އިތާ

އެރި އިރުން ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވެއްޖެއެވެ. އިރުގެ ރަން ދޯދިތަކުގެ ސަބަބުން މުޅި އުޑުމައްޗައްށާއި ހަމަހިމޭންކޮށް އޮތް ކަނޑު މައްޗަށް ވަނީ ރަތްރީނދޫ ކުލައިގެ ސާލެއް ފެތުރިފައެވެ. ދިވެހި ރާއްޖޭގައި އޮންނަ ކ އަތޮޅުގެ ރަށެއް ކަމަށްވާ ވިލިނގިލިގެ ރައްޔިތުން އާދުވަހަކަށް ހޭލައިފިއެވެ. މަސްވެރިން މަހަށް ދާން ފުރިއިރު އަންހެންވެރިން ރަށުގެ މަގުތައް ކުނިކެހުމުގަ އުޅޭތަން ފެނެއެވެ. ރަށުތެރެއިން އިވެނީ ހާ ގޮވާ އަޑާއި އެހެނިހެން ދޫނިސޫފާސޫފި ރީތި ރާގުތަކަށް ލަވަ ކިޔާ އަޑެވެ. ހަމައެހެންމެ ކަނޑުއަޑީގައި އޮތް އެރަށުގެ ފަރު ތެރޭ އުޅޭ މަސްމަހާމެހި އާހެނދުނަކަށް ހޭލައިފިއެވެ. އެއްބައި މަސްތައް ރަހުމަތްތެރިންނާއެކު ކުޅެ މަޖާކޮށް ރީތި ކުލަތަކުގެ އެކި ބައްޓަމަށް ހެދިފައިވާ ފާޑުފާޑުގެ މުރަކަތަކާއި ގާތައް ތެރޭ ދުވެހަދާއިރު، އަނެއްބައި މަސްތައް ކާއެއްޗިހި ހޯދުމުގައި އަވަދިނެތި އުޅޭތަން ފެނެއެވެ.

"ފެންނަން އޮތީ ކުރިމަތީ
ރީތިކަމުގެ ގުދުރަތީ
ރީތި މި މަންޒަރު ތަކަކީ
ކުޅަދުވަންތަކަމޭ އިލާހީ"

ކުޑަ ހޮހޮޅައެއްގެތެރޭ އިން އިތާއެއް ކަމަށް ވާ ޖާޝާ އިނީ އެ ހޮހޮޅައިން ބޭރުން އޭނާއަށް ފެންނަމުންދިޔަ ކަނަޑުއަޑީގެ އެކިކުލަކުލައިން ޖަރީވެފައިވާ ރީތި މަންޒަރުތަކައި ބެހޭގޮތުން ރީތި ރައިވަރުތައް ކިޔާށެވެ. "ޖާޝާ ހާދަ މޮޅޭ ރައިވަރުކިޔަން، މުޅި ހިސާބުގަނޑައް އިވެނީ ޖާޝާ ރީތި އަޑު" ކުރިމަތީ ފެންނަން އޮތް މަންޒަރުތަކަށް ގެއްލިފައިން ޖާޝާ ސިއްސައިގެން ދިޔައީ އޭނާގެ ރަހުމަތްތެރި އޭނާއާއި އެއްފަދަ އިތާއެއްކަމައްވާ ލީލާ އޭނާއަށް މުހާތަބުކޮށް ގޮވައިލިއަޑަށެވެ. "އަނހަ، ލީލާ ހާދަ ހެނދުނާތިއައީ" ޖާޝާ ބުނެލިއެވެ. "ކޮންމެދުވަހަކުވެސް ޖާޝާ ގާތަށް އަންނަނީ ހަމަ މިގަޑިއަށް، މާމަ އުޅޭ ހޮހޮޅައަށް ދާން ދާން ތައްޔާރުތަ؟" ލީލާ ބުނެލިއެވެ. "ލައްބަ، ތައްޔާރު" ޖާޝާ ޖަވާބުދިނެވެ. ދެ އެކުވެރިން ހިނގައިގަތީ އުމުރުން ދުވަސްވެ މުސްކުޅިވެފައިވާ އިތާއެއްކަމަށްވާ މަރިޔަމްފުޅުގެ ގާތަށެވެ. ޖާޝާ އާއި ލީލާ ބިސްފަޅައިގެން ނިކުންތާ ދެމަސްނުވަނީސް ދެކުދިންގެ މައިންބަފައިން ނިޔާވިފަހުން އެ ދެކުދިން ބަލައި ބޮޑުކުރީ މަރިޔަމްފުޅެވެ. އިތާއެއް ދުނިޔޭގައި ދިރިއުޅެނީ ގާއްގަނޑަކަށް 20 އަހަރުވަންދެނެވެ. ނަމަ ވެސް މަރިޔަމްފުޅު މި ދުނިޔޭގައި ދިރިއުޅެތާ 57 އަހަރު ވެއްޖެއެވެ. މިހާރު މަރިޔަމްފުޅު ވަނީ ބަލިވެފައެވެ. މަރިޔަމްފުޅު ބަލަނީ ޖާޝާ އަދި ލީލާއެވެ. ޖާޝާ އާއި ލީލާ މާމަ ގާތަށް ގޮސް މާމައަށް ކާއެއްޗިހި ގެނެސްދީ މާމަ އާއި ވާހާކަދައްކާ މަޖާ ޖޯކުތައް ކިޔާ މާމަގާތައް އަންނަ މުނިފޫހިކަން ފިލުވައި ހަދައެވެ.

