ތިޔަ ލޯބީގައި - 40

ސިޓިންގްރޫމްގެ މެދުގައިހުރި ސޯފާގައި އިނށީދެއިން ޝަޔަމް ފެނުމާއެކު ނުހައިކްގެ ފައި ބިންމަތީގައި ތަތްލިކަހަލައެވެ. ގަނޑުވެފައި ހުރި ހިސާބުގައި ހުއްޓި އޭނާއަށް ހުރެވުނީ ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ. އޭނާގެ ދެލޯ މިހާރު އޭނާއަށް ކެހިދޭންވެސް ފެށީހެއްޔެވެ؟ ހަގީގަތެއްނެތް މަންޒަރުތައްްވެސް ދައްކަންފެށީ ހެއްޔެވެ؟ ގަބޫލިކުރަން ދަތިވީވަރުން ދެލޮލުގައިވެސް އަތްއުނގުޅައިލެވުނެވެ. އެވަގުތު އިސްއުފުލައިލަމުން ޝަޔަމް ނުހައިކްއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔަ ވަގުތު ލަސްލަހުން އިންތަނުން ޝަޔަމްއަށް ތެދުވެވުނެވެ. ޝަޔަމްގެ ކުއްލި ހަރަކާތާއެކު މުހުސިނާ އާއި ސައިނާގެ ނަޒަރުވެސް ނުހައިކްއާއި ދިމާއަށް ހުއްޓުނެވެ. ޝަޔަމްއާއި ނުހައިކްގެ މޫނަށް ވަކިވަކިން ބަލައިލި ސާރާއަށް ދެއަތް ދެއަތާއި މޮޑެލެވުނެވެ.

ހިފެހެއްޓުމެއްނެތި ޝަޔަމްގެ ދެލޮލުން އޮހޮރިގަތް ކަރުނަތައްފެނި ނުހައިކްގެ ނޭވާ ހޮޅީގައި ތާށިވިކަހަލަ އިހުސާސެއްކުރެވުނެވެ. އަދިވެސް އެމަންޒަރު ގަބޫލުކުރަން އުނދަގޫވެފައި އޭނާއަށް ހުރެވުނީއެވެ. ސުވާލުގެ ނަޒަރަކުން އެންމެންގެ މޫނަށް ބަލަމުންދިޔަ ލަމްޔާ އިންތަނުން ތެދުވެގެންގޮސް ނުހައިކްގެ އަތުގައި ހިފައިލަމުން އައުމަށް ބުންޏެވެ. އޭނާއަށް ވެފައިހުރިގޮތަކާއި މެދުގައި ސުވާލުކުރަމުން އެއަތުގައި ހިފައިގެން ގެނެސް ސާރާ އާއި ޖެހިގެންހުރި ހުސްތަނުގައި އިނށީނުމަށް ބުނެލިއެވެ. އިސްޖެހިފައި ނުހައިކް އިނށީންއިރު މަޑުމަޑުން އޭނާއަށް ކުރިމަތިވާނޭހެން ޝަޔަމްވެސް އިނށީދެ ހަމަޖެހިލިއެވެ. އިޚްތިޔާރުން ބޭރުގައި ލޮލުން އޮހޮރުނު ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު ދުރަށް ނަޒަރު ހުއްޓައިލީ އަޒްހަރުގެ އަމަލުތައް ހަނދާންވެ ނުހައިކްއާއި ސާރާއަށް ބަލައިލަން ލަދުގަތްވަރުންނެވެ.

ޝަޔަމް އާއި ނުހައިކްއަށް ބަލައިލި ސައިނާ ކަރުކެހިލަމުން ނުހައިކް އަށް ގޮވައިލައި އޭނާގެ ހާލު އޮޅުންފިލުވިއެވެ. ހުވަފެނެއްގެ ތެރޭގައި އުޅެވޭހެން ހީވެ ނުހައިކް ޖަވާބުދިނީ މަޑުމަޑުންނެވެ. ދެކެވެން އުޅޭ ވާހަކައެއްގެ ޒާތުން ހިސާބަކަށް ޖެހިލުންވެފައިއިނދެ ސައިނާ ތުންފަތުގައި ދަތްއަޅައިލިއެވެ. އެހެނަސް އެހިސާބަށް އައިސް ހިތްވަރުއެލުވާލާކަށް އޭނާ ބޭނުމެއްނުވެއެވެ.

