Views: 2601 78

ޚަމްދު އިނީ އެންމެންނާއި ވާހަކަ ދައްކަން ސޯފާގައެވެ. ކުއްލިއަކަށް އޭނަގެ ޖީބުގައި އޮތް ފޯނު ރިންގްވާންފެށިއެވެ. އެންމެންގެ މޫނަށް ބަލައިލަމުން ކޮޅަށް ތެދުވަމުން ޖީބުގައި އޮތް ފޯނު ނެގިއެވެ.
"އެގުޅަނީ އެމީހާ.. މިހާރު ދިހައެއްޖެހީތަ؟" ޚަމްދު ފޯނަށް ބަލައިލިއެވެ. އޭރު ގަނޑިން ދިހައެއްޖަހައި ބޮޑުވެއްޖެއެވެ. ފޯނު ކަންފަތުގައި ޖަހަމުން "ހަލޯ" އޭ ބުނެލިއެވެ.

"ދޮރުކައިރީގަ މިހުރީ؟" ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ނާދިރާ ބުންޏެވެ. ނާދިރާ ދޮރުކައިރީގައި މަޑުޖެހިލަމުން ހަމަޖެހޭ ގޮތް މޫނުމައްޗަށްވެރިކޮށްލިއެވެ. ސަފުއާޒު މޫނު ހަދައިގެން ތަންކޮޅެއް ދުރުގައި ހުއްޓެވެ.

ފޯނު ޖީބަށްލަމުން ޚަމްދު ހިނގައިގަތީ ދޮރާއި ދިމާއަށެވެ. ދޮރުން ބޭރަށް ނުކުމެގެން ލިފްޓާއި ދިމާއަށް ހިނގައިގަތެވެ. އިރުކޮޅެއްނުވެ ލިފުޓަށްވެސް އެރުނެވެ. ނާދިރާ ބޭރުގައި ހުއްޓާ ދޮރުވެސް ހުޅުވުނެވެ. ޚަމްދު ފެނިލުމާއެކު ނާދިރާގެ ދެލޯ ހީވީ ތަރަތަރަ ޖަހައިގެން ދިޔަހެންނެވެ. އޭނަގެ ފައިތިލައިން ފެށިގެން މޫނާއި ހަމައަށް ނާދިރާގެ ކަޅި ބެހިގެންދިޔައެވެ. ޚަމްދުގެ ފިރިހެންވަންތަކަމާއި ރީތިކަމުން އޭނަގެ ހިތުގައި އެސޫރަވެސް ކުރައްސައިލިއެވެ. ނާދިރާ ބަލަންް ހުރިގޮތުން ޚަމްދުވެސް ލަދުގަންނަގޮތްވިއެވެ.

"ތީ ..." ނާދިރާއަށް ބަލަން ހުރެ ޚަމްދު ބުނެލިއެވެ. އާދައިގެ ވަރަކަށް ނާދިރާއަށް ބޯޖަހައިލެވުނެވެ. އެ ފިރިހެންވަންތަ އަޑުވެސް ކަންފަތުގައި ރެކޯޑު ކޮށްލެވުނެވެ. ނާދިރާގެ ތުންފަތަށް ހިނިތުންވުމެއްވެސް ވެރިވިއެވެ.

"ދުރުވޭ އެތެރެއަށް.." ތަންކޮޅެއްބޮޑަށް ދޮރު ހުޅުވާލަމުން ޚަމްދު ބުންޏެވެ. ނާދިރާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. އެވަގުތު ނާދިރާ ކަނައަތްތިލައިގައި އިން އުފަން ލަފެއް ޚަމްދުގެ ލޮލުގައިވެސް އަޅައިގަތެވެ. ކޮންމެވެސް ތަނަކުން އެފަދަ ލަފެއް ދުށް މަތިން ހަނދާންވެސް ވިއެވެ. ނަމަވެސް ކިހިނެއްކަމެއް ކޮންތާކުންކަމެއް ހަނދާނެއްނުވިއެވެ. ނާދިރާ ގޮސް ދޮރުން އެތެރެއަށްވަނެވެ. އެވަގުތު ސަފުއާޒުވެސް އަވަސް ހިނގުމެއްގައި އެތެރެއަށް ދެމިގަތެވެ.

"ހިންގަވާ އެޕަރޓުމަންޓު ބައްލަވާލަން." ޚަމްދު ކުރިއަށް ހިނގައިގަތެވެ. އޭނަގެ ފަސްފަހަތުން ނާދިރާއާއި ސަފުއާޒުވެސް ހިނގައިގަތެވެ. ލިފްޓަށް އެރުމަށްފަހު ނާދިރާ އިސްޖަހާލައިގެން ހުރީ ޚަމްދުގެ ފައިތިލައަށް ކަޅި ހުއްޓާލައިގެންނެވެ. ސަފުއާޒަށްވެސް އެކަން ފާހަގަކުރެވުނެވެ. ލިފުޓުގެ ދޮރުހުޅުވުނެވެ. ފުރަތަމަ ނުކުތީ ނާދިރާއެވެ. އޭނަގެ ފަހަތުން ސަފުއާޒުވެސް ނުކުތެވެ.

