Views: 1364 35

"އަހަރެން ކަލެޔާ އިންނަން ބޭނުން. އަހަންނަށް އެހީވެދީބަލަ." ލަހުމާގެ އަޑަށް މޫސައެކޭ އެއްފަދައިން ޝާމްވެސް ހުއްޓުން އެރިއެވެ.

ތާނިޔާ ރީތިވަމުން ދިޔައީ ހޮސްޕިޓަލަށް ދިޔުމުގެ މަޤްސަދުގައެވެ. ލަހުމާ އެޑްމިޓް ކުރިފަހުން ތާނިޔާގެ އަޅާލުން ލަހުމާއަށް ލިބިފައި ނުވާތީ އެކަން ހަނދާންވީ ކަންނޭނގެއެވެ.

ހުދު ޓޮޕްކޮޅަކާއި ޖީސްން ފޮތީގެ ގަދަ ނޫކުލައިގެ ސްކާރޓްކޮޅެއް ލައިގެން ހުރިއިރު ތާނިޔާއެކޭ އިއްޔެ މެންދުރުގެ ޅަ ކުއްޖެކޭ އެއްވެސް ތަފާތެއް ނެތެވެ.

ލޯގަނޑު ކުރިމަތީގައި ހުރެ ދިމަދިމާލަށް އެނބުރި ދެއަތުން މޫނާއި އިސްތަށިގަނޑު ރީތި ކޮށްލުމަށްފަހު ގެއިން ނުކުންނަން ހިނގައިގަތެވެ.

"ތީކާކު؟... މަންމާ! މީތަ މަންމަގެ....؟"
ޝާމް އޭނާގެ ދެލޯ ކުޑަކޮށްލަމުން ލަހުމާއާ ސުވާލު ކޮށްލިއެވެ.

"އަހަރެން މި ނޫނަސް އެއްދުހު ކަލޭ ދުށިން... މަންމަ ގޮވައިން ހޮސްޕިޓަލަށް ދިޔަ ދުވަހެއްގަ ފިހާރައެއް ކައިރިން. އަހަރެން އެދުހު ސައިކަލުވެސް މަޑުކުރީން މަންމަ ބުނެގެން ކަލޭމެންތިބި ދިމާލަށް. އެކަމަކު ކަލޭމެންނަށް އަހަރުމެން ނުފެނުނީ. ހޫމް.. އެހެންވީމަ އެއީ ދޯ މިވާ ގޮތަކީ.؟ އެދުހު އެހެންވެދޯ ކަލޭ ފެނިފަ މަންމައަށް ހުއްޓުން އެރީ. ހެހެ.. މަންމަ ހިތުން ވަރަށް އުޅުން ނުބުނާންވެސް." ޝާމް ހަނދާނެއް އާކޮށްލަމުން އެދުވަހުގެ ވާހަކަ ދެއްކިއެވެ.

އޭރުވެސް މޫސަ އަނގައިން ނުބުނެ ބަލަން ހުރީއެވެ. ހައިރާންވެ ބަސް ހިއްޓިފައެވެ. ލަހުމާ ފެނި އޭނާގެ ޙާލަތަށް މޫސައަށް ޙަމްދަރުދީވެސް ވެވެއެވެ. އެހެންނަމަވެސް މޫސަ ކެތްތެރިވިއެވެ. އެތައް ދުވަހެއްގެ ކަމެއް މޫސަވަނީ އޭނާގެ ހިތުގެ ވިންދަށްވެސް ނޭނގޭ ވަރަށް ސިއްރު ކޮށްފައެވެ. އެހެންކަމުން އަދިވެސް މޫސަ އެކަންކަމާ ވިސްނާލަން ބޭނުމެވެ.

މީހުން ގިނަ މާހައުލެއްގެ ތެރެއިން ތާނިޔާ ހަލުވި ފިޔަވަޅުތައް އަޅަމުން ހޮސްޕިޓަލަށް ވަނެވެ. އަދި އެ ހަލުވި މިނުގާ ވޯރޑާ ދިމާލަށް މިސްރާބު ޖެހިއެވެ. އެހެންނަމަވެސް ތާނިޔާ ކުޑަކޮށް މަޑު ޖެހިލީ އެތަނުން ފިރިހެންކު ފެނިގެންނެވެ.