"އެންމެ ފުރަތަމަވެސް އަޒްހަރުގެ ފުށުން މިއާއިލާއަށް ކުރިމަތިވި ހުރިހައި ހިތްދަތިކަމަކަށް އަހަރެން މައާފަށް އެދެން.. އެއިން އެއްވެސް ކަމަކީ އަހަރެންނަށްވެސް އަދި ޝަޔަމްއަށްވެސް އެނގިގެންވި ކަމެއްނޫން.. އެހެންވިއަސް.. އަޒްހަރު ކުރި ކުށުގެ އިހުސާސު އަހަރެންނަށްވޭ.. ސާރާ އާއި ނުހައިކްގެ ކިބައިން މައާފަށް އެދެން ބޭނުންވަނީ އެހެންވެ.." ފަހަރަކު މީހަކަށް ބަލައިލަމުން ސައިނާ އޭނާގެ ވާހަކަތައް ފެށިއެވެ. ފުރަތަމަކޮޅު އޭނާވެސް އެގުޅުމަށް ނުރުހުނުކަން ހާމަކުރިއެވެ. އަދި އެދުވަހުން ފެށިގެން ހިނގި ހުރިހައިކަމެއްގެ ވާހަކަތައް ސައިނާ ކިޔައިދިނީ އަސަރާއެކުއެވެ. ޝަޔަމް އުޅުނު ހާލާއި އޭނާގެ ދަރިފުޅު ހަގީގަތުގައިވެސް ނުހައިކްދެކެ ވަނީ ތެދުވެރިލޯތްބެއްކަން ސައިނާ ހާމަކުރީ ނުހައިކްއަށް ބަލަން އިނދެއެވެ. އެހުރިހައިއިރު ހުއްޓުން އަރައިފައި ޝަޔަމްގެ މޫނަށް ނުހައިކް ބަލަމުންދިޔައިރު ޚުދު ޝަޔަމްގެ ހާލަކީވެސް އެއީއެވެ. ދެލޯ ފެންކަޅިވުމާއެކު ތުންފިއްތައިލަމުން ކަރުނަތައް ހިންދައިލުމަށް ދެމީހުންވެސް މަސައްކަތްކުރަމުންދިޔައެވެ. އެއްޗެއް ނުބުނި ނަމަވެސް ޝަޔަމްގެ އެންމެ ފެނިލުމަކުން ނުހައިކްގެ ހުރިހައި ހިތާމައެއް ފިލައިގެންދިޔަކަހަލައެވެ. އެހިތް އުފަލުން ނަށަމުންދިޔައިރު އެހިތުގެ ވެރި ރައްބަށް ޝުކުރުން ހިތްފުރެމުންދިޔައެވެ. މި ދުވަހަށްޓަކައި އޭނާ ކިހައި ދުޢާއެއް ކުރިހެއްޔެވެ. ކިހައި ދިގު އިންތިޒާރެއް ކުރިހެއްޔެވެ. މިއަދު މިވަނީ އެއިންތިޒާރުގެ ނިމުން އައިސްފައެވެ. އެހިތުގެ ލޯބި ކާމިޔާބުވާނެކަމުގެ ފެހި ސިގްނަލް ލިބިފައެވެ. ފަނޑު ހިނިތުންވުމެއް ނުހައިކްގެ ތުންފަތް މައްްޗަށް ވެރިވިއެވެ. އެމަންޒަރުފެނި ޝަޔަމްވެސް ލުއިކޮށް ހިނިތުންވެލިއެވެ. އަދިވެސް ކުރެވެމުންދިޔަ ލަދުވެތި އިހުސާސުގެ ސަބަބުން އެއްޗެއް ބުނުމަށް އޭނާ އިނީ ނުކުޅެދިފައެވެ.

"ހަގީގަތުގަ މިއަދު އަހަރެމެން މިއައީ ވަރަށް ބޮޑު އެދުމަކާއިގެން.." ގާތުގައި އިން ޝަޔަމްއަށް ނަޒަރެއްދެމުން މުހުސިނާ އިސްވެ ބުނެލިއެވެ. އެވާހަކައާއި އެއްބަސްވަމުން ސައިނާ ބޯޖަހައިލިއެވެ. އިވިގެންދިޔަ ވާހަކަތަކުން ސާރާއަށްވެސް ވަނީ އަސަރުކޮށްފައެވެ. ދެކުދިން އެކަކު އަނެކަކުދެކެ ވާ ލޯބި ކިތަންމެ ރަނގަޅަކަށްވެސް އޭނާ ދަނެއެވެ. އޭނާގެ ދަރިފުޅުވެސް ޝަޔަމްއާއި ވަކިން ހޭދަކުރީ ކޮންފަދަ ހިތްދަތި ދުވަސްތަކެއްކަން އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށެވެ.

ސައިނާ މެންގެ ވާހަކަތަކުން ސުވާލުއުފެދި ވާނުވާނޭނގިފައި އިނީ ލަމްޔާއެވެ. އަޒްހަރު އެއާއިލާއަށް ދިނީ ކޮންހިތްދަތިކަމެއް ހެެއްޔެވެ؟ ކޮން އަނިޔާއެއް ހެއްޔެވެ؟ އެމީހުން ތަކުރާރުކޮށް މައާފަށް އެއެދުނީ ކޮންކަމަކަށް ހެއްޔެވެ؟ ސިކުނޑީގައި ސުވާލުތައް ބުރުޖަހަމުންދިއަސް ލަމްޔާ ހިމޭނުން އިނީ އެސުވާލުތައް ސާރާ އާއި ކުރަން ރަނގަޅު ވަގުތެއްގެ އިންތިޒާރުގައެވެ.

