Views: 2816 149

ރަޖުއާން އަވަސް އަވަހަށް ވަލު ދޮރޯށިން އެތެރެއަށް ވަނެވެ. "ނައުރީން. ކަލޭ ކާކާއި ތިޔަ ވާހަކަ ދައްކަނީ" ރުޅިއައިސް ފުފިފައި ހުރި ހަފީޒާ އަހާލިއެވެ. "މި..މި..މިމި..މި" ނައުރީންއަށް ބުނެވުނެވެ. "މިމިމި ކިޔަން އޮވޭ ތަށިތައް ނަގާފައި ރިހަތެލި ހޫނުކޮށްގެން އައިސްފައި . ކަލޭގެ ތި ޑްރާމާ ބަލަން ހުރެވޭކަށް މަށަކަށް ނެތް. ސެލޫނަށް ދާ ގަޑިޖެހެނީ." ހަފީޒާ ރުންކުރު ގޮތަކަށް އެހެން ބުނެލުމަށްފަހު އެތަނުން ދިޔައީއެވެ. ނައުރީނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. "އާން. ނުކުމޭ ދެން." ނައުރީން ގޮވާލިއެވެ. ރަޖުއާން ނުކުތްއިރު އޭނާގެ އެއް އަތުގައި މާބޮނޑިއެއް އޮތެވެ. އަދި އަނެއް އަތުގައ ކޭކެއް އިނެވެ. "ހެޕީ ބާ ތުޑޭ ނައުރީން" ރަޖުއާން ފުޅާ ހިނިތުން ވުމަަކާއިއެކު ބުނެލިއެވެ. ނައުރީން ސުވާލުގެ ނަޒަރަކުން ރަޖުއާންއަށް ބަލާލިއެވެ. "ޝާހާ އެންޑް އީނާ ބުނެދިނީ. އެހެންވެ ވަރަށް އަވަސް އަވަހަށް ކޭކަކަށް އޯޑަރު ޖަހައިގެން ގެނައީ" ރަޖުއާން ބުނެލިއެވެ. ނައުރީންއަށް އަދި ބަދިގޭގެ މަސައްކަތްތައް ނުނިމޭކަންވެސް ހަނދާނެއް ނެތެވެ. ނައުރީންގެ އުފާވެފައިވާ މޫނު ފެނުމުން ރަޖުއާންގެ ހިތަށް ބުނެދޭން ނޭނގޭ އިހްސާސެއް ކުރެވުނެވެ. އެއީ ލޯބި ބާވައޭ އޭނާގެ ހިތް ބުނެލިއެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. އޭނާގެ ލޯބިލޯބި އަނބިމީހާ މަލްސާ މާ ލޯތްބެވެ. މާ ފުރިހަމައެވެ. ކައިވެނި ކުރީ ރަޖުއާންއާއި މަލްސާވެސް ބޭނުން ވެގެންނެވެ. ނުހަނު ލޯބިން އެތަކެއް ވައުދުތަކަކާއި އަހުދުތަކެއް ވެފައެވެ. ވީއިރު މަލްސާ ނޫން މީހެއްގެ މައްޗަށް އޭނާގެ ހިތުގައި ލޯބިއުފެދުމަކީ މަލްސާއަށް ވެވޭ ބޭއިންސާފަކަށް މެނުވީ ނުވާނެއެވެ. އަދި ނައުރީންގެ ހިތަށް ދެވޭ އިތުރު އަނިޔާއަކަށްވެސް މެނުވީ ނުވާނެއެވެ. އަނެއްކާ ނައުރީން ގާތު އޭނާގެ އަންބެއް ހުންނަ ވާހަކަ ނުބުނެވުމަކީ އޭނާއަށް ހެދުނު ގޯހެއް ބާވައެވެ؟
