ތިޔަ ލޯބީގައި - 38

ޑޮކްޓަރުގެ ކޮޓަރީގައިހުރި މޭޒު ދޮށުގައި އޭނާއަށް ކުރިމަތިވާނޭހެން އިނށީދެ ޒާއިން އިނެވެ. ވަކިން ބައްދަލުކުރަން ބޭނުންވީ މުހިންމު ވާހަކައެއް ދައްކަން ކަމުގައި ޒާއިންއަށް ވިސްނުނެވެ. ނޭވާ ހިފަހައްޓައިލައިގެން އިންއިރު ޑޮކްޓަރ ދީފާނެ ކޮންމެފަދަ ޚަބަރަކަށްވެސް ތައްޔާރުވެގެން އިންކަހަލައެވެ.

"އަޅުގަނޑު ވަކިން ބައްދަލުކޮށްލަން ބޭނުންވީ ވަރަށް މުހިންމު ވާހަކައެއް ބުނެލަން.. ނަޒީމް މިތަނަށް ގެނެވުނީ ވަރަށް ނުރައްކާތެރި އެކްސިޑެންޓެއްގެ ޝިކާރައަކަށް ވެގެން.. އޭރު ލިބިފަހުރި ޒަޚަމްތައް ރަނގަޅުވިއަސް، އޭގެ ސަބަބުން ކޮށްފަ ހުރި ނޭދެވޭ އަސަރުތައް ފިލައިގެނެއްނުދޭ.. އެއެކްސިޑެންޓްގަ އެންމެ ބޮޑު އަނިޔާއެއްވެފައޮތީ ނަޒީމްގެ ފަޔަށް.. އޭގެ ސަބަބުން.. ނަޒީމްގެ.. އުނަގަނޑުން ތިރިވަނީ ވާގިނެތިފަ.. އެހެނަސް މިއީ ފިޒިއޮތެރެޕީގެ އެހީގަ އިރާދަކުރެއްވިއްޔާ ރަނގަޅުކުރެވޭނެ ކަމެއް.. ބޭނުންވަނީ ކެތްތެރިކަމާއި ހިތްވަރު.. މިވަގުތަކީ ނަޒީމްއަށް އާއިލާގެ ފަރާތުން އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާނެ ވަގުތު.." ހަށިފުރައި ނޭވާއެއްލަމުން ޑޮކްޓަރ އާމިރު އޭނާގެ ވާހަކަތައް ނިންމައިލުމަށްފަހު ފުންނަޒަރަކުން ޒާއިންގެ މޫނަށް ބަލައިލިއެވެ. އެމޫނުމަތިން ފައުޅުވަމުންދިޔަ ކަންބޮޑުވުމާއި ހާސްކަން އާމިރުގެ އެންމެ ފަހު ބަސްކޮޅުން ފުހެވިގެންގޮސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ވެރިވިއެވެ. ކޮންމެފަދަ ހާލަކުންވިއަސް ޒާއިން ހުރީ އޭނާގެ ލޯބިވާ ބައްޕައަށްޓަކައި ގުރުބާންވާން ތައްޔާރަށެވެ. ކިތަންމެ ބޮޑު ބުރައެއްވެސް އެބައްޕައަށްޓަކައި އޭނާ އުފުލާނެއެވެ. ލުއިކޮށް ހިނިތުންވެލަމުން ޒާއިން ބޯޖަހައިލުމުން އާމިރުގެ މޫނުމަތިންވެސް ހަމަޖެހުމުގެ ކުލަވަރު ފައުޅުވެލިއެވެ. ކުރިއަށް މަޝްވަރާކުރަން ހަމަޖެހިފައިހުރި އެކި ވާހަކަތައް އޭނާ ފެށީ ދެނެވެ. ނަޒީމްއަށް ފަރުވާދިނުމުގެ ކަންކަން ކުރިއަށް ގެންދަންވީ އެކިގޮތްގޮތުގެ ވާހަކަ އާމިރު ޒާއިންއާއި ހިއްސާކުރިއެވެ.

