލައި އުޑުމަތީ ރަތްވިލާލައިފިއެވެ. ކުއްލިއަކަށް ސާލިމް އަށް ދެ ލޯ މަރައިލެވުނީ އޭނައިގެ ގައިގައި ބީއްސާލި އޭނާގެ ހިތައް ކިޔައިދޭން ނޭންގޭ ފިނިކަމެއްގެނެސްދިން އަރާމު ވައިރޯޅިއެއްގެ ސަބަބުންނެވެ. އިރުއޮއްސިގެންދާތީ ސާލިމް ހިނގައިގަތީ އޭނައިގެ ގެއަށެވެ. ގެޔަށް ދިޔައިރު މަޣްރިބް ނަމާދަށް ބަންގި ގޮވާ އަޑު ސާލިމް އަށް އިވުނެވެ. ގެޔަށް ގޮސް ވުޟޫ ކޮއްގެން ސާލިމް ދިޔައީ ބައްޕަ އާއި އެކު މިސްކިތަށެވެ. ޖަމާއަތުގައި ނަމާދު ކޮއްގެން އައިސް ސާލިމް ކީރިތި ޤުރުއާން ގެ 2 ސަފްހާ ކިޔަވައިލިއެވެ. ސާލިމް ޤުރުއާން ކިޔަވައި ނިމުނު އިރު އިޝާ ނަމާދަށް ބަންގި ގޮވަން ފަށައިފިއެވެ. އެހެންކަމުން ސާލިމް ބައްޕަ އާއި އެކު އިޝާ ނަމާދު ކޮއްގެން އައި އިރު ސާލިމްގެ މައްމަ ވަނީ ކާން ހަދާފައެވެ. ކައިނިމިގެން ސާލިމް އެނދަށް އަރައި ނިދީއެވެ.

ހުކުރު ދުވަހު އަސްރު ނަމާދު ކޮއްގެން ސާލިމް ދިޔައީ ވަލުތެރެއަށް ކުޅޭށެވެ. އެހެންދުވަހެކޭ އެއްފަދައިން ސާލިމް ކުޅެ ނިމިގެން ގެޔަށް ދާން ހިނގައިގަތީ އިރުއޮއްސުނު ފަހުންނެވެ. ވަލުތެރެއިން އޭނާ ނުކުތީ ދިގު ވިނަ ތަކެއްގެ ތެރެއަށެވެ. އެ ވިނަތަކުގެ ތެރެއަށް ނިކުންތަނާ ދުމުގެ ވަސް ސާލިމްގެ ނޭފަތުގައި ޖެހުނެވެ. ވިނަގަނޑުތައް ތެރެއިން ހިނގަން އޮންނަ ހަނި ހަނި މަގުތެރެއިން ދުވެފައި އޭނައިގެ ގެޔާ ދިމާލަށް ދުއްވައިގަތެވެ. ގެޔާހަމަވިއިރު ސާލިމް އަށް ފެނުނު މަންޒަރުތަކުން ސާލިމްގެ ކުޑަ ދެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ކަމަކުދާކަށްނެތެވެ. ސާލިމް އަށް ފެނުނީ އޭނާ ދިރިއުޅޭ ގޭގައި އަލިފާން ހިފައިގެން އުޅޭ ތަނެވެ. އެތަނަށް ބައިވަރު މީހުން ޖަމާއުވެ ބަލަނީ ތިއްބެވެ. ފަޔަރފައިޓަރުން އަވަދިނެތި އުޅުނީ އެ އަލިފާން ނިއްވަލެވޭތޯ މަސައްކަތް ކުރަމުންނެވެ. ސާލިމް އެތަނަށް ޖާމައުވެފައި ހުރި މީހުން ތަކު ތެރެއިން އޭނަގެ މައިންބަފައިން ފެނޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ނުފެނުނެވެ. އެތާ ހުރި މީހުންތައް ދެއްކި ވާހަކަތަކުން ސާލިމް އަށް އިނގުނީ އޭނަގެ މައިންބަފައިން އެ އަލިފާން ގަނޑުތެރޭ އަނދައިގެން މި ދުނިޔެދޫކޮއްފައި ދިޔަކަމެވެ. މި ހަބަރު ލިބި ސާލިމް ރޮމުންރޮމުން ވަލުތެރެއަށް ދުއްވައިގަތެވެ.

