Views: 2356 93

"މީކީ ރަނގަޅު ފާލެއްނޫން. އެރޭވެސް އޭނަ ބުނީ ފެމިލީ މީހުންނޭ. އެކަމަކު ޤައިސް ބުނީ ރައްޓެހިންނޭ. ޤުލްމާ ކަމެއް ސިއްރުކުރިއަސް، ލޯބި ނުވިއަސް އެކަން ކުރެވޭނެ. މަގޭ ކުށެއް އޮތްނަމަ އެކަންވެސް ހާމަ ކުރަންވީ. އުޅެން ބޭނުންނޫންނަމަ ވާހަކަ ދެއްކިގެންދޯ ގޮތެއް ނިންމަން އެނގޭނީ. ފޯނަށް ގުޅައިގެން ޖަވާބެއް ނުދޭ. މެސެޖަކަށް ރިޕްލައިއެއްނުދެވޭ. މި އިގްނޯކުރަނީ މަގޭ ކުށެއްނަމަވެސް ބުނީމަ ދޯ މަވެސް ދުރަށްދާން އެނގޭނީ. މަ ބޭނުން މިކަމަށް ހައްލެއް. މާދަމާ އޮފީސް ކައިރިއަށްވެސް ދާނަން. އޭނަ ބައްދަލުކުރަނީ ކޮންބަޔަކާތޯވެސް މަ ފާރަލާނަން. އަދި ނުވިތާކަށް އޭނަ ސިއްރުކުރާކަމެއްވެސް މަ ހޯދާނަން.." މިސްބާހުގެ ކެރުމާއި އައިސްފައވާ ބޮޑު ބަދަލެއްގެ ސަބަބުން ލުޤުމާނު އިނީ އަނގައިން ބަސްހުއްޓިފައެވެ. ކިޔާނެ އެއްޗެއްވެސް ނޭންގުނެވެ. އެއީ ހަމަ އެ ފިނޑި މިސްބާހުބާއޭ އޭނަގެ ހިތްބުނަމުންދިޔައެވެ.

މިސްބާހު އެންމެފަހުން ޤުލްމާގެ ސިއްރު ފަލްސަފާ ދިރާސާކުރަން ތައްޔާރުވެލިއެވެ.

* * * *

ހެނދުނުގެ ވަގުތެވެ. މިސްބާހު ކިލާސް ނިންމާލުމަށްފަހު ކޮލެޖުން ނުކުތީ ދިހައެއްޖަހަންވެފައި ހުއްޓައެވެ. ޔޫސުފަށް ގުޅައިގެން ދާނެ ވަކި މިސްރާބެއްވެސް ބުނެނުލާ އޭނަގެ ސައިކަލު ފަހަތުގައި ގޮސް މަޑުކޮށްލީ ޤުލްމާ އުޅޭ އޮފީސްކައިރީގައެވެ. ޤުލްމާ މަސައްކަތްކުރަމުންދަނީ އަމިއްލަ މީހެއްގެ އޮފީހެއްގައެވެ.

"ކީއްކުރަން މިތަނަށް ތިއައީ؟" މިސްބާހު ސައިކަލުން ފައިބައިގެން ބިމުގައި ފައިޖެހުނުތަނާހެން ޔޫސުފު ބުންޏެވެ. މިސްބާހު ދޮގެއް ހަދާކަށް ބޭނުމެއްނުވިއެވެ. މޫނުގައި އަތް އުނގުޅައިވެސްލެވުނީ ޖެހިލުންވެފައި ހުރުމުންނެވެ.

"ޤުލްމާ.. " މިސްބާހު ފުންނޭވާއެއްލިއެވެ. "ޔޫއްޓެ ނައްޓާލާ. މަ ފަހުން ޚަބަރެއްވާނަން.." މިސްބާހު ބޭނުންވީ އެކަނިވެލާށެވެ. ޔޫސުފުވެސް ބޯ ގުޑުވާލަމުން ސައިކަލުގައި ދުއްވައިލިއެވެ. މިސްބާހު ކަންމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. އެވަގުތަކީ ޤުލްމާވެސް ބްރޭކު ވަގުތަށް ބޭރަށް ނުކުންނަ ވަގުތުކަމަށްވެފައި މަޑުކޮށްލައިގެން މާގިނަ އިރުތަކެއް އިންތިޘާރުކުރާކަށް ނުޖެހުނެވެ.