ވަށައިގެން ކޮޓަރީގެ އެކި ދިމަދިމާއަށް ނަޒަރު ހިންގަމުންދިޔަ ނަޒީމްގެ މޫނުމަތިން ފޮރުވުމެއްނެތި ފައުޅުވަމުންދިޔަ ސުވާލު ތޮއިބާއަށް ވިސްނުނެވެ. އެއަތުގައި ފިރުމައިލަމުން ޒާއިން ވީތަން ތޮއިބާ އޮޅުންފިލުވައިދިނެވެ. ކުޑަކޮށް ބޯޖަހައިލަމުން ނަޒީމް ހިނިތުންވެލިއެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން އެތެރެއަށް ޒާއިން ވަނެވެ. އޭނާގެ ފަހަތުން ލަދުންހުރެ ލަމްޔާވެސް ވަނެވެ. ނަޒީމްގެ ނަޒަރު ޒާއިންގެ މޫނުން ނެއްޓި އޭނާއަށް އަމާޒުވުމާއެކު ޖެހިލުންވެފައިހުރެ ލަމްޔާ ހިނިތުންވެލިއެވެ. ޒާއިންއާއި ލަމްޔާ އާއި ތިބިލެއް ގާތްކަމުން އެއީ ޒާއިންގެ އަނބިމީހާކަން ދެނެގަންނާކަށް ނަޒީމްއަށް މާގިނަވަގުތުތަކެއް ނުނެގިއެވެ. ފުޅާ ހިނިތުންވުމެއް އެތުންފަތްމަތީގައި ދެމިލިއެވެ.

އެނދުގައި އޭނާއަށް ބަލަހައްޓައިގެންއޮތް ނަޒީމް ފެނުމުން ޒާއިންގެ ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ. މިދުވަހަށްޓަކައި އޭނާ ކިހައި އިންތިޒާރެއް ކުރިހެއްޔެވެ؟ ނަޒީމް އާއި ދުރުގައި އޭނާއަށް ހުރެވުނީ ކުޑައިރުކޮޅަކުއެވެ. ދުވެފައިކަހަލަގޮތަކަށް އައިސް ގުދުވަމުން ނަޒީމްގެ ހަށިގަނޑުގައި ޒާއިން އޮޅުލައިގަތެވެ. އެއާއެކު ގިސްލަގިސްލާފައި އޭނާއަށް ރޮއެގަނެވުނެވެ. އެތައް ޒަމާނަކަށްފަހު ޒާއިންގެ ފުށުން އިހުސާސުވި ގާތްކަމެއްގެ ސަބަބުން ނަޒީމްގެ ހިތަށްވެސް އަސަރުކުރިއެވެ. ތުރުތުރުލަމުންދިޔަ ދެއަތުން ޒާއިން ވަށައިލެވުނީ ބޭއިޚުތިޔާރުގައެވެ. ލޯތްބާއެކު އެފަންއިސްތަށިކޮޅުގައި ފިރުމައިލެވުނެވެ. ނުރޯށޭ ބުނަން ބޭނުންވި ނަމަވެސް ހިތަށްކޮށްފައިވާ އަސަރެއްގެ ސަބަބުން އަޑުބޭރުވާގޮތެއް ނުވިއެވެ.

"ބައްޕާ... އަހަރެންނަށް މައާފުކުރޭ... ބައްޕަ ހިތުގަ ޖެއްސުނު ކޮންމެ ފަހަރަކަށް ތަކުރާރުކޮށް މައާފަށްއެދެން.." ގިސްލެވޭވަރުން ވާހަކަދެއްކުމަށް ޒާއިންއަށް އުނދަގޫވިއަސް ހިތްވަރުކޮށްފައި ނަޒީމްގެ ކިބައިން އޭނާ މައާފަށް އެދުނެވެ.

"ތީ އަދިވެސް.. ބައްޕަގެ.. ލޯބިވާ ޒާން.. ދުވަހަކުވެސް.. ދަރިފުޅު ބައްޕަގެ.. ކިބައިން.. މައާފަށް އެދޭކަށް ނުޖެހޭނެ.." ނަޒީމްގެ ދެލޮލުންވެސް ކަރުނަ އޮހޮރެމުންދިޔައިރު އެދެބަފައިންނަށް ފުރުސަތުދެމުން ތޮއިބާ ލަމްޔާގެ ގާތަށް ލެފިލިއެވެ. އޭރު އެދެމީހުންގެ ލޯވެސްވަނީ ކަރުނުން ފުސްވެފައެވެ.