އެދެކުދިން މާމަ ގެޔަށް ގޮސް އަނބުރައި ގެޔަށް އާއި އިރު އިރުއޮއްސިއްޖެއެވެ. ދެކުދިން އޮލަ ވާހަކަދައެއްދައްކަމުން ކަނޑުއަޑީގެ ފަސްގަނޑުމަތީގައި ހިނގަމުން ގެޔާ ދިމާލަށް ދިޔައެވެ. ކުއްލިއަކަށް ޖާޝާ ވާހަކައެއް ބުނަން އަނގަލުޅުވައިލިތަނާ އޭނާގެ އަނގަތެރެއަށް ކުޑަ ވެލިކޮޅެއް ނުވަތަ ގާކޮޅެއް ފަދަ އެއްޗެއް ވަތެވެ. "އައްދިއްޔޯއި" ޖާޝާ ހަޅޭލަވައިގަތެވެ. "ކީއްވީ؟" ލީލާ އަހައިލިއެވެ. "އަޅުގަނޑުގެ އަނގަތެރެއަށް އެއްޗެއް ވަދެއްޖެ!" ލީލާ ޖަވާބުދިނެވެ. "މާޝާﷲ، ޖާޝާ އަނގަތެރޭ މުތެއް ހެދޭނެ" ލީލާ އުފާވެލައިފައި ބުނެލިއެވެ. "ކޯންޗެކޭ؟" ޖާޝާ ހައިރާންވެފައި އަހައިލިއެވެ. "މުތަކީ ކޯންޗެއްކަމެއް ނޭންގޭތަ؟" ލީލާ އަހައިލިއެވެ. "އާނ، ހަނދާންވެއްޖެ، އެއީ އިތާއެއް ތެރެއަށް ގާކޮޅެއް ނުވަތަ ވެލިކޮޅެއް ވަދެގެން ގެއްލުމެއްގެން އިތާތެރޭގަ ލެވޭ އޮފެއް ހުންނަ ފަށަލައެއްގެ ސަބަބުން އުފެދޭ އެއްޗެއް" ޖާޝާ ބުނެލިއެވެ. "އެހެންތަ" ލީލާ ބުންޏެވެ. "ޖާޝާ ހާދަ ވިސްނުންތޫނޭ". "އެއީ އަޅުގަނޑަށް މާމަ ކިޔައިދިން އެއްޗިސް، މާމަ ބުނިގޮތުގާ މުތަކީ ވަރަށް އަގުބޮޑުޖަވާހިރެއް" ޖާޝާ މިހެން ބުނުމުން ލީލާ އަށް ހަސަދަވެރި ކަމުގެ އިހްސާސްއެއް ކުރެވުނެވެ. ލީލާ އަކީ އަބަދުވެސް އެހެން މީހުންގެ ލޯބި އާއި މަޤުބޫލުކަން ހޯދަން އުޅުނު ދެއްކުންތެރި ކުއްޖެކެވެ. މުތަކީ އަގުބޮޑު ޖަވާހިރެއް ކަމަށް ހަނދާންވުމުން ލީލާ ޖާޝާ އާ މެދު ހަސަދަވެރި ވިއެވެ. ލީލާ ބޭނުންވީ ކަނޑުގައި އުޅޭ އެހެން ދިރޭ މަހްލޫގުންނަށް ލީލާގެ އަނގައިގައި އަގުބޮޑު މުތެއް އޮތް ކަމަށް ދެއްކުމަށެވެ. ލީލާ އަށް ބުއްދީގެ ބޭނުމެއް ނުކުރެވުނެވެ. އެއީ ލީލާގެ ގޮތެވެ. ލީލާ އަކީ ބުއްދީގެ ބޭރުން ހޯދައި އުޅޭ ކުއްޖެއްނޫނެވެ. އޭނާ އަކީ އަބަދުވެސް މީހުންގެ ސަމާލުކަން ހޯދަން އުޅޭ ވަރަށް ފޮނި ކުއްޖެކެވެ. ޖާޝާ ގެޔަށް ލާފައި ލީލާ އޭނަގެ ގެޔަށް ދިޔައެވެ. ގެޔަށް ދިޔަ މަގުމަތީގައިވެސް ލީލާ ދިޔައީ އޭނަގެ އަނގަތެރޭ މުތެއް އުފައްދާނެ ގޮތަކައިމެދުއެވެ. ލީލާ އުޅޭ ހޮހޮޅައަށް ގޮސް ނިދުމުގެ ބަދަލުގައި އޭނާ އިނީ މުތާ ބެހޭގޮތުން ވިސްނާށެވެ.