އޮފީހުގެ ދޮރު ހުޅުވާލަމުން ފުރަތަމަވެސް ނުކުތީ ޤުލްމާއެވެ. މިސްބާހު ކުޑަކޮށް ފާރައި ނިވައިވެލިއެވެ. ޤުލްމާ ނުކުތީވެސް އެކަންޏެވެ. އޭނަގެ މޫނުމަތިން އެއްވެސް ތާޒާކަމެއް ފެންނާކަށްނެތެވެ. އޭނަ ހުރީ ވަރަށް މާޔޫސްގޮތަކަށެވެ. މުޅި މީހާ ހީވަނީ ވަރަށް ބޮޑު ފިކުރެއްގައި އުޅެމުންދާހެންނެވެ. ކޮނޑުގައި އޮތް ދަބަހުގެ ތެރެއިން ފޯނު ނަގަމުން ޤުލްމާ ހިނގައިގަތެވެ. މިސްބާހު ބާރު ބާރަށް ހިނގައިގަތީ ޤުލްމާގެ ފަސްފަހަތުންނެވެ.

"ޤުލް..." ޤުލްމާ އަރައި ހަމަކޮށްލަމުން މިސްބާހު ގޮވައިލިއެވެ. ޤުލްމާގެ އަތްފައި ހުއްޓުންއެރިއެވެ. އަވަސް ގޮތަކަށް ކައިރީގައިހުރި މިސްބާހަށް ބަލައިލިއެވެ. ހަމަ އެސިކުންތުކޮޅުތެރޭ މޫނު ފޮރުވައިލިއެވެ. މާލޭގެ ދުވާރަކީ ދުންޖަހާފައި ދުވެފައިދެވޭނެ މާބޮޑު ޖާގައެއްނެތް ތަނެއްކަމުން ޤުލްމާއަށްވެސް ޖެހުނީ އާދައިގެ ވަރަކަށް ހިނގާލާފައިދާށެވެ. އަނެއްކޮޅުން މަގުމަތީގައި މީހުންވެސް ގިނަވަގުތެވެ.

"ޤުލްމާ ކީއްވެ މަ އިގްނޯ ތިކުރަނީ؟" މިސްބާހަށް ކެތްވާގޮތެއްނުވިއެވެ. ހިތުގައި އޮތް ސުވާލު ވެސް ކޮށްލެވުނެވެ. ޤުލްމާ ކުރިއަށް ހިނގަމުންދިޔައެވެ. އޭނަގެ ދެލޯ ފެންކަޅިކޮށްލިއެވެ. މިސްބާހާއި ދޭތެރޭ ކަންތައްކުރެވެމުންދާ ގޮތުން އޭނަ ދެރަވާވަރު މޫނާއި އަމަލުތަކުންވެސް ފެންނަމުންދިޔައެވެ. ދެއަތް ކުރިމައްޗަށްލަމުން ހިންދުރުވައިލިއެވެ. މަގުމަތީގައި ކަރުނަ އޮއްސާލާކަށް ޤުލްމާ ބޭނުން ނުވާކަހަލައެވެ. ހިތަށް އަޅަމުންދާ ވޭނާއެކުވެސް ޤުލްމާ ދިޔައީހިތްވަރުކުރަމުންނެވެ.

"ޤުލްމާ ކޮންމެވެސް ކަމެއް ސިއްރުކުރާކަށް މަށަށް އެނގޭ. ވީގޮތެއްނުބުނެ ދުރަށްދާން ތިއުޅޭ ސަބަބެއްވެސް ބުނެލިނަމަ. ޤުލްމާދެކެ މަ ވަރަށްލޯބިވޭ. މަ ޤުލްމާއާ ދޭތެރޭ ކޮންގޮތަކަށް ކަންތައްކޮށްގެން ތިހެން ތި ހަދަނީ. މަ ޤަބޫލުކުރަން ޤުލްމާ މަށާ ދޭތެރޭ ގަޔާނުވާކަންވެސް. އެކަމަކުވެސް މަ ބޭނުންވަނީ ރީޒަންއެއް. އެންމެ ފަހަރަކުވެސް ޖަވާބެއްދީބަލަ. އޭރުން މަ ދުވަހަކުވެސް ޤުލްމާއަށް އުނދަގުލެއް ނުކުރާނަން.." މިސްބާހުގެ އެތެރެހަށި ރޮއްވައިލިއެވެ. ހިތް ކުދިކުދިވިއެވެ.