ތަނަށް ވެރިވެފައިވި ހަމަހިމޭންކަމާއެކު ފުންނޭވާއެއްލަމުން މުހުސިނާ ވާހަކަދައްކަން ފެށިއެވެ. "އަޒްހަރުގެ ސަބަބުން ވަރަށް ގިނަ ދުވަހު ލޯބިވި ދެހިތެއް ދުރުގައި ހޭދަކޮށްފި.. މިއަދު އަހަރެމެން މިތަނަށް އައިސް މިތިބީ.. އެދެހިތް ގުޅުވުމަށް އެދިގެން.. އަހަރެންގެ މާމަ ދަރިފުޅުގެ ކައިވެނި ނުހައިކްއާއި ކުރުވަން ބޭނުންވެގެން.. އެކަމުގެ ހުއްދައަށް އެދި.. އަހަރެންގެ ޝަޔަމްއަށް ނުހައިކްއަށްވުރެ ރަނގަޅު އެހެން ޒުވާނަކު ނުލިބޭނެކަން ޔަގީން.. ވެދިޔަތަން ވެދިޔައީ.. ދެން އިރާދަފުޅުން އެއްވެސް މީހެއްގެ ހިޔަނި އެދެކުދިންގެ ދިރިއުޅުމަށް ނޭޅޭނެކަމުގެ ޔަގީންކަންދެން.. ސާރާ ކީކޭތަ މިކަމަށް ބުނަނީ؟" މުހުސިނާގެ ދެލޮލުން ފައުޅުވަމުން ދިޔައީ އުުއްމީދުގެ ކުލަވަރެވެ. ސާރާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ސައިނާ އިނީ ކުޑަކޮށް ހާސްވާގޮތްވެފައެވެ. އަޒްހަރުގެ ވޭންދެނިވި އަނިޔާތަކުގެ ސަބަބުން ސާރާ އެގުޅުމަށް ދެކޮޅުހަދާފާނެތީ އޭނާގެ ހިތް ބިރުގަނެފައިވަނީ އިންތިހާއަށެވެ.

އިސްޖެހިފައިއިން ޝަޔަމްއަށް ބަލައިލަމުން ސާރާ ދެން ބަލައިލީ އޭނާގެ ގާތުގައިއިން ނުހައިކް އަށެވެ. ލުއިގޮތަކަށް ހިނިތުންވެލަމުން އަޒްހަރުގެ ކުށުގެ ބުރަ ޝަޔަމްއާއި ސައިނާ އުފުލަން ނުޖެހޭނެކަމަށް ބުނެލިއެވެ. އަދި އޭނާ އެމީހުނަށް މައާފުކުރިކަމަށާއި އެމީހުންގެ އެދުމަށް ވަކި އެއްޗެއް ބުނަން އެނގޭނީ ނުހައިކްއަށް ކަމަށް ބުނެލިއެވެ. އެހެނީ އެއީ ނުހައިކްގެ ދިރިއުޅުމަށްވެފައި އޭނާ އަކީ އެއްއިރެއްގައިވެސް ދަރިންނަށް ކަންކަމަށް މަޖުބޫރުކުރި މީހަކަށް ނުވާތީއެވެ. އެކުއްޖެއްގެ ދިރިއުޅުން ކުރިއަށް ގެންދާނެގޮތެއް އެނގޭނީ ޚުދު އެކުއްޖަކަށެވެ.

ސާރާއަށް ބަލައިލި ނުހައިކް އަދިވެސް އިނީ ހުއްޓުންއަރައިފައެވެ. އެއްޗެއް ބުނަން ބޭނުންވެ އަރުތެރެއިން އަޑު ބޭރުނުވެފައެވެ. އެފަދަގޮތަކަށް ކުއްލިއަކަށް ޝަޔަމް ފެނުމުން އޭނާއަށް ލިބުނު ޝޮކް އަދިވެސް ފިލައިގެން ނުދެއެވެ.

ނުހައިކް ބަލައިލުމާއެކު ފެންކަޅިވެފައި އިން ސާރާ މަޑުމަޑުން ބޯޖަހައިލީ ހިނިތުންވަމުންނެވެ. ސާރާގެ އަމަލުން ނުހައިކްއަށް ހިތްވަރުދިންފަދައެވެ. އެއާއެކު ގާތުގައި އިން ލަމްޔާވެސް ނުހައިކްގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން ކަމޯން ދޮންބޭއޭ ބުނެލިގޮތުން ނުހައިކްއަށް ހެވުނެވެ. މީހަކާއި އިނދެ ދިރިއުޅުމެއް ފެށުމުންވެސް އޭނާގެ ކޮއްކޮ އަދިވެސް ބޮޑުނުވަނީބާވައޭ ހިތަށް އެރިއެވެ.

ހިތްއަވަސްވެފައި ނުހައިކް ޝަޔަމްއަށް ނަޒަރު ހުއްޓައިލިއެވެ. ޝަޔަމްގެ ދެލޮލުން ފައުޅުވަމުންދިޔަ ބޭގަރާރުކަންފެނި ނުހައިކްގެ ހިތަށް ފޮނިމީރުކަމެއް އިހުސާސުވިއެވެ. ހިތްވަރުކޮށްފައި ލޯތްބާއެކު ޝަޔަމްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެހިނދު އެހިތުގެ އެދުން ދުލުން ބޭރުކުރުމަށްއެދި ހިތް ތެޅިފޮޅިގަތެވެ.