ދުވަސްތައް ފާއިތުވެގެންދިޔައެވެ. ލީލާ ދިޔައީ އޭނަގެ އަނގައިގަ މުތެއް އުފެއްދުމަށް ފާޑުފާޑުގެ މޮޔަ ކަންތައް ކުރަމުންނެވެ. އަނގަތެރެއަށް ގާކޮޅުތަކައި ވެލިކޮޅުފަދަ އެއްޗިސް ވަދޭތޯ އަނގަތަންމިނަށް ހުޅުވައިލައިގެން ކޮންމެދުވަހަކުވެސް އެތައް އިރުތަކެއްވަންދެން އޭނާ ދިރިއުޅޭ ހޮހޮޅައިގެ ކަނާތްފަރާތައްވާގޮތަށް އޮތް ގާގަނޑެއްގެ މަތީގައި އިނދެއެވެ. އިރުއަރައިގެން ގޮސް އިރުއޮއްސެންދެން އޭނާ އަނގަ ހުޅުވައިގެން އިނދެއެވެ. ބައެއް ރޭރޭ ނުނިދައިވެސް އޭނާ އަނގަ ހުޅުވައިގެން އިނދެއެވެ. އޭނާ ހުރީ މޮޔަވެފައެވެ. އޭނާ ކުޑަ މުތަކައި ހެދި ކޮސްވުމުގެ ސަބަބުން އެހާގިނައިރު ވަންދެން އަނގަހުޅުވައިގެން އިންނައިރު އަނގަ ވާޅެއްވެސް ނުވެއެވެ. އެ މަންޒަރު ފެންނަ ކޮންމެ މަހެއްވެސް އޭނާއަށް މަލާމާތް ކޮއް ހަދައެވެ. ލީލާ އަޅައެއްވެސް ނުލައެވެ. އެ ފަރުތެރޭ އުޅޭ ހުރި ހާ މަސްމަހާމެހީގެ ތުންފައްމަތިން އިވެނީ ލީލާ އޭނާ އުޅޭ ހޮހޮޅައި ގެ ކައިރީ އޮތް ގަލެއްގެ މަތީ މޮޔައެއްހެން 24 ގަޑި އިރު އަނގަހުޅުވައިގެން އިންނަ ވާހަކައެވެ. މާމަ ގާތައް ވެސް މިހާރު ނުދެއެވެ. ޖާޝާ މާމަ ގާތަށް ދާން ލީލާ ބަލައި އަޔަސް ލީލާ އޭނާ ކަމެއްކުރާތީ ނުދެވޭނެއޭ ކިޔައިގެން ޖާޝާ އެކަނި މާމަ ގެޔަށް ފޮނުވައިލައެވެ. ޖާޝާ އާއި މަރިޔަމްފުޅު ވެސް ލީލާ އިނީ ކީއްވެފަތޯ ހިތައްއަރައެވެ. މުތަކާހެދި ލީލާ ހުރީ ކޮސްވެފައެވެ. ލީލާގެ ހިތުގައި ޖާޝާ އާ މެދު ހަސަދަވެރިކަންވެއެވެ. އޭނާ ބޭނުންވީ ޖާޝާ އަށް ވުރެ ބޮޑަށް މޮޅުވާށެވެ.