ލިފުޓުން ނުކުންނަމުން ޚަމްދުގެ ޖީބުން ތަޅުތަނޑިފައްޗެއް ނެގިއެވެ. ނާދިރާ އާއި ސަފުއާޒު އެއްވެސް ވާހަކައެއްނުދައްކައެވެ. ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަނުގެ މައިދޮރުމަތީގައި ޚަމްދު ގޮސް މަޑުޖެހިލިއެވެ.. ތަޅުދަނޑި ނަގަމުން ދޮރުގެ ތަޅަށް ޖަހައިލަމުން ދޮރު ހުޅުވައިލިއެވެ. ޚަމްދު ދޮރުހުޅުވާލަމުން ނާދިރާއަށް އިޝާރާތެއްދިނެވެ. ނާދިރާއާއި ސަފުއާޒާއި ދެމީހުންވެގެން އެތެރެއަށްވަނެވެ. ޚަމްދު ގޮސް ފާރުގައި އިން ސްވިޗް ޖައްސާލުމުން މުޅި ސިޓިންރޫމު އަލިވެގެންދިޔައެވެ.

ނާދިރާ އެތަނަށް ވަރަށް ފަރުވާތެރިކަމާއެކު ނަޘަރު ހިންގައިލިއެވެ. އެތަނުގައި ހުރިހާ ފަރުނީޗަރެއް ހުއްޓެވެ. ބަޔަކު އުޅެފައި ދިޔަކަމުގައި ވިއަސް މުޅިތަންވަނީ ކޮންމެވެސް ވަރަކަށް ބަދަލުތަކެއް ގެނެސްފައެވެ. ތަނަވަސް ފަރުނީޗަރުތަކާއި ހިފާ ގެންގުޅޭ ގިނަ ސާމާނު އެތަނުގައި ހުއްޓެވެ.

"ވާވް. ވަރަށް ސަޅި.. މާދަމާ އަހަރެން ބޭނުން ޗޭންޖުވާން.." ނާދިރާ ހިތްހަމަ ޖެހުނެވެ. މޫނުމަތިން އެކަން ފައުޅުވަމުންދިޔައެވެ. ޚަމްދުގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ.

"ވިހި ހާހަށް ދޯ.." ނާދިރާ އިތުރަށް އޮޅުން ފިލުވާލަން ބޭނުންވިއެވެ.

"އެޑްވާންސެއް ނުނަގާނަން. އެއްކޮށް ޕެއިމަންޓް ދައްކާލެވޭނެތަ؟" ޚަމްދު ވާހަކަ ދެއްކިއެވެ. މުޅިތަން ބަލަމުން ނާދިރާ ގޮސް ކޮޓަރިތަކުގެ ދޮރުތައްވެސް ހުޅުވައި އެތެރެ ބަލައިލިއެވެ. އެތަނުގައިވަނީ ދެކޮޓަރިއެވެ. ދެކޮޓަރީގައިވެސް ހުރިހާ ފަރުނީޗަރުތަކެއް ހުއްޓެވެ. ދެވަނަ ކޮޓަރީގެ ދޮރު ޖަހާލަމުން ނާދިރާ ފަސް އެނބުރި ޚަމްދުގެ މޫނަށް ބަލައިލިއެވެ.

"މައްސަލައެއް ނޯންނާނެ. މާދަމާ އަޅުގަނޑު މިތަނަށް ވަންނަނީ ފައިސާދިނުމަށްފަހު. މިތަން ވަރަށް ސަޅި. ވަރަށް ހިތްހަމަ ޖެހޭ.." ނާދިރާ ހުރީ ހިތްހަމަޖެހިފައެވެ. އޭރުވެސް ސަފުއާޒު މޫނު ކުނިކޮށްލައިގެން ހުއްޓެވެ.

"އޯކޭ. މާދަމާ އަޅުގަނޑު ތަޅުދަނޑިތައް ހަވާލުކުރާނަން. ކިހާ އިރަކު މިކޮޅަށް އަންނާނީ. ފަހަރެއްގައި އަޅުގަނޑު ގޭގައި ނޫޅޭ ވަގުތަކަށްވެދާނެ. އެކަމަކު އަޅުގަނޑު ވައިފަށް ކީ ހަވާލުކުރާނަން. ނޫނީ އެހެން ކުއްޖަކުވެސް ފޮނުވިދާނެ.." ޚަމްދު ހުރިހާ ކަމެއް އޮޅުން ފިލުވައިދިނެވެ.

"ފްރީ ވަގުތެއް ބުނޭ. އޭރުން އަޅުގަނޑު އަންނާނަން." ނާދިރާ ހުރީ ވީހާވެސް އަވަހަކަށް އެތަނަށް ބަދަލުވާން ބޭނުންވެފައެވެ.

