Views: 1657 69

ސިޑިމަތީގައި އޮތް ލެއިން ތަތްތެޅިފައިވާ ހަނީފްގެ ހަށިގަނޑު ފެނިފައި އިރުކޮޅަކު ގަބުވެފައި އިނުމަށްފަހު އާލިމާ ފުލުހަށް ގުޅިއެވެ.
ފުލުހުން އައީ އިރުކޮޅެއް ފަހުންނެވެ. އޭރު އެއިމާރާތުގައި އުޅޭ އެހެން މީހުންވެސް ވަނީ އެތަނަށް ޖަމާވެފައެވެ. ފުލުހުން އައިސް "ކްރައިމް ސީން" ޓޭޕް ދަމާލުމަށް ފަހު ތަހުގީގުގެ މަސައްކަތް ފެށިއެވެ. ހަނީފްގެ ބަނޑަށް ތޫނު އެއްޗަކުން ވަނީ ހަމަލާ ދީފައެވެ. ނަމަވެސް އެފަދަ ތޫނު ހަތިޔާރެއް އެސަރަހައްދަކުން ފެންނާކަށް ނެތެވެ. ހަނީފްގެ ބޮލުގެ ފުއްކިބައިން ބޮޑުތަނެއް ވަނީ ފަޅައިގެންވެސް ގޮސްފައެވެ. ހީވަނީ މީހަކު ވަރަށް ބާރަށް ހަނީފް ކޮއްޕާލުމުން އައިސް ފާރުގައި ޖެހިފައި ހުރިހެނެވެ. މަރުގެ ސަބަބު ހޯދުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ހަނީފްގެ ހަށިގަނޑު ހޮސްޕިޓަލްއަށް ފޮނުވައިލެވުނެވެ.
"ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް ކޮންވަގުތަކުތަ؟" ސިޓިންގް ރޫމްގެ ސޯފާގައި ރޮވިގެން ގިސްލެވިފާ އިން އާލިމާއާ އިންސްޕެކްޓަރ ނިއަމް ސުވާލުކޮށްލިއެވެ. އެއާއެކު އާލިމާގެ ގިސްލެވުމާ ރުއިމުގެ އަޑު ވީ އިތުރަށް ބާރެވެ. ނަމަވެސް ކުރަކިވެފައިވާ އަޑަކުން ތުރުތުރުލާ ހާލުވެސް އާލިމާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. "އަހަރެންނަށް މިއަދު ހޭލެވުނީވެސް ވަރަށް ލަސްވީފަހުން. ގާތްގަނޑަކަށް 10 ޖެހިއިރު އަހަރެން އައިސް އެޕާޓުމެންޓުގެ ދޮރު ހުޅުވައިލިއިރު ފެނުނީ ހަނީފްގެ ހަށިގަނޑު އެތަނަށް ވެއްޓިފާ އޮއްވަ. އަހަރެންނަށް އެވަގުތު ވީ ގޮތެއް ބުނަންވެސް ނޭނގޭ. ހީވީ މޭގަނޑު އަނގަޔަށް އައިހެން." އެހިސާބަށް ކިޔައިދެވުނުތަނާ އަނެއްކާވެސް އާލިމާ އަޑުން އަޑުނަގާ ރޯން ފެށިއެވެ. ނިއަމް އަނެއްކާވެސް ސުވާލުކޮއްލިއެވެ. "މިގޭގަ އެހެން މީހަކު ނޫޅޭތަ؟" އާލިމާގެ އަޑު ބެދެމުން ދިޔައިރުވެސް އެސުވާލަށް ޖަވާބުދޭން އޭނަ ބޭނުންވިއެވެ. "މި ފްލޯގައެއް ނޫޅޭނެ. ހަނީފްގެ ދުވަނަ އަނބި ޝާއިރާ އުޅޭނީ މީގެ މަތީ ފްލޯގަ." އާލިމާގެ އެޖަވާބާ ގުޅިގެން ނިއަމްގެ ހިތުގައި އިތުރު ސުވާލުތައް އުފެދުނެވެ. "ރޭގަ ހަނީފް ނިދަން ދިޔައީ ޝާއިރާ ގާތަށްތަ؟" "ނޫން. ހަނީފް ބުނެފަ އޮތީ ރޭގަ ނިދިން އަންނާނީ އަހަރެން ކައިރިއަށޭ. އަހަރެން ވަރަށް އިންތިޒާރުވެސް ކުރިން. ރޭގަ ޕާޓީ އޮތީމަ އާދެވޭނީ 11 ޖަހާއިރު އޭ ބުނެފަ އޮތީމަ އަހަރެން ވެސް އޮތިން ނުނިދާ. 12 ޖަހަންދެން އޮވެފަ ނިދީ. އެޕާޓީއަށްވެސް ދިޔައީ އެ ޝާއިރާއާ އެއްކޮށް. ޔަޤީން މީ އެޝާއިރާގެ ކަމެއްކަން. ތިމީހުންނަށް ކަމެއް ކުރެވެންޏަ ނިކަން އެނުލަފާ ޝާއިރާގަނޑު ހައްޔަރު ކޮއްފަ ސުވާލުކޮށްބަލަ. މީ އޭނާގެ ނުބައި ނުލަފާ ރޭވުމަކުން ކޮށްފައި އޮތް ކަމަކަށް ނޫނީ ނުވާނެ." އާލިމާ ކުޑަކޮށް ރުޅިވެސް ގަދަވާން ފެށިއެވެ.