"ގުލްމާ.." މިސްބާހު އޭނަގެ ފަހަތުން އާދޭސްކުރަމުން ހިނގަނީއެވެ. ޤުލްމާ ވާހަކައެއް ނުދައްކައެވެ. އިސްޖަހައިގެން ހިނގަމުންދިޔައެވެ. އޭނަގެ ލޮލުން އެންމެ ފަހުން ކަރުނަ ހިލިގަތެވެ. ވަކި ހިސާބަކަށްދެވުމުން ޤުލްމާ މަޑުޖެހުނެވެ.

"މިރޭ މަ ގުޅާނަން.." ޤުލްމާގެ ދުލުން ބުނެލީ އެހާވަރަށެވެ. ބާރުބާރަށް ހިނގައިގަތީ މިސްބާހާއި ކުރިމަތިލާން ނުކެރިގެންނެވެ. އޭނަ ލޮލުކޮޅަށް ގެއްލެންދެން މިސްބާހު ހުއްޓެވެ. ހަދާނެ ގޮތެއްވެސް ނޭންގުނެވެ.

އެދުވަހު ޑިއުޓީވެސް ކެންސަލްކޮށްލީވެސް ހިތަށް ކުރި ފުން އަސަރުތަކާހެދިގެންނެވެ. ގޭގައިވެސް ހުންނާކަށް މިސްބާހު ބޭނުމެއްނުވިއެވެ. އެކަނިވެލަން އެންމެ ރަނގަޅު ކަމަކަށްފެނުނީ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ގޮސް އެތަނުގައި އެކަނި އޮންނާށެވެ. އެހެން ނަމަވެސް އޭގެ ފަހަތުގައިވެސް ސިއްރުތަކެއްހުއްޓެވެ. ޤުލްމާ ގުޅާނެ ވާހަކަ ބުނުމުން އެކަހެރިކޮށް ބައްދަލުކޮށްލަން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ. ނުބައި ނިޔަތެއް ހިތުގައި އޮވެގެނެއްނޫނެވެ. ބޭނުމަކީ ޤުލްމާގެ ހިތި ސިއްރަކީ އޮޅުންފިލުވުމެވެ.

އެރޭ ޤުލްމާ ގުޅީ ގާތްގަނޑަކަށް އަށެއްވެސް ޖަހާ ބޮޑުވިފަހުންނެވެ. އޭރުވެސް މިސްބާހު އޮތީ އެކޮޓަރިތެރޭގައެވެ. ގެސްޓުހައުސެއްގެ ތެރޭގައެވެ. މިސްބާހު އޮތްތަންވެސް ޤުލްމާގާތު ބުންޏެވެ. ޤުލްމާ އިންކާރެއްނުކުރިއެވެ. ވީ އެންމެ އަވަހަކަށް އެތަނަކަށް ދިއުމަށް އެއްބަސްވިއެވެ.

"ވަދޭ.." ޤުލްމާ ހުރީ އެކޮޓަރީގެ ދޮރުމަތީގައެވެ. މިސްބާހު ހުރީ އުފަލަކުންނޫނެވެ. ޤުލްމާ ކަމެއް ސިއްރުކުރާކަށް އެއީ މިސްބާހަށް އެނގޭ ކަމެކެވެ. ނޭންގެނީ އެ ސިއްރަކީ ކޮބައިކަމެވެ. ޤުލްމާ އިސްޖަހާލައިގެން ކޮޓަރިއަށްވަނެވެ. މިސްބާހު ދޮރުލައްޕައިލިއެވެ. އެތެރެއިން ތަންޑުވެސް އެޅިއެވެ. ވާހަކަ ދެއްކުމުގެ ބަދަލުގައި މިސްބާހު ގޮސް އެނދުގެ މަގަތުގައި އިށީނެވެ. ޤުލްމާވެސް އަމިއްލައަށް ފެނިގެން އެނދުކައިރީގައި މަޑުޖެހިލަމުން ފޫޓެއްހާ ދުރުމިނަށްވާގޮތަށް އެނދުގެ މަގަތުގައި އިށީންނެވެ. ދެއަތް އުނގުމަތީގައި މަޑުމަޑުން ބާއްވައިލިއެވެ.