ނަޒީމްގެ ވާހަކަތަކުން އެހަށިގަނޑުގައި ވަށައިލެވިފައިވި ޒާއިންގެ ދެއަތަށް އިތުރަށް ބާރުކޮށްލިއެވެ. ޒާއިންގެ އެއަމަލުން ނަޒީމްގެ ފުށުން ލުއި ހުނުމެއްގެ އަޑު ބޭރުވެގެންދިޔައެވެ. އަދިވެސް އެއީ ލޯބިން އޭނާ ގެންގުޅުނު ކުޑަކުޑަ ޒާންއޭ ހިތަށްއެރިއެވެ. ޒުވާންވިއަސް އޭރުގެ އެގޮތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭރުގެ އެކި ހަނދާންތައް ދެބަފައިން ވަށައިލަމުންދިޔައިރު ދެހިތްވެސް ލިބިފައިވި އުފަލަކުން ނަށަމުންދިޔަ ކަހަލައެވެ. ދުވަސްކޮޅަކަށް ދެލޯމެރިފައި ހުޅުވުނުއިރު އޭނާގެ ހާލަތު ބަދަލުކުރައްވައި އެހިތުގެ ދުޢާތަށް އެފަދައިން އިޖާބަވެދާނެކަމަށް ނަޒީމް ހިތަށްވެސް ނާރައެވެ. އެހެނަސް ގަދަ ކީރިތިވަންތަ ﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. ހެޔޮހާލުގައި ހުރިއިރު އަބަދުމެ އޭނާކުރަމުންދިޔަ ދުޢާތައް މިއަދު އެވަނީ އެެދެލޯކުރިމަތީގައި އިޖާބަކުރައްވައިފައެވެ. އޭނާގެ ވެރި ރަސްކަލާނގެއަށްޓަކައި އެހިތްވަނީ ޝުކުރުން ފުރިފައެވެ.

އިރުގަނޑަކު އެގޮތުގައި ތިބުމަށްފަހު ޒާއިން މަޑުމަަޑުން ނަޒީމްގެ ގައިން އަތް ނަށްޓައިލަމުން ތެދުވިއެވެ. އަދި އަތުން މޫނުމަތި ފުހެލަމުން ހިނިއައިސްފައި ފަހަތަށް އެނބުރި ލަމްޔާއަށް ބަލައިލަމުން އަތް ދިއްކޮށްލައި އަންނާށޭ ބުނެލިއެވެ. ތޮއިބާ ގާތުގައި ހުރެފައި ލަމްޔާ ކުރިއަށްޖެހިލަމުން ޒާއިންގެ އަތުގައި ހިފިއެވެ. އެއާއެކު ލަމްޔާ ގެނެސް ގަޔާއި ކައިރިކޮށްލަމުން ޒާއިން ނަޒީމްއަށް ބަލައިލިއެވެ.

"ބައްޕާ.. މީ އަހަރެންގެ އަނބިމީހާ.. ލަމްޔާ.." ހިނިއައިސްފައި އެމީހުނަށް ބަލަންއޮތް ނަޒީމްއާއި ހަތަރުކަޅި ހަމަކޮށްލަމުން ޒާއިން ބުނެލިއެވެ. ދެކުދިންގެ މޫނަށް ވަކިވަކިން ބަލައިލި ނަޒީމްގެ ހިތް އުފަލުން ފުރިގެންދިޔައެވެ. އެދެމެދުގައިވި ލޯބި އޭނާއަށް ޒާއިންގެ އެކުޑަހަރަކާތުންވެސް ފަހުމްވެއްޖެއެވެ.

"މާޝާ ﷲ.. ވަރަށް ފުރިހަމަ.. ބައްޕަގެ ޒާން އާ ވަރަށް ގުޅޭ.. މާތް ﷲ ތިދެކުދިންގެ ކައިވެނީގައި ބަރަކާތްލައްވާށި.." ހިނިތުންވެފައިހުރި ލަމްޔާއަށް ބަލައިލަމުން ނަޒީމް ބުނެލިއެވެ. ނަޒީމްގެ ބަސްތަކުން ޒާއިން އާއި ލަމްޔާގެ މޫނުމަތި އިތުރަށް އުޖާލާވެގެން ދިޔައެވެ.

*****

ކަންބޮޑުވެފައި ކޮޓަރީގެ އެއްފަރާތުގައިހުރި ސޯފާގައި އިން ސައިނާއަށް ޝަޔަމް ބަލައިލިއެވެ. އަޒްހަރު ގުޅައިފައި އޭނާގެ ލޯޔަރު އަންނާނެ ވާހަކަ ބުނީއްސުރެ ސައިނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ވާން މިއުޅެނީ ކިހިނެއްކަން އެނގޭއިރުވެސް އޭނާގެ ނަފުސު އެކަމަށް ތައްޔާރެއްނޫނެވެ. ހިތަަށް މާޔޫސްކަން ލިބިފައިވިއަސް އެކަން ޝަޔަމްގެ ކުރިމަތީގައި ފައުޅުކޮށް ޝަޔަމް އިތުރަށް ދެރަކުރުވާކަށް ސައިނާ ބޭނުމެއްނުވެއެވެ.