"މަގޭ ހަނީފް" އޭ ކިޔައި ރޮއި ހަޅޭއްލަވަމުން ލިފްޓުން ނުކުމެގެން އައި ޝާއިރާ ނިއަމްއަށް ފެނުނީ އެވަގުތުއެވެ. "އާލީމާ އަހަރެން ކަލޭ މިފަހަރު ދޫކޮށެއް ނުލާނަން. އަހަރެން ކަލޭ މަރާލާނަން މިހިރަ ނުލަފާ އަންހެނާ. މަ ހަނީފްގެ ދަރިއަކަށް ބަލިވެއިނދެފަ ކަލޭ ތިޔައީ ދަރިން ނުލިބޭ މީހަކަށް ވީމަ އެކަމުގެ ހަސަދައެންނު ތިފިލުވައިލީ." މިހެންގޮވާ ހަޅޭއްލަވަމުން ގޮސް ޝާއިރާ ދިމާކޮށްލީ އާލިމާގެ ކަރުގައި ހިފާށެވެ. ނަމަވެސް އެވަގުތު އެތާނގައިތިބި އަންހެން ދެ ފުލުހުން އޭނަ ހިފެހެއްޓިއެވެ. "ތީ ކާކު؟ ކިހިނެއް ވެގެން ތިއުޅެނީ؟ ނުފެނޭތަ މިތާނގައި ފުލުހުން އުޅޭ ތަނެއް؟" ޝާއިރާގެ ހަރަކާތްތައް ފެނިފައި ނިއަމް ހަމަ ރަނގަޅަށް އާޝޯޚުވިއެވެ. "އަހަރެންނަކީ ހަނީފްގެ ހަގު އަނބި. އަހަރެން މިހިރަ ފެންނަ އާލިމާއަށްވުރެ ޒުވާން ވެފަ ރީތި ވީމަ ހަނީފް އަހަރެންދެކެ އޭނަގެ ދޮށީ އަނބިދެކެ ވާއަށް ވުރެ މާބޮޑަށް ލޯބިވާނެ. އެކަމާ މިހިރަ ފުރޭތަ ހުންނަނީ އަބަދުވެސް ވަރަށް ޖޭ ވެފަ. އެންމެފަހުން މަ ބަނޑުބޮޑުކަން އެނގުނީމަ ނުހުރެވުނެންނު އަތްފައި މަޑުންލައިގެން." ޝާއިރާގެ ރުޅި ދިޔައީ އުތުރި އަރަމުންނެވެ. "ރުޅި މަޑުކޮށްފާ ހިނގާ މަށާއެކު" ނިއަމް ހިނގައިގަތީ ޝާއިރާ އުޅޭ ފަންގިފިލާއަށް ދިއުމަށެވެ. އޭނާގެ ފަހަތުން ޝާއިރާ ކޮށްޕާ ގަޅުވަމުން ކަހަލަ ގޮތަކަށް އެތަނުން އަންހެން ފުލުހެއްވެސް ހިނގައިގަތެވެ.
ޝާއިރާގެ އެޕާޓްމެންޓަށް ވަދެވުމާއެއްކޮށް އެތަން ބަލައި ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުން ފެށިއެވެ. ނިއަމް ގެންދިޔައީ ޝާއިރާއާ ސުވާލުކުރަމުންނެވެ. "ރޭގެ ޕާޓީ ނިމުނީ ކިހާއިރަކު؟" ސޯފާގައި އިށީންނަމުން ނިއަމް އެއްސެވެ. "ރޭގަ ޕާޓީ މާ ދިގުވާތީ 10 ޖަހާލިހާއިރު އަހަރެން ކުޑަކޮށް ބޮލުގައިވެސް ރިއްސާތީ ހަނީފް ގާތު ބުނެފަ އަހަރެން އައީ ގެއަށް. އަހަރެންނަކަށް ނޭނގޭ ޕާޓީ ނިމުން އިރެއް. ހަނީފް ބުނެފަ އޮތީ ރޭގަ ޕާޓީ ނިންމާފަ ނިދަން ދާނީ އާލިމާ ކައިރިއަށޭ. އެހެންވެ ދެން އަހަރެން އަޅާވެސް ނުލަން. އެހެން ނޫނަސް އަހަރެން މީ ހަނީފަށް ފާރަލާ މީހެއް ނޫން. އަހަރެން ގެއަށް އައި ގޮތަށް ނިދީ. ހެނދުނު ހޭލައިގެން އަހަރެން ދިޔައީ ޑޮކްޓަރަށް ދައްކަން. ހަނީފްގެ މަރުގެ ޚަބަރު އަހަރެންނަށް ލިބުނީ ނައުޝާދު ގުޅާފަ ބުނީމަ." "އަނެއްކާ ތި ނައުޝާދަކީ ކާކު؟" ނިއަމްގެ މޫނުމަތީގައިވަނީ ސުވާލުމާކުތަކެކެވެ. "އެއީ ހަނީފްގެ އެންމެ ގާތުގައި މަސައްކަތްކުރާ މުވައްޒަފް."