"އަހަރެން.. މިހުރީ ޝަޔަމްއާ އިންނަން ތައްޔާރަށް.. އަހަރެންގެ އަންބެއްގެ ގޮތުގަ އަބަދުވެސް ދެކެންބޭނުންވީ ޝަޔަމް.. ޝަޔަމް ނޫން ދެވަނަ މީހަކު މިހަޔާތަށް ގެންނަން އެއްއިރަކުވެސް ބޭނުމެއްނުވި.. އަހަރެންނަށް އޭރު މަޖުބޫރުންވިއަސް ކަންތައްކުރެވުނު ގޮތަށް އެންމެންގެ ހާޟިރުގައި ޝަޔަމްގެ ކިބައިން މައާފަށް އެދެން.. އެހެނަސް.. އަހަރެން އަބަދުވެސް ޝަޔަމްއަށް އިންތިޒާރުކުރިން.. މިދުވަސް ދެއްކެވުމަށްއެދި ކެތްތެރިވީން.." ނުހައިކްގެ ކޮންމެ ޖުމުލައަކުން ޝަޔަމްގެ ދޮންކޯތާފަތަށް ރަތުގެ އެކި ކުލަ ފޭދެމުންދިޔައެވެ. އެހިތުގައިވި ލޯބި އިތުރަށް ފުންވެ ވަރުގަދަ ވިއެވެ. ދެލޮލަށް ބޮނޑިވެގަތް ކަރުނަތަކާއެކު އެތުންފަތް ފޫއަޅުވައިލަމުން މަޑު ހުނުމެއް ބޭރުވެގެންދިޔައެވެ. ލޮލުން އޮހޮރިގަތީ އުފާވެރިކަމުގެ ކަރުނަކަން ރަމްޒުކޮށްދިނީ އެލުއި ހިނިތުންވުމެވެ. ކަރުނައިގެ ތެރޭން ސައިނާއަށްވެސް ހިނިތުންވެލެވުނުއިރު ނުހައިކް އޭނާގެ ދަރިފުޅުދެކެވަނީ ކޮންފަދަ މަތިވެރި ލޯތްބެއްކަން އިހުސާސުކޮށްލެވުނެވެ. ޝަޔަމްގެ ގައިގައި ބައްދައިލަމުން ﷲ އެދެކުދިންގެ ހިތުގެ ދުޢާ އިޖާބަކޮށްދީފިއޭ އޭނާ ބުނެލީ އުފަލުން އިނދެއެވެ. ހެއްދެވި ފަރާތަށް ހަމްދުކޮށްލަމުން ވީ އެންމެ އަވަހަކަށް އެކައިވެނި ކުރުވަން ބޭނުންވާކަން ސައިނާ ހާމަކޮށްލިއެވެ. އެގޮތާއި ނުހައިކްގެ އާއިލާވެސް ގަބޫލުވިއެވެ. އިތުރަށް އެންމެ ދުވަހެއްވެސް ލަސްކުރާކަށް ސާރާވެސް ބޭނުމެއްނުވެއެވެ. އޭނާގެ ދަރިފުޅު ލައްކަދުވަހު ހިތާމަކޮށްފިއެވެ. ދެން އޮތީ އެދަރިފުޅު އުފަލުންހުރެ އަބަދުމެ ހިނިތުންވާންވީ ދުވަސްތަކެވެ.

ސައިނާމެން ދިއުމާއެކު ލަމްޔާގެ ސުވާލުތައް ސާރާ އާއި ނުހައިކްއާ އަމާޒުވާންފެށިއެވެ. އިތުރަށް އެކަންކަން ސިއްރުކުރަން ބޭނުން ނުވުމުން ނުހައިކް އަޒްހަރުކުރި ހުރިހައިކަމެއް ލަމްޔާއަށް ކިޔައިދިނެވެ. އޭރު ލަމްޔާއަށް ސިއްރުކުރީ އޭނާ ކަންބޮޑުވެދާނެތީކަމަށް ނުހައިކް ބުނެލިއެވެ. އެވާހަތަކުން ލަމްޔާއަށް ވަރަށް އަސަރުކުރިއެވެ. އޭނާއަށް ސިއްރުކުރުމުން ޝަކުވާކުރިއެވެ. ނަމަވެސް އިތުރަށް އެވާހަކަ ނުދެއްކީ ފާއިތުވެފައިވިކަމެއްގެ ވާހަތަކުން އިތުރު ނުތަނަވަސްކަމެއް ގެނުވަން ބޭނުންނުވުމުންނެވެ.

ލަމްޔާ އާއި ޒާއިން އެގެއަށް އައީ ހަގީގަތުގައި ނަޒީމްގެ ފަރުވާއަށް މެލޭޝިއާއަށް ފުރަން ނިންމި ވާހަކަ ބުނުމަށެވެ. އެހެނަސް ރަންކިޔާތާ ހަފުތާއެއްގެތެރޭގައި ނުހައިކް އާއި ޝަޔަމްގެ ކައިވެނިކުރެވޭގޮތަަށް ހަމަޖެހުމުން ޒާއިން ނިންމީ އެކައިވެނި ނިމުމުން ފުރާށެވެ. ލަމްޔާވެސް އެކައިވެންޏަށް މަޑުކުރަން ބޭނުންވާނެކަން ޒާއިންއަށް ވިސްނެއެވެ. އެގޭގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު އިރުއޮއްސެން ގާތްވުމުން ލަމްޔާ އާއި ޒާއިންވެސް ދިޔައީ ޖެހިގެން އަންނަ ދުވަހު ކައިވެނީގެ ކަންކަމަށް ތައްޔާރުވާން އަންނާނެކަމަށް ބުނަމުންނެވެ.