"މަންމާ.." ސައިނާގެ ގާތުގައި އިނށީދެލަމުން ޝަޔަމް މަޑުމަޑުން ގޮވައިލިއެވެ. ހިންދިރުވައިލަމުން ޝަޔަމްއަަށް ބަލައިލުމަަށްފަހު ގަދަކަމުން ސައިނާ ހިނިތުންވެލިއެވެ.

"ދަރިފުޅަށް އެނގޭތަ؟ މަންމައާއި ބައްޕަގެ ކައިވެންޏަށް ހަގީގަތުގަ މާމަ ވަރަަށް ނުރުހުން.. މިކައިވެންޏަކީ މާމަ ރުހިގެންކުރި ކައިވެންޏެއްނޫން.. އެކަމަކުވެސް.. ދުވަހަކުވެސް މަންމައަށް އެއްވެސް ކަމެއްގަ މަޖުބޫރުކޮށް މަންމަ ބޭނުންނުވާގޮތަކަށް ކަމެެއްކުރުވާކަން ނޫޅޭ.. އެހެނަސް އަބަދުވެސް ކުރިއަށްދާންވީ ހެޔޮމަގު މަންމައަށް ބުނެދިން.. ވިސްނައިދިން.. ބައްޕައާއި ކައިވެނިކޮށްގެން މިތަނަށް ދިރިއުޅުން ބަދަލުކުރިފަހުން އެހުރިހައިކަމެއް ހަނދާންނައްތައިލީ މަންމަ އަމިއްލައަށް.. އެގޮތަށް އުޅެން އޭރު ބޭނުންނުވީ.. ބައްޕައަކީވެސް އެފަދަ ވިސްނުމެއްހުރި މީހެއްނޫންވީމަ މަންމަ ބޭނުންވި ހުރިހައި މިނިވަންކަމެއް މަންމައަށް ލިބުނު.. އެކަމަކު.. މިހާރު މަންމައަށް އިހުސާސުވޭ.. މިހުރިހައި ދުވަހު މަންމައަށް އުޅެވުނީ ރަނގަޅަށްނޫންކަން.. މަންމަގެ ދެލޯ ހުޅުވައިދިނީ ދަރިފުޅު.. އެދުވަހު.. ދަރިފުޅު ނަމާދުކުރިތަން ފެނިފަ މަންމަގެ ހިތަށް ވީގޮތްވެސް ބުނެދޭކަށް ނޭނގެ.. ކީއްވެކަން ނުވިސްނުނަސް ދަރިފުޅުގެ އުޅުމަށް މަންމައަށް ފާރަލަން ފެށުނީ އެކަމަށް މަންމަގެ ނަފުސު އެދުނުވަރުން.. މިއަދު.. ދަރިފުޅާއެކު މިގޮތުގަ ސާބިތުވާން މަންމަ ބޭނުމީ.. ދަރިފުޅުގެ ހިތްވަރަަށްވާން.. އެނގޭ މިނިންމުމުގެ ސަބަބުން މަންމައަށް ހިތްދަތިކަމާ ކުރިމަތިލާން ޖެހޭނެކަން.. އެހެންވިއަސް.. އެއީ ކުޑަދުވަސްކޮޅެއްގެކަމެއް.. ހިތްވަރާއެކު ކުރިމަތިލާން ބޭނުން.. އެނގޭ ޝަޔަމް ބުނަން ތިއުޅެނީ ކީކޭކަން.. އެކަމަކު.. މަންމަ ފަހަތަށްޖެހޭކަށް ނެތިން.." ޝަޔަމްގެ އަތުގައި ހިފައިލައިގެން އިނދެ ސައިނާ ބުނެލިއެވެ. އެއަޑުގައި އެކުލެވިފައިވި މަޑުމައިތިރިކަން ޝަޔަމްއަށް އިހުސާސުވިއެވެ. އޭނާ އަބަދުވެސް މަންމައާއި އެކުގައި ހުންނާނަންކަމަށް ބުނެލަމުން ޝަޔަމް ސައިނާގެ ގައިގައި ބައްދައިލިއެވެ. ދަރިފުޅުގެ އެގާތްކަމުން ސައިނާގެ ހިތަށް ލިބިފައިވި ނުތަނަވަސްކަން ހިނދުކޮޅަކަށް ފިލައިގެންދިޔައެވެ.

ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހައިލުމުން ސައިނާ އާއި ދުރުވެލުމަށްފަހު ހަމަޖެހިލަމުން ޝަޔަމް އިންތަނުން ތެދުވެގެން އައިސް ދޮރުހުޅުވައިލިއެވެ. އޭރު އަޒްހަރުގެ ލޯޔަރު ފައިލްތަކެއް ހިފައިގެން ދޮރުމަތީގައި ހުއްޓެވެ. ޝަޔަމް ފެނުމާއެކު އޭނާ އައި ބޭނުން ހާމަކޮށްލިއެވެ. ބޯޖަހައިލަމުން އެތެރެއަށް ވަނުމަަށް ބުނުމަށްފަހު ޝަޔަމް އެއްފަރާތަށް ޖެހިލިއެވެ.

ސައިނާއިން ސޯފާއާއި ވަކިން ޖެހިގެންއިން ސޯފާގައި ލޯޔަރު އިނށީދެ ހަމަޖެހިލަމުން އޭނާ ގެނައި ފައިލުން ގަނޑެއް ނަގަމުން ކުރިމަތީގައިހުރި ކުޑަ ބިއްލޫރި މޭޒުމަތީގައި ބާއްވައިލިއެވެ. އަދި ހުރިހައިކަމެއް އަޒްހަރު ބޭނުންވިފަދައިން ސައިނާއަށް އޮޅުންފިލުވައި ދިނުމަށްފަހު ވަރިވުމަށްއެދި އަޒްހަރު ފުރައި ސޮއިކޮށްފައިވާ އެފޯމުގައި ސައިނާވެސް ސޮއި ކުރުމަށް ބުނެލިއެވެ. ސައިނާއަށް އިތުރު އެއްވެސް ތަކުލީފެއް ނުޖެހޭނެކަމަށް ބުނެލިއެވެ.

ހިނދުކޮޅަކު ފަސްޖެހޭގޮތްވިއަސް ހިތްވަރުކޮށްފައި ސައިނާ ފުންނޭވާއެއްލަމުން ލޯޔަރު ދިއްކޮށްލި ގަލަމުގައި ހިފައި ވަރީގެ ފޯމުގައި ސޮއިކޮށްލިއެވެ. ތުންފަތް ތުރުތުރުއަޅައިގެންދިޔައިރު ލޮލަަށް ކަރުނަތައް ޖަމާވަން އުޅުނަސް އެކަރުނަތައް ދިރުވައިލުމުގައި ސައިނާ ކުރިހޯދިއެވެ. އެކަމުން އަވަދިވުމާއެކު އެގަނޑު ފައިލަށްލަމުން އެތަނުން ދިއުމަށް ލޯޔަރު ތެދުވިއެވެ. އެހުރިހައި އިރު ދުރުގައި އެމަންޒަރުތައްބަލަން ތުންފިއްތައިލައިގެން ޝަޔަމް ހުއްޓެވެ. އެއީ އެއްގޮތަކަށްވެސް އޭނާ ބޭނުންވިގޮތެއްނޫނެވެ. އެހެނަސް އެއްފަހަރުވެސް އޭނާ އާއިއެކުގައި އައުމަށް ސައިނާ ގާތުގައި ޝަޔަމް ނުބުނެއެވެ. އެއީ ސައިނާ އަމިއްލައަށް ނިންމި ނިންމުމަކަށްވާތީ އިތުރަށް އެކަމުގައި ސައިނާ އާއި ވާހަކަދައްކައި ނިންމުން ބަދަލުކުރުވަން މަޖުބޫރުކުރަން ޝަޔަމް ބޭނުންނުވީއެވެ.