** **
ޝާހާ އާއި އީނާ ވަރުބަލި ކަމާއެކު ގޮނޑީގައި އިށީނދެލަމުން ތަނަށް ނަޒަރު ހިންގާލީ ހިތްހަމަ ޖެހިފައި ތިބެއެވެ. އެއް ބިތުގައި ބޮޑު އަކުރުން ' ހެޕީ ބާތުޑޭ ރީން ' ޖަހާފައި އިނެވެ. އެއް ކައިރީ ހުރި މޭޒުގެ މަތީގައި ބޮޑު ކޭކެއް އިނެވެ. "ކޮބާ ރީން އަންނަނީ ކޮންއިރަކުން. ސްޕެގެޓީވެސް ކެކިއްޖެ" ބަދިގެއިން ނުކުތް އަސްމާ ހިނިިތުންވެލަމުން އަހާލިއެވެ. "ހާދަ ވަސް ރަނގަޅޭ" ބައްސާމު އޭނާގެ ފިހާރައިން އައިސް ގެއަށް ވަނީ އެވަގުތުއެވެ. "އާނ މި ނައުރީންގެ އުފަންދުވަސް ވީމަ" އީނާ ބުނެލިއެވެ. "ދަރިފުޅު ރަނގަޅު އެއްޗެއް އެމަންޖެއަށް ދެއްޗޭ. އެކަހަލަ ކުދިންނަށް ވާނެ ވަރަށް އެހީވާން" ބައްސާމު ހިނިތުން ވެލަމުން ބުންޏެވެ. ކިތައްމެ މުއްސަންޖަސް ބައްސާމަކީ ހިތްހެޔޮ މީހެކެވެ. އޭނާގެ މިލްކިއްޔާތުގައި 2 ރެސްޓޯރެންޓާއި 3 ފިހާރަ ހުރެއެވެ. ދީނީ އަޅުކަންތައް އަދާކުރި ނަމަވެސް ދަރިން އެފަދަ އަމަލުތައް ކުރޭތޯ އެހާވަރަކަށް ނުބެލެއެވެ. ޒުވާން އުމުރުގައި ފެށި ވިޔަފާރި ނުހަނު ކާމިޔާބެވެ. ދެފިރިހެން ދަރިން ކަމުގައިވާ ނަޒްޔަލް އާއި ނަޒްޔަކްގެ އެއްބާރުލުމަކީ ބައްސާމުއަށް ލިބޭ އިތުރު ހިތްވަރެކެވެ.
** **
"ރީން ގޮވައިގެން އާދޭ" ރަޖުއާންއަށް ލިބުނީ އީނާގެ މެސެޖެކެވެ. "ނައޫ. ތި ކޭކް ނައުގެ ކޮޓަރީގައި ފޮރުވާފައި އާދެބަލަ ތަނަކަށް ދާން ސުވާލެއް ނުކުރާތި! " ރަޖުއާން ބުނެލިއެވެ.އަދި ނައުރީންގެ ލޮލުގައި ފޮތިކޮޅެއް ބަނދެލިއެވެ. ނައުރީން ބޯޖަހާލިއެވެ. ރަޖުއާން ނައުރީންގެ އަތުގައި ހިފައިގެން ދިޔައިރު އެދެމީހުންގެ ހަރަކާތް ތަކަށް ދުރުގައި ފާރަވެރިވެ ބަލަން މީހަކު ހުރިކަމެއް އެދެމީހުން ނުދަނެހުއްޓެވެ.
** **
ދުރުގައި އެމަންޒަރު ދެކެންހުރި މައުނާގެ ދެބުމަ ގޮށްޖެހުނެވެ. އަވަސް އަވަހަށް އެމަންޒަރު ފޮޓޯއެއް ނަގާލަމުން މަލްސާއަށް ފޮނުވާލިއެވެ. އޭގެ އިރުކޮޅެއް ފަހުން މަލްސާގެ ކޯލެއް ލިބުނެވެ. "ކާކު ނެގި ފޮޓޯއެއް" މަލްސާގެ އަޑުގައި ނުރުހުމެއްވެސްްް ހިތާމައެއްވެސް ނެތެވ. އެއަށްވުރެ އޭނާގެ ހިތުގައި ރަޖުއާންގެ މައްޗަށް
އޮތް އިތުބާރު މާ ވަރުގަދަ ކަހަލައެވެ. "އަހަރެން ނެގީ" މައުނާގެ އަޑުގަި ފޫހިކަމެއް ވިއެވެ. "ހޫމް ބާއްވަނީ. އަހަރެން މިކަމާއި ޑީލް ކުރާނަން" އެހެންބުނެ މަލްސާ އަވަހަށް ފޯނު ކަނޑާލިއެވެ. ދެން އަވަސްވެގަތީ ރަޖުއާންއަށް ގުޅުމަށެވެ.