"އަނހަ! މިތާދޯ ތިއުޅެނީ؟ މީ ތާނިޔާއޭ. ނޭނގުންތަ؟"

ލަހުމާ އޮތް އެނދާދިމާ ބޭރުގައި ހުރެ ތާނިޔާ ވާހަކަ ދެއްކީ ހިނިތުން ވަމުންނެވެ.

"އެހެންތަ؟ އެހާ ދުވަސް ކޮށްފަ ފެނުނީމަ ނޭނގުނީ. އެކަމަކު މިހާރު ޔަޤީންވެއްޖެ. އަދިވެސް ވަރަށް ފެޝަންކޮށްވިއްޔަ ތިހުންނަނީ. ކީއްކުރަނީ މިތާ؟ އަހަރެންވެސް އަންހެނުނުން ބާއްވައިން މިއުޅެނީ." އެމީހާ ވާހަކަ ދެއްކިއެވެ.

"އެހެންތަ؟ ވަދެލާނަން ފަހުން. އާދެބަލަ. ޖެހިގެން ހުރި އެނދުގަ އޮންނާނީ ދޮންތަ. އޭނަވެސް ބާއްވައިގެން މިއުޅެނީ."

ތާނިޔާ އެހެން ބުނުމާއެކު ދެމީހުން އެއްފަހަރާ ހިނގައިގަތީ ތާނިޔާ ބުނި ދިމާލަށެވެ. އެނދު ވަށައިން ދަމާފައިވާ ފަރުދާ ކަހާލަމުން ތާނިޔާމެން އެތެރެއަށް ވަނެވެ.

"އަނހަ މޫސަ. ކަލޭ މިތާ؟.. އެކަމު އަހަރެންގެ ދަރި މަ މިތަނަށް ވަންނަނިކޮށް ބުނި މޫސަބެ އިންނާނެޔޭ މަންމަ ކައިރި.. ދެން އެކަމު މިތާ ކީއްތިކުރަނީ؟ މޫސަވެސް މި ލަހުމާ ދަންނަންތަ؟" އެ ފިރެހެން މީހާ މޫސައަށް ގޮވާލަމުން ލަހުމާއަށް ބަލައިލިއެވެ.

އެވަގުތު ތާނިޔާގެ އަނގައިން ބަސް ހުއްޓި ހައިރާންވެ މޫސައަށް ބަލަމުން ދާކަން މޫސައަށް އެނގުނެވެ. ތާނިޔާ ހީވަނީ ޝޯޚްވެގެން އަނގަ ހުޅުވާލި ގޮތަށް އަނަގަ ލައްޕާލަންވެސް ނޭނގިފައި ހުރިހެންނެވެ. އަދި ތާނިޔާގެ ލޮލުގެ އެސްފިޔަތައް ވަނީ ވަގުތުން ހުއްޓިފައެވެ. ތާނިޔާ ހައިރާން ވެފައި ހުރި ނަމަވެސް މޫސަގެ ފަރުވާލެއް ނެތެވެ.

"އާނ!.. އަހަރެންނަށް ލަހުމާވެސް، ދެން ތިބި ދެމީހުންވެސް ވަރަށް ރަނގަޅަށް އިނގޭ. އެކަމަކު ޠާރިޤަށް ބުނެވުނު ކުޑަކުޑަ ލަފްޒަކުން ލަހުމާ އެއޮތީ ހައިރާންވެފަ. އަހަންނަށް އެނގޭ އެކަމާ ތާނިޔާވެސް ވަރަށް ހައިރާން ވެއްޖެކަން." މޫސަ ބުނެލީ ހަމައެކަނި އެހެނެވެ.

"އޭނ!.. އެވަރުގެ ކޮން ލަފުޒެއް؟" ޠާރިޤްއަށް ބުނެލެވުނެވެ.

"ތާރިޤު އެކަމާ އަޅާނުލާ!.. މިބުނި އެއްޗެއް އެމީހުންނަށް އިނގޭނެ." މާގިނަ ވާހަކަ ދައްކަން ބޭނުން ނުވާތީ މޫސަ ބުނެލީ އެހެންނެވެ.