*****

އޮފީހުގެ ހުރިހައިކަމެއް ހަމަޖެއްސުމަށްފަހު ޝަޔަމް އާއި ސައިނާއަށް ފުރޭގޮތްވީ ޖެހިގެން އައި ދުވަހުއެވެ. ފްލައިޓް ތެރޭގައި އިންއިރު ސައިނާގެ ކިބައިން ފައުޅުވަމުންދިޔަ މަޑުމައިތިރިކަން ޝަޔަމްއަށް އުނދަގޫކުރުވިއެވެ. ހިތްވަރުގެ ބަހެއް ބުނަންބޭނުންވިއަސް ބުނާނެ ވަކި އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. މިވަގުތު ކޮންމެ އެއްޗެއް ބުނިނަމަވެސް ސައިނާގެ ހިތުގައިއަޅަމުންދިޔަ ވޭނަށް ލުޔެއް ނުލިބޭނެކަން އޭނާއަށް އެނގެއެވެ. ޚުދު އަމިއްލަ ހިތުގައި އަޅަމުންދިޔަ ވޭނަށް ލުޔެއް ހޯދާނެގޮތެއްވެސް ޝަޔަމްއަކަށް ނުވިސްނެއެވެ. މުޅިދަތުރުމަތި ޝަޔަމް ހޭދަކުރީ އެގޮތުގައި ވިސްނައި ފިކުރުކުރުމުގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފްލައިޓް ޖެއްސުމާއެކު އޭގެއިން ފައިބަމުން ޝަޔަމް ފުންނޭވާއެއް ދޫކޮށްލިއެވެ. ކުޑަނަމަވެސް ހަމަޖެހުމެއް ހިތަށް ލިބުނީ ދެނެވެ. ލަގެޖްތައް ޓްރޯލީއަށް އަރުވަމުން އެރައިވަލް ގޭޓްއިން ނުކުމެ ޓެކްސީއެއް ހޯދުމަށް އޭނާ އުޅެގަތެވެ. ޝަޔަމްގެ ހަރަކާތްތަކަށް ބަލަންހުރި ސައިނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލީ ޝަޔަމް އުޅެމުންދިޔަގޮތް ފެނިފައެވެ. ޓެކްސީއެއް ލިބުމާއެކު ސައިނާއަށް ހަނާއަޅައިލަމުން އަވަހަށް އައުމަށް ޝަޔަމް ބުނެލިއެވެ. ކޮނޑުގައި އެޅުވިފައިވި އަތްދަބަސް މެޔާލައި ބާރުކޮށްލަމުން ސައިނާ ޝަޔަމްއާއި ދިމާއަށް މިސްރާބުޖެހިއެވެ.

ބޮޑުކޮޓަރީގައި ޓީވީއިން ދައްކަމުންދިޔަ ޕްރޮގްރާމަކަށް ގެއްލިފައި އިން މުހުސިނާއަށް ސިހިފައި ކޮޅަށް ތެދުވެވުނީ އެތެރެއަށް ވަދެގެންއައި ސައިނާ އާއި ޝަޔަމް ފެނިފައެވެ. ލިބުނު އުފަލަކުން ހުރެވުނުތަންވެސް އޭނާއަށް ނޭނގުނެވެ. ދުވެފައިކަހަލަ ގޮތަކަށް އައިސް ސައިނާގެ ގައިގައި ބައްދައިލަމުން ޝަޔަމްވެސް ގާތްކޮށްލިއެވެ.

"ދަރިފުޅުމެން އެކަނިތަ؟ ކޮބާ އަޒްހަރު؟" އެމީހުންގެ ފަހަތުން ދޮރާއި ދިމާއަށް ނަޒަރުހިންގައިލަމުން މުހުސިނާ އަހައިލިއެވެ. ވަގުތުން ސައިނާގެ މޫނުމަތީގެ ކުލަވަރު އޮއްސިގެންދިޔައެވެ. މަންމައަށް ދޮގެއްހަދަން ބޭނުން ނުވާތީ އޭނާއަށް އިސްޖަހައިލެވުނީއެވެ. ސައިނާއަށް ވީގޮތްފެނި މުހުސިނާ ޝަޔަމްއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ތުންފަތުގައި ދަތްއަޅައިލަމުން މުހުސިނާގެ އަތުގައި ހިފައިލައިފައި ކޮޓަރިއަށް ދިއުމަށް ޝަޔަމް އެދުނެވެ. ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެހެން މުހުސިނާއަށް ހީވީ އެދެމައިންގެ ހަކަރާތްތައް ހުރި ގޮތުންނެވެ. ކާކޮޓަރިތެރޭގައި ހަރަކާތްތެރިވަމުންދިޔަ އޭނާގެ އެއްބަނޑު އެއްބަފައި ދެދައްތައިންނަށް ބަލައިލަމުން މުހުސިނާގެ އަތުގައި ހިފައި ސައިނާ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. އެމީހުންގެ ފަހަތުން ޝަޔަމްވެސް ހާސްވެފައިހުރެ ހިނގައިގަތެވެ.