"އެހެންވީމާ ހެނދުނު ނުވައެއްގެ ކުރިން އޯކޭވާނެ. ތަނުގެ އެގްރީމަންޓުވެސް ތައްޔާރުކޮށް ނިންމާލާނަން މިރޭ. ކަންކާ ކެއުމަށް ބޭނުންކުރާ ހުރިހާ ސާމާނެއްވެސް ހުންނާނެ. ސަޅި ބެލްކަނީކޮޅެއްވެސް އިންނާނެ." ޚަމްދު އިތުރުކޮށްލިއެވެ.

"ސޯ ދެން ގޮސްލަނީ.." ނާދިރާ ބުންޏެވެ. ޚަމްދާއި ސަލާމްކޮށްލަން ނާދިރާ އަތްދިއްކޮށްލިއެވެ.

"ނާދިރާ.." ނާދިރާ ތަޢާރަފުވެލިއެވެ. އެވަގުތު ޚަމްދުގެ ބޮލުގައި ނުބައި ޒާތެއްގެ ތަދެއްވެސް އަރައިގެންދިޔައެވެ. ނާދިރާގެ މޫނުމަތިން ކޮންމެވެސް މީހަކާއި ވައްތަރުކަމެއް ހުރިކަންވެސް ފާހަގަކުރެވުނެވެ. އޭނަގެ ކަނައަތުގައި އިން އުފަން ލަފަށްވެސް އަނެއްކާ ތަކުރާރުކޮށް ބަލައިލެވުނެވެ. ކޮންމެވެސް ގޮތަކުން ނާދިރާއާއި ދޭތެރޭ ވިސްނައިވެސްލެވުނެވެ. އެހެން ނަމަވެސް ކޮންފަދަ ނުބައި ވިސްނުމެއްކަމެއް ނޭންގުނެވެ. ހިތަށްވެސް ބިރުބަރިކަމެއް ފުރޭނިގެންދިޔައެވެ. މުޞީބާތެއްގެ ފެށުމެއް ކަހަލަ ބިރުވެރި އިހްސާސްތަކެވެ.

"ޚަމްދު.." ޚަމްދު ސަލާމްކޮށްލަމުން ތަޢާރަފުވެލިއެވެ. ނާދިރާ ނުބައިގޮތަކަށް ޚަމްދުގެ މޫނަށް ބަލައިލަމުން ހިނިތުންވެގެން ހުއްޓެވެ.

"ޝުކުރިއްޔާ. ދެން އަޅުގަނޑުމެންދަނީ.." ނާދިރާ އަތް ތިރިކޮށްލިއެވެ. ބޮލުގެ އިސްތަށިގަނޑާއި ކުޅެލަމުން ހިނގައިގަތެވެ. އޭރުވެސް އޭނަގެ ތުންފަތަށް ނުބައި ޒާތެއްގެ ހިނިތުންވުމެއް ހުއްޓެވެ. ނާދިރާ ހިނގާލާފައި ދިޔަގޮތް ފެނިފައިވެސް ޚަމްދުގެ ސިކުނޑީގައި މާޒީގެ ކުލަވަރުތަކެއް ސިފަވިއެވެ. އެހެން ނަމަވެސް ކަޅު އަނދިރި މާޒީއެއް އެއްވެސް ވަރަކަށް ކުލަވާގޮތެއްނުވިއެވެ. ނާދިރާގެ ފަސްފަހަތުން ސަފުއާޒު ނުކުތެވެ. އޭރުވެސް ޚަމްދު ހުރީ ފުންވިސްނުމެއްގެތޭގައެވެ. ނާދިރާއާއި ދޭތެރޭ ޚަމްދުގެ ހިތުގައި ކޮންމެވެސް ގޮތްނޭންގޭ ވާސްވާސްތަކެއް އުފެދިގެންދިޔައެވެ.

* * * *

ޚަމްދު ގޮސް ކޮޓަރިއަށް ވަތް އިރު ލީލާއަށް އޮތީ ނިދިފައެވެ. ޚަމްދުގެ މަންމަވެސް އެނދުމަތީގައި އަރާމުކޮށް ނިދާލާފައި އޮތެވެ. ކޮޓަރިތެރެއިން ޤުރުއާނުގެ އަޑުވެސް އިވެމުންދިޔައެވެ.

