Views: 1878 59

ބާރަށް ފެން އޮހެމުންދިޔަ މާގަނޑުގެ ދަށުގައި ފެންވަރަން ހުރި ހަނީފް ވަނީ ފުން ޙިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ކުރިއަރަމުން އަންނަ އޭނަގެ ވިޔަފާރި އިތުރަށް ކުރިއަރުވާނޭ ގޮތަކާމެދުގައި ވިސްނަނީއެވެ. އޭނަގެ ދެއަނބިންގެ ދެމެދުގައި އޮންނަ އަރާރުންވުމާއި ހަސަދަޔާހެދިވެސް އޭނަ ބޯ ގޮވާވަރުވެއެވެ. އަނެއްކޮޅުން މިހާރު ހަގު އަނބި އިނީ ބަލިވެއެވެ. ދޮށީ އަނތްބައް އަދި އެކަމެއް ނުވެސް އެނގޭނެއެވެ.
ފެންވަރާލައިގެން ނުކުމެ ހަނީފް ތައްޔާރުވަމުން ދިޔައީ އޮފީހަށް ދާށެވެ. އޭރުވެސް އެނދުމަތީގައި އޮތް ޝާއިރާ އޮތީ ގަދަ ނިދީގައެވެ. ޝާއިރާއަކީ ހަނީފްގެ ހަގު އަނތްބެވެ. ތައްޔާރުވެ ނިމިގެން ބޭރަށް ނުކުތުމުގެ ކުރިން ޝާއިރާއަށް ވަރަށް މަޑުމަޑުން، އެހާމެ ލޯބިން ގޮވާލިއެވެ. "މިދަނީ އޮފީހަށް. މިރޭ އޮންނަ ޕާޓީއަށް ތައްޔާރުވެސް ކުރަން ޖެހޭ. މިރޭގެ ޕާޓީއަށް ޝާއި ވެސް ޖެހޭނެ ދާން. 8:15 އަށް ރެޑީ ވައްޗޭ. އަންނާނަން ބަލާ" މިހެން ބުނުމަށްފަހު ވަރަށް ލޯބިން ޝާއިރާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ހަނީފް ހިނގައިގަތެވެ.
އެދެމަފިރިން އުޅެނީ އެއިމާރާތުގެ 7 ވަނަ ފަންގިފިލާގައެވެ. ހަނީފްގެ ދޮށީ އަނބި އާލިމާ އުޅެނީ އެއިމާރާތުގެ 6 ވަނަ ފަންގިފިލާގައެވެ. އެހެންކަމުން އޮފީހަށް ދިޔުމުގެ ކުރިން ހަނީފް އާލިމާ އުޅޭ ބަޔަށްވެސް ވަދެލިއެވެ. އޭރު އާލިމާ އުޅެނީ ސައި ތައްޔާރުކޮށެވެ. ހަނީފް ގެއަށް ވަންނަ ތަން ފެނުމުން އާލިމާ ކުޑަކޮށް ހައިރާންވެސް ވިއެވެ. އެކަން ހިނީފަށްވެސް ފާހަގަކުރެވުނެވެ. "ކިހިނެއްވީ؟ މާނުގަޑިއެއްގަތަ މިއާދެވުނީ؟ ނޫނީ އެހެން މީހެއްގެ އިންތިޒާރުގަތަ ތިހުންނަނީ؟" ހަނީފް ކުޑަކޮށް ސަމާސާކޮށްލިއެވެ.
އާންމުކޮށް ހަނީފް ޝާއިރާ ގާތުގައި އުޅޭ ދުވަސްތަކުގައި އާލިމާ ހެނދުނު ހޭލާވެސް ނޫޅޭކަން ހަނީފަށް އެނގެއެވެ. ނަމަވެސް މިއަދު އެހާރަނގަޅަށް ސައިވެސް ތައްޔާރުކޮށްފައި ހުރުމުން ހަނީފަށް ކުޑަކޮށް ތަފާތު ގޮތެއް އިޙްސާސްކުރެވުނެވެ. "ކީއްވެ މިއަދު މާހެނދުނާ ހޭލައިގެން ތިއުޅެނީ؟" ހަނީފަށް އެސުވާލުނުކޮށެއް ނީނދެވުނެވެ. "އަހަރެން ކައިރީގައި ހަނީފް ނުބުންޏަސް ހަނީފްގެ ވިޔަފާރީގައި ލިބޭ ކާމިޔާބީތަކުގެ ޚަބަރު އަހަރެންނަށް ލިބެއޭ. މިދިޔަ އަހަރުގައި ލިބުނު ކާމިޔާބީއާ ގުޅިގެން މިރޭ ޕާޓީއެއްވެސް ބާއްވަން އުޅޭކަން މަށަށް އެނގޭ. ހަނީފް ތިއުފަލުގައި އަހަރެން ބައިވެރިކުރަން ބޭނުން ނުވިޔަސް މަވެސް އުފާވޭ މަގޭ ފިރިމީހައަށް ބޮޑެތި