ކޮޓަރިއަށް ވަދެވުމާއެކު ސައިނާ އެދުނީ އެކަނި މުހުސިނާއާއި ވާހަކަ ދައްކައިލަންކަމުން އެދެމީހުނަށް ބަލައިލުމަށްފަހު ބޯޖަހައިލައި ޝަޔަމް އެކޮޓަރިން ނުކުމެ އޭނާގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ހާސްކަން ލިބިފައިވިއަސް މިވަގުތު ސައިނާއަށް ބޭނުންވާނީ މުހުސިނާގެ ހިތްވަރުކަންދަނެ އެމީހުނަށް އެފުރުސަތުދޭން އޭނާ ވެސް ބޭނުންވީއެވެ. ސައިނާ އެއައީ އޭނާގެ ހަޔާތުގައިވެސް ނިންމާނެ އެންމެ އުނދަގޫ ނިންމުން ނިންމައިފައިކަން ޝަޔަމްއަށް ވިސްނެއެވެ. ހިތަށް ތަދުވިއަސް ކުރިމަތިވި އިމްތިހާނަށް ކެތްތެރިވާން އޭނާ ބޭނުންވެއެވެ.

ޝަޔަމް ނުކުތުމާއެކު މުހުސިނާ ކޮޓަރީގެ ދޮރުލައްޕައި ތަޅުލިއެވެ. އެއާއެކު އެހުރިހައިއިރު ސައިނާ ހިފަހައްޓައިގެންހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ކޯތާފަތްމައްޗަށް އޮހިގަތެވެ. ކަންބޮޑުވެފައި ރޮމުންދިޔަ ސައިނާގެ އަތުގައިހިފައިގެން އައިސް މުހުސިނާ އެނދުގައި އިނށީނެވެ. އަދި ތަކުރާރުކޮށް ވެގެންއުޅޭގޮތެއް ކިޔައިދިނުމަށް އެދެންފެށިއެވެ. ފަހަރެއްގައިވެސް ވީއެއްވެސްކަމެއް މުހުސިނާއަށް ސިއްރުކުރުމުގެ ޚިޔާލެއް ސައިނާގެ ނެތެވެ. ގިސްލެވެމުންދިޔަ ހާލު އެހިތުގެ ހުރިހައި އުދާހެއް ސައިނާ ބަންޑުންކޮށްލިއެވެ. އިވެމުންދިޔަ ވާހަކަތައް ގަބޫލުކުރަން ދަތިވެ މުހުސިނާއަށް އަނގަމަތީގައި އަތްއަޅައި ބާރުކޮށްލެވުނެވެ. އަޒްހަރު އެހައި ދަށުދަރަޖައަކަށް ވެއްޓިދާނޭ މުހުސިނާ ހިއެއްނުކުރެއެވެ. މިއަދު އޭނާގެ ދަރިފުޅަށްޓަކައި ސައިނާ ނިންމައިފައި އެއައި ނިންމުމަށް މުހުސިނާ އިހުތިރާމުކުރިއެވެ. އެފަދަ މީހަކާއިއެކު އުޅުމަށްވުރެ އެގޮތްވެސް ސައިނާއަށް މާރަނގަޅުވާނެކަމަށް އޭނާ ގަބޫލުކުރެއެވެ. ރޮވިފައިއިން ސައިނާ ގެނެސް ގަޔާއިލައި ބާރުކޮށްލަމުން ހިތްވަރުކުރުމަށް މުހުސިނާ ބުނެލިއެވެ. ﷲ އެއްވެސް މީހަކަށް، އެމީހަކަށް ނުއުފުލޭވަރުގެ ބުރައެެއް ނުޖައްސަވާނޭ ބުނެލަމުން ސައިނާގެ ނިތުގައި ބޮސްދީ ކެތްތެރިވުމަށް ނަަސޭހަތްތެރިވިއެވެ. ކެތްތެރިކަމުގެ މޭވާ އަބަދުވެސް ފޮނިވާނެކަން ހަނދާންކޮށްދިނެވެ.

