Views: 4451 113

"މާދަމާ ހަވީރު ނުހައިކް މެންގެއަށް ދާންކަމަށް މަންމަ މި ވިސްނަނީ.. މާމަ ވެސް ދާނެ.. ދަރިފުޅުވެސް އޭރަށްވާއިރަށް ތައްޔާރުވެގެން ހުންނައްޗޭ.. އިތުރަށް އެންމެ ދުވަހެއްވެސް ލަސްކުރާކަށް މަންމަ ބޭނުމެއްނޫން.." ޝަޔަމްގެ މުއުސޫމުކަމުން ފުރިގެންވި މޫނުގައި އަތުން ފިރުމައިލަމުން ލޯތްބާއެކު ސައިނާ ބުނެލިއެވެ. އެވާހަކަތަކުން ސިހިފައި ޝަޔަމްއަށް ސައިނާއަށް ބަލައިލެވުނެވެ. އެއާއެކު އެހިތުގެ ހިނގުން ކުއްލިއަކަށް އަވަސްވެގެން ދިޔައެވެ. ނުހައިކް ދެކިލުމަށްއެދި އޭނާގެ ހިތް ތެޅިފޮޅިގަތީ އޮބިނޯންނަވަރަށެވެ. އޭނާ ފެނުމުން ނުހައިކްއަށްވާނީ ކިހިނެއްބާއޭ އަމިއްލަ ނަފުސާ ތަކުރާރުކޮށް ސުވާލުކޮށްލެވުނެވެ.

ޖިޔާއަށް ޝަޔަމް އާއި ސައިނާ އައިސްގެންއުޅޭކަން އެނގުމުން ރުޅިއައިސްގެންގޮސް މީހާ ކެކިގަތެވެ. އަނެއްކާ ޝަޔަމް އާއި ނުހައިކް އަލުން ގުޅުނީބާވައޭ ހިތަށް އެރިއެވެ. ހިތަށް ވެރިވި ނުތަނަވަސްކަމަކުން އަވަސް އަވަހަށް ޚަބަރު އޮޅުންފިލުވައިލުމުގެ ނިޔަތުގައި އަޒްހަރަށް ގުޅައިލިއެވެ. އަޒްހަރުގެ ފަރާތުން ލިބުނީ މާހިތްހަމަޖެހޭފަދަ ޖަވާބެއްނޫނެވެ. އޭނާގެ ޝަޔަމް ކިޔާ ދަރިއެއްނުހުންނާނޭ ބުނެލީ ނިކަން ހަރުކަށިކޮށެވެ. އަދި ސައިނާއާއި ޝަޔަމްގެ އެއްވެސް ކަމެއްގައި އޮޅިގެންވެސް އޭނާއަށް ގުޅައިގެންނުވާނެކަމަށް އަޒްހަރު ބުނެލިގޮތުން ޖިޔާވެސް ޖެހިލުންވާގޮތްވިއެވެ. އަވަސް އަވަހަށް މައާފަށް އެދެމުން ފޯނު ކަނޑައިލިއެވެ. އިތުރު ހިތްހަމަނުޖެހުމަކާއި ކުރިމަތިލާންޖެހުމުން ޖިޔާގެ މޫޑު ގޯސްވާގޮތްވިއެވެ. ރުޅިއައިސްފައި އެނދުމައްޗަށް ވެއްޓިގަތްއިރު ބޮލުގައިވެސް މަޑު ރިހުމެއްވަނީ އުފެދިފައެވެ. އޭނާގެ ޕްލޭންތައް ނާކާމިޔާބު ވާންވީ އެއްވެސް ސަބަބެއް ވިސްނައި ވިސްނައިވެސް ޖިޔާއަކަށް ނޭނގުނެވެ. ދެން ކުރެވޭނެ އިތުރުކަމެއްވެސް ނެތެވެ. ހުރިހައިކަމެއްގައި އޭނާއަށް އެއްބާރުލުންދީ ހިތްވަރުދޭންހުރި މީހާވެސް އެދިޔައީއެވެ. އެހެނަސް އަޒްހަރަށް އެފަދަ ބޮޑު ބަދަލެއް އަންނަންވީ ސަބަބަކާއިމެދުގައި ޖިޔާ ވިސްނައިލިއެވެ. އަޒްހަރުގެ ވާހަކަތަކުން ހަތަރުއުދަރެސް ފެނުޖެހިފައިވާ މީހަކުފަދައިން ބޮލުގައި ހިފަހައްޓައިލައިގެން ޖިޔާ އޮތެވެ.