އުފާތައް ލިބޭތީ. އަނެއްކޮޅުން ޝާއިރާ ބަނޑުވެސް ބޮޑެންނު މިހާރު. އެހުރިހާ ކަމެއްގެ އުފަލުގައި މިއަދު ހެނދުނުގެ ސައިގައި ހަނީފާއި ޝާއިރާވެސް ބައިވެރިކުރަން އަހަރެން އުޅުނީ. އެކަމަކު ސައި ހަދާ ނިންމާފަ ހަނީފަށް ގުޅަން އުޅެނިކޮށް ހަނީފް ތިއައީ." ޝާއިރާ ބަނޑުބޮޑުކަން އާލިމާއަށް އެނގުނީތީ ހަނީފް ހައިރާންވިއެވެ. ނަމަވެސް ލުއިލުއި ހިނިތުންވުމެއް ދެމުން ބުނެލިއެވެ. "މަ މިއައީވެސް ތިވާހަކަތައް އާލިމާއާ ހިއްސާކުރޭށޭ. ދެން ރަނގަޅުތާ މަ ނުބުނަނިސް އެނގުނުކަން." އެހެންބުނެފަ ހަނީފް ދާން ހިނގައިގަތެވެ.
ދޮރު ހުޅުވާލަން ހަނީފް ދޮރުގެ ތަޅުގައި އަތްލިއިރު އެހެން މީހަކު ބޭރުން ދޮރު ހުޅުވަނީއެވެ. ކުޑަކޮށް ފަހަތަށް ޖެހިލަމުން ހަނީފް އެމީހަކު ވަންނަން ތަންދެއްކިއެވެ. އެވަގުތު ބޭރުން އެތެރަށް ވަނީ ހަނީފްގެ ފިހާރައެއްގައި މަސައްކަތް ކުރާ ބިދޭސީއެއްކަމަށްވާ އަނަންދެވެ. އޭނަވެސް އެތެރަށް ވަދެފައި އޭނާގެ ބޮސް ފެނުމުން ކުޑަކޮށް ހައިރާންވިއެވެ. "އަނހާ އަނަންދު. މިވަގުތު މިތާ ކީއްތިކުރަނީ؟" ހަނީފް އެސުވާލުކުރުމުން ކުޑަކޮށް ބޯކަހާލުމަށް ފަހު އަނުންދު ޖަވާބުދިނެވެ. "މިއައީ އާލިމާ މެޑަމް ބުނެގެން މިގޭގެ ފަންކާތަކާއެއްޗެހި ފޮހެ ސާފުކޮށްލަން" އެހެން ބުނުމަށް ފަހު އަނުންދު އެތެރަށް ހިނގައިގަތެވެ. "ހާދަ އަވަހަށް ފަންކާތައް ހަޑިވީއޭ ދޯ އާލިމާ. މިދިޔަ ހަފްތާގައެއް ނޫންތަ އަނަންދު އައިސް ސާފުކުރީ؟" ހަނީފް ވާހަކަ ދެއްކީ ސިންކުކައިރީގައި ތަށިތައް ދޮންނަން ހުރި އާލިމާއާއެވެ. "އެފަހަރު ސާފުކުރީ ކޮޓަރީގެ ފަންކައާއި އޭސީ އެކަނި. މިހާރު ސިޓިންގް ރޫމާއި ބަދިގޭގެ ފަންކަވެސް ހިރަފުސް އަރައިގެން ހަޑިވެފައެންނު މިހުރީ." އާލިމާ އެހެންބުނުމުން "އާނ ދޯ" އޭ ބުނެފައި ހަނީފް ދިޔައީ އޮފީހަށެވެ.
ހަނީފް ގޮސް އޮފީހުގެ މީޓިންގް ރޫމްއަށް ވަނުމާއެކު މީޓިން ފެށުނެވެ. މިރޭ އޮންނަ ޚާއްސަ ޕާޓީ ކުރިއަށް ދާނެ ގޮތާއި އެޕާޓީއަށް ކުރަންޖެހޭ ހުރިހާ ތައްޔާރީއެއްކުރަން ރޭވިފައިވާ ގޮތާއި އެޕާޓީއަށް ދަޢުވަތު ދެވޭނެ މީހުންގެ ލިސްޓެއްވެސް ނައުޝާދު މީޓިންގެ ބައިވެރިންނާ ހިއްސާކުރިއެވެ. ނައުޝާދަކީ ހަނީފްގެ ވިޔަފާރި ފެށުނީއްސުރެ ހަނީފްގެ އެންމެ ކައިރިން މަސައްކަތްކުރާ، ހުރިހާ ކަމެއްގައިވެސް ހަނީފަށް އެންމެ އެހީވެދޭ އެންމެ ގާތް އަދި އެންމެ ވަފާތެރި މުވައްޒަފެވެ. "ވަރަށް ފުރިހަމަ ޕްލޭންއެއް" އެހެން ފަހަރުތަކެކޭ އެއްފަދައިން ނައުޝާދުގެ ޕްލޭން މިފަހަރުވެސް ހަނީފަށް ވަރަށް ކަމުދިޔައެވެ. މީޓިން ނިންމާފައި ހުރިހާ މުވައްޒަފުންވެސް އެމީހެއް އެމީހެއްގެ މަސައްކަތާއިގެން މަޝްޣޫލުވިއެވެ.