ސާމިރާ އަކީ ވަލުތެރޭގައި މީހުން އުޅޭހިސާބުގައި ވަރަށް ދުރުގައި އޭނައިގެ ފިރިމީހާ މާވަޑިއެއްގެ ގޮތުގައި މަސައްކަތް ކުރާ ޝަރީފް އާއި އެދެމަފިރިންގެ ހަމައެކަނި ދަރިފުޅު ކަމަށްވާ 7 އަހަރު އާސިޔާ އާއި އެކު 4 ބުރިއަށް ރާނާފައިވާ ގެއެއްގައި އުޅެމުންދިޔަ މުއްސަނދި އާއިލާއެކެވެ. ސާމިރާ ކުނިކޮތަޅު ހިފައިގެން ގެއިން ނިކުންތަނާ ފެނުނީ ރޮމުންރޮމުން ސާލިމް ދުވެފައަންނަތްނެވެ. ސާމިރާ ސާލިމް ހުއްޓުވައި ފައި ސާލިމްގެ ކޯތާފަތުގައި ވާ ކަރުނަތައް ސާމިރާ އަޅައިގެން ހުރި ވަތް ބުރުގައިން ފޮހެލިއެވެ. އޭރުވެސް ސާލިމް ގިސްލަގިސް ރޮނީއެވެ. ސާމިރާ ސާލިމް ގާތު ރޮއުން ހުއްޓާލާށޭ ކިޔައި ތިޔައީކޮންކުއްޖެއްތޯ އަދި ރޮނީކީއްވެތޯ ސުވާލުކުރިއެވެ. ސާލިމް ރޮއުން ހުއްޓައިލާފައި ސާލިމް އަކީ ކާކުކަމާއި ސާލިމްއަށް ވީ ގޮތް ކިޔައިދިނެވެ. ސާލިމްގެ ވާހަކަ އަޑުއަހައި ސާމިރާއަށް ނުރޮވުނީ ކިރިޔާއެވެ. ސާމިރާ ސާލިމް އޭނައިގެ ބެލުމުގެ ދަށަށް ގެނައެވެ.

އަހަރުތައް ފާއިތުވެގެން ހިނގައްޖެއެވެ. ސާލިމްއަށް 28 އަހަރު ވީ އިރު އާސިޔާއަށް 27 އަހަރު ވެއްޖެއެވެ. ސާލިމް އަކީ އިސްކޮޅުން ދިގު ރީތި ހަށިގަނޑެއް ލިބިފައިވާ ދޮން ރީތި ކުއްޖަކަށް ވީ އިރު އާސިޔާ އަކީ ވެސް ދޮންދޮން ކޮށް ހުންނަ ރީތި ދިގު ފަން އިސްތަށިގަނޑެއްގެ ވެރި އަންހެންކުއްޖެކެވެ. އާސިޔާ ހިނގަން ދަސްކުރީއްސުރެ އޭނައިގެ މައިންބަފައިން އޭނާ ބުރުޤާ އަޅުވާފައެވެ. އާސިޔާމެން އާއިލާއަކީ ދީނީކަންނަމަށް ސަމާލުކަންބަހައްޓާ ހެޔޮލަފާބައެކެވެ. އެ އާއިލާ ފިޔަވައި އެހާމެ ހިތްހެޔޮ އާއިލާއެއް އެ ބޮޑު ރަށުގައި ނުވާނެއެވެ. ނަމަވެސް މަދުފަހަރެއް ނޫނީ މީހުން އުޅޭ ހިސާބައް އެ އާއިލާ ނުދާތީ އެއީ ކޮންބައެއްކަމެއް ރަށުގެ ރައްޔިތުން ނަށް ވަނީ ނޭންގިފައެވެ.