*****
ޖެހިގެންއައި ދުވަހުގެ ހެނދުނުގެ ހިތްގައިމު ވަގުތު ބުރަކޮށްލައިގެން ސައިނާ އުޅުނީ މުހުސިނާއާއި އެކުގައި ތަފާތު އެކި ވިޔަފާރިކުރުމުގައެވެ. އޮސްޓްރޭލިއާއިން އެނބުރި އައިއިރު މާގިނަ ހެދުންތަކެއް ސައިނާ ނުގެނެއެވެ. ސައިނާ އާއި އެކުގައި މުހުސިނާ އުޅުނީ އެކިކަންކަމުގައި ގޮތްފާޑު ކިޔުމުގައެވެ. ދެމައިންގެ ޚިޔާލުވެސް ހުރިހައިކަމެއްގައި ނިކަން އެއްގޮތެވެ. ހިތްހަމަޖެހޭވަރަށް ވިޔަފާރިކޮށްލެވުމުން އެނބުރި ގެއަށްއައުމަށް ދަތުުރުފެށިއެވެ. އޭރު ހުރީ މެންދުރުވާން ކައިރިވެފައެވެ. ހަވީރަށް ވާއިރަށް ނިކަން ފުރިހަމައަށް ތައްޔާރުވެލަން ސައިނާ ބޭނުންވެއެވެ. އޭނާ އަންނަމުންއައީ އެދުވަހު ހަވީރު ޝަަޔަމް ލާނެ ރީތި އަބާޔާއަކާއި އެޔާއިގުޅޭނެ ރީތި ޑިޒައިނެއްގެ ޝޯލެއްވެސް ގަނެގެންނެވެ. ހިތަށް ލިބިފައިވި ކުޑަ ހިތްހަމަޖެހުމުގައި ހިނދުކޮޅަކަށްވިއަސް އަމިއްލަ ހިތާމަތަކުގެ މަތިން ސައިނާ ހަނދާންނެތިފައިވާކަހަލައެވެ.