"ހެހެ.. އާނ ލަހުމާގެ ގޮތް މި ޠާރިޤަށްވެސް އެނގޭ." މޭގާ އަތް ޖައްސާލަމުން ތާރިޤް އޭނާގެ ވާހަކަ ފެށިއެވެ.

"ބުނަން ވާހަކައެއް. މިއަދު އަހަރެން ވަރަށް ވޭ ކަލޭ ތިހާލުގަ އޮތީމަ ކަލެޔަށް އެއްޗެއް ހަނދާން ކޮށްލަދޭ ހިތް.. ލަހުމާ! ކަލޭ އަހަރެން ކައިރި ބުނީމެއްނު ދަރިން ގެންގުޅެ ބަލާ ބޮޑު ކުރުމަކީ ބޭކާރު ކަމެކޭ. ކަލޭ ހަނދާންވޭތަ؟؟؟ އެދުހު އަހަރެން ބުނީމެއްނު ދަރިއެއްގެ މުހިއްމުކަން އެނގޭނީ ދަރިއެއްގެ އެހީތެރިކަން ބޭނުންވާ ދުވަހަކުންނޭ. މިއަދު މިއޮތީ އެތަން ކަލެއަށް ފެނިފަ. ފޮހޭ ރަބަރަކުން ރޮނގެއް ފޮހެލާހާ ފަސޭހައިން، ކަލޭގެ ހަޔާތުން ނެރެ އެއްލާލަން ބޭނުންވި ދަރި މިއަދު ކޮބާ؟؟؟ ބަލަ! އެކުއްޖާ ދޯ މިހިރަ ފެންނަނީ ބޮޑުވެފަ ހުއްޓަ.. މަށަށް އެނގޭ އެއީ ކަލޭގެ ދަރި ޝާމްކަން."

ޠާރިޤް ލަހުމާ އާ ކައިރިއަށް ޖެހިލިއެވެ. އޭރުވެސް ޝާމް ހުރީ ވާއެއް ނުވާއެއް ނޭނގިފައެވެ.

"ލަހުމާ! ކަލޭތީ ކަލޭ މަންމަގެ މަރު ދުވަހާ ހަމައަށް އެހާ ނުބައިކޮށް ކަންތައް ކުރި މީހެއް. އެފަކީރު ދުނިޔޭން ނެތި ދިޔައީ ކަލޭމެންގެ ސަބަބުން. ބަލާބަލަ ކަލޭގެ ދަރި ޝާމް. އަހަރެން ދުށިން އިއްޔެވެސް ކަލެޔަށް ދޭން އޭނަ ގެނައި ޕެކެޓްތައް. ކަލޭ ތިއޮންނަނީ ލުއިކާނާގެ އިތުރުން ޕެކެޓް ބޮއެގެން. އެޔެއްނު ކަލޭމެންވެސް ކަލޭމެންގެ މަންމަ ރަޝީދާގެ ހައި ހޫނުކަން ފިލުވައިދިން ގޮތަކީ؟؟ ހަމަ އެހެން ކަލޭގެ ދަރިވެސް ކަލެޔަށް އެ ހަދަނީ.. މިހާރު އިހްސާސްވޭތަ އެތަކެތި ބޮއެގެން އޮންނަން ޖެހުނީމަ ކަލޭގެ މަންމަ ބަނޑުހައިވާނެ ވަރު؟ މިހާރު އިހްސާސް ވޭތަ ކަލޭގެ މަންމަ ރޯނެވަރު؟ ކަލެޔަށް އިނގޭދޯ މި ކުއްޖާ ކަލެޔާ ވާހަކަ ދައްކާ ބަހުރުވަ؟ ކަލޭވެސް ތީ ކަލޭގެ މަންމައަށް ހަމަ އެގޮތަށް ކަންތައް ކުރި މީހެއް. އެހެންވީމަ ތިހާލުގަ އަތާ ފަޔާ ގުޑުވާ ނުލެވުނީމަ އަސަރެއްވާ އެބަކުރޭ ދޯ؟" ޠާރިޤު އެހެން ބުނުމާއިއެކު ތާނިޔާ ރުޅި އައެވެ.

"ޠާރިޤޫ.. ބޭކާރު ވާހަކަ ނުދައްކާ. ތީ ނިމިފަ އޮތް ކަމެއް." ތާނިޔާ ބުނެލިއެވެ.