ހޮނިހިރުދުވަހެއްގެ އަވިގަދަ މެނަދުރެއްގެ ވަގުތެކެވެ. ނޫކުލައިގެ ބޮޑު އުޑުމަތިން ވިލާކޮޅެއްގެ ޒައްރެއްގެ މިންވަރެއްވެސް ފެންނާކަށް ނެތެވެ. ވައި ކޮޅެއްގެ ހިލަމެއް ވެސް ވާކަށްނެތެވެ. ސާމިރާ މެންދުރުގެ ކެއުން ތައްޔާރު ކޮށް އެންމެންނަށް ކާން ގޮވިއެވެ. އެ އާއިލާ އެއްކޮށް އައިސް 6 މީހުންގެ ޖާގަ އޮންނަ މޭޒަށް ކާން އެރި އެވެ. މޭޒުގެ ދެ ފަރާތުގައި 2 ގޮނޑި ބަހައްޓާފައި ހުރި އިރު މޭޒުގެ ދެ ކޮޅުގައިވެސް އެއް ގޮނޑި ބަހައްޓާފައި ހުރި އެވެ. އާސިޔާ އާއި ސާމިރާ މޭޒުގެ އެއްފަޅީގައި އިން އިރު ސާލިމް އާއި ޝަރީފް އިނީ މޭޒުގެ އަނެއްފަޅީގައި އާސިޔާމެން ކުރިމަތީގައެވެ. "ޝަރީފުބޭ..، ސުވާލެއް ކޮއްލަންތޯ؟" ތައްޓަށް ބަތް އަޅަމުން ސާލިމް އޭނައިގެ ވާތް ފަރާތުގައި އިން ޝަރީފުއާއި ސުވާލު ކުރިއެވެ. "އެންމެ ރަނގަޅު..، ތިކުރާ ސުވާލެއް ކޮއްލަބަލަ" ބަތްތައްޓަށް ގަރުދިޔަ އަޅަމުން ޝަރީފް ބުނެލިއެވެ. "އަޅުގަނޑު ޝަރީފުބޭގެ ހަމައެކަނި ދަރިފުޅު އާސިޔާ އާއި ކައިވެނި ކުރުމުގެ ހުއްދަ ލިބިދާނެތޯ؟" ސާލިމް ސުވާލުކުރިއެވެ. ސާލިމް މިހެން ބުނުމާއިއެކު މޭޒުމަތީގައި ތިބި އެންމެން ގެ މޫނުމައްޗަށް ހިނިތުންވުން ވެރިވެގަތެވެ. އާސިޔާ އުފަލުން ފޮޅި އޭނަގެ ހުދުދައްތައް ފެންނަ ވަރަށް ހީލިއެވެ. "ލައްބަ، ސާލިމް ފަދަ ރަނގަޅު ކުއްޖަކާ އާސިޔާ ކައިވެނިކުރަން ޝަރީފުބޭގެ ހުއްދަ އެބައޮތް، ސާމިރާ މިކަމާ ދެކެނީ ކި ހިނެއް؟" ޝަރީފް އޭނާގެ ކުރިމަތީ އިން އަންހެނުންގެ ކައިރީ އަހައިލިއެވެ. "އެއްމެ ރަނގަޅު، އަޅުގަނޑުގެ ހުއްދަ އެބައޮތް، ސާލިމް އާއި ކައިވެނިކުރަން އާސިޔާ ބޭނުންތޯ؟" ސާމިރާ އޭނަގެ ވާތް ފަރާތުގައި އިން އޭނަގެ ދަރިފުޅު އާސިޔާ ގާތު އަހައިލިއެވެ. "ލައްބަ މައްމާ!" އުފަލުން އާސިޔާ ބުނެލިއެވެ.