ދުވަހުގެ ގިނަ ވަގުތުތައް ޝަޔަމް ހޭދަކުރީ އޭނާގެ ކޮޓަރީގައެވެ. އެނދުމަތީގައި ފުންޚިޔާލަކަށް ގެއްލިފައި ޝަޔަމް އަށް އޮވެވުނީ ކިހައިއިރަކުކަމެއްވެސް ނޭނގެއެވެ. އަސުރު ނަމާދަށްފަހު ތައްޔާރުވަމުންދިޔައިރުވެސް ޝަޔަމް ހުރީ ހާސްވެފައެވެ. ނުހައިކްގެ ގެއަށް ދިއުމަށްފަހު ކަންތައްވާނެ ގޮތެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. އެކި ޚިޔާލުތަކުގައިހުރެ ޝަޔަމް ތައްޔާރުވެ ނިންމައިލިއިރު އޭނާގެ ހިތުގެ ހިނގުންވަނީ މިއިން ދުވަހަކުވެސް އަވަސްނުވާވަރަށް އަވަސްވެފައެވެ. ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން އޭނާއަށް އިރުކޮޅަކު ހުރެވުނެވެ. ތުރުތުރުލަމުންދިޔަ އަތުން ޝޯލް ރީތިކޮށްލަމުން ކޮޓަރިން ނުކުމެ ސައިނާގެ ކޮޓަރިއާއި ދިމާއަށް ޝަޔަމް މިސްރާބުޖެހިއެވެ. ދޮރުގައި ޓަކި ޖަހައިލުމަށް އަތްއުފުލައިލި ވަގުތު ދޮރުހުޅުވައިލި ސައިނާ ފެނިފައި ޝަޔަމްގެ ދެލޯ ބޮޑުވިއެވެ. ކަޅު އަބަޔާއަކާއިއެކު ކަޅު ކުލައިގެ ޝޯލްއަކުން ބޮލާއި މޭމަތި ނިވާކޮށްލައިފައިވީއިރު ސައިނާ އާއި ނުހަނު ގުޅެއެވެ. ހުއްޓުންއަރައިފައިހުރި ޝަޔަމް ދެތިން ފަހަރު އެސްފިޔަ ޖަހައިލަމުން ފުޅާހިނިތުންވުމަކާއެކު ސައިނާގެ ގައިގައި ބައްދައިލިއެވެ. ސައިނާގެ އެބަދަލު ޝަޔަމްއަށް ވަރަށް ކަމުދިޔައެވެ. ހިތްހަމަޖެހިފައި ސައިނާވެސް ދަރިފުޅުގެ ބުރަކަށީގައި ލޯތްބާއެކު ފިރުމައިލިއިރު އެނާގެ ހިތް އެދަރިފުޅުގެ އުފަލަށްއެދި ތަކުރާރުކޮށް ދުޢާކުރިއެވެ.

*****
ގޭގެ ބެލް ޖަހައިލިއަޑަށް ސާރާ އައިސް ދޮރުހުޅުވައިލިއެވެ. ހެވިދިލިފައިހުރި ލަމްޔާ ސާރާގެ ގައިގައި ބައްދައިލިއެވެ. ހިނިއައިސްފައި ދެމައިން އެތެރަށް ވަތްއިރު އެމީހުންގެ ފަހަތުން ޒާއިންވެސް އެތެރަށް ވަނެވެ. ލޯތްބާއެކު ޒާއިންއަށް ގޮވައިލަމުން ސައިބޯން ދިއުމަށް ސާރާ އެދުމާއެކު އެކަމުން ޒާއިން މަނާވެގަތީ ދެންމެ ސައިބޮއިގެން އައުމުންނެވެ. ސޯފާ ތަކުގައި އިނށީދެ ހަމަޖެހިލަމުން ވާހަކަދައްކަންފެށިތަނާ އަނެއްކާވެސް ގޭގެ ބެލް ޖައްސައިލިއަޑު އިވުނެވެ. ހައިރާންވެފައި ސާރާ އިންތަނުން ތެދުވާންއުޅުމުން ސާރާގެ އަތުގައި ހިފައި ހުއްޓުވުމަށްފަހު ހަލުވި ހިނގުމެއްގައި ލަމްޔާ އައިސް ދޮރުހުޅުވައިލިއެވެ. ކުރިމަތީގައިހުރި ދެއަންހެނުންގެ މެދުގައި އިސްޖެހިފައިހުރި ޝަޔަމް ފެނުމުން ލަމްޔާއަށް ހައިރާންކަމެއް ވެރިވިއެވެ. ޝަޔަމް ބުރުގާއެޅިކަމެއް އޭނާ ނުދެނަހުއްޓެވެ. އެފަދަ ވާހަކައެއް ނުހައިކްވެސް ނުދައްކައެވެ. އެހެނަސް ޝަޔަމް ފެނުމާއެކު ހިނިތުންވެލަމުން އޭނާގެ އަތުގައި ލަމްޔާ ހިފައިލިއެވެ. ފަހަތުން ކޮންބައެެއްތޯ ސާރާ ސުވާލުކުރަން ފެށުމުން އެމީހުންގާތުގައި އެތެރެއަށް ވަނުމަށް ލަމްޔާ އެދުނެވެ. ޖެހިލުންވެފައި ޝަޔަމް އެތެރެއަށް ވަތްއިރު އޭނާގެ ފަހަތުން ސައިނާ އާއި މުހުސިނާވެސް ވަނެވެ.