އެރޭގެ ހަމަ ބަރާބަރު 8.30 ހިނގިއިރަށް ޕާޓީ ފެށުނެވެ. ހަނީފާއެކު ޝާއިރާވެސް ޕާޓީއަށް ހާޒިރުވިއެވެ. ޝާއިރާ ލާފައި ހުރި ވިދާ ފޮތީގެ ރަތް ކުލައިގެ ހުދުމުގައި އޭނާ ހީވަނީ ފުރިހަމައަށް ފަރިވެ ފޮޅިފައި އިން ފިނިފެންމަލެއް ހެނެވެ. އެންމެންގެ ލޯތައް އަމާޒުވަމުން ދިޔައީ އޭނައަށެވެ. ހަނީފްގެ މުއްސަނދިކަމުގެ އިތުރުން ގިނަ ބަޔަކު ހަނީފަށް ހަސަދަލާ އަނެއް ސަބަބަކީ އަންހެނުންގެ ކަންކަމުގައިވެސް ހަނީފް ކާމިޔާބު މީހަކަށް ވުމެވެ. މިހާރު ދެބައި އުމުރުން މަތިވެފައިވައިރު ދެ އަނބިން އެބަ ގެންގުޅެއެވެ. އަނެއްކޮޅުން ހަގު އަނބި ޝާއިރާއަކީ ނުލާހިކު ޒުވާން އެހާމެ ރިތި ޖިންސުން ލަތީފަކަށް ވީއިރު ހަނީފަށް އޭނަ ކާމިޔާބު ކުރެވުނުކަން އެއީ އެންމެންވެސް ހައިރާންވާ ކަމެކެވެ. ޕާޓީ ތެރެއިން ވިޔަފާރީގައި ހަނީފާ އެންމެ ވާދަވެރި މީހުންކަމުގައިވާ ރިޒާއާއި ޔަމީންވެސް ހަނީފާ ސަލާން ގަލާންކޮށް މަރުޙަބާ ކިޔައިހެދިއެވެ. އެހިނިތުންވެފައިވާ މޫނުތަކުގެ ފަހަތުގައި އަނދަމުންދާ ހަސަދައިގެ އަލިފާންގަނޑުގެ ހިލަމެއްވެސް ހަނީފަށް ނުވާކަހަލައެވެ. ނޫނީ އެކަން އެނގޭކަމަށް ހަނީފް ނަހަދަނީކަން ނޭނގެއެވެ. އެރޭގެ ޕާޓީ ނިމުނީ 11 ޖަހަން ކައިރިވެފަ ހުއްޓައެވެ.
އެރޭ ހަނީފް ނިދަން އަންނާނީ އާލިމާ ކައިރިއަށޭ ބުނެފައި އޮތުމުން ހަނީފް އަދޭތޯ ބަލަން އެތައް އިރެއް ވަންދެން އާލިމާ އޮތެވެ. ހަނީފްގެ އިންތިޒާރުގައި އޮވެ އޮވެ ވަރުބަލިވެގެން އޭނާވެސް ނިދަން ޖައްސަލިއެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އާލިމާ އެޕާޓްމެންޓުގެ ދޮރު ހުލުވައިލިއިރަށް ފެނުނު މަންޒަރުން ދިޔައީ ސިއްސައިގެންނެވެ. އަޑުގެ ކޮޅަށް ހަޅޭއްލަވައި ގަންނަމުން ހުރިތަނަށް ތިރިވެވުނީ ބޭއިޚްތިޔާރުގައެވެ. ސިޑިމަތީގައި އޮތް ލެއިން ތަތްތެޅިފައިވާ ހަނީފްގެ ހަށިގަނޑު ފެނިފައި އިރުކޮޅަކު ގަބުވެފައި އިނުމަށްފަހު އާލިމާ ފުލުހަށް ގުޅިއެވެ.
(ނުނިމޭ)

  1. Avatar
    moderated

    ވަރަށް ރީތި.. މިއީ މާރޑަރ މިސްޓްރީއެއް ދޯ؟؟ ވަރަށް ތަފާތު

  2. Avatar
    moderated

    ވާހަކަ ސައިޓުން ވަރަށް ދުވަސްކޮށްފައި ރަނގަޅު ވާހަކައެއް ކިޔާ މި ލެވުނީ. އެހެން ވާހަކަތައް ވެސް ކިޔަން އެކަމު ޝައުގުވެރިކަން ނެތިގެން ހުއްޓާލަނީ .. މި ވާހަކަ ތަފާތު.. ވަރަށް ކަމުދާ ގޮތަކށް ލިޔެފަ ހުރީ. ހުނަރު އެބަހުރި. އުންމީދަކީ މި ވާހަކަ އެއްކޮށް ކިޔާލަން ލިބުން.

ޚިޔާލު ފޮނުއްވާ