މިސްބާހު ވާހަކައެއް ނުދައްކައެވެ. ދެމީހުންގެ ދޭތެރޭގައި ވަނީ ގޮތްނޭންގޭ ހަމަހިމޭން ފާރެއްލެވިފައެވެ. މިސްބާހު އެނދުގެ ބިށްދަށަށް ޖެހިލަމުން އެނދުގައި އޮށޯވެލިއެވެ. ޤުލްމާވެސް އިރުކޮޅަކު އެހެން އިނުމަށްފަހު އެނދުގެ އަނެއްފަރާތުގައި ބުރަކަށި ޖައްސައިލިއެވެ. ވާންއުޅޭ ގޮތެއް، ވާންވީ ކިހިނެއްކަމެއް، ދައްކަންވީ ކޮން ވާހަކައެއްކަމެއް، އެތަނަށް އައުމުގެ ބޭނުމެއް ޚުދު އެއްވެސް މީހަކަށް ނޭންގޭކަހަލައެވެ.

ދެމީހުންވެސް ދެފަރާތަށް މޫނުލައިގެން ތިއްބާ ނިދުނީއެވެ. އިރުކޮޅެއްނުވެ މިސްބާހަށް ހޭލެވުނެވެ. ޤުލްމާ އޮތީ ވަރަށް އަރާމުކޮށް ނިދާލާފައެވެ. ހީވަނީ ވަރަށް ދުވަސްވަންދެން ނުނިދާ ހުރެފައި އަރާމުކޮށް ނިދާލެވުނީހެންނެވެ. ޤުލްމާގެ މޫނަށް ބަލަން އޮތުމަށްފަހު ތެދުވަން އުޅުނު ވަގުތު ޤުލްމާގެ ފޯނަށް މިސްބާހުގެ ދެލޯ ހުއްޓެވެ. ޤުލްމާއަށް ބަލައިލަމުން ފޯނާއި ދިމާއަށް އަތްދިކޮށްލިއެވެ.

"ނޫން. މިކުރެވެނީ ރަނގަޅުކަމެއްނޫން. ޤުލްމާ އަކީ ބޭވަފާތެރިއެއްނޫން..." މިސްބާހުގެ ހިތް އެކަމަށް އިންކާރުކުރިއެވެ. އެހެނަސް ސިކުނޑި އެދެމުންދިޔައީ ފޯނަށެވެ. އެފޯނުނެގުމަށެވެ. އޭގައި ހުރި އެއްޗެއް އަތްފުނާ އެޅުމަށެވެ. ހިތާއި ދެކޮޅަށް ސިކުނޑި އިސްވެ ވެރިވެގަތެވެ. އެންމެފަހުން ފޯނުވެސް ނެގިއެވެ. އެފޯނުގެ ޕާސްވޯޑަކީ މިސްބާހަށް ނޭންގޭ އެއްޗަކަށް ނުވިކަމީ އޭނަގެ ނަޞީބެވެ. ފަހަރުގައި ޤުލްމާގެ ބަދުނަޞީބެކެވެ.

ފޯނު ނަގައި ބާލީސްމަތީގައި ހަމަޖެހުނެވެ. ފުރަތަމަވެސް މިސްބާހުގެ އަމާޒަކަށްވީ ސްނެޕްޗެޓެވެ. ސްނެޕްޗެޓު ހުޅުވާލުމާއެކު ލޮލަށް ސަވާރުވީ ފަވާޒުގެ ނަމެވެ. އެނަމަށްވަނީ ރަތް ހިތްވެސް އަރާފައެވެ. އެހާ ހިސާބުން އެމީހަކީ ޤުލްމާގެ ޚަޔާތަށް ވަރަށްވެސް މުހިއްމު މީހެއްކަން އޭނަގެ ބުއްދިއަށް ވިސްނައިލެވުނެވެ. ޤުލްމާއަށް ބަލައިލަމުން ފަވާޒުގެ އެ ޗެޓުލޮގެއް ހުޅުވާލަށް އޭނަ އަވަސްވެގަތެވެ.

މިސްބާހުގެ ދެލޯ ތަރަތަރަޖަހައިގެންދިޔައީ ޤުލްމާ އާއި ފަވާޒު ދައްކާފައިވާ ވާހަކަތަކެވެ. ޤުލްމާ ހުރީ އެވާހަކަތަކަށް ޗެޓުގައި ރައްކާވެސްކޮށްލާފައެވެ. މިސްބާހު ފެށިގެން ޗެޓްލޮގު ކިޔަންފެށިއެވެ. ހިތަށް ދުނި ތީރުތައް ހެރެމުން ހިތް ވިރެމުންދިޔައެވެ. ދައްކާފައިވަނީ މުޅިންވެސް ލޯބީގެ ވާހަކަތަކެވެ. މިސްބާހުގެ ރަނގަޅު ވާހަކަތަކެވެ.