ކޮޓަރީގެ ހަތަރު ފާރުގެ ކުލަވެސް ވަނީ މަޑު ފިޔާތޮށިކުލައާއި ގަދަ ނޫކުލައެއްގައެވެ. ސީލިންގް ގައި މަޑުނޫކުލައެއްލާފައި ހުއްޓެވެ. ސީލިންގްގެ މަތީގައި އަނދިރިކޮށްލުމުން ދިއްލޭ ޒާތުގެ ބައިވަރު ތަރިތަކެއްވެސް ހުއްޓެވެ. ކޮޓަރީގައި ދިއްލާފައިވާ ފެހިކުލައިގެ ބޮކީގެ އަލިން މުޅި ކޮޓަރިތެރެވެސް ވަނީ ހިތްގައިމުކަމެއްވެރިވެފައެވެ. ޚަމްދު މަޑުމަޑުން ހިނގަމުން ދިޔައީ ދެކުދިންނާއި ނިންދަވާފައި އޮތް އެނދާއި ދިމާއަށެވެ. ދެބެއިން ނިންދެވުމަށްޓަކައިވެސް ރީތިކޮށް ފަރުމާކުރެވިފައިވާ ނިދާ އެނދެއް އެކޮޓަރީގައި ހުއްޓެވެ. އެނދުވެސް ހުރީ އެމީހުން ނިދާ ބޮޑު އެނދުކައިރީގައެވެ. ޚަމްދު ގޮސް ދެބެއިން ނިދުމަށް ތައްޔާރުކޮށްލާފައި އެނދު ކައިރީގައި މަޑުޖެހުނެވެ. އެނދު ކައިރީގައި މަޑުޖެހިލަމުން ނިދާފައި އޮތް އޭނަގެ ލޯބި ލޯބި ދެފުރާނައަށް ބަލައިލިއެވެ.

އޭނަގެ މޫނުގެ ކުލަވަރު ދިއްލިގެންދިޔައެވެ. އުފަލުންގޮސް ދެކުދިންގެ ބޮލުގައި މަޑުމަޑުން ފިރުމައިވެސްލެވުނެވެ. ހިތް ފުރެދެން ދެކުދިންނަށް ބަލަން ހުއްޓެވެ. ޞުހާ އާއި ލޫކު ވަރަށް ލޯބިން ހިނިތުންވެލަމުން އަތްފައިވެސް ގުޑުވައިލިއެވެ. އެވަގުތު ލީލާ ފުރޮޅިލަމުން އަނެއްފަރާތަށްޖެހުނެވެ. ލީލާ އޮތްގޮތަށް އޮވެ މަޑުމަޑުން އެސްފިޔަތަށް ހުޅުވާލަމުން ޚަމްދުގެ ހަރަކާތްތަކަށް ބަލަން އޮތެވެ. ޚަމްދު އެ ހުރިގޮތަށް އެނދުކައިރީގައި ހުރެފައި ބާލީހެއް ހިފައިގެން ބިންމަތީގައި ޖައްސައިލިއެވެ.

* * * *

ހެނދުނު ހެނދުނާ ނާދިރާ އާއި ސަފުއާޒު ކާރެއްގައި އައިސް ލީލާމެންގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ. ސަފުއާޒުގެ މޫނުމަތިން އޭރުވެސް ހިތްހަމަ ނުޖެހިފައި ހުރިކަން ފައުޅުވާން ހުއްޓެވެ. ސަފުއާޒު ގޮސް ކާރުގެ ޑިކީ ތެރެއިން ބޮޑު ފޮއްޓެއް ނަގައިގެން ދުވާރުމައްޗަށް ހިނގައިގައިގަތެވެ. ނާދިރާ ގޮސް ދޮރު ހުޅުވައިލިއެވެ. ސަފުއާޒުވެސް އެ ބަރު ފޮށި ހިފައިގެން އެތެރެއަށްވަނެވެ.

އެވަގުތު ލިފުޓުގެ ދޮރުވެސް ހުޅުވުނެވެ. ލިފުޓުން ނުކުތީ ސަލްވާއާއި އަނާލެވެ. ސަލްވާ އާއި އަނާލު ފެނުމާއެކު ނާދިރާގެ ކަޅި ހުއްޓިގެންދިޔައެވެ. ނުބައި ގޮތަކަށް އެދެމީހުންނާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ސަލްވާ އާއި އަނާލު ނުކުތީ އޮފީހަށް ދިއުމަށެވެ. ކުރިއަށް ހިނގަމުން ނާދިރާއަށް ބަލައިލަމުން އެދެމީހުން ހިނިތުންވެލިއެވެ.

އަނާލު މަޑުޖެހުނެވެ. ސަލްވާ ގޮސް ދޮރުކައިރީގައި މަޑުޖެހުނެވެ.

"އަށް މިއޮތީ ކީ. ޚަމްދު ބުނި ކަމަކު ޖެހުނަސް ގުޅާލައްޗޭ.. ވަރަށް ހެނދުނާ ލީގެ އޮފީސްކަމެއްގަ އޮފީހަށް ދިޔައީ.." އެޕަރޓްމަންޓުގެ ތަޅުދަނޑި ފައްޗެއް ނާދިރާއަށް ދިއްކޮށްލަމުން އަނާލު ބުނެލިއެވެ. ނާދިރާ ތަޅުދަނޑިފަތީގައި ހިފަމުން ހިނިތުންވެލިއެވެ. އެމީހުން އަންނާނެކަން އެނގޭތީ ޚަމްދު ހުރީ ހުރިހާކަމެއްވެސް ކުރިއާލާ ތައްޔާރުވެގެންނެވެ.