ސޯފާގައިއިން ސާރާއަށް ޝަޔަމް ފެނުމާއެކު އިންތަނުން ތެދުވެވުނެވެ. ކަންބޮޑުވުން ހިނދުކޮޅަކަށް އެމޫނުމަތިން ފައުޅުވެލިނަމަވެސް ނިކަން އަވަހަށް އެއަސަރުތައް ސާރާ ފަރުދާކޮށްލައިފިއެވެ. ޝަޔަމްއަށް ގޮވައިލަމުން އިނށީނަން އަންނަން ބުނިއިރު އަޒްހަރުގެ ބިރުވެރިކަމުން ފުރިގެންވި އަމަލުތަކާއި އިންޒާރުތައް ސާރާގެ ސިކުނޑިތެރޭގައި އެނބުރެމުންދިޔައެވެ. މެހެމާނުންނަށް ބޯލާނެ ފިނިއެެއްޗެއް ގެނައުމަށް ސާރާ ލަމްޔާގެ ގާތުގައި ބުނުމުން ހެވިފައި ބޯޖަހަިއލަމުން ބަދިގެއާއި ދިމާއަށް ލަމްޔާ ހިނގައިގަތެވެ. ގެއަށް މިއައި ބަޔަކާއިމެދުގައި ސުވާލު އުފެދިފައި ފަހަރަކު މީހެއްގެ މޫނަށް ޒާއިން ބަލަމުންދިޔައެވެ.

ސާރާ އިޝާރާތްކުރި ސޯފާގައި އިނށީދެ ހަމަޖެހިލަމުން ސައިނާ ފަރުވާތެރިކަމާއެކު ސާރާއަށް ބަލައިލިއެވެ. "ވަރަށް ބޮޑަށް މައާފުކުރާތި އަންގައިނުލާ ކުއްލިއަކަށް މިގޮތަށް އަންނަންޖެހުމުން.. ހަގީގަތުގަ އަހަރެން މިއައީ ވަރަށް ބޮޑު ބޭނުމަކު.. އެހެންވެ އިތުރަަށް އެންމެ ދުވަހެއްވެސް ލަސްކުރަން ބޭނުންނުވީމަ މިހެން އަންނަންޖެހުނީ.." ސާރާއަށް ބަލައިލަމުން ސައިނާ މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ. ލުއިގޮތަކަށް ހީލަމުން އެއީ އެއްވެސް މައްސަލައެއްނޫންކަމުގައި ސާރާ ބުނެލިއެވެ.

"އަހަރެންގެ ބޭނުން ހާމަކުރުމުގެ ކުރިން އަހައިލެވިދާނެތަ ނުހައިކް ކޮބާތޯ..؟ އަހަރެން އެކުއްޖާއާއިވެސް ބައްދަލުކޮށްލަން ބޭނުން.." އަމިއްލަ ކުޑަ ތައާރަފެއްދިނުމަށްފަހު ހިތުގައި ބުރުޖަހަމުންދިޔަ ސުވާލު ސައިނާ ކޮށްލިއެވެ. ޝަޔަމްގެ ދެފަރާތުގައި އެއިނީ އޭނާގެ މަންމައާއި މާމަކަން އެނގުމުން ސާރާގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ. އެހެނަސް އެމީހުން އައިސްތިބި ބޭނުމަކާއި މެދުގައި ސުވާލު އުފެދުނެވެ. އެވަގުތަކީ ތިންތަށި ޖޫސް ތަބަކަކަށްލައިގެން ލަމްޔާ އެތަނަށް އައި ވަގުތުކަމުން ސައިނާގެ ވާހަކަތައްް ކިތަންމެ ރީތިކޮށްވެސް އޭނާއަށް އަޑުއިވުނެވެ. ހިނިއައިސްފައިހުރެ ދޮންބެ ގޮވައިގެން އެބަ އަންނަންކަމަށް ބުނަމުން ހަލުވިހިނގުމެއްގައި ލަމްޔާ ނުހައިކްގެ ކޮޓަރިއަށް ދިއުމަށް އުޅެގަތެވެ. އެމީހުންގެ އަމަލުތައްހުރިގޮތުން ކޮންމެވެސްވަރަކަށް މިވާނުވަ ޒާއިންއަށް ފަހުމްވާގޮތްވިއެވެ. އެއާއެކު އޭނާގެ ތުންފަތުގައިވެސް ލާނެތް ހިނިތުންވުމެއް ކުޅެލިއެވެ.