** **
ފޯނުގެ ރިންގުގެ އަޑަށް ރަޖުއާން ސިހުނެވެ.
ޖީބުން ފޯނު ނަގާ ބަލާލިއިރު އަރާފައި އިން ނަމުން ހާސްކަން ދެގުނަވި ފަދައެވެ. "ނައު އިހަށް މިތާ މަޑުކޮށްލާ. ބައްޕަގެ ވަރަށް މުހިއްމު ފޯނުކޯލެއް" ރަޖުއާންއަށް ހާސްވެގެން ކިޔުނު ނުކިޔުނެއް ނޭނގެއެވެ. "ބައްޕައޭ. ދެންމެއަކު އެއްނު ބުނީ އާންގެ ބައްޕަވީ ނިޔާވެފައޭ" ނައުރީން ހުރީ ވާނުވާ ނޭނގިފައެވެ. "ބައްޕައޭތަ ބުނެވުނީ؟ މަންމަ އަސްލު ގުޅީ. ސޮރީ ވަރަށް" ރަޖުއާން ފޯނު ނަގައިގެން ދުރަށް ހިނގައިގަތެވެ. "މަލް ކިހިނެއްވީ؟ މާބޮޑަށް މިސްވަނީތަ؟ " އަޑުގައިވި ހާސްކަން ފޮރުވާލަމުން ރަޖުއާން އަހާލީ ލޯބިވެތި ރާގަކަށެވެ. "ކީއްކުރަނީ؟" މަލްސާ އެކޮޅުން އަހާލިއެވެ. "އަހަރެން ހުންނަގޭ ހަފީޒާއްތަގެ ދަރިފުޅު ނައުރީންގެ ބާތްޑޭވީމަ އެމީހުން ކައިރީ މިއުޅެނީ. ވަރަށް މަޖާ. އަސްލު ނައުއަށް ސަޕްރައިޒެއް ދޭން މިއުޅެނީ" ރަޖުއާން ބުނެލިއެވެ. ރަޖުއާން ތެދު ބުނުމުން މަލްސާގެ ހިތަށް ވަރަށް ބޮޑު ތަސައްލީއެއް ލިބުނެވެ. "އޯކޭ ހޭވް ފަން" މަލްސާގެ އަޑުގައި އުފާވެރިކަން ވިއެވެ. މަލްސާއަކީ ވަފާތެރި އަންބެކެވެ. ފިރިމީހާއަށް ޝައްކުކުރުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ ފިރިމީހާއަށް ވަފާތެރިކަންމަތީ ހުރެ އެންމެ ފަހުނޭވާ ދޫކޮށްލުމަށެވެ.
** **
ރަޖުއާން، ނައުރީން ގެންގޮސް ސިޓިން ރޫމުގެ މެދުގައި ބަހައްޓާލިއެވެ. އީނާ ކޮށްލި އިޝާރާތަކާއި އެކު ނައުރީންގެ ލޮލުގައި އައްސާފައި އިން ފޮތިގަނޑު މޮހާލިއެވެ. "ސަޕްރާއިޒް" އެންމެން އެކުގައި ކިޔާލިއެވެ. "ތޭންކްޔޫ، ޔޫ އޯލް އާރ ދަ ބެސްޓް" ނައުރީން ގޮސް ޝާހާއާއި އީނާގެ ގައިގައި ބައްދާލިއެވެ. "އަހަރެން ކޭކް ދިނީމަ ހަމަ ތޭންކްސް ނުބުނޭ" ދެރަވާ ކަމަށް ހެދެމުން ރަޖުއާން ބުނެލިއެވެ. ތެދެކެވެ. އުފާވެފައި ހުރިވަރުން ޝުކުރުއަދާ ކުރަންވެސް އޭނާ ހަނދާން ނެތެވެ. "ތޭންކްސް" ކުޑަކޮށް ލަދުގަތްފައިހުރެ ނައުރީން ބުނެލިއެވެ. ދެން އިވިގެން ދިޔައީ ރަޖުއާންގެ ލުއިލުއި ޖާދުވީ ހީނލުމުގެ އަޑެވެ. "ދެން ހިނގާބަލަ ކާން. މިހާރުވެސް އަސްމާއްތަގެ ސްޕެގެޓީ ސިފަވަނީ" އެއްދިމާލަކަށް ގެއްލިފައިހުރެ ޝާހާ ޚިޔާލީ ގޮތަކަށް ބުނެލިއެވެ. އެއާއިއެކު އެންމެންގެ ހުނުމުގެ އަޑުވެސް އިވިލިއެވެ.