"ޝުކުރިއްޔާ.." ނާދިރާ ޝުކުރުއަދާކުރިއެވެ. ފޮށީގެ އަތްގަނޑުގައި ހިފައިގެން ފޮށި ދަމަމުން ލިފްޓާއި ދިމާއަށް ހިނގައިގަތެވެ. ނާދިރާވެސް ހިނގައިގަތެވެ. ސަލްވާ އާއި އަނާލު ބޭރަށް ނުކުތެވެ.

"ސަހަލު އަންހެނެއް ވައްތަރު ނުޖަހާ. ކޮންމެވެސް ތަނަކުން ދުށްމަތިން ހަނދާނެއްވޭ. އެހެރަ ލައިގެން ހުރި ހެދުމަކަށް މަގޭ ސަލާމް.." ބޭރަށް ނުކުތުމާއެކު އަނާލު ވާހަކަފެށިއެވެ. ސަލްވާ ގާތަށް ނުލަފާ ހިންޏެއްއައެވެ.

"ސާބަސް. އެ ހެދުން ކަމުނުދިޔައީތަ؟" އަނާލުގެ އަތުގައި ހިފާލަމުން ސަލްވާ ބުނެލިއެވެ. އަނާލު ޖީބަށް އަތްޖަހާލަމުން ސައިކަލުގެ ތަޅުދަނޑިނެގިއެވެ. ދެމީހުން އެކުގައި ހިނގައިގަތީ ސައިކަލާއި ދިމާއަށެވެ.

"ކަމުނުދިޔައީއެއްނޫން. އޭނަ އޮރިޔާމާ ހުއްޓަސް މަށަށް ވަރިހަމަ. އެކަމަކު ވަރަށް ހީވޭ ކޮންމެވެސް ތަނަކުން ފެންނަ މޫނެއްހެން." އަނާލުގެ ހިތަށްވެސް އުނދަގޫވިއެވެ. ނާދިރާގެ ފުރަތަމަ ފެނިލުންވެސް ދެކެފަރިތަ ގޮތެއްހުރިކަން ފަހުމްވިއެވެ.

* * * *

ލީލާ އިނީ އެނދުމަތީގައި ޞުހާއަށް ގާތުން ކިރުދޭށެވެ. ތުއްތު ލޫކު އުނގަށްލައިގެން ޙިދާނާ ނާނާގެ އަޑެއް ލައްވަމުންދިޔައެވެ. ލައިގެން އިން ޓީޝާޓު ތިރިކޮށްލަމުން ޟުހާ ނަގައިގެން އެނދުން ފައިބައިގެން ގެންގޮސް އެކުދިންގެ އެނދުގައި ބާއްވައިލަމުން ޙިދާޔާ ދިމާއަށް ބަލައިލަމުން ހިނިތުންވެލިއެވެ.

"އަދިވެސް ކޮއްކޮ ހަމަ ނުނިދާން ގަދަ ހަދާލައިގެން ދޯ.." ލީލާ ވާހަކަ ދައްކަމުން ގޮސް އެނދުކައިރީގައި މަޑުޖެހިލަމުން ލޫކުގެ ކޮލުގައި މަޑުމަޑުން ފިރުމައިލިއެވެ. އެ ތުއްތު ކުއްޖާ ހިނިތުންވެލިއެވެ. ލީލާ ދިމާއަށް ކުޑަކޮށް ދެލޯ ހުޅުވާލަމުން ލޫކު ވާޅަކަށްދެމިލިއެވެ.

"ނިދާނެތަ؟ މީ ހަމަ ޚަމްދު. އޭނަވެސް ކުޑައިރު ނިންދަވަންޖެހޭނީ އެހާ އުނދަގުލުން. މީ ހަމަ އެސޮރުގެ އުޅުމާއި ވައްތަރު ކައި ހުސްކޮށްގެން އޮތް ސޮރެއް. މަންމަ އަބަދުވެސް އުޅެންޖެހޭނީ ޚަމްދު ނުނިދައިގެން. އަނެއްކޮޅުން ބުއްކޮޅެއް ބޯލަން ކޮއްކޮއަށް އޮވެވޭތަ؟ އިރުކޮޅެއްނުވެ ބޮޑާ ދައްކާލައެއްނު.." ފުޅާ ހިނިތުންވުމަކާއެކު ޙިދާޔާ ބުންޏެވެ.

"މަންމާ ކޮބާ ހިމްކޮ؟" ލީލާ އެނދުގެ މަގަތުގައި އިށީންނެވެ.

"މިހުރީނު.." ކޮޓަރީގެ ދޮރުހުޅުވާލަމުން ހިމްނާ ކޮޓަރިތެރެއަށް ވަނެވެ. ހިމްނާ ގޮސް އެނދުކައިރީގައި މަޑުޖެހިލަމުން ލީލާގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.