*****

ދުވަސްކޮޅެއްފަހުން ނަޒީމް ހޮސްޕިޓަލުން ދޫކޮށްލިއެވެ. އުނަގަނޑުންތިރި ވާގިނެތިފައިވުމުން ދުއްވާގޮނޑިއެއްގައި އިންނަން ޖެހުނަސް އޭނާގެ އެއްވެސް ޝަކުވާއެއްނެތެވެ. ތޮއިބާގެ ފަރާތުން ނިމުމެއްނުވާ ލޯތްބާއި އެއްބާރުލުން އޭނާއަށް ލިބެން ފެށުމުން ނަޒީމްގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް އަބަދުމެ ވެއެވެ. މިއީ އަބަދުވެސް އޭނާ ދެކެން ބޭނުންވިފަދަ ދުވަހެކެވެ.

ސާރާއަށް އެހީވުމަށް ނަޒީމް ގޮވައިގެން ތޮއިބާވެސް އެގެއަށް އާދެއެވެ. އޮފީހުން ކުޑަ ޗުއްޓީއެއްނަގައި ޒާއިންވެސް ގިނަވަގުތު ހޭދަކުރަމުންދިޔައީ ލަމްޔާއާއި އެކުގައި ސާރާމެން ގޭގައެވެ. ހޭބޮއިނާރާ އެންމެން އުޅެމުންދިޔައިރު އެމާހައުލުން ފެންނަމުން ދިޔައީ އުފާވެރިކަމާއި އެކުވެރިކަމެވެ. ކުޑަގޮތަކަަށް ކައިވެނީގެ ހަފުލާ ބާއްވަން ބޭނުންވިއަސް އެކަން އެގޮތަށް ނުވާނެކަން އެގޭތެރެއިން ބަލައިލި ކޮންމެ ދިމާލަކުން ފައުޅުވަމުންދިޔައެވެ.

*****

ކައިވެނީގެ ދުވަސް ގާތްވަމުންދިޔަވަރަކަށް ޝަޔަމްގެ ގޭތެރެއިންވެސް އެކިކޮޅުކޮޅަށް މީހުންދުވެ ހަރަކާތްތެރިވަމުންދާތަން ފެންނަމުންދިޔައެވެ. ޝަޔަމްއާއި ނުހައިކްގެ ކައިވެނީގެ ޚަބަރު ކަންފަތަށް އިވުނީއްސުރެ ޖިޔާ ހުންނަނީ މޫނު ކުނިކޮށްލައިގެންނެވެ. ހިތްހަމަނުޖެހި ރުޅިގަދަވެފައި އެއިން އެއްވެސްކަމެއްގައި ބައިވެރިނުވެ ގިނަ ވަގުތު އޭނާ ގެއިން ބޭރުގައި ހޭދަކުރަމުންްދިޔައެެވެ. އަޒްހަރުގެ ހަރުކަށިކަމާއި އޭނާ ގުޅުމުން ފޯނުވެސް ނުނެގުމުން އިތުރަަށް ހަދާނެ އެއްވެސްގޮތެއް ޖިޔާއަށް ނުވިސްނި އޭނާގެ ބޯވަނީ ފަޅައިގެންދާން ކައިރިވެފައެވެ. ކުރެވެނޭ މާބޮޑު ކަމެއް ނެތުމުން ޝަޔަމް ފެންނަ ކޮންމެ ފަހަރަކު މަލާމާތުގެ ދެތިން ބަހެއް ބުނެލުމަށްފަހު ޖިޔާ އެތަނަކުން ރައްކާވެއެވެ. ޖިޔާގެ ކޮންމެ ބަހުގެ ހަމަލާއަކަށް ޝަޔަމްވެސް އެއްޗެއް ބުނަނީ އަޒްހަރުގެ ފުށުން އެހުރިހައި ރޭވުމެއްގައި އޭނާއަށް އެއްބާރުލުންދިނީ ޖިޔާކަން އެނގުމުންނެވެ. ޖިޔާ ކިތަންމެ ނުރުހުނަސް އިރާދަފުޅުން މިކައިވެނި ކުރެވޭނޭ ޝަޔަމް ބުނެލަނީ ރީތި ހިނިތުންވުމަކާއެކުއެވެ. އާއިލާ މީހުންވެސް ޖިޔާގެ އަމަލުތައް ހުންނަގޮތްފެނި ސުވާލުކުރެއެވެ. އެހެނަސް އެއިން އެއްވެސް ސުވާލަކަށް ޖަވާބުދިނުން މުހިންމުކަމަކަށް ޖިޔާ ނުދެކެއެވެ. އަނގަހުޅުވަން ހަދައިގެން ބޭޒާރުވާނީ ޚުދު ތިމާކަން އޭނާ ދަނެއެވެ.