** **
އިރު ފެނުން ތޮޅިލިއިރު ދޫނިސޫފާސޫފީގެ އަޑުން މާހައުލަށް ހިތްގައިމު ކަމެއް ވެރިވެފައި ވިއެވެ. މެރޫންކުލައިގެ ހުޑީއަކާއި އަޅިކުލައިގެ ސްޕޯޓްސް ސްވެޓް ޕޭންޓުގައި އީނާ ހުރިއިރު އިސްތަށިގަނޑު ނިވާ ކޮށްލެވިފައިވަނީ ވަށްބުރުގާ އަކުންނެވެ. ރަށުގެ ސްޓޭޑިއަމާއި ހަމައަށް ދެވުނުއިރު އެތާނގެ ފާރުބުރިމަތީ އިށީނދެލައިގެން އިނީ ޖައުޝް އެވެ. "މީނަ ކީއްބާ މާ ހެނދުނަކާ މިކުރަނީ" އީނާ ހިތާހިތާ ކިޔާލިއެވެ. "މަ ހާދަ ފޫއްސެކޭ ވަނީ އެ މާރިދު ދެކެ" އީނާ ކުދިކިޔާލާފައި ޖައުޝް އިންތަނަށް ބަލާލިއިރު އޭނާއެއް އެތާކު ނެތެވެ. އެވީ ކިހިނެއް ބާއޭ އޭނާ ހިތަށް އެރިއެވެ. ޝައިޠާނީ ވަސްވާސްތަކުގެ ސަބަބުން ހިތުގައި ބިރުވެރިކަންވެސް ވަށާލާފައި ވިއެވެ. "ޕޮއް" އިވުނީ ޖައުޝްގެ އަޑެވެ. "އަމައްޔާއި! އަވަހަކަށް މަރެއްވެސް ނުވާނެ މީއްޗަކު" އީނާ ކުދިކިޔާލިއެވެ. ޖައުޝްގެ ތުންފަތުގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އީނާ ފުރަގަސް ދެމުން ހިނގައިގަތްތަނާ މީހަކު އޭނާގެ އަތުގައި ހިފެހެއްޓިއެވެ. "ވިލްޔޫ ބީ މައި ގާލް؟" ޖައުޝް އަހާލިއެވެ. އޭނާގެ އަތުގައި ފިނިފެންމަލެއް ވެސް އިނެވެ. "ޔަކް. ނެވާރ. ދުވަހަކުވެސް މި އާމިނަތު އީނާ ބައްސާމެއް، ޖައުޝް މުހައްމަދު ސަލީމުގެ ލޯބިވެރިޔަކަށް ނުވާނަން. ތި އުޅުން އިސްލާހު ކުރިއްޔާ މާ ތާހިރެއްނު" އީނާ ބުނެލާފައި ހިނގައިގަތްފިއެވެ. މިވީ ކަމަކާއިހެދި އޭނާގެ މުޅި މޫޑު ޚަރާބު ވެއްޖެއެވެ. "ކޮންމެވެސް ދުވަހަކުން ތި އީނާވެސް މި ޖައުޝްގެ ލޯތްބަށް ސަލާންޖަހަމުން އަންނާނެ" ޖައުޝް ހިތި
ހިނިތުންވުމަކާއިއެކު ބުނެލިއެވެ. ވެދިޔަ ކަންތަކާއިމެދު ޖައުޝްގެ ހިތުގައި އީނާގެ މައްޗަށް އެއްވެސް ބުރަކަމެއް ނެތެވެ. އެއަށްވުރެ ޖައުޝްގެ ހިތުގައި އީނާގެ މައްޗަށް އޮތް ލޯބި މާ ބޮޑެވެ.