"ތިވާހަކަ ކުރިޔަށް ގެންދޭ.. ތިވާހަކަތައް އެމީހުންނަށް ބޭކާރު ވިޔަސް، ތިވާހަކަތައް އަހަންނަށް އެނގެންޖެހޭ." ޝާމްގެ އެދުމަށް އަނެއްކާވެސް ޠާރިޤު ވާހަކަ ދައްކަން ފެށިއެވެ.

"މިއަދު ކަލެއަށް އިޙްސާސްވާނެ ކަލޭވެސް ކަލޭ މަންމައާ ވާހަކަ ދެއްކި ބޭއަދަބީ ގޮތް.. އެމީހާއަށް އެދުހު ކުރި އަސަރު މިހާރު ކަލެޔަށް ކުރާތަން އެބަ ފެނޭ.. ދެން ކޮބާ ކަލޭގެ ވީ ނުވީތަން ނޭނގުނު ދަރި؟ އެކުއްޖާ މަތިންވެސް މިއަދު ކަލޭ ހަނދާން ވާނެ... ހަމަ ޔަޤީން ވަރަށް ހަނދާންވާނެ. ތިހާލަތަށް ވެއްޓުމުގެ ކުރިން އިންސާނާ އަމިއްލައަށް ނިކަމެތިކަން ޤަބޫލު ކުރަންޖެހެނީ އެހެންވެ. އަހަރެން ބުނިހެން މިނިވަން ކަމާއެކު ތިޔަ އުދުހިލެވުނީ ވަރަފަތް ބިނދެންދެން. އެހެންނު.؟. މޫސާ! ހިނގާ މިތަނުން ދާން." ޠާރިޤް މޫސަގެ އަތުގަ ހިފައިން ނުކުތެވެ.

އޮފީހުން ނިމިގެން ގެއަށް އާދެވުމާއެކު މަހޫ އިށީނީ ގޯތިތެރޭ ހުރި ޖޯލިފަތީގައެވެ. ކަނޑައިން ގޮސްފައިވާ ޖޯއްޔެއް ގަތަން އޭރު މާލިކްއިނީ ވަރަށް ޝަޢުޤުވެރިކަމާ އެކުގައެވެ.

"މަހޫ! ދޮންބެ އެބަ ވިސްނަން މީހަކާ އިންނަން. ދުވަސް ކޮޅެއް ވެއްޖެ ބައްޕަ ކައިރި އަފީފައްތައާ އިންނާށޭ ކިޔާތާވެސް. އެކަމު ބައްޕަ އެކަން ނުކުރީމަ ދެން ދޮންބެ މިއުޅެނީ މިގެއަށް ހީވާގި ކުއްޖަކު ގެންނަން. ކިހިނެއް ވާނީ؟" މާލިކް ވަރަށް ސީރިއަސްކޮށް ބުނެލިއެވެ.

"ބައްޕަ ރުހެންޏާ ތިވީނު. އަހަރެން ވަރަށް އުފާވާނެ." މަހޫ ކުރު ޖަވާބެއް ދިނެވެ.

"ދޮންބޭ! އަހަރެންގެ މުސާރަ ބޮޑުވެއްޖެ. އެބަ ވިސްނަން ބައްޕަ މާލެ ފޮނުވަން. އެކަމު އަހަރުމެން ދެމީހުންވެސް ހިނގާބަލަ ތުގާ ކައިރިއަށް ގޮސްލަން ބައްޕައާ އެކީ. ދޮންބެއާ ބައްޕަ ގަބޫލިއްޔާ އަހަރެން ޗުއްޓީ ނަގާފާނަން." މަހޫ ރަނގަޅު ޚިޔާލެއް ދެމުން ގެޔަށް ވަންނަން ދިއުމަށްޓަކާ ހިނގައިގަތެވެ.

"އަދިވެސް ޖޯލި ގަތާ ނުނިމެދޯ؟ ވާހަކައެއް އަހާލަންތަ؟"

ސަމީރު ޖޯއްޔެއްގައި އިށީންނަމުން މާލިކްއާ ސުވާލު ކުރިއެވެ. އެހެން ނަމަވެސް މާލިކް ވަކި އެއްޗެއް ނުބުނެއެވެ.

(ނުނިމެ )

ޚިޔާލު ފޮނުއްވާ