*****

މޭކަޕް ކުރުވަން ސެލޫންއަކުން އައިސްހުރިކުއްޖާ ރީތިގޮތަކަށް ޝަޔަމްގެ މޭކަޕްކޮށް ނިންމައިލަމުން އެމޫނަށް ނަޒަރު ހުއްޓައިލިއެވެ. ލަދުވެތިކަން ފައުޅުވަމުންދިޔަ އެދޮން މޫނާއި އޭނާކުރި ލުއި މޭކަޕް ނުހަނު ގުޅެއެވެ. އެކުއްޖާގެ މަސައްކަތް ނިމުމާއެކު ބުރުގާއަޅުވަން އައިސްހުރި ކުއްޖާ އޭނާގެ މަސައްކަތް ފެށިއެވެ. މޭމަތި ފޮރުވޭނޭހެން ނުހަނު ފަރިގޮތަކަށް ބުރުގާ އަޅުވައިދިނެވެ. ފަހަތުގައި އެމީހުންގެ މަސައްކަތްތައް ބަލަންހުރި ސައިނާގެ ދެލޯވަނީ ފެންކަޅިވެފައެވެ. އަންހެންދަރީގެ ކައިވެންޏަކީ ކޮންމެ މައަކަށްވެސް އިންތިހާއަށް އުފާވެރިކަން ގެނުވާނޭ ކަމެއްކަން ކަށަވަރެވެ. އެދުވަހު އެކުރެވޭ އިހުސާސުތަކަކީ ބަޔާންކުރަން ދަތިވާނެ އިހުސާސުތަކެކެވެ.

ކަރުނައިގެ ތެރޭން ހިނިތުންވެލަމުން ސައިނާ އައިސް އޭނާގެ އަތުގައިއޮތް ދިގު ލޭސް ފޮތިކޮޅު ޝަޔަމްގެ ބޮލުގައި އަޅުވައިފައިވާ ރިހިތާޖު ފެންނާނެފަދައިން އެބޮލުގައި ހަރުކޮށްލިއެވެ. ދުރަށް ފެތުރިގެންދިޔަ ހުދުކުލައިގެ ލޭސްފޮތިކޮޅުން އިސްޖެހިފައިވި ޝަޔަމްގެ ރީތިމޫނު އިތުރަށް ފުރިހަމަކޮށްދިނެވެ. ލޮލުން ފައިބަން ތައްޔާރުވެފައިވި ކަރުނަތައްް ކުޑަ ޓިޝޫކޮޅަކުން ފުހެލަމުން ޝަޔަމްގެ އަތުގައި ހިފައި ގޮނޑިން ތެދުވުމަށް އެހީތެރިވެދިނެވެ. އަދި ލޯތްބާއި ކުލުނާއެކު ޝަޔަމްގެ ނިތުގައި ސައިނާ ބޮސްދިނެވެ. މިދުވަސްދެކެން އޭނާގެ ގާތުގައި އަޒްހަރުވެސް ހުރިނަމައެވެ. އެވަގުތުކޮޅުގެ އުފާވެރިކަން ދެކިލުމަށް އެންމެ ފަހަރަކުވެސް އަންނާނެނަމައެވެ. އެމީހުންގެހުރި ހަމައެކަނި ދަރިފުޅު ހަޔާތުގެ އައު ބާބެއް ފަށަން ތައްޔާރުވަމުންދާއިރު އަޒްހަރުގެ ހެޔޮދުޢާވެސް އެދަރިފުޅަށް ލިބޭނެނަމައެވެ. ހިތަށް ވެރިވަމުންދިޔަ ޚިޔާލުތަކުން ސައިނާގެ ހިތުގައި ވޭންއެޅިއެވެ. އަޒްހަރު މަތިން މާބޮޑަށް ހަނދާންވާންފެށިއެވެ. ނަމަވެސް އެހުރިހައި އިހުސާސެއް ހިތުގައި ރައްކާކުރަމުން ޝަޔަމްއަަށްޓަކައި ސައިނާ ހިނިތުންވެލިއެވެ.