މުހުސިނާގެ ވާހަކަަތަކުން ލިބުނު ހިތްވަރުގައި ލޮލުން ފައިބަމުންދިޔަ ކަރުނަތައް ސައިނާ ފުހެލިއެވެ. އޭނާ އެނިންމުން ނިންމީ ޝަޔަމްއަށްޓަކައިކަން އަމިއްލަ ނަފުސަށް ހަނދާންކޮށްދެމުން ބަލިކަށިނުވުމަށް އަމިއްލަ ނަފުސު ގާތުގައި ބުނެލިއެވެ. އޭނާގެ ހަގީގީ މަގުސަދު ހިތަށް އައުމުން މުހުސިނާގެ އަތުގައި ހިފައިލައި އެކަން ހާމަކޮށްލިއެވެ. ސައިނާ ބޭނުންވަނީ ވީހައިވެސް އަވަހަށް ނުހައިކްގެ އާއިލާ އާއި ބައްދަލުކުރާށެވެ. އެދެމެދުގައިވި ހުރިހައި ކުށްހީއެއް ފިލުވައި މައާފަށް އެދޭށެވެ. އަދި އެދަރިފުޅުގެ ލޯބި އެދަރިފުޅަށް ހޯދައިދޭށެވެ. ސައިނާގެ ވާހަކަތަކަށް މުހުސިނާ ތާއީދުކުރިއެވެ. ހެޔޮކަމެއް ކުރުމުގައި އިތުރަށް ލަސްކުރަންވީ ކީއްކުރަންހެއްޔެވެ؟ ހިތްހަމަޖެހިފައިހުރެ ސައިނާ އެކޮޓަރިން ނުކުމެ ޝަޔަމްގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ.

ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން ސައިނާ ދޮރު ހުޅުވައިލިއެވެ. ޓަކި ޖެހިއަޑަށް އެނދުގައިއޮތް ޝަޔަމް ފުންމައިގެން ތެދުވިއެވެ. ކޮޓަރިއަށް ވަތް ސައިނާ ފެނުމުން ބަލަހައްޓައިގެން އޭނާއަށް އިނދެވުނީއެވެ.

"ދަރިފުޅު.. މަންމަ މިއައީ ވާހަކައެއްބުނަން.." އެނދުގައި އިނށީދެ ހޭވިފައިވި ޝަޔަމްގެ ފަންއިސްތަށިގަނޑު އަތުން ރީތިކޮށްލައިދެމުން ސައިނާ ބުނެލިއެވެ. ލަސްލަހުން ޝަޔަމް ބޯޖަހައިލުމާއެކު ސައިނާ ވާހަކަދައްކަން ފެށިއެވެ.

"މާދަމާ ހަވީރު ނުހައިކް މެންގެއަށް ދާންކަމަށް މަންމަ މި ވިސްނަނީ.. މާމަ ވެސް ދާނެ.. ދަރިފުޅުވެސް އޭރަށްވާއިރަށް ތައްޔާރުވެގެން ހުންނައްޗޭ.. އިތުރަށް އެންމެ ދުވަހެއްވެސް ލަސްކުރާކަށް މަންމަ ބޭނުމެއްނޫން.." ޝަޔަމްގެ މުއުސޫމުކަމުން ފުރިގެންވި މޫނުގައި އަތުން ފިރުމައިލަމުން ލޯތްބާއެކު ސައިނާ ބުނެލިއެވެ. އެވާހަކަތަކުން ސިހިފައި ޝަޔަމްއަށް ސައިނާއަށް ބަލައިލެވުނެވެ. އެއާއެކު އެހިތުގެ ހިނގުން ކުއްލިއަކަށް އަވަސްވެގެން ދިޔައެވެ. ނުހައިކް ދެކިލުމަށްއެދި އޭނާގެ ހިތް ތެޅިފޮޅިގަތީ އޮބިނޯންނަވަރަށެވެ. އޭނާ ފެނުމުން ނުހައިކްއަށްވާނީ ކިހިނެއްބާއޭ އަމިއްލަ ނަފުސާ ތަކުރާރުކޮށް ސުވާލުކޮށްލެވުނެވެ.

(ނުނިމޭ)

    Please log in or register to bookmark.
    5k

    15 ޚިޔާލު

    1. މި ބައިވެސް ވ ކަމުދޭ...❤️💯އެންމެ ކިޔާހިތް ވި ހިސާބުން މިއަދުވެސް ނިންމާލަން މިޖެހުނީ...😔😔😔ދެން އޮތް ބައިވެސް އަވަސް ކޮށްލައްޗޭ...ޕްލީސް...ވ ވ ކިޔާހިތުން ކެތްމަދުވެފަ... 😁

    2. ވަރަށް ރީތި ބައި ވެސް 👏🏼👏🏼👏🏼👏🏼👏🏼

    3. ހާދަ ރީތި ވާހަކަޔެކޭ. ކޮން އިރަކު 39 ވަނަ ބައި ނެރެނީ

    4. ވަރަށް ރީތި ވާހަކައެއް ނައުފާ ގެ އެހެން ވާހަކަ އެއް ނެތްތަ ؟💋💋❤️❤️❤️❤️❤️😘😘😘🙂🙂🙂

    ޚިޔާލު

    Your email address will not be published.