ހަމަސް ފާއިތުވެގެން ދިޔައެވެ. ޖާޝާގެ އަނގަތެރޭގައި މުތެއް އުފެދިއްޖެއެވެ. އަނގަ ހުޅުވައިލާއިރަށް އަނގަތެރޭގައި ވިދަވިދާ އޮތް މުތުގެ އަލިކަމުން ސަބަބުން މުތް ފެންނަ މީހެއްގެ ލޯ ކަނުވެގެންހިނގައިދާނެފަދައެވެ. އަވިގަދަ ދުވަހެއްގެ މެންދުރު ވަގުތެވެ. އާދައިގެމަތިން އަނގަ ހުޅުވައިގެން އިން ލީލާ އެދުވަހު އެތާގައި އިންނަހިތެއް ނުދެއެވެ. ލީލާ ޖާޝާ އުޅޭ ހޮހޮޅައިން ދިޔައިރު އެ ހޮހޮޅައިގެތެރޭ ޖާޝާ ފެންނަންނެތުމުން ދިޔައީ މާމަގެ ގޯއްޗަށެވެ. އޭރު މާމައާއި ޖާޝާ އެތާ ވާހަދައްކަން އިނެވެ. ގިނަ ދުވަސްތަކެއްފަހުން ނުފެނި ހުރެފައި ލީލާ މާމަ ގާތަށް އައުމުން މާމަ ވަރަށް އުފާވިއެވެ. "ލީލާ، ލީލާ ހާދަ ދުވަހެއްކޮއްލާފައި މާމަގާތައްތިއައީ" މަރިޔަމްފުޅު މުސްކުޅި ރާގަކަށް ލީލާއަށް ގޮވައިލިއެވެ. "ހޫމް.." އޭރުވެސް މުތާއި މެދު ވިސްނަންހުރި ލީލާ ފޫހިވެފައި ހުރި ގޮތަކަށް ހޫމް ދަމައިލިއެވެ. "ލީލާ ކޮންއިރަކު މޮޔަވީ، އެންމެންވެސް މިހާރު ދައްކަނީ ލީލާ ހޮހޮޅައިގެ ކައިރީ އަނގަތަންމިނަށް ހުޅުވައިގެން އިންނަވާހަކަ، އެއީ ކީއްކުރަން ކުރާކަމެއްތޯ؟" ޖާޝާ މަލާމަތުގެރާގަކަށް ލީލާ އާ ދިމާލަށް ބުނެލިއެވެ. ޖާޝާ އަނގަހުޅުވައިލިތަނާ ލީލާ އަށް ގެނިގެން ދިޔައީ ޖާޝާ އަނގަތެރޭގައި އޮތް މުތެވެ. ހަސަދަވެރިކަމުގެ އިހުސާސްތަކައި ވިސަނުންތައް ލީލާގެ ބޮލަށާއި ހިތައް ވަންނަމުންދިޔައެވެ. ލީލާ ގަދަކަމުން ހިނިތުންވެލައިފައި އެހެން މައުލޫއަކަށް ވާހަކަ ދައްކަން ފެށިއެވެ. މާމަގޭގައި މާމަ އާއި ޖާޝާ އާއި އެކީ ލީލާ ވަގުތުކޮޅެއް ހޭދަކޮއްލާފައި އިރުއޮއްސުނުފަހުން ލީލާ އޭނާގެ ގެޔަށް ދިޔައެވެ. ލީލާ ގެއައްގޮސަވެސް އިނީ މުތާއި މެދު ވިސްނާށެވެ. އެންމެފަހުން ލީލާ ނިންމީ ޖާޝާގެ މުތް ވަގަށް ނެގުމަށެވެ.