** **
"ވަޓް؟ ރިޕީޓް ވަންސް " ހެނދުނު ހެނދުނާ ލިބުނު ޚަބަރަކުން ޝާހާގެ ނިދިވެސް ފިލާދިޔަ ފަދައެވެ. "އާނ. ޖައުޝް މަށަށް ޕްރޮޕޯޒް ކުރީ" އީނާގެ އަޑަކު ސަމާސާގެ އެއްވެސް ރާގެއް ނެތެވެ. "ރިއަލީ. ދެން އީން ޔެސް ބުނީތަ؟ އަހަރެން ތިދެމީހުން އަޅުވާ ކިޔަނީ ސީރިޔަސް ކޮށެއް ނޫން. ޚުދު އަަހަރެންވެސް ނޭދޭނެ ދޯ މަގޭ އެންމެ ގާތް އެކުވެރިޔާ އަނދަވަޅަކަށް ވެއްޓެން" ޝާހާގެ އަޑުގައިވެސް ވަނީ ސީރިޔަސް ކަމެވެ. "ޝާއަށްވެސް ޔަގީންވާނެ އަހަރެން އޭނަޔަށް ނަފްރަތުކުރާ މިންވަރު. އަހަރެން ފާޅުގައި އިންކާރު ކުރިން. ޖައުޝްފަދަ އުޅުމެއްނެތް އިންސާނަކު އަހަރެންގެ ހަޔާތަށް އިންޝާﷲ ނުގެންނާނަން" އީނާ ބުނެލިއެވެ. "ބަރާބަރު، އީންއާއި ދޭތެރޭ އަހަރެން ފަހުރުވެރިވަން" ފޮނި ގޮތަކަށް ޝާހާ ބުނެލިއެވެ.
** **
"މިހިރަ ފެންނަ ނައުރީނާ.. ކަލޭ ރޭގައި ބޭރަށް ދިޔައީ ރަޖުއާނާއި އެކީގަ ދޯ. ބުނޭ، ޖަވާބުދީ. މާ ފާޑުފާޑު ކުރަންޏާ ހަދަންވާގޮތް އެނގޭނީ މަށަށް. ބަލަންހުރޭ" ހަފީޒާ ރުޅިއައިސްފައި އެތަނުން ދިޔައެވެ. ހަފީޒާގެ މިސްރާބުހުރީ ނައުރީންގެ ކޮޓަރިއާއި ދިމާލަށެވެ. ހަފީޒާ ކޮޓަރިއަށް ވަދެ އަލަމާރީގެ ދޮރުފަތް ހުޅުވާލަމުން ނައުރީންގެ ހުރިހާ އަންނައުނެއް އެތާހުރި ހުސް ފޮށިގަނޑަކަށް އަޅާލިއެވެ. "މަންމާ ކީއްކުރަން ތިއުޅެނީ. ޕްލީޒް ދެން ރަޖުއާންއާއެކު ނުދާނަމޭ ބޭރަކަށް" ނައުރީން އާދޭސް ކުރިއެވެ. އެހެނަސް ނައުރީންގެ އާދޭސްތަކުން ހަފީޒާގެ ރަހުމެއްނެތް ހިތަކަށް އެކައްޗެއްވެސް ނޭރިއެވެ. "މަ ހަދާގޮތެއް ކަލޭ ބަލަން ހުރޭ. ރަޖުއާންއާއި އެކަށީގެންވަނީ ނަފްއާ. އަހަރެން ފަޚުރުވެރިވާ ނަފްއާ" ހަފީޒާ ހުއްޓާނުލާ ކިޔަމުން ގެންދިޔައެވެ. "ކިހިނެއްވަނީ މިތާގައި؟" ގޭތެރޭގައި މާ އަޑުގަދަވެގެެން ނުޝްރާ އާއި ނަފްއާވެސް ނުކުތެވެ. "މިހިރަ އަންހެނާ ރަޖުއާންއާއި އެކީ މުޅި ރަށް ކުޑަކުރަނީނު" ހަފީޒާ ރުޅިއައިސްފައި ބުންޏެވެ. "އެކަމަކު މަންމާ. އެއީދެން އެވަރު މައްސަލައެއްތަ؟" ނުޝްރާ ބުނެލިއެވެ. "އާނ މައްސަލައެއް އެއީ ނޭނގޭތަ އެކަމެއް؟" ހަފީޒާ ނައުރީންގެ އަންނައުނު އެޅި ފޮށި ކިހިލިޖަހައިގެން ނުކުތީ ގޭގެ ބިއްދަށް ފަރާތަށެވެ. އެތާއޮތް އަންދާ ވަޅަކަށް ނައުރީންގެ އަންނައުނުތައް އަޅާލުމުން މިވާން އުޅޭގޮތް ނައުރީނަށް ކޮންމެވެސް މިންވަރަށް ފަހުމް ވިއެވެ. "ނޫން މަންމާ! ތިހެން ނަހަދާ، އޭރުން އަޅުގަނޑު ލާން ހުންނާނީ ކޯޗެއްތަ؟ ދެފައިގަ ހިފާ އާދޭސްކުރަމޭ މަންމާ" ނައުރީން ރޮއެގަތެވެ. "ވަރިހަމައޭ މަށަށް ކަލޭ އެއްޗެއް ނުލާ އުޅުނަސް" ހަފީޒާ ހަޅޭއްލަވައިގަތެވެ. "މަންމާ ތިހެން ނުހަދާ ދޮންތައަށް" ނުޝްރާއާއި ނަފްއާއަކަށް ކެތެއް ނުކުރެވުނެވެ. "މިގެއިން ހިޔާވަހިކަން ބޭނުމިއްޔާ އަނގަމައިތިރި ކޮށްގެންް ހުރޭ" ހަފީޒާ ގާތަށް އައި ރުޅި ދެގުނަ ވިއެވެ. ނައުރީން ބަލަބަލަ ހުއްޓާ ސާފުތެޔޮ ފުޅި ހެދުންތަކަށް އަޅާލުމަށްފަހު ރޯކޮށްލިއެވެ. "މިހާރު ހުންނާނީ ރާކަނިމަސް ކެވިފައި" ހަފީޒާ މަލާމާތުގެ ރާގަކަށް އެހެންބުނެ އެތަނުން ދިޔައެވެ. "ދެރަނުވޭ. އަހަރެމެން ދޮންއަށް ހެދުން ހޯދައިދޭނަން" ނުޝްރާއާއި ނަފްއާ ބުނެލިއެވެ.
ނައުރީން ޝުކުރުވެރި ނަޒަރަކުން އެދެކުދިންނަށް ބަލާލިއެވެ. ނުޝްރާއާއި ނަފްއާއަކީ އުމުރުން 18 އަހަރުގެ އެއްމާބަނޑު ދެކުދިންނެވެ. ނައުރީނަށްވުރެ އަހަރެއް ހަގު މިދެކުދިން ނައުރީންދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ދޮންތައަށް އެހެން އުޅެންޖެހޭ މަންޒަރު ފެނުމުން ހިތަށް އަސަރުކުރި ނަމަވެސް އެހީވާން ނުކެރެނީ ހަފީޒާގެ އިންޒާރުތަކުގެ ސަބަބުންނެވެ.
** **
"އޭ ކައެ ތިކުރީ މީހެއްގެ ފިރިއަކަށްވެހުރެ ވަރަށްް ކަޑަ ކަމއް. މަބުނާނީ ތި ނައުރީނަކާއި ދުރުވާށޭ. އެންމެ 3 ދުވަސްތެރޭ މީހަކަށްް ހަގީގީ ލޯބި ވެވޭތަ؟" ޝިޔާން ބުންޏެވެ. "އެނގެޔޭ، ވަރަށްް ގަޔާވެވޭ ނައުރީނާއި. މަށަށް ހަމަ ހީވަނީ މިވެވެނީ ލޯބިހެްންް. މަލްމަތިންް ހަނދާންވެފައި ވަރަށް ގިލްޓީ ފީލްވޭ. ދެން ނޭނގެ އާހް. މަގޭ ބޯ ފަޅައިގެންް ދާވަރު ވެއްޖެ" ރަޖުއާން ބުނެލިއެވެ. "އަދި ކިތައް ދުވަސް ތިކޮޅުގައި ވާނެ؟" ޝިޔާން އަހާލިއެވެ. "ވަރަށް ނަސީބު ރަނގަޅުކޮށް ދިމާވީ. މިކޮޅުގައި ހުރީ އަހަރެމެން ބޭނުންވާ ސައިޒަށް ހުރި ގެސްޓް ހައުސެއް. ކޮޓަރިތަކުގެ ސައިޒުވެސް ރަނގަޅު. އެވްރެޖްކޮށްް ބަލަންޏާ ހަމައެކަނި މަރާމާތުކޮށްލަން ޖެހޭނީ. ފައިސާގެ ދަތިކަމާހުރެ އެތަން ބަންދުކުރި ގޮތަށް އެއޮތީ. ސޯ މި ވިސްނަނީ އެތަން ގަނެލާފައި މަރާމާތުކުރަންްް. 