"ދޮންބޭ.. ނިކަން އަވަހަށް މިދޮރުގަނޑު ހުޅުވަބަލަ.." ދޮރުގައި އަވަސް އަވަހަށް ޓަކިޖަހަމުން ލަމްޔާ ބުނެލިއެވެ. ލަމްޔާ ހީވަނީ ލައިނުގަނެގެންއުޅޭ މީހެއްހެންނެވެ. ހުރިހައި ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލައިގެންހުރިއިރު ނުހައިކް ދޮރުހުޅުވައިލުމާއެކު އޭނާގެ އަތުގައި ހިފައިގެން ކޮޓަރިތެރެއަށް ދެމިގަތެވެ.

"ވަރަށް އަވަހަށް ރެޑީވެގެން ސިޓިންގްރޫމަށް ހިނގައިބަލަ.. ދޮންބެއަށްވީ ސަޕްރައިޒްއެއް އެބައޮތް.." ލަމްޔާ އުޅެމުންދިޔަ ގޮތުންނާއި ދައްކަމުންދިޔަ ވާހަކަތަކުން ސުވާލުއުފެދިފައި ނުހައިކްއަށް ހުރެވުނީއެވެ. ގުޑިވެސްނުލައި ނުހައިކް ހުންނަން ފެށުމުން ލަމްޔާގެ ޖޯޝް ގެއްލޭގޮތްވިއެވެ.

"ދޮންބެއަށް މިހާރަކަަށް އައިސް ތިހުންނަނީ ކިހިނެެއްވެފަތަ؟ ދޮންބެ ބަލީތަ؟ ކަމަކާ ވަރަށް ބޮޑު ހިތާމައެއް ކުރާހެންވެސް ބައެއްފަހަރު ހީވޭ.. މޫނުމަތީގައި އެއްވެސް ހިނިތުންވުމެއް ނުހުރޭ.. ކުރީގެ ސަކަގޮތްގަނޑު މުޅިން ގެއްލިއްޖެ.. އަބަދުވެސް ފެންނަނީ ސީރިއަސްވެފައި ހުންނަތަން.. ބަލާލަބަލަ ދޮންބެ ހަށިގަނޑުވެސް... ކުރިއަށްވުރެ ހިކިއްޖެ.. ވެގެންއުޅޭގޮތެއްވެސް ދޮންބެ ނުބުނޭ.. މިގެއަށް އަންނަކޮންމެ ދުވަހަކު މިއަނގަތެޅޭ.. އެކަމަކު އެދެވޭ އެއްވެސް ޖަވާބެއް ނުލިބޭ.. ދޮންބެ އުފާކޮށްލަދޭން އުޅުނަސް އެކަމެއްވެސް ކާމިޔާބެއްނުވޭ.." ހިތުގައިވި ޝަކުވާތައް ބޭރުކުރަމުންގޮސް ލަމްޔާގެ ދެލޯ ފެންކަޅިވުމުން އޭނާ އިސްޖަހައިލިއެވެ. ފުންނޭވާއެއްލަމުން ނުހައިކް ލަމްޔާގެ ބޮލުގައި ލޯބިން ފިރުމައިލިއެވެ. ލަމްޔާ އެބުނީ މުޅިއަކުން ދޮގެއްވެސް ނޫނެވެ. ޝަޔަމްއާއި ދުރުވުމަށްފަހު އޭނާގެ ހަޔާތުގެ ހުޅުކޮޅު ނިވުނުފަދައެވެ. ޝަޔަމްއާއި އެކުގައި އޭނާގެ ހިިނިތުންވުމާއި އުފާވެރިކަންވެސް ގެއްލިގެން ގޮއްސިއެވެ. އެދުވަހުންސުރެ ނުހައިކްގެ މުޅި ތަބީއަތަށްވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެއްވެސްކަމެއް ކުރާހިތްނުވެ ކެއުންބުއިމާވެސް މީހާ މަަޑުމަޑުން ދުރުވީއެވެ. އަބަދުމެ މަސައްކަތުގައި ގިނަވަގުތު އަރާމެއްނެތި ހޭދަކުރުމުގެ ސަބަބުން އެމޫނުމަތީގައި ނުފިލާ ވަރުބަލިކަމެއްވިއެވެ. މީހާ ހަމަޖެހިލާން ބޭނުންވިއަސް ސިކުނޑީގެ ހައިޖާނުގަނޑަކަށް އެއްވެސް ލުޔެއް ނުލިބެއެވެ. ސާރާގެ ހިތްވަރުގެ ބަސްތަކުން ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް އޭނާ މަސައްކަތްކުރިއަސް ފާއިތުވާ ކޮންމެ ދުވަހަކާއެކު އޭނާގެ ހިތްވަރުއެލި ބަލިކަށިވަމުންދާފަދަ އިހުސާސެއް ކުރެވެއެވެ.