ޝާއިރާ ކައިރިން އަހައި ނައުޝާދުގެ އެޑްރެސް ހޯދައިގެން ނިއަމް ދެން ދިޔައީ އެގެއަށެވެ. "ރޭގެ ޕާޓީ ނިމުނީ ކޮން އިރަކު؟" ނިއަމް ނައުޝާދާވެސް ފުރަތަމަ ކޮށްލީ ހަމަ އެއްސުވާލެކެވެ. "އަޅުގަނޑަކަށް ނޭނގޭ." ނައުޝާދު ވާހަކަ ދެއްކީ ވަރަށް އަދަބުވެރިކަމާއެކުގައެވެ. "ޕާޓީއަށް ނުދަންތަ؟" "ނޫން. އެކަމަކު ވަރަށް އަވަހަށް ގެއަށް އައިސްފިން" ނައުޝާދުގެ މޫނުމަތިން ފެންނަނީ ޖެހިލުންވުމުގެ ކުލަވަރެވެ. ނިއަމް ގެންދިޔައީ ސުވާލަކަށް ފަހު ސުވާލެއް ކުރަމުންނެވެ. "ޝާއިރާ ޕާޓީއިން ނުކުތް އިރެއް އެނގޭތަ؟" "ލައްބަ. ޝާއިރާ މެޑަމް ބޮލުގަ ރިއްސާތީ ގެއަށް ދާން ނުކުތް ވަގުތަކީ އަޅުގަނޑުވެސް ގެއަށް އަންނަން ނުކުތް ވަގުތު. އެހެންވެ އަޅުގަނޑު ގެއަށް އައި މަގުމަތީ މެޑަމް ޑްރޮޕް ކޮށްލާފަ އައީ" ނިއަމް ކުރަމުން ގެންދިޔަ ސުވާލުތަކަށް ވަރަށް މަޑުމައިތިރިކަމާއެކު ނައުޝާދު ގެންދިޔައީ ޖަވާބު ދެމުންނެވެ. " ޝާއިރާ ބުނި އެނައަށް ހިނީފްގެ މަރުގެ ޚަބަރު ދިނީވެސް ނައުޝާދުއޭ. ކިހިނެއް ނައުޝާދުއަށް އެނގުނީ ހަނީފް މަރުވެގެން އުޅޭކަން؟" "އަސްލު އަޅުގަނޑު މިއަދު ހެނދުނު އޮފީހަށް ގޮސްފަ ސަރ ނައިސްގެން ގުޅީ ސަރ ފޯނަށް. ސަރ ފޯން ނުނެގުމުން ގުޅީ ޝާއިރާ މެޑަމް ފޯނަށް. ދެން މެޑަމް ވެސް ބުނީ މެޑަމްއަކަށް ނޭނގެޔޭ ސަރ ވީތަނެއް. އެހެންވެ ދެން ގުޅީ އަނަންދުއަށް ސަރ އުޅެނީ ފިހާރައިގަތޯ ބަލަން. އެހިސާބުން އަދި އަނަންދު ބުނީމަ އެނގުނީ ސަރ ނިޔާވެގެން އުޅޭކަން." ނައުޝާދުގެ ވާހަކަ މިހިސާބަށް ދިޔަތަނުން ނިއަމްގެ ފޯނު ރިންގުވާން ފެށިއެވެ. ނިއަމް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. "ސަރ" އެކޮޅުން ވާހަކަ ދެއްކީ ފުލުހެކެވެ. "ސަރ ވަރަށް އަވަހަށް ހޮސްޕިޓަލަށް ދުރުވެވިދާނެތޯ؟ ޝާއިރާ އަމިއްލައަށް މަރުވާން އުޅެނިކޮށް މިހާރު މިގެންދިޔައީ ހޮސްޕިޓަލަށް. އަޅުގަނޑުމެން އެގޭތެރޭ ތަހުގީގުކުރަން އުޅެނިކޮށް ފެނުނީ ޝާއިރާ އަތުގައި ވަޅި އަޅަނިކޮށް"

  1. Avatar
    moderated

    މީ ހަމަ ވ ރީތި ވާހަކައެއް
    އެކަމަކު މާއަވަހަށް ކަންތައްތައް ދިމާވަނީ ތަންކޮޅެއް ތަފްސީލު ކޮށްލީމަ މިއަށް ވުރެ ރީތިވާނެ ހެންހީވަނީ

ޚިޔާލު ފޮނުއްވާ