2 ހަފްތާ އެންމެ ގިނަވެގެންްވެސް ވާނީ. މަގޭ ބޭބެ ރަޔާން ދޭތެރެއަކުން އަންނާނެ މިކޮޅުގެ ކަންކަން ބަލާލަންް. ދެހަފްތާ ފަހުންް އިންޝާﷲ ހުންނާނީ މާލޭގައ. އެއަށްފަހު އަހަންނަށްް ވެގެން ވަންޏާ މިރަށު ފަސްގަނޑުގައި ފައިވެސް ޖައްްސާނުލާނަން" ރަޖުއާންް އޮޅުން ފިލުވާދިނެވެ. ދެއެކުވެރިން އެތަކެއް ވާހަކަތަކެއް ދައްކާފައި ފޯނު ބޭއްވިއިރުވެސް ރަޖުއާންގެ ސކުނޑިއަށް ލުއިކަމެއް ނުލިބެއެވެ.
** **
"އަހަރެން އީނާއާއި ސުވާލެއް ކުރަންތަ؟" ޝާހާ އަހާލިއެވެ. ނައުރީނާއި ޝާހާ އަދި އީނާ ތިބީ އެއާޕޯޓް ސަރަހައްދުގައެވެ. އީނާ ބޯޖަހާލިއެވެ. "މިސާލަކަށް ޖައުޝް އިސްލާހުވެގެން އައިސްފިއްޔާ ޖައުޝްއަށް ފުރުސަތެއް ދޭނަންތަ؟" ޝާހާ އަހާލިއެވެ. "ފަހަރެއްގައި. ދެން ނޭނގެ އެދުވަހެއްގެ ހާލަތު ނިޔާކުރާ ގޮތުން ވަކިއެއްޗެއް ބުނަން އެނގޭނީ" އީނާ ޚިޔާލަކަށް ގެއްލިފައި އިނދެ ބުނެލިއެވެ. "ނައުރީން. ހާދަ މަޑަކުން ތިޔަ އިންނަނީ ގޯތީގައި އުޅޭ ސޮރުދެކެ ގަޔާވަނީތަ؟" ޝާހާ އޭނާގެ ރަސްމީ ރާގުގައި އަހާލިއެވެ. ނައުރީންގެ މޫނު ރަތްވެގެން ދިޔައެވެ. "ދެން ލަދުން ނުހުރެ ބުނެބަލަ. އޭރުންތާ ސަލާމްވެސް ފޮނުވައިދެެވޭނީ" އީނާވެސް ބުނެލީ ލާނެތް ރާގަކަށެވެ. "ދެން ނޫން ޕްލީޒް" ނައުރީން މޫނުމަތީ އަތްއެޅިއެވެ. "ހޫމް. އަހަރެމެންނާއި ތިހާ ދިމާކުރާއިރު ކޮބާތަ ޝާހާގެ ބިޓު. އަދި ލޮލަށް ދައްކާނުލާ" އީނާ ނޫންކަމަށް ހަދާފައި ބުނެލިއެވެ. "ސާބަސް. ވަގުތު ޖެހުނީމއ ތައާރަފް ކޮށްދޭނަންް" ޝާހާގެ މޫނުމަތީ ހުރި ކުލަވަރުން ލަދުގަތްކަން އެނގުނެވެ. "އައްދެ! މިމަންޖެއަށްވެސް ލަދުގަންނަން އެނގޭތާދޯ" ނައުރީންވެސް ޝާހާ ލަދުގަންވާލުމުގެ ބޭނުމުގައި ބުނެލިއެވެ. އެކަން ކާމިޔާބުވެސް ވިއެވެ. "އަސްލު ތިމީހުންނަށް އެނގޭތަ ރަޖުއާންއާއި ވާހަކަ ދެއްކުން މަންމައޮތީ މަނާކޮށްފައި. މިއަދު އެކަމާއި އަހަރެންގެ ހެދުންތައްވެސް އަންދާލައިފި. މިހާރުވެސް މިއިނީ ނުޝްރާދިން ހެދުމެއް ލައިގެން " ނައުރީން އަސަރާއިއެކު ކިޔާދިނެވެ. ޝާހާއާއި އީނާގެ މޫނުން ރުޅިވެރިކަމާއި ހަމްދަރުދީގެ އަސަރު ފާޅުވިއެވެ. "އައި ވިޝް
އައި ކުޑް.." އީނާ އެހިސާބަށް ބުނެފައި ހުއްޓާލިއެވެ. "މާތްﷲ ނައުރީނަށް ހުރިހާ އުފާވެރިކަމެއް މިންވަރު ކޮށްދެއްވާށި" އީނާ އަނެއްކާވެސް ބުނެލިއެވެ. ނައުރީން ހިނިތުން ވެލިއެވެ.