"ފަވާ. ޤުލް ވަރަށް ލައިކުވޭ މިސްބާހަށް. އެކަމަކު މިސްބާހުދެކެ ލޯތްބެއްނުވުނު.." މިސްބާހުގެ ދެލޯ ކަރުނުންފުރުނެވެ. އެހާ ހިސާބުންވެސް ޤުލްމާ ލޯބިވާ ފަރާތަކީ ފަވާޒުކަން ފަހުމްވެގެންދިޔައެވެ. "މަ ލޯބިވަނީ ފަވާދެކެ. ފަވާކޮންމެ ގޮތަކަށް އަހަރެންނާއި ދޭތެރޭ ކަންތައްކުރި ނަމަވެސް ފަވާ ދެކެ ފޫއްސެއްނުވި. އެނގޭ ފަވާވެސް މަދެކެ ލޯބިވާކަން. ކޮންމެ އިންސާނަކަށްވެސް ކުށެއް ކުރެވިދާނެ. މަ ބޭނުމެއްނޫން މިސްބާހު ދެރަކޮށްލާކަށް. މިސްބާހަކީ ވަރަށް މާތް އިންސާނެއް. އޭނަވަރުގެ މީހަކު ނުލިބޭނެކަންވެސް މަ ޤަބޫލުކުރަން. އެކަމަކު ލޯބިވޭތޯ ކުރި މަސައްކަތް ބޭކާރުވެއްޖެ. އަހަރެން ލޯބިވަނީ ހަމަ އެކަނި ފަވާދެކެ. އެކަމަކު އެފަކީރު ހިތް ހަލާކުކޮށްލާފަ ކިހިނެއް..." ޤުލްމާގެ މެސެޖުތައް އެހާމެ އަސަރުގަދައެވެ. މިސްބާހުގެ ހިތްފަޅާއިގެންދިޔައެވެ. ޤުލްމާގެ ސިއްރުތައް ފަޅާއި އެރީ އޭނަގެ ފޯނުންނެވެ. މިސްބާހު ފޯނު ދުރުގައި ބާއްވައިލިއެވެ. އޭރުވެސް އޭނަގެ ދެލޮލުން ކަރުނަ ފައިބަމުންދިޔައެވެ. އިރުކޮޅެއްނުވެ ޤުލްމާ ދެލޯހުޅުވައިލިއެވެ. މިސްބާހަސް ބަލައިލެވުނީ އޭނަ ނިދާފައި އޮތްކަމަށް ހީކޮށްގެންނެވެ. މިސްބާހު އަވަސް އަވަހަށް ކަރުނަތައް ފޮހެލިއެވެ. މިސްބާހުގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާން އުޅޭހެންނެވެ.

"ފެނިއްޖެ. އެނގޭ ޤުލް މަދެކެ ލޯބިނުވާކަން.." މިސްބާހު ވާހަކަ ދައްކަންފެށިއެވެ. އޭނަގެ އަޑުވެސްވަނީ ކުރެހިފައެވެ. ޤުލްމާއަސް ބުނާނެ އެއްޗެއްވެސް ނޭންގުނެވެ. ފޯނާއި ދިމާއަށް ބަލައިލެވުނީވެސް ގަސްތަކާނުލައެވެ. އެހާ ހިސާބުން ކަންތައް ފަޅާ އަރައިފިކަން ޤުލްމާއަށް ރޭކާލިއެވެ.

"ސޮރީ މިސްބާހު. މަ ލޯބިވަނީ ފަ..."

"ހުރިހާކަމެއްވެސް އެނގޭ. ޤުލްމާ ލޯބިވަނީ ފަވާޒުދެކެ. އެހެންވެ ދޯ ޤުލްމާ ތިހެން ކަންތައްކުރަމުންގެންދިޔައީ.. އިޓްސް އޯކޭ.." ހިތަށް ފުން އަސަރުތަކެއް ކުރަމުންދިޔަ ނަމަވެސް މޫނުމަތިން ހިނިތުންވުމެއް ފައުޅުކޮށްލިއެވެ. ޤުލްމާ އުފަލުގައި ހުރުމަކީ މިސްބާހު ބޭނުންވިގޮތެވެ.