ދެލޯމަރައިލުމަަށްފަހު އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލަމުން ނުހައިކް ލަމްޔާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ. އަދި ގަދަކަމުން ހިނިތުންވެލަމުން ލަމްޔާގެ ވާހަކަތަކުގައި ބައިވެރިވުމަށް އޭނާ ހިތްވަރުކުރިއެވެ.

"ދެން ރުއިން ހުއްޓާލަބަލަ ލަމް.. އޭރަށްނު ތި ސަޕްރައިޒް އެއް ބަލައިލަންވެސް ދެވޭނީ.." ލަމްޔާގެ ކޮލުގައި ނުހައިކް ހިފައިލިއެވެ. ލަމްޔާ އެހައިވަރަށް ބުނުމުން ހިތް ނޭދުނަސް ދެކޮޅުހަދަން އޭނާއަށް ނުކެރުނީއެވެ. މޫނުމަތި އަތުން ފުހެލަމުން ލަމްޔާ އަނެއްކާވެސް ހިނިތުންވެލިއެވެ. އަދި ވަރަށް އަވަހަަށް ރީތިވެލައިގެން ބޭރަށް އައުމަށް ބުނެލިއެވެ. "ކިހިނެއްވީ މާވަރަކުން ރީތިކުރުވަން ތިއުޅެނީ؟ އަނެއްކާ ބޭރަށް ދާންތަ؟" ހަރުގައިއޮތް ތުވާލި ގެނެެސް އޭނާގެ އަތުގެ ތެރެއަށް ލަމްޔާ ލުމާއެކު ނުހައިކް ސުވާލުކޮށްލިއެވެ. "އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެވޭނެ.. ތިއުޅެނީ ސަޕްރައިޒް ފަނިކުރަން.. އަވަސްކޮށްގެން އާދޭ.. އޭރަށް އެނގޭނު.." ކޮޓަރިން ނުކުންނަންދަމުން އެއްލޯމަރައިލުމަށްފަހު ލަމްޔާ ބުނެލިއެވެ. ލަމްޔާ ޖެއްސި ވައްތަރުން ނުހައިކްގެ މޫނު މައްޗަށްވެސް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

ލަމްޔާ އެދުނުފަދައިން ފެންވަރައި ތާޒާވެލަމުން ތައްޔާރުވެލުމަށްފަހު ކޮޓަރިން ނުކުމެ ސިޓިންގްރޫމާއި ދިމާއަށް ނުހައިކް މިސްރާބުޖެހިއެވެ. އެދިމާލުން ބައިވަރުމީހުންތަކެއް ވާހަކަދައްކާ އަޑުއިވުމުން ނުހައިކް ހިނގުން ބާރުކޮށްލިއެވެ.