** **
ރަޖުއާން އެނދުމަތީގައި އިށީނދެލައިގެން އިންއިރު ކުރިމަަތީގައި ހުޅުވިފައިވާ ލެޕްޓޮޕް އިނެެވެ. ސްކްރީނުން ފެންނަމުންދަނީ މަލްސާގެ އުފާވެފައިވާ މޫނެވެ. "ބޭބް. އެބައޮތް ސަޕްރައިޒެއް" އުފާވެރި މޫނަކައިގެން މަލްސާ ބުނެލިއެވެ. "އަނެއްކާ ކޮންކަހަލަ ސަޕްރައިޒެއް؟" ރަޖުއާންވެސް ޝައުގުވެރި ކަމުގެ ކުލަވަރު މޫނުމަތިން ފެނިލިއެވެ. "3 ފުރުސަތު ދޭނަން. ދިމާ ކުރަންވީ އެ 3 ފުރުސަތު ތެރޭ. ހިންޓަކަށް ބުނެވޭނީ އަހަރެމެންނަށް ލިބޭ އެންމެ ބޮޑު ހަދިޔާއޭ" މަލްސާ އުފާވެރި ހިނިތުން ވުމަކާއިއެކު ބުނެލިއެވެ. "ވަޒީފާގެ ކުރިއެރުން؟ ސްކޮލަޝިޕެއް ލިބުން؟ ދެންން ނޭނގެ މަލް ބުނެބަ " ރަޖުއާން ބުނެލިއެވެ. "ހަމަ ނޭނގިގެންތަ ތިއަހަނީ؟" މަލްސާގެ މޫނުގެ ކުލަ އޮއްސުނެވެ. "ޢަސްލުވެސް. ދެން ބުނެބަލަ" ރަޖުއާންވެސް ސީރިޔަސް ވެލިއެވެެ. "އަހަރެން ބަނޑުބޮޑު" އަނެއްކާވެސް އުފާވެރިކަން މަލްސާގެ މޫނުމަތިން ފާޅުވިއެވެ. "އޭނނ!" ރަޖުއާންއަށް ލިބުނީ ސިހުމެކެވެ. "އާނ! އަހަރެން މަންމައަކަށްވަނީ، އާން ބައްޕައަކަށްވަނީ" މަލްސާ ބުނެލިއެވެ. "މިވީ ކިހިނެއް؟" ރަޖުއާން ހިތާހިތާ ކިޔާލިއެވެ.

=ނުނިމޭ=

  1. Avatar

    ޔަހް 😊 ފައިނަލީ އަޕްވެއްޖެ 💖 މިބައިވެސް ވަރަށް ރީތި މާޝާ ﷲ 💖❤❤

  2. Avatar
    moderated

    ވަރަށް ރީތި މިބައިވެސް. މި ސައިޓްގަ ވާހަކަ އެންޑް ކޮމެންޓް އަޕްވާލެއް ވ ލަސް ދޯ.

  3. Avatar

    ވައުދުވި ފަދައިން އިއްޔެ ހެނދުނުގެ ވަގތުުގައި ވާހަކައިގެ ތިންވަނަބައި ވާނީ ސަބްމިޓް ކުރެވިފައި. ސައިޓުން މިހާރު ވަރަށް ސްލޯކޮށް އަޕްޑޭޓް ކުރުމުގެ ބައި އުޅެނީ.

ޚިޔާލު ފޮނުއްވާ