"އިރުކޮޅަކުން ދޮންބެ ގުޅާނެ. ދޮންބެއަށް ހިއެއްނުވޭ އާދެވޭނެހެން. ހިމްކޮ ދޭބަލަ ރެޑީވެލަން. މިގެއަށް ރެންޓަށް އައި މީހުންނާއި ދިމާކޮށްލަން ދޮންބެ އަންނަން ހުރީވެސް. އެގްރީމެންޓުގައި ސައިން ކޮށްލަންޖެހޭނެ." ހިމްނާ ހޯދި ބޭނުން ލީލާ ބުނެލިއެވެ.

"ހިމްނާ ކޮބާ ބައްޕަ.؟ ހެނދުނު ސައިބޯން ބުނީމަ މި އަންނަނީއޭ ކިޔާފަ ނުކުތީ. މިހާރު އެހެރަ ނުވައެއްޖަހަނީ. ބޭރަށް ނުކުމެވެޖެއްޔާ އަވަހަކަށް ނާންނާނެ.." ޙިދާޔާ ކުދިކިޔައިލިއެވެ.

"ބައްޕަ އެބައުޅޭ މޭވާކޮތަޅެއް ހިފައިގެން އައިސް. އެބަހުރި އެ މަށާ ކޮށާކުދިކުރަން. ބައްޕަވެސް ލޯބިވަނީ ދޮންބެތަ ދެކެއޭ. އަހަރުން މިހާވަރުވީ ބައްޕަ އަތުން ފުރުޓުކޮޅެއް ކާންނުދީ. ދޮންބެތަދެކެ ބައްޕަވެސް މާ ބޮޑަށް ލޯބިވޭ ވިއްޔަ.." ލީލާގެ ބޮލުގެ އިސްތަށިގަނޑައި ކުޅެލަމުން ހިމްނާ ބުންޏެވެ. ލީލާއަކީ ރިޒާވެސް އިންތިހާ ލޯބިވާ ދަރިއެކެވެ. ޚަމްދުދެކެވާ ލޯތްބަށްވުރެއް ލީލާދެކެ އެމީހުންތިބެނީ މޮޔަވާވަރުވެފައެވެ. ލީލާގެ ރަނގަޅުކަމާއި މާތް އަޙްލާޤަކީ އެމީހުންގެ ލޯބި ބަންޑުވަމުންދިޔަ ސަބަބުތަކުގެ ކުޑަ މިންވަރެކެވެ.

"އާން. ތެދެމައިން ކާން ނުދީ ތިވަރުވެފަ ތިހުރީ.." ޙިދާޔާ ހިނިގަނޑެއްޖަހައިލިއެވެ.

"އަދިވެސް ކޮއްކޮ ނުނިދާ.." ލޫކުގެ މޫނަށް ހަހަރުވެތިބެލުމަކުން ހިމްނާ ބަލައިލިއެވެ. ރިޒާވެސް ކޮށާފައިހުރި މޭވާ ތައްޓަކަށް އަޅައިގެން އެހިފައިގެން ކޮޓަރިއަށްވަނެވެ. ތަށި ހިފައިގެން ވަތްގޮތަށް ދިއްކޮށްލީ ލީލާއަށެވެ. ރިޒާގެ މޫނަށް ބަލައިލަމުން ލީލާ ތަށީގައި ހިފީވެސް އުފަލުންނެވެ.

"ދެން ހިނގާ ސައިބޯން އުޅެން.." ކުޑަ ކުޑަ ލޫކު ރަނގަޅުކޮށްލަމުން ޙިދާޔާ ބުންޏެވެ.

"ދީބަލަ ކާފަ ދޫނިގަނޑު އުރާލަން.." ރިޒާ ގޮސް ޙިދާޔާގާތުގައި މަޑުޖެހިލަމުން މަޑުމަޑުން ލޫކު އުރައިލިއެވެ. އެވަގުތު ލީލާގެ ފޯނުވެސް ރިންގވާންފެށިއެވެ.

"ޙިމްކޮ އަވަހަށް ދޭބަލަ ރެޑިވެލަން. ދޮންބެކަންނޭންގެ އެ ގުޅަނީ.." އަތުގައި އޮތް ތަށި އެނދުމަތީގައި ބަހައްޓަމުން ލީލާ ތެދުވިއެވެ. ލީލާގެ ފޯނުވެސް އޮތީ އެނދުގެ އަނެއްފަރާތުގައެވެ. ހިމްނާ އަވަސް އަވަހަށް ތެދުވެގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ހިމްނާ ކޮޓަރިން ނުކުތްއިރި އާނާވެސް ގޭތެރެއަށް ވަންނަނީއެވެ. ހިމްނާ ހިނިތުންވެލަމުން ގޮސް ލައިލާގެ ކޮޓަރިއަށްވަނެވެ.