މީހެއްގާތު ނުބުންޏަސް ޝަޔަމްވެސް ސިއްރުން އޭނާގެ ލޯބިވާ ބައްޕަ މަތިން ހަނދާންކުރަމުން ދިޔައެވެ. ބައްޕައަށް ވިސްނިގެން އޭނާގެ ގާތަށް އަންނާނެނަމައޭ ހިތަށް އެރީ ކިތައްފަހަރުކަމެެއްވެސް ނޭނގެއެވެ. ހިތްދަތިވިއަސް އެކަން މީހަކަށް ދައްކަން ބޭނުންނުވީއެވެ. އަބަދުމެ އިޚްލާސްތެރިކަމާއެކު އެބައްޕަގެ މައްްޗަށް ކުރެވޭ ހޮޔޮދުޢާތަކުން ޝަޔަމް ފުއްދައިލީއެވެ. އެހެނަސް ކައިވެނި ކުރުމަަށް ހަމަޖެހިފައިވި މަންޒިލަށް ދެވުމުން އަޒްހަރުގެ މަތިން އޭނާ ހަނދާންވީ އިންތިހާއަށެވެ. އަޒްހަރު ގާތުގައި ހުރުމަށް އެދުވުނީ ކެތްނުވާވަރަށެވެ. ކައިވެނީގެ ވަގުތުގައި ކޮންމެ ކުއްޖެއްވެސް މަައިންބަފައިން ގާތުގައިވުމަށް އެދޭނެއެވެ. ޝަޔަމްއަށްވެސްވީ އެހެންނެވެ. ނަމަވެސް ދެފަރާތުގައި ތިބި ލޯބިވާ މަންމައާއި މާމަގެ ސަބަބުން ހިތަށް ވެރިވި ނުތަނަވަސްކަން ހިނދުކޮޅެއްގެ ތެރޭގައި ފިލައިގޮސްފިއެވެ.

ސާރާގެ ގާތުގައިހުރި ނުހައިކްއަށް ޝަޔަމް ފެނުމާއެކު އޭނާގެ ދެލޯބޮޑުވެގެން ދިޔައެވެ. އެސްފިޔަޖަހަައިލަންވެސް ހަނދާން ނެތިފައި އޭނާއަށް ބެލެމުންދިޔައީ ޝަޔަމްއާއި ދިމާއަށެވެ. މިރޭ ޝަޔަމްގެ ފުރިހަމަކަން އެތައްގުނައެއް އިތުރުވެފައިވާކަމަށް ދައްކައެވެ. ހުދުކުލައިގެ ދޫ ކައިވެނީގެ ހެދުން އެކި ޑިޒައިންތަކުން ފަރުމާކުރެވިފައިވީގޮތުންނާއި ކޮށްފައިވާ ލުއި މޭކަޕާއި ބޮލުގައިވި ރިހި ތާޖުން ޝަޔަމް ހީވަނީ ޝާހީ ރަސްދަރިކަނބަލެއްހެންނެވެ. އެފުރިހަމަކަށް ނުހައިކްގެ ހިތް ފިދާވެ ތައުރީފުކުރަމުން ދިޔައިރު ނުހައިކްގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރުން ޒާއިން އޭނާގެ އަލަތުކައިވެނީގެ ރޭމަތިން ހަނދާންވިއެވެ.

"ލަމްއަށް އެނގޭތަ؟ ކައިވެނީގެ ހެދުމުގަ އެންމެ ފުރަތަމަ ލަމް ފެނުނު ވަގުތު އަހަރެންނަށްވެސް ވީ ހަމަ އެފަދަގޮތެއް. އެސްފިޔަޖަހައިލަންވެސް ބޭނުމެއްނުވި.. އެރޭގެ އެވަގުތުކޮޅު އެކަނިވެސް ލަމް އަހަރެންގެ ހިތް ދީވާނާކޮށްލި.." ގާތުގައިހުރި ލަމްޔާގެ އަތަށް ސިއްރުން ފިތައިލަމުން އެކަންފަތްދޮށުގައި ޒާއިން ބުނެލި ވާހަކަތަކުން ލަމްޔާގެ މޫނު ރަތްވެގެންދިޔައެވެ. ހީލަމުން އޭނާއާއި ދިމާލަށް އެއްލޯމަރައިލި ޒާއިންގެ އަތުގައި މަޑުމަޑުން ލަމްޔާ ޖަހައިލިއެވެ.

ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައިހުރި ނުހައިކްއަށް ޝަޔަމްގެ ލަދުވެތި ނަޒަރު އަމާޒުވުމާއެކު ނުހައިކް ބަލަންހުރިގޮތުން އިތުރަށް ލަދުގަންނަގޮތް ވިއެވެ. އެވަގުތު އެތަނަށް ވަދެގެންއައި ޣާޒީ އާއި ހެކިވެރިން ފެނުމުން މޭޒުދޮށުގައި އިނށީނުމަަށް ސާރާ ނުހައިކް ގާތުގައި ބުނެލިއެވެ. ނުހައިކްއާއި ޖެހިގެންހުރި ގޮނޑީގައި ޝަޔަމް އިނށީނުމާއެކު ދެހިތުގެ ތެޅުން އިންތިހާއަށް އަވަސްވެގެންދިޔައެވެ.

ކައިވެނީގެ މަޖިލީހާއި ވަލީމާ އޮތީ ސައިނާގެ ގޭގައެވެ. ބޭނުންނުވިއަސް މަންމަ މަޖުބޫރުކުރުމުން ފުސްމޫނާއެކު އެމަންޒަރުތައް ދެކެން ޖިޔާއަށްވެސް އެހަފުލާގައި ބައިވެރިވާންޖެހުނެވެ. ދަތްކުނޑިވިކައިގެން ދުރުގައި އެމަންޒަރުދެކެން ހުރިއިރު ރުޅިން މީހާ ހީވަނީ ރޫރޫއަޅާހެންނެވެ. ފުންނޭވާތަކެއް ލުމުންވެސް މީހާ ހަމަޖެހޭގޮތް ނުވުމުން އެހެންދިމާއަކަށް ޖިޔާ ނަޒަރު ބަދަލުކޮށްލިއެވެ.