ސިޓިންގްރޫމްގެ މެދުގައިހުރި ސޯފާގައި އިނށީދެއިން ޝަޔަމް ފެނުމާއެކު ނުހައިކްގެ ފައި ބިންމަތީގައި ތަތްލިކަހަލައެވެ. ގަނޑުވެފައި، ހުރި ހިސާބުގައި ހުއްޓި އޭނާއަށް ހުރެވުނީ ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ. އޭނާގެ ދެލޯ މިހާރު އޭނާއަށް ކެހިދޭންވެސް ފެށީހެއްޔެވެ؟ ހަގީގަތެއްނެތް މަންޒަރުތައްްވެސް ދައްކަންފެށީ ހެއްޔެވެ؟ ގަބޫލުކުރަން ދަތިވީވަރުން ދެލޮލުގައިވެސް އަތްއުނގުޅައިލެވުނެވެ. އެވަގުތު އިސްއުފުލައިލަމުން ޝަޔަމް ނުހައިކްއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔަ ވަގުތު ލަސްލަހުން އިންތަނުން ޝަޔަމްއަށް ތެދުވެވުނެވެ. ޝަޔަމްގެ ކުއްލި ހަރަކާތާއެކު މުހުސިނާ އާއި ސައިނާގެ ނަޒަރުވެސް ނުހައިކްއާއި ދިމާއަށް ހުއްޓުނެވެ. ޝަޔަމްއާއި ނުހައިކްގެ މޫނަށް ވަކިވަކިން ބަލައިލި ސާރާއަށްވެސް ދެއަތް ދެއަތާއި މޮޑެލެވުނީ ބޭއިޚުތިޔާރުގައެވެ.

(ނުނިމޭ)

  1. Avatar
    moderated

    އަޅެ ހާދަކުރޭ….ބަޓް ސްޓިލް ވ ވ ކަމުދޭ…❤️❤️💯💯💯

  2. Avatar

    މާޝާ ﷲ!! މިބައިވެސް ވަރަށް ރީތި 💖💝 އެކަމް ތަންކޮޅެއް ކުރީ އިނގޭ 😆😐 ސޯ ކިޔުރިއަސް 💖 ލަވްޔޫ! ސްޓޭ ސޭފް ❤

    13
  3. Avatar
    moderated

    ކޮންއިރަކު ނިޔު ޕާޓް ކިޔާލަން ލިބޭނީ. ވ ވ ރީތި މި ވާހަކަ އެކަމް މާ ކުރު މި ޕާޓް. 3>

  4. Naufa

    ސަލާމް އޯލް.. ނެކްސް ޕާރޓް އިންނާނީ ސަބްމިޓް ކޮށްވަ އިނގޭ.. ހީކުރީ މިރޭ އަޕްވާނެ ކަމަށް.. ބަޓް ސްޓިލް ނުވޭ ދޯ..😔.. ހޮޕިންގް އިންޝާ ﷲ މާދަން އަޕްވާނެކަމަށް.. ❤

  5. Avatar
    moderated

    އިންތިޒާރުކޮށް ކޮށް މޮޔަވާވަރުވޭ…މައި ފޭވަރިޓް

  6. Avatar
    moderated

    އަޅެ އަޕް ނުވަނީތަ ނިޔު ޕާޓް! އެޑްމިން ކީއްތަކުރަނީ 🙃

ޚިޔާލު ފޮނުއްވާ