"އާން. ހިމްކޮ މިފޮނުވަނީ.." ލީލާ ފޯނުގައި ހުރެފައި ބުންޏެވެ. ލީލާ ގޮސް އަލަމާރި ހުޅުވައިލިއެވެ. އޭގެތެއިން ނެގީ ފައިލެކެވެ. ހީވަނީ ކުއްޔަށްދިނުމަށް އޮތް އެގްރީމަންޓް އޮތް ފައިލުހެންނެވެ. ލީލާ އެ ހިފައިގެން ކޮޓަރިން ނުކުތެވެ. އޭރު އާނާވެސް ސޯފާގައި އިށީންދެލައިގެން އިނެވެ.

"ޚަމްދު ބުނެގެން މިއައީ ތި ބަލާ..." ސޯފާއިން ތެދުވަމުން އާނާ ބުންޏެވެ. ލީލާ އަތުގައި އޮތް ފައިލު ހިފައިގެން ގޮސް އާނާއަށް ދިއްކޮށްލިއެވެ.

"އާން. ބިޒީކަމުން ނާދެވޭނެޔޯ ބުނީ. އާނާ ދޭ ހިމްނާ ގޮވައިގެން ތިކަން ކޮށްލަން.." ލީލާއަށް އެހެން ބުނެވުއިރު އާނާވެސް ބޯމަތިން ބުރުގާއެއް ވައްޓާލަމުން ކޮޓަރިން ނުކުތެވެ. އާނާ އާއި ހިމްނާ އެކުގައި ނުކުތެވެ. ލީލާ އަނެއްކާވެސް ގޮސް ކޮޓަރިއަށްވަނެވެ.

އާނާ އާއި ހިމްނާ ގޮސް ނާދިރާގެ އެޕަރޓުމަންޓުގެ ދޮރުގައި ޓަކި ދިނެވެ. އިރުކޮޅެއްނުވެ ދޮރުވެދް ހުޅުވުނެވެ. ނާދިރާ ފެނުމާއެކު އާނާގެ ހިތަށްވެސް ނުބައި ޒާތެއްގެ ވަހުމްތަކެއް ފުރޭނިގެންދިޔައެވެ. ކޮންމެވެސް ތަނަކުން ފެނުނު މީހެއްގެމަތިން ހަނދާންވާފަދަ ބެލުމަކުން ނާދިރާއަށް ބަލަހައްޓައިގެން ހުއްޓެވެ.

"ޚަމްދު ބުނެގެން ދޯ. ވަދޭ އެތެރެއަށް.." ނާދިރާ ބުންޏެވެ. ދޮރު އެތެރެއަށް ހުޅުވާލަމުން އާނާ އާއި ހިމްނާ އެތެރެއަށްވަނެވެ. ދެމީހުން އެކުގައި ގޮސް ސޯފާގައި އިށީންނެވެ. ނާދިރާވެސް ގޮސް ސޯފާގައި އިށީންނެވެ. އޭރުވެސް ވަގުގޮތަކަށް ނާދިރާގެ މޫނަށް އާނާގެ ދެލޯ ހުއްޓެމުންދިޔައެވެ. ފައިލު ހުޅުވާލަމުން އެތަނުގައި ހުރި ކުޑަ މޭޒުމަތީގައި ފައިލު ބާއްވައިލިއެވެ. އޭގެތެރގައި އޮތް ގަލަމެއް ނަގަމުން އެގްރީމަންޓު ނެގިއެވެ. ނާދިރާ އިރުކޮޅެއްވަންދެން އެގްރީމަންޓު ކިޔައިލިއެވެ. އޭގައި އޮތް ވަކި ދެކަރުދާހެއްގައި ސޮއިކޮށްލުމަށްފަހު އާނާއަށް ދިއްކޮށްލިއެވެ. ދެ އެގްރީމަންޓުގެ ގަނޑުތަކުން ބައެއް ނަގައި ނާދިރާއަށް އާނާ ދިއްކޮށްލިއެވެ.

"އާޒޫ އާދެބަލަ.." ނާދިރާ އަޑުނެތްތަނަށް ގޮވައިލިއެވެ. އިރުކޮޅެއްނުވެ ސަފުއާޒުވެސް ސިޓީ އުރައެއް ހިފައިގެން ކޮޓަރިން ނުކުތެވެ. ސޯފާކައިރީގައި މަޑުޖެހިލަމުން ނާދިރާއަތަށް ސިޓީއުރަ ދިއްކޮށްލިއެވެ. އޭގައި ހިފަމުން އާނާއަށް ދިއްކޮށްލިއެވެ.

"މިމަހުގެ ކުލި. ހަނދާންކޮށް ޚަމްދުއަށް ތި ހަވާލުކޮށްލައްޗޭ.." އާނާ އޭގައި ހިފިއެވެ. ބޯޖަހާލަމުން ސޯފާއިން ތެދުވިއެވެ. ހިމްނާވެސް ސޯފާއިން ތެދުވިއެވެ. ދެމީހުން އެކުގައި އެތަނުން ނުކުންނަން ހިނގައިގަތެވެ. ނާދިރާގެ ފޯނު ރިންގްވާންފެށިއެވެ. ސޯފާ މަތީގައި އޮތް ފޯނަށް ސަފުއާޒު ބަލައިވެސްލިއެވެ. މޫނަށް ވައްތަރުތަކެއް ޖައްސާލަމުން ސަފުއާޒު މޫނު އަނބުރައިލިއެވެ. އާނާ އާއި ހިމްނާ ނުކުތުމާއެކު ނާދިރާ ފޯނު ނެގިއެވެ.