"މިސްބާހު.." ޤުލްމާގެ ދެލޮލުން ކަރުނަ އޮހިގަތެވެ. މިސްބާހު ދެރަވާނެވަރު އޭނައަށްވެސް އެނގުނެވެ.

"ނޫން ޤުލް. ޤުލް އުފަލުގައި ހުރުމަކީ އަހަރެން ބޭނުންވާގޮތް. ފަވާ ދެކެ ލޯބިވާނަމަ ފަވާއެކުގައި އުޅެންދޭ. އެކަމަކު މިސްބާހަކީ އަބަދުވެސް ޤުލްގެ އެކުވެރިއެއްގެ ގޮތުގައި ބަހައްޓާއިދޭނެކަމަށް އުއްމީދުކުރަން.." މިސްބާހު ހެވިލާފައި ވާހަކަދެއްކިއެވެ. ޤުލްމާގެ ހިތުގައިޖެހުނެވެ. ދެރަވި ނަމަވެސް ދެން ކުރާނެ އިތުރު އެއްވެސްކަމެއްނެތެވެ. މިސްބާހަކީ ޤުލްމާ ހީކުރިވަރަށްވުރެއްވެސް މާތް، ކެތްތެރި އިންސާނެކެވެ.

"ޤުލްގެ އުފާވެރިކަމަށް ހުރަސްއަޅާކަށް މަ ބޭނުމެއްނޫން. މަ ބޭނުންވަނީވެސް ޤުލް އުފަލުގައި ހުރުން." މިސްބާހު ވާޙަކަ ދައްކަމުންދިޔައި ހިތްމަތީގައި ހިލައެއް ބާއްވާލައިގެންފަދަ ގޮތަކަށެވެ. ރިހުން ގަދަވިނަމަވެސް ތުންފަތަށް ވެރިވެފައިވަނީ އުފާވެރި ހިނިތުންވުމެކެވެ.

"ދެން މިސްބާހު ޔޯ.." ޤުލްމާއަށްވެސް ގޮތެއް ނިނންމަން އުދަގޫވިއެވެ.

"މަ އޯކޭ ހަމަ.." އިތުރަކަށް މިސްބާހު ވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ. އެނދުން ފައިބައިގެން ޤުލްމާގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުތެވެ. ދެމީހުން އެކުގައި ގެސްޓުހައުސްގެ ދޮރުމައްޗަށް ނުކުތްއިރުވެސް އެއްވެސް ވާހަކައެއްނުދައްކައެވެ. މިސްބާހުގެ ހިތް ފުނޑެމުންދިޔައެވެ. މަގުމަތިންދިޔަ ކާރެއް ހުއްޓުވައި، ޤުލްމާ ކާރުގައި ގޮސް އޮބާލަންދެން މިސްބާހު ހުރީ ކެތްކޮށްލައިގެންނެވެ. ކާރުގޮސް އޮބާލުމާއެކު މިސްބާހުގެ ހިތްފަޅައިގެންދިޔައެވެ. އަވަސް އަވަހަށް ގެސްޓުހައުސްގެ އެތެރެއަށްވަނީ ކަރުނަތައް ހުސްކޮށްލަންބޭނުންވެގެންނެވެ.

އެވަރުންވެސް މިސްބާހުގެ ހިތަށް ލުޔެއް ލިބޭގޮތެއްނުވިއެވެ. ލުޤުމާނަށް ގުޅައިގެން އެގެއަށްގޮސްވެސް ރުއީއެވެ. ފިރިހެނެއްކަމަކު ކެތްކުރެވޭނީ ވަކި ހުދޫދެއްގައެވެ. އެންމެ ތުއްތު އިރުއްސުރެއް ފެށިގެން ބޮޑުވެ ތަޞައްރަފު ފުދިގެން އެދަނީ ހަކްލާގެ ނިކަމެތި ޙާލުގައެވެ.