ސާލިމް އާއި އާސިޔާގެ ކައިވެނި ޙަފްލާ ވަރަށް ކުލަގަދަކޮށް ރަށުގެ ފުއްޓަރު ފަރާތުގައި އޮންނަ ތުނޑީ ގައި ފާހަގަކުރިއެވެ. ކައިވެނި ޙަފްލާ އަށް އައުމަށް ރަށު އެންމެންނަށް ވަނީ ސާމިރާމެން ދައުވަތު އަރުވާފައެވެ. ކައިވެނި ޙަފްލާ ފާހަގަކުރީ ސަޤާފީ ގޮތަކަށެވެ. އެންމެން އެ ޙަފްލާ އަށް އައީ ސަޤާފީ ހެދުންލައިގެންނެވެ. މުޅި ތުނޑި ވަނީ ދިވެހި ސަޤާފަތަށް ފެތޭގޮތަށް ރީތިކޮއްފައެވެ. މީގެ އިތުރުން ދިވެހިންގެ ސަޤާފީ ކެއުމެއް ވަނީ ތައްޔާރުކުރެވިފައެވެ. ރަތްކުލައިގެ ކަސަބުބޯވަޅުލީ ލިބާހަކާއި ކަޅުކުލައިގެ ޝޯލް އެއް ލައިގެން ހުރީ ނަލަހެދިލައިގެންނެވެ. ފައްޓަރުބަޔާއި ދެ އެތާގައި ފަސް ވަރަކަށް ކެވެލިއާއި ލޮލުގައި އަނދުން އަޅައި މޫނު ގައި ފުށް ޖަހައިލައިގެން ފެންނަލެއް ވަރަށް ރީއްޗެވެ. ސާލިމް ވެސް ހުރީ ކަޅުކުލައިގެ ފޭލިއެއްލައިގެން ހުދުކުލައިގެ އަތްދިގު ގަމީހަކާއި ލައިގެން ބޮލުގައި ފޮށާ އޮޅައިލައިގެން ހުރީ އަތަރުލައި ރީތިވެލައިގެންނެވެ. ކައިވެނި ޙަފްލާ ގައި ރަށު ރައްޔިތުން ނަށް ސާލިމް އާއި އާސިޔާގެ އާއިލާ އަކީ ކޮންބައެއްކަން ތަންކޮޅެއް ބޮޑަށް އިނގިގެންދިޔައެވެ. ސާލިމް އާއި އާސިޔާގެ ކައިވެނި ޙަފްލާވެގެންދިޔައީ ރަށުގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ކައިވެނި ޙަފްލާއަށެވެ. އެ ޙަފްލާވެގެންދިޔައީ ސާލިމް އާއި އާސިޔާގެ އާއިލާ އަށް ވަރަށް އުފާވެރި ދުވަހަކަށެވެ. ޙަފްލާނިމުނު އިރު ގަޑިން ރޭގަނޑު 11 ޖަހައިފިއެވެ. ޙަފްލާއަށް ދިޔަ އެންމެން ހުރީ ވަރަށް މަޖާވެފައެވެ. އެކަކުފިޔަވައެވެ. އެއީ ޔޫސުފްއެވެ. ޔޫސުފް އަކީ މީގެ ހަފްތާއެއް ކުރަން އާސިޔާ ސާމިރާ އާއި އެކު ފިހާރައެއްގެތެރޭގައި އުޅެނީ ކޮށް އާސިޔާގެ ރީތި މޫނު ފެނި އާސިޔާގެ ލޯބި އަށް އެދިއެދި ހުންނަ މީހެކެވެ. އޭނާ ހުރީ އާސިޔާއަށް މޮޔަވެފައެވެ. އާސިޔާ އާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނަން އުޅުނު ދުވަހު ޔޫސުފްއަށް އިނގުނީ އެ ރޭ އިޝާ ނަމާދަށް ފަހު އާސިޔާ އާއި ސާލިމް ކައިވެނިކުރަން އުޅޭ ވާހަކައެވެ. މިކަމާހެދި ޔޫސުފްގާތައް ރުޅިއައެވެ. އޭނާ ނިއްމީ ސާލިމް އާއި އާސިޔާއަށް ކޮއްމެސް ކަހަލަ ގެއްލުމެއްދިނުމަށެވެ.

ކައިވެނިކުރިތާ 2 އަހަރު ނުފުރެނީސް ސާލިމް އާއި އާސިޔާއަށް ރީތި އަންހެން ދަރިއެއް ލިބުނެވެ. އެކުއްޖާގެ ނަމަކަށް ކީ 'ސުރައްޔާ' އެވެ. މި އާއިލާ އުފާވެރިކަމުގައާއި ހިތްހަމަޖެހުންމަތީ ދިރިއުޅެމުންދިޔައެވެ. ނަމަވެސް އެ އުފާވެރި ކަމާ ވަކިވާން ޖެހުނީ އެ އާއިލާ އަށް ހިތްދަތި ގޮންޖެހުމަކާއި ކުރިމަތިލާން ޖެހުމުންނެވެ.
***************************************
=ނުނިމޭ=

ދެވަނަ ބަޔަށް އިންތިޒާރު ކޮއްލާ!

  Please log in or register to bookmark.
  1k

  3 ޚިޔާލު

  1. މާޝާ ﷲ❤️👍❤️
   ވަރަށް ރީތި ވާހަކައެއް!!

  ޚިޔާލު

  Your email address will not be published.