"ސަފުއާޒު ކޮންކަމަކާ ތި ހޭބަލި ވަނީ. މަ އުޅޭގޮތާއި ދޭތެރޭ ނުރުހެންޏާ ރަށަށް ރައްކާވޭ..." ފޯނަށް ޖަވާބު ދިނުމުގެ ބަދަލުގައި ނާދިރާގެ ބަރު އަޑު އަމާޒުވެގެންދިޔައީ ސަފުއާޒަށެވެ. ސަފުއާޒު އެއްޗެކޭ ބުނުމުގެ ބަދަލުގައި ހިނގައިގަތީ ކޮޓަރިއަށެވެ. އެއްޗެކޭ ބުނެ ޒުވާބުކުރަށްވެއްޖެނަމަ މުޅި ދުވަސް ހޭދަވާނީ އެކަމަށެވެ. އެކަން ސަފުއާޒަށް އެނގޭތީ އަނގަ ބަްދުކޮށްގެން ވަނީ ކޮޓަރިއަށެވެ.

"ކީކޭ ކުޑާ؟" ނާދިރާ ފޯނު ކަންފަތުގައި ޖެހިއެވެ.

"އާން. މިހާރު ފުރަތަމަ މަރުހަލާ މި ނިންމާލެވުނީ. އެއްވެސް ކަމަކާ ހާސްވާނެ ކަމެއްނެތް. ރަނގަޅަށް ބަރާބަރަށް ހުރިހާކަމެއްވެސްދަނީ.." ނާދިރާ ވާހަކަ ދައްކަމުން ސޯފާގައި ހަމަޖެހުނެވެ.

"ނޫނޭ. އަދި މަޑުކުރޭ. ކުޑާ އެއްވެސް ކަމަކާ ހާސްވާނެ ކަމެއްނެތް.." ނާދިރާގެ ވާހަކަތަކުން ހީވަނީ ކޮންމެވެސް މީހަކާއި ދެމެދު ބޮޑު ސައްލާތަކެއްކުރަމުންދާހެންނެވެ. އޭނަ ވާހަކަދައްކާ މީހަކީ ހަމަ ގައިމުވެސް ދުރުމީހެއްނޫނެވެ.

"އަނެއްކާ އެއީ ކާކުބާ؟"

=ނުނިމޭ=

 1. Avatar
  moderated

  އަދުރާ އަކީ ނާދިރާ ނޫނީ އަދުރާ އަކީ ނާދިރާ އާއި ގުޅުމެއް ވާ މީހެއް ހެން ވަރަށް ހީވޭ.. ވަރަށް ސަޅި މި ވާހަކަ.. ކީޕް އިޓް އަޕް އަސްލަމް 👏

 2. Avatar
  moderated

  އަދުރާ ކޮއްކޮތަ ނާދިރާއަކީ… އެކަމް ޒާހިރާ އެކަންޏެއްނު އަދުރާ އެއްބަނޑުއެއްބަފާ މީހަކަށް ހުންނަނީ… އެއްބަފާ ނޫނީ އެއްބަނޑު ކޮއްކޮ ދޯ…

  1. Avatar
   moderated

   މިހާރު އަސްލަމް މި ވާހަކަ ލިޔުން ހުއްޓާލީ ތަ

 3. Avatar
  moderated

  އެއީ ކުނި އަދުރާ

 4. Avatar
  moderated

  ކުޑާ ޢަކީ އަދުރާ

 5. Avatar
  moderated

  ނާދިރާ އަކީ އަދުރާގެ ކޮއްކޮއެއް ހެން ހީވަނީ އެހެންވެ ކޮންމެ މީހަކަށް އެހެން އެވަނީ
  އަދުރާ ވީ ކޮށާފަ ކާޅަށް ކާންދޭން😠😠ހުވާ މަ ހާދަ ފޫއްސެއް ވެޔޭ އެ އެތިގަނޑުދެކެ

 6. Avatar
  moderated

  އަދުރާ ފަތަފޮޅި އެއީ، ވަރަށް ފޫހި ވޭ😡😡

 7. Avatar
  moderated

  އަދުރާ…ހޫ އެލްސް؟ 😡

 8. Avatar
  moderated

  ވ. ވ. ވ. ސަޅި
  އަނެއްކާ އެ ކުޱާ އަކީ އަދުރާބާ

 9. Avatar
  moderated

  އަސްލަމް މި ވާހަކަ ލިޔުން ހުއްޓާލީ ތައް

ޚިޔާލު ފޮނުއްވާ