ކައިވެނީގެ ޚުތުބާ ދެމީހުންވެސް އަޑުއަހަމުންދިޔައީ ޝައުގުވެރިކަމާއެކުއެވެ. ކައިވެނީގެ ޚުތުބާނިމި ނުހައިކް އަނބި ގަބޫލުކޮށްފީމޭ ބުނި ވަގުތުކޮޅު ޝަޔަމްގެ ހިތުގައި މަޑު ހީލިކެރުވުމެއް އުފެދުނެވެ. އުފަލުންގޮސް ދެލޯ ފެންކަޅިވިއެވެ. އެވަގުތުކޮޅު އެކުރެވުނު ފޮނިފޮނި އިހުސާސުން ހިނިތުންވެވުނީ ނުހަނު ބޮޑަށެވެ. ނުހައިކްގެ މޫނުމަތިންވެސް ފައުޅުވަމުންދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. އެތައްހުރަސްތަކަށްފަހު އެންމެފަހުން އެހިތުގެ ލޯބި ކާމިޔާބުވީއެވެ. މޭޒުދަށުން ނުހައިކްއަށް ޝަޔަމްގެ އަތުގައި ހިފައިލަމުން އެމަޑު ފުށްކޮޅެއްފަދަ އަތަށް ފިތައިލެވުނެވެ. އެއީ ހަމައެކަނި އޭނާގެ މީހެކެވެ. އޭނާގެ ލޯބިވާ އަނބިމީހާއެވެ. ދެން އެދެމެދަށް އިތުރު ހުރަސްތަކެއް މެދުވެރިނުކުރެއްވުންއެދި ދުޢާކޮށްލެވުނެވެ.

(ނުނިމޭ)

  Please log in or register to bookmark.
  6k

  10 ޚިޔާލު

  1. އަޅޭ ނައޫ ... ވވވ ރީތި💙
   އައި ރިޔަލީ ލަވްޑް އިޓް.. 👌🏻👏🏻👏🏻
   ތެންކްސް ވވ މަޗް ޑަރލިންގް 😘😘😘

  2. ވާއު 💖 މިބައިވެސް ވަރަށް ވަަށް ވަރަށް ރީތި ❤❤ ފައިނެލީ ނު-ޔަމް ހޭސް މެރިޑް! އަމްމް ދެންއިންނާނީ ފަހުބައިތަ؟ ދެންއިންބަޔަށް އިންތިޒާރުކުރަން .. ލަވް ޔޫ.. ސްޓޭ ސޭފް 💖❤

  3. ވާވް ދެން ނިމެނީތަ؟ އަނެއްބައި ކިޔާހިތުން ހުރެވެނީކީއެއް ނޫން...

  4. އޯއެމްޖީ ޔޭ އަދި ކިރިޔާ 😭😭😭 ދިސް އިޒް ލިޓްރަލީ ދަ ބެސްޓް ސްޓޯރީ އެވަރ

  5. ސަލާމް އޯލް.. ނެކްސްޓް ޕާރޓް ލަސްވާކަމަށްޓަކައި މައާފަށް އެދެން.. ކުޑަކޮށް ބަލިވެއުޅޭތީ އިނގޭ.. އިންޝާ ﷲ މާދަމާގެ ވަގުތެއްގަ ވާހަކައިގެ ދެން އިންބައި ސަބްމިޓް ކޮށްލަން އެބަ ޓްރައި ކުރަން.. ސޮރީ ވަންސް އަގެއިން.. ލަވް ޔޫ އޯލް.. ސްޓޭ ސޭފް.. ❤

   18
   5
  6. މާޝާ ﷲ!! މިބައިވެސް ވަަރަށް ވަރަށް ރީތި..💖💝.. ސޮރީ މާ ލަހުން ކޮމެންޓް ކުރެވުނީމަ.. 😟 ރީން ތަންކޮޅެއް ލޭޒީކަމުން ހަމަ ކޮމެންޓް ނުކުރެވުނީ.. ހެހެ 😆😂
   ފައިނަލީ ދޭ ގޮޓަ މެރިޑް 😊💖👍 ދެންއިންބަޔަށް އިންތިޒާރުކުރަން ❤ ލަވް ޔޫ 😊💞 ސްޓޭ ސޭފް 💖

   11
  7. މި ސައިޓު މިހާރު ވަަރަށް ކަޑަ. ލިޔުންތެރިން ވާހަކަ ފޮނުވާތާ 2-3 ދުވަސް ވާއިރުވެސް ވާހަކަ އަޕްކޮށްނުދޭ... އަދި ވާހަކަ އަޕްކޮށްދެނީ ވެސް 3 ރެއިން އެއްރޭ އެވެސް އެރެއެއްގެ 12 ޖެހުމާ ގާތްކޮށްފަ... ބައެއް ވާހަކަތައް އަަޕްނުވާތާ މަސްދުވަސްވަނީ... މިސައިޓުނަް އިތުރަށް އާވާހަކައެއް ދެން ނުކިޔާނަން.

  ޚިޔާލު

  Your email address will not be published.