ރޭގަނޑެއްގެ ދަންވަރު ވަގުތެކެވެ. އަލިމަހެއްހެން އުޑުމަތީގައި ވިދަވިދާ ވިދަވިދާ އޮތް ހަނދުވަރުގެ މަންޒަރު ފެންނަލެއް އެހާމެވެސް ރީއްޗެވެ. އެ ހަނދުވަށައިލައިގެން ބައިވަރު ރީތި ތަރިތައްވެސް ވިދަވިދާ އޮތެވެ. ކަނޑު ތެރެއަށް ވަނީ އަނދިރިކަން ފެތުރިފައެވެ. ކަނޑުއަޑީގައި އުޅޭ މަސްމަހާމެހި ވަނީ ނިދާފައެވެ. އަނދިރި ކަމުގެ ތެރޭ ޖާޝާމެންގެއަށް ދާނެ ގޮތަކާމެދު ވިސްނަން ލީލާ އިނެވެ. ލީލާ އުޅޭ ހިސާބަށް އައި މެރީން ބައޮލޮޖިސްޓުންތަކެއް އެމީހުން ގެ ސަބްމެރީންގެ ލައިޓުގެ އަލި އެހިސާބަށް އެޅުނެވެ. އެ އަލިކަން އަންނަނީ ކޮންތާކުންކަމެއް ނުބަލައި ޖާޝާ އުޅޭ ހޮހޮޅައަށް ދާން ލީލާ ނިކުތެވެ. ޖާޝާ އުޅޭ ހޮހޮޅަހުންނަނީ ލީލާ އުޅޭ ގެޔާ ދާދި ކައިރީގައެވެ. ލީލާ އަވަހަށް ޖާޝާ އުޅޭ ގެޔަށް ދިޔައެވެ. ޖާޝާ އަކީ ގަދައަށް ގުގުރި ދަމާ އިތެއްކަން ލީލާއަށް އިނގެއެވެ. ލީލާ އެގެއަށް ދިޔައިރު ޖާޝާ އަރާމުކޮށް ނިދަން އޮއްތަން ފެނުނެވެ. ފުންނިންޖެއްގައި ގުގުރިދަމަން ޖާޝާ އިނެވެ. ލީލާ ޖާޝާ އާ ކައިރިވިއެވެ. ޖާޝާ ގުގުރިދަމަން އަނގަތަންމިނަށް ހުޅުވައިލި ތަނާ ލީލާ ޖާޝާ އަނގަތެރޭގައި އޮތް މުތް ދަމައިގަތެވެ. ލީލާ ޖާޝާގެ މުތް ލީލާގެ އަނގަތެރެއަށް ލައި ލީލާ ދުއްވައިގަތީ އޭނަގެ ގެއަށެވެ. ދިޔަ މަގުމަތީ ލީލާ އުފަލުން "ޔޭ" ކިޔައި ހަޅޭލަވައިގަތެވެ. އެތަނަށް ސަބްމެރީންތެރެއިން ބަލަނީ ތިބި މެރީން ބައޮލޮޖިސްޓުންނަށް ލީލާ އާއި އޭނާގެ އަނގަތެރޭގައި އޮތް މުތް ފެނެއެވެ. އަވަހަށް ޑައިވިން ސޫޓް ލައިގެން އެ މެރީން ބައޮލޮޖިސްޓުން ސަބްމެރީންއިން ނިކުމެ ލީލާ ހިފި އެވެ. ލީލާ އަކަށް ސަލާމަތެއްނުވިއެވެ. އެ މެރީން ބައޮލޮޖިސްޓުން ލީލާގެ އަނގަތެރޭގައި އޮތް މުތް ނަގައި ލީލާ ކައްކައިގެން ކާލީއެވެ.

ނޯޓް: މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމަށް ވަތީ ކުށް އެކުލެވިގެންވުމަކީ އެކަށީގެންވާ ކަމެކެވެ.

    Please log in or register to bookmark.
    2k

    9 ޚިޔާލު

    1. ވާހަކައިގާަ ދައްކާފަ ހުރިވާހަކަތައް ވަރަށް ރަނގަޅު. ޢަޅުގަނޑަށްކަމުނުދަނީ އިންސާނުން ނަށް ކިޔާ ނަންކިޔާފަހުރީމަ. ރަނގަޅު ވީސް އެއެއްޗެއްގެ ނަމުން ނަންދިންނަމަ. ޢަދިވެސް ހޫދުގެ އިތުރު ވާހަކަތައް ފެންނާނެ ކަމަށް އުއްމީދުކުރަމެވެ. ފުރަތަމަ ވާހަކަ ވަރަށް ވެސް ރަނގަޅު. ﷲ ހޫދު ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ. އާމީން.

      17
      1
    2. މަޖާ އަދި އިންޓުރެސްޓިންގް ވާހަކައެކެވެ ރީތި 👍💕

    ޚިޔާލު

    Your email address will not be published.