"ވާވަރުވެއްޖެ މިސްބާހު. ކޮންމެ ފަހަރަކު ތިހެން މާ ހެޔޮއެދިގެން އުޅެގެން ލިބުނު އިނާމެއް އެބޮތްތަ.؟ ރޯނެކަމެއްނެތް. ކޮން ރަޙްމަތްތެރިކަމެއް. ގުޅުން ކަނޑާލާ. ނިކަން ހިތްވަރުގަދަ ފިރިހެނަކަށްވެބަލަ. އެމީހުން ދެރަ ދިނީމާ ރޯންވީ ކީއްކުރަން. މިއުޅޭ އަންހެން އާލާތުންގެ ވައްތަރު. މިއޮތީ ވާ ޖީލެއް ދައްކަވާފަ. ލޯބިވެޔޭ ކިޔައިގެން ހިތާވަނީ. ހިތާވާފަހުން ހަޤީޤީ ލޯބިވަނީ. ކައިވެނީގެ ފަހުން ހެޔޮލަފާ ފިރިއެއް ހުއްޓާ ހިލޭ ފިރިހެނުން ކަމުދަނީ. ވަފާތެރި އަތްބެއް ހޯދާފަ ދަރިން ލިބުނީމަ ދެން މިއެނގެނީ ތޮޅިމިރުހެއްކަހަލަ އަންހެނެކޭ ރަނގަޅުވާނީ. މިއޮތީ ވާ ޒަމާނެއް. މިކެހިވެރި ދުނިޔޭގެ ނިކަމެތިކަން މި މީހުންނަށް ވިސްނޭނީ ކޮންދުވަހަކުންބާއޭ ހިތަށް އަރާ..." ލުޤުމާނު ރުޅި އައިސް ރަތްވިއެވެ.

"ދެން ވާވަރުވެއްޖެ. މަދެން މިހެން އެއްވެސް މީހަކާ ހެދި ނޫޅޭނަން. މި ނިމުނީ..."

=ނުނިމޭ=

ހަލްކާގެ ފަހު އެޕިސޯޑަށް އިންތިޒާރުކޮށްލައްވާ..

 1. Avatar
  moderated

  ނޯ ….. 😟😟 ދިސް ކާންޓް ބީ ފިނިޝްޑް. ޔޫ ބުނި ޝިމާލް އަށް ވެސް ކަމެއް ވާ ވާހަކަ.

 2. Avatar
  moderated

  ޙައްގު ވިޔަސް ސީޒަން 2

 3. Avatar
  moderated

  ފަހު އެޕިސޯޑް . ނޫން 😭

 4. Avatar
  moderated

  މިސްބާހުގެ އުޅުން އިސްލާހު ވާނެބާ ނިމޭއިރުވެސް. މިސްބާހަށް ހެޔޮ ވިސްނުން ދެއްވާށި. އާމީން

  1. Avatar
   moderated

   ކޮންތާކު އޭނާ އަދިވެސް އުޅެނީ އެހެން..

 5. Avatar
  moderated

  ޝިމާލަށް ވީ ކިހިނެތްހޭ
  ހަށި ވާހަކައިގެ ފުރަތަމަ 32ބައި ކޮބާހޭ

 6. Avatar
  moderated

  ތި ނިންްމާލަަނީތަ އަަސޫ…

 7. Avatar
  moderated

  އިތުބާރު ހިފޭ ވަރަށް މޮޅު ލިޔުންތެރިއެއް! މި ވާހަކަ މިހާތަނަށް ނެރުނު ބައިތައް މި ކިޔާލީ ވަރަށް ޝައުގުވެރި ކަމާ އެކީ! ތިގޮތުގަކުރިއަށް ދާތި! ބެސްޓް އޮފް ލަކް! ❤️

 8. Avatar
  moderated

  ɪ ʟᴏᴠᴇ ᴛᴏ ʀᴇᴀᴅ ᴛʜɪꜱ ꜱᴛᴏʀʏ, ᴛʜᴇ ᴘʟᴏᴛꜱ, ᴛʜᴇ ꜱᴛᴏʀʏ ᴀɴᴅ ᴀʟʟ.. ꜱᴏ ɢʀᴇᴀᴛ.. ᴀ ɢᴏᴏᴅ ᴍᴏʀᴀʟ ꜱᴛᴏʀʏ… ꜱᴀᴅ ᴛʜᴀᴛ ᴛʜɪꜱ ꜱᴛᴏʀʏ ɪꜱ ꜰɪɴɪꜱʜɪɴɢ.. ʟᴏᴠᴇ ʏᴏᴜʀ ꜱᴛᴏʀɪᴇꜱ ᴀꜱʟᴀᴍ

 9. Avatar
  moderated

  ވާހަކައިގެ ފަހު ބައި އަންނަލެއް ހާދަ ލަހޭ

ޚިޔާލު ފޮނުއްވާ